(6 ނޮވެމްބަރ 2025 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
قُـصَــيُّ ގެ ހަބޭފުޅުން ތިއްބެވިއެވެ. އޭގެތެރެއިން އެންމެ ދޮށިބޭފުޅަކީ عــبـــدالـــدّار އެވެ. ދެވަނަ ބޭފުޅަކީ عــبـــد مـــنـــــاف (مــغـــيـــرة) އެވެ. قُـصَــيُّ ގެ ޙަޔާތްޕުޅުގައިމެ عــبـــد مـــنـــــاف ގެ މާތްކަމާއި ޢިއްޒަތްތެރިކަން ބޮޑުވެ މަޝްހޫރުވެއްޖެއެވެ. عــبـــدالـــدّار އަކީ قُـصَــيُّ ގެ ބޭފުޅުންކުރެ އެންމެ ނާޤާބިލު ދަރިކަލުންނެވެ. ނަމަވެސް قُـصَــيُّ ވަނީ އޭނާ އަވަހާރަވަމުން އޭނާއަށްހުރި ހުރިހައި މަގާމުތަކެއް عــبـــدالـــدّار އަށް ދެއްވައިފައެވެ. عــبـــدالـــدّار އާއި އޭނާގެ އެހެންބޭފުޅުންނާ ދަރަޖައެއްވަރު ކުރެއްވުމުގެ މަޤްޞަދުގައެވެ. قُـصَــيُّ ގެ އުފަންބޭފުޅުން ޙަޔާތްޕުޅުގައި އެކަންތައްއޮތީ قُـصَــيُّ ހަމަޖެއްސެވިގޮތަށެވެ. އެބޭފުޅުން އަވަހާރަވުމުން عــبـــد مـــنـــــاف ގެ ބޭފުޅުން عــبـــدالـــدّار ގެ ބޭފުޅުންގެ އަތްޕުޅުން ވެރިކަން އަތުލައްވާން ކަނޑައަޅުއްވައިފިއެވެ. މިކަމާބެހޭގޮތުން ޚިޔާލުތަފާތުވެ قـــــريـش ވަންހައިގެ މީހުން ދެބަޔަކަށްބެހި ކިރިޔާ ހަނގުރާމަ ނުފެށި އުޅެނިކޮށް އަނެއްކާ ޞުލްޙަވާން ގޮވައި ދެފަރާތުގެ މީހުންނާއި ވަކިފަރާތަކަށްނުޖެހޭ މީހުން އެއްވެ މަޝްވަރާކޮށް އެއްބަސްވެވުނީ ޙައްޖާޖީންނަށް ކާންދިނުމާއި ފެންދިނުމުގެ ވެރިކަމާއި ޤާފިލާތަކަށް ވެރީންލުމުގެ ވެރިކަން عــبـــد مـــنـــــاف ގެ ދަރިކޮޅަށް އޮތުމަށެވެ. ގެފުޅުގެ ބަނޑޭރިކަމާއި ދިދައިގެ ވެރިކަމާއި دارالــنّـــدوة ގެ ވެރިކަން عــبـــدالـــدّار ގެ ދަރިކޮޅަށް އޮތުމަށެވެ.
عــبـــد مـــنـــــاف ވަންހަޔަކީ قـــــريـش ންގެ މަތިވެރިކަމުގެ ތުއްރަވާހެވެ. އެއީ ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ ވަންހަފުޅެވެ. عــبـــد مـــنـــــاف އަކީ ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ ހޫރުކާފާފުޅެވެ. عــبـــد مـــنـــــاف ވަންހަޔަށް ލިބިވަޑައިގެންނެވި މަޤާމުތަކުގެ ތެރެއިން ޤާފިލާތަކަށް ވެރީން ލެއްވުމުގެ ވެރިކަމާ ޙަވާލުވެވަޑައިގަތީ عــبـــد مـــنـــــاف ގެ ދަރިކަލުން عــبـــد الـشّـمس އެވެ. ޙައްޖާޖީންނަށް ކާންދެއްވުމާއި ފެންދެއްވުމުގެ ވެރިކަމާ ޙަވާލުވެވަޑައިގެންނެވީ ރަޙްމަތުގެ ނަބިއްޔާގެ މުނިކާފާފުޅު عــمـــــرو ނުވަތަ هـــاشــــم އެވެ.
