މުޢުޖިޒާތްތަކުގެ މުޢުޖިޒާތް – 3

(1 މެއި 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ދެން ، މުޝްރިކުން ( ކާފަރުން ) ގެ ސަބަބެއްނެތް ޝައްކުގެ ގޮވައިލުމަށް ، ( ކީރިތި ރަސޫލު ) މުޙަންމަދު ( ޞައްލަﷲ ޢަލައިހި ވަސައްލަމަ ) ދެއްކެވި ލުއިވެގެންވާ ފުރިހަމަ ސަބަބު އައްސަވާށެވެ. ތިމަންކަލޭގެފާނަކީ ، ހަމަކަށަވަރުން ، މަލާއިކަތް ބޭކަލެއްކަމަށް ، ތިޔަބއިމީހުންގާތު ( ތިމަންކަލޭގެފާނު ) ވިދާޅުވިން ހެއްޔެވެ ؟ ﷲ ގެ ޚަޒާނާވަނީ ، ހަމަކަށަވަރުން ، ތިމަންކަލޭގެފާނުގެ އަތްޕުޅުގައިކަމަށް  ، ތިޔަބައިމީހުންގާތު ( ތިމަންކަލޭގެފާނު ) ވިދާޅުވިން ހެއްޔެވެ ؟ ތިމަންކަލޭގެފާނަށް ( ﷲ ގެ ޙަޟުރަތުން ) ބާވައިލެއްވޭ އެއްޗަކަށް މެނުވީ ތިމަންކަލޭގެފާނު ތަބާވެވަޑައެއް ނުގަންނަވަމެވެ.

މުޝްރިކުންނަށް ޖަވާބު ދެއްވުމަށް ، އެކަލޭގެފާނުގެވެރި ﷲ ގެ ޙަޟުރަތުން ( އެކަލޭގެފާނަށް ) އެންގެވުނު މަތިވެރި އެންގެވުން ދެން، އަޑު އައްސަވާށެވެ !

قُلْ إِنَّمَا الْآيَاتُ عِنْدَ اللَّهِ وَإِنَّمَا أَنَا نَذِيرٌ مُبِينٌ

( ކަލޭގެފާނު ) ވިދާޅުވާށެވެ ! މުޢުޖިޒާތްތައް ފޮނުއްވާކަން ކަށަވަރީ ، ﷲ ގެ ޙަޟުރަތުންނެވެ. އަދި ތިމަންކަލޭގެފާނު ވާކަން ކަށަވަރީ ، ބަޔާންވެގެންހުރި ، އިންޒާރު ދެއްވާ ބޭކަލެއްކަމުގައެވެ. ( ސޫރަތުލްޢަންކަބޫތުގެ 50 ވަނަ އާޔަތުގެ ފަހުބައި )

ތިރީގައި ބަޔާންވެގެންވާ އާޔަތުގައި ، މުނާފިޤުންގެ ވިސްނުން ބަށްޓަން ކުރެވިގެން ، ގޮތްދޫނުކޮށް ، އެއެދޭފަދަ ޚާއްޞަ ހެއްކެއް ނުވަތަ މުޢުޖިޒާތެއްގެ ގޮތުގައި ، އޭގެ ޒާތުގައި ކީރިތި ޤުރުއާން ދައްކަވައި (އެމީހުންނަށް) ޖަވާބު ދެއްވުމަށް ، ރަސޫލު  ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ( ﷲ އިލްހާމު ކުރައްވައި ) އެންގެވިއެވެ. އަޞްލު ޙަޤީޤަތުގައި ، ކީރިތި ޤުރުއާނުގައިވާ ކޮންމެ މުޢުޖިޒާތަކީ ހެއްކެކެވެ. ޚާއްޞަކޮށް ނަޞާރާއިންގެ ދީނީ ޢަޤީދާ ބަލިކަށިވެފައި ، އެބައިމީހުންގެ ކިބައިގާ އީމާންކަމެއްނެތިފައި ޖާހިލުކަން ބޮޑުކަމުން ، ހެއްކެއް ދެއްކެވުމަށް ގޮވައިލުމުގެ ވިސްނުން ގެންގުޅެވެނީއެވެ. ކީރިތި ޤުރުއާން ބެލުމަށް ، (ކީރިތި ޤުރުއާނަށް ތަބާވުމަށް) އެބައިމީހުންނަށް އެންގެވުނެވެ. އަދި ތަކުރާރުކޮށް ، " ކީރިތި ޤުރުއާން ބެލުމަށް ، ( ކީރިތި ޤުރުއާނަށް ތަބާވުމަށް ) އެބައިމީހުންނަށް އެންގެވުނެވެ. "

