ތަޒްކީރުލްޤުރްއާން – 5

2 – ސޫރަތުލް ބަޤަރާ
(40 ވަނަ އާޔަތުން ފެށިގެން 61 ވަނަ އާޔަތުގެ ނިޔަލަށް)


يَا بَنِي إِسْرَائِيلَ اذْكُرُوا نِعْمَتِيَ الَّتِي أَنْعَمْتُ عَلَيْكُمْ وَأَوْفُوا بِعَهْدِي أُوفِ بِعَهْدِكُمْ وَإِيَّايَ فَارْهَبُونِ (40) وَآَمِنُوا بِمَا أَنْزَلْتُ مُصَدِّقًا لِمَا مَعَكُمْ وَلَا تَكُونُوا أَوَّلَ كَافِرٍ بِهِ وَلَا تَشْتَرُوا بِآَيَاتِي ثَمَنًا قَلِيلًا وَإِيَّايَ فَاتَّقُونِ (41) وَلَا تَلْبِسُوا الْحَقَّ بِالْبَاطِلِ وَتَكْتُمُوا الْحَقَّ وَأَنْتُمْ تَعْلَمُونَ (42) وَأَقِيمُوا الصَّلَاةَ وَآَتُوا الزَّكَاةَ وَارْكَعُوا مَعَ الرَّاكِعِينَ (43) أَتَأْمُرُونَ النَّاسَ بِالْبِرِّ وَتَنْسَوْنَ أَنْفُسَكُمْ وَأَنْتُمْ تَتْلُونَ الْكِتَابَ أَفَلَا تَعْقِلُونَ (44) وَاسْتَعِينُوا بِالصَّبْرِ وَالصَّلَاةِ وَإِنَّهَا لَكَبِيرَةٌ إِلَّا عَلَى الْخَاشِعِينَ (45) الَّذِينَ يَظُنُّونَ أَنَّهُمْ مُلَاقُو رَبِّهِمْ وَأَنَّهُمْ إِلَيْهِ رَاجِعُونَ (46)


  1. އޭ އިސްރާއީލުގެދަރިންނޭވެ! ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ދެއްވި ނިޢުމަތް ތިޔަބައިމީހުން ހަނދުމަކުރާށެވެ! އަދި ތިމަންރަސްކަލާނގެ ޢަހްދު ތިޔަބައިމީހުން ފުއްދާށެވެ! (އެބަހީ: ތަވްރާތުގައި ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އަންގަވާފައިވާ އެންގެވުންތަކަށް ކިޔަމަންވެ، އެގޮތުގެމަތިން ޢަމަލުކުރާށެވެ!) އޭރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ ޢަހްދުފުއްދަވާހުށީމެވެ. (އެބަހީ: ކިޔަމަންގަތް އަޅުންނަށް ދެއްވާނެކަމަށް އަންގަވާފައިވާ ހެޔޮ ޖަޒާ ދެއްވާހުށީމެވެ.) އަދި ހަމައެކަނި ތިމަންރަސްކަލާނގެއަށް ތިޔަބައިމީހުން ބިރުވެތިވާށެވެ!
  2. އަދި ތިޔަބައިމީހުންނާ އެކުގައިވާ ފޮތް (އެބަހީ: ތަވްރާތު) ތެދުކުރަނިވި ގޮތުގައިވާ، ތިމަންރަސްކަލާނގެ ބާވައިލެއްވި ފޮތަށް (އެބަހީ: ޤުރްއާނަށް) ތިޔަބައިމީހުން އީމާންވާށެވެ! އަދި އެފޮތަށް އެންމެ ފުރަތަމައިން ކާފިރުވާ ބަޔަކު ކަމުގައި ތިޔަބައިމީހުން ނުވާށެވެ! އަދި ތިމަންރަސްކަލާނގެ އާޔަތްތަކަށް، ކުޑައަގެއް ތިޔަބައިމީހުން ނުގަންނާށެވެ! (އެބަހީ: ދުންޔަވީ އުފާތަކުގެ ތެރެއިން ތިމަންރަސްކަލާނގެ ޙަރާމްކުރެއްވި ކަންތައްތައްފަދަ އެއްޗަކަށް ނުވާކަހަލަ އެއްޗަކަށްޓަކައި، ތިމަންރަސްކަލާނގެ އަންގަވާފައިވާ އެންގެވުންތަކަށް ފުރަގަސްނުދޭށެވެ!) އަދި ހަމައެކަނި ތިމަންރަސްކަލާނގެއަށް ތަގުވާވެރިވާށެވެ!
  3. އަދި ތިޔަބައިމީހުން ޙައްޤާއި ބާޠިލް އޮޅުވައިނުލާށެވެ! އަދި ތިޔަބައިމީހުން ދެނެތިބި ހާލުގައި ޙައްޤު ވަންހަނާ ނުކުރާށެވެ!
  4. އަދި ތިޔަބައިމީހުން ނަމާދު ގާއިމުކުރާށެވެ! އަދި ތިޔަބައިމީހުން ޒަކާތް ދޭށެވެ! އަދި ރުކޫޢުކުރާ މީހުންނާ އެކުގައި ތިޔަބައިމީހުން ރުކޫޢުކުރާށެވެ!
  5. ތިޔަބައިމީހުން ފޮތް ކިޔަވަކިޔަވައި ތިބޭ ހާލުގައި ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކުގެމަތިން ހަނދާން ނައްތާލައި، މީސްތަކުންނަށް ހެޔޮކަންތަކަށް އަމުރުކުރަނީ ހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން ނުވިސްނަނީ ހެއްޔެވެ؟
  6. އަދި ކެތްތެރިކަމާއި ނަމާދުން ތިޔަބައިމީހުން ވާގިހޯދާށެވެ! ބިރުވެތިވެ މަޑުމައިތިރިވާ މީހުންނަށް މެނުވީ، ހަމަކަށަވަރުން، އެއީ ވަރަށް ބޮޑުކަމެކެވެ. (އެބަހީ: ދަތި އުނދަގޫ ކަމެކެވެ.)
  7. އެއުރެންނީ، އެއުރެންގެ ވެރިރަސްކަލާނގެއާ ބައްދަލުވާނޭ ބަޔަކުކަމާއި، އެކަލާނގެ ޙަޟްރަތަށް އެނބުރި ރުޖޫޢަވަނިވި ބަޔަކުކަން ކަށަވަރުކޮށް ޔަގީންކުރާ މީހުންނެވެ.

