އަންދަލުސްގެ ބާޒު – 12

(21 ނޮވެމްބަރ 2025 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ރަބީޢާގެ ކަންބޮޑުވުން

(1)

ރަބީޢާއަށް ލޯ ހުޅުވައިލެވުނު އިރު މުޅި ގައިގަޔާއި ބޮލުގައި ރިއްސައެވެ. ކުޑަ ދޮރުން އެތެރެއަށް ވަދެފައިވާ އަލިކަމަށް ބަލައިލީމާ މެންދުރު ނަމާދު ވަގުތު ފާއިތުވާން ގާތް ވަނީކަން އެނގިއްޖެއެވެ. އޭނާ ތެދުވެގެން ގޮސް ވުޟޫކޮށްގެން އައިސް ނަމާދުކުރުމަށްފަހު އަނެއްކާވެސް އެނދުގައި އޮށޯވެއްޖެއެވެ.

މީގެ އެއް ދުވަސް ކުރީން ބަޝީރް ޙަސަން ވަޑައިގެން ރަބީޢާގެ ފައިގެ އޮއްޓު ނައްޓަވައިލެއްވުމަށް ފަހު ކުޑަކޮށް ހިނގައި އުޅެން ފެށްޓީމާ ފައިގައި މިހާރު ހުރި ތަދު ފިލައިފާނޭ ކަމަށް ވިދާޅުވިއެވެ. އަދި ކިއްލާއިން ބޭރަށް ނުކުމެ ތަންކޮޅެއް ދުރަށް ހިނގައިލުން މާ ރަނގަޅު ވާނޭ ކަމަށާއި ތާޒާ ވައިގެ ތެރޭގައި ހިނގައި އުޅުނީމާ ފަސޭހަވުން އަވަސް ވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ގާޑިޔާ ދުއްވާމީހާ ފުރުވައިލާފައި އަބޫ ދާވޫދް އައިސް ކޮޓަރިއަށް ވަދެފައި ބުންޏެވެ. [ރަބީޢާ ދަރިފުޅާއެވެ. އަދިވެސް ނިދަނީ ހެއްޔެވެ؟ ކޮއްކޮޔާއެކު ބޭރަށް ނުކުމެ ކުޑަކޮށް ހިނގައިލާފައި އަންނާށެވެ. މާރިޔާވެސް ދެ ކުދިންނާއެކު ދާށެވެ.]

އަބޫ ދާވޫދްގެ ވާހަކައަށް ރަބީޢާ އެއްވެސް ޖަވާބެއް ނުދިނީމާ އެންޖެލާ ބުނެފިއެވެ. [ދައްތަގެ ހާލު މުޅިއަކުން ރަނގަޅު ހެންނެއް ހިޔެއް ނުވެއެވެ. މަންމާއެވެ. ދެ މީހުން ބުރެއް ޖަހައިލަން ހިނގާށެވެ.]

އަބޫ ދާވޫދް އަހައިފިއެވެ. [ދަރިފުޅާ ރަބީޢާއެވެ. ކިހިނެއް ވީ ހެއްޔެވެ؟ ޙާލު ރަނގަޅު ހެއްޔެވެ؟]

ރަބީޢާ ބައްޕަޔާ ދިމާއަށް ބަލައިވެސް ނުލައި އޮވެ، ހިތާވެރި ރާގަކަށް ބުންޏެވެ. [އަޅުގަނޑުގެ ހާލު ރަނގަޅެވެ.]

[ނޫނެކެވެ. ދަރިފުޅުގެ ލޯވެސް ތިޔަހަރީ ރަތްވެފައެވެ.]

[އަޅުގަނޑުގެ ގައިގައި ރިއްސަނީއެވެ.]

އަބޫ ދާވޫދް ރަބީޢާގެ ވިންދު ބަލައިލިއެވެ. [ހުން އައީކަން ނޭނގެއެވެ. ބައްޕަ ހަމަ މިހާރު ޑަކްޓަރަށް އަންގާނަމެވެ.]

ރަބީޢާ ބުންޏެވެ. [ނޫނެކެވެ. އަޅުގަނޑުގެ ޙާލު މުޅީން ރަނގަޅެވެ. ޑަކްޓަރު ގެންނަވާނޭ ކަމެއް ނެތެވެ. ބައްޕާއެވެ. އަޅުގަނޑު ބޭނުންވަނީ ހަމަ މިހާރު ގްރަނާދާއަށް ދާށެވެ.]

[ދަރިފުޅަށް ރަނގަޅަށް ހިނގައިގަނެވެންދެން އަހަރެމެންނަށް ޖެހޭނީ މިތާގައި ތިބޭށެވެ.] މިހެން ބުނެފައި އަބޫ ދާވޫދް ކޮޓަރިން ނުކުމެގެން ހިނގައްޖެއެވެ. ކުޑަ އިރުކޮޅެއް ފަހުން އެނބުރި އައީ ބަޝީރް ބިން ޙަސަން ގޮވައިގެންނެވެ.

ބަޝީރް ރަބީޢާގެ ވިންދު ބައްލަވަމުން، އޭނާގެ މޫނަށް ކަޅިއެއް އެއްލަވައިލެއްވިއެވެ. [ރޭ އަވަހާރަފުޅު ނުލައްޕަވައި އޮންނެވިހެން ވަރަށް ބޮޑަށް ހީވެއެވެ.]

އަބޫ ދާވޫދާއި، މާރިޔާއާއި އެންޖެލާއާ ތިން މީހުން އެކަކު އަނެކެއްގެ މޫނަށް ބަލައިލިއެވެ. އެ މީހުން ރޭ ދެއްކި ވާހަކަތައް ރަބީޢާއަށް އަޑު އިވުނީ ނޫން ބާވައޭ ތިން މީހުންގެވެސް ހިތަށް އެރިއެވެ.

[ނޫނެކެވެ. ރޭ އަޅުގަނޑަށް ވަރަށް ރަނގަޅަށް ނިދުނެވެ. ހޭލެވުނީ މިއަދުއެވެ. ހޭލެވުނު އިރު ވަރަށް ބޮޑަށް ބޮލުގައި ރިއްސައެވެ.]

[މާ ގިނައިރު އަވަހާރަފުޅު ލެއްޕެވީމާ ވީ ގޮތެއް ކަމުގައި ވެދާނެއެވެ. އަޅުގަނޑު ބޭސް ފޮނުވާނަމެވެ. ހަވީރު ބޭރަށް ނުކުމެވަޑައިގެން ކުޑަކޮށް ހިންގަވައިލައްވާށެވެ. ތިޔަހެން އެއް ތަނެއްގައި މާ ގިނަ ދުވަހު އޮންނެވުމަކީ ހަށިކޮޅަށް ގެއްލުން ވާނޭ ކަމެކެވެ.]

އަބޫ ދާވޫދް ހަމަޖެހުމުގެ ނޭވައެއް ލިއެވެ. [އަޅުގަނޑުގެ އަންހެނުންވެސް އުޅެނީ ބޮލުގައި ރިއްސާތީއެވެ.]

ބަޝީރު މާރިޔާގެ ވިންދު ބައްލަވައިލެއްވިއެވެ. [ކަމަނާ މާ ކުޑައިރުކޮޅަކު އަވަހާރަފުޅު ލެއްޕެވީއެވެ. ނުވަތަ ރަބީޢާ ފަދައިން މާ ގިނައިރު އަވަހާރަފުޅު ލެއެްޕެވީތާއެވެ. ހެނދުނާ ހަވީރު ހިންގަވާން ފެއްޓެވީމާ ތިޔަ ކަހަލަ ތަދުފުޅެއް ނުހުންނާނެއެވެ.]

[އަޅުގަނޑަށް ހަމަ ރަނގަޅަށްވެސް މާ ގިނައިރު ނިދުނީއެވެ.]

ބަޝީރު ވިދާޅުވިއެވެ. [އަޅުގަނޑު ބޭސް ފޮނުވާނަމެވެ. އަވަހާރަފުޅު ލައްޕަވާން އުނދަގޫފުޅުވަންޏާ އެއިން ބޭސްގުޅައެއް ފަރީއްކުޅުއްވާށެވެ.]

