ޢަރަބީންނާއި ޢަރަބިކަރަ
މިއަދު މާފަ މިފަށަނީ މާފަގެ ލޮބުވެތި ދޮންމާފަދަރިފުޅު دائـنــــة محــمّــــد أفــــراح خـلـيــل އަށް މަތިވެރި ޝަޚްޞިއްޔަތެއްގެ ވާހަކަ ކިޔައިދޭށެވެ. އެމަތިވެރި ސާހިބެއްގެ ސީރަތު ކިޔައިދޭން މިފަށާ މާތް ސާހިބާއަކީ އަރަހުށި މާތް اللّــــه އެންމެހައި ޢާލަމްތަކަށް ރަޙްމަތެއްކަމުގައި ފޮނުއްވި ސާހިބާއެވެ. އެމާތް ސާހިބާގެ ރިސާލަތަކީ ވަކި އިސްތިސްނާއެއްނެތި އެންމެހައި އިންސީންނާއި ޖިންނީންގެ ގާތަށް މާތް اللّــــه ފޮނުއްވި ހިދާޔަތުގެ މަގެކެވެ. އެއީ ރަޙްމަތުގެ ނަބިއްޔާއެވެ. އެމާތް ސާހިބާ ފުރިހަމަޔަށް ދެނެގަތުމަށްޓަކައި އެމާތް ސާހިބާގެ ނަސަބުފުޅާއި ވަޒަންވެސް އެނގިފައި އޮތުމަކީ ލާޒިމު ކަމެކެވެ.
ޢަރަބީން
ޢާލަމްތަކަށް ރަޙްމަތެއްކަމުގައި ފޮނުއްވި މާތް ނަބިއްޔާ محــمّــــد صـلّـــــى اللّــــه عــلـيــــه وســلّـــــم އަކީ ޢަރަބީންގެ ނަބިއްޔާއެވެ. އެމާތް ސާހިބާގެ ނަސަބުފުޅު ގުޅިފައިވަނީ ޢަރަބި ނަސްލާއެވެ. ވަޒަނަކީ ޢަރަބިކަރައެވެ. ޢަރަބިކަރައިގެ ތެރެއިން ޙިޖާޒުކަރައެވެ. އެމާތް ސާހިބާ ދުނިޔެއަށް ވަޑައިގެންނެވީ ޙިޖާޒުކަރައިގެ މައްކާގައެވެ.
ލޯބިވާ ދަރިފުޅާއެވެ. "عــــــرب" ނުވަތަ "الــعــــــرب" މިބަހުގެ ބަހަވީއެއް މާނައަކީ ބަހުގެ ފަންނުތަކަށް އާދަޔާ ޚިލާފަށް މޮޅު ބަސްވާރެވެ. ދެވަނަ މާނަޔަކީ އެތަނެއްގެ ބިމުގެ ބޮޑުބަޔަކީ ހިލަވެލި ސަހަރާތަކާއި ހިލަފަރުބަދަތައްކަމުގައިވާ ޤައުމެވެ. ނުވަތަ ބިމެވެ.
މުއައްރިޚުން ޢަރަބީން ބައްސަވައިފައިވަނީ ބޮޑުތިން ބަޔަކަށެވެ. އެއީ ޢަރަބު ބާއިދާއާއި ޢަރަބު ޢާރިބާއާއި ޢަރަބު މުސްތަޢުރިބާއެވެ. ޢަރަބު މުސްތައްރިބާއަކީ ސަލާމްލެއްވި إبــــراهــيـــــم ގެފާނުގެ ދަރިކަލުން إسمـــــاعـــيــــل عــلــيـــه الـسّــلام ގެ ނަސްލުންއައި ޢަރަބީންނެވެ. ނުވަތަ ޢަދްނާނިއްޔަ ޢަރަބީންނެވެ.
