ބަރުދާސްކުރުމަކީ ތަފާތު ޚިޔާލަށް ތަންދޭ ކަމެއް

މަވްލާނާ ވަޙީދުއްދީން ޚާން
ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް


ބަރުދާސްކުރުމަކީ އިންސާނީ ޝަރަފާއި އިއްޒަތް އެދޭ ގޮތެވެ. އެއީ އެހެން މީހުންގެ ޚިޔާލާއި ފިކުރަށް ރިޢަޔަތްކުރުމެވެ. އިސްލާމްދީނުން އިންސާނާގެ ހިތާއި ސިކުނޑީގައި އުފައްދާ މަތިވެރި ސުލޫކަކީ މިއީއެވެ.


ބަރުދާސް (ޓޮލެރަންސް) ކުރުމަކީ މަތިވެރި އިންސާނީ އަމަލެކެވެ. އިސްލާމީ ސިފައެކެވެ. ބަރުދާސްކުރުމުގެ ފުޅާ މާނައަކީ އެހެން މީހުންނާމެދުވެސް ހެޔޮކޮށް ވިސްނުމެވެ. ތަފާތު ވިސްނުމާއި ފިކުރަށް ރިއާޔަތްކުރުމެވެ. ކުރު މާނައަކީ ކެތްކުރުމެވެ. ބަރުދާސްނުކުރުމަކީ ހަމައެކަނި ތިމާގެ އަމިއްލަ ނަފުސާމެދު ވިސްނުމެވެ. އަމިއްލަ އެދުން އިސްކުޅައުމެވެ. އެހެން މީހުންގެ ޚިޔާލާއި ވާހަކަތަކާމެދު ނުވިސްނުމެވެ. އެހެން މީހުންގެ އެދުމަކީ ކޮބައިކަން ނުވެސް ބެލުމެވެ.  ބަރުދާސްކުރުމަކީ މާތް ކަމެކެވެ. އިސްލާމްދީނުގައި ބަރުދާސްކުރުން އެކި ގޮތްގޮތަށް ބަޔާންވެފައި ވެއެވެ. އޭގެ ތެރޭގައި ހިތްހެޔޮކަމާއި މަޑުމައިތިރިކަމާއި އެހެން މީހުންނަށް ހެޔޮކޮށް ހިތުންފަދަ އެތައް ބަހަކުން ބަރުދާސްކުރުން ސިފަކޮށްފައި ވެއެވެ.

އާދަމުގެ ދަރިޔާގެ ހިތާއި ސިކުނޑީގައި ﷲއަށް އަޅުކަންކުރުމާއި ހައްގު ދީނަށް ބޯލެނބުން ރަނގަޅަށް އަށަގެންފިނަމަ އަމިއްލަ އެދުމުގެ ސަބަބުން އުފެދޭ ހުރިހައި ނުބައި ކަމަކުން އޭނާ ސަލާމަތްވާނެއެވެ. އޭނާ ހުންނާނީ އެފަދަ ސިފަތަކަށްވުރެ އުހަށް އަރައެވެ. އަމިއްލަ ނަފުސުގެ އެދުމުގެ ތެރޭގައި ދިރިއުޅުމުގެ ބަދަލުގައި އޭނާ ދިރިއުޅޭނީ ހަގީގަތަށް ބުރަވެ ހުރެގެންނެވެ. އެފަދަ މީހެއްގެ މިޒާޖުގައި ހުންނާނީ އެހެން މީހުންނަށް ލޯތްބާއި ހަމްދަރުދީއާއެކު ބެލުމުގެ އާދަ އަށަގެންފައެވެ. އޭނާ އެއްވެސް މީހަކުގެ ކިބައިން އެދޭ ކަމެއް ނޯންނާނެއެވެ. ވުމާއެކު އެހެން މީހުން އޭނާޔާ ދެކޮޅުވެރި ވިޔަސް، ނުވަތަ އޭނާއަށް ނޭދެވޭ ސުލޫކެއް ދެއްކިނަމަވެސް އޭނާ ހުންނާނީ އެފަދަ މީސްމީހުންނަށް ހެޔޮއެދުމުގެ މަތީގައެވެ. އޭނާ އެހެން މީހުންނާމެދު ހެޔޮކޮށް ވިސްނާނެއެވެ. ކުރިމަތިވާ ކަމެއްގެ ސަބަބުން، އޭނާގެ ބަރުދާސްކުރުމުގެ އާދަ ދޫކޮށެއް ނުލާނެއެވެ.

