މަވްލާނާ ވަޙީދުއްދީން ޚާން
ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް
ﷲ ވަނީ ޙައްޤާއި ބާޠިލު ވަކިކޮށް ދެނެގަތުމުގެ ގާބިލުކަން އިންސާނާއަށް ދެއްވައިފައެވެ. މި ގާބިލުކަމުގެ ބޭނުން ކުރާ މީހާ ހިދާޔަތު ލިބިގެންފިއެވެ. ބޭނުން ނުކުރާ މީހާ މަގުފުރެދިގަނެއެވެ.
ކީރިތި ޤުރްއާނުގެ 35 ވަނަ ސޫރަތުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވައިފައި ވެއެވެ. [އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން، ﷲގެ ވަޢުދުފުޅަކީ ޙައްޤު ތެދެވެ. ފަހެ، ދުނިޔޭގެ ދިރިއުޅުން ތިޔަބައިމީހުން ހެއްލުންތެރިކުރިޔަ ނުދޭހުށިކަމެވެ! އަދި ﷲއާމެދު ޝައިޠާނާ ތިޔަބައިމީހުން ހެއްލުންތެރިކުރިޔަ ނުދޭހުށިކަމެވެ! ހަމަކަށަވަރުން، ޝައިޠާނާއަކީ، ތިޔަބައިމީހުންނަށްވާ ޢަދާވަތްތެރިޔެކެވެ. ފަހެ، އެ ޝައިޠާނާއީ، ޢަދާވަތްތެރިޔަކު ކަމުގައި ތިޔަބައިމީހުން ދެކޭށެވެ! އޭނާގެ ޖަމާޢަތަށް އޭނާ ގޮވާކަން ކަށަވަރީ، ނަރަކައިގެ އަހުލުވެރިންގެތެރެއިން ވުމަށެވެ. ކާފިރުވި މީހުންނަށް ގަދަވެގެންވާ އަޒާބުހުށްޓެވެ. އަދި އީމާންވެ ޞާލިޙް ޢަމަލު ކުޅަ މީހުންނަށް ފާފަފުއްސެވުމާއި، ބޮޑުވެގެންވާ ދަރުމަހުށްޓެވެ. ފަހެ، އެމީހެއްގެ ނުބައި ޢަމަލު، އެމީހަކަށް ޒީނަތްތެރިކުރެވި އަދި އެއީ ރަނގަޅު ޢަމަލު ކަމުގައި ދެކެފި މީހާ (ތެދުމަގު ލިބުނުމީހާއާ އެއްފަދަހެއްޔެވެ؟) ފަހެ، ހަމަށަވަރުން، ﷲ، އެކަލާނގެ އިރާދަކުރައްވާ މީހަކު މަގުފުރައްދަވަތެވެ. އަދި އެކަލާނގެ އިރާދަކުރައްވާ މީހަކަށް ތެދުމަގު ދައްކަވަތެވެ. ފަހެ، އެއުރެންގެ މައްޗަށް ހިތާމަކުރެއްވުމުގައި، ކަލޭގެފާނުގެ ނަފުސު ހަލާކުވިޔަނުދެއްވާށެވެ! ހަމަކަށަވަރުން، ﷲއީ، އެއުރެން ކުރާކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.] (ފާޠިރް: 5-8)
ރަސޫލުބޭކަލުން މެދުވެރި ކުރައްވައި ﷲ ތަޢާލާ ދެއްވާ ކޮންމެ އިންޒާރަކީ ވަގުތުން ތަންފީޒުވާ އިންޒާރެއް ނޫނެވެ. އެ އިންޒާރުތަކާއި ޚަބަރުތަކަކީ މިއަދުވެސް އިންސާނާ ކެނޑިނޭޅި ކުރިމަތިލަމުންދާ ކަންތައްތަކެކެވެ. މަރާއި ބިންހެލުންތަކާއި ހާދިސާތަކަކީ ޤިޔާމަތް ދުވަސް އައުމުގެ ކުރިން ޤިޔާމަތްދުވަސް ދެއްކެވުން ފަދަ ކަންކަމެވެ. އެކަމަކު މި ފަދަ ކަމެއް ދިމާވުމާއެކު ޝައިޠާނާ އެންމެ ފުރަތަމަ އަހަރެމެންގެ ކަންފަތްދޮށުގައި ކިޔަން ފަށަނީ އެއީ ސަބަބުތަކަކާއެކު ހިނގަމުންދާ އާދައިގެ ކަންތައްތަކެއް ކަމުގައެވެ. އެއީ ﷲ މެދުވެރި ކުރައްވާ ކަންތައްތަކެއް ނޫން ކަމުގައެވެ. މިއިން ކޮންމެ ވަސްވާހަކީ ޝައިޠާނާގެ މަކަރުވެރި ރޭވުމެކެވެ. މި ދޮގުތަކާއި ތެދާ ވަކިވާނޭ ދުވަހެއް އަންނާނޭ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. އެ ދުވަހަކުން ރަނގަޅު މީހުންނަށް އެބައިމީހުންގެ ރަނގަޅުކަމުގެ އިނާމު ދެއްވޭނެއެވެ. ނުބައި މީހުންނަށް އެބައިމީހުންގެ ނުބައިކަމުގެ އަދަބު ދެއްވޭނެއެވެ.
ވިސްނައި ފިކުރުކުރުމާއެކު ޙައްޤާއި ބާޠިލަކީ ކޮބައިކަން ވަކިކޮށް ދެނެގަތުމުގެ ގާބިލުކަން ﷲ ތަޢާލާ ވަނީ އިންސާނުންނަށް ދެއްވައިފައެވެ. އޭނާގެ ޠަބީޢަތުގައި ހިމެނިފައިވާ މި ބުނެވުނު ގާބިލުކަމުގެ ބޭނުންކުރާ މީހާއަކީ ހިދާޔަތު ލިބިގެންފި މީހެކެވެ. އެ ގާބިލުކަމުގެ ބޭނުން ނުކުރާ މީހާއަކަށް ހިދާޔަތެއް ނުލިބޭނެއެވެ.
އާދަމުގެދަރިޔާގެ ކުރިމައްޗަށް ޙައްޤުގޮތް ހުށަހެޅުމާއެކު އޭނާގެ ސިކުނޑިއަށް ބާވަތެއްގެ ލޮޅުމެއް އަރައެވެ. އެޔާއެކު އޭނާގެ ކުރިމަތީގައި އޮންނަނީ ދެ ގޮތުން ކުރެ އެއް ގޮތެއް ޚިޔާރު ކުރުމެވެ. އެއް ގޮތަކީ ޙައްޤަށް އިއުތިރާފުވުމެވެ. އިއުތިރާފު ވެއްޖެނަމަ އޭނާގެ ސިކުނޑި ހެޔޮ މަގުން ދަތުރު ކުރަން ފަށައިފާނެއެވެ. މިޔާ ޚިލާފަށް ޙައްޤަށް ފުރަގަސްދީ ދެކޮޅުހަދާ މީހާ ވަކި ބާވަތެއްގެ މަޞްލަޙަތަކާހެދި ނުވަތަ ނަފްސާނީ ހާލަތަކާހެދި އޭނާގެ މަގަކީ ހެޔޮ މަގު ކަމަށް ސާބިތުކޮށްދޭން ގަދައަޅައި މަސައްކަތް ކުރާން ފަށައި، އޭނާގެ ނުބައި ޢަމަލުތަކަކީ ހެޔޮ ޢަމަލުތަކެއް ކަމަށް ދައްކާން އުޅެގަނެއެވެ.
