
(28 އޭޕްރީލް 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
އެކަން ކުރިމަތިވެވަޑައިގެންނެވި ހިނދު ، ( މިފަހަރު ) ޔަހޫދީންނަށް އަޅާނުލައްވައި ، އެމީހުންގެ އެދުމަށް އިޖާބަ ނުދެއްވިނަމަވެސް ، އަޞްލު ޙަޤީޤަތުގައި ، ( އެކަލޭގެފާނުގެ ޤައުމުގެ މީސްތަކުންނަށް ، ޢީސާގެފާނު ) އެތައް މުޢުޖިޒާތެއް ދެއްކެވިކަން ، ޔަހޫދީންގެ ދީނީ ރިވާތަކުން އަޅުގަނޑުމެންނަށް އެނގިފައި ވެއެވެ.
ބައިބްލް ( ނުވަތަ ޢީސާގެފާނަށް ބާވައިލެއްވި ތަވްރާތު ) ވަނީ ، އެކި ރަސޫލުންނަށް އެބޭކަލުންގެ ވެރި ﷲ ގެ ފަރާތުން ފޮނުއްވި ، ކުޅަދުންވަންތަ ކަމާއި ގުދުރަތްތެރިކަމުގެ ރޫޙާނީ ހާދިސާތަކުން ފުރިގެންނެވެ. އަޞްލު ޙަޤީޤަތަކީ ، އެހުރިހާ ނިޝާނާއި ޢަޖަބުތައް އަދި މުޢުޖިޒާތްތަކަކީ ، ﷲ ގެ ޙަޟުރަތުން އެކަލާނގެ ފޮނުއްވި ކަންކަން ކަމެވެ. އެކަމަކު ، އެހުރިހާ މުޢުޖިޒާތްތަކެއް ދައްކަވާފައިވަނީ ، އެކަލާނގެ އެކަމަށް އިޚުތިޔާރު ކުރެއްވި އިންސާނުން ( ރަސޫލުން ) މެދުވެރި ކުރައްވައިގެން ކަމަށްވާތީ ، އަޅުގަނޑުމެން މިބަލަނީ ، އެއީ ރަސޫލުންގެ މުޢުޖިޒާތުގެ ގޮތުގައެވެ. މިސާލަކަށް ، އެބޭބޭކަލުންގެ އަތްޕުޅުމައްޗަށް ، އެކަންކަން ހިނގުމަށް މެދުވެރި ކުރެއްވި ، ސަލާމްލެއްވި މޫސާގެފާނާއި ޢީސާގެފާނު ފަދައެވެ.
ޢަޤީދާ ދެމިގެން ދިއުން
ސަލާމްލެއްވި ޢީސާގެފާނު އުފަންވެވަޑައިގަތްތާ ހަސަތޭކަވަރަކަށް އަހަރަށްފަހު ، ﷲ ގެ ރަސޫލާ ( ނަބީކަމާއި ރަސޫލުކަން ޚަތިމް ކުރެއްވި ) މުޙަންމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ، ޢަރަބި ކަރައިގެ މައްކާގައި ރައްކައުވިއެވެ. ކައުއިތުރު ރަސޫލާ ، އެކަލޭގެފާނުގެ ޢުމުރުފުޅުން 40 އަހަރުފުޅުގައި ، ނަބީކަން އިޢުލާން ކުރެއްވުމާއެކު ، އެކަލޭގެފާނުގެ ޤައުމުގެ މީހުން ، މައްކާގެ މުޝްރިކުން ( ކާފަރުން ) ވެސް ، ހަމަ ޔަހޫދީންގެ ( ﷲ ފޮނުއްވި ) މަސީޙުގެ ފަރާތްޕުޅުން އެމީހުން އެދުނުފަދަ މުޢުޖިޒާތްތައް ދެއްކެވުމަށް އެދުނޫއެވެ. ކިޔަވައިދޭން ލިޔެފައިހުންނަ ފޮތްފޮތާ އެއްގޮތަށް ، ޔަހޫދީންގެ ތާރީޚީ ބަޔާންތަކުން ، ( ބަލައިގެން ) ޢަރަބީންވެސް އެކަން އެގޮތަށް ތަކުރާރު ކުރީ ކަމަށް ވެދާނެއެވެ. ތާރީޚަކީ އަބަދުވެސް ، އޭގެ އަމިއްލަ ޒާތުގައި ، އަނބުރާ އިޢާދަވާ އެއްޗެކެވެ.
