
މިއީ ދިރިއުޅުން ދަތި، ދިރިއުޅުމުގެ އުފަލާއި ތަނަވަސްކަމުން މަހުރޫމުވެފައިވާ މީހަކުގެ ވާހަކައެވެ. އޭނާއަށް އަބަދުވެސް އޮންނަނީ މާލީ ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ. ދުވާލު ހަތަރުދަމުގެ މަސައްކަތުން ހޯދާ ފައިސާކޮޅު އޭނާ ގެންގޮސް ދެނީ ބައްޕަގެ އަތަށެވެ. އޭނާގެ އާދައަކީ ކުރާނޭ މަސައްކަތެއް ލިބޭތޯ ދުވާލު އެކި ދިމަދިމާއަށް ހިނގުމެވެ. މަސައްކަތެއް ލިބުނީމާ، ކޮށްފައި، އެ މަސައްކަތުން ލިބޭ ފައިސާކޮޅު ގެނެސް ބައްޕަގެ ކުރިމަތީގައި މޭޒުމަތީގައި ބަހައްޓައެވެ. އޭނާ ގަބޫލުކުރާ ގޮތުގައި އޭނާގެ އަތުން ބައްޕަގެ އަތަށް ފައިސާ ދޭނަމަ، ބައްޕައަށް ޖެހޭނީ ފައިސާ އަތުލާން އޭނާޔާ ދިމާއަށް އަތް ދިއްކުރާށެވެ. އޭނާޔާ ދިމާއަށް ބައްޕަ އެއްޗެއް އަތުލާން ވެގެން ވިޔަސް އަތްދިއްކުރުމަކީ ބައްޕަގެ އަގު ވެއްޓޭފަދަ ކަމެއް ކަމަށް އޭނާ ދެކެއެވެ. އޭނާ މި ހުރިހައި ކަމެއް ކުރަނީ ބައްޕައަށް އިޙްތިރާމްކުރުމުގެ ގޮތުންނެވެ. ބައްޕަގެ ކުރިމަތީގައި ފައިސާކޮޅު ބެހެއްޓުމާއެކު ބައްޕަގެ ދުލުން ނުކުންނަނީ މި ދަންނަވާ ދުޢާއެވެ.
[ޢާލަމްތަކުގެ ވެރި ރަސްކަލާކޮ. މިއަޅާގެ ދަރިފުޅަށް ކީރިތި ޤުރްއާން އުނގެނުމުގެ ތައުފީގުދެއްވައި ޤުރްއާންގެ ޢިލްމުވެރިއަކަށް އޭނާ ހައްދަވައިދެއްފައިފާނދޭވެ.]
ދަރިފުޅުގެ އުމުރުން ވިހި އަހަރު ވެއްޖެއެވެ. ރެޔާއިދުވާލު އޭނާ އުޅެނީ ރޯދި ހޯދުމުގެ މަސައްކަތުގައެވެ. އެއް ދުވަހަކު މަސައްކަތް ނިންމައިފައި ގެއަށް އައި މަގުމަތީގައި ދަންނަބޭކަލަކާ ދިމާވެއްޖެއެވެ. ރަށު މީހުން ދީނީ ކަމަކާ ގުޅިގެން ފަތުވާއެއް ބޭނުން ވެއްޖެނަމަ ދަނީ މި ކަލޭގެފާނު ގާތަށެވެ. އެއީ ޢިލްމީ ގޮތުން ވަރަށް ކުރިއަރައިފައިވާ މޮޅު މީހެކެވެ. އޭނާ އަހައިފިއެވެ. [މި ދުވަސްވަރު ތިޔަ އުޅެނީ ކޮން ކަމެއްގައި ހެއްޔެވެ؟]
ޒުވާނާ ޖަވާބުދިނެވެ. [ރޯއްޖެއް ލިބޭތޯ މަސައްކަތްކުރަނީއެވެ.]
އޭނާ ބުނުއްވައިފިއެވެ. [ކޮންމެވެސް އެއްޗެއް އުނގެނޭން ހަފުތާއަކު އެއް ދުވަސް ހޭދަކުރެވިދާނެ ހެއްޔެވެ؟]
ޒުވާނާ ބުންޏެވެ. [ހަފުތާއަކު އެއް ދުވަހު ކިޔަވާން އުޅެވިދާނެއެވެ. ތެދުތެދަށް ނަންގަންނަންޏާ ކިޔެވުމަކީ އަޅުގަނޑު ވަރަށް ހިތްހަމަޖެހޭ ކަމެކެވެ.]
