ރިޒުގުދެއްވަނީ ﷲ

މަވްލާނާ ވަޙީދުއްދީން ޚާން
ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް


އަހަރެމެންނަށް ރިޒުގުދެއްވަނީ ﷲއެވެ. އެކަލާނގެ ރަޙުމަތް ކޮޅުންނުލާހައި ގިނައެވެ. މިކަން ގަބޫލުކުރެވިއްޖެނަމަ އިންސާނާ އަޅުކަންކުރާނީ ހަމައެކަނި ﷲއަށެވެ.


ކީރިތި ޤުރްއާނުގެ ދެވަނަ ސޫރަތުގައި ﷲ ވަޙީކުރައްވައިފައިވެއެވެ. [އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް ތިޔަބައިމީހުން އަޅުކަން ކުރާށެވެ! އެކަލާނގެއީ، ތިޔަބައިމީހުންނާއި ތިޔަބައިމީހުންގެ ކުރިން އުޅުނު މީހުން ހެއްދެވި ރަސްކަލާނގެއެވެ. (އަޅުކަންކުރަންވީ) ތިޔަބައިމީހުން ތަގުވާވެރި ވުމަށްޓަކައެވެ. އެކަލާނގެއީ، ތިޔަބައިމީހުންނަށްޓަކައި ތަންމައްޗެއް ކަމުގައި ބިން ލައްވައި، އަދި ބިނާއެއްކަމުގައި އުޑު ލައްވައި، އުޑުން ފެން ވެއްސަވައި، އެއިން ތިޔަބައިމީހުންނަށް ރިޒުގެއްކަމުގައި މޭވާގެ ބާވަތްތައް ނެރުއްވި ރަސްކަލާނގެއެވެ. ފަހެ، (އެކަލާނގެ ޚާލިގުވަންތަކަން) ތިޔަބައިމީހުން ދެނެތިބެ، ﷲއަށް ޝަރީކުންތަކެއް ތިޔަބައިމީހުން ނުލާށެވެ!] (އަލްބަޤަރާ 21-22)

އިންސާނުންނާއި، އިންސާނުން ނޫނަސް އުޑާއި ބިމުގައި ލެއްވިހައި ތަކެއްޗެއް ހެއްދެވީ ހަމައެކަނި ﷲ ތަޢާލާއެވެ. އެކަލާނގެ މުޅި ކާއިނާތު ހައްދަވައިފައިވަނީ ފުރިހަމަ ޙިކުމަތަކާއެކުގައެވެ. ހުރިހައި ވަގުތެއްގައިމެ ﷲ ގެންދަވަނީ ކާއިނާތު ބަލަހައްޓަވަމުންނެވެ. ވުމާއެކު އިންސާނާ ކުރުން އެންމެ ހެޔޮ ކަމަކަށް ވާނީ އެހެން އެއްވެސް އެއްޗަކާ ޝަރީކު ކުރުމަކާ ނުލައި، އޭނާ ހައްދަވައި ރިޒުގުދެއްވާ، އޭނާގެ ވެރި ﷲއަށް ކިޔަމަންތެރިކަން އަދާކޮށް، އެކަލާނގެ ކުޅަދުންވަންތަކަން ފުރިހަމައަށް ގަބޫލުކުރުމެވެ. އޭނާގެ [ހުރިހައި އެއްޗަކީ] ﷲ ކަމަށް ގަބޫލުކުރުމެވެ.