وَقَالُوا لَوْلَا أُنْزِلَ عَلَيْهِ آيَاتٌ مِنْ رَبِّهِ ۖ
އެއުރެން ބުނޫއެވެ. އެކަލޭގެފާނުގެ ވެރި ﷲ ގެ ޙަޟުރަތުން (އެކަލޭގެފާނަށް) މުޢުޖިޒާތްތަކެއް ބާވައިނުލެއްވީ ކީއްވެ ހެއްޔެވެ ؟
އާޔަތް . ކޮން އާޔަތެއް؟
" މުޢުޖިޒާތް ؟ އެކަލޭގެފާނު ކީރިތި ކުރެއްވިއެވެ. ތިޔަބައިމީހުން ބޭނުންވަނީ ކޮން މުޢުޖިޒާތެއް ހެއްޔެވެ ؟ ތިޔަބައިމީހުން އެތާކު ނުވަން ހެއްޔެވެ ؟ ﷲ ، ތިޔަބައިމީހުން ޚަލްޤު ކުރެއްވިއެވެ. ކުޑަ މަށިކޮޅަކުން ތިޔަބައިމީހުންގެ ސިފަ ( ސޫރަ ) ޖެއްސެވިއެވެ. ތިޔަބައިމީހުންވަނީ ކުޑަކުދިންގެ ޙާލަތުގައެވެ. އަހަރުތަކެއްކުރިން ، ތިޔަބައިމީހުން ހައްދަވާފައެއްވެސް ނުވެއެވެ. ތިޔަބައިމީހުންނަށް ރީތިކަމާއި ޝާއްބަކަން ދެއްވިއެވެ. ބާރު ދެއްވިއެވެ. ވިސްނުމާއި ފިކުރު ދެއްވިއެވެ. އެކަކު އަނެކެއްކެ އަޅާލުމާއި އެހީތެރިކަން ތިޔަބައިމީހުންނަށް ވެއެވެ. ( އެއަށްފަހު ) މުސްކުޅި ޢުމުރު ތިޔަބައިމީހުންނާ ކުރިމަތިލައެވެ. އަދި ، ހުދު އިސްތަށިވެސް މެއެވެ. ތިޔަބައިމީހުންގެ ގައިބާރު މަޑުމަޑުން ދެރަވެ ދެއެވެ. ތިޔަބައިމީހުން ނެތި ދެއެވެ. ދެން އެއަށްފަހު އެހެނެއް ނޫނެވެ. އެކަކު އަނެކެއްގެ އަޅާލުމާއި އެހީތެރިކަން ތިޔަބައިމީހުންނަށް ވެއެވެ. މިކަމުން ، ތިމަން ކަލޭގެފާނަށް ވަރަށް އުނދަގޫފުޅު ވެއެވެ. އެކަކު އަނެކެއްގެ އަޅާލުމާއި އެހީތެރިކަން ، ﷲ ތިޔަބައިމީހުންނަށް ނުދެއްވުންވެސް ކުޅަދުންވަންތައެވެ. އެހެންވެއްޖެނަމަ ވާނީ ކިހިނެއް ހެއްޔެވެ ؟ މިއީ ، ވަރަށް ސީދާ ސާދާ ޚިޔާލެކެވެ. ( މި ) ކަންކަމުގެ އަޞްލާއި ޙަޤީޤަތުގެ މައްޗަށް ކަޅިހިންގައިލުމުން އިތުރަށް ބެލުމަށް ޖާގައެއް ނުދެއެވެ. "
" ބަޠަލުންގެ ބަޠަލު – އަޅުކަން އަދި ތާރީޚުން ބަޠަލެއްގެ ސިފަތައް "
( ތޯމަސް ކާރލީލް )
ނޯޓު : އިނގިރޭސި ބަހުގެ " SIGNS " އަށް ޢަރަބި ބަހުން ބޭނުން ކުރެވެނީ " އާޔަތް " އެވެ. އެއީ ބަހުގެ ގޮތުން އެންމެ ކައިރި ލަފުޒީ މާނައެވެ. ކީރިތި ޤުރުއާނުގައި " މުޢުޖިޒާތް " މިބަސް އައިސްފައެއް ނުވެއެވެ.
" މިކަމުން ، ތިމަން ކަލޭގެފާނަށް ވަރަށް އުނދަގޫފުޅު ވެއެވެ. "
މި ، އެއްކަލަ ، " އެކަކު އަނެކެއްގެ އަޅާލުމާއި އެހީތެރިކަން ތިޔަބައިމީހުންނަށް ވެއެވެ. " ގައި ، ތޯމަސް ކާރލީލް ބޮޑަށް އަޅައިގަތީ އިނގިރޭސި ތަރުޖަމާއެއް ދިރާސާ ކުރުމުގައެވެ. އަޅުގަނޑަށް ލަފާކުރެވޭގޮތުގައި ، މި އާޔަތުން ބަޔާންކޮށްދޭ މުރާދަށް ބާރުއަޅަނީ :
- ތިޔަބައިމީހުންނަށްޓަކައި ، ތިޔަބައިމީހުންގެ ފުށުން ، ބައިވެރިން ( އަނބިން ) ހެއްދެވިކަން އެއީ ( ﷲ ގެ ) ކުޅަދުންވަންތަ ކަމުގެ ތެރެއިންވާ ކަމެކެވެ. އެއީ ، ތިޔަބައިމީހުން ، އެކަނބަލުންގެ ކިބައިން ހަމަހިމޭންކަން ލިބިގަތުމަށްޓަކައެވެ. އަދި ، ﷲ ، ތިޔަބައިމީހުންގެ މެދުގައި ލޯތްބާއި އޯގާވެރިކަން ލެއްވިއެވެ. ޔަޤީނުންވެސް ، ވިސްނާ ފިކުރު ކުރާ ބަޔަކަށް ، އެކަމުގައި ހެކިތަކެއްވާކަން ކަށަވަރެވެ. ( ކީރިތި ޤުރުއާނުގެ ސޫރަތުއްރޫމުގެ 21 ވަނަ އާޔަތް ) (ބަސްމަގަށް އިތުރު ސަމާލުކަމެއް ދެވިފައި )
( އޭ. ޔޫސުފް ޢަލީ )
- އަދި ، ﷲ ވޮޑިގެންވާ ކަމުގެ އެއް ހެއްކަކީ ، ތިޔަބައިމީހުންނަށްޓަކައި ، ތިޔަބައިމީހުންގެ އަމިއްލަ ނަފްސުން އަނބިން ހެއްދެވި ކަމެވެ. ތިޔަބައިމީހުން ، އެކަނބަލުންގެ ކިބައިން ހަމަހިމޭންކަން ލިބިގަނެ ، ތިޔަބައިމީހުންގެ މެދުގައި ލޯތްބާއި ކުލުނު ލެއްވިއެވެ. މިއީ ، ޔަޤީނުންވެސް ، ވިސްނާ ފިކުރުކުރާ ބަޔަކަށް ހުރި ހެކި ތަކެކެވެ. ( ބަސްމަގަށް އިތުރު ސަމާލުކަމެއް ދެވިފައި )
ފާދިރީ ޖޭ. އެމް. ރޮޑްވެލް ( އެމް .އޭ )