ބަރުދާސްކުރުމަކީ އެއް ޚިޔާލުގެ މީހުންނާއި ދެކޮޅުވެރި ޚިޔާލުގެ މީހުންނާ މެދުވެސް އެއް ގޮތަކަށް ސުލޫކު ބަހައްޓައި ގަދަރާއި އިހުތިރާމު އަދާކުރުމެވެ. ގާތްތިމާގެ މީހުންނާއި އެކުވެރިންނަށް ދޭ ދަރަޖަ ބީރައްޓެހިންނަށާއި ގާތް ނޫން މީހުންނަށް ދިނުމެވެ. އެހެން މީހުންނަށް މެދުވެރިވާ ނޭދެވޭ ހާލަތްތަކުގައި ހަމްދަރުދީ ފާޅުކުރުމެވެ. އެހެން މީހުންގެ ކިބައިން ދެކޮޅުވެރިކަމާއި ނޭއްގާނިކަން ފެނުނު ކަމުގައި ވިޔަސް އޭނާ ފަރުވާލެއް ނުބަހައްޓާނެއެވެ.

ބަރުދާސްކުރުމުގެ މާނައަކީ އެހެން މީހުންގެ ވިސްނުމާއި ފިކުރަށް ރިއާޔަތްކުރުމެވެ. ދިރިއުޅުމުގައި އެކަކު އަނެކަކާ ދެމެދު ނުވަތަ އެއް ބަޔަކު އަނެއް ބަޔަކާ ދެމެދު ޚިޔާލު ތަފާތުވުން އުފެދުމަކީ ޠަބީޢީ ކަމެކެވެ. ނުވެ ނުދާނޭ ކަމެކެވެ. ދީނީ ޚިޔާލު ތަފާތުވުމާއި ސަގާފަތުގެ ޚިޔާލުތަފާތުވުމާއި އާދަކާދައިގެ ޚިޔާލުތަފާތުވުން ފަދަ އެތައް ކަމެއް އަބަދުވެސް އުފެދެމުންދާނެއެވެ. މިފަދަ ހާލަތްތަކުގައި މަތިވެރި އިންސާނީ އާދައެއްކަމުގައި ވާން ޖެހޭނީ ތިމާގެ އުސޫލުތަކުގައި ގާއިމުވެ ހުރުމެވެ. އެހެން މީހުންގެ ތަފާތު ޚިޔާލަށް ހުރުމަތްތެރިކޮށް ހިތުމާއެކު، އިޚްލާސްތެރިކަމާއި ހިތްހެޔޮކަން އިސްކުރުމެވެ. ތިމާގެ އަމިއްލަ ކަންކަމުގައި ހެޔޮ އުސޫލެއްގެ މަތީގައި ދެމިހުރުމާއެކު އެހެން މީހުންގެ ކަންކަމުގައި ބަރުދާސްކުރުމުގެ އުސޫލުގައި ހިފެހެއްޓުމެވެ. މިފަދައިން އަމަލުކުރާ މީހާ އަބަދުވެސް ތިމާގެ އަމިއްލަ ނަފުސު ވަޒަންކުރާނީ އޭނާގެ އަމިއްލަ މީޔާރުގެ މައްޗަށް ބުރަވެ ހުރެގެންނެވެ. އެކަމަކު އެހެން މީހުންނާ މުއާމަލާތްކުރަން ޖެހުނީމާ މައްސަލަ ވަޒަންކުރާނީ ފަހި ވިސްނުމާއި ތަފާތު ޚިޔާލާއި ފިކުރަށް އިސްކަންދިނުމުގެ ހަމައިގެ ތެރޭގައި ހުރެގެންނެވެ. މި ބަރުދާސްކުރުމަކީ އިންސާނީ ޝަރަފާއި އިއްޒަތް އެދޭ ގޮތެވެ. އިސްލާމްދީނުން އިންސާނާގެ ހިތާއި ސިކުނޑީގައި އުފައްދާ މަތިވެރި ސުލޫކަކީ މިއީއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.