
(12 ޖުލައި 2021 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
އަންނާން އޮތް ނުރައްކަލުގެ އިހުސާސް ކުރެއްވުމާއެކު މުޣީރާ އަންދަލުސްގެ އެކި ދިމަދިމައިގައި މުޖާހިދުންގެ ޖަމާއަތްތައް ތައްޔާރު ކުރައްވާން ފަށްޓަވައިފިއެވެ. މި މަސައްކަތްޕުޅުގެ ތެރެއިން ކުރެއްވި އެއް ކަމަކީ މިނިވަން ސަރަހައްދުގެ ވެރިކަން ވަގުތީ ގޮތުން އެހެން މީހަކާ ހަވާލު ކުރެއްވުމަށް ފަހު ވިޔަފާރިއެއްގެ ސިފައަށް ސިފަ ބަދަލު ކުރައްވައިގެން އަންދަލުސްގެ ބޮޑެތި ސަހަރުތަކަށް ދަތުރުފުޅު ކުރެއްވުމެވެ. މި ދަތުރުފުޅުގައި ކޯރްދޮބާއާއި ސެބިއްޔާގައި އަޅުވެތިކަމުގެ ހިލިހިލާއިން ބަނދެވިފައި ތިބި މުސްލިމުން މުޣީރާގެ އަތްޕުޅުގެ މައްޗަށް ޖިހާދުގެ ބައިއަތު ހިފިއެވެ. އަދި ވަގުތު އައިސް ޖެހުމާއެކު ރަށުތެރޭގައި ކްރިސްޓިއަން ވެރިކަމާ ދެކޮޅަށް ބަޣާވާތުގެ ދިދަ އުފުލައިލާނޭ ކަމުގެ ޔަގީންކަންވެސް އެރުވިއެވެ. ދަތުރުފުޅުގެ ސަބަބުން މުޣީރާއަށް އެއްކަމެއް ފާހަގަ ކުރެއްވުނެވެ. އެއީ އަޅުވެތިކަމުގައި އެތައް އަހަރަކު ދިރިއުޅުމުގެ ސަބަބުން އިސްލާމްދީނަށްޓަކައި ދިރިއުޅުމާއި މަރުވެގަތުމުގެ ޖަޒުބާ ހިތުއަޅައިގެން ތިބި މުސްލިމުން ކްރިސްޓިއަން އަންދަލުސްގައި މަދުކަމެވެ. މުސްލިމުން އެމީހުންގެ ދީނާ ދުރު ކުރުމަށްޓަކައި ކްރިސްޓިއަން އަމީރުން ކުރަމުން ގެންދިޔަ މަސައްކަތް ބޮޑު މިންވަރަކަށް އޮތީ ކާމިޔާބު ކޮށްފައެވެ. ފެރްނާންދޯގެ ވެރިކަމުގައި މިހާރު ބާރުލާފައި ކުރަމުން ގެންދަނީ އެފަދަ މީސްމީހުން މުރުތައްދު ކުރުމުގެ މަސައްކަތެވެ. މުސްލިމުންގެ ދަރުސްގާހުތަކުގައި އަރަބި ބަސް ބޭނުން ކުރުން މަނާކޮށްފިއެވެ. އަރަބި ހެދުން އެޅުން މަނާކޮށްފިއެވެ. ދަރިން ކްރިސްޓިއަން މަދަރުސާތަކަށް ފޮނުވާން މައިންބަފައިންނަށް މަޖޫބުރު ކުރާން ފަށައިފިއެވެ. ކިރިޔާވެސް ލުޔެއް ލިބިދީފައި އޮންނަނީ ކްރިސްޓިއަން ދީން ގަބޫލުކުޅަ މީހުންނަށެވެ. ދީން ދޫނުކޮށް އިސްލާމްދީނުގެ މަތީގައި ދެމިތިބޭ މީހުންނަށް އަންގާފައި އޮންނަނީ އެނގޭ ކަހަލަ ފާހަގައެއް ފާޅުކޮށް ފެންނަ ގޮތަށް ހަށިގަނޑުގެ ނުވަތަ ލައިގެން ހުންނަ ހެދުމުގެ ކޮންމެވެސް ތަނެއްގައި ޖަހައިގެން އުޅޭށެވެ. އެފަދަ މީސްމީހުންނަށް ބާޒާރުމަތީގައި މަލާމާތްކުރުމާއި މައްލަވަ ކުރުން ވަނީ އާދައަކަށް ހަދައިފައެވެ. މި ދުއްތުރާލުގެ ސަބަބުން ނިކަމެތި މީސްމީހުން ބޭރުފުށުން ކްރިސްޓިއަނުންނަށް ވެގެން ގޭގައި ސިއްރިޔާތުގައި ނަމާދުކޮށް އުޅޭން ފަށައިފިއެވެ. ދީން ދޫނުކޮށް ތިބި މުސްލިމުންނަށް ދިމާވާ އެންމެ ބޮޑު ނުރައްކަލަކީ އަންދަލުސްގައި އުފެދުނު ގައުމީ ތަހުރީކެއްގެ ފަރާތުން ކުރިމަތިވާން ފެށްޓި ނުރައްކަލެވެ. އެ ތަހުރީކުން ގެންދިޔައީ އަސްލު އަންދަލުސްގެ މީހުންނާއި އަންދަލުސްގެ މީހުންގެ ގޮތުގައި ނުހިމެނޭ މީހުންނާ މި ދެބައިމީހުންގެ މެދުގައި ފިތުނައާއި އަރައިރުން އުފައްދައި ވަރުޖައްސަމުންނެވެ. އަންދަލުސްގެ ރައްޔިތުންނަށް ފަހުން ވެފައި ތިބި މީހުންނަކީ ބީރައްޓެހިން ކަމުގައި ދައްކައި އެފަދަ މީސްމީހުން ރަށުން ނެރެލާން ޖެހޭ ކަމަށް ވިސްނައިދެމުންނެވެ. އިސްޕޭނީ މުސްލިމުންނާއި އަރަބި މުސްލިމުންނާ ވަކިކޮށް ދެ ބައެއްގެ ގޮތުގައި ސިފަކޮށް ގަޑުބަޑު އުފައްދަމުންނެވެ. ކްރިސްޓިއަން ސަރުކާރަށް މި ހާލަތު ފެނި މިއީ ފައިދާ ހާސިލު ކުރެވިދާނޭ ކަމެއް ކަމުގައި ވިސްނިގެން އިސްޕޭނީ ރައްޔިތުންގެ މެދުގައި ވަތަނީ ރޫހު އާލާކުރުމުގެ މަސައްކަތް ފަށައިފިއެވެ. މިސްކިތްތަކާއި އާއްމު ތަންތާނގައި އަރަބި މުސްލިމުންނާއި ބަރްބަރީ މުސްލިމުންނާ ދެކޮޅަށް އެކި ބާވަތުގެ ވިހަ ވާހަކަ ފަތުރައި ފިތުނަ އުފައްދާން ފަށައިފިއެވެ. މިފަދަ ކަންތައްތަކާ ހެދި ނުފޮރުއްޕާން ވެގެން ބައެއް މުސްލިމުން މަޣްރިބަށް ހިޖުރަ ކޮށްފިއެވެ. އަދި ބައެއް މީހުން ގްރަނާދާއަށް ގޮސް އެތާނގައި ވަޒަންވެރި ވެއްޖެއެވެ.
