ވަޢުދެއް ވެއްޖެނަމަ ފުއްދާށެވެ.

މަވްލާނާ ވަޙީދުއްދީން ޚާން
ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް


ވައުދުފުއްދުމަކީ އެންމެ މަތިވެރި އަޚްލާގީ ސިފަތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މި ސިފަ މީހާގެ ކިބައިގައި އަށަގަންނަނީ އީމާންކަމުގެ ސަބަބުންނެވެ. ވައުދުފުއްދުމަކީ މީހާގެ މިޒާޖަކީ ކޮބައިކަން އަންގައިދޭ ކަމެއްވެސް މެއެވެ.


ދިރިއުޅުމުގައި ދޭދޭ މުއާމަލާތްކުރުމުގައި އެކަކު އަނެކަކަށް އެކި ކަހަލަވައުދުތައް ވުމަކީ ވަރަށް ގިނައިން ކުރެވޭ ކަމެކެވެ. މިފަދަ ކޮންމެ ވައުދަކީ ބޭރުފުށަށް ބަލާނަމަ، ކޮންމެވެސް ދެމީހެއްގެ ދެމެދުގައި ނުވަތަ ދެ ޖަމާއަތެއްގެ ދެމެދުގައި ކުރެވޭ ކަމެކެވެ. އެކަމަކު މިފަދަ ވައުދުތަކުގެ ތިންވަނަ ބައިވެރިއެއްވެސް ވެއެވެ. އެއީ ﷲއެވެ. ކޮންމެ ވައުދަކީ އެކަލާނގެ ހެކިވެވޮޑިގަންނަވާ ވައުދެކެވެ. ވުމާއެކު ކޮންމެ ވައުދެއްވެސް އާޚިރުގައި ވެގެންދަނީ ﷲއާ ދެމެދުވެސް ކުރެވޭ ވައުދަކަށެވެ.

ކަން އޮތީ މިހެންކަމަށް ވުމާއެކު، ކޮންމެ މުއުމިނަކުވެސް ވައުދުގައި ހައްސާސްވެއެވެ. ދެމީހެއްގެ ދެމެދުގައި ވެވޭ ވައުދަކީ ﷲގެ ބެއްލެވުމުގެ ދަށުގައި ތިބެގެން ވެވޭ ވައުދެއްކަމާއި އެކަލާނގެ އެ ވައުދުގެ ހިސާބު ބައްލަވައިވޮޑިގަންނަވާނޭކަން މުއުމިނާ ދަނެއެވެ. ފުރިހަމަ ޔަގީންކަމާއެކީގައެވެ. މި ޔަގީންކަމުގެ ސަބަބުން ވައުދަށް ފުރިހަމައަށް ޒިންމާވުމަކީ އޭނާއަށް މަޖުބޫރުވާ ކަމެކެވެ. މީހަކަށް ވައުދެއް ވެއްޖެނަމަ އެ ވައުދު ފުއްދުމަކީ ކޮންމެހެންވެސް ލާޒިމުކަމެއް ކަމުގައި އޭނާ ދެކެއެވެ.

މުޖުތައުގައި ހިމެނޭ މީހުންގެ ތެރެއިން މަތީގައި ބުނެވުނު ސަފަށް ވަންނަ މީހުންނަކީ ވައުދެއް ވެއްޖެނަމަ ކޮންމެ ގޮތެއް ހަދފައިފައިވެސް އެ ވައުދެއް ފުއްދާ މީހުންނެވެ. ކޮންމެ މީހަކުމެ ވެގެން ދަނީ މުޖުތަމައުގައި އަގުހުރި އަދި އިތުބާރުކުރެވޭ މީހަކަށެވެ. މިފަދަ މީހުން އުޅޭ މުޖުތަމައެއްގައި އަށަގަންނާނީ ހެޔޮ އަދި ރީތި ސިފަތަކާއި އާދަތަކެވެ. ކާއިނާތަށް ބަލާއިރު ކޮންމެ އެއްޗެއްމެ ދަތުރުކުރަނީ ސައްތައިންސައްތަ ފުރިހަމަކަމާއެކީގައެވެ. މިސާލަކަށް ބަލާނަމަ އުޑުން ފެންނަ ތަރިތަކާއި ގުރަހަތައް މީގެ ސަތޭކަ އަހަރު ފަހުން ހުންނާނީ ކިހައި ހިސާބެއްގައިކަން ކަނޑައެޅުމަކީވެސް ކުރަމުންދާ ކަމެކެވެ. ފެން ހޫނުވެ، ކެކިގަންނަނީ ކިހައިވަރަކަށް ހޫނުކުރީމާކަން ރަނގަޅަށް އެނގެއެވެ. ކާއިނާތުގެ ކޮންމެ ކަމެއްވެސް ހިނގަމުންދާ ފުރިހަމަކަމުގެ ސަބަބުން ކުރިއަށް ލަފާކުރުން ވަނީ ފަސޭހަކަމަކަށް ވެފައެވެ.

ވައުދުފުއްދުމުގައި ގާއިމުވެ ތިބޭ ބަޔަކު އުޅޭ މުޖުތަމައަކުން އެހެން ރީތި ސިފަތައްް ފެންނާނެއެވެ. މިސާލަކަށް އެފަދަ މުޖުތައެއްގައި ލޭންދޭނުގެ އަރައިރުމެއް ނޯންނާނެއެވެ. އެކަކު އަނެކަކަށް އިތުބާރުކުރުން އާއްމުވާނެއެވެ. ކޮންމެ މީހަކުމެ ދިރިއުޅޭނީ ހިތްހަމަޖެހުމާ އެކީގައެވެ. މީހަކު ވައުދާ ޚިލާފުވެދާނޭ ކަމުގެ ބިރުވެރިކަމެއް އެއްވެސް މީހަކުގެ ހިތަކު ނޯންނާނެއެވެ.

ވައުދު ފުއްދުމަކީ އެންމެ މަތިވެރި އަޚްލާގީ ސިފަތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މި ރީތި ސިފަ މީހާގެ ކިބައިގައި އަށަގަންނަނީ އީމާންކަމުގެ ސަބަބުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.