ﷲއަށް ޝުކުރުވެރިވުން

މަވްލާނާ ވަޙީދުއްދީން ޚާން
ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް


ކޮންމެ އަޅުކަމަކީވެސް އޭގެ ޒާތުގައި ﷲއަށް ޝުކުރުވެރިވުން ހާމަކޮށްދޭ ކަމެކެވެ. އެއީ ތަގުވާވެރި ދިރިއުޅުމެއްގެ އެއް އަސާސެވެ. ޝުކުރުވެރިވުމަކީ ﷲ ގެ ނިޢުމަތްތައް ފާހަގަކޮށް ގަބޫލުކުރުމެވެ.


ޝުކުރުވެރިވުމަކީ ﷲ ގެ ނިޢުމަތްތަކަށް އިއުތިރާފުވުމެވެ. ގަބޫލުކުރުމެވެ. މި އިއުތިރާފު ނުވަތަ ގަބޫލުކުރުން އުފެދެނީ ހިތުގައެވެ. ލަފުޒުތަކެއްގެ ސިފައިގައި ދުލަށް އަންނަނީ އޭގެ ފަހުންނެވެ.

އިންސާނުން ހައްދަވައިފައިވަނީ ހަށިގަނޑާއި ސިކުނޑިއާއެކު، އެންމެ ފުރިހަމަ ގޮތުގައެވެ. އިންސާނުންނަށް ބޭނުންވާ ހުރިހައި އެއްޗެއް ވަނީ ބޭނުންވާވަރަށް ލައްވައިފައެވެ. އުޑާއި ބިމުގައި ވާހައި އެއްޗެއް ލައްވައިފައިވަނީ އިންސާނުންގެ ޚިދުމަތުގައެވެ. ބިންމަތީގައި ދިރިއުޅޭށާއި ތަމައްދުނެއް ބިނާކުރުމަށްޓަކައި ބޭނުންވާ ހުރިހައި ކަމެއް ބޭނުންވާ މިންވަރަށް ވަނީ އިންތިޒާމުކުރައްވައިފައެވެ.

އިންސާނާ ހުރިހައި ވަގުތަކުމެ ގެންދަނީ މި ނިއުމަތްތައް ތަޖުރިބާކުރަމުންނެވެ. ވުމާއެކު ހުރިހައި ވަގުތެއްގައިވެސް ﷲއަށް ޝުކުރުވެރިވުންމަތީ ދެމިހުރަކީ އިންސާނާއަށް ލާޒިމުކަމެކެވެ. އޭނާގެ ހިތް ފުރިގެން ބަންޑުންވާން ވާނީ ޝުކުރުވެރިކަމުގެ ޝުޢޫރުންނެވެ.

ޝުކުރުގެ ހަގީގަތަކީ އިއުތިރާފުވުމެވެ. އިއުތިރާފޭ ކިޔަނީ އިންސާނުންގެ ނިސްބަތުގައެވެ. ﷲއަށް ނިސްބަތްކުރެވޭއިރު އެއީ ޝުކުރުވެރިވުމެވެ. އިއުތިރާފު، މި ލަފުޒު ބޭނުންކުރަނީ އިންސާނުން އެކަކު އަނެކަކަށް ކުރާ މުއާމަލާތްތަކުގައެވެ. ޝުކުރުވެރިވުން، މި ލަފުޒު ބޭނުން ކުރެވެނީ ﷲގެ ނިއުމަތްތަކަށް އިއުތިރާފުވުމުގެ މާނައިގައެވެ.

ޝުކުރުވެރިވުމަކީ ހުރިހައި އަޅުކަމެއްގެ ޚުލާސާއެވެ. ކޮންމެ އަޅުކަމަކީވެސް ޝުކުރުވެރިވުމުގެ ޖަޒުބާތުގެ އަމަލީ ތަސްވީރެކެވެ. ޝުކުރުވެރިވުމަކީ އެންމެ ކާމިލު އަދި އެންމެ ޖާމިޢު އަޅުކަމެވެ.

ޝުކުރުވެރިވުން ގުޅިފައިވަނީ އިންސާނާގެ މުޅި ވުޖޫދާއެވެ. އެންމެ ފުރަތަމަ އިންސާނާ އޭނާގެ ހިތުގައި ޝުކުރުވެރިވުމުގެ ޖަޒުބާތު ތާޒާކުރެއެވެ. އޭގެ ފަހުން ދުލުން އެތައް ފަހަރަކު ތަކުރާރުކޮށް އެ ޝުއޫރު ފައުޅުކުރެއެވެ. މި ޝުޢޫރު އޭނާގެ މުޅި ވުޖޫދަށް ވެރިވުމުން ދެން ފެންނަނީ އޭނާގެ މުދަލާއި ފައިސާއަށް ދާންދެން ﷲއަށްޓަކައި ޚަރަދުކުރާ މަންޒަރެވެ. އޭނާގެ ހިތުގައި އުފެދޭ ޝުކުރުވެރިކަމުގެ ޖަޒުބާތު އޭނާއަށް މަޖުބޫރުކުރަނީ އޭނާގެ ހުރިހައި ބާރަކާއި ވަގުތެއް، އޭނާއަށް އެ ބާރާއި ވަގުތު ދެއްވި ﷲއަށްޓަކައި ޚާއްސަކުރާށެވެ. އަހަރެމެންގެ މުޅި ވުޖޫދުގެ މިލްކުވެރިއަކީ ﷲއެވެ. މި ދުނިޔޭގައި ދިރިތިބެވެނީ ﷲ ދެއްވި ހަދިޔާއެއްގެ ގޮތުގައެވެ. މި ހަގީގަތް ހެޔޮހިތުން ގަބޫލުކުރުމާއި ގަބޫލުކުރާކަން އަމަލުން ދެއްކުމަށް ކިޔާ ނަމަކީ ޝުކުރުވެރިވުމެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.