ދުޢާ: ﷲއާ ކުއްތަންވުމުގެ ޒަރީޢާއެއް

މަވްލާނާ ވަޙީދުއްދީން ޚާން
ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް


އާދުޢާއަކީ ކަންކަމަށް އެދި ﷲއަށް ދެންނެވުމެވެ. އެއީ ހުއްޓުމެއް ނެތި ކުރަންޖެހޭ ކަމެކެވެ. އެއީ ﷲއާ ކުއްތަންވުމަށްޓަކައި ބޭނުންކުރެވޭ އެންމެ ފުރިހަމަ އެއް ޒަރީޢާއެވެ.


ދުޢާގެ މާނައަކީ ގޮވައިލުމެވެ. އެދި ދެންނެވުމެވެ. އެއީ އަޅާ، އޭނާގެ ބޭނުންތައް ފުއްދުމަށްޓަކައްޔާއި އަޅުވެތިކަން ގަބޫލުކޮށް އިއުތިރާފުވުމުގެ ގޮތުން ﷲއަށް ދަންނަވާ ދެންނެވުމެވެ. ދުޢާކުރުމަކީ އޭގެ ޒާތުގައި އަޅުކަމެކެވެ.

ﷲއަކީ ދިރިދެމިވޮޑިގެންވާ މުސްތަގިއްލު ކަލެކެވެ. އެކަލާނގެ ހުރިހައި ކަމެއް ދެކެވޮޑިގެންވެއެވެ. ހުރިހައި އަޑެއް އައްސަވައިވޮޑިގެންވެއެވެ. ކޮންމެ ކަމެއް ކުރެއްވުމުގެ ކުޅަދުންވަންތަކަށް އެކަލާނގެއަށް ލިބިވޮޑިގެންވެއެވެ. އަދި ކަމެއް ވަކި ދިމާއަކަށް މިސްރާބުކުރެއްވުމުގެ ކުޅަދުންވަންތަކަންވެސް އެކަލާނގެއަށް ފުރިހަމައަށް ލިބިވޮޑިގެންވެއެވެ.

އިންސާނާއަށް ﷲއާ ބެހޭ ގޮތުން ލިބިފައިވާ މި ބުނެވުނު ޔަގީންކަމުގެ ސަބަބުން އުފެދޭ ޖަޒުބާތަކީ ދުޢާގެ ޖަޒުބާތެވެ. އާދަމުގެ ދަރިޔާގެ ހިތުގައި ﷲގެ މައުރިފާވެރިކަން އުފެދުމާއެކު ޠަބީޢީގޮތުން އޭނާގެ ހިތުގައި އުފެދޭ ޖަޒުބާތަކީ ތިމާގެ އަމިއްލަ ބޭނުންތަކަށްޓަކައްޔާއި ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަމަށްޓަކައި ﷲއަށް ދެންނެވުމުގެ ޖަޒުބާތެވެ. ހުރިހައި ރިޒުގަކާއި ބޭނުންތަކެއް ފުއްދަވައިދެއްވާ ފަރާތަކީ އެއީ ކަމަށް ހެޔޮހިތުން ގަބޫލުކުރުމުގެ ޖަޒުބާތެވެ.

ދުޢާކުރުމަކަށް ވަކި ވަގުތެއް ކަނޑައެޅިފައެއް ނޯވެއެވެ. ދުޢާކުރާނޭ ވަކި ގޮތެއް ނޯވެއެވެ. ދުޢާކުރަންޖެހޭ ވަކި ބަހެއް ހަމަޖެހިފައެއް ނޯވެއެވެ. އާދަމުގެދަރިޔާއަށް ކޮންމެ ވަގުތަކުވެސް، ކޮންމެ ހާލަތެއްގައިވެސް، ކޮންމެ ބަހަކުންވެސް ދުޢާކުރެވިދާނެއެވެ. ހެޔޮ ނިޔަތަކާއެކު، އިޚްލާސްތެރިކަމާއެކު ކުރާ ކޮންމެ ދުޢާއެއް ﷲ އައްސަވައިވޮޑިގެންވެއެވެ. ހަމަ ވަގުތުން ގަބޫލުފުޅުކުރައްވައެވެ. ދުޢާގެ ބަދަލު ދެއްވާނޭ ގޮތެއްވެސް އެންމެ ސިކުންތެއްގެ ތެރޭގައި ނިންމަވައެވެ.

