ރިވެތި އަޚުލާގުގެ އަސާސް

މަވްލާނާ ވަޙީދުއްދީން ޚާން
ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް


އިސްލާމްދީނުގައި ރިވެތި އަޚުލާގުގެ އަސާސަކީ އަނެކާ ތިމާޔާމެދު ކަންތައް ކުރުން އެދޭ ގޮތަށް އޭނާޔާމެދު ކަންތައްކުރުމެވެ. އަމިއްލަ ނަފްސަށްޓަކައި ހެވަށް އެދޭފަދައިން އެހެން މީހުންނަށް ހެވަށް އެދުމެވެ.


އަޚުލާގަކީ ދޭދޭ މީހުންގެ މެދުގައި އޮންނަ ސުލޫކެވެ. އެކި މުއާމަލާތްތަކުގައި އެކަކު އަނެކަކާ ދެމެދު ކަންތައްކުރާ ގޮތެވެ.

މި އަޚުލާގުގެ އުސޫލަކީ ކޮބައިހެއްޔެވެ؟ އޭގެ އެންމެ ސާދާ އުސޫލަކީ ޚުދު ތިމާގެ އަމިއްލަ ނަފުސަށްޓަކައި އެދޭ ކަންކަން ތިމާގެ އަޚާއަށްޓަކައިވެސް އެދުމެވެ. ތިމާޔާމެދު އެހެން މީހުން ކަންތައް ކުރުން އެދޭ ގޮތަށް، އެހެންމީހުންނާމެދު ކަންތައް ކުރުމެވެ.

ކޮންމެ މީހަކުވެސް އެދެނީ އެހެން މީހުން ތިމާޔާ ރީތިކޮށް، މަޑުމަތިރިކަމާއެކު ވާހަކަދައްކާށެވެ. އެހެންވީމާ އެހެންމީހުންނާ ވާހަކަދައްކާއިރު މަޑުމައިތިރިކަމާއެކު ރީތި ބަހުން ވާހަކަދައްކަން އާދަކުރާށެވެ. އެއްވެސް މީހަކު ތިމާގެ މަގަށް ހުރަސްއަޅައި އުނދަގޫތައް ކުރިމަތި ނުކުރުމަކީ ކޮންމެ މީހަކުވެސް އެދޭ ގޮތެވެ. އެހެންވީމާ އެއްވެސް މީހަކުގެ މަގަށް ތިމާވެސް ހުރަސްއަޅައި އުނދަގޫކޮށް ނުހަދާނަން ކަމަށް ހިތުގައި ކަނޑައަޅައި، އެފަދައިން އަމަލުކުރެވޭތޯ ބަލާށެވެ.

އެހެން މީހުންގެ ހަމްދަރުދީއާއި އެހީތެރިކަން ކޮންމެ މީހަކުވެސް ބޭނުންވެއެވެ. އެހެންވީމާ އެހެންމީހުންނަށް ހަމްދަރުދީވުމާއި އެހީތެރިވުމަކީ ކޮންމެ މީހަކުވެސް ކުރަން ޖެހޭނޭ ކަމެއްކަން ދަންނާށެވެ.

އަޚްލާގުގެ މި މީޔާރަކީ ނުލާހިކު ސާދާ އަދި ތަބީއީ މީޔާރެކެވެ. ސާދާކަން ހުރިވަރަކީ އާދައިގެ މީހަކަށް ވިޔަސް ނުވަތަ ދަންނަބޭކަލަކަށް ވިޔަސް، މިކަން ވަރަށް ރަނގަޅަށް ދަނެއެވެ. ނުކުޅެދޭ މީހަކަށް ވިޔަސް، ކަނު މީހަކަށް ވިޔަސް، އެހެން މީހުން ތިމާޔާ މުއާމަލާތްކުރުން އެދޭ އަޚުލާގީ މިންގަނޑަކީ ކޮބައިކަން ދަނެއެވެ. އަދި ނުރުހޭ މިންގަނޑަކީ ކޮބައިކަންވެސް ދަނެއެވެ. ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އިރުޝާދު ދެއްވައިފައިވާ މި ބުނެވުނު މިންގަނޑަކީ އެއްވެސް މީހަކަށް ވިސްނައިގަތުން ދަތި މިންގަނޑެއް ނޫނެވެ. އިސްލާމްދީނުން މި އަންގަނީ ތިމާގެ އަމިއްލަ ތަޖުރިބާގެ އަލީގައި ވިސްނުމަށް ފަހު، އެހެން މީހުންނާމެދު މުއާމަލާތްކުރަންވާ ގޮތާއި ކޮށްގެން ނުވާނޭ ގޮތް ކަނޑައެޅޭނޭ ވަރަށް ފުރިހަމަ މިންގަނޑެކެވެ.

ހަދީސުގައި ބަޔާންވެގެންވާ ގޮތުގައި މީސްތަކުންގެ ތެރެއިން އެންމެ ރަނގަޅު މީހަކީ އެމީހެއްގެ އަޚުލާގު އެންމެ ރަނގަޅު މީހާއެވެ. މިފަދަ މީހަކަށް ވުމަކީ އުނދަގޫ ކަމެއް ނޫނެވެ. ކުރަން ޖެހޭހައިވެސް ކަމަކީ ދެފުށްކެހެރިކަމުން ސަލާމަތްވުމެވެ. އަމިއްލަ ނަފުސަށްޓަކައި ކަނޑައަޅާ މިންގަނޑު އެހެން މީހުންނާ މުއާމަލާތްކުރުމުގައިވެސް ހިފެހެއްޓުމެވެ. މިހެން ހަދައިފި ކޮންމެ މީހަކުމެ ވާނީ މަތިވެރި އަޚުލާގެއްގެ ވެރިއަކަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.