ﷲއަށް ބިރުވެތިވުމަކީ ހެޔޮ މަގުގައި ހުރުމަށް އެހީތެރިވާކަމެއް

މަވްލާނާ ވަޙީދުއްދީން ޚާން
ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް


ﷲއަށް ބިރުވެތިވުން ނުވަތަ ތަގުވާވެރިކަމަކީ ﷲ ކަނޑައަޅުއްވައިފައިވާ އުސޫލުތަކާއި ހަމަތަކުގެ މަތީގައި ދިރިއުޅުމެވެ. އެއީ ތިމާގެ އަމިއްލަ އެދުންތަކަށް ބާރު ފޯރުވައި، އިދިކީލި ކަންތައްތަކާ ދުރުހެލިވެގެން އުޅުންވެސްމެއެވެ.


ތަގުވާއަކީ ރައްކާތެރިވުމެވެ. މާނައަކީ ފަރުވާތެރިކަމާއި ރައްކާތެރިކަމާއެކު ދުނިޔޭގެ ދިރިއުޅުން ވޭތުކުރުމެވެ. މިފަދައިން ވޭތުކުރާ ދިރިއުޅުމަކީ ތަގުވާވެރި ދިރިއުޅުމެކެވެ.

ޢުމަރުލްފާރޫޤް ރަޟިޔަﷲ ޢަންހު އަސްހާބުބޭކަލަކާ ސުވާލުކުރެއްވިއެވެ. ތަގުވާވެރިކަމަކީ ކޮބައިތޯއެވެ؟ އެބޭކަލަކު ދެންނެވިއެވެ. އޭ މުއުމިންތަކުންގެ އަމީރެވެ. ދެފަރާތުގައި ކަށިތަކުން ފުރިފައިވާ ގަސް ހުރި މަގަކުން ކަލޭގެފާނު ދަތުރުފުޅެއް ކުރެއްވިންތޯއެވެ؟ އެފަދަ ވަގުތެއެްގައި ކަލޭގެފާނު ކަންތައް ކުރައްވަނީ ކިހިނެއްތޯއެވެ؟ ޢުމަރުގެފާނު ވިދާޅުވިއެވެ. އަޅުގަނޑު ހެދުމުގެ ފަސްބަޔަށް ސަމާލުވެ، ކަށިތަކުން ސަލާމަތްވެގެން ހިނގޭތޯ ބަލަނީއެވެ. އެ އަސްހާބުބޭކަލަކު ވިދާޅުވިއެވެ. ތަގުވާވެރިކަމަކީ އެއީއެވެ.

މި ދުނިޔެއަކީ އިމްތިހާނުގެ ދުނިޔެއެކެވެ. އިންސާނާ އިމްތިހާނު ކުރެއްވުމަށްޓަކައި މި ދުނިޔޭގައި ވަނީ އެތައް ބާވަތެއްގެ [ކަށްޓެއް] ލައްވައިފައެވެ. ބައެއް ދިމަދިމާއިން އުފެދެނީ އިދިކީލިކަމުގެ ތޫފާނެވެ. އެހެން ދިމާއަކަށް ބަލައިލާއިރު ތާކުންތާކުން ނުޖެހޭ މައްސަލަތަކެވެ. ސީރިއަސްކަމާއެކު އެއިން މައްސަލައަކާ ދިމާއަށް ބަލައިލާންވެސް ކަމުނުދާ ކަހަލަ މައްސަލަތެކެވެ. ދެން ފެންނަނީ ހެޔޮ ކަންކަމުން އަހަރެމެންގެ ސަމާލުކަން އެއްފަރާތް ކޮށްލާކަހަލަ ދުނިޔަވީ ވިދުވަރެވެ.

މި ހުރިހައި ކަމަކީ ދުނިޔަވީ ދަތުރުގެ މަގުގެ ދެފަރާތުގައި ހުރި ކަށިތަކުން ފުރިފައިވާ ގަސްގަހެވެ. ކޮންމެ ވަގުތަކުވެސް ފަސްބައިގައި ޖެހިދާނޭކަމުގެ ބިރު އޮވެއެވެ. އެހެން ވެއްޖެނަމަ ކުރިއަށް ދިއުމުގެ ބަދަލުގައި އެ ކަށިތަކުގެ ތެރޭގައި ތާށިވެފައި ހުންނާން ޖެހިދެއެވެ.

މިފަދަ ހާލަތެއްގައި ބުއްދިވެރިއަކަށް ވާނީ ކަށިތަކުން ސަލާމަތްވާން މަސައްކަތްކުރާ މީހާއެވެ. ފަސްބަޔަށް ސަމާލުވާ މީހާއެވެ. ނޭދެވޭ ކަންތައްތަކާ މެހިގަނެގެން އުޅުމުގެ ބަދަލުގައި އެފަދަ ކަންކަމުން ދުރިހެލިވެގެން ދަތުރު ކުރިއަށް ގެންދާ މީހާއެވެ. ހުރިހައި ހާލަތެއްގައިވެސް އެފަދަ މީހަކު މަސައްކަތް ކުރާނީ ނޭދެވޭ ކަންތައްތަކާ ދުރުހެލިވެވޭތޯއެވެ. އެފަދަ ކަންތައްތަކުގެ ތެރެއަށް ވަނުމުގެ ބަދަލުގައި ސަލާމަތްވެވޭތޯއެވެ.

އިންސާނާ އުފައްދަވައިފައި ވަނީ ސާފު ފިތުރަތެއްގެ މަތީގައެވެ. ހުރަހަކާ ދިމާނުވާނަމަ ކޮންމެ އިންސާނަކުވެސް ދަތުރުކުރާނީ ސީދާ މަގުންނެވެ. އެހެންވީމާ ފިތުރަތާ ނުގުޅޭ ހުރިހައި ކަމަކުން ސަލާމަތްވާން މަސައްކަތްކުރުމަކީ އިންސާނާގެ މައްޗަށް އޮތް ވާޖިބެކެވެ. މިފަދައިން މަސައްކަތްކޮށްފި ނަމަ އޭނާ ހުންނާނީ ހެޔޮ މަގުގައެވެ. ﷲގެ ޙަޟުރަތަށް ދާންޖެހޭ ވަގުތާ ހަމައަށްވެސް ސީދާ މަގުގައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.