ހަވީރު އަތަށް އަޅައިގަތްއިރު ރަބީޢާގެ ހާލުވެސް ރަނގަޅު ވެއްޖެއެވެ. އަބޫ ދާވޫދްގެ އެދުމުގެ މަތީން މާރިޔާއާއި އެންޖެލާއާއެކު އޭނާވެސް ހިނގައިލާން ނުކުމެއްޖެއެވެ. މިހާރުވެސް ހިނގަނީ ޒާތަކަށް ކޮރު ޖަހަމުންނެވެ. އެއް ފަހަޔަށް މާ ބޮޑަށް ބުރަވެގެން ހުރެއެވެ. އޭރު ކޯއްޓޭގެ ބޭރުން ބަޝީރު އަސްކޮޅުގައި ވަޑައިގަންނަވަނީއެވެ. ރަބީޢާމެން ފެނިވަޑައިގަތީމާ މަޑުކުރައްވައިފިއެވެ.

[ދެ ފައިންޕުޅަށްވެސް އެއްވަރަކަށް ބުރަވެވަޑައިގެން ހިންގަވާށެވެ. ދެ ދުވަހެއްގެ ތެރޭގައި މުޅީން ރަނގަޅުފުޅު ވެދާނެއެވެ. މިއަދު މާ ދުރަށް ވަޑައިނުގަންނަވާށެވެ.]

އެންޖެލާ އަހައިފިއެވެ. [ތިރީގައި އެ އޮތް ވާދީއަށް ދިއުން ނުރައްކާތެރި ވާނެތޯއެވެ؟]

ބަޝީރު ވިދާޅުވިއެވެ. [މި ތާގައި މެހުމާނުންނަކަށް ނުރައްކަލެއް ނޯންނާނެއެވެ.]

(2)

ދެ ދުވަސް ވާންދެން ރަބީޢާ އުޅުނީ ހާސްކަންމަތީގައެވެ. އަންނާން އުޅޭ ނުރައްކަލުގެ ވާހަކަ ބަދްރު ބިން މުޣީރާއަށް ދަންނަވާން އޭނާ ބޭނުމެވެ. އެކަމަކު ބައްޕަ ނުރައްކަލުގެ ތެރެއަށް ވައްޓައިނުލައި އެފަދަ ވާހަކައެއް ދެންނެވުމަކީ ވާނޭ ކަމެއް ނޫންކަން އޭނާއަށް އެނގެއެވެ. ވަރަށް ގިނައިރު ވާންދެން ވިސްނުމަށް ފަހު އެންމެ ފަހުން ރަބީޢާ ގަސްތުކުރީ ކޮންމެވެސް ގޮތަކުން ބަދްރުގެ ފައިންޕުޅު ދެކޭށެވެ. ބަޝީރަށް ދަންނަވައިލީމާ އެނގުނު ގޮތުގައި ބަދްރު މިހާރު ވަޑައިގެންވީ އޭނާ އުޅުއްވާ މަރުކަޒުގައެވެ. އެނބުރި ވަޑައިގަންނަވާނީ ދެ ދުވަސް ފަހުންނެވެ. ހުކުރު ދުވަސް އަންނާން އަދި ހަތަރު ދުވަސް އެބައޮތެވެ. ކޮންމެ ނަމާދަކަށް ފަހު ރަބީޢާ ދުޢާކުރަމުން ދިޔައީ ބަދްރު އެނބުރި ވަޑައިނުގެން އަދި ތަންކޮޅެއް ގިނަ ދުވަސް ކުރައްވާތޯއެވެ.

ދެ ދުވަހުވެސް އޭނާ ހިނގައިލާން ދިޔައީ އެންޖެލާއާ އެކުގައެވެ. ކޮންމެ ދުވަހަކުވެސް ވަރަށް ހެނދުނާ ބަޝީރް ޙަސަން ބޭރަށް ވަޑައިގަނެއެވެ. ދެވަނަ ދުވަހުވެސް އެނބުރި ވަޑައިގަތް މަގުމަތީގައި ބައްދަލުވިއެވެ. އެންޖެލާ އަހައިލިއެވެ. [ބައްލަވައިލައްވާށެވެ. މިހާރު ދައްތަ އެ ހިނގަނީ ކޮރެއް ނުޖަހައެވެ.]

ބަޝީރު ވިދާޅުވިއެވެ. [ހިނގައި އުޅެން ފެށީމާ އިސާހިތަކު މުޅީން ރަނގަޅު ވެދާނެއެވެ.]

އެންޖެލާ ބުންޏެވެ. [ހޮނިހިރު ދުވަހު ފުރަން ޖެހޭ ވާހަކަ ބައްޕަ އޮތީ ބުނުއްވައިފައެވެ.]

[އެއީ ތެދުފުޅެކެވެ. ތިޔަ ބޭފުޅުންގެ ދަތުރުފުޅަށްޓަކައި ގްރަނާދާއިން އައު ގާޑިޔަލެއް ގެނެވިއްޖެއެވެ.]

[މި ކަހަލަ ވީރާނާ ތަނެއްގައި އުޅުއްވާއިރު ކަންބޮޑުވެވަޑައެއް ނުގަނޭތޯއެވެ؟] އެންމެ ފަހުން ހިތްވަރު ކޮށްފައި އެންޖެލާ އަހައިފިއެވެ.

[ބޮޑެތި ސަހަރުތަކުގެ މީސްތަކުންގެ ތޫފާން އަޅުގަނޑަކަށް ކަމަކު ނުދެއެވެ.]

[ވަރަށް ފަތިހު ބޭރަށް ވަޑައިގަންނަވަމެއް ނޫންތޯއެވެ؟]

[އަޅުގަނޑަކީ ފަތިހު ތެދުވާން އާދަވެފައި ހުރި މީހަކީމެވެ.]

މިހެން ވިދާޅުވެފައި ބަޝީރް ޙަސަން ކުރިއަށް ވަޑައިގެންފިއެވެ. އެންޖެލާ އެނބުރި ބަޝީރާ ދިމާއަށް ބަލަހައްޓައިގެން އިރުކޮޅަކު ހުއްޓެވެ.

ރަބީޢާ ބުންޏެވެ. [ހިނގާށެވެ.]

އެންޖެލާ ސިހިފައި އޭނާގެ ދައްތަޔާ ދިމާއަށް ބަލައިލިއެވެ. އަދި ކުޑަކޮށް ހިތާމަވެރިކަން އެކުލެވޭ ރާގަކަށް އަހައިލިއެވެ.[ދައްތާއެވެ. އެއީ ހިތްގައިމު މީހެއް ނޫން ހެއްޔެވެ؟]

ރަބީޢާ ބުންޏެވެ. [ކޮއްކޮގެ ޚިޔާލު ހުރި ގޮތަށް އޭނާގެ ޚިޔާލުވެސް ހުރިއްޔާ ދައްތަ ވަރަށް ދެރަވާނެއެވެ. ކޮއްކޮގެ ދިރިއުޅުމާއި މަގު، އޭނާގެ ދިރިއުޅުމާއި މަގާ ވަރަށް ތަފާތެވެ. ދެމީހުންގެ އަތުގެ ނާރުތައް އެކަކު އަނެކަކާ ނުގުޅެއެވެ.]

އެންޖެލާ އޭނާގެ ކަންބޮޑުވުން ފޮރުވަން ވެގެން ހީނގަތެވެ. [ދައްތާއެވެ. ދައްތަ ހީކުރަނީ ދައްތަގެ ދީނުގެ ޑަކްޓަރަކު ދެކެ އަހަރެން ލޯބިވީ ކަމަށް ހެއްޔެވެ؟]

[ނޫނެކެވެ. ލޯތްބަކީ ކޮއްކޮއަކަށް ވެވޭނޭ އެއްޗެއް ނޫނެވެ. އެ މުގައްދަސް ޖަޒުބާތާ ކޮއްކޮއާ އެއްވެސް ގުޅުމެއް ނެތްކަން ދައްތައަށް އެނގެއެވެ. އެކަމަކު ކަށި ފުންޏެއްގެ ތެރެއަށް ވަދެ ތާށިވުމުގެ ފައިދާއެއް ނެތެވެ. ބައެއް ކަށްޓަކީ އަޖައިބެއް ކަހަލަ އެއްޗެކެވެ. ކަށިތަކުގެ ތެރެއަށް ވަންނަ މީހާގެ ފަސްބައި ވީދި ކުދިކުދި ވާއިރުވެސް ކަށްޓަކަށް އެކަމެއް ނޭނގެއެވެ.]

