މަވްލާނާ ވަޙީދުއްދީން ޚާން
ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް
އެއްވެސް މީހަކު އެ މީހަކަށް ލިބިފައިވާ ފުރިހަމަ މިނިވަންކަމާއެކުވެސް ﷲއަށް އީމާންވެ، މި ދުނިޔޭގައި ﷲ ކަނޑައަޅުއްވައިފައިވާ އުސޫލުތަކުގެ މައްޗަށް ދިރިއުޅުން ބިނާކޮށްފިނަމަ އާޚިރަތުގައި އޭނާއަށް ސުވަރުގެ ހައްގުވެއްޖެއެވެ.
މި ދުނިޔޭގައި ކޮންމެ މީހަކީވެސް މިނިވަނެކެވެ. އެއްވެސް މީހަކަށް ވަކި ކަމަކަށް ﷲ މަޖުބޫރެއް ނުކުރައްވައެވެ. އެކަމަކު މި ދުނިޔޭގެ ދިރިއުޅުން ކަނޑައަޅުއްވައިފައިވަނީ އެއްވެސް ހައްދެއް ނެތި ބޭނުންހައި ގޮތަކަށް އުޅޭ ގޮތަކަށް ނޫނެވެ. ﷲ ވަނީ އިންސާނާގެ ދުނިޔޭގެ ދިރިއުޅުން އިމްތިހާނެއް ކަމުގައި ލައްވައިފައެވެ. އިންސާނާއަށް މިނިވަންކަން ދެއްވުމުގެ މާނައަކީ އޭނާ އުޅޭނެހައި ގޮތަކަށް ދުނިޔޭގައި އުޅެފައި މަރުވެގެން ދިއުމެއް ނޫނެވެ. އޭނާއަށް ދެއްވައިފައިވާ މިނިވަންކަމަކީ އޭނާގެ ނިޔަތާއި ގަސްތުގެ މައްޗަށް ބިނާކޮށް އުސޫލީ ދިރިއުޅުމެއް އުޅޭން ދެއްވައިފައިވާ މިނިވަންކަމެކެވެ. ފުރިހަމަ އުސޫލުތަކަކަށް އޭނާ ބޯލަނބަނީ އަމިއްލަ އިޚުތިޔާރުގައެވެ.
މި ބުނެވުނު ގޮތަށް އިންސާނާ އުފެއްދެވުމުގެ ބޭނުންފުޅަކީ އެހެން ހުރިހައި މަޚްލޫގޫންނަށްވުރެ މަތިވެރި ބަޔަކަށް ވުމުގެ ފުރުސަތު ދެއްވުމެވެ. މި ފުރުސަތުގެ ބޭނުން ހިފައިގެން ހެޔޮ ދިރިއުޅުމެއް އުޅެ، އެހެން މަޚްލޫގުންނަށްވުރެ ރަނގަޅު ބަޔަކަށް އޭނާ ވަނީ އެއްވެސް ކަހަލަ މަޖުބޫރުކަމަކާއެކު ކުރާ މަސައްކަތަކުންނެއް ނޫނެވެ.
ﷲ ތަޢާލާ މި ދުނިޔޭގައި ލައްވައިފައިވާ ކޮންމެ އެއްޗެއްމެ ވަނީ އެކަލާނގެ ހުކުމްފުޅުގެ ދަށުގައެވެ. އިރުހަނދާއި ތަރިތަކާއި ގުރަހަތައް އެތަކެތީގެ ފަލަކުގައި ދައުރާނަވަނީ ﷲ އަމުރުފުޅުކުރައްވައިފައިވާ ގޮތަށެވެ. ގަސްގަހާގެއްސާއި ކޯރުތަކާއި ފަރުބަދަތައް ތިބެނީ ﷲއަށް ފުރިހަމައަށް ކިޔަމަންތެރިވެގެންނެވެ. ޖަނަވާރު ދިރިއުޅެނީ އެ ތަކެއްޗަށް ދެއްވައިފައިވާ ޚާއްސަ ހަމައަކަށް ފެތިގެން ﷲގެ އަމުރުފުޅާ އެއްގޮތަށެވެ. އެތަކެތި ހަރަކާތްތެރިވަނީ އެޔަށް ދެއްވައިފައިވާ މަޚްސޫސު ހިއްސުތަކުން ދައްކާ މަގަކުންނެވެ. އިންސާނުންނަކީ މިޔާ ޚިލާފު، އިސްތިސްނާއެކެވެ. މިނިވަންކަމާއި ބޭނުންވާހައި ގޮތަކަށް ވިސްނުމުގެ ނިޢުމަތް ދެއްވައިފައިވަނީ ހަމައެކަނި އިންސާނުންނަށެވެ.
މި މިނިވަންކަމުގެ ބޭނުންކޮށްގެން ގޮސް ވަންނާނޭ ދެ ދޮރެއް ﷲ ވަނީ ދައްކަވައިފައެވެ. އެއް ދޮރަކީ ނުކިޔަމަންތެރިކަމުގެ ދޮރެވެ. އެ ދޮރުން ވަދެ، ކިބުރުވެރިކަމާއި ގޮތްދޫނުކުރުމާއެކު، ބޭނުންހައި ގޮތަކަށް ތެޅިގަންނާންވީއެވެ. މިހެން އުޅޭ ކޮންމެ މީހަކު އިމްތިހާނުން ފޭލުވާނެއެވެ.
އަނެއް ދޮރަކީ އީމާންކަމުގެ ދޮރެވެ. އެއީ މިނިވަންކަމުގެ ބޭނުން ހެޔޮގޮތުގައި ހިފުމުގެ ދޮރެވެ. މި ދޮރުން ވަނުމަކީ އެއްވެސް މީހަކަށް މަޖުބޫރުކަމެއް ނޫނެވެ. އެކަމަކު ވަންނަ ކޮންމެ މީހަކީ އިމްތިހާނުން ފާސްވެއްޖެ މީހެކެވެ. އެފަދަ މީސްމީހުންނަށް ﷲ އިނާމު ދެއްވާނެއެވެ. އެއީ އިންސާނުން ފިޔަވައި އެހެން އެއްވެސް ބަޔަކަށް ދެއްވާ އިނާމެއް ނޫނެވެ. އެ އިނާމަކީ ﷲއާ ކުއްތަންވުމުގެ ޝަރަފު ލިބިގަތް އަޅުންނަށް ދެއްވާ އިނާމެކެވެ. އެމީހުން ތާއަބަދަށް އުފާވެރިކަމާއެކު އަރާމުގައި ދިރިއުޅޭނެއެވެ.
