އިސްލާމްދީނާއި އިންސާނީ ހަމަހަމަކަން

މަވްލާނާ ވަޙީދުއްދީން ޚާން
ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް


އިސްލާމްދީން އަންގާ ގޮތުގައި ހުރިހައި މާތްކަމެއްގެ މިލްކުވެރިއަކީ ﷲއެވެ. ހުރިހައި އިންސާނުންނަކީ ﷲގެ އަޅުންނެވެ. އެހެންވީމާ އެއް އިންސާނަކާއި އަނެއް އިންސާނަކާ ދެމެދު އެއްވެސް ތަފާތެއް ނެތެވެ.


އިސްލާމްދީނުގެ ނަޒަރުގައި ހުރިހައި އިންސާނުންނަކީ ހަމަހަމަ ބައެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙައްޖަތުލްވަދާޢުގެ ޚުޠުބާގައި ހަދީސްކުރެއްވި ގޮތުގައި އެއްވެސް ޢަރަތްބަކަށް، ޢަޖަމީއެއްގެ މައްޗަކަށް މާތްކަމެއް ނެތެވެ. (މާނައަކީ ޢަރަތްބަކަށް، ޢަރަތްބެއް ނޫން މީހެއްގެ މައްޗަކަށް މާތްކަމެއް ނެތެވެ.) ދޮން މީހަކަށް، ކަޅު މީހެއްގެ މައްޗަކަށް މާތްކަމެއް ނެތެވެ. އިންސާނާގެ މާތްކަން އޮތީ އޭނާގެ ތަގުވާވެރިކަމުގެ މައްޗަށެވެ. (އޭނާ ﷲއަށް ކިޔަމަންތެރިވެ، ބިރުވެތިވާ މިންވަރެއްގެ މައްޗަށެވެ.) ހަމުގެ ކުލައާއި ނަސްލުގެ މައްޗަކަށް ނޫނެވެ.

ހަމުގެ ކުލައާއި ނަސްލަށް ބަލާއިރު އިންސާނުން އުފައްދަވައިފައިވަނީ ވަރަށް ބޮޑެތި ތަފާތުތަކާއެކުގައެވެ. އެކަމަކު މިއީ ހަމައެކަނި ވަކިކޮށް، ދެނެގަތުމަށްޓަކައި ލައްވައިފައިވާ ތަފާތުތަކެކެވެ. މަތިވެރިކަމުގެ ނުވަތަ މާތްކަމުގެ އަލާމާތެއްކަމުގައި ލައްވައިފައިވާ ތަފާތުތަކެއް ނޫނެވެ. އިޖްތިމާއީ، ގައުމީ ދިރިއުޅުމުގެ ނިޒާމެއް އުފެއްދުމަށްޓަކައި މީސްތަކުންގެ މެދުގައި މިފަދަ ޚާއްސަ ކަންތައްތަކެއް ހުރުމަކީ މުހިއްމު ކަމެކެވެ. ބޭނުމަކީ އެކަކު އަނެކަކަށް ފާހަގަކޮށް، ދެނެގަތުމެވެ. މި ބުނެވުނު އިޖްތިމާއީ ބޭނުމަށްޓަކައި ﷲ ވަނީ އިންސާނުންގެ މެދުގައި އެކި ކަހަލަ ތަފާތުތައް ލައްވައިފައެވެ. އެއީ ދުނިޔޭގެ ނިޒާމާއި އެކަކު އަނެކަކާއެކު ލޭންދޭނުގެ މުއާމަލާތްތައް ފަސޭހަކަމާއެކު ހިންގަމުން ގެންދެވޭނޭ ގޮތްތަކެއް ފަހިކޮށްދެއްވުމުގެ ގޮތުން ލައްވައިފައިވާ ތަފާތުތަކެކެވެ.

އެކަމަކު ބޭރުފުށުގެ ހުރިހައި ތަފާތަކީ ހަމައެކަނި ދުނިޔޭގެ ދިރިއުޅުމުގައި އެކަކު އަނެކަކަށް ދެނެގަތުމަށްޓަކައި ލައްވައިފައިވާ ތަފާތުތަކެކެވެ. އިންސާނާގެ ހަގީގީ މާތްކަމާ ގުޅުންހުރި ކަންކަމަށް ބަލާނަމަ، ހުރިހައި ސިފަތަކެއް ގުޅިފައިވަނީ އިންސާނާގެ އެތެރެފުށާއެވެ. ﷲ ތަޢާލާ ބައްލަވައިވޮޑިގެންވަނީ ހިތަށް ކަމުގައްޔާއި ބޭރުފުށަށް ނޫންކަމުގައި ހަދީސުކުރައްވައިފައި ވަނީ އެހެންވެގެންނެވެ. މާނައަކީ ޖިސްމާނީ ފަރަގަކީ އިންސާނާގެ ދުނިޔަވީ މުއާމަލާތްތަކަށްޓައި ލައްވައިފައިވާ ފަރަގެކެވެ. އެތެރެފުށުގެ މަތީ ދަރަޖަ ލިބޭނީ އެތެރެފުށުގެ ގާބިލުކަމަކީ ގަދަރުކުރުމާއި މާތްކަން ހައްގުވާފަދަ ގާބިލުކަމަކަށް ހަދާ ބަޔަކަށެވެ.

އިސްލާމީ ނިޒާމުގެ ކޮންމެ ކަމެއްގައިވެސް އިންސާނުންވަނީ ހަމަހަމަކުރައްވައިފައެވެ. ނަމާދުކުރުމަށްޓަކައި ހަދާ ސަފުގައި އެންމެން ތިބެނީ އެއް ހަމައެއްގައެވެ. ހައްޖުވެރިންގެ އެންމެން އެއް ތަނަކަށް ޖަމާވެ، އަޅުކަން ކުރިއަށް ގެންދަނީ އެއް ކަހަލަ ހެދުން އަޅައިގެން ތިބެއެވެ. ހަމައެހެންމެ އިސްލާމީ އިޖުތިމާއީ ނިޒާމުގައި ކޮންމެ މީހަކަށްވެސް ވަނީ އަނެކާއަށް ލިބިފައިވާ ދަރަޖަ، އެއްވެސް ތަފާތުކުރުމެއް ނެތި، ލިބިދީފައެވެ. އެ ނިޒާމު ބައްޓަންކުރެވިފައި ވަނީ ވަކި މީހަކަށް ގިނައިން، ވަކި މީހަކަށް މަދުން ލިބޭ ކަހަލަ ގޮތަކަށް ނޫނެވެ.

އިސްލާމްދީނުގެ ނަޒަރުގައި ހުރިހައި މާތްކަމަކާއި މަތިވެރިކަމެއް ޚާއްސަވެގެން ވަނީ ހަމައެކަނި ﷲ އަށެވެ. ބޭރުފުށުގެ ހުރިހައި ތަފާތަކާއެކުވެސް އިންސާނުންނަކީ، އެއްވެސް ފަރަގެއް ނެތި، ﷲގެ އަޅުންނެވެ. އިންސާނާއާއި ﷲއާ ދެމެދު ފަރަގު އެބަހުރިކަމީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ. އެކަމަކު އެއް އިންސާނަކާއި އަނެއް އިންސާނަކާ ދެމެދު އެއްވެސް ފަރަގެއް ނެތެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.