[ދައްތަގެ ވިސްނުން މުޅިއަކުން ރަނގަޅެއް ނޫނެވެ. ލޯބީގެ ޖަޒުބާތަކީ އަހަންނަކަށްވެސް ބީރައްޓެހި އެއްޗެއް ނޫނެވެ. އަހަރެންގެ ހިތުގެ ވެރިއަކަށް ވާ މީހަކަށްޓަކައި އަހަރެންގެ ހުރިހައި އެއްޗެއް ގުރުބާން ކޮށްލާނަމެވެ. އެކަމަކު އެ މީހަކީ އަހަރެންގެ ދީން ނޫން ދީނެއްގެ މީހަކަށް ވެގެން ނުވާނެއެވެ. އަދި އެއީ ބޮޑެތި ސަހަރުތައް ދެކެ ފޫހިވާ މީހަކަށްވެސް ވެގެން ނުވާނެއެވެ. އަހަންނަކީ ގަނޑުފެނުގެ ފަރުބަދައަކުން އަލިފާން ކަންޏެއް ފެނިދާނޭ ކަމަށް ބަލާވަރުގެ މޮޔައަކީމެއް ނޫނެވެ. އަހަރެންގެ ހިތުގައި ބަޝީރްގެ މައްޗަށް އެއްވެސް ކަހަލަ ކުލުނެއް އިތިއްޔާ އެއީ ދައްތައަށް ބޭސްކުރާތީ އޮތް ކުލުނެކެވެ. ދައްތައަށް ކަމުނުދާ ކަމަށް ވަންޏާ އަހަރެން މީގެ ފަހުން އޭނާއާ ދިމާއަށް އިސް އުފުލައި ބަލައިވެސް ނުލާނަމެވެ. މީގެ ފަހުން ދައްތަޔާއެކީ ހިނގާކަށްވެސް ނާންނާނަމެވެ.]

ރަބީޢާ ބުންޏެވެ. [ނޫނެކެވެ. އެއީ އަހަރެން ކޮށްލީ ސަމާސައެކެވެ.]

(3)

ރަބީޢާގެ ކަންބޮޑުވުން ދުވަހަށްވުރެ ދުވަހެއް ދިޔައީ ބޮޑުވަމުންނެވެ. ހުކުރު ދުވަސް ޖެހެން އެންމެ ދެ ދުވަހަށް ވެއްޖެއެވެ. ރަބީޢާ ފަތިސް ނަމާދުން ފޭބިއިރު އެންޖެލާ އިނީ ހިނގާން ދާން ތައްޔާރު ވެގެންނެވެ. ފަތިހު ތިމަންވެސް ދާނަމޭ މާރިޔާ ކޮންމެ ރެޔަކު ނިދުމުގެ ކުރީން ބުނެއެވެ. އެކަމަކު ފަތިހު ގޮވީމާ ބޮލުގައި ރިއްސަނީއޭ ކިޔައި ބަހަނާއެއް ދެއްކުމަށް ފަހު ނުތެދުވެ އޮވެދެއެވެ. އެކަމަކު މާ ދުރަށް ނުދައްޗޭ، މިއީ ވަރަށް ނުރައްކާތެރި ބައެކޭ ކިޔައިގެން އެންޖެލާއަށް ނަސޭހަތް ދެއެވެ.

މިއަދުވެސް ރަބީޢާއާއި އެންޖެލާއާ ދެ ކުދިން ވެގެން މަންމައަށް ގޮވިއެވެ. އެކަމަކު އޭނާ ތެދުވާ ފިކުރެއް ނުކުރިއެވެ. އެކަމާ އެންޖެލާ އުފާވެސް ކުރިއެވެ. [ދައްތާއެވެ. ހިނގާށެވެ. ދެ މީހުން ގޮސް ވާދީ ހުރަސްކޮށްފައި މިއަދު ފަރުބަދަ މައްޗަށް އަރަން ވާނެއެވެ.]

އެ ފަރުބަދައަކީ ފަތިހު އާއްމު ގޮތެއްގައި ބަޝީރު ވަޑައިގެން އުޅުއްވާ ފަރުބަދައެވެ. ވާދީގެ ބޯ ގަސްތަކުގެ ތެރެއިން ލައިފައި ގޮސް ނުކުމެވެނީ ކޯރެއްގެ އައްސޭރިއަކަށެވެ. ފަރުބަދަ މައްޗަށް އެރެނީ އެ ކޯރު ހުރަސްކޮށްފައެވެ. ރަބީޢާއާއި އެންޖެލާއަށް އެ ހިސާބަށް ދެވުނީ ލައްކަ މަސައްކަތުންނެވެ. ފަރުބަދަ މައްޗަށް ދެބައިކުޅަ އެއްބަޔަށް އެރުމަށް ފަހު ރަބީޢާ ބުންޏެވެ.[އަހަންނަކަށް ދެނެއް ނޭރޭނެއެވެ. މާ ބޮޑަށް ވަރުބަލި ވެއްޖެއެވެ. ކުރިއަށް އަރާ ހިތުން އުޅެނީ ކޮއްކޮއެވެ. އަރާށެވެ. ދައްތަ މިތާގައި މަޑުކޮށްގެން އިންނާނަމެވެ.]

[އެންމެ ރަނގަޅެވެ. ފަރުބަދައިގެ ކުރިއަށް އަރައިފައި ވަރަށް އަވަހަށް އެބަ އަންނަމެވެ.] އެންޖެލާ މަޑުމަޑުން ފައުބަދައަށް އަރާން ފަށައިފިއެވެ. އޭރަކު ބަޝީރެއް ނުފެނެއެވެ. އެކަމަކު އޭނާ އުއްމީދުކޮށްގެން ހުރީ ފަރުބަދައިގެ ކޮންމެވެސް ހިސާބަކުން ބަޝީރު ފެންނާނޭ ކަމަށެވެ. އަޅާ ކޮންމެ ފިޔަވަޅަކާއެކު އޭނާގެ ހިތުގެ ވިންދު ދިޔައީ އަވަސް ވަމުންނެވެ.

ރަބީޢާ އިނީ ހިލަގަނޑެއްގެ މަތީގައި އިށީނދެގެންނެވެ. އެންޖެލާ އަރަމުން ގޮސް ގެއްލުނީމާ އޭނާ ތިރީގައި އޮތް ވާދީގެ ރީތި މަންޒަރުތަކަށް ބަލާން ފަށައިފިއެވެ. ކުއްލިއަކަށް އޭނާއަށް ފެނުނީ ވައަތް ފަރާތުން އަންނަ އަސްވާރެކެވެ. އސް ދުވެފައި އައީ މީހެއްގެ ހަރަކާތަކާ ލައިގެންނެއް ނޫނެވެ. މަޑު ފިޔަވަޅުތަކެއް އަޅަމުން ދުވެފައި އަންނަނީއެވެ. އަސްމަތީގައި އިން މީހަކު ބާރަށް އަރަބި ބަހުން ލަވައެއް ކިޔަމުން ގެނެދެއެވެ. އަސްވާރުގެ ހުދު ހެދުން ފެނިފައި ރަބީޢާގެ ހިތް ބާރަށް ތެޅޭން ފަށައިފިއެވެ. ހިނދުކޮޅަކު ވިސްނައިލުމަށް ފަހު އޭނާ ވާދީއާ ދިމާއަށް ހިނގައިގެންފިއެވެ. އެ އަސްވާރު ކޯރުގެ އައްސޭރިއާ ހަމައަށް ހިނގައްޖެ ނަމަ ހުއްޓުވަން އުނދަގޫވާނެކަން ރަބީޢާއަށް އެނގެއެވެ. އެހެންވީމާ ތަންކޮޅަކަށް ހިނގުމަށް ފަހު އޭނާ ބާރަށް ދުއްވައިގެންފިއެވެ. ކޯރުގެ އައްސޭިއަށް ދެވުނީމާ ގަހެއްގެ ހިޔަލުގައި މަޑުކޮށްލައިފިއެވެ. އަސްވާރުގެ އަޑު އަންނަނީ ކައިރި ވަމުންނެވެ. އެޔާއެކު ރަބީޢާގެ ހިތުގެ ތެޅުންވެސް ދިޔައީ ބާރު ވަމުންނެވެ.