ބަޔާނެއް: ބައެއްގެ މައްޗަށް ﷲ ލައްވާ އެންމެ ބޮޑު ނަޙުމަތަކީ ނުވަތަ ބަޔަކަށް ﷲ ދެއްވާ އެންމެ ބޮޑު ނިޢުމަތަކީ އެ ބައެއްގެ ގާތަށް އެކަލާނގެ ރަސޫލަކު ނުވަތަ ނަބިއްޔަކު ފޮނުއްވައި، ތާއަބަދުގެ ފަލާޙުގެ މަގު (ތެދު މަގު) ދެއްކެވުމެވެ. އެންމެ ފަހުގެ ނަބިއްޔާގެ ކުރީން ﷲ މި ނިޢުމަތް ދެއްވީ ބަނީ އިސްރާއީލަށެވެ. ނުވަތަ ޔަހޫދީންނަށެވެ. އެހެން ނަމަވެސް ޒަމާންތަކެއް ފާއިތު ވެގެން ދިއުމާއެކު އެ މީހުން ވަނީ އެ މީހުންނަށް ދެއްވި ނިޢުމަތުގެ މަތީން ހަނދާން ނައްތާލައިފައެވެ. ދީނަކީ ވަކި ދުވަސްވަރެއްގައި ބާއްވާ ޙާއްޞަ ރަސްމިއްޔާތެއް ކަމުގައި ހަދައިފައެވެ. ތިމާގެ ހިތުގެ އަޑީން ގަބޫލު ކޮށްގެން ޢަޤީދާއެއްގެ ގޮތުގައި ދަމަހައްޓާ އިޚްތިޔާރީ ކަމެއްގެ ގޮތުގައި އޮތް އޮތުން ދޫކޮށްލައިފައެވެ. ޙަޤީޤަތް ފައުޅުވީ މުޙައްމަދު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ރަސޫލު ކަމައިގެން ފޮނުއްވުނީމައެވެ. އެކަލޭގެފާނު ވަޑައިގެން ހެޔޮ ދީނަށް ގޮވައިލެއްވީމާ އެ މީހުންގެ ތެރެއިން ހެޔޮ ޒަމީރެއް އޮތް މީހަކު ނަމަ އެކަލޭގެފާނުގެ ބަސްފުޅަށް އީމާންވެ ތެދު ކޮށްގެންފިއެވެ. އަދި އެކަލޭގެފާނުގެ އަރިހުގައި ފައިތިލަ ސާބިތުކޮށްގެންފިއެވެ. އަދި އޭގެ ތެރެއިން ދީނަކީ ވާރުތަ ވަމުން އައި ރަސްމިއްޔާތެއް ކަމަށް ގަބޫލު ކޮށްގެނެް ތިބި މީހުންނަށް އެކަލޭގެފާނު ބަސްފުޅު ވެގެން ދިޔައީ ގަބޫލު ނުކުރެވޭ ފަދަ ބަސްފުޅު ތަކަކަށެވެ. އެ މީހުން މަގުފުރެދުނީއެވެ. އެ މީހުން އެންމެން އެކީގައި އެކަލޭގެފާނާ ދެކޮޅަށް ތެދުވީއެވެ.

އެބައި މީހުން މިފަދައިން ކަންތައް ކުޅަ ކަމުގައި ވިޔަސް އެންމެ ފަހުގެ ރަސޫލާ ގަބޫލު ކުރުމަށްޓަކައި ފައުޅުވެ އަލިވެގެންވާ ހެކިތަކެއް އެ މީހުންގެ ފޮތް ކަމުގައިވާ ތައުރާތުގައި ވަނީ ބާވައިލައްވައިފައެވެ. އެހެކި ތަކުގެ އަލީގައި އެކަލޭގެފާނަކީ ތެދުވެރި ރަސޫލެއްކަން ދެނެގަތުމަކީ އުނދަގޫ ކަމެއް ނޫނެވެ. އެހެންނަމަވެސް ދުނިޔޭގެ ފައިދާއާއި އެދުމަށްޓަކައި އެމީހުން ތެދު ގަބޫލު ކުރާން އިންކާރު ކުޅައީއެވެ. ކާބަފައިންގެ ތަޚުތުގައި ވެޑުވިގެން ތިބެ ޢާއްމުންގެ މައްޗަށް އަނިޔާވެރި ވަމުން ދިޔައީއެވެ. ދީނުގެ ނަމުގައި ކޮންމެ އަހަރަކު އެތައް ފަހަރަކު އެ މީހުންނަށް އެކި ކަހަލަ ހަދިޔާތައް ދިޔައީ ލިބެމުންނެވެ. އާދައިގެ ދެރަ މީހުންގެ ކަމަކަށް އޮންނަނީ އެ މީހުންގެ ބޭނުންތައް ފުއްދައި ދިނުމެވެ. އެ މީހުންނަށް ފެނުނު ގޮތުގައި އެންމެ ފަހުގެ ނަބިއްޔާއަށް އީމާން ވެއްޖެ ނަމަ އެ މީހުންގެ ދީނީ ހައިބަތު ގެއްލި ވެއްޔާ މޮޑެވިދާނެއެވެ. ލިބެމުން ދިޔަ މަންފާތަކުން މަޙްރޫމް ވެދާނެއެވެ. ޔަހޫދީންނަކީ އެ ދުވަސްވަރު ދީނުގެ ބޮޑުންގެ ގޮތުގައި ތިބި މީހުންނެވެ. އެހެންވީމާ މީހުން އެ މީހުންގެ ގާތަށް އައިސް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ މަޢުލޫމާތު އޮޅުން ފިލުވައެވެ. ބޭކަލަކު ދީނަކަށް ގޮވައިލައްވާތީ އެއީ ކިހިނެއް ވަމުންދާ ކަމެއްތޯ ބަލާން މީހުން ބޭނުން ވެއެވެ. މީހުންގެ ސުވާލުތަކަށް އެކަށީގެންވާ ރަނގަޅު ޖަވާބެއް ނުދެވޭނޭކަން އެނގޭތީ އެ މީހުން ހަދާ ގޮތަކީ ފުލޯކު ނުވަތަ ތާކުން ތާކު ނުޖެހޭ ވާހަކަތަކެއް ދައްކައިގެން އެ ކަލޭގެފާނުގެ މައްޗަށް މީސްތަކުންގެ ހިތުގައި ޝައްކު އުފައްދަނީއެވެ. އެމީހުންގެ ވަޢުޘުތަކުގައި ގޮވައިލަނީ ޙައްޤަށް ބޯލަނބާށެވެ. އެކަމަކު ޢަމަލީ ގޮތުން ޙައްޤަށް ބޯލެނބުމުގެ ވަގުތު ޖެހުނީމާ އެމީހުން ދެކޮޅު ހެދީއެވެ.

