މަވްލާނާ ވަޙީދުއްދީން ޚާން
ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް
ވަށައިގެން ފެންނާން ހުންނަ ﷲގެ ކުޅަދުންވަންތަކަމުގެ ހެކިތަކަށް ފުންކޮށް ބަލާ މީހަކަށް އެކަލާނގެ މަޢުރިފާކުރެވޭނެއެވެ. ވިސްނުމުގެ ގާބިލިއްޔަތުގެ ބޭނުން ނުކުރާ މީހާ ހުންނާނީ އަނދިރިކަމެއްގެ ތެރޭގައެވެ.
ކީރިތި ޤުރްއާނުގެ 39 ވަނަ ސޫރަތުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވައިފައި ވެއެވެ. [ހަމަކަށަވަރުން، ﷲ އުޑުން ފެން ވެއްސަވައި، ދެން ބިމުގެ ތެރޭގައިވާ ފެންފެންގަނޑަށް އެ ފެން ފޮނުއްވައި، ދެން އެ ފެނުން ކުލަތައް ތަފާތުވެގެންވާ ގޮވާމުގެ ބާވަތްތައް ނެރުއްވާތީ ތިބާ ނުދެކެމުހެއްޔެވެ؟ ދެން އެތަކެތި ހިކި، ރީނދޫ ކުލައިގައި ވާތީ ތިބާއަށް ފެންނާނެތެވެ. ދެން އެކަލާނގެ އެތަކެތި ކުނޑިކުނޑި އެތިއެތިކޮޅުތަކެއް ކަމުގައި ލައްވަތެވެ. ހަމަކަށަވަރުން، އެކަންތަކުގައި ބުއްދީގެ އަހުލުވެރިންނަށް ހަނދާންކޮށްދިނުން ވާކަން ކަށަވަރެވެ. ފަހެ، އިސްލާމްދީނަށް އެމީހެއްގެ ހިތް ތަނަވަސްކޮށްދެއްވައި އޭނާގެ ވެރިރަސްކަލާނގެ ޙަޟްރަތުން ނޫރެއް ލިބިފައިވާ މީހަކު (އެ ނޫން މީހަކާ އެއްފަދަ ހެއްޔެވެ؟) ފަހެ، ﷲ ހަނދާންކުރުން ފިޔަވައި، އެއުރެންގެ ހިތްތައް ހަރުކަށިވެފައިވާ މީހުންނަށް ހަލާކުހުށްޓެވެ. އެއުރެންވަނީ، ފާޅުވެގެންވާ މަގުފުރެދުމެއްގައެވެ.] (އައްޒުމަރް: 21-22)
އުޑުން ބިންމައްޗަށް ވާރޭ ވެއްސެވުމުގެ ޙައިރާންކުރުވަނިވި ނިޒާމާއި ބިމުގައި ފެހިކުލައިގެ ގަސްތައް ފެޅުއްވުމާއި އެޔަށް ފަހު ދަނޑުތައް ހެދި ބޮޑުވަމުން ދިއުން ފަދަ ކަންކަމަކީ އެތައް މާނަވީ ނަސޭހަތެއް އެކުލެވިގެންވާ ކަންކަމެވެ. އެކަމަކު މި ކަންކަމުން ނަސޭހަތް ލިބިގަންނަނީ އެކަންކަމުގެ ޙަޤީޤަތުގެ މައްޗަށް ފީނައިގަތުމުގެ މިޒާޖު ހުންނަ މީހުންނެވެ.
