މަވްލާނާ ވަޙީދުއްދީން ޚާން
ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް
މި ދުނިޔޭގެ ގެއްލުމާއި ފައިދާއަކީ އިމްތިހާނެކެވެ. ދުނިޔޭގައި ގެއްލުންވާ މީހާއަކީީ ނާކާމިޔާބު މީހެއް ނޫނެވެ. ފައިދާވާ މީހާއަކީ ކާމިޔާބު މީހެއް ނޫނެވެ. ކާމިޔާބު މީހަކީ ކޮންމެ ހާލަތެއްގައިވެސް ހެޔޮ މަގުގައި ހުންނަ މީހާއެވެ.
ދުނިޔޭގެ ދިރިއުޅުމުގައި އިންސާނާއަށް ބައެއް ފަހަރު ފައިދާވެއެވެ. އަނެއް ބައި ފަހަރު ކުރިމަތިލާން ޖެހެނީީ ގެއްލުމާއެވެ. މި ދެ ތަޖުރިބާއަކީ ތާއަބަދު، ކޮންމެ މީހަކުމެ ކުރާ ތަޖުރިބާއެވެ. މި ތަޖުރިބާއިން ރެކިގަނެވޭނޭ އެކަކުވެސް ނުވެއެވެ.
މިހާރު އުފެދޭ ސުވާލަކީ މި ތަޖުރިބާގެ ބޭނުން އިންސާނާ ހިފާނީ ކިހިނެއް ހެއްޔެވެ؟ އިސްލާމްދީން އަންގާ ގޮތުގައި މި ތަޖުރިބާއަކީީ އިމްތިހާނެކެވެ. މި ދުނިޔޭގައި ފައިދާވުމަކީ އޭގެ ޒާތުގައި ކާމިޔާބީީއެއް ނޫނެވެ. ހަމައެހެންމެ ގެއްލުންވުމަކީ އިންސާނާއަކީ މުޅީން ނާކާމިޔާބު މީހަކަށް ވުމެއްވެސް ނޫނެވެ.
ގެއްލުމާއި ފައިދާ، ހަގީގަތުގައި ބިނާވެގެން ވަނީީ މީހަކަށް ވާ ގެއްލުމާއި ފައިދާގެ މައްޗަކަށް ނޫނެވެ. އަހުމިއްޔަތުކަން ދެވެނީ ގެއްލުމާއި ފައިދާ ތަޖުރިބާކުރުމާއެކު، އޭގެ ރައްދު އަމަލެއްގެ ގޮތުގައި އިންސާނާ ކުރާ ކަންކަމަށެވެ.
ގެއްލުން ތަޖުރިބާކުރަން ޖެހުމާއެކު، ތިމަން މިއީީ ހުރިހައި ކަމަކުން މަހުރޫމުވެފައިވާ މީހެއް ކަމަށް ގަބޫލުކޮށް ހަތިޔާރު ބެހެއްޓުމާއި ޝަކުވާއާއި ފަރިޔާދުގެ ތެރެއަށް ވަދެގަތުމަކީ އެއްވެސް މީހަކު ކޮށްގެން ވާނޭ ކަމެއް ނޫނެވެ. މިޔާ ޚިލާފަށް އިންސާނާ ކުރަންޖެހޭ ކަމަކީ ހިިތްވަރު އެބަހުރި ކަމުގެ ހެކި ދެއްކުމެވެ. ގެއްލުންވުމުން ބަރުސާސްކުރުން އިސްކޮށް، ވިސްނުމާއި ފިކުރު ކަސިޔާރުވެގެން ދިޔަނުދީ ހިފެހެއްޓުމެވެ. ދެއްވަނީވެސް އަދި ގެންދަވަނީވެސް ﷲކަމަށް ގަބޫލުކޮށް، ﷲގެ ނިންމެވުން ފުރިހަމަ ރުހުމާއެކު ގަބޫލުކުރުމެވެ. ﷲގެ ނިންމެވުމަށް ރުހުުމާއެކު، އެކަލާނގެ ރަޙްމަތް އަނެއްކާވެސް ލިބުމަކީ ވެދާނޭ ކަމެއް ކަމަށް ގަބޫލުކުރުމެވެ.
ހަމަ މިބީދައިން އިންސާނާއަށް ކާމިޔާބީ ތަޖުރިބާ ކުރެވުމާއެކު، ފަޚުރުވެރިކަމުގެ ނަފުސިއްޔާތުގައި ޖެހި، ތިމަން މިއީ މާ މަތިވެރި މީހެއް ކަމަށް ބެލުމަކީ އެކަކުވެސް ކޮށްގެންވާނޭ ކަމެއް ނޫނެވެ.
މިޔާ ޚިލާފަށް ކާމިޔާބީއާއެކު ތިމާގެ ތަވާޟުޢުވެރިކަން އިތުރުކުރުމަކީ ލާޒިމުކަމެކެވެ. ﷲއަށާއި އިންސާނިއްޔަތަށް ނިސްބަތްކޮށް ތިމާ އަދާކުރަން ޖެހޭ ވާޖިބުތައް، އިތުރު ފޯރިއަކާއި ޝައުގުވެރިކަމަކާއި ފަރުވާތެރިކަމަކާއެކު އަދާކުރުންމަތީ ދެމިހުރުމަކީވެސް ލާޒިމުކަމެކެވެ.
މި ދުނިޔެއަށް ބަލާއިރު ގެއްލުމަކީވެސް އަދި ފައިދާއަކީވެސް އިމްތިހާނެކެވެ. ދުނިޔޭގައި ގެއްލުމެއްވާ މީހާއަކީ ނާކާމިޔާބު މީހެއް ނޫނެވެ. އަދި ގެއްލުމެއް ނުވާ މީހާއަކީ ކާމިޔާބު މީީހެއް ނޫނެވެ. ކާމިޔާބީއާއި ނާކާމިޔާބީގެ އަސްލު މީޔާރަކީ އެ ތަޖުރިބާތަކަށް ފަހު އިންސާނާ އަމަލުކުރާ ގޮތެވެ.
ކާމިޔާބު މީީހަކީ ގެއްލުމެއްވުމާއެކުވެސް އަދި ފައިދާއެއްވުމާއެކުވެސް ހައްގުގެ މަތީގައި ގާއިމުވެ ހުންނަ މީހާއެވެ. މި ދެކަމުންކުރެ ކޮންމެ ކަމެއް ތަޖުެރިބާކުރަން ޖެހުނު ކަމުގައި ވިޔަސް ހައްގުގެ މަގުން ކައްސައިނުލާ މީހާއެވެ. ﷲގެ ޙަޟުރަތުގައި ކާމިޔާބު ބަޔަކީ އެފަދަ މީހުންނެވެ. މިފަދައިން ﷲގެ މަގުގައި ސާބިިތުވެ ހުންނަ މީހާގެ ކާމިޔާބީގެ މަގަކު އެއްވެސް ހުރަހެއް ނޯންނާނެއެވެ.