ﷲ ގެ އެންގެވުމަށް ލައިބައްކައޭ ގޮވައިލުމުގައި ބައެއް މީހުންނަށް ހުރަސް ކުރާން އުނދަގޫ އޮޅިތަކެއް ހުރެއެވެ. އެތައް ޒަމާނެއް ވާންދެން ދިރިއުޅެމުން އައި ގޮތް ބަދަލު ކުރާން ބައެއް މީހުންނަށް އުނދަގޫ ވެއެވެ. ދުނިޔޭގެ ކުލަތަކާއި ދަޅަތަކަށް ހެއްލި ދީނީ ނަމެއްގައި މަތީ ޖަގަހަތަކަށް އަރައި ތިބޭ މީހުންނަށް އެ މީހުންގެ ޢިއްޒަތާއި ޝަރަފު ގެއްލިގެން ހިނގައިދާނޭ ކަމުގެ ބިރު ހީވުމުން ތެދު މަގަށް އެނބުރިގަންނާކަށް ނުކެރެއެވެ. މިޔާއި ޚިލާފަށް ޚުޝޫޢަތްތެރިކަމުގައި ދިރިއުޅެމުން އައި ހެޔޮ ލަފާ މީހުންނަކަށް ތެދު މަގު ޚިޔާރު ކުރާކަށް އުނދަގުލެއް ނުވެއެވެ. އެމީހުންގެ ކުރިމަތީގައި ގިރާ ކުރާން ނުކެރޭ ވަރުގެ އޮޅިއެއް ނެތެވެ. ﷲ ހަނދުމަ ކުޅައުމާއި، ﷲ އަށްޓަކައި ހޭދަ ކުރުމަކީ އެމީހުންނަށް ލިބޭ އުފަލެކެވެ. ދުނިޔޭގެ ކުޅިވަރުގެ ތެރެއިން އެހެން މީސްމީހުން ލިބިގަންނަ އުފާވެރިކަމާއި ހިތްހަމަ ޖެހުން އެ މީހުން ލިބިގަންނަނީ ﷲ ގެ ޙުކުމްފުޅަށް ބޯލެނބުމާއި ކެތްތެރި ވުމުންނެވެ. ބިރު ގަންނާން ޖެހެނީ ﷲ ގެ ކޯފާއަށް ކަމާއި ދުނިޔޭގެ ދަތިކަމަކަށް ނޫންކަން އެ މީހުން ފިސާރި ރަނގަޅަށް ދަނެއެވެ.


