ހުރިހައި އިންސާނުންނަކީ އެއް ބައެއް

މަވްލާނާ ވަޙީދުއްދީން ޚާން
ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް

 


ހުރިހައި އިންސާނުންނަކީ އުފެދުމަށް ބަލާއިރު އެއް ބައެކެވެ. އެކަކާއި އަނެކެއްގެ ތަފާތަކީ ހަމައެކަނި ﷲ ދެކެ އެ މީހަކު ގަންނަ ބިރަށް ބިނާވާ ތަފާތެކެވެ. ބޭރުފުށުގެ ސިފައަށް ބިނާވާ ތަފާތެއް ނޫނެވެ.


ކީރިތި ޤުރްއާނުގެ 49 ވަނަ ސޫރަތުގައި  ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވައިފައި ވެއެވެ. [އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހެއްދެވީ، ފިރިހެނަކާއި، އަންހެނެއްގެ ކިބައިންނެވެ. (އެބަހީ: އާދަމުގެފާނާއި، ޙައްވާގެފާނުގެ ކިބައިންނެވެ.) އަދި ތިމަންރަސްކަލާނގެ ތިޔަބައިމީހުން ތަފާތު ގައުމުތަކަށާއި، ޤަބީލާތަކަށް ލެއްވީ، ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް ތައާރަފުވުމަށްޓަކައެވެ. ހަމަކަށަވަރުން، ﷲގެ ޙަޟްރަތުގައި ތިޔަބައިމީހުންކުރެ އެންމެ މާތްކަންބޮޑީ، ތިޔަބައިމީހުންކުރެ އެންމެ ތަޤްވާވެރި މީހާއެވެ. ހަމަކަށަވަރުން، ﷲއީ، މޮޅަށް ދެނެވޮޑިގެންވާ، ޚަބީރްވަންތަ ރަސްކަލާނގެއެވެ.] (އަލްޙުޖްރާތު: 13)

ފެންނަ ފެނުމުގައި ކޮންމެ އިންސާނަކީވެސް އަނެއް އިންސާނާޔާ ތަފާތު މީހެކެވެ. އެކަމަކު އިންސާނުންގެ ނަސްލު ފެށިފައި ވަނީ ދެ މީހެއްގެ ފަރާތުންނެވެ. އެއީ އާދަމުގެފާނާއި ޙައްވާގެފާނެވެ. އަހަރެމެން އެންމެންނަކީ އެ ދެމަފިރިކަނބަލުންގެ ދަރީންނެވެ. އިންސާނުންނޭ ކިޔޭ މަޚްލޫޤެއް ހައްދަވަން ﷲ ތަޢާލާ އިރާދަކުރެއްވިހިނދު އެންމެ ފުރަތަމަ ހެއްދެވީ ދެ ޖިންސުގެ ދެ މީހުން ހިމެނޭހެން އިންސާނުންގެ ޖޯޑެކެވެ. ފިރިހެނަކާއި އަންހެނެކެވެ. އިންސާނީ ނަސްލު އުފެދިގެން އައީ މި ޖޯޑުންނެވެ. ދުނިޔޭގެ އިންސާނުންގެ ޢަދަދު ގިނަވަމުން ދިޔަ ވަރަކަށް އެބައިމީހުން ދިޔައީ ދުނިޔޭގެ އެކި ދިމަދިމާއަށް ފެތުރެމުންނެވެ. ދިގު މުއްދަތަކަށް ފަހު ދުނިޔޭގެ ބިން އަންހެނުންނާއި ފިރިހެނުންނާއިގެން އާބާދުވެއްޖެއެވެ.

