އަންދަލުސްގެ ބާޒު – 17

(9 ޑިސެމްބަރ 2025 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ފައިދިގު މަކުނުގެ ޖާލު

(1)

ބަދްރު ބިން މުޣީރާގެ ލަޝްކަރު ޖާގަ ޖަހައިފައި އޮތީ ގްރަނާދާއާ ވިއްސަކަށް މޭލު ދުރުގައެވެ. އެއް ދުވަހަކު ބަރްބަރީ އަމީރަކު ގްރަނާދާއިން އައިސް ހުރި ވާހަކަ މީހަކު އައިސް ބަދްރަށް ދަންނަވައިފިއެވެ. އޭނާ ވަގުތުން ގެންނާން ބަދްރު އަންގަވައިފިއެވެ. އެ ވަގުތު ބަދްރުގެ އަރިހުގައި މަންޞޫރް ބިން އަޙްމަދުވެސް އިންނެވިއެވެ.

ބަރްބަރީ އަމީރު ފޭލިގެކޮޅަށް ވަދެ އެ ބޭފުޅުންނާ ސަލާން ކުރުމަށް ފަހު އެ ބޭފުޅުންގެ ކުރިފުޅުމަތީގައި އޭނާއަށްޓަކައި ބަހައްޓައިފައި ހުރި ގޮނޑީގައި އިށީނދެއްޖެއެވެ. [އަޅުގަނޑު މި އައީ ގްރަނާދާއިންނެވެ.]

[ދައްކާން ބޭނުންވާ ވާހަކައެއް ދައްކާށެވެ.] ބަދްރު ވިދާޅުވިއެވެ.

ބަރްބަރީ ކުޑަކޮށް ޖެހިލުންވެފައި އިނދެގެން ދެންނެވިއެވެ. [އަޅުގަނޑު ދަންނަވާން އޮތް ވާހަކައެއް ދަންނަވާން ބޭނުންވަނީ މަނިކުފާނު އަރިހުގައި އެކަންޏެވެ.]

ބަދްރު މަންޞޫރާ ދިމާއަށް ބައްލަވައިލެއްވީމާ އޭނާ ފޭލިގެކޮޅުން ނުކުމެވަޑައިގެންފިއެވެ.

ބަރްބަރީ ޖީބުން ސިޓީއެއް ނެގުމަށް ފަހު ތެދުވެ ބަދްރުގެ އަތްޕުޅަށް އަރުވައިފިއެވެ. [އަޅުގަނޑު މި އައީ އަބޫ ދާވޫދް ފޮނުއްވީމައެވެ. އޭނާ ވިދާޅުވީ މި ސިޓީފުޅަށް މަނިކުފާނު ދެއްވާ ޖަވާބަކުން މުޅި އިސްޕޭނިއާ ހަލާކުން ސަލާމަތް ކުރެއްވިދާނޭ ކަމުގައެވެ.]

ބަދްރު ސިޓީފުޅު ކަނޑުއްވައިގެން ވިދާޅުވާން ފައްޓަވައިފިއެވެ. ބަރްބަރީ އިނީ ބަދްރުގެ މޫނުފުޅަށް އަންނަ ބަދަލުތަކަށް ބަލާށެވެ. ސިޓީފުޅު ވިދާޅުވެ ނިންމެވުމަށް ފަހު ބަރްބަރީއާ ދިމާއަށް ބައްލަވައިލެއްވިއެވެ. އެޔަށް ފަހު އަނެއްކާވެސް ސިޓީފުޅު ވިދާޅުވާން ފައްޓަވައިފިއެވެ.

ސިޓީފުޅުގައި އޮތެވެ.

[ނަފުސުގެ އުނިކަމެއްގެ ސަބަބުން އެ މީހަކު ގައުމުގެ މީހުން ވަކިކޮށް ދުރުކޮށްފައިވާ މީހަކުގެ ފަރާތުން ހިތްވަރުފުޅާއި އަޒުމުފުޅު ވަރުގަދަ މުޖާހިދަކަށް ވެވަޑައިގަތުމުގެ ސަބަބުން އަންދަލުސްގެ އިސްލާމުންގެ އެންމެ ފަހުގެ އުއްމީދުކަމުގައި ވެވަޑައިގެންފައިވާ މާތް މަނިކުފާނަށް ދަންނަވަމެވެ.

އަޅުގަނޑަކީ ކާކުކަން މިހާރު މަނިކުފާނަށް އެނގިވަޑައިގެންފާނެއެވެ. ގްރަނާދާގައި މިހައި ބޮޑު އިންގިލާބެއް ގެނެސްގެން އުޅޭއިރުވެސް އަޅުގަނޑު ހިމޭނުން މި ހުންނަނީ މަސްލަހަތަކަށްވުރެ ބޮޑަށް މަޖުބޫރީއެއްގެ ސަބަބުންނެވެ. އަޅުގަނޑުގެ މި ސިޓީ މަނިކުފާނުގެ އަތްޕުޅަށް އަރާނޭކަމުގެ ޔަގީންކަމެއް މިހާރަކުވެސް ނެތެވެ. އަޅުގަނޑު ލޯ މަރައިލާފައި ގާސިދަށް އިތުބާރުކޮށް މި ފޮނުވާ ސިޓީ މަނިކުފާނުގެ އަތްޕުޅަށް އަރައި އުފާވެރި ނަތީޖާއެއް ނުކުމެއްޖެގެ ނަމަ އަޅުގަނޑުގެ އުނިކަމުގެ ސަބަބުން އެޅިފައިވާ ކަތި ފިޔަވަޅުތަކުގެ ކައްފާރާ އަދާކުރެވުނީކަމުގައި ދެކޭނަމެވެ. އަޅުގަނޑުގެ ގާސިދު ޣައްދާރުވުމުގެ ސަބަބުން ނުވަތަ އެހެންވެސް ސަބަބަކާހުރެ މި ސިޓީ މަނިކުފާނުގެ އަތްޕުޅަށް ނާރައިފިނަމަ ނުވަތަ އޭނާ މި ސިޓީ ގްރަނާދާ ވިއްކާލައިގެން އުޅޭ ޣައްދާރުންނާ ހަވާލު ކޮށްފިނަމަ އަޅުގަނޑުވެސް ހިމެނިގެން ދާނީ ހެޔޮ ނިޔަތަކާއެކު މަސައްކަތްކޮށްފައިމެ، މަރުގެ އަނދިރިކަމުގެ ތެރެއަށް ގެއްލިއްޖެ މީހަކު ކަމުގައެވެ. އަޅުގަނޑު ނެތިދިއުމަށް ފަހު އަބޫ ޢަބްދުﷲގެ ވަހުޝީ އެދުންތަކުގެ ޝިކާރައަކަށް ނުވެއްޖެނަމަ އަޅުގަނޑުގެ ދަރިފުޅު ރަބީޢާ ހުރިހައި ވާހަކައެއް މަނިކުފާނަށް ދަންނަވައިދޭނެއެވެ.

އަބޫ ޢަބްދުﷲގެ ބަޣާވާތަށްފަހު މިހާރު އަޅުގަނޑުގެ ހިތަށް އަރަނީ ގްރަނާދާއަށް ނާދެވުނުނަމަ މާ ރަނގަޅު ކަމުގައެވެ. ބާޒެއްގެ ސުހުބަތުގައި ދިރިއުޅުމުގެ ފިލާވަޅުތައް ލިބިގަތުމުގެ ބަދަލުގައި ރަނުގެ ކޮށްޓެއްގައި ހައްޔަރުކޮށްފައި އިން ތޯތާއަކަށް ކިޔަވައިދޭން އައުދެވުނުކަމީ އަޅުގަނޑުގެ ނަސީބު ދެރަކަމެވެ. އަޅުގަނޑު އުޅުނީ އޭނާއަށް މިނިވަންކަމާއެކު ޖައްވުގައި އުދުހި އުޅުމުގެ ފޮނި އިހުސާސް ދަސްކޮށްދެވޭތޯއެވެ. ނަތީޖާއެއްގެ ގޮތުން އަޅުގަނޑު މިހާރު މިއިނީ އަލްޙަމްރާއޭ ކިޔުނު ކޮށީގައި ބަންދުވެފައެވެ. އިންސާނިއްޔަތުގެ ސަތަހައަށް އަބޫ ޢަބްދުﷲ ގެނައުމަކީ އަޅުގަނޑަށް ކުރެވޭނޭ ކަމެއް ނަމައޭ ހިތަށް އަރައެވެ.

މި ހާލަތުގެ ހިލަމެއްވެސް އަޅުގަނޑަށް ނުވެ އޮތީ ކީއްވެގެންކަމާމެދު ޚުދު އަޅުގަނޑުވެސް މި ހުންނަނީ ހައިރާން ވެފައެވެ. ހިލަމެއް ނުވީ ހަމައެކަނި އަޅުގަނޑަކަށް ނޫނެވެ. އަބޫ މޫސާއާއި އައްޒަޣަލާއި ރަސްގެފާނު އަބުލްޙަސަނަށްވެސް އަލްޙަމްރާ ގަނޑުވަރުގެ ހަތަރު ފާރުން އެތެރޭގައި ރޭވެމުން އައީ ކޮން ކަމެއް ކަމެއް އެނގިވަޑައިގެންފައެއް ނެތެވެ. ގްރަނާދާގެ މިހާރުގެ ވެރިޔަކީ އަބޫ ޢަބްދުﷲ އެއް ނޫނެވެ. ވެރިކަން ކުރަނީ ފެރްނާންދޯގެ އަތުން ގްރަނާދާގެ އަގު ލިބިގެން ތިބި ކޮމާންޑަރުންނާއި އަމީރުންނެވެ. އަބޫ ޢަބްދުﷲ ބަޣާވާތް ކުރެއްވި އިރު އޭނާގެ ވަފާތެރިއަކަށް އަލްޙަމްރާގައި ހުންނެވީ ބޭފުޅަކީ ހަމައެކަނި އަބޫ މޫސާއެވެ. މިހާރު އޭނާ އޮންނެވީ އަނދިރި ކޮޓަރިއެއްގައި ހައްޔަރު ކުރެވިފައެވެ.

