(30 އޭޕްރީލް 2025 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ރަބީޢާގެ އާދަތަކާއި ވިސްނުން އޭނާގެ ބައްޕަޔާ މުޅީން ތަފާތެވެ. މައިގަނޑު ސަބަބަކީ އޭނާގެ ޢުމުރުގެ ފުރަތަމަ ތޭރަ އަހަރު ދުވަސް ބޮޑުބޭބެގެ ގޭގައި އުޅުން ކަމުގައި ވެދާނެއެވެ. ބޮޑުބޭބެގެ ގޭގެ ތަޢުލީމުގެ ސަބަބުން އޭނާއަށް ވަނީ އިސްލާމް ދީން ދެކެ ލޯބިވާން ދަސްވެފައެވެ. އިސްލާމުންނަށް މި ވަގުތު މެދުވެރިވެފައިވާ ނިކަމެތި ޙާލަތާއި ކްރިސްޓިއަނުންގެ ފަރާތުން ލިބެމުންދާ އަނިޔާގެ ސަބަބުން އޭނާގެ ހިތުގައި ކަސްތިއްޔާގެ ކްރިސްޓިއަން ސަރުކާރަށް އުފެދިފައިވާ ނަފުރަތު ވަނީ ވަރަށް ބޮޑު ވެފައެވެ. ކުޑައިރުގެ ހަނދާންތަކަކީ ދާއިމަށް ދެމިހުންނަ ހަނދާންތަކަކަށް ނުވެދާނެއެވެ. އެކަމަކު ބައްޕަގެ ގޭގެ ހިތި މާހައުލުގެ ސަބަބުން ރަބީޢާއަށް ބޮޑުބޭބެގެ ގޭގެ ހަނދާންތައް ކުރެވެނީ މާވަރަކަށެވެ. އެ ދުވަސްވަރުގެ އުފާވެރި ދަނޑިވަޅުތައް ވަނީ އޭނާގެ ހިތާމަވެރި، ހިތި ޙަޔާތުގެ ބަޔަކަށް ވެފައެވެ. އެންޖެލާ ކުޑައިރު އޭނާއަށް ބައިބްލް ކިޔަވައިދޭން ފާދިރީއަކު އާދެއެވެ. ދޮންމަންމަ އޭނާ ގާތުވެސް ބައިބްލް ދަސްކުރުމުގައި ބައިވެރިވާށޭ ބުނެއެވެ. އެކަމަކު އޭނާ ކޮންމެވެސް އުޒުރެއް ދައްކައިފައި ކޮޓަރީގައި އެކަނި އިނދެގެން ޤުރްއާން ކިޔަވަނީއެވެ.
އެންޖެލާ ކޮންމެ އާދީއްތަ ދުވަހަކު އޭނާގެ މަންމަޔާއެކު ފައް ޅިއަށް ދެއެވެ. ރަބީޢާ ދަނީ އަވަށްޓެރިއެއްގެ ގެއަށެވެ. އެ ގޭގެ ވެރިމީހާގެ އަނބިމީހާއަކީ އޭނާގެ މަންމަގެ އެކުވެރިއަކަށް ވާތީ އޭނާ ގާތަށެވެ.
ކަސްތިއަޔާގައި ދެ ރޭ ހޭދަކުރި ފަހުން ރަބީޢާއަށް އެނގުނު ގޮތުގައި އޭނާގެ ބޮޑުބޭބެ، ޢާއިލާގެ ބައެއް މީހުންނާއެކު މޮރޮކޯއަށް ހިޖުރަކޮށްފިއެވެ. އެ ޚަބަރު ލިބުމުގެ ކުރީން އޭނާގެ ހިތުގައި ކުޑަވަރެއްގެ އުއްމީދެއް އޮވެއެވެ. އެއީ ކޮންމެވެސް ދުވަހަކުން ގްރަނާދާއަށް ދެވޭނޭ ކަމުގެ އުއްމީދެވެ. ތޮލޭދޯއިން ވަކިވެފައިވާ ގާތްތިމާގެ މީހުންނާ ބައްދަލުވެލުމުގެ ފުރުސަތު ޤުދްރަތުން ދެއްވާނޭ ކަމުގެ އުއްމީދެވެ. އެކަމަށް އެދީ އޭނާ ދުޢާވެސް ކުރެއެވެ. އެކަމަކު އެމީހުން މޮރޮކޯއަށް ދިޔަ ޚަބަރު ލިބުނީމާ އޭނާގެ ހިތް ހަލާކުވެއްޖެއެވެ. އެތައް ދުވަހެއް ވާންދެން ސިއްރިއްޔާތުގައި ރޮއިއުޅުނެވެ.
ހުރިހައި މުނާފިގުކަމަކާއި ނުބައިކަމަކާއެކުވެސް އަބޫ ދާވޫދް ރަބީޢާ ދެކެ ވަރަށް ބޮޑަށް ލޯބިވެއެވެ. މާރިޔާގެ ތާއަބަދުގެ ޝަކުވާއަކީވެސް އެއީއެވެ. އެންޖެލާއަށް ވުރެ ބޮޑަށް ރަބީޢާ ދެކެ އޭނާ ލޯބިވެއޭ ކިޔައިގެން މާރިޔާ ޝަކުވާ ކުރެއެވެ. ޖަވާބުގައި އަބޫ ދާވޫދް ބުނަނީ މާރިޔާ ދިރިދުނިޔޭގައި އިންދައި އެންޖެލާއަށް އޭނާގެ ލޯބީގެ މާ ބޮޑު ބޭނުމެއް ނޯންނާނޭ ކަމުގައެވެ. ރަބީޢާ ދެކެ ލޯބިވާން ހުރި މީހަކި ހަމައެކަނި އޭނާ ކަމުގައެވެ.
މާރިއާއަކީ ރުޅި ގަދަ މީހެކެވެ. އޭނާގެ ހަރުކަށިކަމާއި ރުޅިގަދަ ކަމުގެ ސަބަބުން ރަބީޢާއަށް ދަސްވެފައިވަނީ އޭނާ ދެކެ ރުޅި އަންނާށެވެ. އެންޖެލާއަށް ކިބުރުވެރިކަމާއި ބޮޑާކަން ދަސްވެފައި ވަނީ އޭނާގެ މަންމަގެ ފަރާތުން ވާރުތަވެފައިވާ ސިފައެއްގެ ގޮތުގައެވެ. އެކަމަކު އޭނާގެ މަންމަ ފަދައިން ރަބީޢާގެ ލޯބީގެ ޖަވާބުގައި ނަފުރަތުގެ ކުލަވަރު ދެއްކުމަކީ އެންޖެލާއަށް ކުރެވޭ ވަރުގެ ކަމަކަށް ނުވިއެވެ. މަންމަގެ ފަރާތުން ރަބީޢާއަށް ތަޢައްސުބުގެ ކުލަވަރު ދައްކާން ފަށައިފިނަމަ އެންޖެލާ ޖެހެނީ ދައްތަގެ ކޮޅަށެވެ. ދައްތަގެ ލޯބި ހިތުގައި އޮތް ނަމަވެސް ދީނީ ކަންކަމުގައި އޭނާއަކީވެސް މަންމަ ފަދައިން ހަރުކަށި ކުއްޖެކެވެ.
ދީނީ ކަންކަމުގައި އެންޖެލާއާއިވެސް އަދި ދޮން މަންމަ މާރިއާއާ ވެސް ޒުވާބު ކުރުމަކީ ރަބީޢާ ބޭނުންވާ ކަމެއް ނޫނެވެ. އޭނާ ބަލަނީ ޒުވާބެއްގެ ތެރެއަށް ނުވަދެ ވޭތޯއެވެ. އެކަމަކު ބައެއް ކަހަލަ ދީނީ ކަންކަމުގައި ދެކޮޅު ހަދާން މަޖުބޫރުވެސް ވެއެވެ. އެފަދަ ކަމެއްގައި އަރައިރުންވާން މެދުވެރިވެއްޖެނަމަ ގިނަ ފަހަރަށް ދެކެވެނީ ޙަޤީޤަތާ ދުރު، ޖަޒުބާތީ ވާހަކަތަކެވެ. މާރިއާއާއި އެންޖެލާ މަސައްކަތް ކުރަނީ ފެރްނާންދޯގެ ރަސްކަމާއި ރޯމްގެ ކްރިސްޓިއަން ރަސްކަމުގެ ޝާންޝައުކަތާއި ވަރުގަދަ ކަމުގެ ވާހަކަދައްކައިގެން ރަބީޢާގެ ޚިޔާލު ބަދަލުކުރެވޭތޯއެވެ. ރަބީޢާވެސް ވަކި ދުލެއް ނުކުރެއެވެ. އޭނާ މަސައްކަތް ކުރަނީ ތާރިޤާއި، މޫސާއާއި، ޢަބްދުއްރަޙްމާން އަޢުޒަމާއި، ޔޫސުފް ބިން ތާޝިފީންގެ ފަތަޙަތަކުގެ ވާހަކަދައްކައިގެން އެ ދެމައިންގެ ޚިޔާލު ބަދަލުކޮށްލެވޭތޯއެވެ.
މާރިއާ އާއި އެންޖެލާ ބުނާ ގޮތުގައި ކަލާނގެ ވަނީ އިސްލާމުން އަންދަލުހުން ނެރެލުމަށްޓަކައި ފެރްނާންދޯ އިންތިޚާބު ކުރައްވައި ކަމަށް ކަލާނގެވަނީ އެމީހުންގެ ބޮޑު ފާދިރީއަކަށް ބަޝާރަތު ކުރައްވައިފައެވެ. ޖަވާބުގައި ރަބީޢާ ބުނަނީ އަބުލް ޙަސަން ކަސްތިއްޔާގައި އިސްލާމީ ދިދަ ވިހުރުވައިލާތަން އޭނާއަށް ހުވަފެނުގައި ފެނިފައިވާ ކަމުގައެވެ.
މުޣީރާ ޝަހީދުވީ ޚަބަރު ލިބުމުން ކަސްތިއްޔާގެ އެހެން ކްރިސްޓިއަނުންނެކޭ އެއްފަދައިން މާރިއާ އާއި އެންޖެލާވެސް އުފާ ފައުޅުކޮށް އުޅުނެވެ. އެކަމަކު ރަބީޢާއަށް ލިބުނު ފިން ހިތާމައާއި ސަދުމާގެ ސަބަބުން ދެތިން ދުވަހު ނުވެސް ކައި އުޅުނެވެ، އޭގެ ފަހުން ލިބުނީ ސަރަޙައްދީ ބާޒުގެ އަތުން ސެއިންޓް ސަންތިއާގޯ ލަދުވެތި ގޮތަކަށް ބަލިވީ ޚަބަރެވެ. އެ ޚަބަރުގެ ސަބަބުން ރަބީޢާ އުފާކުރިވަރަށް މާރިއާ އާއި އެންޖެލާ ހިތާމަ ކުރިއެވެ.