هـــاشــــمގެފާނު
هـــاشــــم ގެފާނުގެ އަސްލު ނަންފުޅަކީ ކުރީންވެސް ދެންނެވި ފަދައިން عــمـــــرو އެވެ. އެކަލޭގެފާނު ޙަވާލުވެވަޑައިގެންނެވި ހުރިހައި މަސްއޫލިއްޔަތުތަކެއް އަދާކުރެއްވީ ނުހަނު ޤާބިލުކަމާ އެކުގައެވެ. ނުހަނު ފުރިހަމަޔަށެވެ. ޙައްޖާޖީންނަށް ކާންދިނުމަކީ قُـصَــيُّ ގެ ޒަމާނުގައި ފެށުނު ކަމެކެވެ. އެއްފަހަރަކު ޙައްޖުމޫސުން ކައިރިވުމުން قُـصَــيُّ، قـــــريـش ން އެއްކުރައްވައި ތަޤްރީރުކުރައްވައި ވިދާޅުވިއެވެ. "އޭ قـــــريـش ވަންހައިގެ މީހުންނޭވެ! ދުރުކަންކޮޅުތަކުން كــعـــبـــة އަށް ޒިޔާރަތްކުރާން އަންނަ މީހުންނަށް މެހްމާނުދާރީ އަދާކުރުމަކީ ތިޔަބައިމީހުންގެ މައްޗަށް ވާޖިބެކެވެ. ނަމަވެސް އެކަމަށް ހޭދަކުރާންވާނީ ޙަރާމްގޮތަކުން ނުހޯދޭ ޙަލާލު މުދަލެވެ." قُـصَــيُّ ގެ ބަސްފުޅު ޤަބޫލުކޮށް قـــــريـش ން އެކަމަށްޓަކައި ޗަންދާ އެއްކުރެއެވެ. އެކަމަށް ހޭދަކުރާނެ ޙަލާލު ރަނގަޅު ތަކެތި ހޯދާން قـــــريـش ން ވާދަކުރެއެވެ. ޙައްޖުމޫސުން އައުމުން އެ ފައިސާ ޙަވާލުކުރަނީ އެއިރަކު އެކަމާ ޙަވާލުވެހުންނަވާ ބޭކަލަކާއެވެ. އެބޭކަލެއްގެ ބެއްލެވުމުގެ ދަށުން ޙައްޖުވެރީންގެ ތެރޭގައި ތިބޭ ފަޤީރުންނަށާއި ދަތުރުމަތީގެ ޚަރަދުބަރަދު ނުގެންނަ މީހުނަށް ކާންދެވެއެވެ.
ޙައްޖާޖީންނަށް ފެންދޭގޮތަކީ މިނާގައްޔާއި ޙައްޖާޖީން އައިސްގޮސްވާ މަގުތަކުގައްޔާއި އެނޫންވެސް ޙައްޖާޖީން އެއްވާ ތަންތާނގައި ބޮޑެތި ބިލިގާތަކާއި ހަމުން ހަދައިފައިވާ ބޮޑެތި ޖާޑިތައް ބަހައްޓައި އެތަކެއްޗަށް ފެންއަޅައި ހުސްވިޔަނުދީ ބަލަހައްޓަނީއެވެ. ބައެއްފަހަރު އެފެނަށް ކަދުރާއި ހިކި މޭބިސްކަދުރު އަޅައިފޯކޮށް ފެންފޮނިކޮށްފައިވެސް ހުރެއެވެ. މިއެއްޗެހި ބަހައްޓަނީ ބޭނުން މީހަކު ބޯން ސަބީލަކޮށްފައެވެ.
