ދިރިއުޅުމުގައި ކެތްތެރިކަމުގެ އަހުމިއްޔަތުކަން

މަވްލާނާ ވަޙީދުއްދީން ޚާން
ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް


އިންސާނާއަށް ކުރިމަތިވާ މައްސަލަތަކުގެ އެންމެ ބޮޑު ހައްލަކީ ކެތްތެރިކަމެވެ. އެއީ ރޫހާނިއްޔަ ޝަޚްސިއްޔަތެއް އުފެދުމުގެ އެއް ސަބަބުވެސްމެއެވެ.


ކެތްތެރިވުމުގެ މާނައަކީ ހުއްޓުމެވެ. އަމިއްލަ ނަފްސު ރަމަތަކުރުމެވެ. ކޮންމެ މީހަކުވެސް ބޭނުންވަނީ އެމީހަކު ބޭނުންވާހައި ފުރިހަމަ ދިރިއުޅުމެއް ވޭތުކުރާށެވެ. އެކަމަކު އަޅާ ކޮންމެ ފިޔަވަޅަކާއެކު ނުރުހޭ ކަންކަން ދިމާވަމުން ދިއުމަކީ އާދައެކެވެ. އެފަދަ ކަންކަމުގެ ސަބަބުން ރުޅިއަންނަގޮތް ވެއެވެ. ނަތީޖާއަކަށް ވަނީ ތިމާގެ އަސްލު މަގުސަދުން ފޭވެ، އެހެން ދިމާއަކަށް މިސްރާބު ބަދަލުވުމެވެ.

ނުރުހޭ ކަންތައްތަކާ ކުރިމަތިލާން ޖެހުނީމާ ރުޅިއައިސް، އެފަދަ ކަންކަމުގެ ތެރެއަށް ވަދެ، އިދިކީލި ވިސްނުން އިސްކޮށްފިނަމަ ތިމާގެ ދިރިއުޅުން ބޭނުންވާ މިސްރާބަށް ގެންދިއުމަކީ ކުރެވޭނޭ ކަމެއް ނޫނެވެ. ވާނެހައިވެސް ކަމަކީ ބޭކާރު ކަންތައްތަކުގެ ތެރެއަށް ވަދެ، އަމިއްލައަށް ހާސްކަން ބޮޑުކޮށްގަތުމުން ދިރިއުޅުން ބޮޑު އޮޅުންބޮޅުންގަނޑަކަށް ބަދަލުވެގެން ދިއުމެވެ.

މިފަދަ ކަންކަމުގައި އޮންނަނީ އެންމެ ހައްލެކެވެ. އެއީ ކެތްތެރިވުމެވެ. ކެތްތެރިވުމުގެ މާނައަކީ ހިތި ތަޖުރިބާއަކާ ކުރިމަތިލާން ޖެހުނީމާ ރުޅި އިސްކޮށް، އިދިކީލި ވިސްނުމުގެ ތެރެއަށް ވަނުމުގެ ބަދަލުގައި ބަރުދާސްކުރުމުގެ އާދަ އިސްކުރުމެވެ. ކުރިމަތިވާ ލޮޅުމަށް ކެތްތެރިވެ ހެޔޮ މަގުގައި ކުރިއަށް ދިއުމެވެ.

މި ބުނެވުނު ކެތްތެރިކަމަކީ އެއްކޮޅުން ޢަމަލީ ދުނިޔޭގައި ކުރިމަތިވާ މައްސަލަތަކުގެ ޢަމަލީ ހައްލެވެ. އަނެއްކޮޅުން އެއީ އަމިއްލަ ޝަޚްސިއްޔަތު ބިނާކުރުމުގެ ޒަރީއާވެސް މެއެވެ. ކެތްތެރިނުވާ މީހުން ދިރިއުޅޭނީ އިދިކީލި ވިސްނުމުން ފުރިފައިވާ ހައިޖާނެއްގެ ތެރޭގައެވެ. ކެތްތެރިވާ މީހުން ދިރިއުޅުން ވޭތުކުރާނީ ފަހި ވިސްނުމުގެތެރޭގައި ހިތްހަމަޖެހުމާ އެކީގައެވެ.

ކެތްތެރިވުމަކީ ބަލިވުމެއް ނޫނެވެ. ކެތްތެރިވުމުގެ މާނައަކީ ޖޯޝުގެ މަގު ދޫކޮށް ވިސްނުންތެރިކަމުގެ މަގުން ހިނގުމެވެ. ކެތްތެރިވުމަކީ ނާޒުކު ދަނޑިވަޅުތަކުގައި ތިމާގެ ޖަޒުބާތު ރަމަތަކުރުމެވެ. ކެތްތެރިވާ މީހާ އޭނާގެ ބުއްދީގެ ބޭނުންކޮށްގެން ފައިދާކުރުވަނިވި މިސްރާބަކަށް ކުރިމަތިލައި އަމަލުތައް އެމަގަށް އަނބުރައިލާނެއެވެ.

މި ދުނިޔެ އާރާސްތުވެފައި ވަނީ މައްސަލަތަކާއެކުގައެވެ. ކޮންމެ މީހަކާވެސް ހިތްހަމަނުޖެހޭ ކަންތައްތައް ބައްދަލުކުރުމަކީ ދުނިޔޭގެ ހަމައެވެ. ދެކެން ބޭނުން ނުވާ މަންޒަރުތައް ފެންނާނެއެވެ. އަހަން ބޭނުން ނުވާ ވާހަކަވާހަކައާއި އަޑުއަޑު އިވޭނެއެވެ. މިފަދަ ދަނޑިވަޅުތަކުގައި އެކަންކަމާ ކަންބޮޑުވެ، މައްސަލަތަކުގެ ތެރޭގައި ބަނދެވުމަކީ ކެތްތެރިނުވުމެވެ. އެކަންކަން ފަހަތަށް ފިރުކައިލައި ވިސްނުންތެރިކަމާއެކު ކުރިއަށް ދާން ފެށުމަކީ ކެތްތެރިވުމެވެ. މި ދުނިޔޭގައި ކާމިޔާބީ ލިބޭނީ ނޭދެވޭ ކަންތައްތަކާ ކުރިމަތިލާން ޖެހުނީމާ ކެތްތެރިކަން އިސްކުރާ މީހުންނަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.