އެ ދުވަހުގެ ފަހުން ގޭތެރޭގައި ދީނާ ހެދި ކުރެވޭ ޒުވާބުގައި ކޮންމެވެސް އެއް ސިފައެއްގައި ސަރަޙައްދީ ބާޒުގެ ވާހަކަ ދެކެވެއެވެ. ރަބީޢާ ގެންދިޔައީ ބާޒުގެ ހިތްވަރުގަދަ ކަމުގެ ވާހަކަ އޭނާޔާ ހަމައަށް އަންނަ ވަރަށްވުރެ މާ ބޮޑުކޮށްގެން ދައްކަމުންނެވެ. ރޭގަނޑު މާރިއާ އާއި އެންޖެލާ މަރިޔަމްގެފާނުގެ ބުދު ދޮށުގައި ކްރިސްޓިއަނުންނަށް ކާމިޔާބީ ލިބޭތޯ ދުޢާކުރަން ތިބޭއިރު ރަބީޢާ އިންނަނީ ކޮޓަރީގައި ނަމާދުކޮށްގެރން އިސްލާމުންނަށް ކާމިޔާބީއަށް އެދި ދުޢާކުރާށެވެ. މާރިއާ އަބޫދާވޫދު ގާތު ކުރާ އެންމެ ބޮޑު އެއް ޝަކުވާއަކީ ރަބީޢާ އެމީހުންގެ ދުޝްމަނުންނަށް ތާއިދުކުރާ ކަމުގެ ޝަކުވާއެވެ. އަބޫ ދާވޫދް ނުރުހުމުގެ ރާގަކަށް ރަބީޢާ ގާތު ބުންޏެވެ. [ދަރިފުޅާ ރަބީޢާއެވެ. ސަރުކާރުން ބައްޕައާއި ބައްޕަގެ ޢާއިލާއަކީ ބާޣީންކަމަށް ކަނޑައަޅައި ދަން ޖައްސާގޮތް ވާން ނޭދޭ ކަމުގައި ވަނީނަމަ ﷲ އަށް ޓަކައި ސަރަޙައްދީ ބާޒާ ބެހޭ ގޮތުން ދަރިފުޅުގެ ހިތުގައިވާ ޖަޒުބާތު ހާމަނުކޮށް އިނދެވޭތޯ ބަލާށެވެ. ދަރިފުޅުގެ މަންމަގެ ދީނުގެ މަތީގައި ހުރުމަކަށް ބައްޕަ ހުރަހެއް ނާޅަމެވެ. ނުވެސް އަޅާނަމެވެ. އެކަމަކު ހަމައެކަނި ދަރިފުޅާ ހެދި ބައްޕައަށް ފެރްނާންދޯގެ ދަރުބާރުގައި ލިބިފައިވާ ގަދަރާއި ޢިއްޒަތަށް ބުރޫ އަރާގޮތް ވުމަކީ ބައްޕަ އެއްގޮތަކަށްވެސް ރުހޭނޭ ގޮތެއް ނޫނެވެ. ސަރަޙައްދީ ބާޒަކީ ބާޣީއެކެވެ. ވަގުތު ޖެހުމާއެކު ފެރްނާންދޯގެ ސިފައިން ބާޒުގެ ދުވަސް ދުއްވައިލާނެއެވެ.]
އެ ދުވަހު ރަބީޢާއަށް އިހުސާސްކުރެވުނު ގޮތުގައި ކިތަންމެ ބޮޑު ޢިލްމުވެރިއަކަށް ވިޔަސް އޭނާގެ ބައްޕަޔާއި، އުއްމީދު ކެނޑުމުގެ ސަބަބުންނާއި ކުރިމަގަށް ބަލާއިރު ކުޑަވެސް އަލިކަމެއް ފެންނާން ނެތް ކަމަށް ގަބޫލުކުރެވިގެން، ކްރިސްޓިއަން ވެރިންގެ ކިބައިން ހެޔޮކަމެއް ލިބިދާނޭ ކަމަށް ބަލައި ފަހަތުން ހިނގާ އިސްލާމުންނަކާ އެއްވެސް ތަފާތެއް ނެތެވެ.
އޭގެ ފަހުން އޭނާ ގެންދިޔައީ ބައްޕަގެ ޙަރަކާތްތަކަށާއި ޢަމަލުތަކަށް ބަލައި އިހަށްވުރެ ބޮޑު ފަރުވާތެރިކަމަކާއެކު ފިކުރު ހިންގަމުންނެވެ. މަޑުމަޑުން ގޮސް އޭނާއަށް އެނގުނު ގޮތުގައި ބައްޕަ ގިނަގިނައިން އެހެން ރަށްރަށަށް އެ ދަނީއަކީ ދަތުރުކުރުމުގެ ޝައުގުވެރިކަން ހުރެގެންނެއް ނޫނެވެ. އެއީ ފެރްނާންދޯއަށް ކޮށްދޭ ޚިދުމަތެއްގެ ގޮތުގައި ކުރާ ދަތުރުތަކެކެވެ. އެޔާއެކު އޭނާއަށް ބީރައްޓެހިކަމާއި އެކަނިވެރިކަން އިހުސާސްކުރެވޭން ފަށައިފިއެވެ. ޢުމުރުން ދުވަސްވީ ވަރަކަށް މި އިހުސާސް ދިޔައީ ބޮޑުވަމުންނެވެ. އިސްލާމުންގެ އުޖާލާ ކުރިމަގަކަށް އޭނާ ދެކެމުން އައި ހުވަފެން މަޑުމަޑުން ފަނޑުވަމުންގޮސް ހަނދާން ނެތޭ ހިސާބަށް ހިނގައްޖެއެވެ. ސިކުނޑި ގަބުވެއްޖެއެވެ. ދިރިއުޅުމަކީ ރެޔާއިދުވާ ގުނުން ކަމުގައި ވެއްޖެއެވެ.
އެކަމަކު އަބޫ ދާވޫދާއެކު ގްރަނާދާއަށް ދާ ވާހަކަ ދެކެވުމާއެކު ފޮރުވިފައި އޮތް ޖަޒުބާތާއި އުއްމީދުތައް އަނެއްކާވެސް ހިލިގެންފިއެވެ. އަބޫ ދާވޫދްގެ ޙަޤީޤީ މަގުސަދަކީ ކޮބައިކަމެއް އޭނާއަކަށް ނޭނގެއެވެ. ދަތުރުމަތީގައި މަޑުކޮށްލާ ކޮންމެ ތަނަކާއެކު އޭނާގެ ހިތް ތެޅެމުން ދިޔައެވެ. ބާރަށް ވިންދު ޖަހަމުން ދިޔައެވެ. ގްރަނާދާގެ ތަފާތު މަންޒަރުތައް ދިޔައީ އޭނާގެ ކުރިމަތީގައި ސިފަވަމުން، ދައުރުވަމުންނެވެ. އެ ދުވަސްވަރު އެތައް ފަހަރަކު ސަރަޙައްދީ ބާޒުގެ ވާހަކަ ދެކެވުނެވެ. އެކަމާ މާރިއާ ހުންނަނީ ރުޅި އައިސް ފުފިފައެވެ. އަބޫ ދާވޫދް މަނާކުރުމާއެކުވެސް ކޮންމެ ފާރަޖަގަހަކާ އަރައިހަމަވުމާއެކު އޭނާ އަހައިލައެވެ. [އަހަރެމެން މި ދަތުރުކުރާ މަގުމަތީން ސަރަޙައްދީ ބާޒުގެ ޙަމަލައަކާ ކުރިމައްޗެއް ނުވާނެ ހެއްޔެވެ؟] ފާރަޖަގަހައިގައި ތިބޭ ސިފައިން އޭނާގެ ހިތްހަމަޖައްސައި ދެވޭތޯ މަސައްކަތް ކުރެއެވެ. އެކަމަކު ދެން ދިމާވާ ފާރަޖަގަހައިންވެސް އޭނާ ބޭނުން ވަނީ ހަމަ މި ސުވާލުގެ ޖަވާބު ހޯދާށެވެ.
ދަތުރުމަތީގައި މެހުމާންސަރާއެއްގައި މަޑުކޮށްގެން ތިބި ވަގުތަކު އެތާގެ ވެރިމީހާ ގާތުވެސް މާރިއާ މި ވާހަކަ ދައްކައިފިއެވެ. އަބޫ ދާވޫދަށް މި ސުވާލުތަކުގެ އަޑު އިވިގެން އެ މީހާ ގާތު ބުނެފިއެވެ. [ސަރަޙައްދީ ބާޒަކީ އަންހެނުންނާ ޙަމަލަދޭ މީހަކު ނޫނޭ ކަލޭ ނުބުނަނީ ކީއްވެގެން ހެއްޔެވެ؟] ރަބީޢާ މި ވާހަކަތައް ޝައުގުވެރިކަމާއެކު އަޑު އަހައެވެ. އޭނާގެ ޚިޔާލީ ދުރުމި އެ ވަގުތު އަމާޒުވީ ގްރަނާދާގެ ފަރުބަދަތަކާއި ޖަންގަލީގެ ރީތި މަންޒަރުތަކަށެވެ. އޭނާއަށް ފެންނަނީ ކާކުކަން ނޭނގޭ މުޖާހިދަކު މީގެ ދެތިން އަހަރެއް ކުރީން ނުކުމެ ޢިބުރަތުން ފުރިފައިވާ ގޮތަކަށް ސެއިންޓް ސަންތިއާގޯ ބަލިކޮށްލީ ހިތްގައިމު މަންޒަރެވެ. އެކަމަކު ދަތުރުކުރަމުންދާ މަގަކީ ސަރަޙައްދީ ބާޒުގެ ސަރަޙައްދާ މާ ދުރު ސަރަޙައްދެކޭ ބައްޕަ ބުނެފައިވާތީ ރަބީޢާ ދެރަވެސް ވިއެވެ.
(4)
މިހާރު އޭނާ އެ އިނީ ސަރަޙައްދީ ބާޒުގެ ބެއްލެވުމުގެ ދަށުގައެވެ. ކަސްތިއްޔާގައި ބާޒު މަޝްހޫރުވެފައިވާ ގޮތަށް ބަލާއިރު އޭނާއަށް ސިފަކުރެވުނީ ޢުމުރުން ދުވަސްވެފައިވާ އަދި ގައިގައި މަސްޖަހައިފައިވާ، ހަރުކަށި މީހެކެވެ. އެކަމަކު އޭނާގެ ޚިޔާލުގައި ކުރަހައިފައިވާ ތަސްވީރާއި އަސްލު މީހާޔާ ވަރަށް ތަފާތެވެ. ސަރަޙައްދީ ބާޒުގެ ތޫނު ނަޒަރުފުޅުގައި ވަނީ ލޯތްބާއި ކުލުނުގެ އަސަރެވެ. އޭނާގެ ހެދިހުރި ހަށިގަނޑާއި ބުރުސޫރައިގެ ރީތިފުޅުކަމުން ރަބީޢާއަށް އަސަރު ކުރިއެވެ. އޭނާގެ ހިތްވަރުފުޅުގަދަކަމާއި ކުޅަދާނަފުޅުކަމުގެ ވާހަކަ ނީވުނު ނަމަވެސް މި ޖަޒުބާތަކަށް ބަދަލެއް ނައީހެވެ.