މި ރަށްރަށަށް ކުރެއްވުނު ދަތުރުފުޅު ނިންމަވާފައި އެނބުރިވަޑައިގެންނެވި އިރު މުޣީރާ ހުންނެވީއަކީ މާ ބޮޑު އުއްމީދަކާއެކުގައެއް ނޫނެވެ. އޭނާގެ އަތްޕުޅުގެ މައްޗަށް ޖިހާދުގެ ބައިއަތު ހިފީ ތިރީސް ރަށުން ގާތްގަނޑަކަށް ހަތަރު ހާހެއްހައި މީހުންނެވެ. މިއީވެސް އެކަށީގެންވާ އަދަދެއް ކަމުގައި ބައްލަވައި މާޔޫސްވެވަޑައިނުގެން އޭނާ ގަސްތު ކުރެއްވީ އަންދަލުސްގެ ހުރިހައި ސަހަރަކަށް ޖިހާދުގެ މެސެޖު ފަތުރުއްވާށެވެ. ގްރަނާދާގެ އަޒުމު ވަރުގަދަ އަމީރަކު ބަޣާވާތުގެ ދިދަ އުފުއްލައިނުލަނީސް އައު މިނިވަން އަބީރަކަށް މުސްލިމުން ދެކެމުން އަންނަ ހުވަފެން ހަގީގަތަކަށް ނުހެދޭނޭ ކަމުގައިވެސް މުޣީރާއަށް ގަބޫލުފުޅު ކުރެއްވެއެވެ. އެންމެ ބޮޑު އުއްމީދަކީ ގްރަނާދާގެ ހިތްވަރުގަދަ ރަސްގެފާނު ކްރިސްޓިއަނުންނާ ދެކޮޅަށް ޖިހާދު އިއުލާނު ކުރެއްވުމެވެ. އެފަދަ ދުވަހެއް އަތުވެއްޖެ ނަމަ އޭނާގެ ސިހުން ކުޑަ ކެރޭ ފަހުލަވާނުން އެ ރަސްގެފާނުގެ ލަޝްކަރުގައި ބައިވެރިވާނެއެވެ. އެކަމަކު ކުރާނީ ކީއްތޯއެވެ؟ ގްރަނާދާގެ ރަސްކަން އޮތީ ވެރިކަމުގެ ދަހިވެތިކަމުގެ އުޑީގައި އާއިލީ ބޭފުޅުންގެ މެދުގައި އެނބުރިއެނބުރިއެވެ. މި ހުރިހައި ކަމެއް މިހެން ހުރި ކަމުގައި ވިޔަސް މުޣީރާ މުޅިއަކުން އުއްމީދު ކަނޑުއްވައެއް ނުލައްވައެވެ. ކުރިއެކޭ އެއް ގޮތަށް ސިފަ ބަދަލު ކުރައްވައިގެން ކޮންމެ އަހަރަކުވެސް އެކި ރަށްރަށަށް ދަތުރު ކުރައްވައި ޖިހާދީން ތައްޔާރު ކުރައްވަމުން ގެންދެވިއެވެ. ދަތުރުފުޅުތަކުން އެނބުރި ވަޑައިގެން ރަށުގައި ގާއިމުވެ ހުންނަވާ ދުވަސްވަރުވެސް އަންދަލުސްގެ އެކި ސަހަރުތަކުގައި ސިއްރިއްޔާތުގައި ހަރަކާތްތެރިވާ ޖަމާއަތްތަކަށް ސިޓީ ލިޔުއްވައި ހައްދަވައެވެ.
އެއް ދުވަހަކު މުޣީރާ އިންނެވީ ޖަންގަލި ތެރޭގައި ހަދާފައި ހުރި ކުޑަވަރެއްގެ ކިއްލާއެއްގައި އޭނާއަށް ޚާއްސަ ކުރެވިފައިވާ ކޮޓަރިކޮޅުގައި މަސައްކަތްޕުޅެއް ކުރައްވާށެވެ. އެ ވަގުތު ސިފައިންގެމީހަކު ވަދެ، ސަރަހައްދީ އިންމަތީން މީހަކު ހައެްޔަރު ކޮށްގެން ގެނެސްފައިވާ ވާހަކައާއި އެމީހާ އައީ ތޮލޭދޯއިން މުޣީރާއަށްޓަކައި އޮތް ޚާއްސަ މެސެޖަކާއިގެން ކަމުގައި ބުނާ ވާހަކަ ދަންނަވައިފިއެވެ. މުޣީރާގެ މަސައްކަތްޕުޅު ހުރި ގޮތުން އަދި ތޮލޭދޯއަކަށް ވަޑައެއްނުގަނެވެއެވެ. އެ މީހަކު ގެންނާށޭ ވިދާޅުވީމާ ސިފައިންގެމީހާ ނުކުމެގެން ގޮސްފައި އެމީހާ ގޮވައިގެން އަތުވެއްޖެއެވެ. އޭރު ބަދްރުގެ އުމުރުފުޅުން ވަނީ ސާދަވަރަކަށް އަހަރެވެ. ބައްޕާގެ އަރިހުގައި އޭނާވެސް އިންނެވިއެވެ.
ބީރައްޓެހިމީހާ އެކި ދިމަދިމާއަށް ނަޒަރު ހިންގައިލުމަށް ފަހު ދެންނެވިއެވެ. "އަޅުގަނޑު ބޭނުން ވަނީ މަނިކުފާނާ އެކަހެރިކޮށް ވާހަކަ ދައްކައިލާށެވެ."