هـــاشــــم ގެފާނު قـــــريـش ންގެ ވިޔަފާރި ވަރަށްބޮޑަށް ތަރައްޤީ ކުރެއްވިއެވެ. ރޯމުގެ އެމްޕަރަރަށާއި ޙަބަޝާ (އިތިއޯޕިޔާ) ގެ އެމްޕަރަރަށް ސިޓީ ލިޔުއްވައިގެން قـــــريـش ން އެ ޤައުމުތަކަށް ގެންދާ ވިޔަފާރި މުދަލުން އެއްވެސްކަހަލަ ޓެކްހެއް ނުނަގާގޮތަށާއި އެ ޤައުމުތަކުގައި މިނިވަންކަމާއި ސަލާމަތްކަމާއެކު قـــــريـش ންނަށް ވިޔަފާރިކުރެވޭގޮތަށް ހަމަޖެއްސެވިއެވެ. ނަތީޖާއެއްގެގޮތުން قـــــريـش ން ފިނިމޫސުމުގައި ޔަމަނަށާއި ހަބަޝާއަށް ވިޔަފާރިކަމު ގޮސްއުޅުނީ އެއްވެސްކަހަލަ ޓެކްހެއް ދެއްކުމެއް ނެތިއެވެ. ހަމައެފަދައިން ހޫނު މޫސުމުގައި ޝާމުކަރަޔަށާއި މެދުތެރޭ އޭޝިޔާގެ ރަށްރަށަށް މިނިވަންކަމާއެކުގޮސް ވިޔަފާރިކޮށް އުޅުނެވެ. ރޯމުގެ އެމްޕެރަރ ޢަރަބީންނަށް މަރްޙަބާ ވިދާޅުވަނީ ނުހަނު ދީލަތިފުޅުކަމާއި އިޙްތިރާމާ އެކުގައެވެ.
އެޒަމާނުގައި ޢަރަބިކަރައިގެ މަގުތަކަކީ އަމާންކަމެއް ނޯންނަ ނުރައްކައުތެރި ނާމާން މަގުތަކެކެވެ. މަގުފޭރުމަކީ ޢަރަބީންގެ ތެރޭގައި ޢާންމު ކަމެކެވެ. އެހެންކަމުން هـــاشــــم ގެފާނު އެ ޤަބީލާތަކަށް ދަތުރުކުރައްވައި قـــــريـش ންގެ ޤާފިލާތަކާ ހުރަހޮޅިނުގަތުމަށް އެ ޤަބީލާތަކާ مــعـــاهـــد ތައް ކުރެއްވިއެވެ. قـــــريـش ން އަމިއްލަޔަށް އެ ޤަބީލާތަކުގެ މީހުން ބޭނުންވާ ތަކެތި ހިފައިގެން އެ ޤަބީލާތަކުގެ މީހުންގެ ތެރެޔަށްގޮސް ވިޔަފާރިކޮށް އުޅެވޭގޮތަށް ހަމަޖެއްސެވިއެވެ. ނަތީޖާއެއްގެގޮތުން قـــــريـش ންގެ ވިޔަފާރި ޤާފިލާތަކަށް ވަނީ އަމާންކަން ލިބިފައެވެ. هـــاشــــم ގެފާނަކީ ވަރަށް މުއްސަނދިފުޅު ބޭކަލެކެވެ. އެކަލޭގެފާނުގެ ޒަމާނުގައި މައްކާއަށް ވަރަށްބޮޑު ތަދުމަޑުކަމެއް އައެވެ. هـــاشــــم ގެފާނު ވަރަށްގިނަ މުދާ ހިއްޕަވައިގެން ޝާމްކަރަޔަށް ވަޑައިގެން ގޮދަންފުށާއި ހިކިފާރޮއްޓާ ބައްލަވައިގެން ވަޑައިގެން ހިކިފާރޮއްޓާއި ރޮއްޓާއި ބަކަރިމަހާ އެއްކުރައްވައި ގިތެލުގައި ކައްކަވައި ސަރީދު ހައްދަވައިފައި މައްކާގެ އަހްލުވެރީންނަށް ކާންދެއްވަމުން ގެންދެވިއެވެ. އެކަލޭގެފާނަށް هـــاشــــم އެވެ ކިޔާން ފެށުނީ މައްކާގެ މީހުންނަށް އެ ސަރީދު ކާންދެއްވުމުންނެވެ. (ސީރަތު ޝިބްލީ، 1: 107)
عــبـــدالمـطّــلــبގެފާނު