އިސްލާމުންގެ އެންމެ ކުޅަދާނަ ބަތަލު އެންމެ ފަހަރަކު ނަމަވެސް ފެނިލުމަކީ އޭނާއަށް ލިބުނު އަގު ނުކުރެވޭފަދަ އިނާމެކެވެ. ދިރިއުޅުމުގައި މިހައިތަނަށް އައި އެންމެ އަގުހުރި ދަނޑިވަޅަކީ އެއީއެވެ. އަމިއްލަ ފުރާނަފުޅަކަށް ބެއްލެވުމެއް ނެތި، ރަބީޢާމެން ދަތުރުކުރި ގާޑިޔާ ހުއްޓުވި ޒުވާނާއަކީ ސަރަޙައްދީ ބާޒުކަން އޭނާއަށް އެނގުނީ ފަހުންނެވެ. މޫނުފުޅު ފޮރުވައިގެން ހުންނެވީމާ އެ ބޭފުޅަކުގެ މޫނުފުޅެއް އޭނާ ނުދެކެއެވެ. އޭނާ ހޭނެތިފައި އޮއްވައި އަހަށް ލައްވައިގެން ގެންނެވި ބޭފުޅަކީ ބާޒުކަން އެނގުނީމާ އަމިއްލަ ހައިސިއްޔަތެއްވެސް އެބައޮތް ކަމުގެ އިހުސާސް ފުރަތަމަ ފަހަރަށް އޭނާއަށް ކުރެވުނެވެ.
ރަބީޢާގެ ޙާލަތު ނުރައްކަލުގެ ތެރޭގައި އޮތްހައި ހިނދަކު ކޮންމެ ދުވަހަކު ހެނދުނު އެއް ފަހަރު، ހަވީރު އެއް ފަހަރު އޭނާގެ ޙާލު ބައްލަވައިލައްވާން އެ ޒުވާނާ ވަޑައިގަނެއެވެ. އެކަމަކު އޭނާގެ ޙާލަތު ރަނގަޅުވާން ފެށީމާ ވަޑައިގަތުން މަދުކޮށްލައްވައިފިއެވެ.
އޭނާގެ ބޭސް ބަދަލުކުރައްވާން ބަޝީރު ބިން ޙަސަން ދުވާލަކު ދެ ފަހަރު ވަޑައިގަނެއެވެ. އެންޖެލާ އިންނަނީ ބަޝީރުގެ ފިޔަވަޅުފުޅުގެ އަޑު އިވޭނޭ ވަގުތެއްގެ އިންތިޒާރުގައެވެ. އަޑު އިވުމާއެކު ދުވެފައި ގޮސް ދޮރު ހުޅުވައިލައެވެ. ބަޝީރުގެ ސަމާލުކަން ރަބީޢާއަށް ދެއްވުމާއެކު އަރިހަށް އަިސް އިށީނދެ، ސަމާލުކަން އޭނާގެ މައްޗަށް އަނބުރައިލެވޭތޯ މަސައްކަތް ކުރެއެވެ.
އޭނާ ސުވާލުކުރެއެވެ. [އަޅުގަނޑުގެ ދައްތައަށް ދަތުރުކުރެއްވޭ ވަރު ވާނީ ކިހައި ދުވަހަކުންތޯއެވެ؟]
ބަޝީރު ފަރުވާލެއް ނުބަހައްޓަވާ ރާގަކަށް ވިދާޅުވިއެވެ. [ވަރަށް އަވަހަށް ވެދާނެއެވެ.]
[ބަޝީރު އަތްޕުޅު ލައްވާ ކޮންމެ ބަލިމީހަކު އިސާހިތަކު ފަސޭހަވެދެއޭ ބައްޕަ ބުނުއްވިއެވެ. އެކަމަކު އެ ދުވަހު ގާޑިޔަލުން ވެއްޓިފައި ޖެހުނު ގޮތަކުން އަޅުގަނޑުގެ ދަތަކަށް ތަދުވީ ގޮތަށް އަދިވެސް ތަދު ނުފިލައި އެބަހުއްޓެވެ.]
[ތިޔައީ ހީވާ ގޮތެވެ. ދަތްތައް ހުރީ ރަނގަޅަށެވެ.]
[ނޫނެކެވެ. މިއީ އަޅުގަނޑަށް ހީވާ ގޮތެއް ނޫނެވެ. ރިއްސާވަރުން ރޭ އަޅުގަނޑަކަށް ނުވެސް ނިދެއެވެ.]
މާރިއާ މި ވާހަކަތައް އަޑުއަހާން އިނދެފައި ބުނެފިއެވެ. [ރަނގަޅަށް ބައްލަވައިލައްވާށެވެ. އޭނާ އެ ބުނަނީ ތެދެކެވެ. ރޭ ހަތަރު ދަމު ކުކުރާ އަޑު އަޅުގަނޑުވެސް އެހީމެވެ.]
[އެންމެ ރަނގަޅެވެ. އަޅުގަނޑު ބަލައިލާނަމެވެ.]
ރަބީޢާގެ ބޭސް ބަދަލު ކުރައްވައި ނިންމެވުމަށް ފަހު ބަޝީރު، އެންޖެލާގެ ދަތްތައް ބައްލަވައިލެއްވިއެވެ. އެޔަށް ފަހު މާރިއާ އާ ސުވާލުކުރެއްވިއެވެ. [މީނާ މީގެ ކުރީންވެސް ދަތުގައި ރިއްސާތީ އުޅުނުތޯއެވެ؟]
މާރިއާ ބުންޏެވެ. [ނޫޅެއެވެ.]
ބަޝީރު ވިސްނުންފުޅު ހިންގަވާން ފައްޓަވައިފިއެވެ. އެންޖެލާ އެހެން ދިމާއަކަށް ބަލަހައްޓައިގެން އިނދެ ހިނިގަނޑު މަތަކުރެވޭތޯ މަސައްކަތްކުރިއެވެ.
ބަޝީރު ވިދާޅުވިއެވެ. [ދަތުގެ މުލަށް އަނިޔާއެއް ވެފައި ހުރުން އެކަށީގެންވެއެވެ. އެއްވެސް ނުބައެއް ބޭރަށް ފެންނާކަށް ނެތެވެ. އަޅުގަނޑު ބޭހެއް ދޭނަމެވެ. މި ބޭސް މީނާގެ ހިރުގަނޑުގެ ބުޑުގައި އުނގުޅުއްވާށެވެ.]
ބޭސް ދެއްވުމަށް ފަހު ބަޝީރު ވަޑައިގެންފިއެވެ.
މަންމައަށް އޮޅުވައިލުމަށްޓަކައި އެންޖެލާ ހުސް އިނގިލި އަގަޔަށް ލައިގެން ހިރުގަނޑުގައި ކާއްތައި ހަދައެވެ. ބޭހެއް ބޭނުމެއް ނުކުރެއެވެ. ބައެއް ފަހަރަށް ހިރުގަނޑުން ލޭ އަންނަގޮތް އަމިއްލައަށް ހަދައިގެން މަންމައަށް ދައްކައެވެ.
މާރިއާ ބުންޏެވެ. [ދަރިފުޅާއެވެ. އެއީ ކިތަންމެ މޮޅު ޑަކްޓަރަކަށް ވިޔަސް ދީނީ ތަޢައްސަބުން ދުރެއް ނުވާނެއެވެ.]
އެންޖެލާ ބުންޏެވެ. [ނޫނެކެވެ. މިއީ އޭނާ ކުރާ ކަމަކުން އަންނަ ލެއެއް ނޫނެވެ. އަހަރެންގެ ދަތުގެ ރިހުން ކުޑަވަމުން އެބަދެއެވެ.]
މާރިއާ ފެންނާން ނުހުންނަ ވަގުތުި އެންޖެލާ ބާރަށް ހީނ އުޅެއެވެ. ރަބީޢާ މަލާމާތްކޮށްގަތީމާ ސީރިއަސް ވެފައި ބުންޏެވެ. [ދައްތާއެވެ. ރުޅި ނާންނާށެވެ. މީގެ ފަހުން އެކަހަލަ ކަމެއް ނުކުރާނަމެވެ. ވާގޮތް ބުނަން ހެއްޔެވެ؟ އޭނާ ފެނުނީމާ ކޮންމެވެސް ލާނެތް ކަމެއް ކޮށްލާ ހިތް ވަނީއެވެ. އަހަރެން މި ކުރަނީ މޮޔަ ކަމެއްކަން އެނގެއެވެ. އެކަމަކު ބައެއް ކަހަލަ ސަމާސައަކީ ހިތަށް ހަމަޖެހުން ލިބޭ ކަހަލަ ސަމާސައެވެ. އަހަރެންގެ ދަތްތައް ބަލައިފައި އޭނާ ފިކުރު ހިންގާން ފެށީމާ ހީނނުގަނެ އަހަންނަށް ހުރެވެނީ ކިރިޔާއެވެ. އޭނާވެސް އަހަންނާއެކު ހީނގަންނާނެ ނަމައޭ ހިތަށް އަރައެވެ.]
ރަބީޢާ ކަންބޮޑުވުމާއެކު ބުންޏެވެ. [މޮޔަ ނުވާށެވެ. އޭނާގެ ދުނިޔެއާއި ކޮއްކޮގެ ދުނިޔާ މުޅީން ތަފާތެވެ. އޭނާގެ މަގާމާއި ހައިސިއްޔަތަށް ކޮއްކޮ ގަދަރު ކުރާން ވާނެއެވެ.]
އެންޖެލާ ހީނގެންފިއެވެ. [ދައްތަ ތިޔަ ކަންބޮޑުވަނީ އެއްވެސް ކަމަކާ ނުލައެވެ. އަހަރެންގެ ވާހަކަ ގަބޫލުކުރާށެވެ. އެއީ އަހަރެން ކޮށްލީ ސަމާސައެކެވެ.]
އެއް ދުވަހަު ބަޝީރު ވަޑައިގެން ރަބީޢާގެ ބޭސް ބަދަލުކުރި އިރު އަބޫ ދާވޫދްވެސް އިނެވެ.
މާރިއާ ބުންޏެވެ. [އެންޖެލާ ރޭވެސް އުޅުނީ ނުނިދިގެންނެވެ. އޭނާގެ ދަތްތައް އަލުން ބައްލަވައިދެއްވާށެވެ.]
އަބޫ ދާވޫދް އޭނާގެ އަނބިމީހާއަށް ތާއީދުކޮށްފިއެވެ.
ބަޝީރް ވިދާޅުވިއެވެ. [މިއަދު އަޅުގަނޑު މި އައީ މުޖައްރިބު ބޭހެއް ހިފައިގެންނެވެ. ތިން ދުވަހު މި ބޭސް ބޮއިފިއްޔާ ﷲ ގެ އިރާދަފުޅާއެކު ދަތުގެ ރިހުން މުޅީން ކެނޑިދާނެއެވެ.] މިހެން ވިދާޅުވެފައި ބިއްލޫރި ފުޅިއެއް އެންޖެލާގެ އަތަށް ދެއްވައިފިއެވެ. [މި ބޭސް ބޮއިލާށެވެ.]
