މަވްލާނާ ވަޙީދުއްދީން ޚާން
ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް
އިންސާނާއަކީ ﷲއަށް ދަރަނިވެރިވެފައިވާ މީހެކެވެ. މި ހަގީގަތް އޭނާއަށް ގަބޫލުކުރެވިއްޖެ ނަމަ، ﷲއަކީ އޭނާގެ [ހުރިހައި އެއްޗެއް] ކަމަށް ގަބޫލުކުރާނެއެވެ. ތުއްތުކުއްޖެއްގެ ހުރިހައި އެއްޗަކީ މަންމަ ކަމުގައިވާ ފަދައިންނެވެ.
ކީރިތި ޤުރްއާނުގެ 2 ވަނަ ސޫރަތުގައި ﷲ ތަޢާލާ ވަޙީކުރައްވައިފައި ވެއެވެ. [ހަމަކަށަވަރުން އުޑުތަކާއި ބިން ހެއްދެވުމުގައްޔާއި، ރޭދުވާ ތަފާތު ވުމުގައްޔާއި، މީސްތަކުންނަށް މަންފާކުރާ ތަކެއްޗާއިގެން ކަނޑުމަތީގައި ދުވާ އުޅަނދުތަކުގައްޔާއި، ﷲ އުޑުން ވެއްސެވި ފެނުގައްޔާއި، ފަހެ، ބިން މަރުވެ އޮތުމަށްފަހު އެފެނުގެ ސަބަބުން ބިމަށް ދިރުން ދެއްވައިފުމާއި، އަދި ހިނގައިބިނގައިއުޅޭ އެންމެހާ ބާވަތްތަކުގެ ދިރޭތަކެތި، އެ ބިމުގައި ފަތުރުއްވައިފުމާއި، އަދި އެކި ފަރާތްފަރާތުން ޖެހޭގޮތުގައި ވައިޖެއްސެވުމުގައްޔާއި، އުޑާއި ބިމާ ދެމެދު ކިޔަމަންކުރައްވާފައިވާ ވިލާގައި، ވިސްނާބަޔަކަށް ކަނޑައެޅިގެންހުރި ހެކިތަކެއް ވާކަން ކަށަވަރެވެ.] (އަލްބަޤަރާ 164)
އަހަރެމެންގެ ކުރިމަތީގައި ފެތުރިފައި މިވާ ބޮޑު ކާއިނާތަކީ ﷲގެ މަތިވެރިވެގެންވާ ތައާރަފެކެވެ. ބިމާއި އުޑުތަކުގެ މާސިންގާ ކާރުޚާނާއެއް އޮތުމަކީ މި ކާރުޚާނާ ހެއްދެވި ފަރާތެއް ވާކަން ޔަގީންވާ ސަބަބެކެވެ. ބޭރުފުށުގެ ޚިލާފުތަކާއި ތަފާތުތަކާއެކުވެސް ހުރިހައި އެއްޗެއް ހަރަކާތްތެރިވަމުން ދަނީ ވަރަށް ފުރިހަމަކަމާއެކު، ފުށުއެރުމަކާ ނުލައެވެ. އެތަކެތި ހެއްދެވި އެއްކައުވަންތަ ފަރާތެއްވާކަން ސާބިތުވާ އެއް ހެއްކަކީ ކާއިނާތުން ފެންނަ މި ބުނެވުނު ފުރިހަމަކަމެވެ. ކާއިނާތުގައި ލައްވައިފައިވާ ތަކެތީގައި ފައިދާތަކެއް ފޯރުކޮށްދިނުމުގެ ގާބިލުކަން ހުރުމުން ދޭހަވަނީ އެ ތަކެތި ހައްދަވައިފައިވަނީ ވަކި ރޭއްވެވުމެއްގެ ދަށުން، ފުރިހަމަ އިރާދަފުޅަކާއެކުގައި ކަމެވެ.
ދިރުމެއް ނެތް އެއްޗިއްސަށް، ގުދުރަތީ އަމަލެއްގެ ސަބަބުން ދިރުމާއި ތާޒާކަން އަންނަ ގޮތްވުމުން ބުނެދެނީ މަރަކީ ހަމައެކަނި ވަގުތީ ފިޔަވައްސެއްކަމެވެ. މި ދުނިޔޭގައި އެއްޗެއް މަރުވުމަށް ފަހު އަނެއްކާވެސް ދިރުން ލިބިދެއެވެ. އެއް ފެނަކާއި އެއް ކާނާއަކުން ތަފާތު އެތައް ވައްތަރެއްގެ ދިރޭ ތަކެތި ގުނައި އަދަދު ނުކުރެވޭވަރަށް އުފެދުމަކީ ﷲގެ ގުދުރަތްތެރިކަމުގެ ވަކި މިންވަރެއް ނެތްކަން އަންގައިދޭ ކަމެކެވެ. އިންސާނާގެ ވަށައިގެން ހިނގަހިނގައި ހުންނަ ވަޔަކީ އޭނާ ވަނީ ﷲގެ ފުރިހަމަ ބާރުފުޅުގެ ދަށުގައިކަން އަންގައިދޭ ކަމެކެވެ. ކާއިނާތުގެ ހުރިހައި އެއްޗެއްމެ ލައްވައިފައިވަނީ އިންސާނާގެ ބޭނުންތަކަށްޓަކައި ކަމުގައްޔާއި، އިންސާނުންނަށް ބޭނުންވާ މިންވަރަށް ކަމުގައި ވުމަކީ އިންސާނާ އުފެއްދެވި ފަރާތަކީ ނުހަނު ހެޔޮފުޅުކަން ބޮޑު ފަރާތެއްކަން ސާބިތުވާ ކަމެކެވެ. އިންސާނާގެ ބޭނުންތައް ދުނިޔޭގައި ﷲ ލައްވައިފައިވަނީ އޭނާ ދުނިޔެއަށް އައުމުގެ މާކުރިންނެވެ.
އިންސާނާގެ ކަލާނގެއަކީ އެއް ކަލާނގެއެކެވެ. އިންސާނާގެ ސަމާލުކަމުގެ މަރުކަޒެއް ކަމުގައި ވުމަށް ގާބިލު ފަރާތަކީ ހަމައެކަނި އެއީއެވެ. މި ދުނިޔެއިން އަހަރެމެންނަށް ލިބޭ ކޮންމެ އެއްޗަކީ އެކަލާނގެ ނިއުމަތުގެ ޚަޒާނާއިން ލިބޭ އެއްޗެކެވެ. އެކަލާނގެއަކީ ހަގީގީ މާނައިގައި އޭނާ އަޅުކަންކުރާ ފަރާތްކަމުގައި ހެދުމަކީ އާދަމުގެ ދަރިޔާއަށް ވާޖިބު ކަމެކެވެ. އޭނާގެ ހުރިހައި އުއްމީދަކާއި އެދުމެއް އެކަލާނގެއާ ގުޅުވުމަކީވެސް އޭނާ ކުރުން ލާޒިމު ކަމެކެވެ.
