މަވްލާނާ ވަޙީދުއްދީން ޚާން
ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް
ފައިސާއަކީ އިންސާނާއަށް ކުރިމަތިކުރައްވާ އިމްތިހާނެކެވެ. ފައިސާގެ ބޭނުން ހެޔޮ ގޮތުގައި ހިފާ މީހާ އެ ދަތުރުކުރަނީ ދިންނެވުމާ ދިމާއަށެވެ. ނުބައި ގޮތުގައި ބޭނުން ހިފާ މީހާ އެ ދަނީ ހަލާކާ ދިމާއަށެވެ.
ފައިސާއަކީ ދިރިއުޅުމަށްޓަކައި ކޮންމެހެން ބޭނުންވާ އެއްޗެކެވެ. އެކަމަކު ދިރިއުޅުމުގެ މުޅި މަގުސަދަކީ ފައިސާއެއް ނޫނެވެ. ފައިސާ ލިބިގަންނަނީ ތިމާގެ ދުނިޔަވީ ދިރިއުޅުމުގެ ކަންތައްތައް ހަމަޖެއްސުމާއި ބޭނުންތައް ފުއްދުމުގެ ބޭނުމުގައި ކަމަށް ވަނީނަމަ، އެއީ އިންސާނާގެ އެންމެ ގާތް މަދަދުގާރު ކަމުގައި ވެދެއެވެ. އެކަމަކު އެއީ ދިރިއުޅުމުގެ މުޅި މަގުސަދުކަމުގައި ހަދައި، ވީހައިވެސް ގިނަ ފައިސާއެއް ޖަމާކުރުމަކީ އޭނާގެ އެންމެ މުހިއްމު މަސައްކަތް ކަމުގައި ހަދައިފިނަމަ، އެ ފައިސާ ވެގެންދާނީ ބޮޑު މުސީބާތަކަށެވެ. އޭގެ ސަބަބުން އިންސާނާގެ ދުނިޔެއާއި އާޚިރަތް ހަލާކުވެ، ބަރުބާދުވެގެން ހިނގައިދާނެއެވެ.
އިންސާނާ ދުނިޔޭގައިި ހުންނާން ކަނޑައެޅިފައިވަނީ ވަކި މުއްދަތަކަށެވެ. ވުމާއެކު އޭނާގެ ދިރިއުޅުމަށް ބޭނުންވާ މާއްދީ ތަކެތި ވަނީ ދުނިޔޭގައި ލައްވައިފައެވެ. މި ތަކެތި ލިިބިގަނެވެނީ ފައިސާގެ އެހީގައެވެ. އެހެންވީމާ މަސައްކަތްކޮށްގެން ފައިސާ ހޯދުމާއި އެ ފައިސާގެ ބޭނުންކޮށްގެން، ބޭނުންވާ އެހެނިހެން ތަކެތި ހޯދުމަކީ އިންސާނާ ކުރަންޖެހޭ ކަމެކެވެ. މި ނަޒަރުން ބަލާއިރު ފައިސާއަކީ އިންސާނާގެ ދިރިއުޅުމަށް ބޭނުންވާ އަގުހުރި މަދަދުގާރަކަށް ވެއެވެ.
އެކަމަކު އިންސާނާގެ ދިރިއުޅުމުގެ އެހެން ކަންކަމަށް ބަލައިލާއިރު އިލްމު ހާސިލުކުރުމަކީ މުހިއްމު ކަމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. ރޫހާނީ ތަރައްގީއަށްޓަކައި މަސައްކަތްކުރުމަކީވެސް އިންސާނާ ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. އިންސާނީ ތަރައްގީގެ ހުރިހައި މަރުހަލާއެއްގައިވެސް ތިމާގެ ދައުރު އަދާކުރުމަކީ ލާޒިމުވެގެންވާ ކަމެކެވެ. ތިމާއަކީ މުޖުތަމައަށް ފައިދާހުރި، ބޭނުންތެރި މީހަކަށް ހެދުމަކީ މުހިއްމު ކަމެކެވެ.
ދިރިއުޅުމުގެ މަގުސަދޭ އަހަރެމެން މިކިޔާ ކަމަކީ މިއީއެވެ. މި މަގުސަދު ހާސިލުކުރެވޭނޭ ހަމައެކަނި ގޮތަކީ ތިމާގެ ހަކަތާއި ވަގުތުގެ މުހިުއްމު ހިއްސާއެއް މި މަސައްކަތަށް ހޭދަކުރުމެވެ. ފައިސާ ހޯދުމުގެ މަސައްކަތް ވަކި ހައްދެއްގެ ތެރޭގައި ބޭއްވުމަށް ފަހު، ރޫހާނީ ތަރައްގީއަށްޓަކައިި ވަގުތު ހޭދަކޮށްގެން ނޫނީ މި މަގުސަދު ފުރިހަމައެއް ނުކުރެވޭނެއެވެ.
ފައިސާއިން އިންސާނާގެ ޖިސްމާނީ އަދި މާއްދީ ބޭނުންތައް ފުއްދެއެވެ. އެކަމަކު އެއީ އޭނާގެ ރޫހާނީ އަދި ފިކުރީ ބޭނުންތައް ފުއްދުމަށްޓަކައި ބޭނުންކުރެވޭ ހަމައެކަނި ވަސީލަތްކަމުގައެއް ނުހެދޭނެއެވެ. ދިރިއުޅުމުގެ ހަމައެކަނި ބޭނުމަކީ ފައިސާ ހޯދުން ކަމުގައި ހަދައިގެން އުޅޭ މީހާގެ ހަށިގަނޑަށް ކެނޑިނޭޅި މާއްދީީ ފަރުވާ ލިބެމުން ދިއުމަކީ އެކަށީގެންވާ ކަމެކެވެ. އެކަމަކު އޭނާ ދިރިއުޅޭނީީ ރޫހާނީ ހައިިހޫނުކަމުގެ ތެރޭގައެވެ. އޭނާގެ ވިސްނުމާއި ފިކުރަށް ލިބެންޖެހޭ ކާނާ ނުލިބުމުގެ ސަބަބުން އެންމެ ފަހުން އޭނާއަކީ ވުޖޫދުގައި ނެތް މީހެކޭ އެއްގޮތް ވެދެއެވެ.
މުދަލަކީ ފިތުނައެއް ކަމަށް އަންގަވައިފައިވާ ސަބަބަކީ މިއީއެވެ. އެހެނީ އެއީ އިންސާނާއަށް ކުރިމަތިކުރައްވައިފައިވާ އިމްތިހާނެކެވެ. ފައިސާ ހެޔޮ ގޮތުގައި ބޭނުންކޮށްފި ނަމަ އިންސާނާ ހުރިހައި ބާވަތެއްގެ ތަރައްގީއާ ދިމާއަށް ގެންދެއެވެ. ނުބައި ގޮތުގައި ބޭނުންކޮށްފި ނަމަ ހަލާކާއި ގެއްލުމުގެ ތެރެއަށް ވައްޓައިލައެވެ.