އަސްވާރު ވަރަށް ކައިރިއަށް އައީމާ ރަބީޢާ ބޭނުންވީ ގަހުގެ ހިޔަލުން ނުކުމެ ކުރިމަތީގައި ހުއްޓިގެން ހުންނާށެވެ. އެކަމަކު އެހެން ހަދާކަށް ނުކެރުނެވެ. ލަދާއި ޖެހިލުންވުމުގެ ސަބަބުން ވަގުތުން އެއްވެސް ގޮތެއް ނިންމާކަށް އޭނާއަކަށް ނޭނގުނެވެ. އަސްވާރު ފަސްދީ ތަންކޮޅަކަށް ދިޔައީމާ އަތުން ބީވެގެން ހިނގައިދާނޭ ކަމުގެ ބިރު ހީވާގޮތް ވެއްޖެއެވެ. އެ ވަގުތު އޭނާގެ ހިތް ބުނަމުން ދިޔައެވެ. [މި ކަހަލަ ފަހި ދަނޑިވަޅެއް ދެނެއް ނާންނާނެއެވެ. ހުކުރު ދުވަސް އަންނާން އޮތީ އެންމެ ދެ ދުވަހެވެ.

[މަޑުކުރައްވާށެވެ.] އޭނާ ގަހުގެ ހިޔަލުން ނުކުމެ ހިނގައިގަންނަމުން ގޮވައިލިއެވެ.

ގެންފައި ހުރި ލަދެއްގެ ސަބަބުން އޭނާއަށް ގޮވައިލެވުނީ އެހައި ބާރަކަށް ނޫނެވެ. އެހެންވީމާ ބަދްރު ބިން މުޣީރާއަކަށް އެ އަޑެއް އިވިވަޑައެއް ނުގަތެވެ. އޭރު ބަދްރު ދެތިން ގަޒެއްގެ ދުރަށް ވަޑައިގެންފިއެވެ. މީގެ ކުޑައިރުކޮޅެއް ކުރީން އޭނާގެ ފައިތިލަ ހިފަހައްޓައިގެން އޮތް ބިންގަނޑުން މިހާރު އޭނާ ކޯރުގެ އައްސޭރިއާ ދިމާއަށް ކޮއްޕަމުން ދާ ކަހަލައެވެ. އޭނާ ބާރުލައިފައި ކޯރާ ދިމާއަށް ހިނގައިގެންފިއެވެ. ދިގު ފިޔަވަޅުތަކެއް އަޅަމުން ހިނގަމުން ގޮސް، އެންމެ ފަހުން ބާރަށް ދުއްވައިގެންފިއެވެ.

[މަޑުކުރައްވާށެވެ. މަޑުކުރައްވާށެވެ.] ދުވުން ބާރުވަމުން ދިޔަ ވަރަށް އޭނާގެ އަޑުވެސް ދިޔައީ ގަދަވަމުންނެވެ. އެ އަޑު އިވިވަޑައިގަތުމުން ބަދްރު އެނބުރިވަޑައިގެން ބައްލަވައިލެއްވިއެވެ. އަދި އަހުގެ ލަގަނަށް ދަންމަވައިލެއްވިއެވެ. ގަތް ލަދެއްގެ ބޮޑުކަމުން ރަބީޢާގެ މޫނު ރަތްވެގެން ދިޔައެވެ. އޭނާގެ ފައިތިލަ ބިންމަތީގައި ތަތްލީ ކަހަލައެވެ.

ބަދްރުގެ މޫނުފުޅުމަތީން ފެނުނީ ޙައިރާންކަމުގެ އަސަރެވެ. [ރަބީޢާ… މިތާނގައި… ގިނިކަންޏާ…]

ކުއްލިއަކަށް އަރުވާނޭ ޖަވާބެއް ރަބީޢާއަކަށް ނުވިސްނުނެވެ. ބަދްރު އަހުން ފައިބައިވަޑައިގެންފިއެވެ. [ރަބީޢާ ގޮވައިލެއްވީ ކަމަކާ ކަންބޮޑުވެވަޑައިގެންތޯއެވެ؟]

ރަބީޢާ ޖެހިލުންވެފައި ހުރެގެން އިސް އުފުލައި ބަލައިލިއެވެ. ބަދްރުގެ ހިނިތުންވުމުގައި ވަނީ ހިތްޕުޅުހެޔޮކަމާއި ހަމްދަރްދީއާއި ގާތްކަމުގެ އަސަރެވެ. ރަބީޢާ މަޑުމަޑުން ކުރިއަށް ދެތިން ފިޔަވަޅު އަޅައިފިއެވެ. [އަޅުގަނޑު… އަޅުގަނޑު އުޅުނީ ވާހަކައެއް ދަންނަވައިލާން ވެގެންނެވެ.]

[ކޮން ވާހަކައެއްތޯއެވެ؟] ބަދްރު ސުވާލުކުރެއްވިއެވެ.

ބަދްރު ފުރަތަމަ ފަހަރަށް ރަބީޢާއާ ދިމާއަށް ފުންކޮށް ބައްލަވައިލެއްވިއެވެ. އެއީ ރީތިކަމާއި ދުޅަހެއުކަމާއި ޒުވާންކަމުގެ ރީތި ނަމޫނާއެކެވެ. މޫނުމަތީން ފެންނާން ހުރި ލަދުވެތިކަމުގެ ސަބަބުން އޭނާގެ އަސަރުގަދަކަން ވަނީ އިންތިހާއަށް އިތުރުވެފައެވެ. ބަދްރުގެ ހިތްޕުޅަށްވެސް ފިސާރި ވަރުގަދަ އަސަރެއް ކޮށްފިއެވެ.

[އޭނާ އަނެއްކާވެސް ވިދާޅުވެއްޖެއެވެ. [އަޅުގަނޑު ގާތު ވާހަކައެއް ވިދާޅުވާން އުޅުއްވީމެއް ނޫންތޯއެވެ.]

ރަބީޢާގެ ލޮލުގައި ބަންދުވެފައި ހުރި ލޯބީގެ ކޯރު މަޑުމަޑުން އުތުރިގެން ބޭރަށް ފައިބާން ފަށައިފި ކަހަލައެވެ. [އަޅުގަނޑު މިތަނަށް އައީ އެންޖެލާއާ އެކުގައެވެ. އޭނާ އެ ފަރުބަދަ މައްޗަށް އަރައިފިއެވެ.]

ބަދްރު ވިދާޅުވިއެވެ. [ކަންބޮޑުވެ ވަޑައިނުގަންނަވާށެވެ. މިތާކު އެއްވެސް ނުރައްކަލެއް ނެތެވެ.]

[އަޅުގަނޑު ކަންބޮޑު ވެގެން މި އުޅެނީ އެހެން ވެގެންނެއް ނޫނެވެ. އަޅުގަނޑު ދަންނަވާން އުޅުނީ މުޅީން އެހެން ވާހަކައެކެވެ. މި ކިއްލާއަކީ ސަރަހައްދީ ރޮނގާ ވަރަށް ކައިރީގައި ހުރި ކިއްލާއެކެވެ. މިތާގައި މަނިކުފާނު އުޅުއްވާ ޚަބަރު ކްރިސްޓިއަނުންނަށް ލިބިއްޖެއްޔާ…]

[ފިކުރު ބޮޑު ނުކުރައްވާށެވެ. މެހުމާނުން ރައްކާތެރިކުރާނޭ ގޮތް އަޅުގަނޑުމެން ދަންނަމެވެ.]

