މަވްލާނާ ވަޙީދުއްދީން ޚާން
ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް
އިންސާނާ ޖެހެނީ ކެތްތެރިވާށެވެ. ކަންކަމުގައި އަވަސްއަރައިނުގަންނާށެވެ. އިންސާނާ އާޚިރަތުގެ ނިޢުމަތުން މަހުރޫމުވަނީ ދުނިޔޭގައި ވަގުތީ ލައްޒަތަށްޓަކައި ކެތްތެރިކަން ދޫކޮށް އަވަސްއަރައިގަނެގެން ތެޅިފޮޅިގަތީމައެވެ.
ކީރިތި ޤުރްއާނުގެ 16 ވަނަ ސޫރަތުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވައިފައި ވެއެވެ. [އިންސާނާ، ހެޔޮކަމަށްއެދި ދުޢާކުރާ ފަދައިން، ނުބައިކަމަށްވެސް އެދި ދުޢާކުރެތެވެ. އަދި އިންސާނާއަކީ، އަވަސްވެގަންނަ މީހަކު ކަމުގައިވިއެވެ. ރޭގަނޑާއި، ދުވާލަކީ، ދެ ހެކިކަމުގައި، ތިމަންރަސްކަލާނގެ ލެއްވީމެވެ. ފަހެ، ރޭގަނޑުގެ ހެކިން ނޫރު ފުހެލެއްވީމެވެ. އަދި ދުވާލުގެ ހެކި އެއީ (ތަންތަން) ދައްކައިދޭ އެއްޗެއްކަމުގައި ލެއްވީމެވެ. (އެއީ) ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތުން، ތިޔަބައިމީހުން، ފަޟްލުވަންތަކަން އެދި އުޅުމަށްޓަކައެވެ. އަދި އަހަރުތަކުގެ ޢަދަދާއި، ހިސާބު، ތިޔަބައިމީހުން ދެނެގަތުމަށްޓަކައެވެ. އަދި ކޮންމެ ކަމެއްމެ ތަފުސީލުކޮށް ތިމަންރަސްކަލާނގެ ބަޔާންކޮށްދެއްވީމެވެ.] (ބަނީ އިސްރާއީލް: 11-12)
ރޭޔާއިދުވާ ބަދަލުވަމުންދާ ނިޒާމަށް ބަލައިލީމާ ސާފުކޮށް އެނގިގެން ދަނީ ﷲ މިންވަރުކުރައްވާ ގޮތަކީ ފުރަތަމަ އަނދިރިވެފައި އޭގެ ފަހުން އަލިކަން ފެތުރިގެން ދިއުންކަމެވެ. ﷲ ގެ މިންވަރުފުޅުގައި މި ދެ ހާލަތަކީވެސް އެއްވަރަކަށް މުހިއްމު ދެ ހާލަތެވެ. އަލިކަމުގައި ފައިދާތަކެއް އެކުލެވިފައިވާ ފަދައިން އަނދިރިކަމުގައިވެސް ފައިދާތަކެއް އެކުލެވިފައި ވެއެވެ. ދުނިޔޭގައި އަލިކަމާއި އަނދިރިކަން ވަކި ކުރެވޭނޭ ގޮތެއް ނެތް ނަމަ އިންސާނާ ވަގުތު ދެނެގަންނާނީ ކިހިނެއް ހެއްޔެވެ؟ އަދި އޭނާގެ މަސައްކަތާއި އަރާމުގެ ވަގުތު ކަނޑައަޅާނީ ކިހިނެއް ހެއްޔެވެ؟
އިންސާނާ އަނދިރިކަން ދެކެ ބިރުގަނެގެން ނުވާނެއެވެ. އަދި ތާއަބަދު އަލިކަމުގެ ތެރޭގައި އުޅުމުގެ އެދުން ކުރިއަށް ނެރެގެންވެސް ނުވާނެއެވެ. އެހެނީ ތާއަބަދު އަލިކަން ވެރިވެފައި އޮތުމަކީ މި ދުނިޔޭގެ ހަމައެއް ނޫނެވެ. އަނދިރިކަމާ ދުރުގައި އަދި ތާއަބަދު އަލިކަމުގެ ތެރޭގައި އުޅޭން ބޭނުންވާ މީހާއަށް ޖެހޭނީ މި ދުނިޔެ ދޫކޮށްލައި، ދިރިއުޅޭނޭ އެހެން ދުނިޔެއެއް ހޯދުމުގެ މަސައްކަތް ކުރާށެވެ.
އެކަމަކު އިންސާނާގެ އެންމެ ބޮޑު ބަލިފަޔަކީ މިއީއެވެ. އޭނާ އެދެނީ ދުވަހަކުވެސް އޭނާއަށް އަނދިރިކަމާ ކުރިމަތިލާން ޖެހޭފަދަ ގޮތެއް ނުވާށެވެ. ކުޑައިކޮށް އަނދިރިވެލާ ގޮތް ވިޔަސް ވަގުތުން އަލިވާށެވެ. ޢަޖްލަތޭ ނުވަތަ އަވަސް އަރައިގަނެގެން އުޅުމޭ ކިޔަނީ މި ބަލިކަށިކަމަށެވެ. ތެދުތެދަށް ދަންނަވާނަމަ ޢަޖްލަތަކީ ﷲ ތަޢާލާގެ ރޭއްވެވުމާ ނުރުހުމެވެ. ދެކޮޅުހެދުމެވެ. އިންސާނުންގެ ބަރުބާދީގެ ޙަޤީޤީ ސަބަބަކީ ﷲ ތަޢާލާގެ ރޭއްވެވުމަށް ބޯ ނުލެނބުމެވެ. ރުހިނުގަތުމެވެ.
ﷲ ރުހިވޮޑިގެންވާ ގޮތަކީ އިންސާނާ މި ދުނިޔޭގެ ބޭނުންތައް ފުއްދުމުގައި ކެތްތެރިވެގެން ހުރެ، އާޚިރަތާ ދިމާއަށް ކުރާ ދަތުރު ކުރިއަށް ގެންދިއުމެވެ. އެކަމަކު އިންސާނާގެ އާދައަކީ އަވަސްއަރައިގަނެ، ދުނިޔޭގެ ވަގުތީ ލައްޒަތުގެ މައްޗަށް ޖެހިގަތުމެވެ. ނަތީޖާއަކީ ދަތުރު ކުރިއަށް ނުގެންދެވޭ ގޮތް ވުމެވެ. ފަހު ދުވަސް އަންނަ އިރުވެސް އެ ހުރި ތަނެއްގައި ހުއްޓި ހުރެވޭ ގޮތް ވުމެވެ. އާދަމުގެ ދަރިޔާގެ މި އަވަސްއަރައިގަތުމަކީ އާޚިރަތުގެ ނިޢުމަތުން އޭނާ މަހުރޫމުވެގެންދާ އެންމެ ބޮޑު ސަބަބެވެ.
ދުނިޔޭގެ މުޢާމަލާތްތައްވެސް ހުރީ މިފަދަ ގޮތަކަށެވެ. ދުނިޔޭގައިވެސް ޙަޤީޤީ ކާމިޔާބީ ލިބެނީ ކެތްތެރިވެގެންނެވެ. އަވަސް އަރައިގަނެގެން އުޅުމަކުންނެއް ނޫނެވެ.
