މަވްލާނާ ވަޙީދުއްދީން ޚާން
ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް
ޒަކާތް ދިނުމަކީ އިންސާނުންގެ ކަމެކެވެ. އެކަމަކު އެކަމުގެ ސަބަބުން ގުޅުން ބަދަހިވެގެން ދަނީ އިންސާނާއާއި ﷲއާ ދެމެދުގެ ގުޅުމެވެ. ޒަކާތަކީ އަޅުކަމެކެވެ. މި އަޅުކަމުގެ ބޭރުފުށުގެ އަމަލަކީ އިޖްތިމާޢީ ޚިދުމަތެކެވެ.
ޒަކާތަކީ އަހަރެއް ނިމުނީމާ އަތުގައި މުދާހުރި ކޮންމެ މީހަކު، އެމީހެއްގެ މުދަލުން ކަނޑައެޅިފައިވާ ވަކި މިންވަރެއް ނެރުމެވެ. މިހެން ހެދުމުގެ ސަބަބުން އެމީހާގެ މުދާ ތާހިރުވެގެންދެއެވެ. ކުޑަ މިންވަރެއް ﷲގެ މަގުގައި، އެކަލާނގެ އަންގަވައިފައިވާ ގޮތަށް ހޭދަކުރުމުގެ ސަބަބުން ބާކީ ހުރި އެއްޗެއް ސާފު ގޮތުގައި ބޭނުންކުރުމުގެ [ހުއްދަ] ލިބިގެންދެއެވެ.
އަމިއްލަ މުދަލުން ޒަކާތް ނެރުމަކީ ތިމާގެ ހުރިހައި މުދަލަކީ ﷲ ދެއްވައިފައިވާ އެއްޗެއް ކަމަށް އިއުތިރާފުވުމުގެ އަމަލެކެވެ. މުދަލާއި ތަނަވަސްކަން ދެއްވާ ފަރާތަކީ ﷲ ކަމަށް ވުމާއެކު ﷲ ގެ އަޅުންނަށް ވާޖިބު ކުރައްވައިފައި ވަނީ އެކަލާނގެ މަގުގައި މިންވަރެއް ޚަރަދުކުރުމެވެ.
ޒަކާތުގެ ގާނޫނަކީ ކޮންމެ އަހަރަކު އެއް ފަހަރު މުދާވެރިންގެ އަތުން ވަކި މިންވަރެއް ނަގައި، މުދާ ނެތް މީހުންނަށް ބެހުމެވެ. މިއީ މުދާވެރިކަމުގެ ބުރުގައި އުފެދޭ ނުހަމަކަން، ހަމަހަމަކަމަށް ބަދަލުކުރުމަށްޓަކައި ބާރުއެޅޭ އެއް ގޮތެވެ. މި އަމަލުގެ ސަބަބުން މުދާވެރިންނަށް ކަމެއް ހަނދާންކޮށްދެއެވެ. އެއީ ތަނަވަސްކަން ނެތް މީހުންގެ ހައްގެއް މުދާވެރިންގެ މުދަލުގައި ކިބައިގައި އޮތް ކަމެވެ.
ޒަކާތް ވަނީ އަޚްލާގިއްޔަތާވެސް ގުޅިފައެވެ. އެއްކޮޅުން ޒަކާތްނެރޭ މީހުންގެ ކިބައިން ދަހިކަން ފިލައިގެން ދިއުން ހިމެނެއެވެ. އަނެއްކޮޅުން ހިތުގައި އުފެދޭ އެކުވެރިކަމާއި އެއްބައެއްވަންތަކަމުގެ ޝުއޫރު ފާހަގަ ކުރެވެއެވެ.
ޒަކާތް ލިބޭ މީހުންނަށް ބަލާއިރު އެމީހުންގެ ހިތުގައި ތިމަންމެންގެ ހިތާމައިގައި ބައިވެރިވާ، ހެޔޮއެދޭ ބަޔަކު ތިބިކަމުގެ އިހުސާސް އުފެދިގެންދެއެވެ. މުދާވެރިންނަށްޓަކައި އެމީހުންގެ ހިތުގައި ހަސަދަވެރިކަން ނުއުފެދޭގޮތް ވެއެވެ. ހަސަދަވެރިކަމުގެ ބަދަލުގައި އެމީހުންގެ ހިތުގައި އުފެދޭނީ ލޯބީގެ ޖަޒުބާތެވެ.
ޒަކާތަކީ ﷲގެ މަގުގައި ކުރާ ހޭދައެއް ކަމުގައިވާތީ، އެކަން ހިމެނެނީ އެހެން އަޅުކަންތައް ފަދައިން އަޅުކަމެއް ކަމުގައެވެ. ބޭރުފުށަށް ބަލާއިރު އިންސާނުންގެ އެއް ބައެއްގެ އަތުން ނަގައިފައި އަނެއް ބަޔަކަށް ދެވޭ އެއްޗެއް ކަމުގައި ޒަކާތް ވެއެވެ. އެކަމަކު ހަގީގަތަށް ބަލާއިރު އެ އަމަލުގެ ސަބަބުން އިންސާނާއާއި ﷲއާ ދެމެދު އޮންނަ ގުޅުން ބަދަހިވެގެން ދެއެވެ. އެއީ ﷲއާ ކުއްތަންވުމަށް ލިބޭ ފުރުސަތެކެވެ.
ޒަކާތަކީ ރޫހާނީ ގޮތުން ބަލާއިރު އަޅުކަމެކެވެ. ބޭރުފުށުގެ އަމަލަށް ބަލާއިރު ޚިދުމަތެކެވެ.
