މަވްލާނާ ވަޙީދުއްދީން ޚާން
ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް
ސާފުތާހިރުކަމަކީ މުއުމިނާއަށްޓަކައި ބާވަތެއްގެ އަޅުކަމެކެވެ. ކޮންމެ މުއުމިނަކުވެސް މަސައްކަތް ކުރަން ވާނީ ބޭރުފުށުގެ ސާފުތާހިރުކަމާއެކު އެތެރެފުށްވެސް ސާފުތާހިރުކަންމަތީ ދަމަހައްޓާށެވެ.
މުއުމިނުންނަކީ ސާފުތާހިރު ބައެކެވެ. އެންމެ ފުރަތަމަ ކަމަކަށް، އީމާންކަމުގެ ސަބަބުން އޭނާގެ ރޫހު ތާހިރުވެއެވެ. އެޔާއެކު އޭނާގެ ބޭރުފުށާއި އެތެރެފުށްވެސް ތާހިރުވެއެވެ. އީމާނީ މިޒާޖުގެ ސަބަބުން ސާފުތާހިރުކަމަށް ލޯބިކުރާ މީހަކަށް އޭނާ ވެދެއެވެ.
މުއުމިނާ ނަމާދު ކުރުމަށްޓަކައި މަދުވެގެން ރެޔަކާއި ދުވާލެއްގެ ތެރޭގައި ފަސް ފަހަރު އަތާއި މޫނާއި ފައި ދޮވެގެން ވުޟޫކުރެއެވެ. ދުވާލަކު މަދުވެގެން އެއް ފަހަރު ފެންވަރައިގެން މުޅި ހަށިގަނޑު ތާހިރުކުރެއެވެ. އޭނާ އަޅާ ހެދުމަކީ ސާދާ ހެދުންކަމުގައި ވިޔަސް ގަވާއިދުން ދޮވެތާހިރުކޮށް ބަލަހައްޓައެވެ. އޭނާ ލާން ބޭނުންވަނީ ސާފުތާހިރު ހެދުމެވެ.
މީގެ އިތުރަށް ގެދޮރު ސާފުކޮށް ބެލެހެއްޓުމަކީވެސް އޭނާ ކުރާ ކަމެކެވެ. ކޮންމެ ދުވަހަކު ގޭތެރެ ފޮޅައި ސާފުކުރެއެވެ. ހިފައިގެންގުޅޭ ތަކެތި ދޮވެއެވެ. ގޭތެރެ ސާފުކުރުމުގެ ގޮތުން ނުބައިވަސް ކަނޑުވައި މީރުވަސް ދުއްވައެވެ. މި ހުރިހައި ކަމަކީ އޭނާގެ ދުވަހީ ދިރިއުޅުމުގައި ޝާމިލުވެގެން ހިނގާ ކަންކަމެވެ. އަމިއްލަ ހަށިގަނޑާއި އަންނައުނާއި ގޭތެރެ ސާފުނުކުރެވޭނަމަ މުއުމިނާގެ ހިިތެއް ހަމައެއް ނުޖެހެއެވެ.
ސާފުތާހިރުކަން އޮންނަނީ ހަމައެކަނި ހަށިގަނޑާއި ގެޔާ ހަމައިގައެއް ނޫނެވެ. އޭނާގެ މި އާދަ ގެއިން ބޭރަށްވެސް ދެއެވެ. އަވަށްޓެރިންނާއި ދަންނަ މީހުންނާ ހަމައަށްވެސް ފޯރައެވެ. އޭނާ ބޭނުންވަނީ އޭނާ ދިރިއުޅޭ މާހައުލުވެސް ސާފުކޮށް އޮންނާށެވެ. އަވަށްޓެރިންގެ މާހައުލު ނުތާހިރުކުރާ ބަޔަކަށް އޭނާގެ ގޭގެ މީހުން ވާކަށް އޭނާ ނޭދޭނެއެވެ. މި ތަރުބިއްޔަތު އޭނާ އެހެން މީހުންނަށްވެސް ދެވޭތޯ ބަލައެވެ. އޭނާގެ ވަށައިގެން އޮންނަ މުޅި މާހައުލަށް ސާފުތާހިރުކަން ފަތުރައިނުލައި އޭނާގެ ހިތަކަށް ހަމަޖެހުމެއް ނުލިބެއެވެ.
އާދައިގެ މީހުންނަށްޓަކައި މިއީ ހަމައެކަނި ސާފުތާހިރުކަމެވެ. އެކަމަކު މުއުމިނާއަށްޓަކައި ސާފުތާހިރުކަމަށް ވުމުގެ އިތުރަށް މިއީ އަޅުކަމެއްވެސްމެއެވެ. އެހެނީ ސާފުތާހިރުކަން ދެކެ ﷲ ލޯބިވެވޮޑިގެންވާކަން އޭނާ ދަނެއެވެ.
މުއުމިނާގެ އީމާންކަން އެދެނީ އޭނާގެ ހަށިގަނޑު ސާފުތާހިރުކަންމަތީ ދެމެހެއްޓުމުގެ އިތުރަށް އޭނާގެ ރޫހުވެސް ސާފުތާހިރުކަންމަތީ ދަމަހައްޓާށެވެ. އެހެންވީމާ ހަށިގަނޑު ސާފުތާހިރުކުރުމަށް މަސައްކަތްކުރާއިރު އޭނާ ގެންދަނީ އޭނާގެ ބޭރުފުށާއި އެތެރެފުށަށް ދާންދެން ސާފުތާހިރުކަންމަތީ ލެހެއްޓެވުން އެދި ﷲ ގެ ޙަޟުރަތުގައި ދުޢާ ދަންނަވަމުންނެވެ. ބޭރުފުށުގެ ސާފުތާހިރުކަމަކީ އެތެރެފުށް ސާފުތާހިރުކަންމަތީ ބެހެއްޓުމުގެ ޒަރީޢާއެއް ކަމުގައި ލެއްވުން އެދި ދުޢާކުރަމުންނެވެ.