މި ހާލަތުގައި އަޅުގަނޑަށް ކުރެވެނީސްވެސް ކޮން ކަމެއްތޯއެވެ؟ މިހާރު ވެރިވެފައި އޮތް ހާލަތަކީ އަބޫ މޫސާގެ ޖާދުވީ ވާހަކަފުޅުތަކުންވެސް ގުޑުވައިނުލެއްވުނު ހާލަތެކެވެ. އަޅުގަނޑުގެ ފަރާތުން ފެންނަ ކުޑަކުޑަ ދެކޮޅުވެރިކަމެއްވެސް ބަރުދާސްކުރުމެއް ނެތެވެ. އަޅުގަނޑުގެ ކުރިމަތީގައި އޭރު އޮތީ ދެ ގޮތެކެވެ. އެއް ގޮތަކީ އެންމެންގެ ކުރިމަތީގައި ފާޅުގައި އަބޫ ޢަބްދުﷲއާ ދެކޮޅަށް ބަޣާވާތުގެ އަޑު އުފުލުމެވެ. އޭގެ އަދަބެއްގެ ގޮތުން ދިރިއުޅުމުގެ ބާކިބައި ހުރަގޭގެ އަނދިރި ގޮޅިއެއްގައި ހޭދަކޮށްލުމެވެ. ދެވަނަ ގޮތަކީ އަބޫ ޢަބްދުﷲ އަޅުގަނޑުގެ ފަރާތަށް ލެނބިގެން އަންނާނޭ ދަނޑިވަޅެއްގެ އިންތިޒާރުގައި ކުޅި ބަލާ މީހެއްގެ ގޮތުގައި ހިމޭނުން ހުރުމެވެ. އަޅުގަނޑު ޚިޔާރުކުޅައީ ދެވަނަ ގޮތެވެ. އެއީ އަޅުގަނޑުގެ މަސްލަހަތުކަމަށް ބައްލަވާށެވެ. ނުވަތަ ފިނޑިކަން ކަމުގައި ބައްލަވާށެވެ. ކޮންމެ ގޮތަކަށް ނިންމެވި ކަމުގައި ވިޔަސް އަލްޙަމްރާގެ ދޮރުކޮޅުތައް އަޅުގަނޑަށްޓަކައި އަދި ހުޅުވިފައި ހުރީ އަޅުގަނޑު ޚިޔާރުކުޅަ ގޮތެއްގެ ސަބަބުންނެވެ. އަދި މިހައިތަނަށް ކުޅަ މަސައްކަތަކުން އަޅުގަނޑަކަށް އަބޫ ޢަބްދުﷲ ލައްވައި ރަނގަޅު ފިޔަވަޅެއް އެޅުވޭ ގޮތެއް ނުވެއެވެ. އެކަމަކު ބައެއް ކަހަލަ ކަތި ފިޔަވަޅުތައް އެޅުއްވުން މަނާކުރުމުގައި ކޮންމެވެސް ވަރެއްގެ ކާމިޔާބީއެއް ވަނީ ހޯދިފައެވެ. ފާއިތުވެދިޔަ ހައެއްކަ ދުވަހުގެ ތެރޭގައި އޭނާގެ އަމަލުފުޅުތަކަށް ބަދަލުތަކެއް އަތުވެއްޖެކަމުގެ އިހުސާސް އަޅުގަނޑަށް ކުރެވިއްޖެއެވެ. އެ ބަދަލުތަކުގެ ސަބަބަކީ އޭނާގެ ހިތްޕުޅުގައި އަންދަލުސްގެ ކުރިމަގާމެދު ބިރުވެރިކަމެއް އުފެދުމެއް ނޫނެވެ. ހަގީގީ ސަބަބަކީ އޭނާއަށް ޚުދު ތިމާގެ ކުރިމަގު އަނދިރިކަމަށް ފެނިވަޑައިގަތުމެވެ. ވަރަށް ދުރުގައި އޮތް ނުރައްކާތެރިކަމެއް ކަމަށް އޭނާ ދެކެވަޑައިގެން ހުންނެވި ނުރައްކާތެރިކަން ގްރަނާދާގެ ހަތަރުފާރުގެ ކައިރިން ފެނިވަޑައިގަތުމެވެ. ރަށް ބަންދުވުމާއި ރައްޔިތުންގެ ނުރުހުމުގެ ސަބަބުން އޭނާ ހުންނެވީ ވަރަށް ކަންބޮޑުވެވަޑައިގެންފައެވެ. ފެރްނާންދޯގެ ފަރާތުން ވަގުތުން އެހީތެރިކަން ލިބިވަޑައިގަންނަވާނޭ ކަމުގެ އުއްމީދެއް އޮތްނަމަ އެހައި ބޮޑަކަށް ހާސްވެވަޑައެއް ނުގަތީހެވެ. އެކަމަކު ފެރްނާންދޯ އަންގައިފައި އޮތީ ފައިސަލާކުރުވަނިވި ބޮޑު ހަނގުރާމައެއް ކުރަން ޖެހޭނަމަ އެކަމަށް ވަރަށް ބޮޑަށް ތައްޔާރުވާން ޖެހޭ ކަމަށެވެ. އަބޫ ޢަބްދުﷲގެ ކަންބޮޑުވެވަޑައިގަތުން ހުރި ވަރު ވަޒަން ކޮށްލައްވާށެވެ. މީގެ ކުރިން އޭނާގެ ފައިންޕުޅު ދުށުމަކީ އަޅުގަނޑަކަށްވެސް އެހައި ފަސޭހަ ކަމެއް ނޫނެވެ. މިހާރު ރޭގަނޑު ދަންވަރުވެސް އަޅުގަނޑު ގެންދަވައިގެން ގްރަނާދާގެ ހާލަތުގެ ވާހަކަފުޅު ދައްކަވާން އެތައް އިރަކު އިންނަވައިފާނެއެވެ. ބައެއް ވާހަކަ ދަންނަވައިގެން އޭނާގެ ހާސްކަން އިތުރަށް ބޮޑު ކޮށްލުމަށް ފަހު، ރަސްގެފާނާ ސުލްހަވެރިވެވަޑައިގަތުމަކީ ކުރައްވާން ބޭނުންފުޅު ކަމެއް ނޫންތޯ އަޅުގަނޑު ސުވާލު ދަންނަވައިފީމެވެ. އޭނާ ވަރަށް ދެރަފުޅުވެފައި ވިދާޅުވިއެވެ. [ތިޔައީ ވާނޭ ކަމެއް ނަމަ ހާދަހާ ރަނގަޅެވެ. ބައްޕާފުޅު އަޅުގަނޑަށް މާފު ކުރައްވައިފިއްޔާ ބޮޑުބޭބޭފުޅުގެ ހިތްޕުޅު އަޅުގަނޑުގެ މައްޗަކަށް ދުވަހަކުވެސް ސާފެއް ނުވާނެއެވެ.] މަނިކުފާނާ މެދު އޭނާ ދެކެވަޑައިގަންނަވަނީ އޭނާގެ ލޭފޮދަށް އެދިވަޑައިގެން މަސައްކަތް ކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ. ޚުދު ރަސްގެފާނު ސުލްހައިގެ އަތްޕުޅު ދިއްކޮށްލައްވައިފިއްޔާ ހައްދަވާނީ ކިހިނެއްތޯ އަޅުގަނޑު ދަންނަވައިފީމެވެ. އޭނާ ވިދާޅުވިއެވެ. [މި ހާލަތުގައި ބައްޕާފުޅު އަޅުގަނޑާ ސުލްހަވެރި ވެވަޑައިގެންފާނޭ ކަމަށް ހީކުރުމަކީވެސް މޮޔަކަމެކެވެ. ސަރަހައްދީ ބާޒުގެ ކާމިޔާބީއަށް ފަހު ބައްޕާފުޅު އަޅުގަނޑު ދެކެވެޑައިގަންނަވާނީ ބޭނުމެއް ނެތް ދުޝްމިނެއްގެ ގޮތުގައެވެ. އަޅުގަނޑާ ދިމާއަށް ސުލްހައިގެ އަތްޕުޅު ދިއްކުރެއްވުމުގެ ބަދަލުގައި އަޅުގަނޑުގެ ކަރުގައި ދަންޖައްސާ މަޅިގަނޑު އަޅުއްވަން މާ ބޮޑަށް ބޭނުންފުޅުވާނެއެވެ.]

އަޅުގަނޑު ދެންނެވީމެވެ. [ސަރަހައްދީ ބާޒު ދެނެގަތުމުގައި އަޅުގަނޑަށް އޮޅުމެއް ނާރާނަމަ، ރަސްގެފާނާއި ބާޒާ ދެމެދު އޮތް ގުޅުމަކީ މަނިކުފާނާ އޮތް ދެކޮޅުވެރިކަމެއް ސަބަބުން އުފެދުނު ގުޅުމެއް ނޫނެވެ. ހަމައެކަނި ސަބަބަކީ ބާޒުގެ ހިތްޕުޅުގައި އޮތް ކްރިސްޓިއަނުންނާ ދެކޮޅަށް އިސްލާމުން އެއްބައިވަންތަ ކުރެއްވުމުގެ އެދުންފުޅެވެ. މަނިކުފާނުގެ ގާބިލިއްޔަތު ބާޒަށް އެނގިވަޑައިގެންފިނަމަ ރަސްގެފާނާ ވާހަކަފުޅު ދައްކަވައިގެން ސުލްހައިގެ މަގެއް ހޯއްދަވައިދެއްވާނޭކަން އަޅުގަނޑަށް ކަށަވަރެވެ.]

އަބޫ ޢަބްދުﷲ އިރުކޮޅަކު ވިސްނައިވަޑައިގަތުމަށް ފަހު ހިތާމަފުޅާއެކު ވިދާޅުވިއެވެ. [އެކަމަކު ސަރަހައްދީ ބާޒު އަޅުގަނޑުގެ ކޮޅުގައި ހުންނަވާނޭކަން ޔަގީންވާނީ ކިހިނެއްތޯއެވެ؟ އަޅުގަނޑުގެ ބަދަލުގައި އައްޒަޣަލް ނުވަތަ އަޅުގަނޑުގެ ބޭބެ ވަލީ އަހުދަކަށް ހައްދަވާން ބައްޕާފުޅަށް ލަފާފުޅު އެރުވުމަކީވެސް އެކަށީގެންވާ ކަމެއް ނޫންތޯއެވެ؟]

އަޅުގަނޑު ދެންނެވީމެވެ. [ބާޒުގެ ދިރިއުޅުއްވުމުގެ މުޅި މަގުސަދަކީ ކްރިސްޓިއަނުންގެ ވެރިކަމުގެ ތަޚުތު އެކޮޅުކޮޅުން ޖެއްސެވުމެވެ. އެ މަގުސަދު ހާސިލު ކުރެއްވުމަށްޓަކައި ގްރަނާދާގައި އަހުލީ ހަނގުރާމައެއް ނުފެށޭނޭ ގޮތް ހެއްދެވުމަކީ އޭނާ ބޭނުންފުޅުވާނޭ ކަމެއްކަން ޔަގީނެވެ. އެފަދަ ކަމެއްގެ ބޭނުންފުޅުގައި ހުރިހައި ފައިސަލާއެއް ބަދަލުކުރައްވާނެކަން ކަށަވަރެވެ.]

އަޅުގަނޑުގެ ވާހަކައިގެ ސަބަބުން މަނިކުފާނު ގްރަނާދާއަށް ހަމަލަދެއްވުމުގެ ކުރިން ސުލްހައިގެ މަގެއް އޮތްތޯ ބައްލަވާނޭކަމުގެ އުއްމީދު އަބޫ ޢަބްދުﷲގެ ހިތްޕުޅަށް ވަދެއްޖެއެވެ. އެހެންވީމާ މަނިކުފާނު އަރިހަށް ސުލްހައިގެ ވަފުދެއް ފޮނުއްވާން އެއްބަސްވެވަޑައިގެންފިއެވެ. އެކަމަކު އަޅުގަނޑު ބިރުގަންނަ ކަމެއް އެބައޮތެވެ. އޭނާގެ އަރިހުގައި އެތިބަ މީހުންނަކީ ސުލްހަވެރި ހާލަތެއް އަތުވެއްޖެނަމަ ފުރާނައިން އަތް ދޮވެލާން ޖެހޭނޭ ކަމުގެ ބިރުގެންފައި ތިބި ބައެކެވެ. އެހެންވީމާ އެމީހުން ސުލްހަޔާ ދެކޮޅު ހަދާނެކަން އަޅުގަނޑަށް ޔަގީނެވެ. ނުރައްކަލަކަށް ވާނީ އަބޫ ޢަބްދުﷲއަށް ވުރެ ބޮޑު މޮޔައަކު ތަޚުތަށް އިސްކުރާން އެމީހުން މަސައްކަތް ކުރުމެވެ. މީގެ އިތުރަށް އެމީހުން ކޮށްފާނޭ އަނެއް ކަމަކަށް ފެންނަނީ ބައްޕާފުޅާއި ދަރިކަލުން ސުލްހަވެރިވެވަޑައިގަންނަވާން އުޅުއްވާ ޚަބަރު ފެރްނާންދޯއަށް ދިނުމެވެ. އެހެން ވެއްޖެނަމަ އޭނާ ހަމަ ވަގުތުން އެކަމަށް ހުރަސް އަޅާނެއެވެ. އޭނާއަށް އެކަން އެނގުނަ ނުދޭން އަޅުގަނޑު ބުއްދިއެއް ކޮށްފީމެވެ. ސުލްހައިގައި އިސް ނުނަންގަވާން އަޅުގަނޑު އަބޫ ޢަބްދުﷲއަށް ދަންނަވައިފީމެވެ. އޭނާ ވަފުދެއް ފޮނުއްވައިފިއްޔާ ބަލިކަށިވެވަޑައިގަތީކަމަށް ރަސްގެފާނަށް ހީފުޅުވާނޭ ކަމަށް އަޅުގަނޑު ދެންނެވީމެވެ. ވަފުދެއެް ފޮނުއްވައިފިނަމަ މިހާރު އަރިހުގައި އެ އުޅޭ ބޮޑެތި މީހުންތައް ފުރާނަ ސަލާމަތްކުރުމުގެ ބޭނުމުގައި މާކުރީން އޭނާޔާ ވަކިވެގެންފާނެޔޭ ނުވަތަ ހައްޔަރުކޮށް ބަންދުކޮށްފާނޭ ކަމަށްވެސް އަޅުގަނޑު ދެންނެވީމެވެ. އެހެންވީމާ ގަސްތުކުރައްވާ ގޮތް އެއްވެސް މީހަކަށް ނާންގަވައި އަބުލްޙަސަންގެ ފަރާތްޕުޅުން ސުލްހައިގެ މަންދޫބަކު ވަޑައިގަންނަވާންދެން މަޑު ކުރައްވާން އަޅުގަނޑު އަބޫ ޢަބްދުﷲ އެއްބަސް ކުރުވައިފީމެވެ.

