ނަފުސުގެ ގަދަރުވެރިކަން

މަވްލާނާ ވަޙީދުއްދީން ޚާން
ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް


ގޮތްދޫނުކުރުމަކީ ނަފްސާނީ ނުބައި ސިފައެކެވެ. ގޮތް ދޫކުރުމާއި ތަވާޟުޢުވެރިކަމަކީ މަތިވެރި އަޅުކަމެކެވެ. ގޮތް ދޫނުކުރުމާއި ބޮޑާކަމަކީ ﷲ ނުރުއްސަވާ ސިފައެކެވެ. މިޔާ ޚިލާފަށް ތަވާޟުޢުވެރިކަމާއި ހަމަޖެހުމަކީ އެކަލާނގެ ރުއްސަވާ ކަންކަމެވެ.


ނަފުސުގެ ގަދަރު ހިފެހެއްޓުމާއި ނަފުސުގެ ކިބުރުވެރިކަމުގައި ހުންނަ ކުޑަ ތަފާތެއްގެ ސަބަބުން ނަފުސުގެ ގަދަރު ހިފެހެއްޓުމުގެ ހައްދު ނިމެނީ ކިހައި ހިސާބަކުން ކަމާއި ނަފުސުގެ ކިބުރުވެރިކަން ފެށޭ ހިސާބަކީ ކޮބައިކަން ދެނެގަތުމަކީ މުސްތަހީލުކަމަކާ ގާތަށް އުނދަގޫ ކަމެކެވެ. ނަފުސުގެ ގަދަރަށް އިސްލާމްދީނުގައި ވަކި ދަރަޖައެއް ދީފައިނުވާ ސަބަބަކީ އެއީއެވެ.

ވަރަށް ގިނަ ފަހަރަށް ނަފުސުގެ ގަދަރަކީ ނަފުސުގެ ކިބުރުވެރިކަން ކަމުގައި ވެގެން ހިނގައިދެއެވެ. ފުންކޮށް ބަލައިލީމާ ފާހަގަކުރެއްވޭނޭ ގޮތުގައި ނަފުސުގެ ގަދަރަކީ ހަގީގަތުގައި މަގުބޫލު އެއްޗެއް ނޫންކަން ފާހަގަކުރެވޭނެއެވެ. ގިނަ ފަހަރަށް ދިމާވާ ގޮތަކީ ކޮބައިކަމަށްތޯއެވެ. ނަފުސުގެ ގަދަރަކީ، ނަފުސުގެ ކިބުރުވެރިކަމަށް ކިޔާ ރީތި ނަމެއް ކަމަށް ވެގެން ހިނގައިދެއެވެ.

އިސްލާމްދީނުގައި ގަދަރު ލިބިގެންވާ އެއްޗަކީ ނަފުސުގެ ބަނިޔާދަންކަމެވެ. އިސްލާމްދީނުގައި މަތިވެރި އަޚުލާގުގެ މީޔާރަކީ ތަވާޟުޢުވެރިކަމެވެ. ދަލީލުތަކުގެ ކުރިމަތީގައި އިސްޖަހައިލުމާއި އަމިއްލަ ކުށް ގަބޫލުކުރުމާއި ބޮޑާކަމާއި މަވެތިކަމުން މުޅީން ދުރުހެލިވެގެން ހުރުމާ، މިހިރިމިހިރަ ކަންކަމަކީ މުއުމިނުންގެ ސިފަތަކެވެ. މި ސިފަތަކާއި ނަފުސުގެ ގަދަރަކާ އެއްވެސް ގުޅުމެއް ނެތެވެ. ހަގީގަތުގައި ނަފުސުގެ ގަދަރަކީ އިންސާނާގެ މިޒާޖު، ތަވާޟުޢުވެރިކަމާއި ކުށަށް އިއުތިރާފުވުމާއި ޢިލްމުވެރިކަމާ ދުރަށް ގެންދާ ކަމެކެވެ. އެކަމަކު އިސްލާމްދީން ގަބޫލުކުރާ ގޮތުގައި މީހާގެ މަތިވެރިކަން ހާމަކޮށްދޭ ސިފަތަކަކީ މިއީއެވެ. ދެ މީހެއްގެ ދެމެދުގައި ނުވަތަ ދެ ޖަމާއަތެއްގެ ދެމެދުގައި ހަމަނުޖެހުން އުފެދިއްޖެނަމަ ދާދި ފަސޭހައިން އެ ހަމަނުޖެހުމެއް ނަފުސުގެ ގަދަރުގެ މައްސަލައަކަށް ބަދަލުވެގެން ހިނގައިދެއެވެ. އެއްވެސް ކަމަކީ ނަފުސުގެ ގަދަރާ ގުޅޭ ކަމަކަށް ވެއްޖެނަމަ، ހިފަހައްޓައިގެން ހުރި ގޮތާ ދުރަށް ދިއުމަކީ ތިމާގެ ގަދަރު ވެއްޓޭ ކަމެއް ކަމަށް ގަބޫލުކުރެވިދެއެވެ. ވުމާއެކު ތިމާގެ އިއްޒަތާއި ގަދަރު ސަލާމަތްކުރުމުގެ ނަމުގައި އޭނާ ގޮތް ދޫނުކޮށް ހިފަހައްޓައެވެ. މި ގޮތް ދޫނުކުރުމަށް ކިޔާ ރީތި ނަމަކީ ނަފުސުގެ ގަދަރެވެ.

ރަނގަޅު އިސްލާމީ އުސޫލަކީ އެއްވެސް ހަމަނުޖެހުމެއް ނުވަތަ ދެބަސްވުމެއް ތިމާގެ ނަފުސުގެ ގަދަރާ ގުޅޭ ކަމަކަށް ނުހެދުމެވެ. އޭގެ ބަދަލުގައި ސުލްހަވެރިކަމަށް އިސްކަންދީ، މައްސަލަ މުލުން ލުހެލާން މަސައްކަތް ކުރުމަކީ އިސްލާމީ އުސޫލެވެ. ވުމާއެކު މައްސަލައިގެ ކުރިމަތީގައި އިސްޖަހައިލުމަކީ އިސްލާމްދީން އެދޭ ގޮތެވެ. ގޮތް ދޫނުކޮށް ހިފެހެއްޓުމަކީ އިސްލާމްދީން އެދޭ ކަމެއް ނޫނެވެ. ތިމަން މި ފިޔަވަޅެއް މި އަޅަނީ ނަފުސުގެ ގަދަރާއި އިއްޒަތް ދަމަހައްޓާށޭ ބުނުމަކީ އިސްލާމްދީން ދަންނަ ހަމައެއް ނޫނެވެ.

ގޮތްދޫނުކުރުމަކީ ނަފްސާނީ ނުބައި ސިފައެކެވެ. ގޮތް ދޫކުރުމާއި ތަވާޟުޢުވެރިކަމަކީ މަތިވެރި އަޅުކަމެކެވެ. ގޮތް ދޫނުކުރުމާއި ބޮޑާކަމަކީ ﷲ ނުރުއްސަވާ ސިފައެކެވެ. މިޔާ ޚިލާފަށް ތަވާޟުޢުވެރިކަމާއި ހަމަޖެހުމަކީ އެކަލާނގެ ރުއްސަވާ ކަންކަމެވެ. ހަގީގީ މާނައިގައި ތަވާޟުޢުވެރިވާ މީހުންނަކީ ދުނިޔެއާއި އާޚިރަތުގައިވެސް މަތިވެރި ދަރަޖަ ލިބިގަންނަ ބައެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.