يَا بَنِي إِسْرَائِيلَ اذْكُرُوا نِعْمَتِيَ الَّتِي أَنْعَمْتُ عَلَيْكُمْ وَأَنِّي فَضَّلْتُكُمْ عَلَى الْعَالَمِينَ (47) وَاتَّقُوا يَوْمًا لَا تَجْزِي نَفْسٌ عَنْ نَفْسٍ شَيْئًا وَلَا يُقْبَلُ مِنْهَا شَفَاعَةٌ وَلَا يُؤْخَذُ مِنْهَا عَدْلٌ وَلَا هُمْ يُنْصَرُونَ (48) وَإِذْ نَجَّيْنَاكُمْ مِنْ آَلِ فِرْعَوْنَ يَسُومُونَكُمْ سُوءَ الْعَذَابِ يُذَبِّحُونَ أَبْنَاءَكُمْ وَيَسْتَحْيُونَ نِسَاءَكُمْ وَفِي ذَلِكُمْ بَلَاءٌ مِنْ رَبِّكُمْ عَظِيمٌ (49) وَإِذْ فَرَقْنَا بِكُمُ الْبَحْرَ فَأَنْجَيْنَاكُمْ وَأَغْرَقْنَا آَلَ فِرْعَوْنَ وَأَنْتُمْ تَنْظُرُونَ (50) وَإِذْ وَاعَدْنَا مُوسَى أَرْبَعِينَ لَيْلَةً ثُمَّ اتَّخَذْتُمُ الْعِجْلَ مِنْ بَعْدِهِ وَأَنْتُمْ ظَالِمُونَ (51) ثُمَّ عَفَوْنَا عَنْكُمْ مِنْ بَعْدِ ذَلِكَ لَعَلَّكُمْ تَشْكُرُونَ (52) وَإِذْ آَتَيْنَا مُوسَى الْكِتَابَ وَالْفُرْقَانَ لَعَلَّكُمْ تَهْتَدُونَ (53) وَإِذْ قَالَ مُوسَى لِقَوْمِهِ يَا قَوْمِ إِنَّكُمْ ظَلَمْتُمْ أَنْفُسَكُمْ بِاتِّخَاذِكُمُ الْعِجْلَ فَتُوبُوا إِلَى بَارِئِكُمْ فَاقْتُلُوا أَنْفُسَكُمْ ذَلِكُمْ خَيْرٌ لَكُمْ عِنْدَ بَارِئِكُمْ فَتَابَ عَلَيْكُمْ إِنَّهُ هُوَ التَّوَّابُ الرَّحِيمُ (54) وَإِذْ قُلْتُمْ يَا مُوسَى لَنْ نُؤْمِنَ لَكَ حَتَّى نَرَى اللَّهَ جَهْرَةً فَأَخَذَتْكُمُ الصَّاعِقَةُ وَأَنْتُمْ تَنْظُرُونَ (55) ثُمَّ بَعَثْنَاكُمْ مِنْ بَعْدِ مَوْتِكُمْ لَعَلَّكُمْ تَشْكُرُونَ (56) وَظَلَّلْنَا عَلَيْكُمُ الْغَمَامَ وَأَنْزَلْنَا عَلَيْكُمُ الْمَنَّ وَالسَّلْوَى كُلُوا مِنْ طَيِّبَاتِ مَا رَزَقْنَاكُمْ وَمَا ظَلَمُونَا وَلَكِنْ كَانُوا أَنْفُسَهُمْ يَظْلِمُونَ (57)


  1. އޭ އިސްރާއީލުގެދަރިންނެވެ! ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ދެއްވި ނިޢުމަތާއި، އަދި (އެދުވަސްވަރުގެ) ޢަލަމްތަކުގެ މައްޗަށް ތިމަންރަސްކަލާނގެ ތިޔަބައިމީހުން މާތްކުރައްވާފައިވާކަން ހަނދުމަކުރާށެވެ!
  2. އެދުވަހަކުން އެއްވެސް ނަފްސަކަށް އެއްވެސް ނަފަސެއްގެ ކިބައިން ކަމެއް ފުއްދައިނުދެވޭނޭ، އަދި އެކެއްގެ ކިބައިން އަނެކެއްގެ ޝަފާޢަތް ގަބޫލު ނުކުރައްވާނޭ، އަދި އެކެއްގެ ކިބައިން ފިދުޔައެއްވެސް ނުހިއްޕަވާނޭ، އަދި އެއުރެންނަށް އެއްވެސް ފަރާތަކުން ނަސްރެއް ނުލިބޭނޭ ދުވަހަކަށް ތިޔަބައިމީހުން ބިރުވެތިވެ، ރައްކާތެރިވާށެވެ!
  3. އަދި ފިރްޢަވްނުގެ މީހުންގެ ކިބައިން ތިމަންރަސްކަލާނގެ ތިޔަބައިމީހުން ސަލާމަތް ކުރެއްވިހިނދު، ހަނދުމަކުރާށެވެ! އެއުރެން، ތިޔަބައިމީހުންނަށް ގަދަފަދަވެގެންވާ ޢަޒާބުގެ ރަހަ ދައްކަމުންގެންދެއެވެ. އެއުރެން ތިޔަބައިމީހުންގެ ފިރިހެންދަރިން ކަތިލައި، އަދި ތިޔަބައިމީހުންގެ އަންހެންދަރިން ނުމަރައި ބައިތިއްބަތެވެ. އެކަންތައްތަކުގައި، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތުން އައިސްފައިވާ ބޮޑު އިމްތިޙާނެއް ވެއެވެ.