މިހާރު އަބޫ ޢަބްދުﷲ އެ އިންނެވީ މަންދޫބެއްގެ އިންތިޒާރުގައެވެ. އަޅުގަނޑުގެ މަސައްކަތަކަށް މިހާރު އޮތީ އޭނާ މާޔޫސްވެވަޑައި ނުގެން ހުންނަވާނޭ ގޮތް ހެދުމެވެ. އެކަމަކު އަޅުގަނޑަށް ހީވާ ގޮތުގައި މަނިކުފާނުގެ ފަރާތްޕުޅުން އަންނަ އެއްވެސް މީހަކު އަލްޙަމްރާއާ ގާތްވެސް ވިޔަ ދިނުމަކީ ފެރްނާންދޯއަށް ބައިއަތު ހިފައިގެން އެ ތިބަ މީހުން ކުރާނޭ ކަމެއް ނޫނެވެ. އަބޫ ޢަބްދުﷲގެ މަންދޫބަކު ރަށުން ބޭރަށް ދިޔަ ދިނުމަކީވެސް އެމީހުން ކުރާނޭ ކަމެއް ނޫނެވެ. ގައުމު ވިއްކައިލައިގެން މި އުޅޭ ޚިޔާނަތްތެރިންނަށް އެނގިގެން ސުލްހައިގެ ވާހަކައެއްވެސް ނުދެކެވޭނެއެވެ.

އެހެންވީމާ އަޅުގަނޑު މަނިކުފާނު މި ވައްޓައިލަނީ ވަރަށް ބޮޑު އިމްތިހާނެއްގެ ތެރެއަށެވެ. ސިއްރިއްޔާތުގައި ރޭގަނޑުގެ ވަގުތު މަނިކުފާނު އަލްޙަމްރާއަށް ވެދެވަޑައިގެންފިއްޔާ އަޅުގަނޑު މަނިކުފާނާއި އަބޫ ޢަބްދުﷲއާ ދެބޭފުޅުންގެ ބައްދަލުވުން އިންތިޒާމު ކޮށްފާނަމެވެ. އަޅުގަނޑުގެ ލަފާފުޅު ގަބޫލުފުޅުކުރައްވައި މަނިކުފާނު ސިއްރިޔާތުގައި ގަނޑުވަރަށް ވެދެވަޑައިގެންފިއްޔާ ގްރަނާދާ ފަތަހަ ކުރެއްވުނީ ކަމުގައި ބައްލަވާށެވެ. އަބޫ ޢަބްދުﷲއަށް އަޅުގަނޑުމެން އަރުވާން ޖެހޭ ޔަގީންކަމަކީ އޭނާގެ ފުރާނަފުޅަށް އެއްވެސް ނުރައްކަލެއް ނެތްކަމުގެ ޔަގީންކަމެވެ. އޭގެ ފަހުން މަނިކުފާނުގެ ކޮންމެ އިޝާރަތެއް އޭނާއަށް ވާނީ އަމުރުފުޅަކަށެވެ. މި ބައްދަލުވުން ބާއްވާނީ އަޅުގަނޑު ހުންނަ ގޭގައެވެ. ވިސްނައިވަޑައިގަންނަވާށެވެ. އަބޫ ޢަބްދުﷲގެ ނިޔަތް ރަނގަޅު ނޫނަސް މިހެން ހެދީމާ މަނިކުފާނާއި އޭނާޔާ އެ ވަގުތު ތިއްބަވާނީ އެއް ތަނެއްގައެވެ. އަލްޙަމްރާ ހިއްޕެވުމަށް ބޭނުންފުޅުވާ ކޮންމެ ލިޔުމެއްގައި މަނިކުފާނަށް އޭނާ ލައްވައި ސޮއި ކުރުއްވިދާނެއެވެ. މަނިކުފާނުގެ އަމުރުފުޅު ތަންފީޒު ކުރުމަށްޓަކައި އަބުލްޙަސަނަށް ވަފާތެރިކަމުގައި އަޅުގަނޑަށް ގަބޫލުކުރެވޭ މުޖާހިދުން ތިބޭނެއެވެ. ގައުމު ވިއްކައިލައިގެން ތިބި މީހުންނަށް ޖާސޫސުކޮށްދޭ ޚާދިމުންގެ ބަޔަކު ގަނޑުވަރުގައި އެބައުޅެއެވެ. އެމީހުން ބައިބަޔަށް އަޅުގަނޑުގެ ގެއަށް ގެނެވިދާނެއެވެ. އެމީހުންނަށްޓަކައި ވަރުގަދަ ހަބުޝީ ޖައްލާދުންގެ ބަޔަކު އަޅުގަނޑު ތައްޔާރަށް ބައިތިއްބާނަމެވެ.

އަލްޙަމްރާ ހިއްޕެވުމާއެކު ގްރަނާދާ މަނިކުފާނުގެ ބާރުފުޅުގެ ދަށަށް ގެނެވުނީއެވެ. އަބޫ ޢަބްދުﷲ މަނިކުފާނު ޖައްސަވާ ކޮންމެ ބެރަކަށް ނަށްޓަވާނެއެވެ. ގައުމު ވިއްކާލި މީހުން ބައިބަޔަށް ގެއަށް ގެންނާނީއެވެ. އޭގެ ތެރެއިން ހެޔޮ މަގަށް ރުޖޫއަނުވާ މީހުން ހަވާލުކުރާނީ ޖައްލާދުންނާއެވެ. އޭގެ ފަހުން އަބޫ ޢަބްދުﷲގެ ފަރާތްޕުޅުން ލަޝްކަރަށް އަންގާނީ އަލްޙަމްރާގެ ދޮރާށިދޮށަށް ޖަމާވާށެވެ. ދެން އަބޫ މޫސާ ހުރަގެއިން ނެރެގެން ގެނެސް ލަޝްކަރުގެ ކުރިމަތީގައި ތަގުރީރު ކުރުއްވާނީއެވެ. ލަޝްކަރުގެ މުޖާހިދުންގެ ހިތުގައި މަނިކުފާނަށް ވަޒަން ކުރައްވާންވެސް ދަތިފުޅުވާހައި ވަރުގަދަ ގަދަރަކާއި ލޯތްބެއް އަބޫ މޫސާގެ މައްޗަށް އޮވެއެވެ.

މި ހުރިހައި ކަމަކަށް ފަހު އަބޫ ޢަބްދުﷲ ހުންނަވާނީ މަނިކުފާނު ހައްދަވާނޭ އެއްޗެއް ހައްދަވަން ކުރިފުޅުމަތީގައެވެ. އޭނާއަކީ މާފު ހައްގު ބޭފުޅަކު ކަމަކަށް އަޅުގަނޑެއް ހަމަގައިމުވެސް ނުދެކެމެވެ.

މަނިކުފާނު އަލްޙަމްރާއަށް ވެދެވަޑައިގަތުމުގެ އިންތިޒާމު އަޅުގަނޑު ހަމަޖައްސައިފައިވާ ގޮތްވެސް ދަންނަވައިލާނަމެވެ. އަޅުގަނޑު ހުންނަ ގެ މިހިރީ ކޯރާ ކައިރީގައި އަލްޙަމްރާގެ އެއް ކަނެއްގައެވެ. މަނިކުފާނަކީ ރަނގަޅަށް ފައްތަވާން ދެނެވަޑައިގަންނަވާ ބޭފުޅަކު ކަމުގައި ވަނީނަމަ ބޮއްކުރައަކާ ނުލައި ފައްތަވައިފައި ކޯރު ހުރަސް ކުރައްވައި ގަނޑުވަރުގެ ފާރުކޮޅާ ހަމައަށް ވަޑައިގެންނެވިދާނެއެވެ. އެދިމާ ފާރު ކައިރީގައި ވަރަށް ބޮޑު ގަހެއް ހުންނާނެއެވެ. ގަހުގެ ގޮފިތައް ހުންނާނީ ކޯރުގެ ފެންގަނޑުގައި ޖެހޭވަރަށް ތިރިއަށް އެލިފައެވެ. ގަހުން ލައިފައި މައްޗަށް އަރައިވަޑައިގަންނަވާށެވެ. އެ ގަހުގެ ވާތްފަރާތުން ވިއްސަކަށް ފިޔަވަޅުގެ ދުރުމިނުގައި ސާޅީހަކަށް ކައިވަތުގެ އުސްމިނުގައި އަޅުގަނޑު ހުންނަ ގޭގެ ހާމަފެންޑާ ފެނިވަޑައިގަންނަވާން ހުންނާނެއެވެ. ރޭގަނޑު އެތަން އޮންނާނީ ދިއްލައި އަޅައިފައެވެ. ފެންޑާގެ ފާރު ކައިރިއަށް ވަޑައިގެން ބައްލަވާއިރު ތިރިއަށް ވައްޓައިފައި އޮތް ވަލެއް ފެނިވަޑައިގަންނަވާނެއެވެ. އެ ވަލަށް ބާރަށް ދަންމަވައިލައްވާށެވެ. އޭރުން މަނިކުފާނު ވަޑައިގެންފިކަން އަޅުގަނޑަށް އެނގޭނެއެވެ. އަޅުގަނޑު އެދިމާއިން ވައުހަރުގަނޑެއް ތިރިކުރާނެމެވެ. އެ ހަރުގަނޑުން އަރައިވަޑައިގަތީމާ ވަރަށް ފަސޭހަފުޅުކަމާއެކު މި ގޭގައި އަޅުގަނޑު ހުންނަ ކޮޓަރިއަށް ވެންނެވޭނެއެވެ. އެއްވެސް ކަހަލަ ނުރައްކަލެއް އޮތިއްޔާ ވަލުގެ ކޮޅުގައި ކަރުދާސްގަނޑެއް އައްސައިފައި ބާއްވާނަމެވެ. އެ ކަރުދާސްގަނޑުގައި ނަންގަވައިގެން އޭގައި ލިޔެފައިވާ ގޮތަށް އަމަލުކުރައްވާށެވެ.

ވަޑައިގަންނަވާން އަޅުގަނޑު ކަނޑައަޅައިފައި އޮތީ ބުރާސްފަތި ވިލޭރެއެވެ. އަންނަ ބުރާސްފަތި ވިލޭރޭ ވަޑައިގެންނެވޭ ގޮތް ނުވެއްޖެނަމަ ދެން އަންނަ ބުރާސްފަތި ވިލޭރެޔަކު ވަޑައިގަންނަވާށެވެ. އެރޭ ރަނގަޅުވާ ސަބަބަކީ އަނދިރި ރެއަކަށް ވުމެވެ. ބޯ ވިލާތައް އަދި ދުވަސްކޮޅަކަށް ހުންނާނޭ ކަމަށް ލަފާ ކުރެވޭތީއެވެ.

މަނިކުފާނުގެ އިސްތިގުބާލުގައި އަޅުގަނޑު ނެތިއްޔާ އަބޫ ޢަބްދުﷲ އަރިހުގައި އެހެން ކޮޓަރިއެއްގައި އިނީ ކަމުގައި ބައްލަވާށެވެ. އެހެން ވެއްޖެނަމަ ރަބީޢާ މަނިކުފާނުގެ އިސްތިގުބާލުގައި އިންނާނެއެވެ. ބުރާސްފަތި ވިލޭރޭ އަޅުގަނޑު އަބޫ ޢަބްދުﷲއަށް އަޅުގަނޑުގެ ގެއަށް ވަޑައިގަންނަވާން ދައުވަތު އަރުވާނަމެވެ. ހައިރާންވެވަޑައި ނުގަންނަވާށެވެ. ރަބީޢާ ދެކެވަޑައިގަތް ފަހުން ކޮންމެވެސް ބަހަނާއެއް ދައްކަވައިގެން އޭނާ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އަޅުގަނޑުގެ ގާތަށް ވަޑައިގަނެއެވެ. އޭނާގެ މޮޔަކަން ނިކަން ދެކެވަޑައިގަންނަވާށެވެ. ރަބީޢާއާ ކާވެނި ކުރައްވާން ބޭނުންފުޅު ވާހަކަ އިއްޔެ ވިދާޅުވެއްޖެއެވެ. ރަބީޢާ އައި ރުޅީގައި އެ މެސެޖު ހިފައިގެން އައި ބާނދީ ނޮޅައިގެން ކައިނުލީ ކިރިޔާއެވެ. އެ ކަނބުލޮ ސަލާމަތްވީ އެންޖެލާ ދޭތެރެއަށް ވަދެ ހުރަސް އެޅީމައެވެ. އަޅުގަނޑުގެ ކުރިމަތީގައިވެސް ސީދާ ވިދާޅުނުވެ އެކި ކަހަލަ އިޝާރާތުން އެ އެދުންފުޅު ފައުޅު ކުރައްވައެވެ. މި ހާލަތުގައި އަލްޙަމްރާގައި މާ ގިނަ ދުވަހު ހުރުމަކީ އަޅުގަނޑަކަށް ކުރެވޭނޭ ކަމެއް ނޫނެވެ.

އަޅުގަނޑު މަނިކުފާނަށް މި ދަންނަވަނީ ވަރަށް ނުރައްކާތެރި ކަމެއް ކުރައްވާށެވެ. އެކަމަކު ކާމިޔާބީގެ ޔަގީންކަން އެރުވުމަކީ އަޅުގަނޑަކަށް ކުރެވޭން އޮތް ކަމެއް ނޫނެވެ. އަލްޙަމްރާއާ ގާތަށް ވަޑައިގެންނެވުމާއެކު މަނިކުފާނުގެ ކޮންމެ ފިޔަވަޅުފުޅަކީ ދިރިހުންނެވުމާއި އަވަހާރަވުމާ ދެމެދު އަޅުއްވާ، ނިހާޔަތަށް ހަނި، އަނދިރި މަގެއްގައި އަޅުއްވާ ފިޔަވަޅެކެވެ. އެހެންވީމާ އަޅުގަނޑު މި ދެންނެވި ގޮތަށް އަމަލުކުރެއްވުމުގެ ކުރީން ވަރަށް ބޮޑަށް ވިސްނައިވަޑައިގަތުން އެދެމެވެ. ވަގު ރާސްތާއަކުން ރޭގަނޑު މަނިކުފާނަށް އަލްޙަމްރާއަށް ވެދެވަޑައިގެންނެވުމާއި އިރުއަރާއިރު މަނިކުފާނުގެ ބައިވެރީންނަށްޓަކައި ގްރަނާދާގެ ދޮރާށި ހުޅުއްވައިލެވޭގޮތް ވުމަކީ އެކަށީގެންވާ ކަމެކެވެ. ހަމައެހެންމެ މަނިކުފާނާއެކު އަޅުގަނޑުވެސް ދެން ދުވަހަކުވެސް ނުނުކުމެވޭ ވަރުގެ އަނދިރި ގޮޅިއެއްގައި ބަންދުވުމަކީވެސް އެކަށީގެންވާ ކަމެކެވެ. އެހެން ވެއްޖެނަމަ އަޅުގަނޑުމެންނާއެކު ގްރަނާދާގެ މިނިވަންކަމުގެ އުއްމީދުވެސް ކަފުން ކުރެވޭނެއެވެ. އަޅުގަނޑުގެ މެސެންޖަރު މި ދިގު ސިޓީ މަނިކުފާނުގެ އަތްޕުޅަށް އެރުވީމާ އޭނާ މިކޮޅަށް ނުފޮނުއްވައި އިއްޒަތްތެރި މެހުމާނެއްގެ ގޮތުގައި ބަހައްޓަވާށެވެ. އޭނާގެ އިޚުލާސްތެރިކަމާ މެދަކު އަޅުގަނޑު ޝައްކެއް ނުކުރަމެވެ. އެކަމަކު ރައްކާތެރިވުމަކީ ވަރަށް މުހިއްމު ކަމަކަށް ވާތީ މިހެން ދެންނެވީއެވެ. ފެރްނާންދޯ ޖާސޫސުން އެތިބީ މަނިކުފާނު ހައްޔަރުކުރި މީހަކަށް އެމީހެއްގެ ބަރަށް ރަން ދޭން ތައްޔާރުވެގެންނެވެ.

އަބޫ ދާވޫދް]

ދެވަނަ ފަހަރު ސިޓީ ވިދާޅުވުމަށް ފަހު، ފޭލިގޭގައި މެސެންޖަރު ހުރި ކަމުގެ އިހުސާސެއް ނުކުރައްވައި ދެކޮޅަށް ކުރުކާލި ކަނޑުއްވާން ފައްޓަވައިފިއެވެ. ސިޓީގެ ލަފުޒުތައް އެކި މާނަމާނައިގައި އޭނާގެ ސިކުނޑިފުޅުގައި އެނބުރޭން ފަށައިފިއެވެ. ކުރިފުޅުމަތީގައި ތަސައްވަރު ވަމުން ދަނީ އަލްޙަމްރާގެ ވަށާފާރެވެ. ރޭގަނޑުގެ ފުރަމެންދަމު ފާރެއް ހުރަސް ކުރައްވައި އެތެރެއަށް ވަޑައިގަތުމާއެކު އޭނާ އެ ހުންނެވީ ރަބީޢާގެ ކުރިމަތީގައެވެ. އޭނާއަށް އިސްތިގުބާލު ކުރަމުން ދަނީ ލޯބީގެ ކަރުނައިން ތެމިފައިވާ ހިނިތުންވުމެކެވެ. [ރަބީޢާ… ރަބީޢާ…] އޭނާގެ ހިތްޕުޅުގައި ލަޠީފީ ވިންދު ޖަހަމުން ދަނީއެވެ. [އަބޫ ޢަބްދުﷲގެ ނުތާހިރު ވިސްނުން ހުރި ގޮތް ރަބީޢާއަށް އެނގެއެވެ.] އޭނާގެ ލޭ ކެކޭން ފަށައިފިއެވެ. [ރަބީޢާ އިނީ އަބޫ ޢަބްދުﷲގެ ފަރާތުން އިންނާން އަހަން އައި ޖާރިޔާގެ މޫނުގައި ވަކިއަޅައި ލޭ ދުއްލައިލާން ތައްޔާރަށެވެ.] ބާޒު ހިނިތުންނެވަޑައިގަންނަވަނީއެވެ.

ކުޑަ އިރުކޮޅެއްގެ ތެރޭގައި އެ ލަޠީފީ އިހުސާސްތައް ބޮޑެތި ރޭވުންތަކުގެ ތެރެއަށް ވަދެގެން ހިނގައްޖެއެވެ. މިހާރު ބަދްރު ފިކުރު ކުރައްވަމުން ގެންދަވަނީ ކުރިއަށް އޮތް މަސައްކަތްޕުޅުގެ އެކި މަރުހަލާތަކާ މެދުގައެވެ. އަލްޙަމްރާގައި އަބޫ ދާވޫދް އުޅެނިކޮށް އަބޫ ޢަބްދުﷲ ބަޣާވާތް ކުރެއްވީމާ ބަދްރުގެ ހިތްޕުޅުގައި އަބޫ ދާވޫދްގެ މައްޗަށް އޮތީ ބާވަތެއްގެ ޝައްކެއް އުފެދިފައެވެ. އެކަމަކު ސިޓީ ލިބިވަޑައިގަތީމާ އެ ޝައްކު ފިލައިގެން ހިނގައްޖެއެވެ. [އަޅުގަނޑު މަނިކުފާނަށް މި ދަންނަވަނީ ވަރަށް ނުރައްކާތެރި ކަމެއް ކުރައްވާށެވެ. އެކަމަކު ކާމިޔާބީގެ ޔަގީންކަން އެރުވުމަކީ އަޅުގަނޑަކަށް ކުރެވޭން އޮތް ކަމެއް ނޫނެވެ. އަލްޙަމްރާއާ ގާތަށް ވަޑައިގެންނެވުމާއެކު މަނިކުފާނުގެ ކޮންމެ ފިޔަވަޅުފުޅަކީ ދިރިހުންނެވުމާއި އަވަހާރަވުމާ ދެމެދު އަޅުއްވާ، ނިހާޔަތަށް ހަނި، އަނިދިރި މަގެއްގައި އަޅުއްވާ ފިޔަވަޅެކެވެ. އެހެންވީމާ އަޅުގަނޑު މި ދެންނެވި ގޮތަށް އަމަލުކުރެއްވުމުގެ ކުރީން ވަރަށް ބޮޑަށް ވިސްނައިވަޑައިގަތުން އެދެމެވެ.] ސިޓީގެ މި ޢިބާރާތް އޭނާގެ ސިކުނޑިފުޅުގައި ގުގުމަމުން ދަނީއެވެ.

[އަހަރެން ދާނަމެވެ.] އެންމެ ފަހުން އޭނާހައްދަވާނޭ ގޮތް ކަނޑައަޅުއްވައިފިއެވެ.

(2)

ރޭގަނޑުގެ ވަގުތެވެ. ބޯކޮށް ވާރޭ ވެހެނީއެވެ. އަބޫ ދާވޫދް އިނީ އޭނާގެ ގޭގައެވެ. އެ ގޭގެ އެއް ފަރާތުގައި އޮންނަނީ ކޯރެކެވެ. އޭނާ ކޮޓަރިތެރޭގައި ބޭގަރާރުކަމާއެކު ކުރުކާލިކަނޑަނީއެވެ. ހަބުޝީ އަޅަކު ކޮޓަރީގެ އެއް ކަނެއްގައި އިށީނދެގެން އިނެވެ. ގޭގެ އެއްފަރާތު ފާރުގައި ރަނގަބީލެއް އަޅުވައިފައި އޮތެވެ. އަބޫ ދާވޫދް މޫސީއާއެކު ގޮސް ގޮނޑިއެއްގައި އިށީނދެއްޖެއެވެ، [މިއަދު އޭނާ ނާންނާނީ ހެއްޔެވެ؟] އަޅުކަލޭގެޔާ ދިމާއަށް ބަލައިލާފައި އޭނާ އަހައިލިއެވެ.

އަޅުކަލޭގެ ބުންޏެވެ. [މި ޠޫފާނުގެ ތެރޭގައި ކޯރު ހުރަސް ކުރުމަކީ ފަސޭހަ ކަމެއް ނޫނެވެ.]

އިރުކޮޅެއް ވާންދެން ދެމީހުން ހިމޭނުން އެކަކު އަނެކަކާ ދިމާއަށް ބަލަހައްޓައިގެން ތިއްބެވެ. ކުއްލިއަކަށް ކޮޓަރީގައި އޮތް ރަނގަބޭލުގެ ވާގަނޑަށް ހަރަކާތެއް އަތުވެއްޖެއެވެ. އަދި ރަނގަބީލު ޖެހޭން ފަށައިފިއެވެ.

އަބޫ ދާވޫދް ގޮވައިލިއެވެ. އޭނާ އައީއެވެ.]

