އިސްލާމްދީނުގައި ތަޢައްޞުބެއް ނެތް

މަވްލާނާ ވަޙީދުއްދީން ޚާން
ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް


ދުޝްމިނުކަމާއި މީސްމީހުންނާ ދެކޮޅަށް އެކި ކަހަލަ ރޭވުންތައް ރޭވުމުގައި އަވަދިނެތި އުޅުމުގެ ސަބަބުން އިންސާނާ ހެޔޮ ވިސްނުމާ ދުރަށް ގެންދެއެވެ. އިސްލާމް ދީނުން އަޅުގަނޑުމެންނަށް އަންގަނީ ދުޝްމިނުކަން ދޫކޮށްލައި ﷲއަށް އިތުބާރުކުރާށެވެ.


ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޒަމާނުގައި ވަރަށް ގިނަ ބަޔަކު އިސްލާމްދީނާ ދެކޮޅުހެދިއެވެ. އަދި އިސްލާމްދީނާ ދެކޮޅަށް އެކި ކަހަލަ ނުބައި ރޭވުންތައް ރާވަމުން ގެންދިޔައެވެ. ކީރިތި ޤުރްއާނުގެ އެތައް ތަނެއްގައި މިފަދަ ވާހަކަތައް ބަޔާންކުރައްވައިފައި ވެއެވެ. އެކަމަކު އެފަދަ މީސްމީހުންނާ ދެކޮޅަށް ކުރަންޖެހޭ ކަމެއްގެ ގޮތުގައި އަންގަވައިފައި ވަނީ އެބައިމީހުންގެ ހުރިހައި ނުބައި ރޭވުމެއް ބޭޒާރުކުރާކަށެއް ނޫނެވެ. އެބައިމީހުންނާ ދެކޮޅަށް އެކި ކަހަލަ ރޭވުންތައް ރާވާކަށެށް ނޫނެވެ. އެބައިމީހުންގެ އަދާވާތްތެރިކަމާއި ރޭވުންތައް ނާކާމިޔާބު ކުރުމަށްޓަކައި އެބައިމީހުންނާ އަރައިރުންވެ، ހަނގުރާމަކުރާކަށެއްވެސް ނޫނެވެ. މިޔާ ޚިލާފަށް ކީރިތި ޤުރްއާނުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްއަށާއި މިތުރު ޞަޙާބީންނަށް އަންގަވައިފައިވަނީ ﷲ އަށް ވަކީލު ކުރައްވާށެވެ. މާނައަކީ ދުޝްމިނުންގެ ނުރައްކާތެރި ރޭވުންތައް ހަނދުމަފުޅުނައްތަވައިލެއްވުމަށް ފަހު ﷲއަށް އިތުބާރުކުރައްވާށެވެ. ދުޝްމިނުންގެ ވިޔާނުދާ ކަންތައްތަކާ ދުރަށް ޖެހިވަޑައިގެން ތިއްބަވައި ފަހި މަސައްކަތްޕުޅުތައް ކުރިއަށް ގެންދަވާށެވެ.

މިއީ ވަރަށް މުހިއްމު އެންގެވުމެކެވެ. މި އެންގެވުމުގެ ޒަރީއާއިން ﷲ ތަޢާލާ ކުރައްވައިފައިވާ ކަމަކީ އިސްލާމުން އިދިކީލި ވިސްނުމުން ދުރުކުރައްވައި ފަހި ވިސްނުމެއްގެ ތެރެއަށް ގެންދެވުމެވެ. ކުރުކޮށް ދަންނަވާނަމަ ކީރިތި ޤުރްއާނުގެ ތައުލީމަކީ މިއީއެވެ. [އެހެންމީހުންގެ ދިރިއުޅުމުގެތެރޭގައި ތިމާގެ ދިރިއުޅުން ވޭތުކުރުމުގެ ބަދަލުގައި އަމިއްލަ ދިރިއުޅުމުގެ ތެރޭގައި އުޅޭށެވެ.]

އެހެން މީސްމީހުން ތާއަބަދު ގެންދަނީ ތިމާޔާ ދެކޮޅަށް ރޭވުންތައް ރާވަމުންކަމުގައްޔާއި އެހެން އެންމެންނަކީ ތިމާގެ ދުޝްމިނުން ކަމުގައި ސިކުނޑިއަށް ވަދެއްޖެނަމަ، އަބަދުވެސް އުޅެވޭނީ އެހެން މީސްމީހުންނަށް ޝައްކުކުރުމުގެ ތެރޭގައެވެ. އެންމެ ފަހުން ގޮސް ޚުދު ތިމާގެ އަމިއްލަ ބާގައިގެ މީހަކު ކިތަންމެ ރަނގަޅު ވާހަކައެއް ދެއްކިޔަސް، އެ ވާހަކައިގެ އިދިކޮޅު މާނަ ވިސްނައިގަތުމާއި އެއީ ދުޝްމިނުންގެ ކޮޅަށް ޖެހިފައިވާ މުނާފިގެއް ކަމަށް ބަލަން ފަށައިފާނެއެވެ. ނަތީޖާއަކީ އަމިއްލަ މީސްމީހުންނާ ދުރަށް ޖެހި، ތިމާ ބަލިކަށިވަމުން ގޮސް އެކަހެރި ހާލަތަކަށް ވެއްޓޭގޮތް ވުމެވެ.

ނުބައި ރޭވުމާއި އަދާވާތްތެރިކަމަކީ ސިކުނޑިއަށް ލިބޭ ވަރަށް ބޮޑު ގެއްލުމެކެވެ. އެފަދަ މީސްމީހުން ވާނީ މަވްޟޫޢީ (އޮބްޖެކްޓިވް) ވިސްނުމާ ދުރަށް ދާ ބަޔަކު ކަމުގައެވެ. އެފަދަ މީސްމީހުންގެ މުޅި ވިސްނުން ތައައްސުބާއި ވަކިއަތަކަށް މާ ބޮޑަށް ބުރަވުމުގެ ވިސްނުމުގެ ތެރެއަށް ވަދެގެން ހިނގައިދާނެއެވެ. ހަގީގަތް، ހަގީގަތުގެ ގޮތުގައި އެފަދަ މީހުންނަކަށް ނުފެންނާނެއެވެ. އެފަދަ މީހުންގެ މިސާލަކީ ލޮލަށް ލިބިފައިވާ ކޮންމެވެސް އުނިކަމެއްގެ ސަބަބުން ބަގީޗާގައި ހުރި މާތައް ނުފެނި ހަމައެކަނި ކަށިތައް ފެންނަ މީހެއްގެ މިސާލެވެ. އޭނާއަށް މުޅި ބަގީޗާ ފެންނާނީ ކަށީގެ މައިދާނެއްގެ ގޮތުގައެވެ. ރީތި މާމެލާމެލީގެ ބަގީޗާއެއްގެ ގޮތަކު ނޫނެވެ. އެކަމަކު ބަގީޗާގައި ހުންނާނީ އެކި ކުލަކުލައިގެ މީރުވަސްދުވާ މާ ފަރިވެ ފޮޅިފައެވެ. އޭނާއަށް ނުފެންނަނީއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.