އަމަލުތައް ބިނާވެގެންވަނީ ނިޔަތުގެ މައްޗައް

މަވްލާނާ ވަޙީދުއްދީން ޚާން
ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް


ނިޔަތަކީ ކަމެއް ކުރުމުގައި ވިސްނާ ގޮތެވެ. ނުވަތަ ސިކުނޑިއާއި ހިތުގެ ގަސްތެވެ. ރަނގަޅު ނިޔަތެއް ނެތި ކުރާ އެއްވެސް އަމަލެއް ﷲ ގަބޫލުފުޅެއެް ނުކުރައްވާނެއެވެ.


އިސްލާމްދީނުގައި އެންމެ ބޮޑު އަހުމިއްޔަތުކަމެއް ދެނީ ނިޔަތަށެވެ. ހަމައެކަނި ބޭރުފުށުގެ އަމަލަށް ބިނާކުރާ އެއްވެސް ކަމެއް ﷲ ތަޢާލާ ގަބޫލުފުޅެއް ނުކުރައްވާނެއެވެ. ﷲ ގަބޫލުފުޅުކުރައްވަނީ ރަނގަޅު ނިޔަތަކާއެކު ކުރާ އަމަލެވެ. ނުބައި ނިޔަތަކާއެކު ކުރާ ކޮންމެ ކަމެއް އެކަލާނގެ ރައްދުކުރައްވައެވެ.

ރަނގަޅު އަމަލެއް ކަމަށް ގަބޫލުފުޅު ކުރައްވަނީ ސީދާ ﷲއަށްޓަކައި ނުވަތަ ﷲ ރުއްސަވާ މަގަށް ވިސްނުން މިސްރާބުކޮށްގެން ހުރެ، އެކަލާނގެ ރުއްސެވުން ހޯދުމުގެ ނިޔަތާއެކު ކުރާ ކޮންމެ ކަމެކެވެ. އެ ކަމަކީ ﷲ ގެ ޙަޟުރަތުން ދަރުމަ އެދިގެން ކުރާ ކަމެއް ނަމަ ﷲ އެ ކަމެއް ގަބޫލުފުޅު ކުރައްވައި ދަރުމަ ދެއްވާހުއްޓެވެ.

މިޔާ ޚިލާފަށް ދީނީ ކަމެއް ކުރި ނަމަވެސް އޭނާގެ ނިޔަތް އޮތީ ދުނިޔަވީ ފައިދާއެއް ހޯދުމުގެ މައްޗަށް ކަމުގައި ވަނީނަމަ އެކަމެއް ބޭކާރުވެގެން ވެގެން ހިނގައިދާނެއެވެ. މީސްތަކުންގެ ތާރީފާއި ސަނާއަށާއި މަޝްހޫރުކަމަށް އެދިގެން ކުރާ ދީނީ ކަންކަންވެސް ވެގެން ދާނީ ﷲ ގަބޫލުފުޅު ނުކުރައްވާ ކަންކަމަށެވެ.

ނިޔަތަކީ އިންސާނާގެ ގަސްތާއި ސިކުނޑިއާއި ހިތުގެ މިސްރާބަށް ބިނާވާ އެއްޗެކެވެ. އެއްވެސް މީހަކުގެ ވިސްނުމާއި އެތެރެފުށުގެ ހާލަތަކީ އެހެން މީހަކަށް އެނގޭނޭ ކަމެއް ނޫނެވެ. އެކަމަކު އެ ހުރިހައި ކަމެއް ﷲ މޮޅަށް ދެނެވޮޑިގެންވެއެވެ. ކަމެއް ކުރާއިރު އިންސާނާގެ ވިސްނުމާއި ފިކުރުގައި އޮތީ ކޮން އެއްޗެއްކަން ރަނގަޅަށް ދެނެވޮޑިގެންވެއެވެ. އޭނާގެ އިހުސާސްތައް ހުރިނެތް ގޮތް ދެނެވޮޑިގެންވެއެވެ. ނުބައި ނިޔަތަކާއެކު ކުރާ އަމަލެއް އިންސާނުންގެ ކުރިމަތީގައި ހެޔޮ އަމަލެއްކަމުގައި ފެނިދާނެއެވެ. އެކަމަކު އެ އަމަލުގެ ހެވާއި ނުބައި ﷲ ދެނެވޮޑިގެންވެއެވެ. އެހެންވީމާ ﷲ ތަޢާލާ އެ އަމަލެއް ލިޔުއްވާނީ އޭނާގެ ހިތާއި ސިކުނޑީގައި ހިނގާ ކަންކަމަށް ބައްލަވައިފައެވެ. ހަމައެކަނި އަމަލަށް ބައްލަވައިފައެއް ނޫނެވެ. ކޮންމެ މީހަކަށްވެސް ލިބޭނީ އެމީހަކަށް ހައްގު ޖަޒާއެވެ.

ނިޔަތް ބިނާވެފައި އޮންނަނީ އަމަލުގެ އިޚްލާސްތެރިކަމާއި މާނަވިއްޔަތުގެ މައްޗަށެވެ. އެއްވެސް އަމަލެއްގެ އިޚްލާސްތެރިކަމާއި މާނަވިއްޔަތު ގެއްލިއްޖެނަމަ އެ އަމަލެއް ވެގެންދާނީ ފައިދާއެއް ނުކުރާ، ވައްތަރެއް ޖެއްސުންކަމުގައެވެ. ހެޔޮ ނިޔަތަކާ ނުލައި ކުރާ ކަންކަމަކީ އަގެއް ނެތް ކަންކަމެކެވެ. އެފަދަ ކަންކަމުގެ އަގެއް ﷲގެ ޙަޟްރަތަކު ނޯންނާނެއެވެ. އަދި އެންމެ ފަހުންގޮސް އިންސާނުންގެ މެދުގައިވެސް އަގެއް ނެތް ކަމަކަށް ވެގެން ހިނގައިދާނެއެވެ.

އަމަލެއްގެ އަގެއް އޮންނާނީ އެ އަމަލުކުރުމުގެ ނިޔަތުގައި ތަޣައްޔަރުކަމެއް ނެތް ނަމައެވެ. ނިޔަތް ރަނގަޅުނަމައެވެ. ނުބައި ނިޔަތަކާއެކު ނުވަތަ ހެޔޮ ނިޔަތެއް ނެތި ކުރާ ކަންކަމަކީ ތަޣައްޔަރުވެފައިވާ ކަމެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.