[ބޯ ބޭހެކޭތޯއެވެ؟] އެންޖެލާ ޙައިރާންވެފައި އަހައިލިއެވެ.
ހިނިފުޅު ހިފަހައްޓައިލެއްވުމަށް ފަހު ވިދާޅުވިއެވެ. އާނއެކެވެ. މި ބޭސް ބޮއިލީމާ ދަތުގެ ރިހުން ކެނޑިދާނެއެވެ.]
އެންޖެލާ ބޭހުގެ ރަހަ ބަލައިލިއެވެ. އެޔާއެކު އަނގަޔަށް ގޮތެއް ހަދައިލާފައި ބުންޏެވެ. [މިއީ ވަރަށް ހިތި ބޭހެކެވެ. އަޅުގަނޑަކަށް ނުބޮވޭނެއެވެ.]
ބަޝީރް ތެދުވެވަޑައިގެންފިއެވެ. އަދި އަޑުފުޅު ލައްވާ ކަހަލަ ރާގަކަށް ވިދާޅުވިއެވެ. [ނުބޮއެއް ފަރަކު ނުޖެހޭނެއެވެ.]
ބަޝީރުގެ އަޑުފުޅު ލެއްވުމުގެ ސަބަބުން އެންޖެލާ ކުޑަކޮށް ޖެހިލުން ވެއްޖެއެވެ. [އަޅުގަނޑަށް ހޮޑު ލެވިދާނެއެވެ.]
ބަޝީރު ވިދާޅުވިއެވެ. [އެއީ މާ ބޮޑޫ ކަމެއް ނޫނެވެ. އެކަމަށްވެސް ބޭސް އެބަހުއްޓެވެ.]
އެންޖެލާ ކުރާނޭ ކަމެއް ނެތް ކަހަލަ ގޮތަކަށް ބަޝީރުގެ މޫނުފުޅަށް ބަލައިލިއެވެ. [ހަމަ ބޮއިލާންވީތޯއެވެ؟]
އަބޫ ދާވޫދް ބުންޏެވެ. [ދަރިފުޅާއެވެ.ބޮއިލާށެވެ. ތިޔައީ ދަރިފުޅަށް ރަނގަޅަކަށް ދެއްވި ބޭހެކެވެ.]
އެންޖެލާ އަނެއްކާވެސް ބަޝީރުގެ މޫނުފުޅަށް ބަލައިލިއެވެ. [މި ބޭސް ބޮއިގެން އަޅުގަނޑަށް ގެއްލުމެއް ވެއްޖެއްޔާ ހަދާނީ ކިހިނެއްތޯއެވެ؟]
އަބޫ ދާވޫދް ކުޑަކޮށް ނުރުހުންވެފައި ބުންޏެވެ. [ބަޝީރް ޙަސަންގެ ބޭސްކޮޅަކުން ގެއްލުމެއް ވެދާނޭ ހެއްޔެވެ؟ ދަރިފުޅު ތިޔަ ދައްކަނީ މޮޔަ ވާހަކައެވެ.]
އެންޖެލާ ހިތުން ދެކޮޅު ހެދުމާއެކުވެސް އިންތިހާއަށް ހިތި ބޭހެއް ބޮއިލައިފިއެވެ.
ބަޝީރު ހިނިފުޅުވަޑުވައިލެއްވިއެވެ. [އަހަރެން ދާނީ މި ބޭސްފުޅި ބަހައްޓާފައެވެ. ދަތުގައި ރިއްސަން ފަށައިފިއްޔާ ކޯވަރެއް ބޮއިލާށެވެ. މިއީ ބަނޑަށްވެސް ވަރަށް ރަނގަޅު ބޭހެކެވެ. މިއަދު ވަރަށް ބޮޑަށް ބަނޑުހައިވެސް ވާނެއެވެ.]
ބަޝީރާއި އަބޫ ދާވޫދް ނުކުމެގެން ދިޔައީމާ އެންޖެލާ ތުން އަނބުރައިލާފައި، ރަބީޢާއާ ދިމާއަށް ބަލައިލިއެވެ. އޭނާ ވަރަށް ބާރަށް ހީނގެންފިއެވެ.
އިރުކޮޅަކު ކުނިމޫނު ދައްކައިގެން އިނުމަށް ފަހު އެންޖެލާވެސް ހީނގެންފިއެވެ.
މާރިއާ ކަންބޮޑުވެފައި ދެ ކުދިންނާ ދިމާއަށް ބަލައިލިއެވެ. [ކަލޭމެން ދެ މީހުން ތިޔަ ތިބީ މޮޔަ ވެފައެވެ.]
އޭގެ އަނެއް ދުވަހު ދެކެވުނު ވާހަކައެއްގެ ތެރޭގައި މާރިއާ، އޭނާގެ ފިރިމީހާ ގާތު ވަރަށް ބޮޑަށް ބަޝީރަށް ތާރީފުކޮށްފިއެވެ. [މި ޑަކްޓަރަކީ ޙަޤީޤަތުގައިވެސް ވަރަށް މޮޅު މީހެކެވެ.]
(5)
މި ކިއްލާ ހުރީ އުސް އަދި ބަންދު ސަރަހައްދެއްގައެވެ. ކިއްލާގެ އިންފާރު ދެ އާދަމުގެދަރީންގެ އިސްކޮޅާ އެއްވަރެވެ. ދޮރާށި ލައިފައި ހުރި ފާރުގެ ކައިރީގައި ހުރީ ދެ ބުރިއަށް ހަދައިފައި ހުރި، ދިރިއުޅޭ ގެތަކެވެ. ތިރީ ބުރީގައި ތިބެނީ އާދައިގެ ސިފައިންނެވެ. މަތީ ބުރީގައި ތިބެނީ އިސް އޮފްސަރުންނެވެ. އެ ގެތަކާ ކުރތިމަތިވާ ގޮތަށް އަނެއް ފަރާތު ފާރު ކައިރީގައި އޮންނަނީ އަސްތަބީލާއެކެވެ. ތިން ވަނަ ފާރާ ދިމާގައި ހުންނަނީ މިސްކިތެކެވެ. ހަތަރުވަނަ ފާރުގެ ކައިރީގައި ހުރީ ވީރާނާވެފައި ހުރި ބޯދާ ޢިމާރާތްތަކެކެވެ.
އަބޫ ދާޥޫދާއި އޭނާގެ ޢާއިލާގެ މީހުން ތިބޭން ހަމަޖައްސައިފައި އޮތީ އެއްވަނަ ބުރީގެ ނުލާހިކު ފުރިހަމަ ދެ ކޮޓަރީގައެވެ. އަބޫ ދާވޫދުގެ އަނބިމީހާއާއި ދެ ދަރީންގެ ނިދާ ކޮޓަރިއަކީ ވަރަށް ތަނަވަސް ކޮޓަރިއެކެވެ. އެ ކޮޓަރީގެ ކުޑަދޮރުތަކާއި ފެންލައިޓުތައް ހުރީ ބޭރަށް ހުޅުވޭ ގޮތަށެވެ. އެއީ ވަރަށް އުސް ޢިމާރާތަކަށް ވުމާއެކު މަތީ ބުރީގައި ތިބޭ މީހުންނަށް ތިރީގައި އޮތް ފެހި ވާދީ ވަރަށް ރީތިކޮށް ފެނެއެވެ. ވާދީގެ އެއްކޮޅުން ފެންނާން އޮތީ ފަރުބަދައިގެ ދިގު ސިލްސިލާއެކެވެ. ފަރުބަދަތައް ފެށޭ ހިސާބާއި ގެޔާ ދެމެދު ވިދަވިދައި އޮތް ކުޑަ ކޯރެއް އޮތެވެ.
އެ ކޮޓަރިއަށް ވަންނާން ހުންނަ އެއް ދޮރު ހުޅުވެނީ އަބޫ ދާވޫދްގެ ކޮޓަރިއަށެވެ. އެޔަށް ފަހު އޮތީ ތަނަވަސް ބަރެންޑާއެކެވެ. ބަރެންޑާގެ މޫނު ހުރީ މެދުގޮވައްޗާ ދިމާއަށެވެ. އަބޫ ދާވޫދްގެ ކޮޓަރީގެ ވައަތްފަރާތުން ހުރީ ކުޑަ ކޮޓަރިއެކެވެ. އެ ކޮޓަރީގައި އޮތީ ޒަޚަމްވެފައިވާ، ގާޑިޔާ ދުއްވާ މީހާއެވެ. ކަނާތްފަރާތުގައި ހުރީ ބަދްރު ބިން މުޣީރާގެ ކޮޓަރިކޮޅާއި ބަޝީރް ބިން ޙަސަންގެ ކޮޓަރިކޮޅެވެ. އޭގެ ފަހުން ހުރީ ސިފައިންގެ މަތީ ދަރަޖައިގެ އޮފްސަރުން ތިބޭ ކޮޓަރިތަކެވެ.
އަބޫ ދާވޫދާއެކު ހޭދަކުރައްވާނޭ ވަގުތު ބަދްރަށް ދުވާލު ލިބިވަޑައިގަންނަވަނީ ވަރަށް މަދުންނެވެ. ހެނދުނު ހެނދުނާ އެ މަނިކުފާނުު އަސްކޮޅުގައި ނުކުމެވަޑައިގަންނަވަނީ ފާރަޖަގަހަތަކުގެ ޙާލަތު ބައްލަވައިލައްވާށެވެ. ބައެއް ދުވަސްދުވަހު އެނބުރި ވަޑައިގަންނަވަނީ ރޭގަނޑު ދެ ދަމެއްވަރު ހުސްވާ ފަހުންނެވެ. އެ މަނިކުފާނު ނޫޅުއްވާ ވަގުތު އަބޫ ދާވޫދްގެ ޢާއިލާގެ ހުރިހައި ކަމެއް ބައްލަވަނީ ބަޝީރެވެ. ބަޝީރަކީ މޮޅު ޑަކްޓަރަކަށް ވެވަޑައިގަތުމުގެ އިތުރަށް މަތީ ފެންވަރުގެ ޢިލްމުވެރިއެއްވެސް މެއެވެ. އެހެންވީމާ ތާރީޚާއި، ފަލްސަފާއާއި، އެހެން ޢިލްމުތަކުން އަބޫ ދާވޫދަށް ލިބިފައިވާ މަޢުލޫމާތުގެ ސަބަބުން ބަޝީރްގެ ހިތްޕުޅަށް އަސްރު ނުކޮށެއް ނުދިޔައެވެ. ދުވާލުގެ ވަގުތު ބަޝީރް ހޭދަކުރައްވަނީ އެކި މީސްމީހުން ބައްލަވައި ފަރުވާ ދެއްވުމުގައެވެ. އެނބުރި ވަޑައިގަންނަވަނީ ހަވީރުއެވެ. އަވަހާރަފުޅު ލެއްޕެވުމުގެ ކުރީން އޭނާ ކޮންމެ ރެޔަކުވެސް އަބޫ ދާވޫދާ އެކި މައުޟޫޢަށް ވާހަކަފުޅު ދައްކަވާން ވަގުތުކޮޅެއް ހޭދަކުރައްވައެވެ. ރޭގަނޑު ފަރީއްކުޅުއްވަނީވެސް އަބޫ ދާވޫދްގެ ކޮޓަރީގައި އޭނާޔާ އެކުގައެވެ.
