މަވްލާނާ ވަޙީދުއްދީން ޚާން
ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް
އެނާޔާއެކު އުޅޭ މީހުންނާއި ބައްދަލުވާ މީހުންގެ ހައްގުތައް އަދާކުޅައުމަކީ ކޮންމެ މުއުމިނެއްގެ މައްޗަށް ލާޒިމުވެގެންވާ ކަމެކެވެ. ﷲގެ ރުއްސެވުން ހައްގުވަނީ މި ޒިންމާ އަދާކުރާ މީހުންނަށެވެ.
މުއިމިނެއްގެ މައްޗަށް ވަރަށް މުހިއްމު އެއް ޒިންމާއެއް މަތިކުރެވިފައި އޮވެއެވެ. އެޔަށް ކިޔަނީ ޙައްޤުﷲއެވެ. އެއީ ﷲގެ ހުރިހައި ސިފަފުޅެއް ފުރިހަމައަށް ގަބޫލުކުރުމާއެކު އެކަލާނގެއަށް އީމާންވުމެވެ. އެކަލާނގެއަށް އަޅުކަންކުރުމެވެ. އެކަލާނގެއަށް ޖަވާބުދާރީވާން ޖެހޭނޭ ކަމަށް ގަބޫލުކުރުމެވެ. އެކަލާނގެ ރުއްސަވާ މަގުގައި ހިނގުމެވެ. ﷲގެ ޙަޟުރަތުން އައިސްފައިވާ ހުރިހައި އަމުރުފުޅަކަށް ކިޔަމަންގަތުމާއި ފުރިހަމަ އިޚްލާސްތެރިކަމާއެކު ހުރިހައި ކަމެއް އެކަލާނގެ އަންގަވައިފައިވާ ގޮތަށް ފުރިހަމަކުރަމުން ގެންދިއުމެވެ.
މުއުމިނެއްގެ މައްޗަށް މަތިކުރެވިފައިވާ ދެވަނަ ޒިންމާއަށް ކިޔާ ނަމަކީ ޙުޤޫޤުލްޢިބާދެވެ. އެއީ ކޮންމެ މީހަކުވެސް އެހެނިހެން އަޅުތަކުންނަށް އަދާކުރަންޖެހޭ ހައްގުތަކެވެ. މިއީ އެހެން މީހުންގެ ނިސްބަތުގައި މަތިކުރެވިފައިވާ ވަރަށް މުހިއްމު ޒިންމާއެކެވެ. ފިރިހެނަކަށް ވިޔަސް، އަންހެނަކަށް ވިޔަސް އަދި ގާތްތިމާގެ މީހަކަށް ވިޔަސް، ނުދަންނަ ބީރައްޓެއްސަކަށް ވިޔަސް އަދި އެއް ރަށެއްގެ މީހަކަށް ވިޔަސް، އެހެން ރަށެއްގެ މީހަކަށް ވިޔަސް އެއްވެސް ތަފާތު ކުރުމެއް ނެތި މި ޒިންމާ އަދާކުރުން މުއުމިނާގެ މައްޗަށް ލާޒިމެވެ. މުއުމިނާގެ ކިބައިގައި އެހެން ކޮންމެ މީހެއްގެ މައްޗަށް ހައްގުތަކެއް ވެއެވެ. އެ ހައްގުތައް އަދާކުރުމަކީ މުއުމިނާގެ ޒިންމާއެކެވެ. އެ ހައްގުތައް އަދާނުކޮށް ﷲ ގެ ރުއްސެވުން ހައްގުވާ ކަމުގައި އެއްވެސް މީހަކު ގަބޫލުކޮށްގެން ނުވާނެއެވެ.
ޙުޤޫޤުލްޢިބާދްގެ މުރާދަކީ ކޮބައިހެއްޔެވެ؟ އެއީ މުއުމިނަކާ އެހެން މީހަކާ ބައްދަލުވާ ކޮންމެ ފަހަރަކު ނުވަތަ ދޭދޭ މުއާމަލާތެއް ކުރެވޭ ކޮންމެ ފަހަރަކު އިސްލާމީ އަދަބުތަކާއި އުސޫލުތައް ލާޒިމުކުރާ ފުރިހަމަ ސުލޫކުގެ މަތީން މުއާމަލާތްކުރުމެވެ. އިސްލާމީ މީޔާރަށް ނުފެތޭ އެއްވެސް ކަމެއް އެ މީހަކާމެދު ނުކުރުމެވެ.
މިސާލަކަށް އެއްވެސް މީހެއްގެ އަގު ވައްޓައިލައިގެން ނުވާނެއެވެ. ކޮންމެ މީހަކަށްވެސް ފުރިހަމައަށް އިހުތިރާމްކުރަން ވާނެއެވެ. އޭނާއަށް ފައިދާވަނިވި ކަމެއް ކުރެވޭތޯ ބަލަންވާނެއެވެ. އެވަރު ނުކުރެވޭނަމަ އޭނާއަށް ގެއްލުމެއްވާ ކަހަލަ ކަމެއް ކޮށްގެން ނުވާނެއެވެ. މީހަކާއެކު ކޮށްފައިވާ އަހުދެއް ނަމަ އެ އަހުދުގެ މަތީގައި ގާއިމުވެ ހުންނާންވާނެއެވެ. ފުކަކަށްވެސް އެ އަހުދަކާ ޚިލާފުވެގެން ނުވާނެއެވެ. އެއްވެސް މީހެއްގެ މުދާ ނުހައްގުން އަތުލައިގެން ނުވާނެއެވެ. ކޮންމެ މީހަކާމެދުވެސް، ކޮންމެ ހާލަތެއްގައިވެސް އިންސާފުން ކަންތައް ކުރަން ވާނެއެވެ. ނާއިންސާފުން އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ. ކޮންމެ މީހަކަށްވެސް ދޭންވާނީ އެ މީހަކަށް އެންމެ ފައިދާކުރާނޭ ކަމަށް ފެންނަ މަޝްވަރާއެވެ. އެއްވެސް މީހަކަށް މަގު އޮޅޭފަދަ މަޝްވަރާއެއް ދީގެން ނުވާނެއެވެ.
ކޮންމެ މީހަކުވެސް އެހެން މީހުންނާ ގުޅޭގޮތުން އޭނާޔާ އިސްލާމްދީނުން ހަވާލުކޮށްފައިވާ ހުރިހައި ޒިންމާއެއް ފުރިހަމައަށް އަދާކުރަން ވާނެއެވެ. ޙުޤޫޤުލްޢިބާދަކީ އެ ޒިންމާތަކެވެ.
