ޚަލްގުކުރެއްވުމުގެ ބޭނުން

މަވްލާނާ ވަޙީދުއްދީން ޚާން
ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް


ﷲގެ ތަޚްލީގުކުރެއްވުމުގެ ޗާޓުގައިވާ ގޮތުގައި މި ދުނިޔެއަކީ ތައްޔާރުވުމުގެ ޖަގަހައެކެވެ. އާޚިރާތުގެ ދުނިޔެއަކީ މި ދުނިޔޭގައި ކަންތައްކުރާ ގޮތެއްގެ މަތީން ނަތީޖާ ލިބިގަތުމުގެ ޖަގަހައެވެ.


އިންސާނާއަކީ ﷲގެ އަޅެކެވެ. އެކަލާނގެ އިންސާނާ އުފައްދަވައިފައިވަނީ ވަކި ރޭއްވެވުމެއްގެ މަތީންނެވެ. އެއީ ދުނިޔޭގައި އިންސާނާ ވަކި މުއްދަތަކަށް ލެއްވުމަށް ފަހު އޭނާ އިމްތިހާނުކުރެއްވުމެވެ. އެ އިމްތިހާނުން ފާސްވެ، ﷲ ތަޢާލާގެ ޗާޓަށް ރަނގަޅަށް ފެތުނު މީހުންނަށް އިނާމުދެއްވުމެވެ. އެ އިމްތިހާނުން ފޭލުވި މީހުންނަށް އަދަބުދެއްވުމެވެ.

މި އިމްތިހާނުގެ މަސްލަހަތާ ގުޅުންހުރި ހުރިހައި މިނިވަންކަމެއް ﷲ ވަނީ އިންސާނާއަށް ދެއްވައިފައެވެ. މި ދުނިޔޭގައި އިންސާނާއަށް ދެއްވައިފައިވާ އެއްވެސް އެއްޗަކީ އޭނާގެ މިލްކެއް ނޫނެވެ. އެއީ ހަމައެކަނި އިމްތިހާނަށްޓަކައި ދެއްވާ އެއްޗިއްސެވެ. މެދުވެރިވާ ކޮންމެ ހާލަތަކީ އިމްތިހާނެކެވެ. ކޮންމެ އިންސާނަކަށްވެސް ޖެހެނީ ﷲގެ ޗާޓާ އެއްގޮތަށް އޭނާގެ އަމަލުތައް ބައްޓަންކުރާށެވެ.

ތިމާގެ ވިސްނުމާއި ފިކުރާއި އެދުންތައް ލަވަމުން ގެންދާހައި ދިމާއަކަށް ދުއްވައިގަތުމަކީ އެއްވެސް އިންސާނަކަށް އޮތް ގޮތެއް ނޫނެވެ. ރަނގަޅު ގޮތަކީ އޭނާ ހެއްދެވި ﷲ ތަޢާލާ ކަނޑައެޅުއްވި ޗާޓާ އެއްގޮތަށް، އެ ކަލާނގެ އަންގަވާ ދިމާއަކަށް ދިއުމެވެ. އެ ގޮތަކީ ކޮބައިތޯ ޔަގީންކުރުމަށް ފަހު އެގޮތަކަށް ތިމާގެ ދިރިއުޅުން އާރާސްތުކުރުމެވެ.

އިންސާނާއަށް ދެއްވައިފައިވާ މިނިވަންކަމުގެ ބޭނުންކޮށްގެން ﷲ ގެ ޗާޓުން ބޭރަށް ދެވިދާނެއެވެ. އެކަލާނގެ ރުއްސަވާ މަގުން އެއްކިބާ ވެވިދާނެއެވެ. އެކަމަކު އޭނާގެ ނުބައި ރަވައްޔާގެ ނަތީޖާއަކުން އެއްވެސް މީހަކަށް ސަލާމަތެއް ނުވެވޭނެއެވެ.

މިފަދަ ހާލަތެއްގައި އިންސާނާއަށް އެންމެ ފައިދާހުރި ގޮތަކީ ތިމާ ދާން ބޭނުންވާ މިސްރާބު ކަނޑައެޅުމުގައި ފަރުވާތެރިވުމެވެ. އެ މިސްރާބަށް ދަތުރުކުރުމުގައިވެސް ފަރުވާތެރިވުމެވެ. އަމިއްލަ ވިސްނުމުގެ މައްޗަށް ކަންތައްތައް ނިންމުމުގެ ބަދަލުގައި ﷲގެ ރުއްސެވުން އެއީ ތިމާއަށް މަގުދައްކާ ބައްތިއެއް ކަމުގައި ބެލުމެވެ. އަމިއްލަ އެދުމުގެ ފަހަތުން ދުވުމުގެ ބަދަލުގައި ﷲގެ އަމުރުފުޅުތަކާ އެއްގޮތަށް ދިރިއުޅުން ވޭތުކުރުމެވެ.

އިންސާނާއަކީ އިލާހީ އުފެއްދެވުމެކެވެ. އިލާހީ ފަރުމާއެކެވެ. މި ފަރުމާ އުފައްދަވައިފައިވަނީ ﷲ ކަނޑައަޅުއްވައި، ނިންމަވައިފައިވާ ރޭއްވެވުމަކާ އެއްގޮތަށެވެ. އިންސާނާގެ ތަރައްގީގެ ހުރިހައި ސިއްރެއް ފޮރުވިފައިވަނީ މި ބުނެވުނު ދެ ނުކުތާގައެވެ.

މި ދުނިޔޭގައި އިންސާނާ ޒަމާނީ ސިނާޢީ ތަރައްގީ ހާސިލުކުރުމުގައި ކާމިޔާބީ ހާސިލުކޮށްފައި ވަނީ ފިތުރަތުގެ ގާނޫނުތައް ހުރި ގޮތް ހޯދުމަށް ފަހު އެ ގާނޫނުގެ ބޭނުންކޮށްގެންނެވެ. މި ބީދައިން އަންނާން އޮތް ދުނިޔޭގެ ފުޅާ ކާމިޔާބީ އިންސާނާއަށް ލިބިގަނެވޭނީ އިންސާނިއްޔަތާ ބެހޭ ގޮތުން ﷲ ތަޢާލާ ކަނޑައަޅުއްވައިފައިވާ މަގުޗާޓަކީ ކޮބައިކަން ދެނެގަނެ، ތިމާއަށްޓަކައި އޮތް އެންމެ ރަނގަޅު ގޮތަކީ އެއީކަމުގައި ގަބޫލުކޮށް، އެ މަގުން ދިރިއުޅުން އާރާސްތުކޮށްގެންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.