ބަދްރުވެސް ދުވާލުގެ މަސައްކަތްޕުޅު ނިންމަވައިލެއްވުމަށް ފަހު އަބޫ ދާވޫދާއެކު ވަގުތުކޮޅެއް ހޭދަކުރައްވައެވެ. އެކަމަކު ބަދްރަކީ ފަރީއްކުޅުއްވުމަށް ފަހު މާ ގިނަ ވަގުތު ހޭފުޅުލައްވައި ހުންނަވާ ބޭފުޅެއް ނޫނެވެ. އެހެންވީމާ ކުޑައިރުކޮޅަކު އިންނަވައިފައި ކޮޓަރިކޮޅަށް ވެދެވަޑައިގަންނަވައެވެ. ރަބީޢާއާއި، އެންޖެލާއާއި، މާރިޔާއާ ތިން މީހުން ކަނީ ކޮޓަރީގައެވެ.
އަބޫ ދާވޫދްގެ ކޮޓަރިން އިވޭ އަޑުތަކަށް ރަބީޢާ ސަމާލުކަން ދޭން ފަށްޓަނީ ހަމައެކަނި ބަދްރުގެ އަޑުފުޅު އިވުނީމައެވެ. އޭނާގެ ސިއްހަތު ރަނގަޅުކަން އެނގިވަޑައިގަތީމާ ބަދްރު އެ ކޮޓަރިއަށް ވެދެވަޑައިގަތުން ހުއްޓަވައިލައްވައިފިއެވެ. އެކަމަކު އަބޫ ދާވޫދްގެ ކޮޓަރިކޮޅަށް ވެދެވަޑައިގަންނަވާ ކޮންމެ ފަހަރަކު އެންމެ ފުރަތަމަ ކުރައްވާ ސުވާލަކީ މިއީއެވެ. [މަނިކުފާނުގެ ދަރިކަނބަލުންގެ ހާލުކޮޅު މިހާރު ކިހިނެއްތޯއެވެ؟]
ރަބީޢާއަށް އިޙްސާސްކުރެވުނު ގޮތުގައި ބަދްރު މީގެ ކުރީން އޭނާގެ މައްޗަށް ސަމާުލުކަން ދެއްވީ ހިތްޕުޅުގައި ބާވަތެއްގެ ރަޙުމްފުޅެއް އުފެދިގެންނެވެ. އެންޖެލާއަކީ މިޒާޖަށް ބަލާއިރު ކޮންމެ މާހައުލަކަށްވެސް ފިސާރި ރަނގަޅަށް ފެތިގަންނަ ކުއްޖެކެވެ. އަބޫދާވޫދްގެ ކޮޓަރީގައި ބަޝީރު އިންނެވިކަން އެނގުމާއެކު ބައްޕަޔާ ކޮންމެވެސް ސުވާލެއް ކޮށްލުމުގެ ބަހަނާގައި އޭނާ ކޮޓަރިއަށް ވަދެއެވެ. ހިތި ބޭސް ބުއީމާ މިހާރު އޭނާގެ ދަތަކުވެސް ނުރިއްސައެވެ. އެކަމަކު ޒުވާން ޑަކްޓަރުގެ މައްޗަށް އޭނާގެ ހިތުގައި އޮތް ޝައުގުވެރިކަން ދިޔައީ ބޮޑުވަމުންނެވެ.
ގާޑިޔާ ދުއްވާ މީހާގެ ހާލުވެސް މިހާރު ރަނގަޅެވެ. އެއް ރެޔަކު ބަދްރާއި ބަޝީރުގެ އަރިހުގައި ކާން އިނދެފައި އަބޫ ދާވޫދް ބުނެފިއެވެ. [އަޅުގަނޑުގެ ގާޑިޔާ ދުއްވާމީހާ އެނބުރި ރަށަށް ދާން އެބަ ބޭނުން ވެއެވެ. އޭނާގެ އަނބިދަރީން ތިބެނީ ކަސްތިއްޔާގައެވެ. ގްރަނާދާއަށް ދެވުމާއެކު އޭނާ އަނބުރައި ފޮނުވާނޭ ކަމަށް އަޅުގަނޑު އޮތީ ބުނެފައެވެ. އޭނާވެސް ބޭނުންވީ އަނބިދަރީން ގޮވައިގެން ކަސްތިއްޔާ ދޫކޮށްފައި އަންނާށެވެ. އެކަމަކު އަޅުގަނޑުގެ ހާލަތު ހުރި ގޮތުން އޭނާގެ އާއިލާ ގޮވައިގެން އާދެވޭގޮތް ނުވީއެވެ. ކަން ދިމާޚުރި ގޮތުން އަޅުގަނޑުމެންނަށް ގްރަނާދާއަށް ދެވޭނީ އަދި ތަންކޮޅެއް ފަހުންނެވެ. އެހެންވީމާ އޭނާ އެ އުޅެނީ އަނބިދަރީންގެ މަތީން ހަނދާން ވެގެންނެވެ. އެ މީހުންނަށް ވެދާނޭ ގޮތަކާމެދު ކަންބޮޑުވަނީހެންވެސް ހީވެއެވެ. އެހެންވީމާ އަޅުގަނޑު ޚިޔާލު ކުރަނީ ވީހައި އަވަހަކަށް އޭނާ ފޮނުވައިލާށެވެ. މަނިކުފާނަށް އޭނާގެ ދަތުރުގެ ކަންތައް ހަމަޖައްސަވައި ދެއްވިދާނެތޯއެވެ.
ބަދްރު ވިދާޅުވިއެވެ. [އަޅުގަނޑުގެ މީހުން އޭނާ ސަރަޙައްދީ އިން ހުރަސްކުރުވައި ދޭނެއެވެ. އެކަމަކު އެނބުރި ގޮސް އަޅުގަނޑުމެންގެ ވާހަކަ އެއްވެސް މީހަކު ގާތު ނުބުނުމަކީ ވަރަށް މުހިއްމު ކަމެކެވެ.]
އަބޫ ދާޥޫދް ބުންޏެވެ. [އެހެން މީހަކާ މެދު ޔަގީންކޮށް އެއްވެސް އެއްޗެކޭ ދަންނަވާކަށް ނުކެރޭނެއެވެ. އެކަމަކު އޭނާއަށް އަޅުގަނޑު ވަރަށް ބޮޑަށް އިތުބާރުކުރަމެވެ. އަޅުގަނޑު ގާތު އޭނާ އުޅޭތާ މިހާރު ވިއްސަކަށް އަހަރު ވެއްޖެއެވެ. އެތައް ފަހަރަކު އަޅުގަނޑު އޭނާގެ އަޖުމަވެސް ބަލައިފީމެވެ. އަޅުގަނޑުގެ ހުރިހައި ސިއްރެއް އޭނާއަށް އެނގޭނެއެވެ. އަޅުގަނޑުގެ އެންމެ ސިއްރެއްވެސް ދުޝްމަނުންނާ ހަމައަށް ގެންދިޔަނަމަ މިއަދު އަޅުގަނޑު މިތާކު ނުހުރީމުހެވެ. މިހާރުވެސް އަޅުގަނޑު މިހިރީ އަޅުގަނޑުގެ މުދަލުގެ ދެބައިކުޅަ އެއްބައި ރަށަށް ދޫކޮށްލާފައި އައިހެވެ. އެނބުރިދާއިރު އެ މުދަލަށް އެއްވެސް އުނިކަމެއް ނައިސް ހުންނާނޭ ކަމަށް މިހާރުވެސް އަޅުގަނޑު ގަބޫލުކުރަމެވެ. ތެދުތެދަށް ދަންނަވާނަމަ އަޅުގަނޑުގެ ކްރިސްޓިއަން އަނބިމީހާއާއި ދަރިފުޅަށްވުރެވެސް ބޮޑަށް އޭނާއަށް އިތުބާރު ކުރަމެވެ. އޭނާ އަޅުގަނޑު ދެކެ އެހައި ލޯބިވަނީ ޒާތީ ސަބަބެއް އޮވެގެންނެއެް ނޫނެވެ. ހަމައެކަނި ސަބަބަކީ އަޅުގަނޑަކީ ކްރިސްޓިއަން ސަރުކާރުގެ އެންމެ ބޮޑު ތުރުވެރިޔާ ކަމަށް އޭނާއަށް ގަބޫލުކުރެވުމެވެ. އޭނާގެ އުމުރުން އެންމެ ސާދަ އަހަރުގައި އޭނާގެ ބައްޕައަށް ކަސްތިއްޔާގެ ގަވަރުނަރާ ދެކޮޅަށް ބަޣާވާތް ކުރި ކަމުގެ ތުހުމަތުކޮށް ދަންޖައްސައި މަރައިލީއެވެ. އެ ހިތާމަވަރި މަންޒަރު އޭނާ ލޮލުން ދުށްޓެވެ. މަނިކުފާނަށް އޭނާ ތާއިދުކުރާ މިންވަރު ހިތްޕުޅަކަށްވެސް ނުގެންނެވޭނެއެވެ. އަޅުގަނޑާއި އަޅުގަނޑުގެ ޢާއިލާ ގްރަނާދާއަށް ލައިފައި އެނބުރި އައިސް މަނިކުފާނުގެ މުޖާހިދުންނާ ގުޅޭނޭ ކަމަށްވެސް މިއަދު އަޅުގަނޑު ގާތު ބުންޏެވެ.]
ބަދްރު ބިން މުޣީރާ ވިދާޅުވިއެވެ. [އޭނާގެ މައްޗަށް މާ ބޮޑު ސަމާލުކަމެއް ނުދެވުނީތީ ވަރަށް ދެރަވެއްޖެއެވެ. އޭނާ ބޭނުން ކޮންމެ ވަގުތަކު އަޅުގަނޑު މީހުން އޭނާ ސަރަޙައްދުން ބޭރަށް ގެންގޮސް ދޭނެއެވެ.]
[އޭނާ އެ ހުންނަނީ އަނބިދަރީންގެ ކަންތަކާ ވަރަށް ކަންބޮޑުވެފައެވެ. އެހެންވީމާ މިރޭ ފަތިހު އޭނާ ފޮނުވައިލާން އަޅުގަނޑު ބޭނުމެވެ.]
ދޮރުފަތުގައި ކަންފަތް ޖަހައިގެން އަޑު އަހާން ތިބި މާރިޔާއާއި އެންޖެލާއަށް މި ވާހަކަތައް އިވިފައި ވަރަށް ބޮޑަށް ޙައިރާންވެ އެކަކު އަނެކަކާ ދިމާއަށް ބަލާން ފަށައިފިއެވެ.
ފަރީއްކުޅުއްވައި އަވަދިވެވަޑައިގެން ބަދްރު ވެންނެވީ ކޮޓަރިކޮޅަށެވެ. އާދައިގެ މަތީން އަބޫ ދާވޫދް ބަޝީރުގެ އަރިހުގައި ވާހަކަދައްކާން އިނީއެވެ.