އަޅުގަނޑު ތެދުވެގެން ގޮސް އަތްމަތި ހަލުވި ކޮށްލައިފައި ވައުހަރުގަނޑު ތިރިއަށް ވައްޓާލައިފިއެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ހަރުގަނޑުގެ އެންމެ ތިރިއަށް ބަރުވެއްޖެކަން އެނގުނެވެ. [އޭނާ މައްޗަށް އަރަނީއެވެ.] އަނެއްކާވެސް ހިނދުކޮޅަކަށް ފަހު ބުނެފިއެވެ. [އަޅުގަނޑަށް ހީވާ ގޮތުގައި މިހާރު ހަރުގަނޑުގެ މެދަކާ ހަމައަށް އެރިދާނެހެން ހީވެއެވެ. ހަރުގަނޑު ކަނޑައިލީމާ އެހެން ގޮތަކަށް ގަތުލު ނުކޮށް ފަރުޖެހިދާނެއެވެ.]

[ސިއްރުން ވާހަކަދައްކާށެވެ. އެއީ ވަރަށް ހުސިޔާރު މީހެކެވެ. އަމިއްލައަށް އެރުމުގެ ކުރިން އޭނާ އެހެން މީހަކު ފޮނުވައިވެސްފާނެއެވެ.]

އަޅުކަލޭގެ ވައި އަޑުން ބުނެލިއެވެ. [އަދި މައްޗަށް އެރީމާ މަނިކުފާނަށް އޭނާގެ އަޑު ފާހަގަ ކުރެއްވޭނެ ނޫންތޯއެވެ؟ އަޅުގަނޑުގެ ކަނޑި މިހާރުވެސް މި އޮތީ ތައްޔާރަށެވެ.]

އަބޫ ދާވޫދް ތުންފަތުގައި އިނގިލި ޖައްސައިލަމުން ހިމޭނުން ހުރުމަށް އިޝާރާތްކޮށްލިއެވެ. އެޔަށް ފަހު ކުޑަ ދޮރުން ބޭރަށް، ތިރިއަށް ބަލާން ފަށައިފިއެވެ. ދެތިން މުށެއްހައި ތިރިން އޭނާއަށް މޫނު ފޮރުވައިގެން އޮތް މީހަކު ފެނިއްޖެއެވެ.

އޭނާ މަޑުމަޑުން ބުނެލިއެވެ. [މަނިކުފާނަށް ވަޑައިގެންނެވުނީތީ ﷲ އަށް ޙަމްދު ކުރަމެވެ.]

މޫނު ފޮރުވައިގެން އޮތް މީހާ ޖަވާބެއް ނުދިނެވެ. އަބޫ ދާވޫދް ސުވާލުކޮށްލިއެވެ. [މަނިކުފާނުގެ އަރިހުގައި އެހެން މީހަކުވެސް އައިތޯއެވެ؟]

މޫނު ފޮރުވައިގެން އޮތް މީހާ ވަރަށް ހަލުވިކަމާއެކު މައްޗަށް އަރައި ކުޑަދޮރުން އެތެރެއަށް ވަދެއްޖެއެވެ. [އަނދިރިކަމުން ގަނޑުވަރުގެ މި ފަރާތް ހޯދަން އަޅުގަނޑަށް ވަރަށް ދަތިވިއެވެ. ލަސްވީ އެހެން ވެގެންނެވެ. މި ދިމާގައި ވަރަށް އޮއިވެސް ގަދައެވެ.]

އަބޫ ދާވޫދް ބުންޏެވެ. [މިއީ ވަރަށް ފިނި ރެއެއް ނޫންތޯއެވެ؟ އަވަހަށް ޖެހިގެން އެހެރަ ކޮޓަރިއަށް ވަޑައިގަންނަވާށެވެ.]

ބަދްރު ބިން މުޣީރާ މޫނުފުޅުގައި އޮތް ފޮށާ ނަންގަވައިފިއެވެ. [މި ކަހަލަ މޫސުންމޫސުމުގައި މިހެން އުޅެން އަޅުގަނޑަށް ހުންނަނީ އާދަވެފައެވެ.]

އަބޫ ދާވޫދް ބުންޏެވެ. [މަނިކުފާނު ވަޑައިގަންނަވާނޭ ކަމުގެ ޔަގީންކަން އަޅުގަނޑަށް އޮތެވެ.]

[މަނިކުފާނު އަޅުގަނޑަށް ގޮވައިލެއްވީ ފަރުޟަކާ ދިމާއަށް އަންނާށެވެ.]

[ހިންގަވާށެވެ. މިތާގައި މި ގޮތަށް ހުންނެވުން ރަނގަޅެއް ނުވާނެއެވެ.]

އަބޫ ދާވޫދާއެކު ވަޑައިގެން ބަދްރު ބިން މުޣީރާ ވެދެވަޑައިގަތީ ވަރަށް ތަނަވަސް ކޮޓަރިއަކަށެވެ. ކޮޓަރީގައި އަޅައިފައި އޮތީ އަގު ބޮޑު ދޫލައެކެވެ. ގޮނޑިތައް ވަނީ ރަނުން ޖަރީކޮށްފައެވެ. ބަދްރު ވަޑައިގެން ގޮނޑިކޮޅެއްގައި އިށީނދެވަޑައިގަތީމާ އަބޫ ދާވޫދް ބުންޏެވެ. [އަބޫ ދާވޫދް މަތީބުރީގެ ކޮޓަރިއެއްގައި، އަޅުގަނޑުގެ ނޯކަރަކާއެކު ރާޒުވާ ކުޅެން އެބަ އިނެވެ. މަނިކުފާނަށް ތިޔަ ވަޑައިގެންނެވުނީ ތަންކޮޅެއް ލަހުންނެވެ. އޭނާ މަޅީގައި ނުޖެހި ސަލާމަތް ވެފައި އެއިނީ ރާޒުވާ ކުޅެން އިނީމައެވެ. އެ ނޯކަރަކީ އިތުބާރު ކުރެވޭ މީހެއް ނޫނެވެ. އެކަމަކު އިރުއަރަންދެން ރާޒުވާ ކުޅުމުގައި އަބޫ ޢަބްދުﷲ މަޝްޣޫލު ކުރުވައިގެން އޭނާ އިންނާނެއެވެ. ގަނޑުވަރުގެ ހުރިހައި ނޯކަރުންނާއި ފާޜަވެރިންނަށް އެނގިފައި އޮންނާނީ އޭނާ ރާޒުވާ ކުޅެން އިންކަމެވެ. އެހެންވީމާ އިރުއަރަންދެންވެސް މިތާގައި އިންނެވިދާނެއެވެ. އޭނާ ހޯދަކަށް މީހަކު ނާންނާނެއެވެ. މިތާގައި އިންނަވާށެވެ. އަޅުގަނޑު ކޮންމެވެސް ގޮތަކުން ނޯކަރު ފޮނުވައިލާނަމެވެ. އޭގެ ފަހުން މައްޗަށް ވަޑައިގަންނަވާން މަނިކުފާނަށް ދަންނަވާނަމެވެ. އޭގެ ފަހުން ކަންތައް ކުރައްވާން ޖެހޭ ގޮތް މަނިކުފާނަށް އެނގިވަޑައިގަންނަވާނެއެވެ. މި ކޮޓަރިޔާ ޖެހިގެން ހުރި ކޮޓަރީގައި އަޅުގަނޑު ދެންނެވި ހަބުޝީ ޖައްލާދުންގެ ހަތަރު މީހުން ތައްޔާރަށް އެބަތިއްބެވެ. ބޭނުންފުޅު ވުމާއެކު ގެނެވޭ ގޮތަށެވެ. މިތާކު އެއްވެސް ނުރައްކަލެއް ނެތެވެ. އެހެންމީހާ ހިތްޕުޅު ހަމަޖައްސަވައިގެން އިންނަވާށެވެ.]

(3)

އަބޫ ދާވޫދް ކޮޓަރިން ނުކުމެގެން ހިނގައްޖެއެވެ. ބަދްރު ބިން މުޣީރާ ކޮޓަރިތެރެ ބައްލަވާން ފައްޓަވައިފިއެވެ. ކުއްލިއަކަށް އެއް ފަރާތަކުން ފިޔަވަޅުގެ އަޑު އިވިވަޑައިގެންފިއެވެ. އެނބުރި ބައްލައިލެއްވުމާއެކު އެއްވެސް ހަރަކާތެއް ނުކުރައްވައި ހުންނެވިއްޖެއެވެ. ކުރިފުޅުމަތީގައި އެހެރީ ރަބީޢާއެވެ. އޭނާޔާ ދިމާއަށް ބަލަހައްޓައިގެންނެވެ.

[ރަބީޢާ…] އޭނާއަށް ބޭއިޚްތިޔާރުގައި ވިދާޅުވެލެވުނެވެ.

ރަބީޢާ ބިރުން ހުރެގެން ކަހަލަ ގޮތަކަށް އަހައިލިއެވެ. [މިތަނަށް… މިތަނަށް ވަޑައިގެންނެވީ ކީއްވެގެންތޯއެވެ؟]

ރަބީޢާ ކަންބިޮޑޫވެފައި ހުރީ ކީއްވެގެންކަން ލަފާކުރައްވާކަށް ބަދްރަކަށް އެނގިވަޑައެއް ނުގަތެވެ. އެހެންވީމާ ހިނިތުންވެވަޑައިގެންފައި އައެްސަވައިލެއްވިއެވެ. [އަހަރެން މިތަނަށް އައުމަކީ ރަބީޢާ ނުރުހޭ ކަމަކީ ހެއްޔެވެ؟]

ރަބީޢާ ބޭއިޚްތިޔާރުގައި ކުރިއަށް ޖެހިލުމަށް ފަހު ބުނެފިއެވެ. [އަޅުގަނޑު ކޮންމެ ރެޔަކު ދެކޭ ހުވަފެނަކީ ތިޔައީއެވެ. އެކަމަކު މިއީ ހުވަފެނަކަށް ވާނޭ ނަމަ ކޮންފަދަތޯއެވެ؟ އެކަމަކު ކިހައިދެރަތޯއެވެ؟ މިއީ ނުބައި ހުވަފެނެއްގެ ނުބައި ތައުބީރެކެވެ. ﷲ އަށްޓަކައި ދަންނަވަމެވެ. އަވަހަށް މިތަނުން ވަޑައިގަންނަވާށެވެ.]

ކުޑަކޮށް ކަންބޮޑުވެވަޑައިގަތް ނަމަވެސް ބަދްރު އަނެއްކާވެސް ހިނިތުންވެވަޑައިގަންނަވާން މަސައްކަތް ކުރައްވަމުން ވިދާޅުވިއެވެ. [މިތާކު އަހަންނަކަށް އެއްވެސް ނުރައްކަލެއް ނެތެވެ. ރަބީޢާއަށް ނޭނގި އޮވެދާނެއެވެ. އަހަރެން މި އައީ ރަބީޢާގެ ބައްޕަގެ ދަޢުވަތަކަށެވެ.]

[އަޅުގަނޑަށް އެނގެއެވެ. އެންޖެލާ އަޅުގަނޑަށް ހުރިހައި ވާހަކައެއް ކިޔައިދީފިއެވެ. މަނިކުފާނު ތިޔަވަނީ ނުރައްކާތެރި ރޭވުމެއްގެ ޝިކާރައަކަށް ވެވަޑައިގެންފައެވެ. އަދިވެސް ވަގުތު އެބައޮތެވެ. ﷲ އަށްޓަކައި ދަންނަވަމެވެ. އަވަހަށް ސަލާމަތްވެވަޑައިގެން ވަޑައިގަންނަވާށެވެ.]

ބަދްރު ސުވާލުކުރެއްވިއެވެ. [މަތީބުރީގެ ކޮޓަރިއެއްގައި އަބޫ ޢަބްދުﷲ އެބައިން ހެއްޔެވެ؟]

[އެއީ ހައްތަހައިވެސް ދޮގެވެ. ދޮރު ބުޑުގައި ހުރެގެން އަޅުގަނޑު ހުރިހައި ވާހަކައެއް އަޑު އަހައިފީމެވެ. މި ކޮޓަރި މީގެ ކުރިން އެތެރެއިން ތަޅުލާފައި ނެތް ނަމަ އަޅުގަނޑު ފުރާނަޔާ ކުޅެގެން ނަމަވެސް ނުރައްކަލުގެ ޚަބަރު މަނިކުފާނަށް އެރުވީމުހެވެ.]

