މަވްލާނާ ވަޙީދުއްދީން ޚާން
ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް
ﷲ ވަނީ ދުނިޔެ އިސްލާހުކުރައްވައިފައެވެ. އިންސާނާއަށް އޮތް ގޮތަކީ ﷲ އިސްލާހުކުރެއްވި ގޮތަށް ތަބާވެގެން އުޅުމެވެ. އޭނާގެ އަމިއްލަ ގޮތް ދޫކޮށްލުމެވެ. އިންސާނާ ފިޔަވައި އެހެން މަޚުލޫގުން ދިރިއުޅެނީ އެ ގޮތުގައެވެ.
ކީރިތި ޤުރްއާނުގެ 7 ވަނަ ސޫރަތުގައި ﷲ ވަޙީކުރައްވައިފައި ވެއެވެ. [ބިން އިސްލާހުކުރެއްވުމަށްފަހު، ތިޔަބައިމީހުން އެ ބިމުގައި ފަސާދަ ނުކުރާށެވެ! އަދި (ﷲއަށް) ބިރުވެތިވެ، (އެކަލާނގެ ރަޙްމަތަށް) އެދޭ ހާލު، އެކަލާނގެއަށް ތިޔަބައިމީހުން ދުޢާކުރާށެވެ! ހަމަކަށަވަރުން، ﷲގެ ރަޙްމަތްފުޅުވަނީ، އިޙްސާންތެރިންނާ ގާތުގައެވެ.] (އަލްއަޢްރާފް: 56)
ބިން އިސްލާހުކުރެއްވުމުގެ މާނައަކީ މި ދުނިޔޭގައި ﷲ ތަޢާލާ ވަކި ޚާއްސަ ނިޒާމެއް ލައްވައި ތަރުތީބުކުރައްވައިފައިވާ ވާހަކައެވެ. އިންސާނާ ދިރިއުޅެން ޖެހެނީ ﷲ ގާއިމުކުރައްވައިފައިވާ ނިޒާމުގެ ތެރޭގައެވެ. އެ ނިޒާމާ ޚިލާފަށް ކަންތައްތައް ކުރުމަކީ އޭނާއަށް ހުއްދަކަމެއް ނޫނެވެ.
ﷲ ދުނިޔެ ހައްދައިވައިފައި ވަނީ ހިމޭން އަމަލުގެ ދުނިޔެއެއްގެ ގޮތުގައެވެ. އެހެންވީމާ މި ދުނިޔޭގައި މާ ކަންތައްގަނޑު ބޮޑުކޮށްގެން ނޫޅޭށެވެ. މި ދުނިޔޭގައި ﷲ ވަނީ ސާފު ވައިގެތެރެއަށް ނޭވާ ލެވޭނޭ އިންތިޒާމު ހަމަޖައްސަވައި ދެއްވައިފައެވެ. އެހެންވީމާ އެ ވައިި ނުސާފުވާނޭ ކަހަލަ ކަންތައްތައް ނުކުރާށެވެ. ގަސްގަހާގެއްސާއި ފަތްޕިލާވެއްޔާއި ޖަނަވާރު އުޅެމުން ގެންދަނީ އެ ތަކެއްޗަށް އޮތް ދާއިރާގެ ތެރޭގައެވެ. އެހެންވީމާ އިބަމެންވެސް، އިބަމެންގެ ދާއިރާގެ ތެރޭގައި ދިރިއުޅޭށެވެ. އެހެން ތަންތަނަށް ވަދެ، ކަންކަމަށް ހުރަސްއަޅައި، ޚަލަލުކޮށް އުޅުން ދޫކޮށްލާށެވެ. މި ދުނިޔޭގައި ހުރިހައި ކަމެއް ހިނގަމުން ދަނީީ ހަގީގަތް ގަބޫލުކުރުމުގެ އުސޫލުގެ ތެރޭގައެވެ. އެހެންވީީމާ އިބަމެންވެސް އެފަދައިން ދިރިއުޅުން ވޭތުކުރާށެވެ. ޖަޒުބާތުގައި ޖެހިގެން ކައްޗާ ދުއްވުމާއި އަވަސް އަރުވައިލައިގެން އުޅުން ދޫކޮށްލާށެވެ.
