(26 މާޗް 2026 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
اللّــــه سبحـــانــــه وتــعــــالــــى ގެ ކިބްރިޔާވަންތަކަމުގެ ޝުޢޫރަކީ ތައުޙީދުގެ ޢަގީދާގެ ރޫޙެވެ. އިންސާނުންގެ ކިބައިގައި އެ ޙަޤީޤަތް ދެނެގަތުމާއި ޔަޤީންކަން އުފެދުމުން އެއުރެންނަށް މޭރުންވާނީ މާތް اللّــــه ގެ ޤުދުރަތްތެރިވަންތަކަމެވެ. އެކަލާނގެ ދެނެވޮޑިގެންނެވުމާއި ޙިކުމަތްވަންތަކަމެވެ. އެނޫންވެސް ފުރިހަމަ ސިފަފުޅުތަކެވެ. އެމާތް ޒާތުފުޅަކީ އެމީހެއްގެ ވެރިރަސްކަލާނގެކަން ހިތުގައި ބިންވަޅު ނެގިއްޖެ މީހަކު ޒަމާނުގެ އެއްވެސް ފިރުޢައުނަކު ނުވަތަ ހާމާނަކުދެކެ ޖެހިލުމެއް ނުވާނެއެވެ. ބިރެއް ނުގަންނާނެއެވެ. ބޮލެއް ނުލަނބާނެއެވެ. ފިކުރީގޮތުންނާއި ޝަޚްޞީގޮތުން މިނިވަން އިންސާނުން އުފެދޭނީ އޭރުންނެވެ.
މާތް اللّــــه ގެ ކިބްރިޔާވަންތަކަމަކީ އިންސާނީ ކަރާމަތާ ޚިލާފު ދޮގު ދަޢުވާކުރުންތަކާއި އިންސާނުންގެ ކިބައިން ހުއްދަނޫން ފައިދާ ލިބިގަތުމުން އިންސާނުން ސަލާމަތްކޮށްދޭ ކަމެކެވެ. އެހެންކަމުން އަރަހުށި މާތް اللّــــه سبحـــانــــه وتــعــــالــــى ރަޙްމަތުގެ ނަބިއްޔާ ޢައްޔަންކުރެއްވީ މީސްތަކުންގެ ހިތްތަކުގައި އެކަލާނގެ ކިބްރިޔާވަންތަކަމުގެ ޝުޢޫރު އުފައްދަވާށެވެ. އެކަމަކީ އިންތިހާދަރަޖައިގެ ތުރާކަމެކެވެ. އުނދަގޫ ކަމެކެވެ. އެ އުނދަގޫކަމުގެ އަސާސީ ސަބަބަކީ ބުދަށް އަޅުކަން ކުރުމެވެ. އެދުވަސްވަރު ބުދަށް އަޅުކަންކުރުން ޢާންމުވެފައިއޮތީ ހުސްއެކަނި ޢަރަބިކަރަޔަކު ނޫނެވެ. މުޅި ދުނިޔޭގައެވެ. އަރަހުށި މާތް اللّــــه ގެ ރުބޫބިއްޔަތުގައި އެކަލާނގެ ރަސްކަންފުޅު ފިޔަވައި އެހެނިހެން ފަރާތްތައް ޝާމިލުކުރެވޭހިނދު މީސްތަކުންގެ ހިތްތަކުން މާތް اللّــــه ގެ ކިބްރިޔާވަންތަކަމުގެ ޝުޢޫރު ފަނޑުވެއެވެ. ހަމައެފަދައިން އިންސާނާގެ މިނިވަންކަމާއި އަމިއްލަވަންތަކަމުގެ އިޙްސާސުވެސް ފުނޑުފުނޑުވެއެވެ. އަރަހުށި މާތް اللّــــه އެކަލާނގެ ނަބިއްޔާއަށް އަމުރުކުރެއްވީ މީސްތަކުންގެ ކިބައިގައި އެކަލާނގެ ކިބްރިޔާވަންތަކަމުގެ ޝުޢޫރު އުފައްދަވާށެވެ. އޭރު މީސްތަކުންގެ ނަފްސިއްޔާތީ ޙާލަތުހުރީ އިސްވެދެންނެވިގޮތަށް ކަމުގައިވާތީއެވެ.