[އަޅުގަނޑު މި ދެންނެވީ ތިޔަ ވާހަކައެއް ނޫނެވެ. އަޅުގަނޑު ބިރުގަންނަނީ މަނިކުފާނަށް ވެދާނޭ ގޮތަކާ މެދުގައެވެ. އަންދަލުސްގެ އިސްލާމުންގެ އެންމެ ފަހުގެ އުއްމީދަކީ މަނިކުފާނެވެ. މި ކިއްލާގައި މަނިކުފާނު އުޅުއްވާކަން ކްރިސްޓިއަނުންނަށް…]

[އަޅުގަނޑާމެދު ފިކުރު ނުކުރައްވާށެވެ. އަޅުގަނޑު އެތައް ފަހަރަކު އެތައް ފިލާވަޅެއް ކްރިސްޓިއަނުންނަށް ދީފީމެވެ.]

[އެކަމަކުވެސް މަދު މީސްކޮޅަކާއެކު މިތާގައި އުޅުއްވުމަކީ ރައްކާތެރި ކަމެއް ނޫނެވެ. މަނިކުފާނުގެ ފުރާނަފުޅުގެ އަގު ވަރަށް ބޮޑެވެ. އަޅުގަނޑުމެންގެ ނޯކަރު އެނބުރި ގޮސް މަނިކުފާނު މިތާގައި އުޅުއްވާ ވާހަކަ ބުނެފާނެތީވެސް އަޅުގަނޑު ބިރުގަނެއެވެ.]

[ރަބީޢާގެ ބައްޕަ ވިދާޅުވެފައިވާ ގޮތުގައި އެއީ ވަރަށް ބޮޑަށް އިތުބާރު ކުރެއްވޭ މީހެކެވެ.]

ރަބީޢާ ހާސްވެފައި ބުންޏެވެ. [ބައްޕައަކީ ވަރަށް ހިތްހެޔޮ މީހެކެވެ. އެކަމަކު ނޯކަރު ދަތުރުކުރަމުން ދަނިކޮށް ބައެއްގެ އަތްދަށުވެ، އެ ބަޔަކު ދައްކާ ދަހިވެތިކަމަށް ހެއްލިގެން ޚަބަރު ދިނުމަކީވެސް އެކަށީގެންވާ ކަމަކެވެ. އެހެންވީމާ މަނިކުފާނު އުޅުއްވާން ވަނީ ވަރަށް ބޮޑަށް ބައްލަވައިގެންނެވެ.]

ރަބީޢާގެ ރާގުގައި ހުރީ ނަސޭހަތަކަށްވުރެ ބޮޑަށް އާދޭހުގެ އަސަރެވެ. އިސްލާމް އަންހެން ކުއްޖަކަށް ވީތީ، އޭނާގެ ހަމްދަރްދީއާއި ހެޔޮ އެދުން ބަދްރަކަށް އާދަޔާ ޚިލާފު ކަމަކަށް ނުވިއެވެ. އެހެންވީމާ ރަބީޢާގެ ހިތް ހަމަޖައްސައި ދެއްވުމުގެ ގޮތުން ވިދާޅުވިއެވެ. [މި ކިއްލާ މިހިރީ ގްރަނާދާގެ އިމުގެ ތެރޭގައެވެ. ކްރިސްޓިއަނުން ގްރަނާދާއާ ހަނގުރާމަކުރަން ރަސްމީކޮށް ނުނިންމާހައި ހިނދަކު މިތަނަކަށް ހަމަލައެއް ނުދޭނެއެވެ. އަޅުގަނޑު ދުވަސްދުވަސްކޮޅުން އައިސް މިތާގައި އުޅޭކަން އެނގުނަސް ކުއްލިއަކަށް މިތަނަށް ހަމަލައެއް ދޭން ކެރޭނޭ ހެންނެއް ހިޔެއް ނުވެއެވެ. ތިޔަ ފިކުރުކުރައްވަނީ އަމިއްލަފުޅު ރައްކާތެރިކަމާ މެދުގައި ކަމުގައި ވަނީނަމަ އަޅުގަނޑު އެއް ކަމެއްގެ ޔަގީންކަން އަރުވާނަމެވެ. ގެއަށް އަންނަން މެހުމާނުންނަށް ރައްކާތެރިކަން ނުދެވޭ ވަރަކަށް އިސްޕޭނުގެ އިސްލާމުން އަދި ނިކަމެއްޗެއް ނުވެއެވެ. ތިޔަ ބޭފުޅުން ގްރަނާދާއަށް ވަޑައިގަންނަވާންދެން އަޅުގަނޑުގެ ސިފައިން ރައްކާތެރިކަން އަރުވާނެއެވެ. އެއްވެސް ގެއްލުމެއް ވިޔަކަ ނުދޭނެއެވެ.]

ރަބީޢާ ކަންބޮޑުވެފައި ބުންޏެވެ. [ތިޔަ ހީފުޅުކުރެއްވީ ރަނގަޅަކަށް ނޫނެވެ. އަޅުގަނޑުމެންގެ ރައްކާތެރިކަމާމެދު އަޅުގަނޑު ކަންބޮޑެއް ނުވެއެވެ. އަޅުގަނޑު މި ވިސްނަނީ މަނިކުފާނާ މެދުގައެވެ. އަޅުގަނޑު އެކަންޏެއް ނޫނެވެ. އަދި ކަސްތިއްޔާ އެކަންޏެއްވެސް ނޫނެވެ. މުޅި އަންދަލުސްގެ ކޮންމެ އިސްލާމް އަންހެންކުއްޖަކު ތާއަބަދު ކުރަމުން ގެންދާ ދުޢާއަކީ ސަރަޙައްދީ ބާޒުގެ ސަލާމަތާއި ރައްކާތެރިކަމަށް އެދި ކުރާ ދުޢާއެވެ. މި ބަދުނަސީބު ގައުމުގެ އެންމެ ފަހުގެ އެހީތެރިޔަކީ މަނިކުފާނެވެ.] ރަބީޢާގެ އަޑު ކުރެހިއްޖެއެވެ. އޭނާގެ ރީތި ދެ ލޮލުގައި ވަނީ ކަރުނައިގެ އަސަރެވެ.

ބަދްރު ބިން މުޣީރާއަށް ކޮންމެވެސް ވަރަކަށް އަސަރު ކޮށްފިއެވެ. [ފިރިހެނުންގެ ހިތަށް ޖިހާދަކީ މަސްލަހަތު ހުރި ކަމެއް ނޫން ކަމަށް ވަންނަ ކަހަލަ ބިރުވެރިކަމެއްގެ ވާހަކަ ގައުމުގެ އަންހެން ދަރިންގެ ދުލުން ބޭރުވުމަކީ ރަނގަޅު ކަމެއް ނޫނެވެ. އެކަމަކުވެސް ރަބީޢާގެ ހަމްދަރްދީގެ ޝުއޫރަށްޓަކައި ޝުކުރު ދަންނަވަމެވެ.] މިހެން ވިދާޅުވެފައި އަހުގެ ރިކާބުގައި ފައިންޕުޅު އަޅުއްވައިފިއެވެ.

[މަޑުކުރައްވާށެވެ.] ރަބީޢާ ގޮވައިލިއެވެ.

ބަދްރު ރިކާބުން ފައިންޕުޅު ނައްޓަވައިލައްވަމުން ވިދާޅުވިއެވެ. [އަޅުގަނޑަށް ރަބީޢާގެ ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާ ވަރުގެ ތަސައްލީއެއް އެރުވުނު ކަމަކަށް ނުފެނެއެވެ. ކްރިސްޓިއަނުންގެ އެއްވެސް ހަމަލައަކަށް އަޅުގަނޑު ފަރުވާކުޑައެއް ނުކުރާނެމެވެ. އެމީހުން ހަމަލައެއް ނުދޭނޭ ކަމަކަށް އަޅުގަނޑު އެއްގޮތަކަށްވެސް ނުބަލަމެވެ. އެހެންވީމާ ކޮންމެފަދަ ކަމެއް މެދުވެރިވިޔަސް އަޅުގަނޑު ޣާފިލުވެފައެއް ނުހުންނާނަމެވެ. ތިޔަ ހީފުޅުކުރައްވާ ވަރަށްވުރެ މި ކިއްލާގެ ރައްކާތެރިކަން މާ ބޮޑެވެ.]

