މަވްލާނާ ވަޙީދުއްދީން ޚާން
ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް
ރޫހާނީ ލިބާހަކީ ތަގުވާވެރިކަމުގެ ލިބާހެވެ. ﷲއަށް ބިރުވެތިވުމާއި ހައްގަށް ބޯލެނބުމެވެ. ހެއު އަޚްލާގަކާއެކު ނިޔަނެތި ދިރިއުޅުމެއް އުޅުމެވެ. އަޅުކަމާއި އަބުރުވެރިކަމުގެ ދުވަސްތަކެއް ދުނިޔޭގައި ވޭތުކުރުމެވެ.
ކީރިތި ޤުރްއާނުގެ 7 ވަނަ ސޫރަތުގައި ﷲ ވަޙީކުރައްވައިފައި ވެއެވެ. [އޭ އާދަމުގެދަރިންނޭވެ! ތިޔަބައިމީހުންގެ އައުރަތައް ނިވައިކުރަނިވި ހެދުމާއި، ޒީނަތްތެރި ފޭރާން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ދެއްވީމެވެ. އަދި ތަގުވާގެ ފޭރާން މާހެޔޮކަން ބޮޑެވެ. އެކަންތައްތައްވަނީ، ﷲގެ އާޔަތްތަކުގެ ތެރެއިންނެވެ. (އެއީ) އެއުރެން ހަނދުމަ ކުރުމަށްޓަކައެވެ. އޭ އާދަމުގެދަރިންނޭވެ! ތިޔަބައިމީހުންގެ މައިންބަފައިން ކަމުގައިވި (އާދަމުގެފާނާއި ޙައްވާގެފާނާއި) ދެކަނބަލުންގެ އައުރަ އެ ދެކަނބަލުންނަށް ދެއްކުމަށްޓަކައި، އެ ދެކަނބަލުންގެ ފޭރާން ބާލައި، އެ ދެކަނބަލުން ސުވަރުގެއިން ނެރެލިފަދައިން، ޝައިތާނާ ތިޔަބައިމީހުން ހެއްލުންތެރިކުރިޔަ ނުދޭހުށިކަމެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންނަށް އެ ޝައިތާނުން ނުފެންނަހިނދުގައި، އެ ޝައިތާނާއާއި، އޭނާގެ ލަޝްކަރަށް ތިޔަބައިމީހުން ފެނެއެވެ. ހަމަކަށަވަރުން، އީމާންނުވާ މީހުންނަށް، ވާގިވެރިވާ ބަޔަކު ކަމުގައި، ތިމަންރަސްކަލާނގެ ޝައިތާނުން ލެއްވީމެވެ.] (އަލްއަޢްރާފް: 26-27)
ބޭރުފުށުގެ ލިބާހެކޭ އެއްފަދައިން އިންސާނާއަށް އެތެރެފުށުގެ ލިބާހެއް ނުވަތަ ރޫހާނީ ލިބާހެއްވެސް ބޭނުންވެއެވެ. އެއީ ތަގުވާވެރިކަމުގެ ލިބާހެވެ. ތަގުވާވެރިކަމުގެ ލިބާހަކީ ކޮބައިހެއްޔެވެ؟ އެއީ ﷲ ދެކެ ބިރުގަތުމެވެ. ޙައްގަށް ބޯލެނބުމެވެ. ތިމާއަށާއި އެހެން މީހުންނަށްޓަކައި އެއް މީޔާރެއް ގެންގުޅުމެވެ. ތިމާއަކީ ﷲގެ އަޅެއް ކަމަށް ގަބޫލުކުޅައުމެވެ. ތަވާޟުޢުވެރިކަމަކީ ތިމާގެ ޝިއާރުކަމަށް ގަބޫލުކުޅައުމެވެ. ދުނިޔެއަށް ހެއްލި، ގެއްލިގެން އުޅުމުގެ ބަދަލުގައި އާޚިރަތަށް ސަމާލުކަން ދިނުމެވެ. އާދަމުގެ ދަރިޔާ މި ބުނެވުނު ކަންތައްތައް ފުރިހަމަކުރީމާ، އެ ކުރެވޭ ކަމަކީ އެތެރެފުށުގެ ލިބާސް ނުވަތަ ރޫހާނީ ލިބާސްލުމެވެ. މިޔާ ޚިލާފަށް އުޅެގެންފިނަމަ އެތެރެފުށުން ބަރަހަނާވީއެވެ. ބޭރުފުށަށް ބޭނުންވަނީ ފޮތީގެ ލިބާހެވެ. އެތެރެފުށަށް ނުވަތަ ރޫހަށް ބޭނުންވަނީ ތަގުވާވެރިކަމުގެ ލިބާހެވެ.