ސިފައިންގެމީހާ ބޭރަށް ދާން އިޝާރާތުން އެންގެވުމަށް ފަހު މުޣީރާ ވިދާޅުވިއެވެ. "ދެން ވާހަކަދައްކާށެވެ."
ބީރައްޓެހިމީހާ ބަދްރާ ދިމާއަށް ބަލާން ފެށީމާ މުޣީރާ ވިދާޅުވިއެވެ. "މީނާޔާ މެދު ކަންބޮޑުވާނެ ކަމެއް ނެތެވެ. މިއީ އަހަރެންގެ ދަރިފުޅެވެ."
ބީރައްޓެހިމީހާ ޖީބުން ސިޓީއެއް ނަގައި މުޣީރާގެ އަތްޕުޅަށް އަރުވައިފިއެވެ.
ސިޓީ ވިދާޅުވެ ނިންމެވުމަށް ފަހު މުޣީރާ ވިސްނުންފުޅެއްގެ ތެރެއަށް ގެއްލިވަޑައިގެންފިއެވެ. ޚާއްސަ ގޮތެއްގައި އެ ސިޓީގެ އެންމެ ފަހު ވާހަކައަކީ ފިކުރުފުޅު ކުރައްވާން ޖެހިވަޑައިގަތް ވާހަކައެކެވެ. "ތޮލޭދޯގައި މަނިކުފާނުގެ އިންތިޒާރުގައި ދިހަހާސް މުޖާހިދުން އެބަތިއްބެވެ. މިހައިތަނަށް މި ރަށަށް ދަތުރުފުޅެއް ނުކުރައްވައި ހުންނެވީތީ އަޅުގަނޑު މި ހުންނަނީ ހައިރާންވެފައެވެ. އަންދަލުސްގެ އެހެން ސަހަރުތަކުގެ މުސްލިމުންނަށް ލިބޭ އަނިޔާއަށްވުރެ ތޮލޭދޯގެ އަހުލުވެރިންނަށް ލިބޭ އަނިޔާ މާ ބޮޑެވެ. އަނިޔާވެރިކަމުގެ ގިނީގައި އަނދައި ހުލިވެގެން ދިއުމުގެ ބަދަލުގައި މަނިކުފާނުގެ ދިފައިގެ ދަށުގައި ހިތްވަރާއެކު މަރުވެގެން ދިއުން ރަނގަޅު ކަމުގައި ދެކޭ އެތައް ހާސް ބަޔަކު މި ރަށުގައި އެބައުޅެއެވެ."
މުޣީރާ އެ ބީރައްޓެހިމީހާޔާ ދިމާއަށް ފުންކޮށް ބައްލަވައިލެއްވުމަށް ފަހު ވިދާޅުވިއެވެ. "އަހަރެން ވަރަށް އަވަހަށް އެބަ އަންނަމޭ ބުނާށެވެ."
އެޔަށް ފަހު ސިފައިންގެ ދެތިން މީހަކު ގެންނެވުމަށް ފަހު އެ މީހާ ސަލާމަތުން ސަރަހައްދީ އިމާ ހަމައަށް ގެންގޮސްދޭން އަންގަވައިފިއެވެ.
(4)
ރޭގަނޑުގެ ތިންވަނަ ދަމަށް އަޅައިގެންފިއެވެ. މުޣީރާ އެނދުދާންކޮޅުން ތެދުވެވަޑައިގެން ރާހިބެއްގެ ސިފައަށް ސިފަ ބަދަލު ކުރައްވަނީއެވެ. ސިފައިންގެ މީހަކު އެތެރެއަށް ވަދެ އަސްކޮޅު ތައްޔާރަށް އޮތް ވާހަކަ ދަންނަވައިފިއެވެ.
މުޣީރާ ވިދާޅުވިއެވެ. "މި އަންނަނީއެވެ."