هـــاشــــم ގެފާނު އެއްފަހަރަކު ޝާމުކަރަޔަށް ކުރެއްވި ވިޔަފާރި ދަތުރުފުޅެއްގައި ޔަޘްރިބު (މަދީނާ) ގައި މަޑުކުރެއްވިއެވެ. އެދުވަސްވަރު ކޮންމެ އަހަރަކުވެސް ޔަޘްރިބުގައި އަހަރީ ބާޒާރެއް އޮވެއެވެ. އެ ބާޒާރުގެ ކަންތައް އިންތިޒާމުކުރާން އުޅުނު މީހުންގެ ތެރެއިން ބޭކަނބަލެއްގެ ހަރުދަނާކަމާއި ކަންކަން ހިންގެވުމުގެ ޤާބިލުކަމާއި ވައްޓަފާޅިއާއި ކުޅަދާނަފުޅުކަން هـــاشــــم ގެފާނަށް ފާހަގަކުރެއްވުނެވެ. އެކަމަނާއަކީ ވަރަށް ފިސާރި ރީތިވެސް ބޭކަނބަލެކެވެ. هـــاشــــم ގެފާނު ޚަބަރު އޮޅުންފިލުވައިލެއްވުމުން އެނގިވަޑައިގަތީ އެކަމަނާއަކީ މަދީނާގެ ޚަޒްރަޖުވަންހައިގެ އެންމެ ޝަރުވެރި ގޮފި ކަމުގައިވާ ނައްޖާރުވަންހައިގެ ބޭކަނބަލެއްކަމެވެ. ނަންފުޅަކީ سـلـمــى بـــنت عـمــــــرو ކަމެވެ.
هـــاشــــم ގެފާނު އެކަމަނާގެ ކާވެނިފުޅަށް އެދިވަޑައިގެންނެވިއެވެ. އެކަމަނާވެސް އެކަން ޤަބޫލު ކުރެއްވިއެވެ. هـــاشــــم ގެފާނު އެކަމަނާއާ ކާވެނިބައްލަވައިގެން ދުވަސްކޮޅަކު ޔަޘްރިބުގައި މަޑުކުރެއްވިއެވެ. سـلـمــى އާލާސްވެ އިންނެވުމުން هـــاشــــم ގެފާނު އެކަލޭގެފާނުގެ ޝާމުކަރައިގެ ވިޔަފާރި ދަތުރުފުޅު ކުރިޔަށް ގެންދެވިއެވެ. އެކަލޭގެފާނު ފަލަސްޠީނުގެ ޣައްޒާއަށް ވަޑައިގެން އެރަށުގައި އުޅުއްވަނިކޮށް އެކަލޭގެފާނުގެ އަރިހަށް އަޖަލުގެ ގޮވައިލެއްވުން އަތުވެއްޖެއެވެ. އެކަލޭގެފާނު އަވަހާރަވީ އެ ދަތުރުފުޅުގައި ފަލަސްތީނުގެ ޣައްޒާގައި ހުންނަވަނިކޮށެވެ. އެކަލޭގެފާނުގެ މަހާނަފުޅު މިހާރުވެސް ޣައްޒާގައި އެނގޭން އެބަހުއްޓެވެ. (ސީރަތު ޝިބްލީ)
السّــيّــدة سـلــمــى ރައްކައުވީ ފިރިހެން ބޭފުޅެކެވެ. އެދަރިކަލުން ރައްކައުވިއިރު އިސްތަށިފުޅުގައި ނުރަފުޅެއް ނުވަތަ ނުރަފުޅުތަކެއް ހުއްޓެވެ. السّــيّــدة سـلــمــى އެކަމާހުރެ އެދަރިކަލުންނަށް ނަންދެއްވީ شــيــبـــة (ނުވަތަ شــيــبـــة الحـمــد) ގެ ނަންފުޅުންނެވެ. އެދަރިކަލުންގެ އުމުރުފުޅުން އަށްއަހަރުފުޅު ވާންދެން (ބައެއް ރިވާޔަތްތަކުގައި ދިހަ ބާރަ ވަރަކަށް އަހަރުފުޅު ވާންދެން) ހުންނެވީ މައިކަނބަލުންގެ އަރިހުގައި ޔަޘްރިބުގައެވެ. هـــاشــــم ގެފާނު ވަނީ އެކަލޭގެފާނުގެ އަޚު مـطّــلــب އަށް އެދަރިކަލުން މައްކާއަށް ގެންދަވާން ވަޞިއްޔަތް ކުރައްވައިފައެވެ. ނަމަވެސް مـطّــلــب އަށް ހުންނެވުނީ އެވަޞިއްޔަތުގެ މަތީން ހަނދުމަފުޅު ނެތިފައެވެ. ޢާއިލާގެ އެހެން މެންބަރުންނަކަށް شــيــبـــة ގެ ޚަބަރު އެނގިވަޑައިގެންފައެއް ނުވެއެވެ.