[އެކަމަކު ރަބީޢާގެ ބައްޕަ މިކަހަލަ ކަމެއް ކުރައްވަފާނޭ ކަމަށް ގަބޫލު…]

[ބައްޕައަކީ ކާކުކަން އަޅުގަނޑަށްވުރެ ބޮޑަށް މަނިކުފާނަކަށް އެނގިވަޑައެއް ނުގަންނަވާނެއެވެ. އަޅުގަނޑުމެން މަނިކުފާނުގެ ހިމާޔަތުގައި ތިބި ދުވަސްވަރު މަނިކުފާނަށް ކްރިސްޓިއަނުންގެ ބަޔަކު ހަމަލަދޭތަން ހުވަފެނަކުން ދުށް ވާހަކަ އަޅުގަނޑު ދެންނެވީމެއް ނޫންތޯއެވެ؟ ހަނދުމަފުޅު އެބަހުރިތޯއެވެ؟]

[އާނއެކެވެ. ހަނދާން އެބަހުއްޓެވެ.]

[އެއީ ހުވަފެނެއް ނޫނެވެ. އަޅުގަނޑަށް ބައްޕަގެ ރޭވުން އޮތް ގޮތް އެނގިގެން ދެންނެވި ވާހަކައެކެވެ. އެންޖެލާ އޭރުވެސް ހުރިހައި ވާހަކައެއް އަޅުގަނޑަށް ކިޔައިދެއެވެ.]

ބަދްރުގެ ތުންފަތްޕުޅަށް ހިތާމަވެރިކަމުގެ ހިނިތުންވުމެއް ވެރިވިއެވެ. [މިއީ ރޭވުމެއް ކަމަށްވާނަމަ ވަރަށް ފުރިހަމަ ރޭވުމެކެވެ. އެހެންވީމާ ފިލައިގެން ދިއުމުގެ ފުރުސަތެއް މިހާރަކު ނެތެވެ. އެލުވައިފައި އޮތް ހަރުގަނޑެއްވެސް މިހާރަކު ނޯންނާނެއެވެ. ހަމައެކަނި އެޔެއް ނޫނެވެ. ތިރީގައި މިހާރު އޭނާގެ މީހުންވެސް ފާރައަށް ތިބޭނެއެވެ. އެކަމަކު ރަބީޢާއެވެ. ގުދުރަތުގެ ރޭއްވެވުން އޮތީ އަހަރެންގެ ފަރާތުން ވަކި ކަމެއް ކުރުއްވަން ކަމުގައި ވަނީނަމަ އެއްވެސް މީހަކަށް އަހަންނަކަށް ދެވޭނޭ ގެއްލުމެއް ނޯންނާނެއެވެ.]

[އެ މީހުން އެތިބީ މަނިކުފާނުގެ ލޭފޮދަށް ފެންބޮވައިގެންފައެވެ.] ރަބީޢާގެ ލޮލުން ކަރުނަ ފައިބާން ފަށައިފިއެވެ.

[މަރުވެފައި އޮންނަ ގައުމަކަށް ޝަހީދުންގެ ލެޔާ ނުލައި ދިރުމެއް ނުލިބޭނެއެވެ. ރަބީޢާއެވެ. ދެން އޮތީ ކުޑަ ވަގުތޮޅެއް ކަމުގައި ވެދާނެއެވެ. އަހަރެން ދައްކަންވެފައި ހުރި ވަރަށް ގިނަ ވާހަކަ އެބަހުއްޓެވެ.]

ދުރުން ދެތިން މީހަކުގެ ފިޔަވަޅުގެ އަޑު އިވޭން ފަށައިފިއެވެ. ރަބީޢާއަށް ބޭއިޚްތިޔާރުގައި ކުރިއަށް ޖެހިލައި ބަދްރުގެ އަތްޕުޅުގައި ހިފައިލެވިއްޖެއެވެ. އަދި ގިސްލަމުން ބުނެލިއެވެ. [މާގިނަ ވާހަކަފުޅު ދައްކަވާކަށް ވަގުތެއް ނެތެވެ. ހަމައެކަނި މިހެން ވިދާޅުވާށެވެ. [ރަބީޢާއެވެ. ތިޔައީ އަހަރެންގެ މީހެކެވެ. އަހަރެން ރަބީޢާ ދެކެ ރުޅިއެއް ނާދެއެވެ.] އަޅުގަނޑު ދުރު ނުކުރައްވާށެވެ. އެމީހުންނަށް އެނގުނަ ދެއްވާށެވެ. އެ މީހުން އެ އަންނަނީ އަބޫ ޢަބްދުﷲ ގޮވައިގެން ކަމުގައި ވެދާނެއެވެ. އަޅުގަނޑު ގްރަނާދާގެ ރާނީގެ ތާޖު ދޫކޮށްލީ ކޮން ބޭފުޅަކަށްޓަކައިކަން އަބޫ ޢަވްދުﷲއަށް ފެނުނަ ދެއްވާށެވެ. ބަދްރެވެ. އަޅުގަނޑުގެ ބަދްރެވެ. މި ދަނޑިވަޅު ނައިނަމަ އުމުރު ހުސްވެގެން ދިޔަނަމަވެސް އަޅުގަނޑަށް ބަދްރު ދެކެ ލޯބިވާކަން ހާމަކުރަން ނުކެރުނީހެވެ. ބަދްރާއެކު ދިރިއުޅުމަކީ ހުރަސްތަކުން ފުރިފައިވާ ކަމެކެވެ. އެކަމަކު މަރުގެ ވަގުތުގައި ބަދްރާ އެކީ ހުރުމަކީ އެއްވެސް މީހަކަށް ހުއްޓުވޭނޭ ކަމެއް ނޫނެވެ.]

ކޮޓަރީގެ ދޮރު ހުޅުވިއްޖެއެވެ. އެތެރެއަށް ވަނީ އަބޫ ޢަބްދުﷲއާއި އަބޫ ދާވޫދާއި ހަތިޔާރުއެޅި ދިހަވަރަކަށް ސިފައިންގެ މީހުންނެވެ. ރަބީޢާ ފެނުނީމާ އަބޫ ދާވޫދް ކަންބޮޑުވެފައި ބުނެފިއެވެ. [ރަބީޢާއެވެ. މިތާގައި ތިޔަ ކުރަނީ ކީއްހެއްޔެވެ؟ އަވަހަށް ކޮޓަރިއަށް ދާށެވެ.]

ރަބީޢާ ފިޔަވަޅެއް ކުރިއަށް ޖެހިލިއެވެ. އަދި ރުޅިވެރިކަމާއެކު އޭނާގެ ބައްޕަޔާ ދިމާއަށް ބަލައިލާފައި ބުންޏެވެ. [ވިދާޅުވާށެވެ. އަޅުގަނޑަށް އޮތީ ކޮން އަދަބެއްތޯއެވެ؟ އަޅުގަނޑުމެން ދެމީހުން މިތިބީ އެއް އޮޑިއެއްގައެވެ. ގްރަނާދާއާމެދު ހެޔޮ ވިސްނުމެއްގައި ހުރުމަކީ ކުށެއް ކަމުގައިވާނަމަ އަޅުގަނޑަކީވެސް ކުށްވެރިއަކީމެވެ.]

އަބޫ ދާވޫދަކަށް ކިޔާނޭ އެއްޗެއް ނޭނގުނެވެ. އެންމެ ފަހުން ބުނެފިއެވެ. [ރަބީޢާއަށް ބައެއް ފަހަރު ސިކުނޑީގެ ބަލިމަޑުކަން ޖެހެއެވެ. މިކަމުން އަރައިގަތީމާ ކުރެވުނު ކަމެއް، ބުނެވުނު އެއްޗެއް ހަނދާނެއް ނުހުރެއެވެ. ބަލީގެ ތެރޭގައި ކޮންމެފަދަ ވާހަކައެއްވެސް ދައްކަފާނެއެވެ.]

ރަބީޢާ ޖަވާބުގައި ކޮންމެވެސް އެއްޗެކޭ ބުނާން އުޅުނެވެ. އެކަމަކު އަބޫ ދާވޫދު އޭނާގެ މުލައްދަނޑީގައި ހިފައި ދަމަމުން ގެންގޮސް ޖެހިގެން ހުރި ކޮޓަރިއަށް ވައްދައިފިއެވެ.

އަބޫ ޢަބްދުﷲ ކަންބޮޑުވެފައި އިރުކޮޅެއް ވާންދެން ބަދްރު ބިން މުޣީރާއާ ދިމާއަށް ބައްލަވާން ހުންނެވިއެވެ. އެޔަށް ފަހު ސިފައިންނަށް އިޝާރަތެއް ކޮށްލެއްވީމާ އެމީހުން އައިސް ބަދްރު ވަށައިލައިފިއެވެ. ބަދްރު އޭނާގެ ކަނޑިކޮޅު ދަންމަވައިގެންފައި އަބޫ ޢަބްދުﷲގެ ކުރިފުޅުމައްޗަށް އެއްލަވައިފިއެވެ. [އެންމެ މީހަކު ހައްޔަރު ކުރައްވާން މިހައި ގިނަ މީހުން ގެންނެވީ ކީއްކުރައްވަންތޯއެވެ؟]

އަބޫ ޢަބްދުﷲ ދެވަނަ ފަހަރަށް އިޝާރަތް ކޮށްލެއްވީމާ ސިފައިންގެ މީހަކު ބަދްރުގެ ކަނޑިކޮޅު ނަގައިފިއެވެ. [އަލްޙަމްރާއަށް ވެދެވަޑައިގަތުމަށްޓަކައި މި ކަހަލަ މޮޔަ ފިޔަވަޅެއް އަޅުއްވައިފާނޭ ކަމަކަށް އަޅުގަނޑު އެއްގޮތަކަށްވެސް ހިއެއް ނުކުރަމެވެ.]

ބަދްރު ވިދާޅުވިއެވެ. [އަލްޙަމްރާގެ ގަނޑުވަރުގައި ބުއްދިވެރިކަމުގެ މާނައަކީ މަކަރުހެދުމާއި އޮޅުވައިލުމާއި ފިނޑިކަން ކަމުގައި ވަނީ ނަމަ ތިޔަ ވިދާޅުވާ މޮޔަ ފިޔަވަޅަށްޓަކައި އަޅުގަނޑު ކުޑަކޮށްވެސް ދެރައެއް ނުވެއެވެ.]

އަބޫ ޢަބްދުﷲއަށް ޖަވާބުގައި ވިދާޅުވާނޭ އެއްޗެއް އެނގިވަޑައިނުގަތީމާ ވިދާޅުވެއްޖެއެވެ. [މިއީ ތިޔަ ކަހަލަ ވާހަކަދައްކާން ރަނގަޅު ތަނެއް ނޫނެވެ. ގަނޑުވަރުގައި މަނިކުފާނާ އެކަށީގެންވާ ކޮޓަރިކޮޅެއްގައި ވަރަށް ގިނަ ބަޔަކު އިންތިޒާރުގައި އެބަތިއްބެވެ. މަނިކުފާނުގެ ރައްކަލަކަށްޓަކައި އަޅުގަނޑުގެ ސިފައިންގެ އަމުރަށް ކިޔަމަންތެރިވެވަޑައިގަންނަވާނޭ ކަމަށް އުއްމީދު ކުރަމެވެ.]

ބަދްރު ބިން މުޣީރާ ކަނޑީގެ ބެލުމުގެ ދަށުގައި ދަންމަރުތަކުގެ އަލީގައި އެތައް ބެރެންޑާއެއް ކަޑައްތު ކުރެއްވުމަށް ފަހު ވަޑައިގެން ކަޅު ކޮޓަރިއަށް (ހުރަގެއަށް) ވެދެވަޑައިގެންފިއެވެ. ވަޑައިގަތް މަގުމަތީގައި ފެނިވަޑައިގަތް ސިފައިންނާއި ކަނޑިތަކުގެ ވިދުވަރުން ވިސްނިވަޑައިގަތީ އެންމެ ކަމެކެވެ. އެއީ ފިއްލަވައިގެން ގަނޑުވަރުން ނުކުމެވަޑައިނުގަންނަވާން ނިންމެވި ނިންމެވުމަކީ ރަނގަޅު ނިންމެވުމެއް ކަމެކެވެ.