  4. އަދި ތިޔަބައިމީހުންނަށް، ތިމަންރަސްކަލާނގެ ކަނޑު އިރުއްވައި ދެއްވިހިނދު، ހަނދުމަކުރާށެވެ! ފަހެ، ތިމަންރަސްކަލާނގެ، ތިޔަބައިމީހުން (ޣަރަޤުން) ސަލާމަތްކުރައްވައި، ތިޔަބައިމީހުން ބަލަބަލައިތިއްބައި، ފިރްޢަވްނުގެ މީހުން ޣަރަޤުކުރެއްވީމެވެ.
  5. އަދި މޫސާގެފާނަށް، ތިމަންރަސްކަލާނގެ ސާޅީސް ރޭގެ މީޢާދެއެއް ކަނޑައެޅުއްވިހިނދު، ހަނދުމަކުރާށެވެ! ދެން އެއަށްފަހު (ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށް) ތިޔަބައިމީހުން އަނިޔާވެރިވާ ހާލުގައި ގެރިއަކީ އިލާހަކު ކަމުގައި ހަދައިގެން އުޅުނީމުއެވެ.
  6. ދެން އެކަންތަކަށް ފަހުގައި (އެކަމުގެ ކުށް) ތިޔަބައިމީހުންގެ ކިބައިން ތިމަންރަސްކަލާނގެ ޢަފޫކުރެއްވީމެވެ. (އެއީ) ތިޔަބައިމީހުން ޝުކުރުވެރިވުމަށްޓަކައެވެ.
  7. އަދި ތިމަންރަސްކަލާނގެ މޫސާގެފާނަށް ޙައްޤާއި ބާޠިލް ވަކިކުރަނިވި ފޮތް (އެބަހީ: ތަވްރާތު) ދެއްވިހިނދު، ހަނދުމަކުރާށެވެ! (އެއީ) ތިޔަބައިމީހުން، އެއިން ތެދުމަގު ލިބިގަތުމަށްޓަކައެވެ.
  8. އަދި މޫސާގެފާނު، އެކަލޭގެފާނުގެ ގައުމުގެމީހުންގެ ގާތުގައި (މިފަދައިން) ވިދާޅުވިހިނދު (ހަނދުމަކުރާށެވެ!) އޭ އަހުރެންގެ ގައުމުގެމީހުންނޭވެ! ތިޔަބައިމީހުން، ގެރިއަކީ އިލާހަކު ކަމުގައި ހެދުމުން، ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށް ތިޔަބައިމީހުން އަނިޔާވެރިވެއްޖެކަން ކަށަވަރެވެ. ފަހެ، ތިޔަބައިމީހުން އުފެއްދެވި ކަލާނގެއަށް ތައުބާވާށެވެ! އަދި ތިޔަބައިމީހުންގެ ނަފްސުތައް ގަތުލުކުރާށެވެ! ތިޔަބައިމީހުން އުފެއްދެވި ކަލާނގެ ޙަޟްރަތުގައި، އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ. ދެން އެކަލާނގެ ތިޔަބައިމީހުންގެ މައްޗަށް ތައުބާލެއްވިއެވެ. ހަމަކަށަވަރުން އެކަލާނގެއީ، ގިނަގިނައިން ތައުބާ ގަބޫލުކުރައްވާ ރަޙީމްވަންތަ ރަސްކަލާނގެއެވެ.
  9. އަދި އޭ މޫސާގެފާނެވެ! ފާޅުގައި އަހަރެމެން ﷲ ދެކެފުމަށްދާނދެން އަހަރެމެން ކަލޭގެފާނަކަށް އީމާނެއް ނުވާނޫއޭ ތިޔަބައިމީހުން ދެންނެވިހިނދު، ހަނދުމަކުރާށެވެ! ދެން ތިޔަބައިމީހުން ބަލަބަލައިތިއްބައި، ހޮނުގުގުރި ތިޔަބައިމީހުންގެ މަރު ހިފައިފިއެވެ.
  10. ދެން ތިޔަބައިމީހުން މަރުވުމަށްފަހު، ތިމަންރަސްކަލާނގެ ތިޔަބައިމީހުން އަލުން ދިރުއްވީމެވެ. (އެއީ) ތިޔަބައިމީހުން ޝުކުރުވެރިވުމަށްޓަކައެވެ.
  11. އަދި ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ މައްޗަށް އެ ވިލާގަނޑުން ހިޔާ އެޅުއްވީމެވެ. އަދި ތިޔަބައިމީހުންގެ މައްޗަށް މަންނައާއި ސަލްވާ ބާވައިލެއްވީމެވެ. ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ދެއްވި ހަލާލު ތަކެތިން ތިޔަބައިމީހުން ކައިއުޅޭށޭ އެންގެވީމެވެ. އެއުރެން އެ ނިޢުމަތަށް ކާފިރުވެ، އުރެދުމަކުން އެއުރެންނަކަށް ތިމަންރަސްކަލާނގެއަކަށް އަނިޔާއެއް ނުކުރެވުނެވެ. އެހެނެއްކަމަކު، އެއުރެން އަނިޔާކުރާ ކަމުގައިވީ، ހަމައެކަނި އެއުރެންގެ އަމިއްލަ ނަފްސުތަކަށެވެ.

