ރަޙްމަތުގެ ނަބިއްޔާގެ ވާހަކަ – 5

(16 އޮކްޓޯބަރ 2025 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"އަދި إبــــراهــيـــــم ގެފާނާއި إسمـــــاعـــيــــل ގެފާނާ ދެބަފައިކަލުން ގެފުޅުގެ ބިންގާ އުފުއްލަވައި ބިނާކުރައްވަމުން ގެންދެވިހިނދު ހަނދުމަކުރައްވާށެވެ. (އެހިނދު ދުޢާކުރެއްވިއެވެ.) އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ ކިބައިން (މިކަން) ޤަބޫލުކުރައްވައިފާނދޭވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ މޮޅަށް އައްސަވައިވޮޑިގެންވާ ރަސްކަލާނގެއެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެޔަށް ފުރިހަމަޔަށް ކިޔަމަންވާ ދެއަޅުންކަމުގައި އަޅަމެން ލައްވައިފާނދޭވެ. އަދި އަޅަމެން އަޅުކަންކުރާނެ ގޮތްތައް އަޅަމެންނަށް ދައްކަވައިފާނދޭވެ! އަދި އަޅަމެންގެ މައްޗަށް ތައުބާ ލައްވައިފާނދޭވެ. ހަމަކަވަރުން އިބަރަސްކަލާނގެއީ ތައުބާލައްވާ ރަޙީމުވަންތަ ރަސްކަލާނގެއެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަދި އެއުންމަތުގެ މީހުންނަށް އިބަރަސްކަލާނގެ އާޔަތްތައް ވިދާޅުވެދެއްވައި ޙިކުމަތާއި ފޮތް އުނގަންނަވައިދެއްވާ އަދި (އެންމެހައި ނުބައިކަންތައްތަކުން) އެ އުންމަތް ޠާހިރުކުރައްވާނޭ ރަސޫލަކު އެއުންމަތުގެ ތެރެއިން، އެއުންމަތުގެ ތެރެޔަށް ފޮނުއްވައިފާނދޭވެ. ހަމަކަވަރުން އިބަރަސްކަލާނގެއީ ޢަޒީޒުވަންތަ ޙަކީމުވަންތަ ރަސްކަލާނގެއެވެ." (الــبـقــــــرة: 127-129)

އަރަހުށި މާތް اللّــــه سبحـــانــــه وتــعــــالــــى އެދެބަފައިކަލުން ގެފުޅު ބިނާކުރައްވައި ނިމިވަޑައިގެންނެވުމުން މީސްތަކުން ޙައްޖަށް އައުމަށް ބަންގި ގޮވައިލެއްވުމަށް إبــــراهــيـــــم عــلــيـــه الـسّــلام އަށް އަމުރުކުރެއްވިއެވެ.

إسمـــــاعـــيــــل ގެފާނުގެ ބޭފުޅުންނާއި ޙިޖާޒުކަރައިގެ ވެރިކަން

އަނެއްކާވެސް އަޅުގަނޑު އެނބުރި ދާނީ إسمـــــاعـــيــــل ގެފާނުގެ ބޭފުޅުންގެ ވާހަކަޔަށެވެ. إسمـــــاعـــيــــل ގެފާނުގެ ބޭފުޅުން އެންމެފުރަތަމަ ވަޒަންވެރިވެވަޑައިގެންނެވީ މައްކާގައެވެ. އެބޭފުޅުންގެ މައީޝަތުގެ ނާރެހެއްކަމުގައި ވެފައިއޮތީ ޝާމްކަރަޔާއި ޔަމަނުކަރަޔާއި މިސުރަށް ވިޔަފާރި ދަތުރު ކުރެއްވުމެވެ. ޒަމާންތަކަކަށްފަހު އޭގެތެރެއިން ގިނަބޭފުޅުންވަނީ ފެނާއި ވިނަ ހޯއްދަވާން ނަޖުދުކަރަޔާއި ޢަރަބިކަރައިން ބޭރުގެ ބައެއް ތަންތަނަށް ނަޤުލުވެވަޑައިގެން އެތަންތާނގައި ވަޒަންވެރިވެވަޑައިގެންފައެވެ. އެބޭފުޅުންގެ ޙާލުކޮޅުތަކާއި ޚަބަރުތައްވަނީ ޒަމާނުގެ ތާރީޚުގެ ކަޅުއަނދިރިކަމުގެ ފަރުދާގެ ތެރެޔަށް ގެއްލިފައެވެ. އެ އަނދިރިކަމުން އިސްތިސްނާވެފައިވަނީ إسمـــــاعـــيــــل ގެފާނުގެ ބޭފުޅުންކުރެ نــابت އާއި قــيـــدار ގެ ޢާއިލާގެ ބޭފުޅުންނެވެ. ޚާއްޞަކޮށް قــيـــدار ގެ ބޭފުޅުންނެވެ.

