އަތްފައި ހެކިވުން

މަވްލާނާ ވަޙީދުއްދީން ޚާން
ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް


އިންސާނާ އޭނާގެ ޠަބީޢީ މަގުން ހިނގައިގަތީމާ ކުރިއަށް ދެވޭނީ ﷲ ކަނޑައަޅުއްވައިފައިވާ ސީދާ ވެގެންވާ ތެދުމަގުންނެވެ. އެ މަގަކީ އޭނާ ސުވަރުގެއަށް ގެންގޮސްދޭ މަގެވެ.


ކީރިތި ޤުރްއާނުގެ 36 ވަނަ ސޫރަތުގައި  ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވައިފައި ވެއެވެ. [އޭ ކުށްވެރިންނޭވެ! މިއަދު ތިޔަބައިމީހުން (މުއުމިނުންނާ) ވަކިވާށެވެ! އޭ އާދަމުގެދަރިންނޭވެ! ތިޔަބައިމީހުން ޝައިޠާނާއަށް އަޅުކަން ނުކުރުމަށް ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އަމުރުނުކުރައްވަން ހެއްޔެވެ؟ ހަމަކަށަވަރުން، އޭނާޔަކީ ތިޔަބައިމީހުންނަށްހުރި، ފާޅުވެގެންވާ ޢަދާވަތްތެރިޔެކެވެ. އަދި ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް އަޅުކަންކުރާށެވެ! މިއީ ސީދާވެގެންވާ ތެދުމަގެވެ. އަދި ހަމަކަށަވަރުން، އެ ޝައިޠާނާ ތިޔަބައިމީހުންގެ ތެރެއިން ގިނަބަޔަކު މަގުފުރައްދައިފިއެވެ. ފަހެ، ވިސްނާ ބަޔަކުކަމުގައި ތިޔަބައިމީހުން ނުވަމުހެއްޔެވެ؟ މިއީ ތިޔަބައިމީހުންނަށް ވަޢުދުކުރައްވާފައިވާ ނަރަކައެވެ. ތިޔަބައިމީހުން ކާފިރުވެ އުޅުނުކަމުގެ ސަބަބުން، މިއަދު ތިޔަބައިމީހުން އެ ނަރަކަޔަށް ވަންނާށެވެ! މިއަދު ތިމަންރަސްކަލާނގެ އެއުރެންގެ އަނގަތަކުގައި ސިއްކަގައްސަވައި ބަންދުކުރައްވާހުށީމެވެ. އަދި އެއުރެންގެ އަތްތައް ތިމަންރަސްކަލާނގެއަށް ބަސް ދަންނަވާނެތެވެ. އަދި އެއުރެން ހޯދައިއުޅުނު ޢަމަލުތަކާމެދު އެއުރެންގެ ފައިތައް ހެކިދޭނެތެވެ.] (ޔާސީން: 59-65)

މި ދުނިޔެއަށް ބަލާނަމަ ރަނގަޅު މީހުންނާއި ނުބައި މީހުން މި އުޅެނީ އެއް ދުނިޔެއެއްގައެވެ. އަންނާން އޮތް ދުނިޔޭގައި (އެބަހީ އާޚިރަތުގެ ދުނިޔޭގައި) ދެބައި މީހުން އުޅޭނީ މުޅީން ވަކި ދެ ދުނިޔެއެއްގައެވެ. ޝައިޠާނާގެ އަޅުން ތިބޭނީ ޝައިޠާނާއާ އެކުގައެވެ. ރަޙްމާންގެ އަޅުން އުޅޭނީ ރަޙްމާނާ އެކުގައެވެ.

އެއްވެސް އާދަމުގެ ދަރިއަކު ޝައިޠާނާގެ ނަން ގަނެފައި، ފާޅުގައި ޝާއިޠާނާއަށް އަޅުކަމެއް ނުކުރެއެވެ. އެހެންނަމަވެސް ﷲއަށް އަޅުކަން ކުރުން ދޫކޮށްލައި އެހެން ފަރާތަކަށް އެނބުރޭ ކޮންމެ މީހަކު އެ އަޅުކަން ކުރަނީ ޝައިޠާނާއަށެވެ. އެހެނީ އިންސާނާ އެހެން ހަދަނީ ޝައިޠާނާގެ ވަސްވާހަށް ހެއްލި، އެ ސޮރަށް ކިޔަމަންގަނެގެންނެވެ. މިސާލަކަށް މަލާއިކަތުންނާއި ޤައުމީ ބަޠަލުންނަށް އަޅުކަން ކުރުން ފަދަ ކަންކަން ފެށިފައި ވަނީ ޢަޤީދާ ބަލިކަށި މީހުންގެ ބޮލަށް ޝައިޠާނާ ސަވާރުވެ، ވަސްވާސް ދިނުމުން އެ ވަސްވާސް ގަބޫލުކޮށް، އެހެން ފަރާތްފަރާތަށް އަޅުކަން ކުރަން ފެށީމައެވެ.

ފަހުގެ ޢިލްމީ ތަޙްޤީޤުތަކުން އެނގިފައިވާ ގޮތުގައި އިންސާނާގެ ގައިގެ ހަމަކީ ބާވަތެއްގެ ރެކޯޑަރެކެވެ. އޭނާ ދައްކާ ހުރިހައި ވާހަކައެއް ހަމުގައި ރެކޯޑު ކުރެވިފައި ހުރެއެވެ. އެ ވާހަކަތައް އަލުން އަޑުއެހުމަކީ ކުރެވިދާނޭ ކަމެކެވެ. މި ހޯދުމަށް ބަލާއިރު، އާޚިރަތް ދުވަހުން އިންސާނާގެ އަތާއި ފައި އަދި މުޅި ހަށިގަނޑު ހެކިބަސްދީ އިންސާނާގެ ހާލަތު ބަޔާންކޮށް ދޭނޭ ކަމަށް އަންގަވައިފައި އެވާ ބަސްފުޅު ވިސްނައިގަތުމަކީ ދަތިކަމެއް ނޫނެވެ.

އިންސާނާގެ ކިބައިގައި ޠަބީޢީ ގޮތުން އެއްކައުވަންތަ ﷲގެ ތަސައްވަރު ވަނީ ލައްވައިފައެވެ. އިންސާނާ އުފަންވަނީ އޭނާގެ މިޒާޖުގައި ﷲ ގަބޫލުކޮށް، އެކަލާނގެއަށް ސަޖިދަޖެހުމުގެ އާދަ އެކުލެވިގެންނެވެ. އެއީ ޠަބީޢީ ޢަހުދެކެވެ. ހުރިހައި އިންސާނުން ވަނީ ތަބަޢީގޮތުން މި ޢަހުދުގައި ބަނދެވިފައެވެ. މި ޠަބަޢީ ސިފައަށް ތަބާވެ، ﷲއަށް ކިޔަމަންގަތުމުގެ މަގުން ހިނގައިގަތީމާ އެ ހިނގައިގަނެވެނީ ﷲ ކަނޑއަޅުއްވައިފައިވާ ސީދާވެގެންވާ ތެދުމަގުންނެވެ. އެ މަގުން ހިނގާ މީހާއަށް ގޮސް ވަދެވޭނީ ތާއަބަދުގެ ސަޢާދަތުގެ މަންޒިލަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.