وَثِـيــَــابَــكَ فَـطَــهِّــــرُ: މިއީވެސް ވަރަށް ޖާމިޢު ދެލަފުޒެވެ. މާނަ ވަރަށްފުޅާ ދެލަފުޒެވެ. އެއްމާނަޔަކީ އިންސާނާގެ ފޭރާން ނަޖިހުން ތާހިރު ކުރުމެވެ. އެހެނީ ހަށިގަނޑާއި ފޭރާން ތާހިރުވުމަކީ އޭނާގެ ރޫޙު ތާހިރުވުމާ ގުޅިލައިމެހިފައިވާ ދެކަންތަކެވެ. ތާހިރު ރޫޙަކަށް ހަޑިމުޑުދާރު ހަށިގަނޑަކާއި މިލަވެ ތަތްތެޅިފައިވާ ހެދުންގަނޑެއްގެ ތެރެޔަކު ދެމިއެއް ނުހުރެވޭނެއެވެ. ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم އިސްލާމްދީނުގެ ދަޢުވަތާއިގެން އެ މުޖްތަމަޢެއްގެ ތެރެޔަށް ތެދުވެވަޑައިގެންނެވި މުޖްތަމަޢަކީ ހުސްއެކަނި ޢަޤީދާއާއި އަޚްލާޤުގެ ފާސިދުކަމުގެ މުޑުދާރުކަމުގައި މެކިފައިވާ ޤައުމެއް ނޫނެވެ. އަދި ކީއްތޯއެވެ؟ އެ މުޖްތަމަޢު ވަނީ ސާފުތާހިރުކަމުގެ އެންމެ އިބްތިދާއީ ތަޞައްވުރުންވެސް އެއްކިބާވެގެންނެވެ. ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ މުހިންމަތަކީ އެބައިމީހުންނަށް ހުރިހައިގޮތަކުންވެސް ތާހިރުކަމުގެ ފިލާވަޅު ދެއްވުމެވެ. އެހެންކަމުން އަރަހުށި މާތް اللّــــه سبحـــانــــه وتــعــــالــــى އެކަލާނގެ ޙަބީބަށް އިރްޝާދު ދެއްވީ އެމާތް ސާހިބާގެ ބޭރުފުށުގެ ދިރިއުޅުއްވުމުގައިވެސް ޠަހާރަތުގެ އެންމެމަތީ މިންގަނޑު ހިފަހައްޓަވާށެވެ. އެމާތް ސާހިބާ އިންސާނީ ނަޢުއަށް ހަށިގަނޑާއި ފޭރާން ސާފުތާހިރުކުރާނެގޮތުގެ ތަފްސީލީ މަޢުލޫމާތު ދެއްވިއެވެ. އެ އިރްޝާދުތަކަކީ އެޒަމާނުގެ ޢަރަބީން އެއްކިބާކޮށް މިޒަމާނުގައި ތަހުޒީބީ ޤައުމުތައް ކަމުގައި ދަޢުވާކުރާ ޤައުމުތަކަށްވެސް އެކަމުގެ ނަސީބު ލިބިފައިނުވާފަދަ މަތިވެރި ތަޢުލީމާތުތަކެކެވެ. އެހެންކަމުން ދުނިޔޭގެ ގިނަ ބަސްބަހުގެ ރަދީފުތަކުގައި "ޠަހާރަތު" ގެ ފުރިހަމަ މަފްހޫމު އަދާކުރެވޭނެ ލަފުޒެއްވެސް ނެތެވެ. އެކަމަކު އިސްލާމީ ތަޢުލީމާތުގައި ޙަދީސާއި ފިޤުހުގެ ފޮތްތަކުގައި އިސްލާމީ ޙުކުމްތަކުގެ ވާހަކަ ފަވައިގަންނަނީވެސް "ކިތާބުއްޠަހްރަތި" ގެ މައިގަނޑު ނަމުންނެވެ. މުސްލިމުންގެ ޢާލިމުންނާއި މުފައްކިރުން އެބާބުގައިވަނީ ތާހިރުކަމާއި ނުތާހިރުކަމުގެ ފަރަގު ބަޔާންކުރައްވައިފައެވެ. ތާހިރުވެގަންނާނެގޮތުގެ އެންމެ އާދައިގެ ކުދިކުދި ކަންކަމަށް ދާންދެންވަނީ ތަފްސީލުކޮށް އޮޅުންފިލުއްވައިދެއްވައިފައެވެ.