ބިމުގެ ޖޯގްރްފީގެ ހާލަތު ހުރިހައި ދިމާއެއްގައި އޮންނަނީ އެއް ގޮތަކަށް ނޫނެވެ. އެއް ހިސާބާއި އަނެއް ހިސާބު އޮންނަނީ ތަފާތު ގޮތަކަށެވެ. މިސާލަކަށް ބައެއް ހިސާބުހިސާބު އޮންނަނީ އަބަދުވެސް ވަރަށް ހޫނުކޮށެވެ. އަނެއްބައި ހިސާބުހިސާބު އޮންނަނީ އަބަދުވެސް ވަރަށް ފިނިކޮށެވެ. ބައެއް ހިސާބުހިސާބުގައި ކާބޯތަކެތީގެ ގޮތުގައި ހުންނަ ހަމައެކަނި އެކި ބާވަތުގެ މަހެވެ. ބައެއް ހިސާބުހިސާބުގައި ހުންނަނީ ދަނޑުގޮވާމެވެ.

މި ބުނެވުނު ޖޯގްރަފީގެ ހާލަތު ތަފާތު ވުމުގެ ސަބަބުން އިންސާނުންގެ ކުލައާއި އިސްކޮޅާއި މިޒާޖުވެސް އައީ އެކި ގޮތްގޮތަށް ބަދަލުވަމުންނެވެ. އެއް ބަޔަކު ކަޅެވެ. އަނެއް ބަޔަކު ދޮނެވެ. އެއް ބަޔަކު ނިސްބަތްވަނީ އެއް ނަސްލަކަށެވެ. އަނެއް ބަޔަކު ނިސްބަތް ވަނީ އެހެން ނަސްލަކަށެވެ. މި ތަފާތުތަކުގެ ބޭނުމަކީ އެއް ބަޔަކު އަނެއް ބަޔަކާ ދެމެދު އުސޫލީ ތަފާތުތަކެއް ކުރެއްވުމެއް ނޫނެވެ. ބޭނުމަކީ އެއް ބަޔަކު އަނެއް ބަޔަކާ ތަފާތުވެ އޮޅުން ފިލާނޭ ގޮތް ހެއްދެވުމެވެ. މިއީ އެއްގޮތަކަށްވެސް އިމްތިޔާޒީ ތަފާތެއް ނޫނެވެ. ދުނިޔޭގައި ހިނގާ ހުރިހައި ނުބައި ކަމެއްގެ މައިގަނޑު އެއް ސަބަބަކީ މި ބޭރުފުށުގެ ތަފާތަކީ ޙަޤީޤީ، އިމްތިޔާޒީ ތަފާތެއް ކަމަށް ބަލައިގެން މީސްތަކުން އުޅޭން ފަށައިގަތުމެވެ. ބޭރުފުށުގެ ތަފާތަށް ބަލައި އެއް ބަޔަކު އަނެއް ބަޔަކާ ދެމެދު ތަޢައްޞުބީ ބަދަލުތަކެއް ގެންނާން ފަށައިގަތުމެވެ. މި ބާވަތުގެ ތަޢައްޞުބީ ބަދަލުތައް ވުޖޫދަށް އައިސް ދެމިގެން ދިއުމުގެ ސަބަބުން އިންސާނީ ވުޖޫދަށް އޮތް ނުރައްކާތެރިކަން ދަނީ އިތުރުވަމުންނެވެ.

އިންސާނާގެ ފެށުމަށް ބަލާއިރު އަހަރެމެން އެންމެންނަކީ އެއް ބައެކެވެ. އެއް ބަޔަކު އަނެއް ބަޔަކާ އެއްވެސް ތަފާތެއް އޮތް ނަމަ އެ ތަފާތަކީ ﷲ ދެކެ ގަންނަ ބިރަށް ނިސްބަތްވާ ތަފާތެކެވެ. ބިރުގަންނަ މީހުންނާއި ބިރުނުގަންނަ މީހުންނާ ހުރި ތަފާތެކެވެ. އެއް އިންސާނަކާއި އަނެއް އިންސާނަކާ ދެމެދު ހުންނަ ތަފާތަކީ ބޭރުފުށުން ފެންނަ ސިފަތަކުގެ މައްޗަށް ބިނާވާ ތަފާތެއް ނޫނެވެ. އެއީ އޭނާގެ ހިތުގައި އޮންނަ އެއްޗެއްގެ މައްޗަށް ބިނާވާ ތަފާތެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.