މި ދުނިޔޭގައި ލައްވައިފައިވާ ހުރިހައި މަޚުލޫގެއްމެ އުޅެމުން ގެންދަނީ އެއް ބަޔަކު އަނެއް ބަޔަކާ ގުޅިގެންނެވެ. އެހެންވީމާ ތިބާވެސް އެހެން މީހުންނާ ގުޅިގެން އެކުވެރިކަމާއެކު ދިިރިއުޅުން ވޭތުކުރާށެވެ. މި ދުނިޔޭގައި ކޮންމެ އެއްޗެއްވެސް ވަނީ އެހެން އެއްޗިއްސަށް ފައިދާކުރުވަނިވި އެއްޗަކަށް ވެފައެވެ. އެހެންވީމާ ތިބާވެސް ތިބާގެ އަޚުންނާއި އުޚުތުންނަށް ހެޔޮއެދޭ، ފައިދާކުރުވަނިވި މީހަކަށް ވާށެވެ.
ބިން އިސްލާހުކުރެއްވުމުގެ ކަންތައް ﷲ ތަޢާލާ ވަނީ ކުރައްވައި ނިންމަވައިފައެވެ. އެ ބިން އިސްލާހުކުރުމުގެ މަސައްކަތް އަލަކުން އިންސާނަކަށް ކުރާކަށް ނުޖެހޭނެއެވެ. އިންސާނާ ކުރާން ޖެހޭހައިވެސް ކަމަކީ އެ އިސްލާހީ ޗާޓާ އެއްގޮތަށް އަމަލުކުރުމެވެ. އިސްލާހުކުރައްވައިފައިވާ ބިމާ އެއްފަދައިން މުޖުތަމައު އިސްލާހުކުރުމުގެ މަސައްކަތްކުރުމަކީ އޭނާގެ ޒިންމާއެވެ.
ﷲގެ ބިމުގައި އިންސާނާއަށް އޮތީ ދެ ރަވައްޔާއެކެވެ. އެއީީ އިސްލާހީ ރަވައްޔާއާއި ފަސާދައިގެ ރަވައްޔާއެވެ. އިސްލާހީ ރަވައްޔާއަކީ އިންސާނާ ޝުއޫރީ ގޮތުން ނުވަތަ އަމިއްލަ އިޚުތިޔާރުގައި ހުރެގެން، ﷲ އިސްލާހު ކުރައްވައިފައިވާ ދުނިޔޭގެ ނިޒާމާ އެއްގޮތަށް އުޅުމެވެ. އެހެނިހެން މަޚުލޫގުން އަމިއްލަ އިޚުތިޔާރާ ނުލައި ނިޒާމާ އެއްގޮތަށް އުޅޭ ފަދައިންނެވެ. ފަސާދައިގެ ރަވައްޔާއަކީ އާދަމުގެދަރިޔާ ކާއިނާތުގެ ނިޒާމާ ދެކޮޅަށް އުޅުމެވެ. ކާއިނާތުގައި ﷲ ލައްވައިފައިވާ އިސްލާހުކުރެވުނު ނިޒާމު ދޫކޮށްލައި އަމިއްލަ ރަވައްޔާއެއް އިޚުތިޔާރުކުރުމެވެ. ﷲ އިސްލާހުކުރައްވައިފައިވާ ބިމަކީ ނުވަތަ ދުނިޔެއަކީ އިންސާނާ ދިރިއުޅޭން އޮތް އެންމެ ރަނގަޅު ޖަގަހައެވެ. ހަމަ އެޔާއެކު އޭނާގެ އަމަލުތަކަށް އޮތް އެންމެ ރަނގަޅު ޖަގަހަވެސްމެއެވެ.
