މަވްލާނާ ވަޙީދުއްދީން ޚާން
ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް
ކާއިނާތަށް ނަޒަރު ހިންގައިލީމާ، ޚަލްޤުކުރެއްވުމުގެ ލޯގަނޑުން ބަލާ މީހަކަށް ﷲ މަޢުރިފާކޮށްގަތުމަކީ ދަތި ކަމަކަށް ނުވާނެއެވެ. އެއީ ކާއިނާތުގެ ޙަޤީޤަތްތަކާމެދު ފުންކޮށް ވިސްނައި ބަލައިފިނަމަ ކަލާނގެ ކުޅަދުންވަންތަކަށް ފެންނާނެއެވެ.
ކީރިތި ޤުރްއާނުގެ 22 ވަނަ ސޫރަތުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވައިފައި ވެއެވެ. [ހަމަކަށަވަރުން، ﷲ، ބިމުގައިވާހާތަކެއްޗެއް ތިޔަބައިމީހުންނަށްޓަކައި ޚިދުމަތްތެރިކުރެއްވިކަމާއި، ކަނޑުގައި ނާފަހަރު ދުވަނީ، އެކަލާނގެ އަމުރުފުޅާ އެކުގައިކަމާއި، އެކަލާނގެ އިޒުނަފުޅާލައިގެން މެނުވީ، ބިމުގެ މައްޗަށް އުޑު ނުވެއްޓޭގޮތުން ހިފަހައްޓަވާކަން، ތިބާއަށް ނޭނގެނީ ހެއްޔެވެ؟ ހަމަކަށަވަރުން، ﷲއީ، މީސްތަކުންނަށް ނުހަނު އޯގާވަންތަ، ރަޙީމްވަންތަ ރަސްކަލާނގެކަން ކަށަވަރެވެ. އެކަލާނގެއީ، ތިޔަބައިމީހުން (ނެތުމުގެތެރެއިން) ދިރުއްވައި، ދެން ތިޔަބައިމީހުން މަރުގަންނަވައި، ދެން ތިޔަބައިމީހުން (އަލުން) ދިރުއްވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އިންސާނާއަކީ (ނިޢުމަތްތަކަށް) ދެކޮޅުހަދައި، ކާފިރުވުން ބޮޑު މީހެއްކަން ކަށަވަރެވެ.] (އަލްޙައްޖް: 65-66)
ދުނިޔޭގައި ލައްވައިފައިވާ ކޮންމެ އެއްޗެއްމެ މި ދަނީ ޚާއްސަ ތަވާޒުނެއްގެ މަތީގައި މެދުކެނޑުމެއް ނެތި ހިނގަމުންނެވެ. މި ތަވާޒުނަށް ލޮޅުމެއް އަރައިފި ނަމަ، އެ ތަކެއްޗަކީ އަހަރެމެންނަށް ފައިދާ ކުރުވަނިވި އެއްޗިއްސަށް ވުމުގެ ބަދަލުގައި ބޮޑު މުސީބާތެއް ކަމުގައި ވެގެން ހިނގައިދާނެއެވެ. ފެންގަނޑެއްގެ ތެރެއަށް ދަގަނޑުގަނޑެއް ވައްޓައިލުމާއެކު ވަގުތުން އަޑިއަށް ފެތިގެން ހިނގައިދެއެވެ. އެކަމަކު ފެނަށް ދެއްވައިފައިވާ ވަކި ހަމައެއްގެ ސަބަބުން، މި ބުނެވުނު ދަގަނޑުގެ ބޭނުން ކޮށްގެން އޮޑިއެއް ބަނދެފައި ފެނުގެ ތެރެއަށް ލީމާ އަޑިއަށް ނުގޮސް އޮވެދެއެވެ. ޖައްވުގައި ލައްވައިފައިވާ އެކި ބާވަތުގެ ތަކެއްޗަކީ އެއްވެސް ތަނެއްގައި ނުޖެހި ހުންނަ ތަކެއްޗެވެ. އެހެންވީމާ ފުރަތަމަ ވިސްނުމަކަށް ވާނީ އެ ތަކެތި ބިންމައްޗަށް ވެއްޓެން ވާނޭ ކަމުގައި ބެލުމެވެ. އެކަމަކު ޖައްވުގައި ވަކި ހަމަތަކެއް ލައްވައިފައި ވާތީ އެ ތަކެތި ނުވެއްޓި ދައުރާނަވަމުން އެހެރަގެން ދަނީއެވެ.
އިންސާނާގެ އުފެދުމަކީ އޭނާ އަމިއްލައަށް ކުޅަ ކަމެއް ނޫނެވެ. އޭނާ އުފެއްދެވީ ﷲއެވެ. ހެއްދެވުމަށް ފަހު ﷲ ވަނީ ރަޙްމަތެއްގެ ގޮތުގައި އޭނާ މި ދުނިޔޭގައި ލައްވައިފައެވެ. އެކަމަކު މިނިވަންކަން ދެއްވުމާއެކު އިންސާނާ ވަނީ އޭނާގެ އެންމެ ބޮޑު މުޙްސިނުގެ މަތީން ހަނދާން ނައްތައިލައި މުންކިރުވެފައެވެ.
ކާއިނާތަކީ އޭގެ ޒާތުގައި މުޅީން ފުރިހަމަ ދަލީލެކެވެ. އެއީ އިންސާނާއަށް އެ ކަންތައްތައް ގަބޫލުކުރާން އަންގަވައިފައިވާ ހުރިހައި ކަމެއް ޢަމަލީގޮތުން ހާމަކޮށްދޭ ހެކިތަކެކެވެ. އިންސާނާ ކާއިނާތުގެ ނިޒާމާމެދު ވިސްނައި ފިކުރުކޮށްފި ނަމަ، އެ ނިޒާމުގެ ހިމޭން ގޮވައިލުން އަޑު އަހައިފި ނަމަ، އެ ނިޒާމުގެ ޙިކުމަތުން ނަސޭހަތާއި ޢިބްރަތް ލިބިގެންފި ނަމަ، ކާއިނާތުގެ ހުޅުވިފައިވާ ފޮތުން ﷲ ވޮޑިގެންވާ ކަމުގެ ސާފު ސީދާ ދަލީލުތައް އެއްވެސް އޮޅުމެއް ނެތް ގޮތެއްގައި ފެނިގެން ހިނގައިދާނެއެވެ. ޚަލްޤުކުރެއްވުމުގެ ލޯގަނޑުން އޭނާއަށް ޚާލިޤްގެ ހެކިތައް ފެންނާން ފަށައިފާނެއެވެ.
ﷲ މަޢްރިފާކޮށްގަތުމަކީ ކުރެވިދާނޭ ކަމެކެވެ. ޝަރުޠަކީ ސީރިއަސްކަމާއެކު މުޠާލިޢާކުރުމާއި ދިރާސާކުރުމުގެ އާދަ ތިމާގެ ކިބައިގައި އަށަގެންނެވުމެވެ.