އަރަހުށި ހުސްޠާހިރުވަންތަ މާތް اللّــــه ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم އަށް ޠަހާރަތާ ބެހޭގޮތުން އިރްޝާދުތަކެއް ދެއްވުމުގެ ސަބަބާމެދު ތާރީޚުގެ އަލީގައި ބަލައިލުމުން އެކަމުގެ އަހަންމިއްޔަތު ވަރަށްބޮޑަށް އެނގެއެވެ. އެހެނީ އެދުވަސްވަރު ދުނިޔޭގެ ޤައުމުތަކުގައި އިސްލާމްދީން ޤާއިމުކުރާން އެދޭ ސާފުތާހިރުކަމުގެ މަފްހޫމެއް ނެތެވެ. އޭރުވެސް ޢީސާއިއްޔަތަކީ ހުޅަނގުގެ އެންމެ ބޮޑު ތަބްލީޣީ ދީނެވެ. ޢީސާއީން ތެރޭގައި މޫލައިފައި އޮތީ ރުހުބާނިއްޔަތެވެ. ރުހުބާނިއްޔަތުގައިވާގޮތުން އިންސާނާގެ ހަށިގަނޑާއި ފޭރާމުގެ އިތުރަށް އޭނާގެ މާޙައުލުގެ ސާފުތާހިރު ކަމަކީވެސް ތަޤްވާވެރިކަމާ ޚިލާފު ކަމެކެވެ. މީހެއްގެ ހަޑިމުޑުދާރުކަމާއި ދަމިލަހޯޖު ކަމަކީ އެމީހެއްގެ ދީންވެރިކަން ބެލެވޭ މިންގަނޑެވެ. ޢާންމުންގެ އިތުރަށް ޚާއްޞުންވެސް ޤަޟާޙާޖަތް ކޮށްފައި ތާހިރެއް ނުވެއެވެ. އަތްދޮވުމަކީވެސް އެބައިމީހުންގެ ތެރޭގައި އޮންނަ އާދައެއް ނޫނެވެ. ޖުނުބު ހިނައިގަތުމަކީ އެބައިމީހުން ދަންނަކަމެއް ނޫނެވެ. ކެއުމުގެ ކުރީން އަތްދޮވުމަކީ އެބައިމީހުންގެ ގާތުގައި ބިދުޢައެކެވެ. ނުވަތަ ކަންދެއްކުމެކެވެ. ދާވެ ތަތްތެޅިފައިވާ މިލަ ހެދުންލައިގެން ހަޑިމުޑުދާރު ވެށީގައި އުޅުމަކީ ޒާހިދުކަމުގެ ލާޒިމީ ޝަރްޠެކެވެ. ތަވާޟުޢުވެރި ޒާހިދުންގެ ފަޚުރަކީ ހަށިގަނޑުގައި ފެންފޮދެއް ޖައްސައިނުލާތާ ގިނަދުވަސްވުމެވެ. ހަށިގަނޑުގެ އެތަންމިތާނގެ އިސްތަށިތަކާއި ބޮލުގެ އިސްތަށިގަނޑުގައި އުކުނު އަޅައިފައި ހުރުމަކީ އެމީހެއްގެ ޒާހިދު ކަންބޮޑުވުމުގެ ޢަލާމަތެކެވެ.
އިރުމަތީގެ ޤައުމުތަކުގައިވެސް ކަންހުރީ ދާދި އެކަހަލަ ގޮތަކަށެވެ. އިރުމަތީގެ ޤައުމުތަކުގައި ތަބްލީޣީ އެންމެ ބޮޑު ދީނަކީ ބުދުދީނެވެ. ބުދުދީނުގެ މީހުންނަކީވެސް ރުހުބާނިއްޔަތާއި (ދުނިޔެއަޅައިފައި ތިބުން) ޚާނުގާހުތަކުގެ ދިދަ އުފުލާ ބަޔެކެވެ. ހުޅަނގުގެ މީހުންނެކޭ އެއްގޮތަށް އިރުމަތީގެ ބުޑިސްޓުންނަކީވެސް ސާފުތާހިރުކަމާ ދުރުހިލޭ ބަޔެކެވެ. އެބައިމީހުންނަށްވެސް ސާފުތާހިރުކަމުގެ މަފްހޫމު ކިރިޔަކިރިޔާ ރޭކާލަނީއެވެ.
