މަވްލާނާ ވަޙީދުއްދީން ޚާން
ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް
މުއިމިނާ ކުރާ ކޮންމެ ކަމެއްވެސް ކުރާނީ ﷲ ތަޢާލާގެ މަތީން ހަނދާންކުރަމުންނެވެ. އެކަލާނގެ ރުއްސެވުމާއި ރަޙުމަތަށް އެދެމުންނެވެ. އޭނާ ދިރިއުޅޭނީ އެކަލާނގެ ކަނޑައަޅުއްވައިފައިވާ އިމުގެ ތެރޭގައެވެ.
އިސްލާމީ ދިރިއުޅުމަކީ މުޅީން ފުރިހަމަ ޕްރޮގްރާމެކެވެ. އެ ޕްރޮގްރާމްގައި އޭނާގެ ދިރިއުޅުމުގެ ހުރިހައި ކަމެއް ވަނީ އެކުލެވިފައެވެ. ހެނދުނުން ފެށިގެން ހަވީރާ ހަމައަށް، ހަވީރުން ފެށިގެން ހެނދުނާ ހަމައަށް، އެންމެ ހިނދުކޮޅެއްވެސް އިސްލާމްދީނުގެ ދާއިރާއިން ބޭރަކަށް ނުދެއެވެ. މުއުމިނަކު ރޭގަނޑު ނިދައިފައި ފަތިހު ތެދުވެ އެންމެ ފުރަތަމަ ކުރާ ކަމަކީ އޭނާގެ ހަށިގަނޑު ތާހިރުކުރުމެވެ. އޭނާ ވުޟޫކޮށްގެން ނަމާދުކުރެއެވެ. އެއީ މުއުމިނާގެ ދިރިއުޅުމުގައި ދުވަހުގެ ފެށުމެވެ. ފެށެނީ ތާހިރުވުމާއި އަޅުކަމުންނެވެ. އޭގެ ފަހުން، ފަތިހުން ފެށިގެން މެންދުރުވާންދެން އޭނާ އުޅެނީ ދިރިއުޅުމަށް ކުރާ މަސައްކަތުގައެވެ. މި މަސައްކަތުގެ ތެރޭގައި ނުވަތަ ދިރިއުޅުމުގެ [ދުވުމު]ގައި އޭނާ އަބަދުވެސް ﷲގެ މަތީން ހަނދާންކުރެއެވެ. ކޮންމެ މުއާމަލާތެއް ކުރަނީ ﷲ ކަނޑުއަޅުއްވައިފައިވާ އިމުގެ ތެރޭގައެވެ. ލޭންދޭނުގައި ނުވަތަ ވިޔަފާރީގައި އޭނާ ފަރުވާތެރިކަން އިޚްތިޔާރުކުރެއެވެ. މީސްމީހުންނާ ބައްދަލުވެ އުޅުމުގައި ރީތި އިސްލާމީ އަޚުލާގުގެ ސިފަތަކުން އެއްކިބައެއް ނުވެއެވެ.
މިފަދައިން ގޮސް ދެވަނަ ނަމާދުގެ ވަގުތު ޖެހިދެއެވެ. އެއީ އިރުމެދުޖެހުނީމާ ކުރާ ނަމާދެވެ. މެންދުރުނަމާދެވެ. މެންދުރުނަމާދުގައިވެސް އޭނާ ކުރާ ކަމަކީ އޭނާޔާއި ﷲއާ ދެމެދު އޮންނަ ގުޅުން ތާޒާކުރުމެވެ. އަލުން ދިރުވުމެވެ. ތިމާގެ ހަށިގަނޑާއި ރޫހު ދެވަނަ ފަހަރަށް ތާހިރު ކުރުމަށް ފަހު އަނެއްކާވެސް ދިރިއުޅުމުގެ މަސައްކަތާއިގެން ކުރިއަށް ދެއެވެ. އުސޫލުތަކަށް ތަބާވާ، ތެދުވެރި މީހަކު ފަދައިން އަނެއްކާވެސް މަސައްކަތުގައި އަވަދިނެތި އުޅެގަނެއެވެ. މި ގޮތުގައި އޭނާ ތިންވަނަ ނަމާދާ ހަމައަށް މަސައްކަތްކުރެއެވެ. ތިންވަނަ ނަމާދަކީ އަސުރުނަމާދެވެ. ގަޑި ޖެހުމާއެކު އަނެއްކާވެސް އޭނާ އެނބުރެނީ ނަމާދާ ދިމާއަށެވެ. ﷲގެ ރަޙުމަތުން އޭނާއަށް އޮތް ހިއްސާ ލިބިގަންނާށެވެ. އެއީ އޭނާގެ ދިރިއުޅުމުގައި ދެން އޮތް ބަޔަށް ބޭނުންވާ ރަހުމަތެވެ.
މި ގޮތުގައި މުއުމިނާގެ ވަގުތުތައް ފާއިތުވަމުން ގޮސް އިރު އޮއްސިދެއެވެ. އެޔާއެކު ހަތަރުވަނަ ނަމާދުގެ ވަގުތު ޖެހުނީއެވެ. އެއީ މަޣްރިބު ނަމާދެވެ. ވަގުތު ޖެހުމާއެކު އޭނާ ހުރިހައި ކަމެއް ހުއްޓައިލާފައި ނަމާދާ ދިމާއަށް އެނބުރިގަނެއެވެ. ހަމަޖެހިފައިވާ ގޮތަށް ނަމާދުކޮށް، އެ ނަމާދުގެ ސަބަބުން ލިބޭ ދީނީ އަދި ރޫޙާނީ ޣިޒާ ލިބިގަނެއެވެ. އޭގެ ފަހުން، ނަމާދުގެ ޒަރީއާއިން ލިބިގަނެވުނު ދީނީ ވިސްނުމާއެކު ތިމާގެ ދިރިއުޅުމުގެ އެދުންތައް ފުއްދުމުގެ މަސައްކަތާއިގެން ކުރިއަށް ދެއެވެ. މިހެން ގޮސް ފަސްވަނަ ނަމާދުގެ ވަގުތު ޖެހިދެއެވެ. އެއީ ޢިޝާނަމާދެވެ. މި ނަމާދުން އަވަދިގެން ދުވަހުގެ ހަތަރުދަމު ކުޅަ މަސައްކަތާމެދު ވިސްނުން ހިންގައި، ޝުކުރުކޮށް ހެދުމަށް ފަހު ނިދަނީއެވެ. އެއީ ވިދިގެން އަންނަ ދުވަހު ހެނދުނު އަނެއްކާވެސް ކުރިއަށްވުރެ ގަދަ ހިތްވަރާއި ދީނީ ފިކުރާއެކު މަސައްކަތް ފެށުމުގެ އުއްމީދުގައެވެ.