ޒުވާނާ ހަފުތާއަކު އެއް ދުވަހު ޢިލްމުވެރިޔާގެ ގާތަށް ކިޔަވަން ދާން ފަށައިފިއެވެ. އެޔަށް ފަހު ރަސްމީ ކިޔެވުމުގެ ތެރެއަށް ވަދެއްޖެއެވެ. ދުވަސްކޮޅަކަށް ފަހު އޭނާ ފާހަގަކުރެވެން ފެށީ ވިސްނުން ތޫނު، ހީވާގި ދަރިވަރެއްގެ ގޮތުގައެވެ. އޭނާ ވަރަށް ގިނަ ދުވަސް ވާންދެން ކިޔަވަން އުޅުނެވެ. އޭނާ ހުރީ ޢިލްމު އުނގެނޭ ހިތުންނެވެ. ގިނަ ވަގުތު ހޭދަކުރަނީ ކިޔެވުމުގައެވެ. ކީރިތި ޤުރްއާނުގެ މައްޗަށް އޭނާގެ ޚާއްސަ ޝައުގުވެރިކަމެއް ހުރެއެވެ. އޭނާ ގެންދިޔައީ ކިޔަވަމުންނެވެ. ފުރަތަމަ ނެގީ ބީއޭ ފާހެވެ. އޭގެ ފާހުން އެމްއޭ ފާސް ނަގައިފިއެވެ. އޭނާގެ ބައްޕަގެ ދުޢާ ﷲ ތަޢާލާ އިޖާބަކުރައްވައިފިއެވެ. ޒުވާނާގެ އެންމެ ފަހުގެ މަންޒިލަކީ ޕީއެޗްޑީއެވެ. އޭނާ މަގާލާގެ މައުޟޫއާމެދު ވިސްނާން ފަށައިފިއެވެ. އެންމެ ފަހުން ނިންމީ ޤުރްއާން ތަފްސީރުގެ މައްޗަށް މަގާލާ ލިޔާށެވެ.
ވަގުތު ފާއިތުވަމުން ގޮސް ޔުނިވަރުސިޓީއަށް މަގާލާ ހުށަހަޅާ ދުވަސް އައިސް ޖެހިއްޖެއެވެ.
އިމްތިހާނުގެ އެންމެ ފަހުގެ ނަތީޖާ ލިބޭ ދުވަހަކީ ކޮންމެ ދަރިވަރަކަށްވެސް ވަރަށް މުހިއްމު ދުވަހެކެވެ. ހީވަނީ ކޯޓެއްގެ މަންޒަރެއް ހެންނެވެ. ޖޫރީން ތިބީ ތައްޔާރަށެވެ. ދަރިވަރަު އެހެރީ ކޮށިގަނޑުގައެވެ. އޭނާޔާ ސުވާލުކުރެވެނީއެވެ. ބަހުސު ކުރިއަށް ދަނީއެވެ. އެޔަށް ފަހު ޖޫރީން ވަކި ކޮޓަރިއަކަށް ހިނގައިދެއެވެ. ކުޑަ އިރުކޮޅެއް ފަހުން އެނބުރި އައިސް ފައިސަލާ އިއްވަނީއެވެ.
މިއަދަކީ ދަރިވަރުންނަށް އެމީހުންގެ މަސައްކަތުގެ ނަޖީތާ ލިބޭ ދުވަހެވެ. ދަރިވަރުން ހޯލަށް ވަދެއްޖެއެވެ. އެކުވެރިންނާއި ގާތްތިމާގެ މީހުންވެސް އެބަތިއްބެވެ. ޖޫރީގެ މެންބަރުންވެސް އަތުވެއްޖެއެވެ. ޒުވާނާ ޖޫރީންނާ ދިމާއަށް ބަލައިލިއެވެ. އޭނާ ވަރަށް ބޮޑަށް ހައިރާންވިއެވެ. އެމީހުންގެ ތެރޭގައި އޭނާއަށް މަޝްވަރާ ދީގެން ކިޔެވުމާ ދިމާއަށް އަނބުރައިލީ މީހާވެސް އިނެވެ. އެއީ އޭނާގެ ފުރަތަމަ މުދައްރިސެވެ.