މާރިޔާ ކަންބޮޑުވެފައި ހުރެގެން ކޮޓަރިތެރޭގައި ކުރުކާލި ކަނޑަނީއެވެ. ގާޑިޔާ ދުއްވާމީހާގެ އަނތްބަކުވެސް އަދި ދަރިއަކުވެސް ކަސްތިއްޔާގައި ނެތްކަން އޭނާއަށް ވަރަށް ރަނގަޅަށް އެނގެއެވެ. މާރިޔާ އެންމެ ބޮޑަށް ކަންބޮޑުވަނީ ހަމަ ޙަޤީޤަތުގައިވެސް އަބޫ ދާވޫދަކީ ކްރިސްޓިއަން ސަރުކާރުގެ ދުޝްމިނަކަށް ވެދާނެތީއެވެ.
މެންދަން ވާން ކައިރިވެފައި ހުއްޓާ ރަބީޢާއަށް ނިދިއްޖެއެވެ. އެކަމަކު މާރިޔާއާއި އެންޖެލާއާ ދެމައިން ވާހަކަދައްކާން ތިބީއެވެ. އޭނާ ތަކުރާރުކުރަމުން ގެންދިޔައީ އެންމެ ވާހަކައެކެވެ. އެއީ އޭނާއާއި އޭނާގެ ދަރިފުޅަށްވުރެ މާ ބޮޑަށް ގާޑިޔާ ދުއްވާމީހާއަށް އިތުބާރު ކުރަމޭ ކިޔައިގެން އަބޫ ދާވޫދް ދެއްކި ވާހަކައެވެ.
އެންޖެލާ މަސައްކަތްކުރަމުން ގެންދިޔައީ މަންމަގެ ހިތް ހަމަޖައްސައި ދެވޭތޯއެވެ. [ބައްޕައަކީ ހެޔޮނުބައި ނުދަންނަ މީހެއް ނޫނެވެ. ވިސްނުންތެރިވެސް މީހެކެވެ. އެހެންވީމާ އަހަރެމެން އަޑުއަހާން ތިބޭނޭކަން ބައްޕައަށް އެނގޭނެއެވެ. އެ ވާހަކައެއް ދެއްކީ މަސްލަހަތަށް ބަލާފައި ކަމަށް ވެދާނެއެވެ.]
މާރިޔާ ބުންޏެވެ. [ދަރިފުޅާއެވެ. އިސްލާމަކަށް އިތުބާރު ކުރާކަށް ނުވާނެއެވެ. މަންމަ ހަމަ ގައިމުވެސް ނުކުރަމެވެ. އަމިއްލަ ވަޒަން ދޫކޮށްލައިފައި ދަރިފުޅުގެ ބައްޕަޔާ އެކު އާދެވުނުކަމުގެ މޮޔަ މިހާރު އެބަ ހީވެއެވެ. އޭނާ ގްރަނާދާއަށް ގޮސް އަހަރެމެން ގަދަކަމުން އިސްލާމް ދީނަށް ވައްދާންވެސް އުޅެފާނެއެވެ.]
[ބައްޕައަކީ ދީނަކަށް މާ ބޮޑު ސަމާލުކަމެއް ދޭ މީހެއް ނޫންކަން މަންމަ ރަނގަޅަށް ދަންނާނެއެވެ. ބައްޕަ އެ ވާހަކައެއް ދެއްކީ ކީއްވެގެންތޯ އަހައިލާށެވެ. މަންމަގެ ހިތްހަމަ ޖެހޭނީ އޭރުންނެވެ.]
[ހިތްހަމަ ނުޖެހެނީހެއް އަހަންނަކަށް ނުނިދޭނެއެވެ. އެ ޑަކްޓަރުގަނޑުވެސް ދާކަށް ނޫޅެއެވެ. ދަރިފުޅު ގޮސް ބައްޕައަށް ގޮވާށެވެ.]
[އަޅުގަނޑަކަށް ނުކެރޭނެއެވެ. ކުޑަރިއުކޮޅަކަށް މަޑުކޮށްލާށެވެ. އިސާހިތަކު ހިނގައިދާނެއެވެ.]
ބަޝީރު ކޮޓަރިކޮޅަށް ވަޑައިގަތީމާ މާރިޔާ ވަގު ފިޔަވަޅު އަޅަމުން އައިސް ބޮޑުކޮޓަރި ތެރެއަށް ވަދެއްޖެއެވެ. [އަހަންނާއި އަހަރެންގެ ދަރިފުޅު ކަލޭގެ ކުރިމަތީގައި ގާޑިޔާ ދުއްވާ ކަލޭގެއަށް ވުރެވެސް ދަށް ދޯއެވެ؟]
[މަޑުމަޑުން ވާހަކަދައްކާށެވެ.] އަބޫ ދާވޫދް އަވަހަށް ގޮސް ބޮޑުކޮޓަރީން ބޭރަށް ނުކުންނާން ހުރި ދޮރު ލައްޕައިފިއެވެ. [އަހަރެންގެ ވާހަކަ އަހައިފައި ކަލޭ ރުޅި އައިސް ފުފިގަންނާނޭކަން އަހަންނަށް އެނގެއެވެ. ކަލާނގެއަށްޓަކައި ބުނަމެވެ. ކުޑަ އިރުކޮޅަކަށް ކެތްކޮށްލާށެވެ. ކޮޓަރިއަށް ހިނގާށެވެ. މިތާގައި ވާހަކަދެއްކުން ރައްކާތެރިއެއް ނޫނެވެ. މީހަކަށް އަޑު އިވިއްޖެއްޔާ އަހަރެމެން އެންމެންނަށްވެސް ނުރައްކާތެރި ވެދާނެއެވެ.]
[ކަލާނގެއަށްޓަކައި އަހަރެމެން ކަސްތިއްޔާއަށް ފޮނުވައިލާށެވެ. ގްރަނާދާއަށް ގޮސް ކަލޭ އަހަރެމެންނަށް ހަދާނީ ކިހިނެއް ކަމެއްވެސް ނޭނގެއެވެ. އެ ރަށަށް ގޮސް އަހަރެމެން ކޮންމެވެސް ވިޔަފާރިވެރިއަކަށް ވިއްކައިވެސްލަފާނެއެވެ.]
އަބޫ ދާވޫދް މާރިޔާގެ އަނގމަތީގައި އަތް އަޅައިފިއެވެ. އަދި ދަމައި ކޫއްތާފައި ކަހަލަ ގޮތަކަށް ގެންގޮސް ކޮޓަރިއަށް ވައްދައިފައި އެތެރެއިން ތަޅުލައިފިއެވެ. އަދި އެންޖެލާއާ ދިމާއަށް ބުންޏެވެ. [އެހެރަ ކުޑަދޮރުވެސް ލައްޕައިލާށެވެ. އަހަރެމެންގެ ވާހަކަ އެއްވެސް މީހަކަށް އިވިގެން ނުވާނެއެވެ.]
އެޔަށް ފަހު މާރިޔާއާ މުޚާޠަބްކޮށް ބުންޏެވެ. [އިހަށް އަހަރެންގެ ވާހަކަ ރަނގަޅަށް އަޑުއަހާށެވެ. އޭރުން ކަލޭގެ ހިތް ހަމަޖެހިދާނެއެވެ.]
މި އަޑުފައްގަނޑުގެ ސަބަބުން ރަބީޢާއަށްވެސް ހޭލެވިއްޖެއެވެ. އެކަމަކު ލޯ މަރައިލައިގެން ނިދާކަމަށް ހެދިގެން އޮވެއްޖެއެވެ.
އެންޖެލާ ކުޑަދޮރު ލައްޕައިލީމާ އަބޫ ދާވޫދް މާރިޔާގެ އަތުގައި ހިފައިގެން ގެންގޮސް އެނދުގައި ބައިންދައިފިއެވެ. [މޮޔަ އަންހެނާއެވެ. އަހަރެން މި ހުންނަނީ ކަލޭ ގްރާނާދާގެ ރާނީއަށް ހެދުމުގެ ހުވަފެން ދެކިދެކިއެވެ. ކަލޭ ތިޔަ އުޅެނީ އަހަރެންގެ ރޭވުން ފެންނަށް ދުއްވައިލާން ވެގެންނެވެ. މަޑުކުރާށެވެ. އަހަރެން ހަމަ މިހާރު ގާޑިޔާ ދުއްވާމީހާ މިތަނަށް ގެންނާނަމެވެ. އަހަންނަށް އިތުބާރު ނުކުރެވެންޏާ އޭނާގެ ވާހަކައަށް އިތުބާރު ކުރެވިދާނެކަން ނޭނގެއެވެ.]
މާރިޔާ މޫނުކުނިކޮށްލިއެވެ. [އެކަމަކު ކަލޭ އެ މީހުންގެ ކުރިމަތީގައި އަހަރެމެންގެ އަގު ވައްޓައިލަނީ ކީއްވެގެން ހެއްޔެވެ؟]
އަބޫ ދާވޫދް ބުންޏެވެ. [ރަނގަޅަށް އަދު އަހާށެވެ. އަހަރެން ގާޑިޔާ ދުއްވާމީހާ މި ފޮނުވަނީ ވަރަށް ބޮޑު މަސައްކަތެއް ހަވާލުކޮށްފައެވެ. އެ މަސައްކަތް ކާމިޔާބު ވެއްޖެއްޔާ ގްރަނާދާއަށް ދިއުމުގެ ވިސްނުން ބަދަލުވުމަކީވެސް އެކަށީގެންވާ ކަމެކެވެ. އަހަރެންގެ ކާމިޔާބީ ފެރްނާންދޯގެ ނަޒަރުގައި ގްރަނާދާގެ ފަތަޙައަށްވުރެ ވަކީން ކުޑައެއް ނުވާނެއެވެ. އަހަރެންގެ ކާމިޔާބީގައި ކަލޭގެ ޙިއްސާ ވަރަށް ބޮޑޭ އަހަރެން ދެންނެވީމާ މަލިކާ އިޒްބެއްލާގެ ކުރިފުޅުމަތީގައި ކަސްތިއްޔާގެ ހުރިހައި އަންހެނުންނަށްވުރެ ބޮޑު ވެގެން ހިނގައިދާނެއެވެ.]
މާރިޔާ ތަންކޮޅެއް މައިތިރިވެލުމަށް ފަހު އަހައިފިއެވެ. [އަބުލް ޙަސަނަށްވުރެވެސް ބާޒުގެ ނުރައްކާތެރިކަން ބޮޑު ކަމަށް ފެރްނާންދޯ ގަބޫލުފުޅު ކުރައްވާކަން ކަލެއަށް ނޭނގެނީ ހެއްޔެވެ؟ ތިޔަ އުޅެނީ ބާޒުގެ…]
[އާނއެކެވެ. ސަރަޙައްދީ ބާޒު އުޅެނީ އެ ފަރުބަދަތަކުގެ ތެރޭގައި ނޫންކަމާއި މި ކިއްލާގައިކަން ކަސްތިއްޔާގެ މީހުންނަށް އެނގުމާއެކު އެ މީހުން ވަގުތުން މިތަނަށް ޙަލަދަދޭނެއެވެ. ގާޑިޔާ ދުއްވާމީހާ މި ފޮނުވަނީ ޚަބަރާއެކުގައެވެ. ކަލޭގެ ހިތްހަމަ ޖައްސައިދޭން އޭނާ މި ތަނަށް ގެންނަން ހެއްޔެވެ؟]
މާރިޔާ ބުންޏެވެ. [ނޫނެކެވެ. ވަގުތު ޖެހުނީމާ އަހަރެމެންނަށްވެސް އޭނާއަށް އިހުސާންތެރި ވެވޭނޭކަން އަހަންނަށް ޔަގީނެވެ. ފެރްނާންދޯއަށް ދަންނަވައިގެން އޭނާއަށް މާފު ހޯދައި ދިނުމަކީވެސް ކުރެވިދާނޭހެން ހީވެއެވެ.]