أَوَلَمْ يَكْفِهِمْ أَنَّا أَنْزَلْنَا عَلَيْكَ الْكِتَابَ يُتْلَىٰ عَلَيْهِمْ ۚ إِنَّ فِي ذَٰلِكَ لَرَحْمَةً وَذِكْرَىٰ لِقَوْمٍ يُؤْمِنُونَ

ހަމަކަށަވަރުން ، އެބައިމީހުންނަށް ކިޔަވައިދެވޭފޮތް ، (ކީރިތި ޤުރުއާން ) ތިމަން ﷲ ، ކަލޭގެފާނަށް ބާވައިލެއްވިކަން ، އެއީ މުޢުޖިޒާތެއްކަމުގައި ، އެބައިމީހުންނަށް ނުފުދެނީ ހެއްޔެވެ ؟ ހަމަކަށަވަރުން ، އީމާންވާ ބަޔަކަށް  އެކަމުގައި ، ރަޙުމަތާއި ، ހަނދާންކޮށްދިނުން ވާކަން ކަށަވަރެވެ. ( ސޫރަތުލްޢަންކަބޫތުގެ 51 ވަނަ އާޔަތް )

ދެދަލީލެއް

ކީރިތި ޤުރުއާނަކީ ، ﷲ ގެ ޙަޟުރަތުން ބާވައިލެއްވި ފޮތެއްކަމާއި ކީރިތި ޤުރުއާނުގެ މަތިވެރިކަން ބަޔާން ކުރެއްވުމަށް ، ﷲ ވަނީ ، ދުރާލައި ދެ ޙުއްޖަތެއް ދައްކަވާފައެވެ.

  1. " ތިމަންމެން " ( ﷲ ސުބްޙާނަހޫ ވަތަޢާލާ ) " ކަލޭގެފާނަށް ( މުޙަންމަދުގެފާނަށް ) ފޮތެއް " ބާވައި ލެއްވީމެވެ. އެއްވެސް ވަރަކަށް ކިޔަވާ ވިދާޅުނުވާ ބޭކަލެއްގެ ގޮތުގައި ވަނިކޮށެވެ. އުއްމަތެއްގެ ރަސޫލު ބޭކަލެއްގެ ގޮތުގައެވެ. ލިޔަން ކިޔަން އެނގިވަޑައިނުގަންނަވާ ބޭކަލެއްގެ ގޮތުގައެވެ. އަމިއްލަފުޅު ނަންފުޅުގައި ސޮއި ނުކުރެއްވޭފަދަ ބޭކަލެއްގެ ގޮތުގައެވެ. ރަސޫލު  ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ތަޢުލީމީ ވަނަވަރާ ބެހޭގޮތުން ، ތޯމަސް ކާރލީލް ހެކިކޮށްދޭ ގޮތުގެ މައްޗަށް ބަލައިލަމާތޯއެވެ ؟

" އެކަލޭގެފާނު މަދަރުސާއަކަށް ( ކިޔަވާ ވިދާޅުވާން ) ވަޑައިނުގަންނަވާކަން ، އެއް ޙާލަތެއްގައި އަހުރެމެން ހަނދާން ނައްތާލައިގެން ނުވާނެއެވެ. އަހުރެމެން މަދްރަސީ ތަޢުލީމޭ މިކިޔާ އެއްޗެއް ، އެއްގޮތަކަށްވެސް ( އެކަލޭގެފާނަށް ) ލިބިވަޑައިގެންފައެއް ނުވެއެވެ. "

މީގެ އިތުރަށް ، އެއީ ( ކީރިތި ޤުރުއާނަކީ ) އެކަލޭގެފާނަށް  ލިޔުއްވަން ކުޅަދާނަވެގެންވާ އެއްޗެއް ނޫންކަމާއި ، އެ ޤުރުއާނުގައިވާ އާޔަތްތަކަކީ އެކަލޭގެފާނު އެއްކުރައްވައި ތަރުތީބު ކުރެއްވި އެއްޗެއް ނޫންކަމުގައި ރަސޫލު  ޞައްލަﷲ ޢަލައިހި ވަސައްލަމަ ވިދާޅުވާ ވިދާޅުވުން ، ﷲ ސުބްޙާނަހޫ ވަތަޢާލާ ، ކަށަވަރުކޮށް ދެއްވައި އެކަމަށް ހެކިވެވޮޑިގެންފައި ވެއެވެ.

