އާދައެއްގެ ގޮތުގައި ކޮންމެ ދުވަހަކު ޒިކުރުކުރުން

މަވްލާނާ ވަޙީދުއްދީން ޚާން
ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް


އިންސާނާގެ ހިތް ތަގުވާވެރިކަމުން ފުރި ބަންޑުވީމާ އޭނާގެ ދުލުން ނުކުންނަ ލަފުޒުތަކަކީ ﷲ އަށް ޒިކުރުކުރުމުގެ ތާސީރެވެ.


އިސްލާމްދީނުގެ އެންމެ އަސާސީ އެއް ތައުލީމަކީ ޒިކުރުކުރުމެވެ. ޒިކުރުގެ މާނައަކީ ހަނދާންކުރުމެވެ. އެބަހީ ﷲ ހަނދުމަކުޅައުމެވެ. ﷲގެ މަތީން ހަނދާންނެތުމަކީ ޣާފިލުކަމެވެ. ﷲގެ މަތީން އެއްގޮތަކަށްވެސް ހަނދާން ނައްތައިނުލުމަކީ ޒިކުރެވެ.

މި ބުނެވުނުފަދައިން ޒިކުރުކުރުމަކީ ގުދުރަތީ ހަގީގަތެކެވެ. އިންސާނާ ގެންދަނީ ސީދާ ގޮތުގައި ﷲއާ ގުޅުންހުރި އެތައް ކަމަކާއި ތަކެއްޗެއްގެ ތަޖުރިބާ ކުރަމުންނެވެ. އޭނާއަށް އިރާއި ހަނދާއި ކޯރާއި ފަރުބަދައާއި ވަޔާއި ފެން ފެނެއެވެ. އިހުސާސްކުރެވެއެވެ. އެއީ ހައްތަހާވެސް ﷲ އުފައްދަވައިފައިވާ ތަކެއްޗެވެ. ﷲ އުފެއްދެވި ކޮންމެ މަޚުލޫގަކަށް ބަލައިލީނަމަވެސް ހަނދާނަށް އަންނާނީ ﷲއެވެ. އުޑާއި ބިމުގައި ލެއްވިގައި ތަކެއްޗަކުން ފެންނަނީ އެކަލާނގެ ކުޅަދުންވަންތަކަމާއި ކަމާލިއްޔަތެވެ. މި ހުރިހައި ތަކެއްޗެއްގެ ވުޖޫދުން ސާބިތުކޮށްދެނީ ﷲ ވޮޑިގެންވާކަމެވެ.

އިންސާނާ ދިރިއުޅޭ ދުނިޔޭގައި ހުރިހައި ވަގުތެއްގައިވެސް އޭނާ އުޅެމުން ދަނީ މި ބުނެވުނު ހުރިހައި އެއްޗެއްގެ ތެރޭގައެވެ. އެ ތަކެތީގެ ސަބަބުން އޭނާގެ ވިސްނުމާއި ސަމާލުކަން ﷲއާ ދިމާއަށް އަނބުރައިލައެވެ. މި އެއްޗެހީގެ ސަބަބުން އޭނާއަށް އަސަރެއްގެ ސަބަބުން ރައްބާނީ ރޫހެއް އޭނާގެ ކިބައިގައި އުފެދެއެވެ. މި ރޫޙު ލަފުޒުތަކެއްގެ ސިފައިގައި ހާމަކުރުމަކީ ޒިކުރުކުރުމެވެ.

ހަމައެހެންމެ އިންސާނާ އަބަދުމެ ގެންދަނީ ﷲގެ ކުޅަދުންވަންތަކަމުގެ ތަޖުރިބާ ކުރަމުންނެވެ. ޚުދު ތިމާގެ އަމިއްލަ ވުޖޫދުގެ މައްޗަށް ނަޒަރު ހިންގައިލިޔަސް ތިމަން ހައްދަވައިފައިވަނީ އެންމެ ފުރިހަމަ ގޮތުގައި ކަމުގެ އިހުސާސް އޭނާއަށް ކުރެވޭނެއެވެ. ހުރިހައި ބާރަކާއި ހަކަތައެއް ބޭނުންވާ މިންވަރަށް ދެއްވައިފައިވާކަން ރަނގަޅަށް އެނގޭނެއެވެ. މި އެނގުމުގެ އިހުސާސް އޭނާގެ ދުލަށް އަންނަނީ އެކި ސިފައިގައެވެ. އެއީވެސް ޒިކުރުކުރުމުގެ އެއް ގޮތެވެ.

އިންސާނާއަށް ދިރިއުޅުމުގައި އެތައް ހާލަތަކާ ކުރިމަތިލާން ޖެހެއެވެ. އެއް ދުވަހު ނޭދެވޭ ހާލަތެއް ކުރިމަތިވެފައި، އަނެއް ދުވަހު އުފާވެރި ހާލަތަކާ ކުރިމަތިލާން ޖެހިދާނެއެވެ. މި ތަޖުރިބާތައް ކުރަމުންދާއިރު އެތައް ފަހަރަކު ﷲގެ މަތީން ހަނދާންކުރެވޭގޮތް ވެއެވެ. އެޔާއެކު އެ ހަނދާންތައް ލަފުޒުތަކެއްގެ ގޮތުގައި ދުލުން ބޭރުވެސް ކުރެވެއެވެ.

ހަމަ މި ބީދައިން ކޮންމެ ދުވަހަކު އޭނާ ކުރާ އަޅުކަމުގައި އެކި ކަހަލަ ޒިކުރުތައް ކުރާން އޮންނަނީ ޖެހިފައެވެ. މިއީ ކީރިތި ޤުރްއާނާއި ހަދީސުގައި އައިސްފައިވާ ޒިކުރުތަކެކެވެ. ބައެއް ފަހަރު ކަލާނގެ ކުޅަދުންވަންތަކަމާއި ރަހުމަތަށް އިއުތިރާފުވުމުގެ ގޮތުން އިޚްތިޔާރަކާ ނުލައިވެސް ޒިކުރު ކުރެވޭގޮތް ވެއެވެ. މިހުރިހައި ބާވަތެއްގެ ހަނދާންކުރުމަކީވެސް ޒިކުރުކުރުމެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.