އެއްކޮޅުން ބަލާއިރު ﷲ ތަޢާލާ ޚާރިޖީ ދުނިޔެ ހައްދަވައިފައި ވަނީ އެ ދުނިޔޭގައި ލައްވައިފައިވާ ކޮންމެ އެއްޗަކީވެސް ވަރުގަދަ ޙަޤީޤަތެއް އަންގައިދޭ ހެއްކެއްގެ ގޮތުގައެވެ. އަނެއްކޮޅުން އިންސާނާގެ ކިބައިގައި ވަނީ އެ ހެކިތަކަށް ނަޒަރު ހިންގައި ދެނެގަތުމުގެ ގާބިލުކަން ލައްވައިފައެވެ. ވުމާއެކު ތިމާގެ ކިބައިގައި ލައްވައިފައިވާ ޠަބީޢީ ގާބިލިއްޔަތު މަރުވިޔަނުދީ ހިފަހައްޓައި އެ ގާބިލިއްޔަތުގެ ބޭނުންކޮށްގެން ދުނިޔޭގައި ލައްވައިފައިވާ ތަކެއްޗަށާއި ހިނގަމުންދާ ކަންތައްތަކަށް ނަޒަރު ހިންގައި ފުންކޮށް ވިސްނާން ފަށައިފިނަމަ އޭނާގެ ހިތުގައި މަޢުރިފަތުގެ ދޮރުތައް ހުޅުވިގެން ހިނގައިދާނެއެވެ. އެކަމަކު މި ބުނެވުނު ޠަބީޢީ ގާބިލިއްޔަތު މަރުވާން ދޫކޮށްލާ މީހާއަކީ ހެކިތަކުގެ ޠޫފާނެއްގެ ތެރޭގައި އުޅޭ މީހަކަށް ވިޔަސް، އޭނާ ހުންނާނީ އެ ހެކިތަކުން ލިބިދޭ ނަސޭހަތުން މަހުރޫމުވެފައެވެ. އޭނާ ވާނީ ދެކެފައިވެސް ނުފެންނަ އަދި އަޑު އަހައިފައިވެސް ނީވޭ މީހަކަށެވެ.
މި ދުނިޔޭގައި ލައްވައިފައިވާ ކޮންމެ އެއްޗެއްމެ ލައްވައިފައިވަނީ އުފެދުމަކަށް ފަހު މަޑުމަޑުން ފުރިހަމަވުމާ ދިމާއަށް ދަތުރުކުރަމުންދާ އެއްޗެއްގެ ގޮތުގަވެ. މިސާލަކަށް ބިންމަތީގައި ވަޅުލާ ކުޑަކުޑަ އޮށަކުން ފަޅައިގެން ހެދި ބޮޑުވަމުން ގޮސް ބޮޑު ގަހެއް ފެނިދެއެވެ. ހަމަ މިފަދައިން ދަނޑަކީ ފެށުމެކެވެ. އެޔަށް ފަހު ދަނޑުވެސް މަޑުމަޑުން ފުރިހަމަވުމާ ދިމާއަށް ދަތުރުކުރަމުން ދެއެވެ. ދުނިޔޭގެ ކޮންމެ އެއްޗެއްގެވެސް ޙަޤީޤަތަކީ މިއީއެވެ.
މިއީ ﷲ އިންސާނުންނަށްޓަކައި ލައްވައިފައިވާ ފިލާވަޅެކެވެ. އިންސާނާއަށް އެ ކަލާނގެ އަންގަވަނީ މި ތަކެއްޗަށް ވާފަދައިން އިންސާނާވެސް ފެށުމަކުން ފެށިގެން މަޑުމަޑުން ބޮޑުވަމުން ފުރިހަމަވަމުން ދާ ކަމުގައެވެ. ޅައިރުގެ ދުވަސްވަރު ދޫކޮށްލައިފައި އޭނާ ވަންނަނީ ޒުވާންކަމުގެ ދުވަސްވަރަށެވެ. އޭގެ ފަހުން މުސްކުޅިކަމުގެ ދުވަސްވަރަށެވެ. އެންމެ ފަހުން މަރުވެގެން މުޅީން އައު އަބަދީ ދިރިއުޅުމެއްގެ މަންޒިލަކަށް ވަންނަނީއެވެ.