وَمَا كُنْتَ تَتْلُو مِنْ قَبْلِهِ مِنْ كِتَابٍ وَلَا تَخُطُّهُ بِيَمِينِكَ ۖ إِذًا لَارْتَابَ الْمُبْطِلُونَ

އަދި ، އޭގެ ކުރިން ( ކީރިތި ޤުރުއާން ބާވައި ލެއްވުމުގެ ކުރިން ) ކަލޭގެފާނު އެއްވެސް ފޮތެއް ކިޔަވައި ވިދާޅުވެއެއް ނޫޅުއްވަމުއެވެ. އަދި ، ކަލޭގެފާނުގެ އަތްޕުޅުން އެއްވެސް ފޮތެއް ނުލިޔުއްވަމުއެވެ. އެކަން އެހެން ވީނަމަ ، ކާފަރުން ޝައްކު ކުރީހެވެ. ( ސޫރަތުލްޢަންކަބޫތުގެ 48 ވަނަ އާޔަތް )

ކީރިތި ޤުރުއާނުގެ ވެރި ، ﷲ ސުބްޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންނަށް ސަބަބު ބަޔާންކޮށް ދެއްވަނީއެވެ. މުޙަންމަދު (ޞައްލަﷲ ޢަލައިހި ވަސައްލަމަ) އަކީ ކިޔަވާ ވިދާޅުވެގެން ހުންނެވި ބޭކަލެއް ހެއްޔެވެ؟ އަދި ، ލިޔަން ކިޔަން އެނގިވަޑައިގަންނަވާ ހެއްޔެވެ ؟ އެކަން އެހެން ވީނަމަ ، މާރުކޭޓުގައި އަޑުހަރުކޮށް ހަޅޭއްލަވާ އެއުޅޭ މީހުންނަށް ، ކީރިތި ޤުރުއާނަކީ ﷲ ގެ ޙަޟުރަތުން ބާވައި ލެއްވުނު ފޮތެއްކަމުގައި ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ ، އެވިދާޅުވާ ވިދާޅުވުމަށް ޝައްކާއި ޢުޒުރު ދެއްކުނީހެވެ.

ކީރިތި ރަސޫލާ މުޙަންމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އަކީ ލިޔެކިޔަން އެނގިވަޑައިނުގަންނަވާ ބޭކަލަކަށް ވެފައި ، ކީރިތި ޤުރުއާން (އެކަލޭގެފާނު) ގެންނެވީ ، ޔަހޫދީންނާއި ނަޞާރާއިންގެ ފޮތްތަކުން ނަކަލު ކުރައްވައިގެންކަމަށް ، އެކަލޭގެފާނުގެ ދުޝްމަނުން ( ކާފަރުން ) ތުހުމަތު އަޅުވައި ، ނުވަތަ ، ފަހަރެއްގައި ، (ގްރީކުގެ ދެ ފިލޯސަފަރުންކަމުގައިވާ) އަރިސްޓެޓޮލް އާއި ޕްލޭޓޯގެ ނަޒަރިއްޔާތު ދިރާސާ ކުރައްވަނީ ކަމަށް ، ނުވަތަ ، ތަވްރާތާއި ޒަބޫރާ އަދި އިންޖީލުން ( މަޢުލޫމާތު ) ނަންގަވައިގެން ބަހުރުވަ ރީތިކުރައްވައިގެން ، ޒަމާނަށް ފެތޭގޮތަށް ލިޔުއްވަނީ ކަމަށް ، ބަލަންޏާ އޭގައި ބަރުދަނެއް އެބަހުއްޓެވެ. އެހެން ކަމަށްވަންޏާ ، އަގެއްނެތް " އެ ބަދުނަޞީބުވެރިން " ފާހަގަކުރަން ނުކުތާއެއް އޮވެދާނެއެވެ. އެހެނަސް  އެ ، އަގެއްނެތް ބުހުތާން ވާހަކަތައްވެސް ، މުނާފިޤުންނާއި ކާފަރުންނަށްޓަކައި ޤަބޫލު ނުކުރެވޭ އެއްޗަކަށް ވެއްޖެއެވެ. ( އެއީ ) މާމޮޅު ވާހަކަތަކެއްކަމަށް ހަދައިގެން ، ދެއްކޭވަރަށްވުރެ ، ދޯހަޅި ވާހަކަތަކެކެވެ.