(ނޯޓު: މަންނައަކީ ބައެއް މުފައްސިރުން ވިދާޅުވާ ގޮތުގައި ފިނިފައިބާގޮތަށް ފައިބާ އެއްޗެކެވެ. އެއީ މާމުއިކަހަލަ ފޮނި އެއްޗެކެވެ. އަނެއްބައި މުފައްސިރުން ވިދާޅުވާ ގޮތުގައި، އެއީ ގަނޑުފެނާ އެއްފަދަ، މާމުޔަށްވުރެ ފޮނި، ކިރަށްވުރެ ހުދު އެއްޗެކެވެ. ސަލްވާ އަކީ، ބާވަތެއްގެ ދޫންޏެކެވެ.)


ބަޔާނެއް: ދުނިޔޭގެ ވަރަށް ބޮޑެތި ފަސޭހަތަކާއި ނިޢުމަތްތައް ﷲ ތަޢާލާ ޔަހޫދީންނަށް ދެއްވިއެވެ. އެ މީހުންނަކީ ޚާއްޞަ ބައެއް ކަމުގައި ލެއްވިއެވެ. އެ މީހުންގެ މައްޗަށް ވަޙީ ބާވައިލައްވައި އެހެން ގައުމުތަކަށް އެ ވަޙީ ރައްދު ކުރުމުގެ ޒިންމާ އެ މީހުންގެ ކޮނޑުގައި އެޅުއްވިއެވެ. އެ ޒިންމާގެ ނިސްބަތުން އެތަކެއް ނިޢުމަތެއް ދެއްވިއެވެ. ދުޝްމަނުންގެ މައްޗަށް ބާރުގަދަ ވެގަތުމުގެ ނިޢުމަތާއި ވަގުތީ ދަތިކަމެއްގެ ތެރެއިން ގޮސް އާދަޔާ ޚިލާފު ޙާލަތްތަކުގައި އާދަޔާ ޚިލާފު ނަޞްރު ދެއްވުމާއި، އުޑުން ކާބޯތަކެތި ބާވައިލެއްވުން ފަދަ އެތައް ނިޢުމަތެއް ދެއްވިއެވެ. މި ނިޢުމަތުގެ ސަބަބުން ޔަހޫދީންގެ ފަހުގެ ނަސްލުތަކުގެ މީހުން ހީކުރާން ފެށީ އެބައި މީހުންނަކީ ޚާއްޞަ އުއްމަތެއް ކަމުގައި ﷲ ކަނޑައެޅުއްވީ ކަމުގައެވެ. ކޮންމެ ފަދަ ޙާލަތެއްގައިވެސް، ކޮންމެ ފަދަ ގޮތަކަށް އުޅުނު ކަމުގައި ވިޔަސް ﷲ ގެ ނަޞްރު އަބަދުވެސް ތިމަންމެނަށް ލިބޭނޭ ކަމަށް ހީކުރާން ފެށީއެވެ. އެހެންނަމަވެސް ﷲ ސުންނަތަކީ އެޔެއް ނޫނެވެ. ވަކި ބަޔަކަށް ވީތީ ވަކި ގޮތެއް ކަނޑައެޅުއްވުމަކީ ﷲ އިރާދަ ކުރައްވާ ގޮތެއް ނޫނެވެ. އެއްވެސް ގައުމެއްގެ ނަސްލެއް ދިރިއުޅުނު ގޮތެއްގެ ސަބަބުން ފަހުގެ ނަސްލަކަށް އޭގެ ފައިދާއެއް ކުރުން ލާޒިމު ކަމަކަށް އެކަލާނގެ ލައްވައިފައެއް ނުވެއެވެ. ކޮންމެ މީހަކަށްމެ ކަނޑައެޅިފައި ވަނީ އެ މީހަކު ކުޅަ ކަމެއްގެ ޖަޒާއެވެ. ﷲ އިންސާފު ކުރައްވާ ދުވަހަކީ އެންމެ މޮޅަށް ހިސާބު ބައްލަވާ ދުވަހެވެ. އެއީ އެ މީހަކު ކުޅަ ކަމެއްގެ ޖަޒާ ނޫނީ ނުލިބޭނޭ ދުވަހެކެވެ. ކުރީން އުޅުނު ބައެއްގެ ހެޔޮ ކަމުގެ ފައިދާ ފަހުން އުޅުނު ބަޔަކަށް ނުކުރާނެއެވެ.

ތެދުވެރިކަމާއެކު ދީންވެރިއަކަށް ވުމަކީ ﷲ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް އަޅުކަން ކުރުން ޙައްޤު ނޫން ކަމަށް ހިތުގެ އަޑީން ގަބޫލު ކުރުމެވެ. ތިމާގެ ލޮލަށް ﷲ ނުފެނުނު ކަމުގައި ވިޔަސް ﷲ ވޮޑިގެންވާ ކަމަށް ހެޔޮ ހިތުން ގަބޫލު ކުރުމެވެ. އާޚިރަތް ދުވަހުން ހިސާބު ބައްލަވާނޭކަން ދެނެހުރެ، އެ ދުވަހަށް ބިރުވެތިވާ ހާލު ދިރިއުޅެމުން ގެންދިއުމެވެ. ހަލާލު ގޮތުގައި ހޯދާ ތަކެތީން ތިމާގެ ދިރިއުޅުން އާރާސްތު ކުރުމެވެ. އިޚްތިޔާރާއި ބާރު ލިބިފައިވާ ނަމަ އެހެން މީހުންނަށްވެސް މިފަދައިން އުޅުމަށް އަންގައި ބާރު އެޅުމެވެ.


وَإِذْ قُلْنَا ادْخُلُوا هَذِهِ الْقَرْيَةَ فَكُلُوا مِنْهَا حَيْثُ شِئْتُمْ رَغَدًا وَادْخُلُوا الْبَابَ سُجَّدًا وَقُولُوا حِطَّةٌ نَغْفِرْ لَكُمْ خَطَايَاكُمْ وَسَنَزِيدُ الْمُحْسِنِينَ (58) فَبَدَّلَ الَّذِينَ ظَلَمُوا قَوْلًا غَيْرَ الَّذِي قِيلَ لَهُمْ فَأَنْزَلْنَا عَلَى الَّذِينَ ظَلَمُوا رِجْزًا مِنَ السَّمَاءِ بِمَا كَانُوا يَفْسُقُونَ (59) وَإِذِ اسْتَسْقَى مُوسَى لِقَوْمِهِ فَقُلْنَا اضْرِبْ بِعَصَاكَ الْحَجَرَ فَانْفَجَرَتْ مِنْهُ اثْنَتَا عَشْرَةَ عَيْنًا قَدْ عَلِمَ كُلُّ أُنَاسٍ مَشْرَبَهُمْ كُلُوا وَاشْرَبُوا مِنْ رِزْقِ اللَّهِ وَلَا تَعْثَوْا فِي الْأَرْضِ مُفْسِدِينَ (60) وَإِذْ قُلْتُمْ يَا مُوسَى لَنْ نَصْبِرَ عَلَى طَعَامٍ وَاحِدٍ فَادْعُ لَنَا رَبَّكَ يُخْرِجْ لَنَا مِمَّا تُنْبِتُ الْأَرْضُ مِنْ بَقْلِهَا وَقِثَّائِهَا وَفُومِهَا وَعَدَسِهَا وَبَصَلِهَا قَالَ أَتَسْتَبْدِلُونَ الَّذِي هُوَ أَدْنَى بِالَّذِي هُوَ خَيْرٌ اهْبِطُوا مِصْرًا فَإِنَّ لَكُمْ مَا سَأَلْتُمْ وَضُرِبَتْ عَلَيْهِمُ الذِّلَّةُ وَالْمَسْكَنَةُ وَبَاءُوا بِغَضَبٍ مِنَ اللَّهِ ذَلِكَ بِأَنَّهُمْ كَانُوا يَكْفُرُونَ بِآَيَاتِ اللَّهِ وَيَقْتُلُونَ النَّبِيِّينَ بِغَيْرِ الْحَقِّ ذَلِكَ بِمَا عَصَوْا وَكَانُوا يَعْتَدُونَ (61)