ޝައިތާނާގެ މަސައްކަތަކީ އިންސާނުން މަގުފުރެއްދުމެވެ. އެ މަގަކުން ހިނގުން ﷲ މަނާކުރެއްވި މަގަކީ ހުރިހައި ރަނގަޅުކަމެއްގެ އަސްލުކަމުގައި އޭނާ ގެންދާނީ ދައްކަމުންނެވެ. އޭނާ އިންސާނާއާ ދިމާއަށް ދަނީ ނުހަނު މައުސޫމު މަގަކުންނެވެ. އެހެންވީމާ އޭނާ އެ ދައްކާ މަގަކީ މަގުފުރެދުމުގެ މަގުކަމަކަށް އިންސާނާއަކަށް ކުޑަކޮށްވެސް ޝައްކެއް ނުކުރެވެއެވެ. ޝައިތާނާ އާދަމުގެދަރިޔާއަށް ހަމަލަދެނީ އެންމެ ނާޒުކު ތަނެއް ނުވަތަ އެންމެ ނާޒުކު ދަނޑިވަޅެއް ބަލައިފައެވެ. ބައެއް ފަހަރު އެއްވެސް ފައިދާއެއް ނެތް ކަމެއް ވަރަށް ރީތި ލަފުޒުތަކެެއްގެ އެހީގައި ވަރަށް ރީތިކޮށް ދައްކާނެއެވެ. އަނެއްބައި ފަހަރު ފުލޯކު ކަމެއް ވަރަށް ބޮޑު ހަގީގަތެއްގެ ސިފައިގައި ގެނެސް ކުރިމައްޗަށް ހުށަހަޅާނެއެވެ. ބައެއް ފަހަރު ވަރަށް އާދައިގެ ކަމެއް ފައިދާގެ ޚަޒާނާއެއްހެން ހީވާ ގޮތަށް ގެނެސްދޭނެއެވެ. އެޔާއެކު މީސްތަކުން އެޔާ ދިމާއަށް ދުއްވައިގަންނާނެއެވެ. އަނެއްބައި ފަހަރު އެއްވެސް ފައިދާއެއް ނުވާ ކަމެއް، އެއީ ހުރިހައި ތަރައްގީއެއްގެ ސިއްރުކަމުގައި ހަދައިގެން ދައްކާނެއެވެ. ނުވަތަ ފަނާކުރުވަނިވި ކަމެއް ހުރިހައި ތާމީރެއްގެ އަސްލުކަމުގައި ހަދައިގެން ނެރެ ހާމަކުރާނެއެވެ.
ޝައިތާނާ، އޭނާގެ ފަޅިއަށް ގެންދިމުގައި ކާމިޔާބީ ހޯދަނީ ﷲގެ ހެކިތަކާމެދު ވިސްނައި ފިކުރުނުކުރާ މީހުންނެވެ. ދަލީލުގެ ބަހުރުވަ ގަބޫލުކުރާން ތައްޔާރަށް ނުތިބޭ މީހުންނެވެ. ތިމާގެ އަމިއްލަ އެދުންތަކުގެ ކުރިމަތީގައި ހައްގު ގޮތަށް އިސްކަންދޭން ނުކެރޭ މީހުންނެވެ. ތިމާގެ މަސްލަހަތާއި ފައިދާއެއް ނެތް އެއްވެސް ކަމަކީ ތެދެއް ކަމަށް ގަބޫލުކުރާން ނުރުހޭ މީހުންނެވެ.