إبــــراهــيـــــم عــلــيـــه الـسّــلام އަކީ ޢިރާޤުކަރައިގެ ރަށެއްކަމުގައިވާ "އުރު" ގެ ބޭކަލެކެވެ. އެކަލޭގެފާނު އެރަށުން ހިޖްރަކުރައްވައި ވަޑައިގެންނެވީ ޙައްރާނަށެވެ. އެރަށުން ވަޑައިގެންނެވީ ފަލަސްޠީނަށެވެ. އެކަލޭގެފާނު ދަޢުވަތުގެ މަރުކަޒީ ތަނަކަށް ހެއްދެވީ ފަލަސްޠީނެވެ. إبــــراهــيـــــم عــلــيـــه الـسّــلام ފަލަސްޠީނުގައި އުޅުއްވި ދުވަސްވަރު ދަޢުވަތުގެ ދަތުރުފުޅެއްގައި އެކަލޭގެފާނުގެ އަނބިކަނބަލުން السّــيّــدة ســــارة ގޮވައިގެން އެއްފަހަރަކު މިސުރަށް ވަޑައިގެންނެވިއެވެ. السّــيّــدة ســــارة އަކީ މިސާލެއްނެތްފަދަ ރީތި ބޭކަނބަލެކެވެ. މިސުރުގެ ފިރުޢައުނަށް އެކަމަނާގެ ރީތިފުޅުކަމުގެ ޚަބަރު ލިބިވަޑައިގަތުމުން އޭނާގެ ދަރުބާރަށް އެކަމަނާ ގެންދެވިއެވެ. އޭނާ ނުބައި ނިޔަތެއްގައި އެކަމަނާއާ ބެހިވަޑައިގަންނަވާން ޤަޞްދުކުރެއްވިއެވެ. ނަމަވެސް އަރަހުށި މާތް اللّــــه ފިރުޢައުނުގެ ކިބައިން އެކަމަނާ ރައްކައުތެރި ކުރެއްވިއެވެ. އަރަހުށި މާތް اللّــــه ފިރުޢައުނަށް ދެއްކެވި ކަންތައްތަކުން ފިރުޢައުނަށް ޔަޤީންވެވަޑައިގަތީ السّــيّــدة ســــارة އަކީ އަރަހުށި މާތް اللّــــه ޚާއްޞަގޮތެއްގައި ކުއްތަންކުރައްވައި ޙިމާޔަތްކުރައްވައިފައިވާ ބޭކަނބަލެއްކަމެވެ. އެކަމުން ފިރުޢައުނަށްކުރި އަސަރުން السّــيّــدة ســــارة ދޫކޮށްލެއްވިއެވެ. އޭނާގެ ދަރިކަނބަލުން هـــاجـــــــر އެކަމަނާގެ ޚިދުމަތަށް ވެދުމަކަށް އެރުވިއެވެ.
ޢާންމުގޮތެއްގައި މަޝްހޫރުވެފައި އޮންނަގޮތުގައި هـــاجـــــــر އަކީ ފިރުޢައުނުގެ ކަނީޒެކެވެ. އޭނާ ހައްޔަރުކޮށްފައި އިންނެވި އަސީރާއެކެވެ. ނަމަވެސް عــلاّمــــة قــاضــــى محــمّــــد سـليمـــان سـلـمـــان مـنـصــــور ޕޫރީ ފުރިހަމަ ތަޙްޤީޤަކުން ސާބިތު ކުރައްވައިފައިވާ ގޮތުގައި އެކަމަނާއަކީ ފިރްޢައުނުގެ ދަރިކަނބަލެކެވެ. (އައްރަޙީޤުލް މަޚްތޫމީ: ޞަފްޙާ 3، ރަޙްމަތައްލިލް ޢާލަމީން: 2/36، 37) السّــيّــدة ســــارة، السّــيّــدة هـــاجـــــــر އާ إبــــراهــيـــــم عــلــيـــه الـسّــلام އާ ކާވެނިކޮށްދެއްވިއެވެ. إسمـــــاعـــيــــل عــلــيـــه الـسّــلام އަކީ، السّــيّــدة هـــاجـــــــر، إبــــراهــيـــــم عــلــيـــه الـسّــلام އަށް ރައްކައުވި ދަރިކަލުންނެވެ.