- ﷲ ވޮޑިގެންވާ ކަމުގެ އެހެން ހެއްކެއްގެ ގޮތުގައި ، ތިޔަބައިމީހުންގެ ތެރެއިން ، އަނބިން ، ތިޔަބައިމީހުންނަށް (އެކަލާނގެ) ދެއްވިއެވެ. އެއީ ، އުފަލާއި އަރާމުގައި ، އެމީހުންނާއެކު ، ތިޔަބައިމީހުން އުޅުމަށްޓަކައެވެ. އަދި ތިޔަބައިމީހުންގެ ހިތްތަކުގައި ލޯތްބާއި ހިތްހެޔޮކަން އުފެއްދުމަށްޓަކައެވެ. ޔަޤީނުންވެސް ، ވިސްނާ މީހުންނަށް މިކަމުގައި ހެކިތަކެއް ވެއެވެ.(ބަސްމަގަށް އިތުރު ސަމާލުކަމެއް ދެވިފައި)
( އެން. ޖޭ. ދާއޫދު )
( ތަރުޖަމާކުރި ފަރާތުގެ ބަޔާނެއް )
މިއީ ، ކީރިތި ޤުރުއާނުގެ ސޫރަތުއްރޫމުގެ 21 ވަނަ އާޔަތް ތަރުޖަމާކޮށް ، އިނގިރޭސި ބަހުން ތިން މީހަކު ލިޔެފައިވާ ގޮތަށް ، ޢިލްމީ ބޭނުމަކަށްޓަކައި ، ދިވެހިބަހަށް ތަރުޖަމާކޮށް ގެނެސްދީފައިވާ ތިން ގޮތެކެވެ. ތަރުޖަމާކުރި ފަރާތުން ، އެ އާޔަތް ތިން ގޮތަށް ލިޔެފައިވަނީއެއް ނޫނެވެ. )
އެންމެ ފުރަތަމަ ، ( ނަންބަރު 1 ގައި ) ގެނެސްދީފައި އެވަނީ މުސްލިމް ޢިލްމުވެރިއެއްކަމުގައިވާ ، އޭ . ޔޫސުފް ޢަލީ ( ކީރިތި ޤުރުއާނުގެ ސޫރަތުއްރޫމުގެ 21 ވަނަ އާޔަތް ) ތަރުޖަމާ ކުރައްވާފައިވާ ގޮތެވެ. ދެވަނަ އަށް (ދެވަނަ ނަންބަރުގައި) އެވަނީ ، ނަޞާރާ ފާދިރީއެއްކަމުގައިވާ ، ފާދިރީ ރޮޑްވެލް ގެ ތަރުޖަމާއެވެ. އަދި ތިންވަނައަށް ( ތިންބަނަ ނަންބަރުގައި ) އެވަނީ ޢިރާޤުގެ ޔަހޫދީއެއް ކަމުގައިވާ ، އެން. ޖޭ. ދާއޫދުގެ ތަރުޖަމާއެވެ.
ނަސީބު ދިމާކުރިގޮތުން ، ތޯމަސް ކާރލީލަށް މިއިން އެކަކާވެސް ދިމާވެފައެއް ނުވެއެވެ. އެހެނީ ، އޭނާ ( ތޯމަސް ކާރލީލް ) ދުނިޔޭގައި ހުރިއިރު ، އެއިން އެކަކުވެސް ދުނިޔޭގެ އަލިކަމުގައި އުޅެފައެއް ނުވެއެވެ. އޭނާ ބުނެފައިވާގޮތުގައި ، އޭނާއަށް ލިބުނު ހަމައެކަނި އެއްޗަކީ 1840 ގައި ލިބިފައިވާކަމަށް ބުނެ ، އޭނާގެ ފޮތުގެ 85 ވަނަ ޞަފުޙާގައި ޙަވާލާދީފައިވާ ލިޔުމެވެ.