ނޯޓު (1): ކީރިތި ޤުރުއާނުގައި އާޔަތް ، ބެލެވިފައިވަނީ " ހެއްކެއް " ގެ ގޮތުގައެވެ. އަދި ހަމައެފަދައިން ، " އާޔަތެއް " ގެގޮތުގައެވެ. ކީރިތި ޤުރުއާނުގައި ، ހަހާހަށްވުރެ ގިނައާޔަތް ހިމެނެއެވެ. އެއިން ކޮންމެ އާޔަތަކީ ، ﷲ ވޮޑިގެންވާކަމުގެ ހެއްކެކެވެ.

ނޯޓު (2): ތިމަންމެން ބެލެވިގެންވަނީ ، އިޖްމާލީ ގޮތެއްގައި އިޙްތިރާމާއި ޤަދަރު ލިބިގެންވާ ކަމުގެ ގޮތުގައެވެ. ޢަދަދުގެ ގޮތުގައެއް ނޫނެވެ.ހެބްރޫ ބަސް ހިމެނޭގޮތަށް ، އިރުމަތީގެ ހުރިހާ ބަސްތަކެއްގައިވެސް ، އެއީ ބަހުގެ ހަމައެވެ. އިނގިރޭސިބަހުގައި އެއަށް ކިޔެނީ ، " ޝާހީ އިޖްމާޢު : އެވެ.

ނޯޓު (3): ތަވްރާތު ، ޒަބޫރު ، އިންޖީލު ، މިއީ ، ﷲ ސުބްޙަނަޙޫ ވަތަޢާލާގެ ޙަޟުރަތުން ، ސަލާމްލެއްވިގެންވާ މޫސާގެފާނާއި ދާއޫދުގެފާނާ އަދި ޢީސާގެފާނަށް ބާވައިލެއްވުނު ، ފޮތްފޮތަށް ޢަރަބިބަހުން ނަން ކިޔޭ ގޮތެވެ.

ނޯޓު (4): ޢީސާގެފާނުގެ ސަނަތުން 10 ވަނަ ޤަރުނުގެ ކުރިން ، ބައިބްލް ، ޢަރަބި ބަހަށް ތަރުޖަމާކުރެވިފައެއް ނުވެއެވެ. އެހެންކަމުން ، ޢީސާގެފާނުގެ ސަނަތުން 1000 އަހަރުކުރިން އުޅުނު އެއްވެސް ޢަރަތްބަކަށް ، އެމީހުންގެ އަމިއްލަ މާދަރީ ބަހުން ، ބައިބްލް ގެ ލިޔެވިގެންވާ ލިޔުންތައް ކިޔައި މުޠާލިޢާ ކުރުމުގެ ފުރުޞަތު ލިބިގެންނެއް ނުވާނެއެވެ.

ނޯޓު (5): ކީރިތި ޤުރުއާނުގެ އާޔަތްތައް ، އޭގެ މާނަޔާއެކު ، ދަސްކުރުމުގެ ހިތްވަރު ލިބިގެން ނުވާނަމަ ، އޭގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފާނެ މީހަކަށް ، އެފޮތް ނުދޭންވީ ކީއްވެ ހެއްޔެވެ ؟