ރަބީޢާ ކުޑަކޮށް ޖެހިލުންވެފައި ހުރެގެން އަހައިލިއެވެ. [މަނިކުފާނު ހުވަފެނަށް އިތުބާރު ކުރައްވަންތޯއެވެ؟]

[އާދޭހެވެ. ބައެއް ހުވަފެނަކީ ތެދު ހުވަފެން ކަމަށް އަޅުގަނޑު ގަބޫލުކުރަމެވެ. އަޅުގަނޑު ކުޑައިރު ބައްޕާފުޅާ ބެހޭ ހުވަފެނެއް ދުށީމެވެ. އެ ހުވަފެން އަޅުގަނޑަށް ފެނުނު ގޮތަށް ސީދާވިއެވެ. އޭގެ ފަހުން އަޅުގަނޑުގެ ހުވަފެނުގެ ތައުބީރު ކަނޑައަޅަނީ ކަނޑިންނެވެ. އަޅުގަނޑާ ބެހޭ ގޮތުން ރަބީޢާއަށް ހުވަފެންފުޅެއް ފެނިވަޑައިގަތިއްޔާ އެ ހުވަފެންފުޅުގެ ތައުބީރުވެސް ލިޔާނީ ކަނޑިންނެވެ.]

ރަބީޢާ ކުޑަކޮށް ހިތްހަމަޖެހޭ ގޮތް ވެއްޖެއެވެ. [އަޅުގަނޑު މަނިކުފާނުގެ ކަނޑިކޮޅަށް އިތުބާރު ކުރަމެވެ. އަންދަލުސްގެ ހުރިހައި އިސްލާމުން މަނިކުފާނުގެ ކަނޑިކޮޅަށް އިތުބާރުކުރެއެވެ. އަޅުގަނޑުގެ ހުވަފެނުގެ ތައުބީރު ލިޔުއްވޭނީ ހަމައެކަނި މަނިކުފާނުގެ ކަނޑިކޮޅުންނެވެ. ހުވަފެނުގައި އަޅުގަނޑަށް ފެނުނީ ދުޝްމިނުން ކުއްލިއަކަށް ކިއްލާއަށް ހަމަލަދޭ ތަނެވެ. މަނިކުފާނުގެ ސިފައިންގެ އަދަދާ އަޅައި ބަލާއިރު އެ މީހުންގެ ސިފައިންގެ އަދަދު މާ ގިނައެވެ. ރޭގަނޑުގެ ކަނު އަނދިރީގެ ތެރެއިން އަޅުގަނޑަށް އިވުނީ ބިރުވެރި ނަޣަރާގެ އަޑެވެ. ހީވީ ކިއްލާގެ ފާރުތައް ފޫ އަޅުވައިލައިފައި އެ މީހުން އެތެރެއަށް ވަނީހެންނެވެ. ގަތް ބިރާއެކު އަޅުގަނޑަށް ހޭލެވިއްޖެއެވެ. މިއީ އަޅުގަނޑުގެ ހިތުގައި އޮތް ވަހުމެއްގެ ނަތީޖާއެއްގެ ގޮތުން ފެނުނު ހުވަފެނެއް ކަމުގައި ވެދާނެއެވެ. އެކަމަކު މަނިކުފާނަށް މި ހުވަފެނުގެ ވާހަކަ ނުދަންނަވައި އަޅުގަނޑަށް ނުހުރެވުނީއެވެ.]

ބަދްރު ބިން މުޣީރާ ވިދާޅުވިއެވެ. [ކަމަނާއަށް ޝުކުރު ދަންނަވަމެވެ. ތިޔަ ހުވަފެންފުޅަކީ އެއްވެސް ހަގީގަތެއް އޮތް ހުވަފެންފުޅަކަށް ވާނަމަ ނަޣަރާގެ އަޑު އިވިވަޑައިގަންނަވާނީ ކިއްލާގެ އެތެރެއަކުންނެއް ނޫނެވެ. އިވިވަޑައިގަންނަވާނީ ކިއްލާގެ ބޭރުން ރުއިމާއި ހަޅޭކުގެ އަޑެވެ.]

ރަބީޢާ ވައި އަޑުން އާމީން ކިޔައިފިއެވެ. އޭނާގެ މޮޅިވެރި މޫނުމައްޗަށް އުފާވެރިކަމުގެ ކުލަ އަރައްޖެއެވެ.

ބަދްރު ވިދާޅުވިއެވެ. [ހުވަފެންފުޅުގެ ތައުބީރު ބައްލަވާން ބޭނުންފުޅިއްޔާ އަދި ދެތިން ދުވަހު މިތާގައި މަޑުކުރެއްވުން ރަނގަޅު ކަމަށް ފެނެއެވެ. އަޅުގަނޑު ކަމަނާގެ ބައްޕާފުޅާ ވާހަކަދައްކާނަމެވެ. ފަހަރެއްގައި ދެތިން ދުވަހަކަށް ދަތުރުފުޅު ލަސްކުރައްވައިފާނޭކަން ނޭނގެއެވެ.]

ވީ އުފަލެއްގެ ބޮޑުކަމުން ރަބީޢާގެ ހިތް ބާރަށް ތެޅިގެންފިއެވެ. އޭނާ ހިތާހިތާ ކިޔައިލިއެވެ. [މަނިކުފާނުގެ ތިޔަ ހެޔޮފުޅުކަމަކީ އަޅުގަނޑުގެ އެހެން ހުވަފެނެއްގެ ތައުބީރު ކަމުގައިވެސް ވެދާނެއެވެ.]

ބަދްރު ރިކާބުގައި ފައިންޕުޅު އަޅުއްވައިލައްވަމުން ވިދާޅުވިއެވެ. [ތިޔަ ހުންނެވީ ކޮއްކޯފުޅުގެ އިންތިޒާރުގައި ނޫންތޯއެވެ؟ އަޅުގަނޑު ދެން ދަނީއެވެ.]

ބަދްރު އަހަށް ސަވާރުވެވަޑައިގަތުމަށް ފަހު ނޭޒާގައި ހިއްޕަވައިފިއެވެ.

ރަބީޢާ ޖެހިލުންވެފައި ހުރެގެން އަނެއްކާވެސް ބުނެފިއެވެ. [އަޅުގަނޑުގެ ވާހަކައަކީ ސަމާސައެއް ކަމަށް މަނިކުފާނު ބައްލަވައިފާނެތީ އަޅުގަނޑު ބިރުގަނެއެވެ. އަޅުގަނޑުގެ ދޮން މަންމައާއި ކޮއްކޮއާއި ބައްޕަވެސް އަޅުގަނޑު ދައްކާ ވާހަކަ އަހައިފައި ހީނ އުޅެއެވެ. އެއިން މީހަކު ގާތު އަޅުގަނޑު ހުވަފެނުގެ ވާހަކަ ނުދެއްކެވުން ވަރަށް ބޮޑަށް އެދެމެވެ.]

[އަޅުގަނޑުގެ ވާހަކައިން ކަމަނާގެ ހިތްޕުޅަށް ހަމަޖެހުމެއް ލިބިވަޑައިގަތް ކަމަށް ނުފެނެއެވެ.] މިހެން ވިދާޅުވެފައި ބަދްރު ވަރަށް ބާރަށް ތުނބުންފުމެލައްވައިފިއެވެ. ޖަވާބުގައި ފެނުނީ ބޯ ގަސްތަކުގެ ތެރެއިން ހަތިޔާރު އެޅި ދެތިން މީހުން ނުކުތްތަނެވެ.

އެތަނުން އެކަކާ މުޚާތަބު ކުރައްވައި ބަދްރު ވިދާޅުއެވެ. [ސުލައިމާނެވެ. ހަމަ މިހާރު ޖަންގަލީގެ ތެރެއަށް ވަދެގެން ދާށެވެ. މިއަދު އިރުއޮއްސުމުގެ ކުރީން ލަޝްކަރުގެ ދެބައިކުޅަ އެއްބައި މީހުން ފަރުބަދައިގެ ފުރަގަހަށް ޖަމާކުރާށެވެ. ކިއްލާގެ އެއްވެސް މީހަކަށް އެ ލަޝްކަރު އޮތްކަން އަންގައިގެން ނުވާނެއެވެ.]