إسمـــــاعـــيــــل ގެފާނުގެ ބޭފުޅުންކުރެ قــيـــدار ގެ ނަސްލު އުފެދެމުން އިތުރުވަމުންއައީ ޢާންމުގޮތެއްގައި މައްކާގައެވެ. عـــدنــان އާއި އޭނާގެ ދަރިކަލުން مُــعَـــدُّ ގެ ޒަމާނާ ހަމަޔަށެވެ. عـــدنــانـــى ޢަރަބީންގެ ނަސަބުނާމާ ވަނީ ރައްކައުތެރިކުރެވިފައެވެ. އަޅުގަނޑުމެންގެ ލޮބުވެތި ރަސޫލާ ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم އާ عـــدنــان އާ ދެމެދު ވަނީ އެކާވީސް ކާފައިކަލުންނެވެ. ބައެއް ރިވާޔަތްތަކުގައިވާގޮތުން ކައުސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم އެމާތް ސާހިބާގެ ނަސަބުފުޅު ވިދާޅުވާއިރު عـــدنــان އަށްވުރެ މައްޗަކަށް ނުގެންދަވައެވެ. ހަދީސުކުރައްވަނީ ނަސަބުގެ ޢިލްމުވެރީންކުރެ އެއަށްވުރެ މައްޗަށް ނަސަބު ވިދާޅުވާ ބޭކަލުންގެ ބަސްފުޅުތަކަކީ ކުށްބަސްފުޅުތަކެއް ކަމުގައެވެ. ރާއްޖޭގެ ޢިލްމުވެރި ޝާޢިރު فـضيـلـة الـشّـيــخ عــبــداللّــــه جـــلال الــدّيـــن ވިދާޅުވަނީ "މައްޗަށް މިޔަށްވުރެ ގެންދިޔުން ގުޅަމުންނަސަބު، ރައްކާ ކަމެއްގެގޮތުން ޝަރީޢަތް ނުރުހޭ" ކަމުގައެވެ. (ސީރަތުގެ ރަންހާރު) ނަމަވެސް ބައެއް ޢިލްމުވެރީން ވިދާޅުވާގޮތުގައި عـــدنــان އަށްވުރެ މައްޗަށްވެސް ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ ނަސަބުފުޅުގެ ގިލަފަތި ގަތައިލެވިދާނެއެވެ. (އެކަމަކު އެއީ ޟަޢީފު ރިވާޔަތެކެވެ.) އެބޭކަލުންގެ ހޯއްދެވުމުގައިވާގޮތުން عـــدنــان އާއި إسمـــــاعـــيــــل عــلــيـــه الـسّــلام އާ ދެމެދުގައިވަނީ ސާޅީސް ކާފައިކަލުންނެވެ. عـــدنــان އާ ހަމައިން ފެށިގެން ކިޔާއިރު އިތުރު ސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم އަކީ:

عـــدنــان ގެ مُــعَـــدُّ ގެ نـِــــزار ގެ مُـضَــــر ގެ إلْــيَـــاسُ ގެ مُــدْرِكَـــــةُ ގެ خُـــــزَيْمَـــــة ގެ كِــنَـــانَـــــةُ ގެ نَــضْـــــرُ (قَــيْـسُ) ގެ مَــالِـكُ ގެ فِــهْـــــرُ (قـــريش) ގެ غــاَلِــبُ ގެ لُـــوَيُّ ގެ كَــعْــبُ ގެ مُــــــرَّةُ ގެ كِــلاَبُ ގެ قُـصَــيُّ (زيــد) ގެ عــبـــد مـــنـــــاف (مُــغِـــيْـــرِة) ގެ هـــاشــــم (عــمــــرو) ގެ عــبـــدالمـطّــلــب (شــيــبـــة) ގެ عــبــد اللّــــه ގެ ދަރިކަލުން محــمّــــد صــلّـــــى اللّــــه عــلـيــــه وســلّـــــم އެވެ.