" އަހަރެމެންނަށްވެސް ، ޤުރުއާން ކިޔަން އެނގެއެވެ. އަހަރެމެންގެ ، އޭގެ ( ޤުރުއާނުގެ ) ސޭލްގެ ތަރުޖަމާ ، ވަރަށް ރަނގަޅު އެއްޗެއްކަމަށް ޢާންމުވެ ، އެނގިފައި ވެއެވެ. "
ޙަޤީޤަތް އޮޅުވާލުމަކީ މަޤްސަދެވެ.
ކާރލީލަކީ ، އޭނާގެ ޤައުމުގެ މީހުންނަށް ، ވަރަށް ދީލަތި މީހެކެވެ. ކީރިތި ޤުރުއާން އިނގިރޭސި ބަހަށް ތަރުޖަމާކުރުމުގެ މަސައްކަތް ( ފުރަތަމަ ފަހަރަށް ) އިސްވެ ކުރި ، ޖޯޖް ސޭލް ގެ އެ މަސައްކަތުގެ މަޤްސަދު ވަނީ ނޭނގުމެއްގެ ތެރޭގައެވެ. އިސްލާމުންގެ މުޤައްދަސް ފޮތުގެ މައްޗަށް އޭނާގެ ހިތުގައިވާ ، ދެކޮޅުވެރިކަމުގެ ވިސްނުން ، އޭނާ ފޮރުވާފައެއް ނުވެއެވެ. 1734 ގައި ، އޭނާ ކުރި ( ކީރިތި ޤުރުއާނުގެ އިނގިރޭސި ) ތަރުޖަމާގެ ދީބާޖާގައި ، ( ކީރިތި ރަސޫލާ ) މުޙަންމަދު ( ޞައްލަﷲ ޢަލައިހި ވަސައްލަމަ ) އާއި އެކަލޭގެފާނުގެ ދޮގުވެރިކަން ، ހާމަކޮށް ބޭޒާރުކުރުންކަން ، ވަރަށް ސާފުކޮށް ބަޔާންކޮށް ، ހާމަ ކޮށްފައި ވެއެވެ. އޭނާ ބަޔާންކޮށްފައި ވެއެވެ.
" ދޮގުވެރި މެނިފެސްޓޯ އެއްގެ ބިރުވެރިކަމުން ކަސްތޮޅުއެޅޭނީ ކާކު ހެއްޔެވެ؟ ނަޞާރާއިންނަށް އެކަނިވެސް ، ޤުރުއާނަށް ދެކޮޅުހަދާ ބަލިކޮށް ކާމިޔާބު ހޯދޭނެއެވެ. އަދި އެމީހުންނަށް ، އަހަރެން އިތުބާރުކޮށް ( ބުނަން ) އެ ( ފޮތް ) ނައްތާލުމުގެ ކާމިޔާބީ ، ކަލާނގެ ކަށަވަރު ކުރައްވައި ވޮޑިގެންފިއެވެ. "
( ޖޯޖު ސޭލް )
އަދި ، މަކަރުވެރިކަމާއެކު ، ކުރިން ރާވައި ތަރުޖަމާކުރުމަށް އޭނާގެ މަސައްކަތް ވިލަރެސް ކުރިއެވެ. މުސްލިމަކާއި ޔަހޫދީއަކާ އަދި ނަޞާރާއެއް ތަރުޖަމާކޮށް ކުރިން ބަޔާންކުރެވުނު ތިން މިސާލު ، އަޅައިކިޔާލުމުން ، ޢިލްމުވެރި ޖޯޖު ސޭލް ، އެ އާޔަތުގައި " އަޅައިގަނެފައިވާ މިންވަރު " ގެ " އިންސާފުވެރި " ކަމުގެ ދަރަޖަ ، ތިޔަބޭފުޅުންނަށް ، ވަޒަން ކުރެއްވޭނެއެވެ.
