ކެތްތެރިކަން އިސްކޮށް، އަރައިރުމާ ދެކޮޅުހެދުން

މަވްލާނާ ވަޙީދުއްދީން ޚާން
ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް


ޚިޔާލު ތަފާތުވީ ނަމަވެސް، މީސްމީހުންނާ ޖެހިގަތުމާއި ޒުވާބުކުރުމާއި އަރައިރުން އުފެއްދުމާ ދުރުހެލިވެ، އެކުވެރިކަމާއެކު ދިރިއުޅުމަކީ އިސްލާމްދީން އިރުޝާދުދޭ ރީތި ސިފައެކެވެ.


ޒުވާބާއި އަރައިރުމާ ދެކޮޅުހެދުމަކީ އިސްލާމްދީނުގެ މުހިއްމު އިޖްތިމާއީ އުސޫލެކެވެ. އެއީ ޝަކުވާއާއި ޚިލާފު އުފެދުމާ ދުރުހެލިވުމެވެ. އެއީ ނުރުހޭފަދަ ހާލަތެއް ބަޔަކު ކުރިމަތިކުރުވީމާ ކުއްލިއަކަށް ރައްދު އަމަލުގެ ތެރެއަށް ނުވަދެ، ފަހި ވިސްނުމެއްގައި ގާއިމުވެ ހުރުމެވެ.

އަންހެނަކަށް ވިޔަސް، ފިރިހެނަކަށް ވިޔަސް، ކޮންމެ މީހަކީވެސް ތަފާތު މިޒާޖެއްގެ މީހެކެވެ. އެހެންވީމާ އެކަކު އަނެކަކާ ދެމެދު އެތައް ތަފާތެއް ހުންނާނެއެވެ. އެކަކަށް އަނެއްގެ ފަރާތުން ހިތްހަމަ ނުޖެހޭ ކަންތައްތައް ފެންނާނެއެވެ. ދެމީހުންގެ މެދުގައި ޚިޔާލު ތަފާތުވުން އުފެދޭނެއެވެ. ގޭތެރޭގައިކަމަށް ވިޔަސް، ގެއިން ބޭރުގައި ކަމަށް ވިޔަސް، މިފަދަ ނޭދެވޭ ހާލަތަތްތަކާ ކުރިމަތިލާން ޖެހުމަކީ ޠަބީޢީ ކަމެކެވެ. އެއީ ހުއްޓުވޭނޭ ކަމެއް ނޫނެވެ.

މިއިން ކަމަކާ ދިމާވީމާ ކަންކުރަން އޮންނަ އެއް ގޮތަކީ ދެކޮޅުވެރިކަން އިސްކޮށް، އެކަކު އަނެކަކާ ތޮޅިގަތުމެވެ. ޒުވާބެއްގެ ތެރެއަށް ފުންމައިލުމެވެ. ނުރުހޭ ކޮންމެ ކަމަކާ ސީދާ ކުރިމަތިލައި އެ ކަމެއް ހައްލުކުރަން އުޅެގަތުމެވެ. މިއީ އިންސާނާގެ ޠަބީޢަތާ ޚިލާފު ކަމެކެވެ. ސަބަބަކީ މި އަމަލުގެ ސަބަބުން މައްސަލަ އިތުރަށް ފުޅާވެގެން، ބޮޑުވެގެން ދާނެތީއެވެ. އެއީ މައްސަލަ ހައްލުވާނޭ ކަމެއް ނޫނެވެ.

މިފަދަ ދަނޑިވަޅުތަކުގައި ކަންކުރަން ޖެހޭ ގޮތެއް ކަމަށް އިސްލާމްދީނުން އަންގަނީ ކެތްތެރިކަން އިސްކުރާށެވެ. އެއީ ނޭދެވޭ ހާލަތު ނައްތައިލުމުގެ ބަދަލުގައި ކެތްތެރިވުމެވެ. އެހާލަތާ މުގާބިލާކުރުމުގެ ބަދަލުގައި އަޅައިނުލައި ދޫކޮށްލުމެވެ. ޚިލާފުތަކާއެކުވެސް އެހެން މީހުންނާއެކު އެކުވެރިކަމާއެކު އުޅެން ދަސްކުރުމެވެ.

އިސްލާމްދީން ދެކޭ ގޮތުގައި މިއީ ހަމައެކަނި އިޖްތިމާއީ އާދައެއް ނޫނެވެ. ސަވާބު ލިބޭފަދަ ހެޔޮކަމެއްވެސް މެއެެވެ. މީސްތަކުންނާއެކު އެކުވެރިކަމާއެކު ދިރިއުޅުމަކީ އާއްމު ހާލަތުގައިވެސް ސަވާބު ލިބޭ ކަމެކެވެ. އެކަމަކު ޝަކުވާއާއި ޚިލާފުތަކާއެކުވެސް ހެޔޮ ރަވައްޔާއަކާއެކު މީސްތަކުންނާ މުއާމަލާތްކޮށް، ތިމާގެ އިދިކީލި ވިސްނުން ރަތަމަކޮށް، ކެތްތެރިކަން އިސްކުރުމާއެކު، ފަހި ވިސްނުން ކުރިއަށް ނެރެފިނަމަ ސަވާބު އެތައް ގުނައަކަށް އިތުރުވެގެން ދެއެވެ. ﷲގެ ޙަޟުރަތުގައި އެފަދަ މީހުން ހިމެނެނީ އިޙްސާންތެރިންގެ ތެރޭގައެވެ. (އައްނަޙްލު ސޫރަތުގެ 128 ވަނަ އާޔަތް) އިޙްސާންތެރިންނަކީ މި ދުނިޔޭގެ ދިރިއުޅުމުގައި ހެޔޮ އަޚްލާގާއި މަތިވެރި ދަރަޖައަކަށް އިންސާނިއްޔަތުކަމުގެ ސިފަ ދައްކައިއުޅޭ މީހުންނެވެ.

ކެތްތެރިކަމުގެ ސިފަޔާ ނުލައި މަތިވެރި އިންސާނީ ފަރުދަކު އުފެއްދުމަކީ ކުރެވޭނޭ ކަމެއް ނޫނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.