މަވްލާނާ ވަޙީދުއްދީން ޚާން
ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް
ކާއިނާތަކީ މާނައިން ފުރިފައިވާ ތަނެއް ކަން އެނގުމަކީ މަޣްލޫގުންގެ ޒަރީއާއިން ޚާލިގު ދެނެގަތުންފަދަ ކަމެކެވެ. ނަތީޖާއަކީ އިންސާނާއަކީ އާޚިރަތަށް އަމާޒުކޮށްގެން ﷲއަށް އަޅުކަންކުރާ މީހަކަށް ވުމެވެ.
ކީރިތި ޤުރްއާނުގެ 3 ވަނަ ސޫރަތުގައި ﷲ ވަޙީކުރައްވައިފައި ވެއެވެ. [ހަމަކަށަވަރުން، އުޑުތަކާއި ބިން ހެއްދެވުމުގައްޔާއި ރޭދުވާ ތަފާތުވުމުގައި، ބުއްދީގެ އަހުލުވެރިންނަށް ކަށަވަރުވެގެންހުރި ހެކިތަކެއްވެއެވެ. އެއުރެންނީ، ކޮޅަށް ތިބެގެންނާއި، އިށީނދެތިބެގެންނާއި، އޮށޯވެތިބެގެން، ﷲ ހަނދުމަކޮށް، އުޑުތަކާއި ބިން ހެއްދެވުމާމެދު، ފިކުރުކޮށް އުޅޭމީހުންނެވެ. (އެއުރެން ދަންނަވާނެތެވެ.) އަޅަމެންގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ މިތަކެތި ހައްދަވާފައި ވަނީ، ބާޠިލުގޮތެއްގައެއް ނޫނެވެ. އިބަރަސްކަލާނގެ ހުސްޠާހިރުވަންތަ ކަމާއެވެ! ފަހެ، ނަރަކައިގެ ޢަޛާބުން އަޅަމެން ދިންނަވާނދޭވެ! އަޅަމެންގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އިބަރަސްކަލާނގެ ނަރަކަޔަށް ވައްދަވައިފިމީހާ، ފަހެ، އިބަރަސްކަލާނގެ އެމީހަކު ނިކަމެތި ކުރައްވައިފިކަން ކަށަވަރެވެ. އަނިޔާވެރިންނަށް ނަސްރުދޭނެ އެއްވެސް ބަޔަކު ނުވެއެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އީމާންވުމަށް ގޮވާލައްވާ ރަސޫލަކު ތިޔަބައިމީހުންގެ ވެރިރަސްކަލާނގެޔަށް އީމާންވާށޭ ގޮވާލައްވާ އަޑު، ހަމަކަށަވަރުން، އަޅަމެން އެހީމުއެވެ. ދެން، އަޅަމެން އީމާންވީމުއެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! ފަހެ، އަޅަމެންނަށް އަޅަމެންގެ ފާފަތައް ފުއްސަވާނދޭވެ! އަދި، އަޅަމެންގެ ކިބައިން އަޅަމެންގެ ކުށްތައް ޢަފޫކުރައްވާނދޭވެ! އަދި، ހެޔޮލަފާ މީހުންނާއެކު އަޅަމެން މަރުގަންނަވާނދޭވެ! އަޅަމެންގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ ރަސޫލުންގެ ދޫފުޅުމަތީން އަޅަމެންނަށް ވަޢުދުކުރައްވާފައިވާ ކަންތައް، އަޅަމެންނަށް ދެއްވާނދޭވެ! އަދި، ގިޔާމަތްދުވަހުން އަޅަމެން ނިކަމެތި ނުކުރައްވާނދޭވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެ ވަޢުދާ ޚިލާފުވެ ވޮޑިއެއް ނުގަންނަވަމުއެވެ.] (އާލްޢިމްރާން: 190-194)
އިންސާނާ ދިރިއުޅެމުން ގެންދަނީ އޭނާގެ ވަށައިގެން އެކި ކަހަލަ ހެކިތަކާއި ނިޝާންތައް ލައްވައިފައިވާ ދުނިޔެއެއްގައެވެ. އެ ހުރިހައި ހެކިތަކެއް އިޝާރާތްކުރަނީ ހަގީގަތާ ދިމާއަށެވެ. އެ ހެކިތަކާއި ނިޝާންތަކާމެދު ވިސްނައި ފިކުރުކޮށް، އެ މެސެޖު އަޑުއަހާން މަސައްކަތްކުރާ މީހުންނަށް ހަމަ ކަށަވަރުން މަޚްލޫގުންގެ ހަރަކާތްތަކުން، އެ މަޚުލޫގުން ހެއްދެވި ފަރާތް ފާހަގަކުރެވޭނެއެވެ.
ކާއިނާތުގެ މާނަވިއްޔަތު ދެނެގަނެވުމަކީ އާދައިގެ ކަމެއް ނޫނެވެ. އެއީ މަޚުލޫގުންނަށް އެބައިމީހުންގެ ޚާލިގު މައުރިފާކުރެވުމެވެ. މި މައުރިފާކުރެވުމުގެ ލާޒިމީ ނަތީޖާއަކަށް ވާނީ އާދަމުގެ ދަރިޔާ ސީރިއަސް ވިސްނުމަކާއެކު އެ ދެނެގަނުވުނު ކަންތައްތައް އޭނާގެ ދިރިއުޅުމުގައި ޝާމިލުކޮށްގަތުމެވެ. އޭނާ ވެގެން ދާނީ ހަގީގަތް ދެނެގަންނާން މަސައްކަތްކޮށް، ދެނެގަނެވުނު ކަންތައްތައް ތިމައުރެންގެ ޝަޚްސިއްޔަތުގެ ބައެއް ކަމުގައި ހަދައިގަތް މަޚުލޫގުންގެ ބައިވެރިއަކު ކަމުގައެވެ.
ހަގީގަތް ދެނެގަނެވުމަކީ ފަލްސަފާއެއް ދެނެގަތުމެއް ނޫނެވެ. އެއީ ތިމާގެ ޒިންމާތައް ދެނެގަތުމެވެ. އެއީ ތިމާގެ ފެށުމާއި ނިމުން ދެނެގަތުމެވެ. މި ކަންތައްތައް ދެނެގަންނަ މީހާ ވެގެން ދާނީ ﷲއާ މެދު ޣާފިލުވުން ދޫކޮށް އެކަލާނގެއަށް އަޅުކަންކުރާ މީހަކަށެވެ. ނަރަކައިގެ މަގުން ހޫރެމުންދާ މީހަކަށް ވުމުގެ ބަދަލުގައި ސީދާވެގެންވާ ތެދުމަގުގައި ހިނގަމުންދާ މީހަކަށެވެ. އެ މަގަކީ އޭނާ ސުވަރުގެއާ ދިމާއަށް ގެންދާ މަގެވެ.