އަދި ، އެކަލާނގެ ( ވޮޑިގެންވާ ކަމުގެ ) އަނެއް ހެއްކަކީ ، ތިޔަބައިމީހުންގެ ނަފްސުތަކުން ، ތިޔަބައިމީހުންނަށްޓަކައި ، ތިޔަބައިމީހުން ( ޤާނޫނީ ނުވަތަ ޝަރުޢީ ނިޒާމުން ބޭރުގައި ) އަރާމު ލިބިގަތުމަށްޓަކައި އަނބިން ހެއްދެވި ކަމެވެ. އަދި އެހެންކަމުން ، ތިޔަބައިމީހުންގެ މެދުގައި ލޯތްބާއި އަޅާލުން ޤާއިމް ވުމެވެ. ( ބަސްމަގަށް އިތުރު ސަމާލުކަމެއް ދެވިފައި )
ޖޯޖު ސޭލް އަކީ ، އޭނާގެ ދުވަހުގައި ، އަޅުގަނޑުމެންގެ އަނބިންނާއި ފިރިންނާ އަދި ، މިތުރުންނަކީ ، ޝަހުވަތްތެރިކަމުގެ އެދުން ފުއްދަން ބޭނުންކުރާ ބައެއްކަމުގައި މާނަކޮށްދޭ " ފިރިހެން ޖިންސަށް ނިސްބަތްވެ ، އެޖިންސަކީ އަންހެން ޖިންސަށްވުރެ މަތިވެރި ޖިންސެއްކަމުގައި ބަލާ އޫރެއް " ކަމަކަށް ، އަޅުގަނޑެއް ނުދެކެމެވެ. އޭނާ ކުރިކަމަކީ ، ހަމައެކަނި ، އޭނާގެ ވަޢުދު ފުއްދުމެވެ. ތަންކޮޅެއް މައްޗަށެވެ. އޭނާ ( ސޭލް ) ނުބައިގޮތަށް އަނބުރާލައި ބަދަލުކޮށްލި ޢަރަބި ބަހަކީ ، " ލިތަސްކުނޫ " އެވެ. މާނަޔަކީ ، ސަލާމަތްކަން ހޯދުން ، ހިތްހަމަ ޖެހުން ލިބިގަތުން ، ހަމަހިމޭންކަން ލިބިގަތުން ، އަރާމުލިބިގަތުމެވެ. އަދި ކިއެއްތަ ! ( ޤާނޫނީ ނުވަތަ ޝަރުޢީ ނިޒާމުން ބޭރުގައި ) އަރާމު ލިބިގަތުމެއް ނޫނެވެ. މާނަޔަކީ ، ޤާނޫނީގޮތުން ކައިވެނިން ބޭރުގައި ، ޝަހުވަތްތެރިކަމުގެ އެދުން ފުއްދުމުގައި ، އެކުގައި ދިރިއުޅުމެއް ( ނޫނެވެ.) ( ރީޑަރސް ޑައިޖެސްޓް ޔުނިވަރސަލް ޑިކްޝަނަރީން މާނަ ނަގާފައި )
ކީރިތި ޤުރުއާނުގައި ﷲ ބާވައިލައްވާފައިވާ ވަޙީގެ ކޮންމެ ބަސްފުޅަކީ ، ވަރަށް ރަނގަޅަށް އެމުނި ، އެތުރި ، ތަރުތީބު ކުރެވިގެން ތަފްޞީލު ކުރެވިފައިވާ ބަސްފުޅެކެވެ. އެކަލާނގެ ބޭނުންވެވޮޑިގެންވާ ގޮތެއްގެ މަތިން ، އުފެދި ، ތަރުތީބު ކުރެވި އެކަލާނގެ ޙަޟުރަތުން ބާވައިލެއްވިގެންވާ ބަސްފުޅެކެވެ. އޭގައި ވަނީ އެކަލާނގެ ޒާތުފުޅުގެ ތަޞައްވުރެވެ. އަދި އެއީ ، އެކަލާނގެ ވޮޑިގެންވާ ކަމުގެ ހެކިތަކެކެވެ. އަދިއަދަށް ދާނދެންވެސް ، ރޫޙާނީ ގޮތުން ރައްކާތެރިކަމާއެކު ޙިމާޔަތް ކުރެވިފައިވާ ގޮތެއްގައެވެ.