عـــدنــان އަކީ إسمـــــاعـــيــــل ގެފާނުގެ ދަރިކަލުން قــيـــدار ގެ ނަސްލުން ޞައްޙަ ނަސަބަކުން ވަޑައިގެން ހުންނެވި أُدُّ އެވެ ކިޔުނު ބޭކަލެއްގެ ދަރިކަލެއްކަމާމެދު ޢިލްމުވެރީންގެ މެދުގައި ޚިލާފެއް ނެތެވެ. ނަމަވެސް ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ ނަސަބުފުޅު އަޅުގަނޑު މިލިޔުނީ عـــدنــان ގެފާނާ ހަމައިން ފެށިގެންނެވެ. ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم އާ ތަބާވުމުގެ ގޮތުންނެވެ. މި ސިލްސިލާގެ އަނެއްދެބައި (عـــدنــان ން ފެށިގެން إبــــراهــيـــــم ގެފާނާ ހަމަޔަށާއި إبــــراهــيـــــم ގެފާނުން ފެށިގެން آدم ގެފާނާ ހަމަޔަށް) ދޫކޮށްލީއެވެ.

ކުރީންވެސް އަޅުގަނޑު ލިޔެފައިވާ ފަދައިން މައްކާ އާބާދުވާންފެށީ إسمـــــاعـــيــــل عــلــيـــه الـسّــلام ގެ ޙަޔާތްޕުޅުގައެވެ. އެކަލޭގެފާނު 137 އަހަރު ދުނިޔޭގައި ހުންނެވިއެވެ. (އައްރަޙީޤުލް މަޚްތޫމި) އެކަލޭގެފާނުގެ ޙަޔާތްޕުޅުގައި މައްކާގެ ވެރިޔަކީވެސް كــعـــبـــة اللّــــه ގެ ބެލެހެއްޓެވުންތެރިޔަކީވެސް އެކަލޭގެފާނެވެ. އަރަހުށި މާތް اللّــــه އެކަލޭގެފާނު ނަބީކަމާއިގެން ފޮނުއްވީ ޢަރަބިކަރައާއި ޔަމަންކަރައިގެ އަހްލުވެރީންގެ ގާތަށެވެ. (رحـمــة لّـلعــالمــيـــن، قــاضــــى محــمّــــد سـليمـــان سـلـمـــان މަންޞޫރުޕޫރީ) އެކަލޭގެފާނު އަވަހާރަވުމަށްފަހު އެކަލޭގެފާނުގެ ދަރިކަލުން ނާބިތާއި ޤައިދަރާ ދެބޭފުޅުން އެއްބޭފުޅަކަށްފަހު އަނެއްބޭފުޅަކު ވެރިކަން ކުރެއްވިއެވެ. ނާބިތުގެ ދެވަނަ ދައުރަށްފަހު އެކަލޭގެފާނު އަވަހާރަވުމުން އެބޭކަލުންގެ މާފަ مـضــاض بـــن عــمـــــرو الجــــرهــمــى މައްކާއާއި كــعـــبـــة ގެ ވެރިކަން އަތުލައްވައިފިއެވެ. ނަތީޖާއެއްގެގޮތުން މައްކާގެ ވެރިކަން ޖަރުހަމުވަންހައިގެ މީހުންނަށް ލިބިއްޖެއެވެ. ޖަރުހަމްވަންހަޔަކީ ކުރީޒަމާނުގެ ޢަރަބީންގެ ރަސްދަރިކޮޅެކެވެ. (رحـمــة لّـلعــالمــيـــن) ޖަރުހަމްވަންހައިގެ މީހުން ދިގުޒަމާންތަކެއް ވާންދެން (ގާތްގަނޑަކަށް ދެހާސް އެއްސަތޭކަ އަހަރުވާންދެން) މައްކާގައި ވެރިކަން ކުރިއެވެ.