ހިންދީ ދީނުގެ އަހްލުވެރީންނާމެދު ވިސްނައިލާއިރު އެބައިމީހުންނަކީވެސް ސާފުތާހިރުކަމާ ދޯޅުބައެއް ނޫނެވެ. ޝައްކެއްނެތެވެ. ހެނދުނު ފެންވެރުމަކީ އެބައިމީހުން އަހަންމިއްޔަތުދޭ ކަމެކެވެ. އެކަމަކު އެބައިމީހުންނަކީވެސް މުޑުދާރު ބައެކެވެ. ކުޑަކަމުދިޔުމަށްފަހު ތާހިރުވުމާއި ކާންފެށުމުގެ ކުރީން އަތްދޮވުމާއި ޖުނުބު ހިނެއުމާއި މިބާވަތުގެ ކަންކަމަކީ އެބައިމީހުންގެ ތެރޭގައި އޮންނަ އާދައެއް ނޫނެވެ. އަނެއްކޮޅުން ގެރިގުޔާއި ގެރިގޮރަކީ އެބައިމީހުންގެ ނަޒަރުގައި ތާހިރު އެއްޗެއްސެވެ. އަދި ކީއްތޯއެވެ. ތާހިރުވެގަތުމުގެ ވަސީލަތްތަކެވެ. އެދެ ނަޖިހުގެ ބޭނުންކުރުމަކީ ވަރަށް ޢާންމު ކަމެކެވެ. ދީނީ ކަމެއްކަމުގައި ބަލާ ކަމެކެވެ.
ޢަރަބިކަރައިގެ ކާފަރުންވެސް ސާފުތާހިރު ކަމަކަށް އަހަންމިއްޔަތެއް ނުދެއެވެ. ޚާއްޞަކޮށް ޞަޙަރާތަކުގައި ދިރިއުޅޭ ބަދަވީންގެ ތެރޭގައި ސާފުތާހިރު ކަމަކީ ތަޞައްވުރަށް އަންނަ ކަމެއްވެސް ނޫނެވެ.
ޝައްކެއްނެތެވެ. ޔަހޫދީން ހަށިގަނޑާއި ފޭރާމުގެ ޠަހާރަތަކީ ބޭނުންތެރިކަމެއް ކަމުގައި ބަލައެވެ. އެކަމަކު އެބައިމީހުންނަކީ އެކަމުގައި ހައްދުފަހަނަޅައިފައިތިބޭ ބަޔެކެވެ. އެބައިމީހުންގެ ޝަރީޢަތުގައި ފޭރާން ނަޖިސްވެއްޖެ ކަމުގައިވާނަމަ ސައިބޯނިލައިގެން ފެނުން ދޮވުނުކަމުގައިވިޔަސް ތާހިރެއް ނުވެއެވެ. އެބައިމީހުން ޤަބޫލުކުރާގޮތުގައި ނަޖިސް ޖެހިއްޖެ ތަނެއްގެ ޙުކުމަކީ އެތަނެއް ކަނޑައިފައި އެއްލައިލުމެވެ. ނަމަވެސް އަންދުވަހުގެ އާދައިގައިވެސް ޔަހޫދީންނަކީ ޝަރީޢަތަށް ބޯލަނބާ ބައެއް ނޫނެވެ. ހާލަކުން ފަހަރަކު މެނުވީ ޔަހޫދީންގެ މުސްތަޤިއްލު ސިޔާސީ ސަރުކާރެއް ނޯވެއެވެ. ނަތީޖާއެއްގެގޮތުން ޔަހޫދީން ދަނީ އެމީހުން ދިރިއުޅޭ ތަނެއްގެ ޢާންމުންގެ ތަހްޒީބީ ކުލައިން ކުލަޖެހެމުންނެވެ. އެހެންކަމުން ޢަމަލީގޮތުން ޔަހޫދީންނަކީވެސް ހަޑިމުޑުދާރު ބަޔެކެވެ. ނުތާހިރުކަމަށް ހިތްކިޔާ ބަޔެކެވެ.
