ޞަޙާބީންނާއެކު 365 ދުވަސް – 7: ހިޖުރައިގެ ބައިވެރިޔާ

މައްކާގެ މުޝްރިކުންގެ އަނިޔާއާއި ދުއްތުރާލަށް ކެތްނުކުރެވޭވަރު ވުމުން މައްކާގެ މުސްލިމު ރައްޔިތުން ހިޖުރަކުރަން ފެށްޓިއެވެ. ފުރަތަމަ ހިޖުރަކުރީ އަބީސީނިޔާ (ޙަބުޝްކަރަ) އަށެވެ. އެޔަށްފަހު މަދީނާއަށެވެ. އަބޫބަކުރުގެފާނު ކީރިތި ރަސޫލާ އަރިހު މަދީނާއަށް ހިޖުރަކުރައްވަން ހުއްދަފުޅަކަށް އެއްސެވިއެވެ. ކީރިތި ރަސޫލާ ހަދީޘްކުރެއްވިއެވެ. "މަޑުކުރައްވާށެވެ. މާތްﷲ ކަލޭގެފާނަށް ހިޖުރައިގެ ބައިވެރިޔަކު ދެއްވައިފާނެކަން ނޭނގެއެވެ."

ގުރައިޝުން ކީރިތި ރަސޫލާ އަވަހާރަކޮށްލަން އުޅޭކަން މާތްﷲ ކީރިތި ރަސޫލާއަށް ވަހީކުރެއްވިއެވެ. ކީރިތި ރަސޫލާ ހިޖުރަކުރައްވަން ނިންމެވީ އެހައިތަނުންނެވެ. ރަސޫލާގެ ބޮޑުބޭބޭފުޅުގެ ދަރިކަލުން އަލީގެފާނު ރަސޫލާ އަވަހާރަފުޅުލައްޕަވާ އެނދުދާންމަތިކޮޅުގައި ރަސޫލާ ބޭނުންފުޅުކުރައްވާ ރަޖާކޮޅު އަޅުއްވައިން އޮންނަވަން ކީރިތި ރަސޫލާ އިރުޝާދު ދެއްވިއެވެ. ޢަލީގެފާނު އެނދުދާންމަތިކޮޅުގައި ބޭއްވެވުމަށް ފަހު ކީރިތި ރަސޫލާ ރޭގަނޑުގެ އަނދިރީގައި ގަނޑުވަރުން ނިކުމެވަޑައިގަގެން ވަޑައިގަތީ އަބޫބަކުރުގެފާނުގެ ގެކޮޅަށެވެ. ކީރިތި ރަސޫލާގެ އަރިހުގައި މަދީނާއަށް ހިޖުރަކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގަތީމާ އެކަލޭގެފާނު ވަރަށް ބޮޑަށް އުފާފުޅުކުރެއްވިއެވެ.

ކީރިތި ރަސޫލާއާއި އަބޫބަކުރުގެފާނު މައްކާ ދޫކުރައްވައި ނުކުމެވަޑައިގަތީމާ އެރަށު މީހުން ދެބޭކަލުންގެ ފަހަތްޕުޅުން އަންނާނެކަން އެނގިވަޑައިގަންނަވާތީ ކުރު ސީދާ މަގުގެ ބަދަލުގައި ދިގު ނުސީދާ މަގު ބޭނުންފުޅު ކުރެއްވިއެވެ. ތިން ރެޔާއި ތިން ދުވަސް ވާންދެން މައްކާގެ ބޭރުން ފަސް މޭލު ދުރުގައި ހުޅަނގަށް އޮތް ޘައުރު ފަރުބަދައިގެ ހޮހަޅައިގައި ދެބޭކަލުން ތިއްބެވިއެވެ. ދުވާލު އަބޫބަކުރުގެފާނުގެ ދަރިކަލުން އަބްދުﷲ އިބްނު އަބޫބަކުރު ގުރައިޝުންގެ ރޭވުންތަކާއި ވާހަކަތަކުގެ ޚަބަރު ފޯރުކޮށްދެއްވައެވެ. އަބޫބަކުރުގެފާނުގެ ދަރިކަނބަލުން އަސްމާ، ދެބޭކަލުންގެ ފަރީއްކޮޅަށް ބޭނުންފުޅުވާ ތަކެތި ފޯރުކޮށްދެއްވައެވެ. އެކަލޭގެފާނުގެ އަޅު، ޢާމިރު އިބްނު ފުހައިރާ ކޮންމެ ރެޔަކު ހޮހަޅައިގެ އަނގަމައްޗަށް ބަކަރި އައިނެއް ގެނެސް ބާއްވައެވެ. އަދި މިބަކަރިތަކުން ކިރު ފެލައި ދެބޭކަލުންނަށް އަރުވައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.