ޢަރަބިކަރައިގެ ސަރަޙައްދު
ޢަރަބިކަރައާއި ޙިޖާޒުކަރަ
ލޯބިވާ ކުޑަދަރިފުޅު دائـنــــة އެވެ. އަހަރެމެންގެ ލޮބުވެތި ދިވެހިރާއްޖެ އެކަނޑެއްގެ މެދުތެރެއިން ހިއްކަވައިގެންފައިވާ ކަނޑަކީ އިންޑިޔާ ކަނޑެވެ. މުޙައްޤިޤު ޢިލްމުވެރީންގެ ޖަމާޢަތެއްގެ ބޭކަލުންގެ އަރިހުގައި މިކަނޑަށް އިންޑިޔާކަނޑޭ ކިޔުނީ އިންޑަސްވެލީގައި އުފެދުނު ވަރުގަދަ ތަހްޒީބެއްގެ ސަބަބުންނެވެ. އެހެންކަމުގައިވާނަމަ މިޒަމާނުގައި މިކަނޑުގެ ނަމުގެ ވެރިކަމަށް ދަޢުވާކުރާ އުތުރުކަރައިގެ މީހުންނަކީ އެނަން ލިބިގަތުމުގެ ޙައްޤު އޮތްބަޔެއް ނޫނެވެ. ކޮންމެއަކަސް މިކަނޑުގެ މެދުތެރޭގައި ހަތަރު ފަރާތުން މިކަނޑަށް އިންވެފައިވާ ޤައުމަކީ އަހަރެމެންގެ ދިވެހިރާއްޖެއެވެ. މިކަނޑުގެ ބިމުއަޑީގެ ޗާޓަށް ބަލާއިރު ރާއްޖެ ހިއްކަވައިގެންފައިވާ އަށީގެ އުތުރުކޮޅުން މަލިކާއި އެއަށްވުރެ ތަންކޮޅެއް ފޭއިން ލަކުޑިދީބު މިހާރުވަނީ ރާއްޖެއަށް ގެއްލިފައެވެ. ދެކުނުކޮޅުން ފޯޅަވަހިވެސް ވަނީ ގެއްލިފައެވެ. އެހެންކަމާއެކުވެސް މިކަނޑަށް ދިވެހިރާއްޖޭގެ ކަނޑޭ ނުކިޔާންވީ ސަބަބެއްނެތެވެ. ކޮންމެއަކަސް އެވާހަކަތަކަކީ މާފަގެ ލޯބި ކުޑަދަރިފުޅަށް މާފަ މިކިޔައިދޭ ވާހަކަޔާ ތަންކޮޅެއްދުރު މައުޟޫޢެއްކަމުގައިވާތީ އެވާހަކަތައް ދޫކޮށްލަމެވެ.
އަހަރެމެންގެ ރާއްޖެ އެކަނޑެއްގެ މެދުތެރޭގައިވާ ކަނޑުގެ އުތުރުން މިކަނޑާ ގުޅިފައިވަނީ ޢަރަބިކަނޑެވެ. އެކަނޑާ ގުޅިފައިވާ އެންމެ ޚާއްޞަ އެއްކަރަޔަކީ ޢަރަބިކަރައެވެ. ޢަރަބިކަރައިގެ އެންމެބޮޑު ބަޔަކީ ހިލަވެއްޔާއި ހިލަފަރުބަދަތަކުގެ މައްޗަށް އެކުލެވިފައިވާ ބައެކެވެ. އާބާދުނުވާ ހަނަފަސް ބައެކެވެ. ކިރިޔާވެސް ފެހިކަންފުޅެއް ހުންނަނީ ދެފަރާތުގެ އައްސޭރިފަށުގެ އަރިވަރެއްގައެވެ. ޢަރަބިކަރައިގެ ވަޒަންވެރީން އާބާދުވެފައިވަނީ އެހިސާބުގައެވެ.
