
ގުރައިޝު ވަންހައިގެ ކާފަރުންނަށް ކީރިތި ރަސޫލާ ހިޖުރަކުރެއްވިކަން އެނގުމާއެކު އިތުރުއެކަލޭގެފާނާއި އަބޫބަކުރުގެފާނު ހޯދަން އެކި ދިމަދިމާއަށް ބައިބަޔަށް މީހުން ފޮނުވައިފިއެވެ. އެއް ބަޔަކު ކީރިތި ރަސޫލާގެ ފައިތިލަފުޅު ޖެހުނު ނިޝާން ބަލަމުން ދިޔައެވެ. އެކަމަކު ފަރުބަދަޔާ ހަމައަށް ދެވުމާއެކު އެމީހުންނަށް އެ ނިޝާން ގެއްލިއްޖެއެވެ. އެމީހުން އެކަލޭގެފާނާއި އަބުބާކުރުގެފާނާ ދެބޭކަލުން ތިއްބެވި ހޮހަޅަ ހުރި ފަރުބަދައިގެ މައްޗަށް އަރައިގެން އަނެއް ފަރާތުން ފައިބައިގެން ހިނގައްޖެއެވެ. އެ ވަގުތު އަބޫބަކުރުގެފާނު ވަރަށް ބޮޑަށް ބިރުފުޅުގަތެވެ. އެކަން ކީރިތި ރަސޫލާއަށް ފާހަގަ ކުރެއްވުމާއެކު ހަދީޘްކުރެއްވިއެވެ. "ހިތާމަ ނުކުރައްވާށެވެ. ހަމަކަށަވަރުން ﷲ އަޅުގަނޑުމެންނާއެކު ވޮޑިގެންވެއެވެ." (ތައުބާ ސޫރަތުގެ 40 ވަނަ އާޔަތުގައި) އެޔަށް ފަހު ޙަދީޘްކުރެއްވިއެވެ. "ތިނަވަނަ ބައިވެރިއެއްގެ ގޮތުގައި ﷲ ވޮޑިގެންވާ ދެ މީހަކަށް އެއްވެސް ގެއްލުމެއް ލިބިދާނޭ ކަމަށް ކަލޭގެފާނަށް ހީފުޅުވޭތޯއެވެ؟"
ގުރައިޝުންގެ ބަޔަކަށް ހޮހަޅައިގެ އަނގަމަތީގައި ވާފުރައިގެން އޮތް މަކުނެއް ފެނިއްޖެއެވެ. އެ ވާލަކަށް އެއްވެސް ގެއްލުމެއް ވެފައެއް ނެތެވެ. އެހެންވީމާ ހޮހަޅަ ނުވެސް ބަލައި އެމީހުން ހިނގައްޖެއެވެ. ކީރިތި ރަސޫލާއާއި އަބޫބަކުރުގެފާނު މާތްﷲ އަށް ޝުކުރު އަދާކުރެއްވިއެވެ. ހޮހޮޅަތެރޭގައި އިރުކޮޅަކަށް މަޑުކުރެއްވުމަށްފަހު ކީރިތި ރަސޫލާ އާއި އަބޫބަކުރުގެފާނު ހޮހޮޅައިން ނުކުމެވަޑައިގެން މާތްﷲ ރައްކާތެރިކަމުގައި ދަތުރު ކުރައްވައި މަދީނާއަށް ވަޑައިގެންފިއެވެ. މާތް ﷲ އެ ދެބޭކަލުންގެ ހިތްޕުޅު ހަމަޖައްސަވައިދެއްވި ގޮތް ކީރިތި ޤުރްއާނުގެ ތައުބވާ ސޫރަތުގައި ބަޔާން ކުރައްވާފައި ވެއެވެ. އަދި އަބޫބަކުރުގެފާނަށް "ދެމީހުންކުރެ އެކަކު" ގެ ނަމުން ވަހީ ބާވައިލެއްވުމާއި ކީރިތި ރަސޫލާގެ ހިތްވަރުފުޅު ދެއްވުމުގެ ސަބަބުން އެފަދަ އުނދަގޫ މަރުހަލާގައިވެސް އަބޫބަކުރުގެފާނުގެ ހިތްޕުޅު ވަރަށް ބޮޑަށް ހަމަޖެހިގެން ދިޔައެވެ.