ސިފައިންގެމީހާ ނުކުމެގެން ހިނގައްޖެއެވެ. މުޣީރާ ބައްތީގެ އަލީގައި މަޑުމަޑުން ވަޑައިގެން ދަރިކަލުންގެ އެނދުދާންކޮޅުގެ ކައިރީގައި ހުއްޓިވަޑައިގެންފިއެވެ. އަދި ދަރިކަލުންގެ މައުސޫމު މޫނުފުޅަށް ބައްލަވާން އިރުކޮޅަކު ހުންނެވުމަށް ފަހު ގުދުވެވަޑައިގެން ނިތްކުރިފުޅުގައި ބޮސްދެއްވިއެވެ. އެވަގުތު ބަދްރު ލުއި ކިނބިހިފުޅެއް އެޅުއްވުމަށް ފަހު ލޯފުޅު ހުޅުވައިލެއްވިއެވެ. "އަޅުގަނޑު މި އޮތީ ކޮން ތަނެއްގައިތޯއެވެ؟" ކުޑަކޮށް ބިރުފުޅުގެންފައި ސުވާލު ކުރައްވައިފައި ތަންކޮޅެއް ބާރަށް ވިދާޅުވިއެވެ. "ބައްޕާ!"
ބަދްރު ބައްޕާފުޅުގެ ގައިގައި އޮޅުލައިވަޑައިގެންފައި ވިދާޅުވިއެވެ. "ބައްޕާ. ބައްޕާ. ބައްޕަ ގިނިކަންޏާ ވަޑައިގަތަ ނުދޭނަމެވެ. އަޅުގަނޑުވެސް ބައްޕަ އަރިހުގައި ދާނަމެވެ."
"ކިހިނެއްވީހެއްޔެވެ؟" މުޣީރާ ދަރިކަލުން މޭފުޅުގައި ޖައްސަވައިލެއްވިއެވެ.
"އަޅުގަނޑަށް ވަރަށް ބިރުވެރި ހުވަފެނެއް ފެނުނީއެވެ. ފެނުނީ އަޅުގަނޑުމެން ދެމީހުންގެ ފަހަތުން ހިޔަޅުތަކެއް އަންނާތީއެވެ. ބައްޕަ ފަހަތުގައި ހުންނަވަނިކޮށް އެ ހިޔަޅުތައް އައިސް ޖަހައިގަންނަ ތަނެވެ. ބައްޕަ ސަލާމަތް ކުރެވޭތޯ ފަހަތަށް ޖެހެން އަޅުގަނޑު އުޅުނީމާ ބައްޕަ ވިދާޅުވީ ދަރިފުޅާއޭ އަވަހަށް ދުވެ ފިލާށޭއެވެ. މި ފަހަރު ބައްޕަ ވަޑައިގަންވަންޏާ އަޅުގަނޑުވެސް އަރިހުގައި ދާނަމެވެ."
"ދަރިފުޅާއެވެ. ނޫނެކެވެ." މުޣީރާ ހިތާމަވެރި ރާގަކަށް ވިދާޅުވިއެވެ.
ބަދްރު ވިދާޅުވިއެވެ. "ބައްޕާއެވެ. ގްރަނާދާއަށް ވަޑައިގަންނަވާއިރު އަޅުގަނޑު ގެންދަވާނަމޭ މި ދިޔަ އަހަރު ބައްޕަ ވިދާޅުވީމެއް ނޫންތޯއެވެ؟"
"ދަރިފުޅާއެވެ. ބައްޕަ މި ދަނީ ގްރަނާދާއަކަށް ނޫނެވެ. މި ދަނީ ތޮލޭދޯއަށެވެ. އެތަނަށް ދަރިފުޅު ހިނގައްޖެއްޔާ ނުރައްކާތެރި ހާލަތެއް މެދުވެރި ވެދާނެތީ ބައްޕަ ބިރުގަނެއެވެ."
"ބައްޕާއެވެ. އަޅުގަނޑަކީ ފިނޑިއެއް ނޫނެވެ."
"ދަރިފުޅާއެވެ. މި ދަނީ ހަނގުރާމައިގެ މައިދާނަކަށް ކަމުގައި ވީނަމަ ދަރިފުޅު ގެންދިޔައީމުހެވެ. ތޮލޭދޯއަށް ދާއިރު އެންމެ ރަނގަޅު ގޮތަކީ ބައްޕަ އެކަނި ދިއުމެވެ."
"އެކަމަކު ބައްޕަ ވަޑައިގަންނަވާނީ ގިނިކަންޏާ ނޫންކަން އަޅުގަނޑަށް ޔަގީނެވެ."