ކުރީންވެސް އަޅުގަނޑު ބަޔާންކުރި ފަދައިން كــعـــبـــة اللّــــه ބިނާކުރެއްވީ إبــــراهــيـــــم ގެފާނާއި إسمـــــاعـــيــــل ގެފާނާ ދެބަފައިކަލުންނެވެ. އެހެންކަމުން إسمـــــاعـــيــــل ގެފާނުގެ ބޭފުޅުންނަށް ޙުރުމަތާއި ކަމޭހިތެވުން ދެމިއޮތެވެ. ނަމަވެސް އެބޭކަލުންނަކަށް ވެރިކަމުގެ ބާރާއި އިޚްތިޔާރުތަކެއްނެތެވެ. އެބޭކަލުން މާފާފުޅާއި މާބެއިންނާ ދެކޮޅުހައްދަވައި ވެރިކަން ހޯއްދަވާކަށެއް ނުވެސް އުޅުއްވައެވެ. ޖަރުހަމުންވެސް އެބޭކަލުންނަށް ކަމޭހިތައެވެ.

އިސްމާޢީލުގެ ފާނު ޤުރްބާން ކުރައްވަން މޫނުފުޅުވަތަށް ބޭއްވެވިތާނގައި ބިނާކުރެވުނު މިސްކިތެއްގެ ނާދިރު ފޮޓޯއެއް. މިއީ ޘުބައިރެވެ ކިޔުނު ފަރުބަދައިގެމަތި. އެއްވަނަ ޖަމްރާ އާދެވަނަ ޖަމްރާއާ ދެމެދަށްވާ ކަހަލަ ގޮތަކަށް ވާތް ފަރާތަށް ވާގޮތަށް.ފޮޓޯ : ޖޯން (ޢަބްދުﷲ) ޕިލްބީ. މައްކާވީ. ކޮމް

إسمـــــاعـــيــــل ގެފާނަށްފަހު ޒަމާނުން ގިނަދުވަސްތަކެއް ފާއިތުވުމުން މައްކާގެ އަހްލުވެރީންނަށާއި އެހެނިހެން إسمــــاعــيـــلــــى ޤަބީލާތަކުގެ މީހުންނަށްވެސް إبــــراهــيــــمــى ދީނާ ދުރަށް ދެވިއްޖެއެވެ. އެކިއެއްޗެހީން އެކި ސިފަސިފައިގައި ބުދު ހަދައިގެން އެތަކެއްޗަށް އަޅުކަންކުރާން ފަށައިގެންފިއެވެ. އެކަމަކު އެބައިމީހުން އުޑުގެ ކަލާނގެ ރަސްކަންފުޅުގެމަތީން މުޅިޔަކުން ހަނދާން ނައްތައެއް ނުލައެވެ. އެމީހުން އުޑުގެ ކަލާނގެ ރަސްކަންފުޅުގެމަތީން ހަނދާން ހުރެއެވެ. އުޑުގެ ކަލާނގެ ޤަބޫލުކުރެއެވެ. ތަދުމަޑުކަމާއި ވާރޭނުވެހުންފަދަ ބޮޑެތި ކަންތައްތައް ދިމާވުމުން ގޮވައި އުޅެނީ އުޑުގެ ކަލާނގެއަށެވެ. އެބައިމީހުން ބުނާގޮތުގައި ބިމުގައި އަޅުކަންވެވޭ ހަތްއިލާހުން ތިބެއެވެ. އުޑުގައިވަނީ އެއް އިލާހެވެ. ޢަރަބީންގެ ތެރޭގައި މިގޮތަށް ޖާހިލިއްޔަތު ޢާންމުވެފައި އޮތްކަމުގައިވިޔަސް އިސްލާމްދީން އައުމާ ހަމަޔަށްވެސް إبــــراهــيــــمــى ދީނުގެ ބައެއް ކަންތައް އެބައިމީހުންގެ ތެރޭގައި ފިލައިނުގޮސް ދެމިހުއްޓެވެ. އެމީހުން މުޅިޔަކުން އެދީން ދޫކޮށެއް ނުލައެވެ. އެބައިމީހުން كــعـــبـــة اللّــــه އަށް އިޙްތިރާމްކުރެއެވެ. كــعـــبـــة اللّــــه ގައި ޠަވާފުކުރެއެވެ. ބައެއް ބިދުޢަތަކާއެކު ކަމުގައިވިޔަސް ޙައްޖުވެއެވެ. ޢުމްރާކުރެއެވެ. ހަދްޔު ކަތިލައި ޤުރްބާންކުރެއެވެ.

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.