(4)

[އަޅުގަނޑު ދޫކޮށްލައްވާށެވެ. ދޫކޮށްލައްވާށެވެ.] ރަބީޢާ މަސައްކަތް ކުރަމުން ގެންދިޔައީ އަބޫ ދާވޫދްގެ އަތްދަށުން ސަލާމަތްވާށެވެ.

އަބޫ ދާވޫދް ހަރުކަށިކަމާއެކު އޭނާ ދަމައިފައި ގެންގޮސް އެނދަށް އެއްލައިލިއެވެ. [މޮޔަ ކުއްޖާއެވެ. އަމިއްލަ އަބުރާމެދު ވިސްނާނަމަ އަހަރެންގެ ބޮލުގައި މިހިރަ ނުރައަށް ކޮންމެވެސް ވަރެއްގެ ގަދަރެއް ކުރާށެވެ. ގްރަނާދާގެ އެންމެ ގޮތްކުޑަ މީހާގެ ކުރިމަތީގައި އިސް އުފުލައިލާން ބައްޕައަށް ކެރޭވަރުވެސް ދަރިފުޅު ނުކުރީމެއް ނޫން ހެއްޔެވެ.]

ރަބީޢާ ތެދުވެއްޖެއެވެ. އަދި ކުއްލިއަކަށް ބައްޕަގެ ފައިދޮށަށް ތިރިވެއްޖެއެވެ. [ﷲ އަށްޓަކައި އޭނާގެ ފުރާނަ ސަލާމަތްކޮށް ދެއްވާށެވެ. އަޅުގަނޑަށްޓަކައި ނޫނިއްޔާ ގްރަނާދާއަށްޓަކައެވެ. ބައްޕަގެ އަމިއްލަ ދަރިފުޅަށްޓަކައި ނޫނިއްޔާ ގްރަނާދާގެ އަނިޔާ ލިބެމުންދާ އެތައް ލައްކަ ދަރިންނަށްޓަކައެވެ. އޭނާޔާ ދުވަހަކުވެސް ވާހަކަ ނުދައްކާން އަޅުގަނޑު ވައުދުވަމެވެ. އެހެންނޫނީ އަޅުގަނޑު އަލިފާނުގައި އަނދައިދާނަމެވެ. އަލްޙަމްރާގެ އެންމެ އުސް ބުރިޖުގެ މައްޗަށް އަރައި ބިންމައްޗަށް ފުންމައިލާނަމެވެ.]

އަބޫ ދާވޫދްގެ މޭގައި އޮންނަނީ ހިލަ ހިތެކެވެ. އެކަމަކު އެ ހިތުގައި އިންސާނިއްޔަތުކަމުގެ ކަންޏެއް އަދިވެސް މުޅީން ނުނިވި އެބަހުއްޓެވެ. އޭނާ ގަދައަޅައި މަސައްކަތް ކުރި ނަމަވެސް އެ ކަނި މުޅީން ނިއްވައެއް ނުލެވުނެވެ. އިންސާނިއްޔަތުކަމުގެ ރީތި ރާގުތައް ކުޅޭ ނަރުތައް ބުރިވެފައި ހުރި ނަމަވެސް އެއް ނަރު އަދިވެސް ބުރިނުވެ އެބަހުއްޓެވެ. އެ ނަރަކީ ރަބީޢާގެ ކަރުނައިން ކޮއްޓައިލެވޭވަރުގެ ނަރެކެވެ. ދުނިޔެއަށްޓަކައި އަބޫ ދާވޫދަކީ ވަރަށް ރަނގަޅު މީހެކެވެ. އެކަމަކު އޭނާއަކީ ކުޑަކުޑަ އަމިއްލަ އެދުމަކަށްޓަކައި އެއްވެސް ޖެހިލުމެއް ނެތި އެތައް ހާސް ބަޔަކު މަރުގެ އަނދަވަޅަކަށް ވައްޓައިލާ، ރަހުމު ކުޑަ މީހެކެވެ. އެހެންނަމަވެސް ރަބީޢާއަށްޓަކައި އެއީ ބައްޕައެކެވެ. އޭނާގެ ހުރިހައި ނުބައިކަމަކާއެކުވެސް ރަބީޢާގެ މައުސޫމު ހިނިތުންވުމުން އޭނާގެ ހިތުގައި ރޯކުރި އިންސާނިއްޔަތުކަމުގެ ބައްތީގެ ކަނިވެފައިވާ ހުޅުކޮޅު މުޅީން ނިއްވައެއް ނުލެވެއެވެ.

ރަބީޢާގެ މޫނުމަތީގައި ޖެހުމުގެ ނިޔަތުގައި އަބޫ ދާވޫދް އަތް އުފުލައިލިއެވެ. އެކަމަކު ލޯތްބާއި ކުލުނުގެ ނަރުތަކުގައި އޮޅި އަތަށް ހަރަކާތް ގެންނާކަށް ކުޅަދާނައެއް ނުވިއެވެ. ރަބީޢާގެ ކަރުނަ ފައިބަމުން ދިޔައީ އޭނާގެ ފައިތިލައަށެވެ. އޭނާ ފަހަތަށް ޖެހިލާން އުޅުނެވެ. އެކަމަކު ފައިތިލަ ހުރީ ބިންމަތީގައި ތަތްލައިފައި ކަހަލައެވެ. އޭނާ ގުދުވެފައި ރަބީޢާގެ ބޮލުގައި ފިރުމައިލިއެވެ. އަދި ދެ މުލައްދަނޑީގައި ހިފައި ކޮޅަށް ނެގޭތޯ މަސައްކަތްކުރާން ފަށައިފިއެވެ.

ބައްޕައާއި ދަރިފުޅު އެ ތިބީ އެކަކު އަނެކަކާ ކުރިމަތިލައިގެންނެވެ. ދަރިފުޅުގެ ކަރުނައިގެ ކުރިމަތީގައި ދިރިއުޅުމުގެ އެހެން ހުރިހައި އެއްޗަކީ އެއްވެސް އަގެއް ނެތް އެއްޗެކޭ އަބޫ ދާވޫދްގެ ހިތަށް އެރިއެވެ. އޭނާ ހިތާމަވެރި ރާގަކަށް ބުނެލިއެވެ. [ދަރިފުޅާ ރަބީޢާއެވެ. އޭނާގެ ލޯބީގައި ދަރިފުޅު ތިޔަހައި ވަރަށް މޮޔަވެފައިވާކަން ބައްޕައަށް އެނގިފައި އޮތްނަމައެވެ. ބައްޕަ އޭނާ ސަލާމަތް ކުރެވޭތޯ މަސައްކަތް ކުރާނަމެވެ. އެކަމަކު…]

ރަބީޢާ އާދޭހުގެ ރާގަކަށް ބުންޏެވެ. [ބައްޕާއެވެ. ބައްޕައަށް ކޮންމެ ކަމެއްވެސް ކުރެއްވިދާނެއެވެ. އޭނާ މަރުވުމަކީ ގްރަނާދާގެ ހަލާކުގެ ފެށުމަށް ވާނެއެވެ.]

[ގްރަނާދާއަށް ކޮންމެ ގޮތެއް ވިޔަސް ބައްޕައަށް ވަރިހަމައެވެ. ބައްޕަ ބޭނުންވަނީ ދަރިފުޅުގެ ކަރުނައިގެ އަގު އަދާކުރާށެވެ.]

މިހެން ބުނެފައި އަބޫ ދާވޫދް ކޮޓަރީގެ އެއް ފަރާތުގައި ހުރި އަލަމާރިއަކުން ކުޑަކުޑަ ފުޅިއެއް ނަގައިފިއެވެ. އެ ފުޅިން ދެތިން ތިކި ފެން ތަށްޓަކަށް ޖެހުމަށް ފަހު ތަށި ހިފައިގެން ރަބީޢާގެ ކައިރިއަށް އައިސް ހުއްޓިއްޖެއެވެ. [ދަރިފުޅުގެ ހާލު މިހާރަކު ރަނގަޅެއް ނޫނެވެ. މި ބޭސްތަށި ބޮއިލާށެވެ.]

ރަބީޢާ ތުރުތުރުއަޅާ އަތަކުން އެ ތަށި އަތުލުމަށް ފަހު ބައްޕަޔާ ދިމާއަށް ބަލައިލިއެވެ. [އަޅުގަނޑުގެ އެދުމެއް ފުއްދަވައިދެއްވާންވެސް ބައްޕަ ބޭނުން ކުރައްވާން އޮތް އެއްޗަކީ ޒަހަރު ކަމުގައި ވަނީނަމަ އަޅުގަނޑު އެވެސް އުފަލާއެކު މި ގަބޫލުކުރަނީއެވެ. ބައްޕަގެ މަރުވެފައިވާ އިހުސާސްތަކަށް ދިރުމެއް ގެންނާން އަޅުގަނޑުގެ މަރު ފުދޭނޭ ނަމަ ހާދަހާ ރަނގަޅެވެ. ގްރަނާދާގެ އިސްލާމުންގެ އެންމެ ފަހުގެ އެހީތެރިޔާ އެ މީހުންގެ އަތުން ޖަހައިނުގަންނާނޭ ނަމައެވެ.]

އެ ތަށި ތުންފަތާ ކައިރިކޮށްލަމުން ރަބީޢާ ބައްޕަގެ މޫނަށް ބަލައިލިއެވެ. އެވަގުތު ކުއްލިއަކަށް ކޮޓަރިތެރެއަށް ވަނީ އެންޖެލާއެވެ. އޭނާ ހަޅޭއްލަވައިގަތެވެ. [ދައްތާއެވެ. ކަލާނގެއަށްޓަކައި ބުނަމެވެ. ތިޔަ ތަށި ނުބޯށެވެ.] އޭނާ ދުވެފައި އައިސް އެ ތަށި ރަބީޢާގެ އަތުން އަތުލެވޭތޯ އުޅުނެވެ. އޭގެ ކުރިން ރަބީޢާ އެ ތަށީގައި ހުރި އެއްޗެއް ބޮއިލުމަށް ފަހު ތަށި ބިންމައްޗަށް އެއްލައިލިއެވެ. އަބޫ ދާވޫދްގެ ތުންފަތްމައްޗަށް މާނަވީ ހިނިތުންވުމެއް ވެރިވިއެވެ. އެންޖެލާއަށް ޖެހި ބުދެއްހެން އޭނާގެ ދައްތަޔާ ދިމާއަށް ބަލަހައްޓައިގެން ހުރެވިއްޖެއެވެ. ރަބީޢާ ފަތަހައިގެ ނަޒަރަކުން އޭނާގެ ބައްޕައާއި ކޮއްކޮއާ ދެމީހުންނާ ދިމާއަށް ބަލައިލިއެވެ.

[ދައްތާއެވެ. ތިޔަ ކުރީ ކީއްހެއްޔެވެ؟] އެންޖެލާ އޭނާގެ ދައްތަގެ ގައިގައި އޮޅުލައިގެންފިއެވެ. އަދި ބައްޕަޔާ ދިމާއަށް ބަލައިލައިފައި ތުރުތުރުއަޅާ އަޑަކުން ބުންޏެވެ. [އޭގެ ޒަހަރު ތަށްޓެއް އަޅުގަނޑަށްވެސް ދެއްވާށެވެ. އަޅުގަނޑުމެން ދެމީހުންވެސް އުފަންވީ ވިހަގަދަ ހަރުފައެއްގެ ގެއަށެވެ. އެހެންވީމާ ދެމީހުންގެ ނިމުން އަންނާން ޖެހޭނީ އެއްގޮތަކަށެވެ.]