ޢަރަބިކަނޑުގެ އުތުރުން އެއްފަރާތަކުން އީރާނުގެ ގަލްފާ އަނެއްފަރާތުން ރަތްކަނޑާ ގުޅިފައިވާ ޖަޒީރާއަކާ ވައްތަރު ކަރަޔަކީ ޢަރަބިކަރައެވެ. ހިކިފަސްތަނުން އެކަރަޔާ ގުޅިފައިވަނީ ޢިރާޤުކަރަޔާއި ޝާމްކަރައިގެ ރަށްރަށެވެ. ރަތްކަނޑުގެ އައްސޭރިފަށުން ޝާމްކަރައިން ފެށިގެން ޔަމަނުކަރަޔާ ހަމައަށް ދެމިފައިވާ އަރިވަރަކީ ޙިޖާޒުކަރައެވެ. ހުޅަނގުފަރާތުން ޢަންމާނާއި އީރާނުގެ ގަލްފުގެ އައްސޭރީން ފެށިގެން ބަހްރައިނާއި ޔަމާމާއާއި ޢިރާޤާ ގުޅިފައިވާ ބަޔަކީ ނަޖުދުކަރައެވެ. ކުރީންވެސް މާފަ ކިޔައިދިން ފަދައިން ޝާމްކަރައިން ފެށިގެން ޔަމަނާ ހަމަޔަށް ރަތްކަނޑުގެ އައްސޭރީގެ ފަށަލައަކީ ޙިޖާޒުކަރައެވެ. ޙިޖާޒުކަރައިގައިވަނީ މަޝްހޫރު ތިން ރަށެކެވެ. މައްކާއާއި ޠާއިފާއި ޔަޘްރިބެވެ. އެތިން ރަށްވެސްވަނީ ރަޙްމަތުގެ ނަބިއްޔާ صـلّـــــى اللّــــه عــلـيــــه وســلّـــــم އާ ވަނީ ގުޅިފައެވެ.
އެއްކައުވަންތަކަމުގެ ދީނާއި ޝަރީކު ކުރުމުގެ ދީން
ލޯބިވާ ދަރިފުޅާއެވެ. ކީރިތި ޤުރްއާނުން އިޝާރާތް ލިބޭގޮތުގައި (الــبـقــــــرة: 213) آدم عــلــيـــه الـسّــلام އިން ފެށިގެން ބިންމަތީގައި އިންސާނުން އާބާދުވިއިރު އެންމެންގެވެސް ދީނަކަށްއޮތީ ތައުޙީދުގެ ދީނެވެ. އެތައްސަތޭކަ އަހަރުވަންދެން މިގޮތަށް މިކަން ދެމިއޮތެވެ. އޭގެފަހުން މީސްތަކުންގެ ތެރޭގައި ބޭރުންފެންނަ އެއްޗެހިތަކަށް އަޅުކަންކުރަން ފެށިއްޖެއެވެ. އެކަމަށް ކިޔޭ ދެވަނަ ނަމަކީ ޝިރުކެވެ. ޝަރީކު ކުރުމެވެ. ނުފެންނަކަލަކު ތިމާމެން ކުރިމަތިލާ ފަރާތަކަށް ހަދާން އިންސާނުންނަށް އުނދަގޫވީއެވެ. އެހެންކަމުން ކަލަކު ވޮޑިގެންވާކަމުގެ ޢަޤީދާ ޤަބޫލުކޮށްގެންތިބެ ތިމާމެންނަށް ފެންނަ އެއްޗެހިތަކަކަށް ކުރިމަތިލާން ފަށައިގަތީއެވެ. އެއީ އިރުހަނދާއި ތަރިތަކަށް އަޅުކަންކުރާން ފެށުނު ދައުރެވެ. އެދައުރުގައި އިންސާނުން ފަރުބަދަތަކާއި ކަނޑުތަކަކީވެސް ކަލާނގެތަކެއްކަމުގައި ވިސްނާން ފެށިއެވެ. އަދި ކީއްހެއްޔެވެ! އިންސާނުންކުރެވެސް އެމީހެއްގެ ކިބައިގައި ވެރިކަމުގެ އާރާއި ބާރާއި ޖާހުހުރި ކޮންމެ މީހަކީ ކަލާނގެ ބައިވެރިޔެއްކަމުގައި ޚިޔާލުކުރާން ފެށިއެވެ. މިގޮތުން ގާތްގަނޑަކަށް ހާހެއްހައި އަހަރުގެ ތެރޭގައިވަނީ، ފިކުރީގޮތުން ތައުޙީދަށް ލިބިފައިއޮތް އިސްކަންވަނީ ނެތިގެން ގޮސްފައެވެ. ޝިރުކުގެ ދީން ވަނީ އިންސާނުންގެ ސިކުނޑިތަކަށް ވެރިވެފައެވެ.
