ތަވްޙީދަކީ އިންސާނާގެ ކިބައިގައިވާ ގުދުރަތީ ކަމެއް

މަވްލާނާ ވަޙީދުއްދީން ޚާން
ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް


ހާލުގައި ޖެހި ގޮތް ހުސްވީމާ ކޮންމެ މީހަކުވެސް ސަލާމަތަށް އެދި ﷲއަށް ދަންނަވައެވެ. މިއީ ވަގުތީ ކަމެކެވެ. މި ވަގުތީ ގޮވައިލުން އާދައަކަށް ހެދުމަކީ ސަލާމަތަށްޓަކައި އޮތް ހަމައެކަނި މަގެވެ.


ކީރިތި ޤުރްއާނުގެ 17 ވަނަ ސޫރަތުގައި  ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވައިފައި ވެއެވެ. [ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއީ، ތިޔަބައިމީހުންނަށްޓަކައި، ކަނޑުގައި އުޅަނދުތައް ދުވާގޮތް މެދުވެރިކޮށްދެއްވި ކަލާނގެއެވެ. (އެއީ) އެކަލާނގެ ފަޟްލުވަންތަކަމުގެތެރެއިން (ކަންކަމަށް) ތިޔަބައިމީހުން އެދިއުޅުމަށެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންނަށް ރަޙީމްވަންތަ ކަލަކު ކަމުގައި، އެކަލާނގެ ވޮޑިގެންވެއެވެ. އަދި ކަނޑުމަތީގައި ތިޔަބައިމީހުންނަށް ދަތިހާލު ޖެހިއްޖެހިނދަކު، ތިޔަބައިމީހުން އެހީއަށްއެދި ގޮވާ ފަރާތްތަކުގެ ތެރެއިން، އެކަލާނގެ ފިޔަވައި އެހެންހުރިހާ ފަރާތެއް ގެއްލިދެއެވެ. ފަހެ، އެކަަލާނގެ ތިޔަބައިމީހުން ސަލާމަތްކުރައްވައި، އެއްގަމަށް ގެންނަވައިފިހިނދު (އެކަލާނގެ ފިޔަވައި) ތިޔަބައިމީހުން ފުރަގަސްދީ ހިނގައިދެއެވެ. ނިޢުމަތަށް އިންކާރުކޮށް، ދެކޮޅުވެރިވާ މީހަކު ކަމުގައި އިންސާނާވިއެވެ.] (ބަނީ އިސްރާއީލް: 66-67)

ﷲ ތަޢާލާ މި ދުނިޔެ ހައްދަވައިފައި ވަނީ ވަކި ޤާނޫނުތަކެއްގެ މަތީން ކަންތައްތައް ހިނގަމުންދާ ގޮތަށެވެ. އިންސާނާއަށް ކަނޑުގައްޔާއި، އެއްގަމުގައްޔާއި، ފަޒާގައި ދަތުރުފަތުރުކޮށް އުޅެވޭނޭ ގޮތް މެދުވެރި ކުރައްވައިފައިވަނީ މި ބުނެވުނު ޤާނޫނުތަކުގެ ދަށުންނެވެ. މި ވަސީލަތްތަކާއި ފަސޭހަތައް ލައްވައިފައި ވަނީ އިންސާނާ ﷲގެ ނިޢުމަތްތައް ދެނެގަނެ އެ ނިޢުމަތްތަކަށްޓަކައި ޝުކުރުވެރިވާނޭ ގޮތް ހެއްދެވުމަށްޓަކައެވެ. އެކަމަކު އިންސާނާ ކަންތައްކުރާ ގޮތަކީ ކޮބައިހެއްޔެވެ؟ މި ހުރިހައި ކަމެއް ހިނގާތަން ފެނުނީމާ އޭނާ ދެކެނީ އެއީ އެކަން ވާންޖެހޭ ގޮތް ކަމުގައެވެ. ވަކި ހަމަތަކެއްގެ މަތީން ސަބަބުތަކެއްގެ ތެރެއިން ހިނގާ ކަންތައްތަކަކީ އަމިއްލައަމިއްލައަށް ހިނގަމުންދާ ކަންތައްތަކެއް ކަމުގައި ކިޔަމުން ގެންދަނީއެވެ. ވާޤިޢާތައް ފެނުނީމާ އިންސާނާގެ ހިތުގައި ﷲގެ ކުޅަދުންވަންތަކަމުގެ ޝުޢޫރު ނުއުފެދޭ ސަބަބަކީ މިއީއެވެ.

ﷲގެ މަޢުރިފާ ވަނީ އިންސާނާގެ ހިތުގައި ބިންވަޅުނެގިފައެވެ. އެއީ އޭނާގެ ޠަބީޢަތުގެ ބައެކެވެ. މިއީ ތެދެއްކަން ހާމަ ވެގެންދަނީ އޭނާއަށް މުސީބާތަކާ ކުރިމަތިލާން ޖެހި، ގޮތް ހުސްވާ ހިސާބަށް ކަންތައް ދިޔައީމައެވެ. މިސާލަކީ ގަދަ ކަނޑެއްގައި ނަވެއް ދަތުރުކުރަމުން ދަނިކޮށް ތޫފާނަކާ ލައިގަނެ، ތާށިވުމެވެ. މިފަދައިން ކަންތައް ވުމާއެކު އިންސާނާގެ ހިތުގައި އޮންނަ މަސްނޫއީ ހުރަސް ނެތިގެން ހިނގައިދެއެވެ. ﷲ ގެ އެއްކައުވަންތަކަމަށް އިއުތިރާފުވެ އެ ކަލާނގެ މަދަދަށް އެދި ގޮވަން ފަށައެވެ.

މިފަދަ ވަގުތީ ހާދިސާތައް ﷲ މެދުވެރި ކުރައްވަނީ އެ ހާދިސާތަކުން ފިލާވަޅު ލިބިގަނެ ދިރިއުޅުމުގެ ހުރިހައި ކަމެއްގައި ތާއަބަދަށް މި ޢިބުރަތުގެ ބޭނުންކުރާނޭ ގޮތް ހެއްދެވުމަށްޓަކައެވެ. ވަގުތީ އިއުތިރާފަކީ އޭނާގެ ދާއިމީ އީމާންކަން ކަމުގައި ހެއްދެވުމަށްޓަކައެވެ. އެކަމަކު އިންސާނާގެ ހާލަކީ ކޮބައި ހެއްޔެވެ؟ ޠޫފާން މައިތިރިވެ ހިކިފަސްތަނަކާ ހަމައަށް ފޯރުމާއެކު ޠޫފާނާއި، އެ ޠޫފާނުން ސަލާމަތްވީ ގޮތް މުޅީން ހަނދާން ނައްތައިލައެވެ.

ﷲގެ އެއްކައުވަންތަކަން ގަބޫލުކުރުމަކީ ތަވްޙީދެވެ. އެއްކައުވަންތަކަން ގަބޫލުނުކުރުމަކީ ޝިރުކެވެ. ވުމާއެކު ތަވްޙީދުގެ އަސްލަކީ ޙަޤީޤަތަށް އިއުތިރާފުވުންކަން އެނގެއެވެ. ޙަޤީޤަތާ ދެކޮޅުހެދުމަކީ ޝިރުކެވެ. ނުވަތަ ކުފުރެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.