ބަދްެރު އަތްޕުޅުން އިޝާރާތް ކޮށްލެއްވުމާއެކު ގަސްތަކުގެ ތެރެއިން ނުކުތް މީހުން އެ ނުކުތްތަނަށް ވަދެގެން ގޮސް ގެއްލިއްޖެއެވެ. އޭނާ ކުޑަކޮށް ހިނިތުންވެލެއްވުމަށް ފަހު ރަބީޢާއާ ދިމާއަށް ބައްލަވައިލެއްވިއެވެ. [މިހާރު ހިތްޕުޅު ހަމަޖެހިވަޑައިގެންފިތޯއެވެ؟ ތިޔަ ބޭފުޅުން މި ކިއްލާގައި ތިބިހައި ދުވަހަކު އަޅުގަނޑުގެ ލަޝްކަރުގެ ދެބައިކުޅަ އެއްބައި ފަހުލަވާނުން ކިއްލާ ބަލަހައްޓާން ފާރައަށް ތިބޭނެއެވެ.]

ރަބީޢާ ކުރިއަށް ޖެހިލައި އަހުގެ ލަގަނުގައި ހިފައިލިއެވެ. [ﷲއަށްޓަކައި ދަންނަވަމެވެ. އަޅުގަނޑު މި އުޅެނީ އަމިއްލަ ނަފުސުގެ ރައްކާތެރިކަމާމެދު ބިރުންނޭ ހީފުޅު ނުކުރައްވާށެވެ. އަޅުގަނޑުގެ ކަންބޮޑުވުން އޮތީ މަނިކުފާނާ މެދުގައެވެ. މަނިކުފާނަކީ އަޅުގަނޑުމެންގެ ގައުމުގެ އަގުހުރި ޖަވާހިރެކެވެ. އަންދަލުސްގެ އިސްލާމުންގެ އުއްމީދެވެ. އަޅުގަނޑުގެ ހުވަފެނުގެ ވާހަކަ ނޫން އެހެން ވާހަކައެއް ދައްކައިގެން މަނިކުފާނަށް ޔަގީންކަން އެރުވޭން އޮތްނަމަ ހާދަހާ ރަނގަޅެވެ. މަނިކުފާނުގެ ދޮރުކޮޅުމަތީގައި ފާރައަށް ހުންނަ މުޖާހިދަކަށް އަޅުގަނޑު ވާނޭ ނަމައެވެ. އެކަމަކު ކުރާނީ ކީއްތޯއެވެ؟ އަޅުގަނޑަކީ ވަހުމެއްގެ ތެރޭގައި އުޅޭ ނިކަމެތި އަންހެންކުއްޖަކީމެވެ. އަޅުގަނޑަށް ދެއްކޭން އޮތީ އަޅުގަނޑުގެ ހުވަފެނާއި ދުޢާގެ ވާހަކަ އެކަންޏެވެ.] ރަބީޢާގެ އަޑު އަނެއްކާވެސް ކުރެހިއްޖެއެވެ. ލޮލުން ކަރުނަ ނީރާލައިފިއެވެ.

ކުއްލިއަކަށް ވިދާޅުވާންވީ ކީކޭ ކަމެއް ބަދްރަކަށް ވިސްނިވަޑައެއް ނުގަތެވެ. ރަބީޢާގެ މޫނުމަތީން ފެންނާން ހުރި ސާދާކަމާއި ނިޔަނެތިކަމުގެ ސަބަބުން ބަދްރުގެ ހިތްޕުޅަށްވެސް އަސަރު ނުކޮށެއް ނުދިޔައެވެ. [އަޅުގަނޑު ދެއްކި ވާހަކައެއްގެ ސަބަބުން ހިތްޕުޅަށް އަސަރު ކުރީތީ ވަރަށް ދެރަވެއްޖެއެވެ. އަޅުގަނޑުގެ މަގުސަދަކީ ފަހަރެއްގައިވެސް ކަމަނާގެ ހިތްޕުޅުގައި ޖެއްސުމެއް ނޫނެވެ. އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަމެވެ. ﷲ ގެ ރައްކާތެރިކަމުގައި ކަމަނާ ލަހައްޓަވާށިއެވެ.]

ރަބީޢާ ލަގަނުން ދޫކޮށްލުމަށް ފަހު ދުރަށް ޖެހިލައިފިއެވެ. ބަދްރު ކޯރާ ދިމާއަށް މިސްރާބު ޖައްސަވައިފިއެވެ. ރަބީޢާ އެ ދިމާއަށް ބަލަހައްޓައިގެން ހުރެ ބަދްރަށް ރައްކާތެރިކަން ދެއްވާތޯ ހިތުގެ އަޑީން ދުޢާ ކުރަމުން ގެންދިޔައެވެ.

(4)

ރަބީޢާ ބަހައްޓައިފައި އެންޖެލާ އެރީ ފަރުބަދަ މައްޗަށެވެ. ވަކި ހިސާބަކަށް އެރުނު ތަނާ ފެނުނީ ހައެއްކަ ފިޔަވަޅުގެ ދުރުން ބަޝީރް ބިން ޙަސަން ތިރިއަށް ފައިބައިވަޑައިގަންނަވާ ތަނެވެ. އެންޖެލާ ނޭވާ ހަށްޓަށް ފައްތައިލުމުގެ ބޭނުމުގައި ހިލައެއްގެ މަތީގައި އިށީނދެއްޖެއެވެ. ބަޝީރު ކައިރިއަށް ވަޑައިގަތީމާ ރުމާލުން މޫނުގައި ހުރި ދާ ފޮހެމުން ކޮޅަށް ތެދުވެއްޖެއެވެ. ބަޝީރް ބައްލަވާން ފެއްޓެވީމާ ކުރިއަށް ނުގޮސް ހުރި ގޮތަށް ހުރީއެވެ. ހިނދުކޮޅަކު ވިސްނައިލުމަށް ފަހު ކުރިއަށް ދެތިން ފިޔަވަޅު އަޅައިފިއެވެ.

ބަޝީރް ވިދާޅުވިއެވެ. [މިއަދު ގިނިކަންޏާ ވަޑައިގެންނެވި ދުވަހެއްތޯއެވެ؟]

އެންޖެލާ ބުންޏެވެ. [ދައްތަވެސް އަޅުގަނޑާއެކު އައެވެ. ތިރީގައި އެބައިނެވެ. އަޅުގަނޑު ބޭނުންވީ މައްޗަށް އަރާށެވެ. މިތަނުން ބަޝީރުގެ ފައިންޕުޅު ފެންނާނޭ ކަމަކަށް ހިޔެއް ނުކުރަމެވެ. މި ހިސާބަށް މި އެރުނީ ލައްކަ އުނދަގުލުންނެވެ.]

[ވަރަށް ހިތްވަރު ކުރައްވައިފީމުތާއެވެ.]

ބަޝީރުގެ ރާގުގައި ޝައުގުވެރިކަން ކުޑަކަން އެކުލެވިގެންވާ ކަމުގައި އެންޖެލާއަށް އިހުސާސް ކުރެވުނެވެ. އެހެންވީމާ ކުޑަކޮށް ޖެހިލުންވެފައި ހުރެގެން ބުނެފިއެވެ. [މި ހިސާބަށް އެރުނުއިރު އަޅުގަނޑުގެ ހިތްވަރު އެލިއްޖެއެވެ. މަނިކުފާނުގެ ފައިންޕުޅު ފެނުނުކަން ވަރަށް ރަނގަޅެވެ. ދަތިފުޅު ނޫނިއްޔާ އެންމެ ކުރިއަށް އަރަން އަޅުގަނޑަށް އެހީތެރިވެވަޑައިގެން ދެއްވަފާނުތޯއެވެ؟]

[ހިންގަވާށެވެ.]

[ޝުކުރިއްޔާއެވެ. އެނބުރި ދާނޭ މަގު އޮޅިދާނެތީ އަޅުގަނޑު މި ހުންނަނީ ވަރަށް ބިރުންނެވެ.]

[މިއީ އެހައި އޮޅުންބޮޅުން ބޮޑު މަގެއް ނޫނެވެ.] ބަޝީރް ފަރުވާކުޑަ ގޮތަކަށް ވިދާޅުވިއެވެ.