"ދަރިފުޅަށް އެކަން އެނގުނީ ކިހިނެއް ހެއްޔެވެ؟"
"ހުވަފެނުގެ ސަބަބުންނެވެ. އަޅުގަނޑުގެ ހުވަފެނަކީ ދޮގު ހުވަފެނެއް ނޫނޭ ޚުދު ބައްޕަވެސް ވިދާޅުވަމެއް ނޫންތޯއެވެ؟"
މުޣީރާ ކުޑަކޮށް ވިސްނަވައިލެއްވުމަށް ފަހު ވިދާޅުވިއެވެ. "ދަރިފުޅުގެ ހުވަފެނުގެ ތައުބީރާ މެދު ވިސްނައިލާށެވެ. ދެބަފައިން އެކީގައި ދަތުރު ކޮށްފިއްޔާ ހިޔަޅުތަކާ ދިމާވާނެއެވެ."
ބަދްރުވެސް ވިސްނަވައިލެއްވިއެވެ. "ބައްޕަ އެނބުރި ވަޑައިގަންނަވާނީ ކިހައި ދުވަހަކުންތޯއެވެ؟"
މުޣީރާ ވިދާޅުވިއެވެ. "އަންނަ މަހަށް ހަނދުބެލުމުގެ ކުރިން އަންނާނަމެވެ. ދިމާވާ ކަމަކާ ހެދި ބައްޕަ އައުން ލަސްވިޔަސް ބައްޕާ ހޯދާށޭ ކިޔާފައި ދަރިފުޅު ދަތުރަށް ނުނުކުންނައްޗެވެ. ބައްޕަ ނެތިއްޔާ މި ޖަންގަލީގެ ކަންތައް ބަލަހައްޓާނޭ މީހަކީ ދަރިފުޅެވެ. ދަރިފުޅު ވާޖިބު އަދާ ކުރުމުގައި ފަރުވާ ކުޑަ ނުކުރާނޭކަން ބައްޕައަށް ޔަގީނެވެ. ދަތުރަށް މި ނުކުންނަނީ އެ ހިތްހަމަޖެހުމާ އެކީގައެވެ. ދަރިފުޅު ބައްޕަ ހޯދާށޭ ކިޔާފައި ދަތުރު ފަށައިފިއްޔާ ބައްޕަގެ އަމުރަށް ނުކިޔަމަންތެރިވީ ކަމުގައި ބަލާނަމެވެ."
(5)
އެއް މަސްދުވަސް ފާއިތު ވެގެން ހިނގައްެޖެއެވެ. މުޣީރާ ދަތުރުފުޅު ނިންމަވާފައި ވަޑައެއް ނުގަތެވެ. އޭނާ ހަފުތާއެއްހައި ދުވަހަށް ވަޑައިގަންނަވާ ދަތުރުފުޅުތައް ބައެއް ފަހަރު އެތައް މަހަކަށް ދިގުލައިގެން ދެއެވެ. އެހެންވީމާ މި ފަހަރު ލަސްވެވަޑައިގަތީމާވެސް އެއީ މާ ބޮޑު ކަމަކަށް ބަޔަކު ނުބަލައެވެ. އެކަމަކު ބަދްރު ހުންނެވީ ކަންބޮޑުވެވަޑައިގެންފައެވެ. ދުވަސް ވާވަރަކަށް ކަންބޮޑުވެވަޑައިގަތުން ދިޔައީ ބޮޑުވެސް ވަމުންނެވެ. އެންމެ ފަހުން އެއް ދުވަހަކު މަޝްވަރާ މަޖިލިސް އެއް ކުރެއްވުމަށް ފަހު ބަދްރު ހުށަހެޅުއްވީ ބައްޕާފުޅުގެ ޚަބަރެއް ބަލައިލާން ހުސިޔާރު ޖާސޫސަކު ފޮނުވާށެވެ. މަޖިލީހަށް ފެނުނު ގޮތުގައި އޭގެ ކުރިން ކުރަން ޖެހޭ އެންމެ މުހިއްމު ކަމަކީ މުޣީރާއަށް އެ ދަތުރުފުޅުގެ ދައުވަތު އެރުވި މީހަކީ ކާކުތޯ ބެލުމެވެ. ބަދްރު އަލަމާރިއެއް ހާއްވަވައިގެން