ރަބީޢާގެ ހިތް ބާރަށް ތެޅޭން ފަށައިފިއެވެ. ލޯ ހުޅުވައި ބަލައިލާކަށްވެސް އަދި އަނގައިން ބުނާކަށްވެސް އޭނާއަކަށް ނުކެރުނެވެ.
އެންޖެލާ ބުންޏެވެ. [ބައްޕާއެވެ. އަޅުގަނޑުމެންގެ ފުރާނަ ސަލާމަތްކޮށް ދިނީ އޭނާއެވެ. މިހާރުވެސް އެހައި ހެވެވެ. އެއީ އަޅުގަނޑުމެންގެ އެންމެ ބޮޑު ދުޝްމިނަށް ވިޔަސް އަޅުގަނޑުމެންގެ ފަރާތުން ޝުކުރުވެރިކަން ފެންނާން ވާނެއެވެ. ޑަކްޓަރަށްވެސް ނިކަން ބައްލަވައިލައްވާށެވެ. އަޅުގނޑާއި ދައްތަޔާ ދެ މީހުންނަށް ބޭސްފަރުވާ ކުރުމުގައި އަވަދިނެތި އެހެރަގެން އުޅެނީއެވެ. އެ ހުރިހައި ހެޔޮކަމެއް ހަނދާން ނައްތަވައިލައްވާނީތޯއެވެ؟]
އަބޫ ދާވޫދް ބުންޏެވެ. [ދަރިފުޅަށް އަދި ނޭނގި އޮތީ ކަމަށް ވެދާނެއެވެ. އަތްޕުޅުގައި ހުރި ހުރިހައި މުދަލެއް ދެއްވައިފައިވެސް އޭނާގެ އެކުވެރިކަން ބައްލަވައިގަނެވޭތޯ ފެރްނާންދޯ ބައްލަވާނެއެވެ. ފެރްނާންދޯގެ ދަރުބާރަށް އޭނާ ގެންދެވޭނީ ގައިދީއެއްގެ ގޮތުގައެވެ. އަތުގައި އަޅުވާނީ ރަނުގެ ބިޑިއެކެވެ. ފެރްނާންދޯ އެ މަނިކުފާނުގެ ބޮޑު ވަޒީރު ގާތު ނުވަތަ ލޯޑް ބިޝޮޕް ގާތު ވިދާޅުވާނެއެވެ. ކަލޭމެން ގޮނޑިން ތެދުވެ މި ޢިއްޒަތްތެރި މެހުމާނު އިށީނދެވަޑައިގަންނަވާން ދައްކާށެވެ. އޭނާ އެއް ފަހަރަކު ކަސްތިއްޔާގެ ވަލީ ޢަހްދު މަރުގެ ތުންފަތްމަތީން ސަލާމަތްކޮށް ދިނެވެ. އެހެންވީމާ ކޯރްދޮބާއާއި ސެބިއްޔާގެ ގަވަރުނަރު ބައްލަވަނީ އޭނާއަކީ ވަރަށް ބޮޑު ހެޔޮކަމެއް ކޮށްދިން މީހަކު ކަމުގައެވެ. އޭނާ މި ވިޔާނުދާ މީހުންގެ ތެރޭގައި އުޅެގެން ވަގުތު ބޭކާރު ކުރަނީއެވެ. އޭނާގެ އަސްލު ޖަގަހައަކީ މި ޖަންގައްޔެއް ނޫނެވެ. ކަސްތިއްޔާގެ ޝާހީ ދަރުބާރެވެ. އޭނާ އަހަރެމެންނަށް ކޮށްދިން ހެޔޮ ކަމުގެ ބަދަލުގައި އޭނާގެ ނުރުހުމުގައިވެސް ދަރުބާރަށް އޭނާ ގެންދާނަމެވެ. ރަސްގެފާނާއި ރާނީ އޭނާގެ ކުށަށް މާފުކުރައްވާނެކަން ޔަގީނެވެ.]
މި ވާހަކަތައް އޮވިފައި އެންޖެލާގެ ހިތުގައި އޮތް ބިރުވެރިކަން އުފާވެރިކަމަށް ބަދަލުވެގެން ހިނގައްޖެއެވެ. މީގެ ކުރީން އޭނާ ހީކޮށްގެން ހުރީ ބަޝީރުގެ މައްޗަށް އޭނާގެ ހިތުގައި އޮތް ގާތްކަން އެ އޮތް ގޮތަށް އޮވެ މަރުވާނީ ކަމުގައެވެ. މިތަނުން އެނބުރި ދިއުމާއެކު އެ ބާބު ބަންދުވީ ކަމުގައެވެ. އެ ދެމީހުން ބައްދަލުވާން ދިމާވީ ހާދިސާއަކީ މާޒީގެ ފޮނި ހުވަފެނެއް ކަމުގައި ވެދާނޭ ކަމުގައެވެ. އޭނާޔާ ދިމާއަށް ބަޝީރު ފުރަތަމަ ބަލައިލުމާއެކުވެސް ހިތަށް ނޭނގޭ ބާވަތެއްގެ އިހުސާހެއް ވަދެގެން ދިޔައެވެ. ވިންދު އަވަސްވާ ގޮތް ވިއެވެ. ދަތުރުގެ ވަރުބަލިކަން ފިލުވައިލާން ގަހެއްގެ ހިޔަލުގައި އިށީނދެގެން އިނދެ، ގަހުގައި ތިބެގެން ރާގުރާގަށް ގޮވަމުންދާ ދޫނީގެ [ލަވައިން] އުފާވެރިކަން ހޯދާ ދަތުރުވެރިޔަކާ އެންޖެލާއަކާ މާ ބޮޑު ތަފާތެއް ނެތެވެ. އެ ލަވައިގެ އުފާވެރިކަން ހިތާއި ރޫޙަށް ފެތުރިގެން ދިޔަނަމަވެސް ދޫންޏަކީ ދަތުރުގެ ބައިވެރިއަކަށް ހަދާކަށް އެއްވެސް ދަތުރުވެރިޔަކު ހިތަކަށްވެސް ނާރާނެއެވެ.
އެކަމަކު ރަބީޢާގެ ޙާލަތު މުޅީން ތަފާތެވެ. އޭނާގެ ސިކުނޑީގައި އެނބުރެނީ މުޅީން އެހެން ޚިޔާލެކެވެ. އޭނާއަށް ފެންނަނީ ފެރްނާންދޯގެ ދަރުބާރުގައި ބަދްރު ބިން މުޣީރާއަށް ދެރަ ގޮތްތަކެއް މެދުވެރިވާ ތަނެވެ. އޭނާގެ އުއްމީދުގެ ހުޅުކޮޅު ކަނިވަމުން ދަނީއެވެ. އޭނާގެ އުޑުގައި ފިޔަ ޖަހަޖަހައި ހުރި ތަރިތައް، ފަހަރަކު ތަރިއެއް، އޮއްސެމުން ދަނީއެވެ. މާޔޫސީގެ ދަށުވެ އޭނާ ފިތެމުން ދަނީއެވެ. ނޭވާ ލާން އުނދަގޫ ވަނީއެވެ. އޭނާ ބޭނުންވަނީ ބާރަށް ހަޅޭއްލަވައިގަންނާށެވެ. ހަޅޭއްލަވައިގަނެވޭނެ ނަމައެވެ. ކޮންމެވެސް އެއްޗެކޭ ބުނެވޭނެ ނަމައެވެ.
އަބޫ ދާވޫދް ބުންޏެވެ. [އަހަރެން ގާޑިޔާ ދުއްވާމީހާ އެބަ ގެންނަމެވެ.]
މާރިޔާ ބުނެފިއެވެ. [އަހަރެން ތިޔަ ވާހަކަ ގަބޫލުކުރަމެވެ. ކަންތައްގަނޑު މާ ބޮޑުކޮށްލެވުނީ ވަރަށް ދެރަ ވެއްޖެއެވެ.]
[އަހަރެން އޭނާ މި ގެންނަނީ ބައެއް ކަންތައްތައް އޭނާއަށް އޮޅުންފިލުވައި ދޭން ވެގެންނެވެ. އެކަހަލަ ވާހަކަ ދައްކާން މޮ ކޮޓަރި ރައްކާތެރިވާނެއެވެ.]
އަބޫ ދާވޫދް ގޮސް ގާޑިޔާ ދުއްވާމީހާ ގޮވައިގެން އައިސް ކޮޓަރިއަށް ވަދެ، ދޮރު ލައްޕައި ތަޅުލައިފިއެވެ. އެޔަށް ފަހު މަޑުމަޑުން ރަބީޢާއަށް ގޮވާން ފަށައިފިއެވެ. [ރަބީޢާ… ދަރިފުޅާ ރަބީޢާ…]
ރަބީޢާ އެއްވެސް ޖަވާބެއް ނުދިނީމާ ކިޔައިފިއެވެ. [ރަބީޢާ ނިދައިފައި އޮތްކަން ރަނގަޅެވެ. ދަރިފުޅާ އެންޖެލާއެވެ. ދައްތަ ގާތު މިއިން އެއްވެސް ވާހަކައެއް ނުދައްކައްޗެވެ.]