އެއްގޮތެއްގައި ހަރުދަނާވެ ދެމިއޮތުން

ވިހި އަހަރަށްވުރެ ގިނަދުވަސް ވަންދެން ، ދީނަށް ގޮވާލައި ، ދީނުގެ ޢިލްމު ފެތުރުމުގައި އެއްގޮތެއްގައި ދެމިހުރުމަކީ ، އެއްވެސް އިންސާނަކަށް ، ( އަދީބަކަށް ) މުސްތަޙީލު ކަމެކެވެ. ޢުމުރުފުޅުން 40 އަހަރުފުޅުގައި ، ﷲ ގެޙަޟުރަތުން ، އެކަލޭގެފާނަށް ، ވަޙީ ބާވައިލައްވަން ފެއްޓުނީއްސުރެ ، 63 އަހަރުފުޅުގައި ސުވަރުގެވަޑައިގަތުމަށް ދާނދެން ،  ކައު އިތުރު ރަސޫލާ ، މުޙަންމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ 23 އަހަރުވަންދެން ، ދީނުގައި ހިފަހައްޓަވައި ، ދީން ފަތުރުއްވަވައި ، އިސްލާމްދީނަށް ގޮވާލެއްވުމުގެ މަސައްކަތްޕުޅުގައި ދެމިހުންނަވާފައެވެ. އިންސާނެއްގެ ޙަޔާތުގައި ، ކަމެއް ބަދަލު ކުރުމުގެ އެންމެ އުނދަގޫ ، އެންމެ އޮޅުންބޮޅުން ބޮޑު 23 އަހަރު ، އެކަލޭގެފާނު ވަނީ ހޭދަ ކުރައްވާފައެވެ. ހަމަ އެއްވެސް އިންސާނަކަށް ، އެފަދަ ގޮންޖެހުމެއްގެ ބުރައިގާ ، އެހާ ދިގު މުއްދަތަކަށް ، ވިސްނުން ބަދަލު ނުކޮށް ،   " ޝަރަފުވެރި ގޮތުގައި ވެސް " ޙާލަތު މަޖުބޫރު ނުކޮށެއް ނުއޮންނާނެއެވެ. އަދި ، މީހާގެ ވިސްނުމާއި ފިކުރަށް އަދި އަމިއްލަ ނަފްސަށް މަގުނުއޮޅިއެއްވެސް ނުއޮންނާނެއެވެ. ކީރިތި ޤުރުއާނުގެ އާޔަތްތަކާ އެއްފަދައިން ، އެއްވެސް އިންސާނަކަށް ، އެފަދަ އެއްޗެއް ލިޔުމީ ، ކުޅަދާނަވެގެންވާނެ ކަމެއް ނޫނެވެ. އެކީ އެކައްޗަކަށް : އޭގެ ޒާތުގައި ހަރުދަނާވެ ތަރުތީބުވެފައި ވުން.  ނުވަތަ ، މުނާފިޤުންގެ ދެކޮޅު ހެދުންތައް އެއީ ، ސުއާލެއް ނުއުފެދޭ ، އެމީހުން ނިންމާ ނިންމުމެއްގެ އަލީގައި އެމީހުންނަށް ، ހަޖަމުކުރަން އުނދަގޫ ކަމަކަށް ވަނީތޯއެވެ ؟

މީގެ އިތުރަށް ، އިންސާނުންނަށް ، އޭގެ ކުރިން އެނގިގެން ނުވާ ދުނިޔޭގެ ޤުދުރަތީ ނިޒާމާބެހޭ އެތައްކަމެއް ، ކީރިތި ޤުރުއާނުގައި ، ހިމެނިފައި ނުވަތަ ބޔާންކުރެވިފައި ވެއެވެ. އެހެނަސް ، އެންމެފަހުން ، އެކަންކަން އެވަނީ މިހާރު ، ދުނިޔެއަށް އައި ބަދަލުތަކާއި އިންސާނުންނަށް ﷲ މިންވަރު ކުރެއްވި ، ސައިންސްގެ ޢިލްމީ ހޯދުންތަކުން ކަށަވަރު ކޮށްފައެވެ. އެއީ ، ޢިލްމެއް ލިބިގެންނުވާ ސިކުނޑިއަކަށް ، މަގުއޮޅި ވާނުވާ ނޭނގި ، ދެއްކޭ ނުދެއްކޭ ވާހަކައެއް އޮޅުން ނުފިލާ ހިސާބަށްދާވަރުގެ ކަމެކެވެ.

