މަވްލާނާ ވަޙީދުއްދީން ޚާން
ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް
ކިބުރުވެރިކަމާއި ހަސަދަވެރިކަމުގެ މަގުގައި ހިނގާ މީހާއަކީ ނަރަކަ ހައްގު ކޮށްގެންފި މީހެކެވެ. މަޑުމައިތިރިކަމާއި ކިޔަމަންތެރިކަން ޚިޔާރުކޮށްފި މީހާއަކީ ސުވަރުގެވަންތަ މީހެކެވެ.
ކީރިތި ޤުރްއާނުގެ 7 ވަނަ ސޫރަތުގައި ﷲ ވަޙީކުރައްވައިފައި ވެއެވެ. [އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުން (އެބަހީ: ތިޔަބައިމީހުންގެ އަސްލުކަމުގައިވާ އާދަމުގެފާނު) ހެއްދެވީމެވެ. ދެން ތިޔަބައިމީހުން (އެބަހީ: އާދަމުގެފާނު) ސޫރަކުރެއްވީމެވެ. ދެން މަލާއިކަތުންނަށް ވަޙީކުރެއްވީމެވެ. އާދަމުގެފާނަށް ތިޔަބައިމީހުން ސަޖިދަކުރާށެވެ! ދެން އިބިލީސް ފިޔަވައި، އެއުރެން ސަޖިދަކުރިއެވެ. ސަޖިދަކުރި މީހުންގެ ތެރެއިން އޭނާ ނުވެއެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ. ތިމަންރަސްކަލާނގެ ކަލެޔަށް އަމުރުކުރެއްވިހިނދު ސަޖިދަކުރުން ކަލެޔަށް މަނާކުރީ ކޮންކަމެއް ހެއްޔެވެ؟ އެކަލޭގެ ދެންނެވިއެވެ. އެކަލޭގެފާނަށްވުރެ ތިމަން މާމޮޅެވެ. އިބަރަސްކަލާނގެ ތިމަން ހެއްދެވީ އަލިފާނުންނެވެ. އަދި އިބަރަސްކަލާނގެ އެކަލޭގެފާނު ހެއްދެވީ މަށީންނެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ. ތިޔަތަނުން (އެބަހީ: ސުވަރުގެއިން) ކަލޭ ފައިބާށެވެ! ފަހެ، ތިޔަތާނގައި ހުރެ ކަލެޔަކަށް ބޮޑާވެގަތުމެއް ނެތެވެ. ފަހެ، ކަލޭ ނިކުންނާށެވެ! ހަމަކަށަވަރުން، ކަލޭވަނީ ދެރަވެ ނިކަމެތިވެގެންވާ މީހުންގެ ތެރެއިންނެވެ. އެކަލޭގެ ދެންނެވިއެވެ. އެއުރެން ދިރުއްވައި، އަލުން ފޮނުއްވާނޭ ދުވަހާ ހަމަޔަށް ތިމަން ލަހައްޓަވާނދޭވެ! އެކަލާނގެ ވަޙީކުރެއްވިއެވެ. ހަމަކަށަވަރުން، ކަލޭވަނީ، ލަހައްޓަވާފައިވާ މީހުންގެ ތެރެއިންނެވެ. އެކަލޭގެ ދެންނެވިއެވެ. އިބަރަސްކަލާނގެ ތިމަންނާ ތެދުމަގުން އެއްކިބާ ކުރައްވައި، ލެހެއްޓެވިކަމުގެ ސަބަބުން، ހަމަކަށަވަރުން، އެއުރެން އިބަރަސްކަލާނގެ ތެދުމަގަށް ވާސިލުވުމަށް ހުރަސް އަޅާހުށީމެވެ. ދެން އެއުރެންގެ ކުރިމަތިންނާއި، ފަހަތުންނާއި، އެއުރެންގެ ކަނާތްފަރާތުންނާއި ވާތްފަރާތުން (ވަސްވާސްދިނުމަށް) އެއުރެންގެ ގާތަށް ތިމަން އަންނަ ހުށީމެވެ. އަދި އޭގެ ގިނަމީހުންނަކީ، ޝުކުރުކުރާ މީހުން ކަމުގައި އިބަރަސްކަލާނގެ ދެކެވޮޑިއެއް ނުގަންނަވާނޫއެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ. މަލާމާތް ލިބި، ރަހުމަތުން ދުރުކުރައްވާފައިވާ ހާލު، ތިޔަތަނުން ކަލޭ ނުކުންނާށެވެ! އެއުރެންގެ ތެރެއިން ކަލެޔަށް ތަބާވީ މީހުންނާއި، ތިޔަ އެންމެން އަޅުއްވައި، ތިމަންރަސްކަލާނގެ ނަރަކަ ފުރުއްވާހުށީމެވެ.] (އަލްއަޢްރާފް: 11-18)
މި ދުނިޔޭގައި ތާއަބަދު ފެންނަމުންދާ އެއް އިމްތިހާނަކީ އެއް އިންސާނަކު އަނެއް އިންސާނަކަށްވުރެ، އެކި ގޮތްގޮތުން، މަތީ ދަރަޖައަކަށް ވާސިލުވުމެވެ. ބައެއް މީހުންނަށް ބަލާއިރު އެކަކަށްވުރެ އަނެކަކު މައްޗަށް ޖެހިލަނީ މުދަލާއި ފައިސާގެ ގޮތުންނެވެ. ބައެއް ފަހަރު ދެ މީހެއްގެ ދެމެދުގައި ހިނގާ މުއާމަލާތެއްގައި އެކަމަށް ހައްގުވާ ހިއްސާ ދިނުމަކީ ތިމާގެ ދަރަޖައިން ތިރިއަށް ފޭބުންކަމުގައި އަނެކަކު ދެކޭން ފަށައެވެ. ބައެއް ފަހަރު ވަކި މީހެއްގެ ދުލުން ﷲގެ ކިބްރިއާއުވަންތަކަމުގެ ފިލާވަޅުތައް ނުކުންނަ ގޮތް ﷲ މެދުވެރިކުރައްވައެވެ. މިފަދަ މީހާ، ތިމާއަކީ އެހެން މީހުންނަވުރެ މާ މަތީ ދަރަޖައެއްގެ މީހަކުކަމުގައި ދެކޭން ފަށައެވެ. އެހެން މީހުންނަށް އެފަދަ މަތިވެރި ހަގީގަތަކާ ހަމައަށް ނުދެވޭތީ އެއީ މާ ދެރަ ބައެއްކަމުގައި ގަބޫލުކުރާން ފަށައެވެ. މިފަދަ ދަނޑިވަޅުތަކުގައި ޝައިތާނާ އައިސް، އެ މީހުންގެ ހިތުގައި ކިބުރުވެރިކަމާއި ހަސަދަވެރިކަމުގެ ހުޅު ރޯކޮށްލައެވެ. [އަހަރެން މިއީ މޮޅުމީހާ] ކަމުގެ ޝުުއޫރު ހިތުހައި ހިނގައިގަތުމުގެ ސަބަބުން އެ މީހުން، ހަމަ އެމީހުންފަދަ އެހެން އަޚުންގެ ހައްގުތަކަށް އިހުތިރާމުކުރުން ދޫކޮށްލައެވެ. ޝައިތާނާގެ މަގުން ހިނގުންކަމުގައި ﷲ ބައްލަވައިވޮޑިގެންވާ ކަމަކީ މިއީއެވެ. މިފަދަ ދަނޑިވަޅުތަކުގައި ކިބުރުވެރިކަމާއި ހަސަދަވެރިކަން އިސްކުރާ ކޮންމެ މީހަކީ ޝައިތާނާއަށް ބޯލަނބާ މީހަކުފަދަ މީހެކެވެ. ހާލަތާ ގުޅިގެން ޝައިތާނާގެ އޭނާގެ ހިތުގައި އިންދާ މިފަދަ ނުރައްކާތެރި ބަލިތަކުގެ މައްޗަށް ގަދަވެގަންނަ ކޮންމެ މީހަކީ ސީދާވެގެންވާ ތެދުމަގުގައި ހިނގައިގަންނަ މީހެކެވެ. އެ މަގަކީ ސުވަރުގެއަށް ދާން އޮންނަ މަގެވެ.