هـــاشــــم ގެފާނު އަވަހާރަވުމުން ސިޤާޔާ (ޙައްޖުވެރީންނަށް ފެންދިނުން) އާއި ރިފާދާގެ ވެރިކަން (ޙައްޖާޖީންނަށް ކާންދިނުން) ލިބިވަޑައިގެންނެވީ مـطّــلــب އަށެވެ. مـطّــلــب އަކީވެސް އޭނާގެ ޤައުމުގައި ޤަދަރުހުރި ބޮޑެކެވެ. قـــــريـش ން مـطّــلــب ގެ ބަސްފުޅެއް ކަވައެއްނުލައެވެ. އޭނާގެ ދީލަތިފުޅުކަމުގެ ސަބަބުން قـــــريـش ން އޭނާއަށް އަރުވައިފައިވާ ލަޤަބުފުޅަކީ فــيّــاض އެވެ. عــبـــد مـــنـــــاف ގެ ބޭފުޅުންކަމުގައިވާ هـــاشــــم އާއި مـطّــلــب އާއި نـــوفـــل އާއި عــبـــد الـشّـمس އަށްވެސް ޤުރައިޝުން ކިޔައި އުޅެނީ ރަން ގަދަހައެވެ. އެބޭފުޅުންގެ ދީލަތިފުޅުކަމަށްޓަކައެވެ.
މިހެން ކަންވެފައިވަނިކޮށް ޔަޘްރިބުންއައި ދަތުރުވެރިޔެއްގެ ކިބައިން مـطّــلــب އަށް އޭނާގެ ބޭބޭފުޅުގެ ދަރިކަލުންގެ ޚަބަރު ލިބިވަޑައިގެންފިއެވެ. مـطّــلــب އަށް އޭނާގެ ބޭބޭފުޅުގެ ދަރިކަލުންގެ ޚަބަރު ލިބިވަޑައިގެންނެވުމާއެކު އޭނާ އަވަސްއަވަހަށް ޔަޘްރިބަށް ވަޑައިގެންފިއެވެ. مـطّــلــب އަށް شــيــبـــة ފެނިވަޑައިގެންނެވުމާއެކު އޭނާގެ ލޯފުޅުން ކަރުނަފޮދު އަތުވެއްޖެއެވެ. مـطّــلــب އެ ދަރިކަލުން އޭނާގެ މޭފުޅުގައި ޖައްސައިލެއްވިއެވެ. އެއަށްފަހު އޭނާގެ ޖަމަލުކޮޅުގެ ފަހަތުގައި ބައިންދަވައިގެން މައްކާއަށް ވަޑައިގަންނަވާން ދަތުރުފުޅު ފައްޓަވައިފިއެވެ. ނަމަވެސް شــيــبـــة އެކަލޭގެފާނުގެ މަންމާފުޅުގެ އަމުރުފުޅު ނުހޯއްދަވައި މައްކާއަށް ވަޑައިގަންނަވާކަށް އެއްބަސްވެވަޑައެއް ނުގެންނެވިއެވެ. مـطّــلــب އަށް ޖެހިވަޑައިގެންނެވީ ފަހަރިދައިތާފުޅު سـلــمــى ގެ އަރިހުން ހުއްދަޔަށް އެދިވަޑައިގަންނަވާށެވެ. ބައެއް ރިވާޔަތްތަކުގައިވާގޮތުން مـطّــلــب، شــيــبـــة ހޯއްދަވާން ޔަޘްރިބަށް ވަޑައިގެންނެވި ޚަބަރު ލިބިވަޑައިގަތުމުން السّــيّــدة سـلــمــى އޭނާއަށް ދަޢުވަތު އަރުއްވައިގެން އެކަމަނާގެ އަރިހަށް ގެންދެވީއެވެ. ނަމަވެސް شــيــبـــة މައްކާއަށް ގެންދަވާކަށެއް سـلــمــى ހުއްދައެއް ނުދެއްވިއެވެ. އެންމެފަހުން مـطّــلــب ވިދާޅުވިއެވެ. "އަޅުގަނޑު މިކޮއިފުޅު މިގެންދަނީ އޭނާގެ ބައްޕާފުޅުގެ ވެރިކަމަށެވެ. މާތް اللّــــه ގެ ޙަރަމަށެވެ. އޭނާގެ ބައްޕާފުޅުގެ ވަޞިއްޔަތުގެ މަތީންނެވެ." سـلــمــى އެހައިތަނުން ދަރިކަލުން ގެންދެވުމުގެ ހުއްދަ ދެއްވައިފިއެވެ. مـطّــلــب އޭނާގެ ޖަމަލުކޮޅުގެ ފަހަތަށް شــيــبـــة ލައްވައިގެން މައްކާއަށް ގެންނަވައިފިއެވެ.