ލޯބިވާ ކުޑަދަރިފުޅާއެވެ. އެންމެފުރަތަމަ ފެށުނު ތައުޙީދުގެ ދީން މިގޮތަށް އޮޅި ޝިރުކު ޢާންމުވުމުން މާތް اللّــــه ނަބީބޭކަލުން ފޮނުއްވާން ފެއްޓެވިއެވެ. ނަމަވެސް ޝަރީކު ކުރުމުގެ ދީން ދުނިޔެއިން ފޮހެލައްވައި އެއްކައުވަންތަކަމުގެ ދީނަށް ދެވަނަފަހަރަށް ފުރިހަމަ ނަޞްރާއި ކާމިޔާބީ ހޯއްދަވައިދެއްވޭފަދަ މަޤްބޫލުކަމެއް އެނަބީބޭކަލުންނަކަށް ލިބިވަޑައެއް ނުގެންނެވިއެވެ. އެޒަމާނުގައި އިންސާނީ ނަސްލު ފެތުރިފައިއޮތް ހުރިހައި ތަނަކަށްވެސް އަރަހުށި މާތް اللّــــه އެއްނަބީބޭކަލަކަށްފަހު އަނެއް ނަބީބޭކަލަކު ފޮނުއްވަމުން ގެންދެވިއެވެ. (الـمــؤمــنــــون: 44) ޙަދީޘެއްގައިވާގޮތުން މިގޮތުން ފޮނުއްވުނު ނަބީބޭކަލުންގެ ޢަދަދަކީ ގާތްގަނޑަކަށް ދޮޅުލައްކައެވެ. ނަމަވެސް އެހުރިހައި ނަބީބޭކަލުންވެސް ހިމެނިވަޑައިގެންނެވީ ފުރައްސާރަ ކުރެވުމުގެ މައުޟޫޢެއް ކަމުގައެވެ. (يـاسـيــن: 30)
މީހަކު ޙައްޤަށް އިންކާރުކުރާއިރު އިންކާރުކުރަނީ އަދި ޙައްޤަށް ފުރައްސާރަކުރާން ތެދުވާއިރު އެކަމަކީ ހަމަ ހުރެލައިފައި ކުރާކަމަކަށެއް ނުވާނެއެވެ. މީހަކު އެކަހަލަގޮތެއް ޚިޔާރުކުރާނީ ކޮންމެވެސް ގޮތަކުން ބާރެއް ލިބިގަނެގެންނެވެ. އެކަމަކާހުރެ އޭނާ ޙައްޤާ އެއްކިބާވާ ކޮންމެވެސް ބޮޑާވެގަތުމުގެ ވަސީލަތެއް އޮވެގެންނެވެ. ކީރިތި ޤުރްއާނުގެ ســـــورة الــغــافـــــر ގެ 83 ވަނަ އާޔަތުގައި ވަޙީކުރައްވައިފައިވެއެވެ.
(ނުނިމޭ)