  1. އަދި ތިޔަބައިމީހުން މިއޮތް ރަށަށް ވަންނާށޭ ތިމަންރަސްކަލާނގެ ވަޙީކުރެއްވި ހިނދު، ހަނދުމަކުރާށެވެ! ފަހެ، ތަނަވަސްކަމާއެކުގައި ތިޔަބައިމީހުން އެދޭ ފަދައަކުން އެރަށުން ކައިއުޅޭށެވެ! އަދި ތިޔަބައިމީހުން ސަޖިދަކުރާ ހާލު (އެބަހީ: މަޑުމައިތިރިވެ، ކިޔަމަންވެގެންވާ ހާލު އެރަށުގެ) ދޮރޯށިން ވަންނާށެވެ! އަދި އަޅަމެންގެ އެދުމަކީ ކުށްފާފަތައް ފުއްސަވައި ޢަފޫކުރެއްވުމޭ ދަންނަވާށެވެ! އޭރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ތިޔަބައިމީހުންގެ ކުށްފާފަތައް ފުއްސަވާހުށީމެވެ. އަދި އިޙްސާންތެރިންނަށް ތިމަންރަސްކަލާނގެ (ހެޔޮކަން) އިތުރު ކުރައްވާހުށީމެވެ.
  2. ދެން (އޭގެތެރެއިން) އަނިޔާވެރިވި މީހުން، އެއުރެންނަށް ކިޔާށޭ އެންގެވި ބަސް އެނޫން ބަހަކަށް ބަދަލުކޮށްފޫއެވެ. ދެން އެ އަނިޔާވެރިވި މީހުންގެ މައްޗަށް، އެއުރެން ފާސިގުވި ކަމުގެ ސަބަބުން، އުޑުން ޢަޒާބެއް ތިމަންރަސްކަލާނގެ ބާވައިލެއްވީމެވެ.
  3. މޫސާގެފާނު އެކަލޭގެފާނުގެ ގައުމުގެމީހުންނަށްޓަކައި ފެނަށް އެދިވަޑައިގެން ދުޢާކުރެއްވިހިނދު، ހަނދުމަކުރާށެވެ! ފަހެ، (އެހިނދު މޫސާގެފާނަށް) ތިމަންރަސްކަލާނގެ ވަޙީކުރެއްވީމެވެ. ކަލޭގެފާނުގެ އަސާކޮޅުން، ކަލޭގެފާނު އެ ހިލައިގައި ޖައްސަވާށެވެ! ދެން (އެކަލޭގެފާނު އެހިލައިގައި ޖެއްސެވިހިނދު)
    އެހިލައިން ބާރަ ފެންއާރު އަރައިގެންފިއެވެ. ހަމަކަށަވަރުން ކޮންމެބަޔަކު، އެބަޔަކު ފެންބޯންވީ ޖާގަ ދެނެގެންފިއެވެ. (އަދި ތިމަންރަސްކަލާނގެ އެންގެވީމެވެ.) ތިޔަބައިމީހުން، ﷲ ދެއްވި ރިޒުގުން ކައިބޮއި އުޅޭށެވެ! އަދި ފާސިދުން ކަމުގައިވެތިބެ، ތިޔަބައިމީހުން ބިމުގައި ފަސާދަ ނުކުރާށެވެ!
  4. އަދި ތިޔަބައިމީހުން (މިފަދައިން) ދެންނެވިހިނދު، ހަނދުމަކުރާށެވެ! އޭ ގެފާނެވެ! އެއްބާވަތެއްގެ ކާނާއެއްގެ މައްޗަކަށް ތިމަންމެންނަކަށް ކެތެއް ނުކުރެވޭނެތެވެ. ފަހެ، ބިމުން ފަޅާ ގަސްގަހާގެހީގެ ތެރެއިން އޮށްޓަރުގެ ބާވަތްތަކާއި، قثاّء (އެބަހީ: ކެކުރި ވައްތަރުގެ ތަރުކާރީއެއް) އާއި، ލޮނުމެދާއި، މުގާއި، ފިޔާ، ތިމަންމެންނަށްޓަކައި ނެރުއްވައި ދެއްވުމަށް ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތަށް ދުޢާކޮށްދެއްވާށެވެ! އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުން މޮޅު ތަކެތީގެ ބަދަލުގައި ދެރަ ތަކެއްޗަށް އެދެނީ ހެއްޔެވެ؟ (އެގޮތް އެދެނީނަމަ) ތިޔަބައިމީހުން ބޮޑު ރަށަކަށް ފައިބާށެވެ! އޭރުން، ހަމަކަށަވަރުން ތިޔަބައިމީހުން އެދުނު ތަކެތި ލިބޭހުށްޓެވެ. ދެރަކަމާއި ނިކަމެތިކަން އެއުރެންނަށް ޖެހުނެވެ. އަދި ﷲގެ ކޯފާ އެއުރެންގެމައްޗަށް ޙައްޤުވެ، އެ ކޯފާއާއިގެން އެއުރެން އެނބުރިއައޫއެވެ. އެއީ، ހަމަކަށަވަރުން އެއުރެން ﷲގެ އާޔަތްތަކަށް ކާފިރުވެ، ޙައްޤަކާ ނުލައި ނަބީބޭކަލުން ގަތުލުކުރާ ބަޔަކު ކަމުގައިވީތީއެވެ. އެއީ، އެއުރެން އުރެދިގަނެ، އެކަމުގައި ހައްދުފަހަނަޅައި ދާކަމުގައި އެއުރެން ވިކަމަށްޓަކައެވެ.