شــيــبـــة ގެ ނަންފުޅު عـَـبْـــدُالْمُطـلَّــب އަށް ބަދަލުވެ އެގޮތަށް މަޝްހޫރުވީ ކީއްވެގެން ބާވައެވެ. އެކަމާބެހޭގޮތުން ތަފާތު ރިވާޔަތްތައް ހުރެއެވެ. އޭގެތެރެއިން އަޅުގަނޑު މިބަޔާންކުރަނީ އަޅުގަނޑަށް އެންމެބޮޑަށް ބުރަވެވޭ ގޮތަށެވެ.
مُطـلَّــب، شــيــبـــة އޭނާގެ ޖަމަލުކޮޅުގެ ފަހަތަށް ލައްވައިގެން މައްކާއަށް ގެންނެވިތަން ފެނުމުން މައްކާގެ މީހުން ޢަރަބީންގެ ވާހަކަދެއްކުމުގައި މުޙާވަރާތައް ބޭނުންކުރާ ގޮތުގެމަތީން އެކަލޭގެފާނަށް عــبـــدالمـطَّــلِــب އޭ ކިޔާންފެށީއެވެ. مـطَّــلِــب ވިދާޅުވެސްވިއެވެ. "ނޫނެކެވެ! ނޫނެކެވެ! މިއީ އަހަރެންގެ ބޭބޭފުޅުގެ ދަރިކަލުންނެވެ. އަހަރެންގެ ބޭބެ هـــاشــــم ގެ ދަރިކަލުންނެވެ." عــبـــدالمـطَّــلِــب ގެފާނަކީ ކޮންމެ ގޮތެއްގައިވެސް ޔަތީމު ބޭފުޅެކެވެ. އެކަލޭގެފާނު ބައްލަވައި ބޮޑުކުރެއްވީ ބޮޑުބޭބޭފުޅު مـطَّــلِــب އެވެ. مـطّــلــب، شــيــبـــة ބެލެހެއްޓެވީ އޭނާގެ އުފަން ބޭފުޅުންނަށްވުރެވެސް ލޭފަވެތިކޮށެވެ. ނިޢުމަތުގައެވެ. عــبـــدالمـطَّــلِــب ބޮޑުފުޅުވުމުން އޭނާއަށްހުރި ވެރިކަމުގެ ހުރިހައި މަސްއޫލިއްޔަތުތަކެއް ޢަމަލީގޮތުން ހިންގެވުން عــبـــدالمـطَّــلِــب އާ ޙަވާލުކުރައްވައިފިއެވެ.
ދުވަސްތަކެއްގެފަހުން مـطَّــلِــب އަވަހާރަވެއްޖެއެވެ. އޭނާ އަވަހާރަވީ ވިޔަފާރި ދަތުރުފުޅެއްގައި ޔަމަނުކަރައިގައި އުޅުއްވަނިކޮށެވެ. ޔަމަނުކަރައިގެ ރޫމާނުގައި ހުންނަވަނިކޮށެވެ. مـطَّــلِــب އަވަހާރަވުމުން އޭނާ ފުރުއްވަމުން ގެންދެވި ހުރިހައި މަޤާމުތަކެއް ލިބިވަޑައިގެންނެވީ عــبـــدالمـطَّــلِــب ގެފާނަށެވެ.