ބައެއް ދުޢާއަކީ އެހެން އަޅުކަމާ ގުޅިފައިވާ ދުޢާއެވެ. އެ ދުޢާތައް ކުރަނީ އަޅުކަމުގެ ތެރޭގައެވެ. އެކަމަކު ގިނަ ދުޢާއަކީ އެހެން އަޅުކަމަކާ ގުޅިފައި ހުންނަ ދުޢާއެއް ނޫނެވެ. މިސާލަތަށް ނިދުމަށްޓަކައި އެނދަށް އަރައިއޮވެގެން އެ ހާލަތާ ގުޅޭގޮތުން ކުރާ ދުޢާއަކީ ވަކި އަޅުކަމަކާ ގުޅިފައިވާ ދުޢާއެއް ނޫނެވެ. ހެނދުނު ތެދުވުމާއެކު، ހެޔޮގޮތުގައި ދުވަސް ހޭދަކުރުމުގެ ތައުފީގަށް އެދި ކުރާ ދުޢާއަކީ ވަކި އަޅުކަމަކާ ގުޅިފައިވާ ދުޢާއެއް ނޫނެވެ. ހަމަ އެފަދައިން ކައިބޮއިހަދާއިރުގައްޔާއި ސަވާރީއަކަށް އަރާ ވަގުތުގައްޔާއި ދަތުރުމަތީގައްޔާއި މި ނޫނަސް އެހެން މަސައްކަތުގައި އުޅޭއިރު އިންސާނާ އެ އުޅެނީ އަވަދިނެތިއެވެ. އެކަމަކު މިފަދަ ކޮންމެ ހާލަތެއްގައިވެސް އިންސާނާގެ ދުލުން ދުޢާގެ ލަފުޒުތައް ނުކުމެއެވެ. މިސާލަކަށް [މިއަޅާ މިކުރާ މަސައްކަތުގައި ބަރަކާތް ލައްވައި ކުރިއަށް ދިއުމުގެ ތައުފީގު ދެއްވައިފާނދޭވެ.] ފަދަ އެތައް ޖުމުލައެއް ނުކުމެއެވެ. ދުޢާގެ މި އަމަލުވަނީ ވަކިނުކުރެވޭ ވަރަށް އިންސާނާގެ ދިރިއުޅުމާ ގުޅިފައެވެ.

ދުޢާގެ މާނައަކީ ﷲގެ ކިބައިން އެއްޗިއްސަށާއި ކަންކަމަށް އެދުމެވެ. ﷲގެ ޙަޟުރަތުން ކަންކަމަށް އެދުމަކީ ހުއްޓުމެއް އޮތް ކަމެއް ނޫނެވެ. އެއީ ހުރިހައި ހާލަތެއްގައިވެސް ނުހުއްޓި ކުރިއަށް ދާ އަދި ދާނޭ ކަމެކެވެ. ދުޢާއަކީ ﷲއާއި އިންސާނާއާ ދެމެދު އޮންނަ، ކެނޑިގެންނުދާ، ގުޅުމެކެވެ. ﷲއާއި އިންސާނާއާ ދެމެދު އޮންނަ ގުޅުން ފައުޅުކުޅައުމުގެ އަމަލެކެވެ. މުއުމިނާގެ ދިރިއުޅުމުގެ އެންމެ ހިނދުކޮޅެއްވެސް ދުޢާއިން ހުސްވެގެންނެއް ނުވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.