[ކަލޭމެން ދެ ކުދިން ތިޔަ ތިބީ މޮޔަވެފައެވެ. ބައްޕަ ދައްތައަށް ދިނީ ނިދާ ބޭހެކެވެ. ބައްޕަ މިކުރާ މަސައްކަތުގައި އުފާވެރި، ރަނގަޅު ނަތީޖާއަކާ ހަމައަށް ދާންދެން ދައްޕަ ހަމަހޭގައި ނެތުމަކީީ އޭނާއަށް އެންމެ ރަނގަޅު ގޮތެވެ. ދެރަ ނުވާނީ އޭރުންނެވެ.]

މިހެން ބުނެފައި އަބޫ ދާވޫދް ރަބީޢާގެ މުލައްދަނޑީގައި ހިފައިގެން ގެންގޮސް އެނދުގައި ބައިންދައިފައި ކޮޓަރިން ނުކުމެއްޖެއެވެ. އޭނާއަށް ދެތިން ފިޔަވަޅު އެޅުނުތަނާ އެންޖެލާ ދުވެފައި ނުކުމެ އޭނާގެ އަތުގައި ހިފައިފިއެވެ. [ބައްޕާއެވެ. އޭނާ ސަލާމަތް ކުރައްވާށެވެ. އޭނަޔާ ނުލައި ދައްތައަކަށް ދިރިއެއް ނޫޅެވޭނެއެވެ.]

އަބޫ ދާވޫދް ހިތާމަވެރި ރާގަކަށް ބުންޏެވެ. [ދަރިފުޅާއެވެ. ބައްޕަ މި ގެންދަނީ ބައްޕަގެ އަތުން ދޫވި ކަށިތައް އެއްކުރަމުންނެވެ. މި މަސައްކަތުގައި ބައްޕަގެ މަގުސަދު ހާސިލުވުމުގެ ބަދަލުގައި އަތް ޒަޚަމްވުމަކކީ އެކަށީގެންވާ ކަމެކެވެ. ދައްތައަށް ރަނގަޅަށް ނިދެންދެން ދަރިފުޅު ދައްތަގެ ގާތުގައި އިންނާށެވެ. ބަދްރު ސަލާމަތް ވާނޭ ކަމުގެ ޔަގީންކަން ދައްތައަށް ދެވޭތޯ ބަލާށެވެ.]

[އަޅުގަނޑު ބޭނުންވަނީ އޭނާ ސަލާމަތް ކުރައްވަން ބައްޕައަށް ކުރެއްވޭން އޮތް ހުރިހައި ކަމެއް ކުރައްވާނޭ ކަމުގެ ޔަގީންކަން އަޅުގަނޑު ބޭނުމެވެ.]

އަބޫ ދާވޫދް ރުޅި އައިސްފައި ބުންޏެވެ. [އެންޖެލާއެވެ. ދާށެވެ. އަހަންނަށް އުނދަގޫ ނުކުރާށެވެ. ތިޔައީ ރަބީޢާގެ ކޮއްކޮއެވެ. އަހަރެން މިއީ އޭނާގެ ބައްޕައެވެ.]

އެންޖެލާ އެނބުރި ރަބީޢާގެ ކޮޓަރިއަށް އަތުވެއްޖެއެވެ. އޭނާ ހިތާހިތާ ކިޔަމުން ދިޔައެވެ. [ތިޔައީ ބައްޕައަކަށް ވާނެ ނަމައެވެ.]

އޭނާ އެނދުގައި އިށީނދެ ރަބީޢާގެ ގައިގައި ބައްދައިލިއެވެ. ރަބީޢާ އިނީ ކާލިއަޅާ ކަހަލަ ގޮތެއް ވެފައެވެ. ނިންޖާ ޖެހެނީއެވެ. އިރުކޮޅަކު އެހެން އިނުމަށް ފަހު އާފުރިލައިފައި އެންޖެލާގެ އުނގުގައި އޮށޯވެއްޖެއެވެ. [ކޮއްކޯއެވެ. އޭނާ ސަލާމަތް ވާނޭ ކަމުގެ އެއްވެސް އުއްމީދެއް އޮތްނަމަ އަހަންނަކަށް ބޭހެއް ނުދޭނެއެވެ.]

އެންޖެލާ އޭނާގެ ހިތްހަމަ ޖައްސައި ދިނުމުގެ ގޮތުން ބުނެލިއެވެ. [ސަރަހައްދީ ބާޒާ މެދު ވަކި ގޮތެއް ނިންމުމުގެ ކުރީން އެމީހުން އެތައް ފަހަރަކު ވިސްނާނެއެވެ. އޭނާއަށް ގޮތެއް ހަދައިފިއްޔާ ސިފައިން އަރައިގަނެ ގްރަނާދާ ފުނޑުފުނޑުކޮށްލާނެކަން އަބޫ ޢަބްދުﷲއަށް އެނގޭނެއެވެ.]

[އަބޫ ޢަބްދުﷲއަށް ތިޔަ ކަހަލަ އިހުސާސެއް ކުރެވޭނަމަ އޭނާގެ ބައްޕަޔާ ދެކޮޅަށް ބަޣާވާތްކުރީ ކީއްވެގެން ހެއްޔެވެ؟ އޭނާގެ އިންތިހާއަށް އަނިޔާވެރި ހާނީއްކަތަކާއެކުވެސް ގްރްނާދާއަށް އެއްވެސް ދެރައެއް ވާނެ ކަމެއް ކުރަން ބަދްރު ބޭނުން ނުވާނެކަންވެސް އޭނާއަށް އެނގޭނެއެވެ.]

[އެކަމަކު ގްރަނާދާގެ އާއްމު ރައްޔިތުން ތިބީ ސަރަހައްދީ ބާޒަށްޓަކައި ފުރާނައިން ގުރުބާންވާން ތައްޔާރަށެވެ. އޭނާއަށް ކުރިމަތިކުރާ ކުޑަކުޑަ ދަތިކަމެއްވެސް އެމީހުން ބަރުދާހެއް ނުކުރާނެއެވެ.]

ރަބީޢާ ބުންޏެވެ. [ކޮއްކޮ އަދި މާޅައީއެވެ. އާއްމުންގެ ނަޒަރުގެ ކުރިމަތީގައި އެހެރީ އަލްޙަމްރާގެ އުސް ފާރުތަކެވެ. އަލްޙަމްރާގެ ސިއްރުތައް އަލްޙަމްރާގައި ވަޅުލެވޭނީއެވެ.

[އެހެންވީމާ ގްރަނާދާގެ އަމީރުން އެ މީހުންނަށް ފަހުން ކުރިމަތިވާނޭ ނުރައްކަލަށް ބަލައިފައި އަބޫ ޢަބްދުﷲގެ ވިޔާނުދާ ގަސްތާ ދެކޮޅު ހަދާނެކަން އަހަންނަށް ޔަގީނެވެ.]

[ނޫނެކެވެ. ތިޔަކަން ވާނެ ކަމަށް ފެންނަނީ އެހެން ގޮތަކަށެވެ. އަބޫ ޢަބްދުﷲ އޭނާގެ ފުރާނައަށް ބިރުން އެ އަމީރުންގެ ބަސް އެހުމަކީ މާ ގާތް ކަމެކެވެ. އެމީހުން އެތިބީ އަމިއްލަ ފައިދާއަކަށްޓަކައި ގައުމު ވިއްކާލައިގެންނެވެ. ގްރަނާދާއަށް ހަމަލަދޭން ފެރްނާންދޯއަށް ނުކެރިގެން އުޅެނީީ އެންމެ ސަބަބަކާ ހުރެއެވެ. އެއީ ސަރަހައްދީ ބާޒު ދެކެ ގަންނަ ބިރެވެ. އޭނާ ޝަހީދު ކޮށްލެވުނީމާ އެމީހުންނަށް އޭނާގެ ލަޝްކަރުން ކކުރިމަތިވެދާނޭ ނުރައްކަލަކުން ސަލާމަތް ކޮށްދޭން ފެރްނާންދޯ އަންނާނެކަން އެ މީހުންނަށް އެނގެއެވެ.]

އެންޖެލާ މާޔޫސީއާއެކު ބުނެލިއެވެ. [ދައްތާއެވެ. ބައްޕަ އޭނާ ސަލާމަތްކުރާނެކަން ޔަގީނެވެ. އެކަމަކު ދިމާވާ ގޮތަކުން ބައްޕަގެ މަސައްކަތް ކާމިޔާބު ނުވެއްޖެނަމަ އަހަރެެމެން ހަދާނީ ކިހިނެއް ހެއްޔެވެ؟]

ރަބީޢާ ލޯ ހުޅުވައި ބަލައިލިއެވެ. އަދި ކުއްލިއަކަށް ތެދުވެ އިށީނދެއްޖެއެވެ. [ކޮއްކޯއެވެ. ދައްތަ މާޔޫހެއް ނުވަމެވެ. ދައްތަ އީމާންވަނީ އިބްރާހީމް ޢަލައިހިއްސަލާމް އަލިިފާނުން ނެރުއްވި ކަލާނގެއަށެވެ. ގަނޑުވަރުގައި އަންހެނުން އުޅޭ ބަޔަށް އަހަރެމެންނަށް ދެވިދާނެ ހެއްޔެވެ؟ އަބޫ ޢަބްދުﷲގެ އަނބިމީހާ އަހަރެމެންނަށް އެހީވާނެއޭ ދައްތަގެ ހިތަށް ވަރަށް ބޮޑަށް އެބައަރައެވެ. އޭނާ ބާޒަށް ވަރަށް ބޮޑަށް ގަދަރުކުރެއެވެ. މި ޚިޔާލު ކުރިން ދައްތަގެ ހިތަށް ނައީީ ކީއްވެގެން ހެއްޔެވެ؟]

އެންޖެލާ ބުންޏެވެ. [އަންހެނުން އުޅޭ ބައިގެ ދޮރު މި ވަގުތު ހުންނާނީ ތަޅުލައިފައެވެ. އެކަމަކު އަބޫ ޢަބްދުﷲ އަދި އެ އުޅެނީީ ދަރުބާރުގައެވެ. އެހެންވީމާ އެބައިގެ ފާރަވެރިންނާއި އިސް ފާރަވެރިޔާ އޭނާގެ އިންތިޒާރުގައި ހޭލައި ތިބޭނެއެވެ. އެބައިގެ ދޮރު ހުޅުވާން އަހަރެންގެ ކަރުގައި މި އޮތް ހާރުން ފުދޭނެއެވެ. ނުވަގުތެއްގައި ހޭލެއްވީތީ ރާނީއާއި އެހެން ބޭފުޅުން ކޯފާވާނޭ ކަމަކަށް ނުފެނެއެވެ. ބާޒު ހައްޔަރުކުރި ވާހަކައަކީ އެ ބޭފުޅުންނަށްވެސް ބޮޑު ޚަބަރަކަށް ވާނެއެވެ. އަވަހަށް ހިނގާށެވެ. މަންމަ މި ވަގުތު ނިދައިފައި އޮތްކަން ވަރަށް ރަނގަޅެވެ.]

ރަބީީޢާ އެނދުން ތެދުވެގެން ހިނގައިގެންފިއެވެ. އެކަމަކު ދެ ފިޔަވަޅު އެޅުނުތަނާ މޫނުމައްޗަށް ކުޑަކޮށް އަނދިރިވާގޮތް ވެއްޖެއެވެ. އަރި އަޅައިލީ ވަގުތު އެންޖެލާ ސަމާލު ވެލުމަށް ފަހު އޭނާ ގެންގޮސް އެނދުގައި ބާއްވައިފިއެވެ.

[ދައްތައަށް މިހާރު ބޭހުގެ އަސަރު ކޮށްފިއެވެ. މިތާގައި އޮންނާށެވެ. އަހަރެން ދާނަމެވެ. އަހަރެންގެ ކާމިޔާބީއަށް އެދި ދައްތަ ދުޢާ ކުރާށެވެ.

ރަބީޢާ ދެބަދޭތެރޭގެ ހާލަތެއްގައި އޮވެގެން އޭނާގެ ކަރުގައި އޮތް ހާރު ނަގައިފައި އެންޖެލާގެ އަތަށް ދީފިއެވެ. [މިވެސް ހިފައިގެން ދާށެވެ.]

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.