عــبـــدالمـطَّــلِــب ގެފާނަށްވަނީ إسمـــــاعـــيــــل ގެފާނަށްފަހު އެކަލޭގެފާނުގެ ކާބަފައިކަލުންކުރެ އެހެން އެއްވެސް ބޭކަލަކަށް ލިބިވަޑައިނުގަންނަވާފަދަ ޝަރަފާއި ޤަދަރު އެކަލޭގެފާނުގެ ޤައުމުގައި ލިބިވަޑައިގެންފައެވެ. އެކަލޭގެފާނުގެ ޤައުމު ހިތާއި ފުރާނައިން އެކަލޭގެފާނުދެކެ ލޯބިވިއެވެ. އިންތިހާޔަށް ކަމޭހިތައި ޤަދަރުކުރިއެވެ.
مـطَّــلِــب އަވަހާރަވުމަށްފަހު عــبـــدالمـطَّــلِــب ގެފާނުގެ ބޮޑުބޭބެ نـــوفـــل އެކަލޭގެފާނު ޙައްޖާޖީންނަށް ފެންއަޅުއްވާ ބިލިގާތަކާއި ޖާޑިތައް ބަހައްޓަވާ ގޯއްޗަށާއި ބިލިގާތަކާއި ޖާޑިތަކަށް ޣަޞްބުންވެރިވެވަޑައިގެންފިއެވެ. عــبـــدالمـطَّــلِــب ގެފާނު قـــــريـش ންގެ ބައެއް މީހުންކުރެން އެކަލޭގެފާނަށް އިންސާފުގެމަގުން ނަޞްރުދިނުމަށް އެދިވަޑައިގެންނެވިއެވެ. ނަމަވެސް އެބައިމީހުން އެކަމާ ޢުޒުރުވެރިވެއްޖެއެވެ. އެބައިމީހުން ދެންނެވިއެވެ. ކަލޭގެފާނާއި ކަލޭގެފާނުގެ ބޮޑުބޭބެއާ ދެކަލުންގެ ދެމެދަކަށް އަޅުގަނޑުމެންނަކަށް ނުވަދެވޭނެއެވެ.
عــبـــدالمـطَّــلِــب ގެފާނު އެންމެފަހުން އެ މައްސަލަ ޔަޘްރިބުގައި ތިއްބަވާ އެކަލޭގެފާނުގެ މައިފުށުގެ ބޮޑުބޭބޭފުޅުން ކަމުގައިވާ ނައްޖާރުވަންހައިގެ ބޭކަލުންގެ ސަމާލުކަމަށް ގެންނަވައިފިއެވެ. عــبـــدالمـطَّــلِــب ގެފާނު އެބޭކަލުންނަށް ފޮނުއްވި ޅެންބައިތުތަކެއްގައެވެ. عــبـــدالمـطَّــلِــب ގެފާނުގެ ބޮޑުބޭބޭފުޅު أبـــو ســعــد بـــن عـــدى الـنـجّـــار އައްޑިހަ ސަވާރުންނާއިގެން ޔަޘްރިބުން ފުރައިވަޑައިގެން މައްކާއަށް ވަޑައިގެންފިއެވެ. އެކަލޭގެފާނު މަޑުކުރެއްވީ މައްކާގެ އަބްޠަޙުގައެވެ. عــبـــدالمـطَّــلِــب ގެފާނު އަބްޠަޙަށް ވަޑައިގެން އެބޭކަލުންނާ ބައްދަލުކުރައްވައި މަރްޙަބާ ވިދާޅުވިއެވެ. عــبـــدالمـطَّــلِــب ގެފާނު ވިދާޅުވިއެވެ. "ލޯބިވާ ބޮޑުބޭބޭފުޅާއެވެ. ގޭދޮށަށް ވަޑައިގަންނަވަމާ ހިންގަވާށެވެ." أبـــو ســعــد ޖަވާބު ދެއްވިއެވެ. "މާތް اللّــــه ގެ ރަސްކަންފުޅު ގަންދީ ބުނަމެވެ. ދަރިފުޅުގެ ބޮޑުބޭބެ نـــوفـــل އާ ބައްދަލުކޮށްލައިފައެވެ." عــبـــدالمـطَّــلِــب ގެފާނު ވިދާޅުވިއެވެ. "އޭނާ ޙަރަމްފުޅުގެ ތެރޭގައި އެބައިންނެވިއެވެ."
(ނުނިމޭ)