ބަޔާނެއް: ޔަހޫދީންނަށް ﷲ އެތައް ނިޢުމަތެއް ދެއްވިއެވެ. ނަތީޖާ އަކަށް ވާންވީ އެ މީހުންގެ އީމާންކަން ވަރުގަދަވެ ﷲ އަށް ޝުކުރުވެރިވާ ބަޔަކު ކަމުގައި ވުމެވެ. އެހެންނަމަވެސް ކަންތައް ހިނގައި ދިޔައީ މިޔާ ދިމާ އިދިކޮޅަށެވެ. އެމީހުން ދިރިއުޅޭން ﷲ ބޮޑު ސަހަރެއް ދެއްވިއެވެ. އަދި އެ ސަހަރަށް ވަންނަ އިރު މަޑުމައިތިރިކަމާއި ކިޔަމަންތެރިކަމާއެކު ޢަފޫ ކުރެއްވުން އެދި ދުޢާ ދަންނަވަމުން ވަންނާން އެންގެވިއެވެ. ރަށެއް ފަތަޙަ ކޮށްގެން ވަންނަ ލަސްކަރެއް ފަދައިން ބޮޑާ ކަމާއެކު ވަނުން މަނާ ކުރެއްވިއެވެ. އެ އެންގެވުމާ ޚިލާފަށް އެމީހުން ގޮވަމުން ދިޔައީ އެހެން ބަނދިވަރެކެވެ. އެބައިމީހުންނަށްޓަކައި ﷲ އުޑުން މަންނައާއި ސަލްވާ ބާވައިލެއްވިއެވެ. އެއީ ކާންބޯން ކުރާ މަސައްކަތް ނުކޮށް ﷲ ގެ ޙުކުމްފުޅު ތަންފީޒު ކުރުމުގައި ވީހައިވެސް ގިނަ ވަގުތު ހޭދަ ކުރުމުގެ ފުރުސަތު ދެއްވުމުގެ ގޮތުންނެވެ. ސީދާ ﷲ ގެ ޙަޟުރަތުން ބާވައިލެއްވި ކާނާވެސް އެ މީހުންނަކަށް ކަމުފޮޅާ ގޮތެއް ނުވިއެވެ. ހަވާދާއި މަސާލާގެ ކާނާއަށް އެދި ޝަކުވާ ކުރާން ފަށައިފިއެވެ. ދުނިޔޭގައި އުޅޭން ބޭނުންވާ އެއްޗެއް ބޭނުންވާ ވަރަކަށް ބޭނުން ކުރުމުގައި ދެމިތިބުމުގެ ބަދަލުގައި އެ މީހުން ބޭނުންވީ ލައްޒަތާއި އަރާމުގެ މަގު ޚިޔާރު ކުރާށެވެ. އެބައިމީހުންގެ ޙިއްސުތައް ކޮށި ވެގެން ދިޔަ ވަރަކީ، ﷲ ގެ ހަޟުރަތުން ފެންނަމުން ދިޔަ ފައުޅުކަން ބޮޑު ހެކި ތަކާއެކުވެސް އެމީހުންގެ ހަރު ހިތްތަކަށް އަސަރެއް ނުކުރިއެވެ. އެބައިމީހުން ހަމަ މަގަށް އެޅުވުމަށްޓަކައި ﷲ ފޮނުއްވި ނަބިއްޔުންނަށް އަނިޔާކޮށް އެންމެ ފަހުން ގަތުލުވެސް ކުރީއެވެ. ޔަހޫދީންގެ ތެރެއަށް މިފަދަ ނުބައި ކަންތައްތައް ފެތުރިގެން ދިޔައީ އެބައިމީހުންނަކީ ކަނޑައެޅިގެން ދިންނަވާފައިވާ ޚާއްޞަ ބައެއް ކަމަށް ގަބޫލު ކުރެވުމުގެ ސަބަބުންނެވެ. އެހެން ﷲ ގެ ހަޟުރަތުގައި ފައިސަލާ ކުރެއްވުން އޮންނަނީ ނަސްލަކަށް ގަބީލާއަކަށް ޚާއްޞަ ވެގެންނެއް ނޫނެވެ. ޔަހޫދީއެއްގެ މައްޗަށްވެސް ޙުކުމް އިއްވަވާނީ ޔަހޫދީ ނޫން މީހެއްގެ މައްޗަށް ޙުކުމް އިއްވަވާ ގާނޫނުގެ ދަށުންނެވެ. ސުވަރުގެ ލިބޭނީ ސުވަރުގެ ޙައްޤުވާ ފަދަ ޢަމަލުތަކެއް ކުޅަ މީހަކަށެވެ. ވަކި ނަސްލަކަށް ނިސްބަތްވާ މީހަކަށް ނޫނެވެ.

ދުނިޔެ އިސްލާހު ކުރުމަކީ ޝުކުރުވެރިކަމާއި ކެތްތެރިކަމާއި ތަވާޟުޢުވެރިކަމާއި ކިޔަމަންތެރިކަމާއެކު ދުނިޔޭގައި އުޅުމެވެ. މިޔާ ޚިލާފަށް ޝުކުރުވެރިނުވެ ކެތްތެރިކަމެއް ނެތި ބޮޑާކަމާއި ނުކިޔަމަންތެރި ކަމުގައި ދުވަސްތައް ހޭދަ ކުރުމަކީ ދުނިޔެ ފަސާދަ ކުރުމެވެ. އެހެނީ އެފަދައިން ޢަމަލު ކުރުމުގެ ސަބަބުން ދުނިޔޭގައި ﷲ ލައްވައިފައިވާ ޠަބަޢީ ނިޒާމު ހަލާކު ވެގެން ހިނގައިދެއެވެ. އެއީ ތިމާއަށް ކަނޑައެޅިފައިވާ އިމުން ބޭރަށް ނުކުތުމެވެ. ﷲ ރުއްސަވާ ގޮތަކީ ކޮންމެ މީހަކުވެސް އެ މީހަކަށް ކަނޑައަޅުއްވައިފައިވާ ޚާއްޞަ އިމުގެ ތެރޭގައި އުޅުމެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.