ހެކި ، އޭގެ އަމިއްލަ ޒާތުގައި

އެއްވެސް އަގެއްނެތް ، އަމިއްލަ އެދުމުން ފޯވެފައިވާ ، މުނާފިޤުންގެ މަދު ބަޔަކު ، ﷲ ގެ ރަސޫލާގެ ( މުޙަންމަދު ޞައްލަﷲ ޢަލއިހި ވަސައްލަމަ ) ގެ އަރިހުން ، މުޢުޖިޒާތެއް ގެންނެވުމަށް ، ތަކުރާރުކޮށް އެދުނު ހިނދު ، އެކަލޭގެފާނަށް ޖެހިވަޑައިގަތީ ، ކީރިތި ޤުރުއާނަށް – ﷲ ގެ އާޔަތްތަކަށް ، " މުޢުޖިޒާތުގެ ގޮތުގައި " އިޝާރާތް ކުރެއްވުމަށެވެ. މުޢުޖިޒާތްތަކުގެ މުޢުޖިޒާތް ! އަދި ، އެންމެ މަތިވެރި އިންސާނުން ، ތަންދޮރު އެނގި ، ރޫޙާނީގޮތުން  ޢިލްމުވެރި ، އެބައިމީހުންނަށް ތެދުވެރިކަމުގެ ގޮތުން އިތުބާރު ކުރެވޭ މީހުން ، ކީރިތި ޤުރުއާނަކީ ، މުޢުޖިޒާތެއްކަމުގައި ބަލައިގަނެ ، ޤަބޫލުކޮށްފިއެވެ.

بَلْ هُوَ آيَاتٌ بَيِّنَاتٌ فِي صُدُورِ الَّذِينَ أُوتُوا الْعِلْمَ ۚ وَمَا يَجْحَدُ بِآيَاتِنَا إِلَّا الظَّالِمُونَ

އަދި ، ކިއެއްތަ ! އެއީ ޢިލްމު ލިބިގެންވާ މީހުންގެ ހިތްތަކުގައި ބަޔާންވެގެންވާ އާޔަތްތަކެކެވެ. އަނިޔާވެރިން ނޫނީ ، ތިމަން ﷲ ގެ އާޔަތްތަކާ ދެކޮޅެއް ނުހަދާނެއެވެ.  ( ކީރިތި ޤުރުއާނުގެ ޢަންކަބޫތު ސޫރަތުގެ 49 ވަނަ އާޔަތް )

ނޯޓު : ޢިލްމުގެ މާނަޔަކީ ، ކުރިން ބާވައިލެއްވުނު ފޮތްތަކުގެ ޢިލްމީ ތަޖުރިބާއާއެކު ، ތެދު ޙަޤީޤަތުގެ އަގު ވަޒަންކުރުމުގައި ޢަދްލުވެރި ނިންމުމެއް ނިންމުމުގެ ބާރު ، ދެގޮތުންވެސް ލިބިގެން ވުމެވެ. ﷲ ގެ ކަލާމްފުޅުތަކާއި މުޢުޖިޒާތްތަކަކީ ، އޭގެ އަމިއްލަ ޒާތުގައި ހެކިތަކެއްކަމުގައި ، މީސްތަކުން އެހާ ޤަބޫލު ކުރެއެވެ. ޢަރަބި ބަހުން ބުނާ ގޮތަށްނަމަ ، މޭގައި ލިޔެ ، ދޭހަވެ ، ސިކުނޑީގައި ހަރުލެއްވުމަށް ، އެމީހުންގެ ހިތްތަކަށް ، އެމީހުން އެދިގެން ވެއެވެ. އެދި ގޮވައެވެ.

ނޯޓު: އިތުރު ހަރުފަތަކަށް ، މިހާރު ބަހުސް ގެންދެވުނީއެވެ. އެފަދަ ދެކޮޅުހެދުންތަކަކީ ތެދުވެރިއެއްނަމަ ޤަބޫލުކުރެވޭ ފަދަ ، އާދައިގެ މުޢުޖިޒާތްތައް ޤަބޫލުނުކޮށް ، އަޞްލެއްނެތި ގޮތްދޫނުކޮށް ، ކަނޑައެޅިގެން ދެކޮޅު ހެދުމަކީ ، ބޭ އިންޞާފުކަމުގައި ފާހަގަ ވެގެން ދާނެއެވެ.

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.