އެކަމަކު އަހަރެމެންގެ ލޮލަކަށް ﷲއެއް ނުއެއް ފެނެއެވެ. ވުމާއެކު އިންސާނީ އާދައަކީ ލޮލަށް ފެންނާން ހުންނަ ކޮންމެވެސް މުހިއްމު އެއްޗެއް ކަލަކަށް ހަދައިގެން އެޔަށް އަޅުކަންކުރާން ފެއްޓުމެވެ. އެ އެއްޗަކަށް ކަލެއްގެ ދަރަޖަދިނުމެވެ. އޭނާ އެކުރާ ކަމަކީ ﷲއަށް އަޅުކަންކުރުމާއެކު، ނޭނގުމުގެ ތެރޭގައި ނަމަވެސް، ނުވަތަ އެނގިގެން ނަމަވެސް އެހެން ފަރާތެއް އެ އަޅުކަމުގައި ބައިވެރިކުރުމެވެ. ބައެއް ފަހަރަށް އެ ފަރާތަކީ ކަލެއްކަމަށް ފާޅުގައި ބުނަމުންނެވެ. ބައެއް ފަހަރު ކަލެއް ކަމަށް ނުބުނެއެވެ.

އިންސާނާގެ ހަގީގީ އުނިކަމަކީ މިއީއެވެ. ނަބީބޭކަލުންގެ މަސައްކަތްޕުޅަކީ އެއްކައުވަންތަ ކަލަކަށް އަޅުކަން ކުރުމަށް އިންސާނުންނަށް މަގުދެއްކެވުމެވެ. އެންމެ މަތިވެރި ދަރަޖަ ﷲއަށް ދޭން ދަސްކޮށްދެއްވުމެވެ. ކަލެއްގެ ދަރަޖަ ދީގެން އުޅޭ އެހެން ތަކެއްޗާއި ފަރާތްތައް އެ މަތިވެރި މަގާމުން ވައްޓައިލުމުގެ މަގު ދެއްކެވުމެވެ. އިންސާނާއަކީ އެކަނިމާއެކަނި ހުރެވޭނޭ މަޚުލޫގެއް ނޫނެވެ. ދުނިޔޭގައި އުޅެން ބޭނުންވާ ނަމަ އިންސާނާއަށް ތަފާތު އެތައް ކަމަކާއި ތަކެއްޗެއްގެ އެހީތެރިކަން ބޭނުންވެއެވެ. އިންސާނާއަށް ބިންމަތީގައި ކޮޅަށް ހުރެވެނީ އެ ބިމުގައި ހުންނަ ދަމާ ބާރެއްގެ އެހީގައެވެ. ހުރިހައި ވަގުތަކުމެ އޮކްސިޖަން (ވައި) ފޯރުކޮށްދޭ ޖައްވެއް އިންސާނާއަށް ބޭނުންވެއެވެ. ހަރާރަތާއި އަލިކަން ފޯރުކޮށްދޭނޭ އިރެއް އޭނާއަށް ބޭނުންވެއެވެ. ދުނިޔޭގައި ބޭނުންވާ މިންވަރަށް ފެން ހުރުމަކީ އޭނާގެ ދެމިހުރުމަށްޓަކައި ކޮންމެހެންވެސް  ފުރިހަމަވާން ޖެހޭ ޝަރުތަކަށް ވަނީ ވެފައެވެ. އެހެނީ ފެނާ ނުލައި އެއްވެސް ދިރުމެއް އުފެދުމަކީ ވާނެ ކަމެއް ނޫނެވެ. ހަށިގަނޑަށް ބާރާއި ހަކަތަ ލިބިދޭނޭ ކާނާވެސް އިންސާނާއަށް އަބަދުމެ ބޭނުން ވެއެވެ.

މި ބުނެވުނުފަދަ ހުރިހައި ތަކެއްޗެއް، މަޚުލޫގުންނަށް ބޭނުންވާ މިންވަރަށް ﷲ ތަޢާލާ ވަނީ މި ދުނިޔޭގައި ލައްވައިފައެވެ. ހަމައެކަނި މި ސަބަބަށްޓަކައިވެސް ﷲއާ އެއްވެސް އެއްޗެއް ޝަރީކު ކުރުމަކާ ނުލައި، ހަމައެކަނި އެކަލާނގެއަށް އަޅުކަން ކުރުން އިންސާނުންގެ މައްޗަށް ވާޖިބުވެގެން ވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.