ކުރުކޮށް ދަންނަވާނަމަ އެޒަމާނުގައި ދުނިޔޭގެ އެއްވެސް ބަޔަކީ ތާހިރުފާހިރުކަމާ ކުޑަކޮށްވެސް އޮޅު ބަޔެއް ނޫނެވެ. އަރަހުށި މާތް اللّــــه ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم އާ މަތިކުރެއްވި އެއްމަސައްކަތްޕުޅަކީ އިންސާނުންގެ ކިބައިގައި އެތެރެފުށާއި ބޭރުފުށުގެ ޠަހާރަތުގެ މުހިންމުކަމުގެ ޝުޢޫރާއި އިޙްސާސު އާލާކުރެއްވުމެވެ. އެހެންކަމުން އެމާތް ސާހިބާއަށް އެންމެފުރަތަމަ ކުރެއްވި އަމުރުފުޅުތަކުގެ ތެރެއިން އެއް އަމުރުފުޅަކީ އިސްވެދެންނެވި ފަދައިން "وَثِـيــَــابَــكَ فَـطَــهِّــــرُ" މި އަމުރުފުޅެވެ. ކަލޭގެފާނުގެ ފޭރާންކޮޅާއި ޙަޔާތްޕުޅުގެ ދާވަނިކޮޅު ސާފުކުރައްވައި ތާހިރުކުރައްވާށެވެ. މި އަމުރުފުޅެވެ.
ޢަރަބި ބަހުގެ މުޙާވިރާގައި "وَثِـيــَــابَــكَ فَـطَــهِّــــرُ" ގެ އެއްމާނައަކީ އުރުދޫ ބަހުގައި "އަޕްނާ ދާމަން ޕާކުރައްކޯ" މިބަހުން ކުރެވޭ މާނައެވެ. އަޚްލާޤީ ނުބައިކަމާއި ފާސިޤުކަމާ ދުރުހެލިވެ ރިވެތި އަޚްލާޤާއި ހެޔޮ ޚުލުޤުތަކުން އާރާސްތުވުމުގެ މާނައިގައެވެ. "فَــلاَنُ طَــاهِــــــرُ الــثِّــيــاَبُ وَفُــلاَنُ طَــاهِــــــرُ الــذَّيْــــل" "މިވެނި މީހަކީ ފޭރާން ތާހިރު މީހެކެވެ. އޭނާގެ ފަސްބައި ސާފެވެ." އޭގެ މާނައަކީ އޭނާގެ އަޚްލާޤީ މައްސަލައެއް ނެތެވެ. ބުނުމެވެ. އެޔާ ޚިލާފަށް "فَــلاَنٌ دَنِـس الــثِّــيــاَبُ" އެވެ ބުނެފިކަމުގައިވާނަމަ އޭގެ މާނައަކީ މިވެނި މީހަކީ ޚުލުޤު ނުބައި މުޢާމަލާ ރަނގަޅުނޫން މީހެކޭ ބުނުމެވެ. މިގޮތުން ބަލާއިރު ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم އަށް އިރުޝާދު ދެއްވައިފައި އެވަނީ އެމާތް ސާހިބާގެ ހަށިކޮޅާއި ހެދުންކޮޅު ފަދައިން ޚުލުޤުފުޅުންވެސް ރީތިކަމާއި ސާފުކަމުގެ ނަމޫނާއެއް ޤާއިމު ކުރައްވާށެވެ. ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ ސީރަތު ލިޔަމުންދާއިރު އަޅުގަނޑު މަސައްކަތްކުރަމުން ގެންދާނީ رحـمــة لّـلعــالمــيـــن ގެ ތަޙްރީކުގެ ޒަރީޢާއިން އެމާތް ސާހިބާ ގެންނެވި ރީތި އިންޤިލާބާއި ބިނާކުރެއްވި އިސްލާމީ މުޖްތަމަޢުގައި މީސްތަކުންގެ އެތެރެފުށާއި ބޭރުފުށް އަލިކުރައްވައި އުޖާލާކުރައްވާން ކަނޑައެޅުއްވި މަތީ މިންގަނޑު ބަޔާންކުރެވޭތޯއެވެ.