ނިޝާނަކަށް އެދުން
ކޮން ނިޝާނެއް ހެއްޔެވެ ؟ އެމީހުން އެމާނަކުރަނީ ، އެމީހުންގެ އަމިއްލަ މޮޔަ ސިކުނޑިން ކުޅެލެވޭފަދަ ، ކޮންމެވެސް ޚާއްޞަ ނިޝާނެއް ނުވަތަ މުޢުޖިޒާތެކެވެ. ކޮންމެ ކަމަކަށްވެސް ، ﷲ ކުޅަދުންވަންތައެވެ. އެހެނަސް ، އެކަލާނގެއީ ، ނުވިސްނޭ މޮޔަބަޔެއްގެ ، މަކަރުވެރި ، ހިތުގެ އެދުންތަކަށް އިޖާބަދެއްވާނެ ނުވަތަ އެމީހުންގެ މަކަރުވެރި ، އޮޅުވާލުމުގެ އަޑު އައްސަވާ ވޮޑިގެންވާނެ ކަލެއްނޫނެވެ. އެކަލާނގެ ވަނީ ، އެކަލާނގެ އާޔަތްތަކައިގެން ، އެކަލާނގެ ވޮޑިގެންވާކަމުގެ ހެކިތަކައިގެން ، އެކަންކަން މީސްތަކުންނަށް ސާފުކޮށްދެއްވުމަށް ، ރަސޫލަކު ފޮނުއްވާފައެވެ. އަދި އެކަން ދޮގުކޮށްފިނަމަ ، އެކަލާނގެ ޙަޟުރަތުން އަތުވެދާނެ ޢަޒާބާއި ކޯފާގެ އިންޒާރު ދެއްވާފައެވެ. މިވަރަކުން ނުފުދޭ ހެއްޔެވެ ؟ އެމީހުން އެ އެދޭ އެދުމުގެ މަޤްޞަދަކީ ؛
ސާފުކޮށް ދަންނަވާނަމަ ، ( ކީރިތި ރަސޫލު ) މުޙަންމަދު ( ޞައްލަﷲ ޢަލައިހި ވަސައްލަމަ ) ގެ އަރިހުން އެމީހުން އެދެނީ ، ބިމުގައި ހަރުގަނޑެއް ލައްގަވާފައި ، އުޑަށް އަރާވަޑައިގެން ، އެމީހުންގެ ލޮލުގެ ކުރިމަތީ ، ﷲ ގެ ފޮތް ގެންނެވުމަށެވެ. " އޭރުން އަޅުގަނޑުމެން ( ކަލޭގެފާނުގެ ބަސް ) ޤަބޫލު ކުރާނަމުއެވެ " އެމީހުން ދެންނެވޫއެވެ. ނުވަތަ ދުރުން އެފެންނަ ފަރުބަދަ ރަނަށް ބަދަލު ކުރައްވާށެވެ ! " އޭރުން އަޅުގަނޑުމެން ( ކަލޭގެފާނުގެ ބަސް ) ޤަބޫލު ކުރާނަމުއެވެ " ނުވަތަ ސަހަރާ އެއް ފެންދެމޭ ކޯރަކަށް ވަގުތުން ހައްދަވާށެވެ ! " އޭރުން އަޅުގަނޑުމެން ( ކަލޭގެފާނުގެ ބަސް ) ޤަބޫލު ކުރާނަމުއެވެ "
(ނުނިމޭ)