ތޮލޭދޯއަށް ވަޑައިގަންނަވާން މުޣީރާއަށް ދައުވަތުގެ ގޮތުގައި ލިބިވަޑައިގަތް ސިޓީފުޅު ހޯއްދަވައިފިއެވެ. ސިޓީ ލިޔުނު މީހާގެ ނަން ނުޖެހި އެތައް ސަބަބެއްގެ ވާހަކަ ލިޔުމަށް ފަހު އެ ސިޓީގައި ލިޔެފައި އޮތެވެ. "މަނިކުފާނުގެ ހަނދުމަފުޅަށް ތަންކޮޅެއް ބާރު ލައްވަނިކޮށް އަޅުގަނޑު މިއީ ކާކުކަން އެނގިވަޑައިގެންފާނެއެވެ. އަޅުގަނޑަށް މަނިކުފާނުގެ ފައިންޕުޅު ފެނުނީ ސެބިއްޔާގެ މެހުމާނުގެއަކުންނެވެ. އަސްކޮޅަށް ސަވާރުވެވަޑައިގަތުމުގެ ކުރިން މަނިކުފާނު ނަންފުޅު އަޅުގަނޑު ގާތު ވިދާޅުނުވީކަން ވަރަށް ދެރައެވެ. މަނިކުފާނާ ވާހަކަ ދައްކައިލާނޭ ފުރުސަތެއް އަޅުގަނޑަކަށް ނުލިބުނެވެ. ލިބުނު ނަމަ އަޅުގަނޑުމެން ދެމީހުންގެ މަދުސަދަކީ އެއް މަގުސަދެއްކަން މަނިކުފާނަށް ސާބިތުކޮށް އެރުވީމުހެވެ. އަޅުގަނޑަށް އެއްޗެކޭ ދެންނެވުމުގެ ކުރިން މަނިކުފާނު އަސްކޮޅު ދުއްވަވާލައްވައިފިއެވެ. މަނިކުފާނުގެ ފަހަތްޕުޅުން އަޅުގަނޑު ނުދިޔައީ އަޅުގަނޑުގެ މައްޗަށް ޝައްކެއް ކުރައްވައިފާނެތީއެވެ. ތޮލޭދޯއަށް ވަޑައިގަތުމުގައި ނުރައްކަލެއް އޮތް ކަމުގައި މަނިކުފާނަށް ފެނިވަޑައިގަންނަވަނީނަމަ އަޅުގަނޑު މިހިރީ މަނިކުފާނުގެ ފައިންޕުޅު ދެކޭން އަންނާން ތައްޔާރަށެވެ. އެކަމަކު އެއީ މަނިކުފާނު ތޮލޭދޯއަށް ވަޑައިގަންނަވާން އަޅުގަނޑު ދައުވަތު މި އަރުވާ މަގުސަދު ހާސިލު ކުރެވޭނޭ ކަމެއް ނޫނެވެ. ތޮލޭދޯއަށް ވަޑައިގެން އަޅުގަނޑު ހޯއްދަވާނޭ ގޮތް ދަންނަވައިލާނަމެވެ. މި ރަށުގެ އިރުމަތީ ދޮރާށީގެ ބޭރުގައި މެހުމާނުގެއެއް ހުންނާނެއެވެ. އެތާނގެ ވެރިޔަކީ އިސްކޮޅުން ކުރު މީހެކެވެ. އެމީހާގެ ތިރީ ދަތްޕިލާގެ ދެ ދަތް ހުންނާނީ ބިނދިފައެވެ. މި ވަޑައިގަތީ ނުދަންނަ އެކުވެރިޔަކާ ބައްދަލު ކުރައްވާށޭ އޭނާ ގާތު ވިދާޅުވާށެވެ. އޭނާ މަނިކުފާނު އަޅުގަނޑާ ހަމައަށް ގެންނާނެއެވެ. އަޅުގަނޑާ ބައްދަލު ކުރެއްވުމުގެ ކުރިން މަނިކުފާނު އަޅުގަނޑާ ބައްދަލު ކުރައްވާ ބޭނުންފުޅުގެ ވާހަކަ އެއްވެސް މީހަކު ގާތު ވިދާޅުނުވުން އެދެމެވެ."
(ނުނިމޭ)