ކުޑަ އިރުކޮޅަކު ހިމޭނުން އިނުމަށް ފަހު އަބޫ ދާވޫދް ވާހަކަދެއްކީ ގާޑިޔާ ދުއްވާމީހާއާއެވެ. [ހަނދާން ކުރާށެވެ. ފެރްނާންދޯގެ ނައިޓެއްގެ ލަގަބު ބޭނުމިއްޔާ ހުސިޔާރުކަމާއެކު މަސައްކަތް ކުރަން ވާނެއްެވެ. ކަލޭ ކިތަންމެ ކުޑަކަމަކާ ފަރުވާ ކުޑަ ކޮށްލިޔަސް މިހައިތަނަށް ކުޅަ ހުރިހައި ކަމެއް ފެނަށް ދާނެއެވެ. ކަލޭ ސީދާ ސަރަޙައްދުގެ ގަވަރުނަރު ގާތަށް ދާށެވެ. އަހަރެން ލިޔުމެއް ނުދިނީ ރައްކާތެރިވުމުގެ ގޮތުން ކަމަށް ބުނާށެވެ. ސަރަޙައްދީ ބާޒު ހުކުރު ވިލޭރޭ މިތާގައި ހިފެހެއްޓޭތޯ އަހަރެން މަސައެްކަތް ކުރާނަމެވެ. އޭނާ މިތާގައި އުޅޭނަމަ މި ކޮޓަރީގެ ދެ ކުޑަދޮރުން އަލި ފެންނަ ގޮތް ހަދާނަމެވެ. އެ އަލި ވަރަށް ދުރަށް ފެންނާނެއެވެ. އެންމެ ދޮރަކުން އަލި ފެންނަ ކަމަށް ވަންޏާ ބާޒު ގޭގައި ނޫޅެނީއެވެ. އެހެން ވެއްޖެނަމަ ހަމަލަ ދިނުމުގެ ބޭނުމެއް ނޯންނާނެއެވެ. ރޭގަނޑު ޠޫފާނެއް އަޔަސް ކުޑަދޮރުތަކުން އަލި ފެންނާނޭ ގޮތް ހެދޭތޯ އަހަރެމެން މަސައްކަތް ކުރާނަމެވެ. އެއްވެސް ކުޑަ ދޮރަކުން އަލިކަމެއް ފެންނާން ނެތިއްޔާ އޭގެ މާނައަކީ ނުރައްކާތެރި ކަމެއް އޮތުމެވެ. ކުރިއަށް ޖެހުން ރައްކާތެރިއެއް ނުވާނެއެވެ. އަދި އެ ރޭ މެންދަން ވުމުގެ ކުރީން ކިއްލާއަށް ޙަމަލަ ނުދެވިއްޖެނަމަ އަހަރެމެން އެންމެންގެ ދިރިއުޅުން ނުރައްކަލުގެ ތެރެއަށް ވެއްޓޭނެ ވާހަކަ ކަލޭ ދަންނަވާށެވެ. ސަރަޙައްދު ހުރަސްކުރުމުގެ ކުރީން އެއްވެސް މީހަކަށް ޙަމަލައިގެ ޚަބަރެއް ނުވާނޭ ގޮތްވެސް ހަދާން ވާނެއެވެ. މީގެ ކުރީން ގާޑިޔާ ދުއްވާމީހަކަށް ރަސްގެފާނުގެ ނައިޓެއްގެ ލަގަބު ދެއްވި ވާހަކަ ކަލޭ އަހައިފައެއް ނޯންނާނެއެވެ. އެކަމަކު މި މަސައްކަތް ކާމިޔާބުކަމާއެކު ނިންމައިފިއްޔާ އެފަދަ ލަގަބެއް ލިބޭ ފުރަތަމަ މީހާއަށް ކަލޭ ވާނެއެވެ. ފެރްނާންދޯގެ ދަރުބާރުގައި ކަލެއަށްޓަކައި ޢިއްޒަތުން ފުރިފައިވާ ގޮނޑިކޮޅެއް ބެހެއްޓޭނެއެވެ.]
ގާޑިޔާ ދުއްވާމީހާ ބުންޏެވެ. [އަޅުގަނޑަކީ މަނިކުފާނުގެ ޚާދިމަކީމެވެ. އަޅުގަނޑުގެ ސާހިބުމީހާ ގްރަނާދާގެ ރަސްކަން ލިބިވަޑައިގެންފިނަމަ އަޅުގަނޑަށް އެ އޮތީ ވެފައެވެ. އެހެން ވެއްޖެނަމަ ފެރްނާންދޯގެ ނައިޓަކަށް ވުމުގެ ބަދަލުގައި އެ ރަސްގެފާނުގެ ދަރުބާރުގެ ދޮރުވާނުކަންވެސް އަޅުގަނޑު އުފަލާއެކު ގަބޫލުކުރާނަމެވެ.]
އަބޫ ދާވޫދް ބުންޏެވެ. [އަހަރެން ކަލޭގެ ފަރާތުން އުއްމީދުކުރި ގޮތަކީވެސް ތިޔައީއެވެ. އަހަރެންގެ ތަގުދީރުގެ ތަރި ފިޔަ ޖަހާން ފަށައިފިނަމަ އަހަރެންގެ ވަފާތެރިންގެ ސަފުގެ އެންމެ ކުރީގައި ހުންނާނީ ކަލެއެވެ. ކަލޭ ހުންނާނީއަކީ ގަނޑުވަރުގެ ދޮރުވާނަކަށް ނޫނެވެ. އަހަރެންގެ ދަރުބާރުގެ ޒީނަތަކަށް ވާނީ ކަލެއެވެ. އަހަރެންގެ ތާޖުގައި ޖެހެވޭ ޖަވާހިރަކަށް ވާނީ ކަލެއެވެ. ދެން ގޮސް އަރާމުކުރާށެވެ. މިރޭ ފަތިހު ކަލޭގެ ދަތުރުގެ ހުރިހައި ކަމެއް ހަމަޖެހޭނެއެވެ. ކިއްލާ ބަލަހައްޓާން ތިބޭ ސިފައިންގެ ޢަދަދު ފަންސާހަށްވުރެ އިތުރެއް ނުވާނެއޭ ބުނާން ހަނދާން ކުރާށެވެ.]
ގާޑިޔާ ދުއްވާމީހާ ނުކުމެގެން ދިޔައީމާ އަބޫ ދާވޫދް ތެދުވެގެން ގޮސް ހުރިހައި ދޮރެއް ލައްޕައި ތަޅު ލައިފިއެވެ. އެޔަށް ފަހު ވަރަށް ގިނަ އިރުވާންދެން މާރިޔާއާއި އެންޖެލާއާ ދެމައިންނާ ވާހަކަދައްކާން އިނެވެ. ތިން މީހުން މިހާރު ދެކެނީ ވަރަށް ރީތި ހުވަފެނެކެވެ. އަބޫ ދާވޫދް ރަސްކަލަކަށް ވާތަނެވެ. މާރިޔާ ރަންޏަކަށް ވާތަނެވެ. އެންޖެލާ ރަސްދަރިކަނބަލަކަށް ވާތަނެވެ. ދެކެވެމުންދާ ވާހަކައަކީ ކުރިމަގުގައި ލިބޭން އޮތް އުފަލާއި އަރާމު ދިރިއުޅުމުގެ ވާހަކައެވެ. އެކަމަކު ރަބީޢާގެ ހިތަކު މިއިން އެއްވެސް ވާހަކައެއްގެ މައްޗަށް ކުޑަވެސް ޝައުގުވެރިކަމެއް ނެތެވެ. ބައްޕަ ދެންމެ ދެއްކި ވާހަކަތަކަކީ އޭނާގެ ކަންބޮޑުވުން އިންތިހާއަށް ދާން ފުދޭވަރުގެ ވާހަކަތަކެކެވެ. ސަރަޙައްދީ ބާޒަށްޓަކައި ވަރުގަދަ ދަންތުރައެއް ތައްޔާރު ވަމުންދާކަން އޭނާއަށް އެނގިއްޖެއެވެ. ބާޒުގެ ދިރިއުޅުން މިހާރު އެ އޮތީ ވަރަށް ބޮޑު ނުރައްކަލެއްގެ ތެރޭގައެވެ. ރަބީޢާ ބޭނުންވަނީ އެ ދަންތުރަ ހަލާކުކޮށްލާށެވެ. އަންނާން އޮތް ނުރައްކާތެރިކަމުން ބާޒު ސަލާމަތްކުރާށެވެ. އޭނާގެ ބައްޕަގެ ނިޔަތް ނުބައިކަމާއި ވިޔާނުދާކަން އަދިކިރިޔާ މި އެނގުނީއެވެ. ވުމާއެކު އެކަނިވެރިކަމުގެ އިޙްސާސް ވަރަށް ބޮޑަށް ކުރެވޭން ފަށައިފިއެވެ. އެއީ ކާކުކަން މާ ރަނގަޅަށް ނޭނގުނު ނަމަވެސް އެންމެ ކައިރި މީހަކު ކަމުގައި މިހާރު އޭނާއަށް އިޙްސާސް ކުރެވެނީ ސަރަޙައްދީ ބާޒުގެ ނަމުން މަޝްހޫރުވެފައިވާ ޒުވާނާއެވެ.
މީގެ ކުޑައިރުކޮޅެއް ކުރީން އޭނާއަށް ވިސްނިފައި އޮތީ [ސަރަޙައްދުގެ ބާޣީ] އަކީ ހުރިހައި ނުރައްކާތެރިކަމަކުން ސަލާމަތްވެފައިވާ މީހަކު ކަމުގައެވެ. އެކަމަކު މިހާރު އޭނާޔާމެދު ވިސްނާން ފެށީމާ ހިތަށް ވަންނާން ފެއްޓީ ވަރަށް ބޮޑު ބިރުވެރިކަމެކެވެ. އެއީ ދަތުރުވެރިޔަކު ފަރުބަދައެއްގެ ރީތި، އެހެނަސް ނުރައްކާތެރި ކުންނަކާ ދިމާއަށް ހިނގަމުންދާއިރު ގަންނަ ކަހަލަ ބިރެކެވެ. އޭނާއަށްޓަކައި ބަދްރު ބިން މުޣީރާއަކީ ހިތްހަމަ ޖެހުން ލިބިދޭފަދަ ކުލަރީތި އުދަރެހެކެވެ. އަދި ގޮވާން ތައްޔާރުވެފައިވާ އަލިފާން ފަރުބަދައެކެވެ. ނުވަތަ ވިރިގެން ފައިބާން ތައްޔާރުވެފައިވާ ގަނޑުފެނުގެ ފަރުބަދައެކެވެ. އޭނާއަށް ބަދްރު ފެންނަނީ މި ހުރިހައި ސިފައެއް އެކުލެވިފައިވާ މީހަކުގެ ގޮތުގައެވެ. އެކަމަކު ބައްޕަގެ ނުބައި ރޭވުމާއި ވާހަކައިގެ ސަބަބުން އޭނާގެ ޚިޔާލު މިހާރު ވަނީ ބަދަލުވާން ފަށައިފައެވެ. މިހާރު އޭނާއަށްޓަކައި ބަދްރަކީ އެ ގަހެއްގެ ދޮށުގައި އޭނާ ހާލި ހަދައިފައިވާ ހިޔާދޭ ގަހަކަށް ވެއްޖެއެވެ. އެ ގަސް ގެންދަނީ ދިމާވާ މުސީބާތުގެ ރޯޅިތަކާ ކެރިގެން ކުރިމަތިލަމުންނެވެ. އޭނާ ބޭނުންވަނީ އެ ގަސް ވެއްޓުނަ ނުދީ ހިފަހައްޓާށެވެ. އޭނާގެ ނާޒުކު އަތުން ގަހުގެ ބުޑުދޮށުން ކޮނެ، މޫތައް ހަރުލާވަރަށް ފަސްލައި، ވަރުގަދަ ކުރާށެވެ.
އަބޫ ދާވޫދް ކޮޓަރިން ނުކުމެގެން ހިނގައްޖެއެވެ. ރަބީޢާ އިރުކޮޅެއް ވާންދެން ދެ އަތަކަށް ފުރޮޅިފުރޮޅި އޮވެފައި އެންމެ ފަހުން ނިދައިފިއެވެ.
(ނުނިމޭ)