وَالـــرُّجْـــــزَ فَــاهْـجُـــــــــرْ: މިބަސްފުޅުގެ އެއްމާނައަކީ ކަލޭގެފާނު ބުދަށް އަޅުކަން ކުރެއްވުމުން އެއްކިބާވެވަޑައިގަންނަވާށޭ އެންގެވުމެވެ. އަނެއް މާނައަކީ ކަލޭގެފާނު ހުރިހައި ބާވަތެއްގެ ހަޑިމުޑުދާރު ކަމަކާއި ފާސިޤުކަމަކާއި ފާޖިރުކަމަކުން ދުރުވެވަޑައިގަންނަވާށޭ އެންގެވުމެވެ. އާދެ، ހަށިކޮޅާއި ފޭރާންކޮޅާއި ޚުލުޤުފުޅާއި އުޅުއްވާ ތަނާއި ހިތްޕުޅާއި ޒަމީރުގެ ދަމިލަތަކަކާއި މުޑުދާރުކަމަކުން ދުރުވެވަޑައިގަންނަވާން އިރްޝާދު ދެއްވުމެވެ. މަކާނީ މާހޫލާއި ޒަމާނީ މާހޫލުވެސް ސާފުތާހިރު ކުރައްވާން އެންގެވުމެވެ. މަކާނީ މާހޫލުގެ މާނައިގެ ތެރޭގައި ގެދޮރާއި އަވަށާއި ރަށާއި ސިޓީއާއި އެތަންތާނގެ ޖައްވާއި ފަޒާއާއި އާބުހަވާ ހިމެނެއެވެ. ޒަމާނީ މާހޫލުގެ މުރާދަކީ ޒަމާނުގެ އަސަރުތަކެވެ. މިސާލެއްގެގޮތުން ދަންނަވާނަމަ ތާރީޚީ އަސަރުތަކާއި ސަޤާފީ އަސަރުތަކާއި ސިޔާސީ އަދި އިޖްތިމާޢީ ދާއިރާގެ އަސަރުތަކެވެ. އެ ދާއިރާތަކުން ފޯރާ އަސަރުތަކަކީ ނައްސި އަސަރުތަކެއް ކަމުގައިވާނަމަ އިންސާނާގެ ޝަޚްޞިއްޔަތަށް ވަރަށްބޮޑު ނޭދެވޭ އަސަރުތަކެއް ކުރެއެވެ. ހިތާއި ޒަމީރުގެ ނުސާފުކަމުގެ މާނައަކީ ޖަރީމާތަކާއި އަނިޔާއާއި ފާފަވެރިކަމުގެ ޠަބީޢީ އަސަރުތަކެވެ. އޭގެ އެންމެ ނުބައިވައްތަރުތަކަކީ ޝަރީކު ކުރުމާއި ބުދަށް އަޅުކަން ކުރުމެވެ. ބަޚީލުކަމާއި ނިފާޤުކަމާއި އަނިޔާވެރިކަމާއި މީހުން މެރުމާ މިފަދަ ކަންކަމެވެ. އިސްލާމްދީނުގެ ޢާލަމްތަކަށް ރަޙްމަތެއް ކަމުގައިވާ އިންޤިލާބުގެ އަސާސީ އެއްމަޤްޞަދަކީ އިންސާނާގެ ކިބައިގައި ރިވެތިކަމާއި ރަނގަޅުކަމަށް ލޯބިކުރުމުގެ (ޖަމާލިއްޔާތީ ޙިއްސު) ދިރުވައި އާލާކުރެއްވުމެވެ. ރަނގަޅުކަމާއި ރީތިކަމަށް ލޯބި ޖެއްސެވުމެވެ. ހުތުރު ހުރިހައި ކަމަކާއި ނުބައި އެންމެހައި ކަންކަމަށް ނަފުރަތު ކުރުމުގެ ޙިއްސު ހޭލެއްވުމެވެ.
(ނުނިމޭ)

