މަވްލާނާ ވަޙީދުއްދީން ޚާން
ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް
ހުރިހައި އިންސާނުންނަކީ އުފެދުމަށް ބަލާއިރު އެއް ބައެކެވެ. އެކަކާއި އަނެކެއްގެ ތަފާތަކީ ހަމައެކަނި ﷲ ދެކެ އެ މީހަކު ގަންނަ ބިރަށް ބިނާވާ ތަފާތެކެވެ. ބޭރުފުށުގެ ސިފައަށް ބިނާވާ ތަފާތެއް ނޫނެވެ.
ކީރިތި ޤުރްއާނުގެ 50 ވަނަ ސޫރަތުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވައިފައި ވެއެވެ. [އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އިންސާނާ ހެއްދެވީމެވެ. އަދި އޭނާގެ ނަފްސު އޭނާޔަށް ވަސްވާސްދޭ ކަންތައް ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ. އަދި އޭނާގެ ކަނދުރާގެ މައިނާރަށްވުރެވެސް ތިމަންރަސްކަލާނގެ އޭނާޔާ ކުއްތަންވެވޮޑިގަތުން ބޮޑެވެ. (އެއީ އޭނާގެ) ކަނާތްފަރާތުގައްޔާއި، ވާތްފަރާތުގައި ތިއްބަވާ ދެ މަލާއިކަތުން (އޭނާ ކުރާ ކަންތަކާއި، ބުނާ ބަސްތައް) ލިޔުއްވާހިނދުގައެވެ. (ކުރާޢަމަލުތައް) ބަލަހައްޓަވަން އޭނާގެ ކައިރީގައި ޙާޟިރުވެ މަލާއިކަތަކުނެތި، އެނާޔަކަށް އެއްވެސް ބަހެއް ނުބުނެވެތެވެ. އަދި މަރުގެ ސަކަރާތް ޙައްޤުގޮތުގައި އަންނަހުށްޓެވެ. އެއީ ތިބާ އެޔަށް ފިލަންއުޅޭ ކަމުގައިވީ މަރެވެ. (އަލުން ދިރުއްވުމަށް) ތާޅަފިލި ފުމެލައްވާނެތެވެ. އެއީ (ކާފަރުންނަށް ޢަޒާބުގެ) ވަޢީދް އަންނަ ދުވަހެވެ. އަދި (އެދުވަހު) ކޮންމެ ނަފްސެއް (މަޙްޝަރު ބިމަށް) އަންނަހުށީ، އޭނާޔާ އެކުގައި ލަވައި ގެންދާނޭ މަލާއިކަތަކާއި، ހެތްކަކުވާ ހާލުގައެވެ. ހަމަކަށަވަރުން، ތިބާ މިކަންތަކާމެދު ޣާފިލުކަމެއްގައި ވީމުއެވެ. ފަހެ، ތިމަންރަސްކަލާނގެ ތިބާގެ ކިބައިން ޣާފިލުކަމުގެ ފަރުދާ ކަޝްފުކުރެއްވީމެވެ. ފަހެ، މިއަދު ތިބާގެ ލޮލަކީ ތޫނު ލޮލެކެވެ. އަދި އޭނާޔާ ޙަވާލުވެފައިވާ މަލާއިކަތާ ވިދާޅުވާނެތެވެ. އަހުރެންނާއެކު ޙާޟިރު ކުރައްވާފައިވަނީ އޭނާގެ ޢަމަލުތަކުގެ ފަތެވެ. (އެ ދެ މަލާއިކަތުންނަށް އަންގަވާނެތެވެ.) ޙައްޤާދެކޮޅުހަދާ، ގޮތްދޫނުކުރާ ކޮންމެ ކާފަރަކު ނަރަކަޔަށް އެއްލަވާށެވެ! (އެއީ) ހެޔޮކަންތައް މަނާކުރުން ގިނަަ އަނިޔާވެރި، ދީނާމެދު ޝައްކުކުރާ ކޮންމެ މީހެކެވެ. އެއީ ﷲއާއެކު އެހެން އިލާހަކު ޝަރީކުކުރި މީހާއެވެ. ފަހެ، ތިޔަ ދެ މަލާއިކަތުން، އޭނާ ގަދަފަދަ ޢަޒާބުގެ ތެރެޔަށް އެއްލަވާށެވެ! އޭނާޔާ އެކުގައިވާ ޝައިޠާނާ ބުނާނެތެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އޭނާ މަގުފުރެއްދީ ތިމަންނައެއް ނޫނެވެ. އެހެނެއްކަމަކު، އޭނާވީ ދުރުވެގެންވާ މަގުފުރެދުމެއްގައެވެ. އެކަލާނގެ ވަޙީކުރައްވާނެތެވެ. ތިމަންރަސްކަލާނގެ ޙަޟްރަތުގައި ތިޔަބައިމީހުން ދެބަސްވެ އަރާރުން ނުވާށެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، ތިޔަބައިމީހުންނަށް ޢަޒާބުގެ ވަޢީދްވަނީ އިސްކުރައްވާފައެވެ. ތިމަންރަސްކަލާނގެ ޙަޟްރަތުގައި ވަޢީދްގެ ބަސްފުޅު ބަދަލުވުމެއްނެތެވެ. އަދި ތިމަންރަސްކަލާނގެއީ، އަޅުތަކުންނަށް އަނިޔާވެރިވެވޮޑިގެންވާ ކަލަކުކަމުގައި ނުވަމެވެ.] (ޤާފް: 16-29)
ދިރާސާތަކުން އެނގޭ ގޮތުގައި އެކި ކަންތައްތައް ރެކޯޑުކުރެވޭ ނިޒާމެއް މި ދުނިޔޭގައި ވަނީ ލައްވައިފައެވެ. އިންސާނާގެ ޚިޔާލުތަކާއި ވިސްނުން ދަނީ އޭނާގެ ސިކުނޑިއަށް ރެކޯޑުކުރެވި ރައްކާ ކުރެވެމުންނެވެ. އޭނާ ދައްކާ ހުރިހައި ވާހަކައެއް އަޑުބާނިތަކެއްގެ ގޮތުގައި ޖައްވުގައި ރެކޯޑުކުރެވެމުން ދެއެވެ. އޭނާގެ ޙަރަކާތްތައް ހަރާރަތުގެ ބާނިތަކެއްގެ ގޮތުގައި ރައްކާކުރެވި ބޭނުން ކޮންމެ ވަގުތަކު އަނބުރައި އިއާދަކުރެވިދާނޭ ހާލަތެއްގައި ހުރެއެވެ. މިއީ ހައްތަހައިވެސް ޙަޤީޤަތުގެ ގޮތުގައި މިހާރު ހޯދިފައިވާ ކަންކަމެވެ. މި ޙަޤީޤަތުގެ ސަބަބުން ކީރިތި ޤުރްއާނަކީ އިތުބާރުކުރެވޭފަދަ ފޮތެއްކަން ވަރަށް ރަނގަޅަށް އެނގެއެވެ. ޤުރްއާނުން އަންގަނީ އިންސާނާގެ ވިސްނުމާއި ނިޔަތާއި ބަހާއި ޢަމަލު ﷲ ތަޢާލާ ފުރިހަމައަށް ދެނެވޮޑިގެންވާ ކަމުގައެވެ. އިންސާނާގެ ހުރިހައި ކަމެއް މަލާއިކަތުން ގެންދަވަނީ ފަތެއްގައި ލިޔުއްވަމުންނެވެ.
މަތީގައި ބަޔާންކުރެވުނު އާޔަތްތަކުން ކުރަހައި ދެނީ މަރާއި މަރުވުމަށް ފަހު އަންނާނޭ ޤިޔާމަތްދުވަހުގެ ތަސްވީރެކެވެ. މިހާރު އަހަރެމެން މި ދިރިއުޅޭ އިމްތިޙާނުގެ ދުނިޔޭގައި ފުރިހަމަ މިނިވަންކަން ދެއްވީމާ ބޮޑާވެގަތް މީހުންނަށް ޤިޔާމަތްދުވަހުން ވާނޭ ގޮތެވެ. މި ތަސްވީރަކީ އިތުރު ޝަރަޙައެއް ބަޔާން ނުކުޅަޔަސް ނުލާހިކު ސާފުކޮށް އެނގޭން އޮތް ކަމަކަށް މިހާރު ވަނީ ވެފައެވެ.