ޖޫރީން ތިބީ ގޮނޑިގޮނޑީގައި އިށީނދެގެންނެވެ. އާއްމު ގޮތެއްގައި ދަރިވަރުންނާ ވަރަށް ދިގުކޮށް ބަހުސުކުރެވެއެވެ. އެތައް ތަށި ފެނެއް ހުސްވެއެވެ. އެކަމަކު މި ފަހަރު މިވީ ކިހިނެއްތޯއެވެ؟
އޭނާގެ މުދައްރިސު ކޮޅަށް ތެދުވެއްޖެއެވެ. އެއްވެސް ސުވާލެއް ކުރުމަކާ ނުލައި އޭނާގެ ދަރިވަރުގެ އަތުގައި ހިފަހައްޓައިލުމަށް ފަހު ބުންޏެވެ. [ފުރަތަމަ ދުވަހުން ފެށިގެން އަޅުގަނޑު ދިޔައީ މި ދަރިވަރު އުނގެނުމަށް ބަހައްޓާ ޝައުގުވެރިކަން ފާހަގަކުރަމުންނެވެ. އޭނާ ޤުރްއާން ތަފްސީރުގެ މައްޗަށް މަގާލާ ލިޔުނީ ވަރަށް ބޮޑަށް މަސައްކަތްކޮށްގެންނެވެ. އަޅުގަނޑު އެއްވެސް ޖެހިލުމެއެް ނެތި މި ދަރިވަރަށް ޕީއެޗްޑީ ލިބިއްޖެކަން އިޢުލާނު ކުރަމެވެ.]
ޒުވާނާއަށް އޭނާގެ މުދައްރިސު ދެއްކި ވާހަކަ އިވުނީމާ އުފަލުން ގޮސް ރޮވިއްޖެއެވެ. ލޮލުން ކަރުނަ ފައިބަނީއެވެ. އެއީ އުފަލާއެކު ﷲ ތަޢާލާއަށް ޝުކުރުވެރިވުމާއި އެކަލާނގެ ޙަޟްރަތުގައި ތިމާގެ ހައިސިއްޔަތުގެ ނިކަމެތިކަން އިހުސާސްކުރެވުމުން ލޮލުން އައި ކަރުނައެވެ. އޭނާއަށް މިއަދު އެ ލިބުނީ އާދައިގެ ފާހެއް ނޫނެވެ. އެ ކާމިޔާބީގެ ސަބަބަކީ ކޮބައިކަން އެނގިވަޑައިގަނޭތޯއެވެ؟ އެއީ އޭނާގެ ބައްޕަގެ ހެޔޮ ދުޢާއެވެ.
މުދައްރިސު އޭނާގެ ދަރިވަރާ ދިމާއަށް ބަލައިލިއެވެ. [ރޮނީ ހެއްޔެވެ؟] އޭނާ އަހައިލިއެވެ. [އަހަރެމެން މިއަދު ތިޔަ ދަރިވަރުގެ އިއްޒަތާއި ގަދަރު އުފުލައިދިނީއެވެ. މިއީ ރޯ ކަހަލަ ދަނޑިވަޅެއް ހެއްޔެވެ؟]
ޒުވާނާ ބުންޏެވެ. [މި ވަގުތު އަޅުގަނޑުގެ ހަނދާނަށް އައީ ބައްޕަ އަޅުގަނޑަށްޓަކައި ކުރައްވާ ދުޢާއެވެ. އެ ދުޢާއަކީ [ޢާލަމްތަކުގެ ވެރި ރަސްކަލާކޮ. މިއަޅާގެ ދަރިފުޅަށް ކީރިތި ޤުރްއާން އުނގެނުމުގެ ތައުފީގުދެއްވައި ޤުރްއާންގެ ޢިލްމުވެރިއަކަށް އޭނާ ހައްދަވައިދެއްފައިފާނދޭވެ.] މިއެވެ.]
ކީރިތި ޤުރްއާނުގެ ސަބަބުން އޭނާއަށް ލިބުނު މަތިވެރި ގަދަރާއި ޢިއްޒަތަށްޓަކައި އޭނާ ﷲ އަށް ޝުކުރު ދެންނެވިއެވެ. [1]
[1] މި ވާގިއާ ނަކަލުކޮށްފައި މިވަނީ نوادر و عجائب މި ފޮތުގެ 155 ވަނަ ސަފުހާއިންނެވެ. އެ ފޮތުގެ ލިޔުންތެރިޔާ މި ވާގިއާ ނެންގެވީ شيخ محمّد الشّنقيطي ގެ ތަގުރީރަކުންނެވެ. އަޅުގަނޑު މިޔަށް ކުޑަ ބަދަލެއް ގެނައި ނަމަވެސް މަފުހޫމަކަށް ބަދަލެއް ނުގެންނަމެވެ.