ބަޝީރް ހިންގަވަމުން ގެންދެވީ ވަރަށް ހަލުވިކޮށެވެ. އެހެންވީމާ ގުނބުހިލިފައި ހުރިވަރުން، ވާހަކަ ދައްކައިލާން ބޭނުން ވިޔަސް އެންޖެލާއަކަށް ވާހަކައެއް ނުދެއްކުނެވެ.

ފަރުބަދައިގެ އެންމެ ކުރިއަށް އެރުނުއިރު އެންޖެލާގެ ގަޔަކު އެއްވެސް ވަރެއް ނެތެވެ. ވަރުބަލިވުމުގެ ސަބަބުން ތުރުތުރުއަޅައެވެ. ދާހިއްލާ ފޯވެއްޖެއެވެ. ބަޝީރް ބިން ޙަސަނަކީ ޑަކްޓަރަކަށްވެސް ވުމާއެކު އަޚްލާގީ އާދަފުޅާ އެއްގޮތަށް އެއްފަހަރު އެ ރީތި އަންހެންކުއްޖާއާ ދިމާއަށް ބައްލަވައިލެއްވިއެވެ. އެޔަށް ފަހު ފަރުބަދައިގެ ތިރީގައި އޮތް ފެހިކުލައިގެ ވާދީއާ ދިމާއަށް ބައްލަވާން ފަށްޓަވައިފިއެވެ.

އެންޖެލާ ރުމާލުން ދާ ފޮހެލަމުން ހަމަނޭވާ ލެވޭތޯ މަސައްކަތް ކުރާން ފަށައިފިއެވެ. [މަނިކުފާނު ފަރުބަދައެއްގެ މައްޗަށް އަރާވަޑައިގަތްހެންވެސް ހިޔެއް ނުވެއެވެ. އަޅުގަނޑުވާ އަވަދިވެއްޖެއެވެ.]

ބަޝީރް ތިރިއަށް ބައްލަވާން ހުންނަވާފައި ވިދާޅުވިއެވެ. [ފަރުބަދަ މައްޗަށް އެރުމަކީ އަޅުގަނޑު އާދަވެގެން ކޮށް އުޅޭ ކަމެކެވެ. ކަމަނާ އަލަށް އަރާވަޑައިގަތީމާ ވީ ގޮތެކެވެ.]

އެންޖެލާ ބުންޏެވެ. [މިތަނުން ތިރީގައި އެ އޮތް ވާދީ ފެންނައިރު ހާދަހާވާ ރީއްޗެވެ. ދައްތަ ނައިކަން ވަރަށް ދެރައެވެ.]

[އޭނާ އަދި އެހައި ބުރަކޮށް އުޅުއްވާ ވަރެއް ނުވެއެވެ.]

އެންޖެލާ ހިލައެއްގެ މަތީގައި އިށީނދެއްޖެއެވެ. [އަޅުގަނޑު ވަރަށް ބޮޑަށް ވަރުބަލިވެއްޖެއެވެ. އިޒުނަފުޅު އޮތިއްޔާ އިރުކޮޅަކު މަޑުކޮށްލަންތޯއެވެ؟]

ބަޝީރު ވިދާޅުވިއެވެ. [އަވަސް ކުރައްވާށެވެ. ކަމަނާގެ ދައިތާފުޅު އިންތިޒާރުގައި އިންނަވާނެއެއް ނޫންތޯއެވެ؟]

ވާހަކައިގެ މިސްރާބު ބަދަލުކުރުމުގެ ގޮތުން އެންޖެލާ ބުނެލިއެވެ. [މިއީ ހާދަހާ ރީތި މަންޒަރެކެވެ. ކޮންމެ ދުވަހަކު މިތަނަށް ވަޑައިގަންނަވަންތޯއެވެ؟]

[އާދޭހެވެ. އެކަމަކު މިހާރު އަޅުގަނޑު އެނބުރި ދަނީއެވެ. ގިނަ ދުވަސްދުވަހު ކުރިމަތީގައި އެހެރަ ފަރުބަދައިގެ މައްޗަށްވެސް އަރަމެވެ.]

[މިހެން މި ދިމާވީ އަޅުގަނޑަށް މި ހިސާބަށް އާދެވޭނޭ ގޮތް ގުދުރަތުން މެދުވެރި ކުރައްވާން ވެގެން ކަމުގައި ވެދާނެއެވެ.]

[އަޅުގަނޑާ ނުލައިވެސް މިތަނަށް ވަޑައިގެންނެވިދާނެއެވެ.]

[ނޫނެކެވެ. އަޅުގަނޑު މި ދަންނަވަނީ ތެދު ވާހަކައެކެވެ. އަޅުގަނޑުގެ އޭރު ހުރީ ވަރަށް ބޮޑަށް ވަރުބަލިވެފައެވެ. އަޅުގަނޑުމެން މި އުޅެނީ މާދަމާ ނޫން އަނެއް ދުވަހު ފުރާށެވެ. ބަޝީރުގެ ފައިންޕުޅު ނުފެނުނަމަ ފުރަން ޖެހުނީހީ މިތަނަށް އައުމުގެ އެދުން ނުފުދިއެވެ.]

[މިއީ މީހަކު ނުފުދިގެން ދެރަވާވަރުގެ އެދުމެއް ނޫނެވެ.]

[މި ރީތި މަންޒަރު އަޅުގަނޑުގެ ހިތަކުން ދުވަހަކުވެސް ނުފިލާނެއެވެ. އަޅުގަނޑު އަހައިފައިވާ ގޮތުގައި ސަރަހައްދީ ބާޒުގެ ޖަންގަލީގެ މަންޒަރުތައްވެސް ވަރަށް ރީއްޗެވެ.]

[އާދޭހެވެ. އެއީ ވަރަށް ރީތި ސަރަހައްދެކެވެ.]

[ތިޔަ ބޭފުޅުން ބޮޑެތި ސަހަރުތަކަށް ވަޑައިނުގަންނަވާން އުޅުއްވަނީ އެހެން ވެގެންތާއެވެ.]

[އުޅެން ކަމުދާ ތަނަކަށް ވާނީ ފައިދާއެއް ހުރި ކަމެއް ކުރެވޭ ތަނެކެވެ.]

[މި ޖަންގަލީގައި އުޅުމުގެ ބަދަލުގައި ކަސްތިއްޔާއާއި ސެބިއްޔާއާއި ކޯރްދޮބާ ކަހަލަ ސަހަރެއްގައި އުޅުއްވީމާ މާ ފައިދާހުރި ކަންކަން ކުރެއްވޭނެއެވެ. އެތާގެ ވެރިންނާއި ގަވަރުނަރުންނާއި ރަސްގެފާނަށް ދާންދެން ބަޝީރަށް ގަދަރުކުރައްވާނެއެވެ. ކޯފާ އިސްނުކުރައްވާނޭ ނަމަ ދަންނަވަންތޯއެވެ. މި ތާގައި ބަޝީރްގެ ވަގުތު ބޭކާރު ގޮތުގައި ހޭދަކުރައްވަނީއެވެ. ބައްޕަ ބުނުއްވާ ގޮތުގައި ބަޝީރް ކަސްތިއްޔާއަށް ވަޑައިގެންފިނަމަ ރަސްގެފާނުގެ ދަރުބާރުން އިސް ގޮނޑިކޮޅެއް ލިބިވަޑައިގަންނަވާނެއެވެ.]

[އަޅުގަނޑު ކަސްތިއްޔާއަށް ދާން އެންޖެލާގެ ބައްޕަ ލަފާދެއްވާނެކަން ޔަގީނެވެ. އެކަމަކު ތިޔަބޭފުޅުންގެ ރަސްގެފާނުގެ ދަރުބާރުގެ އުސް ގޮނޑިއެއްގައި އިނުމަށްވުރެ ބޮޑު އުފަލެއް އަޅުގަނޑަށް ލިބެނީ ބަދްރު ބިން މުޣީރާފަދަ ފަހުލަވާނަކަށް ބޭސްކުރީމައެވެ. މިތާގައި އުޅޭ މީހުންނަށް ބައެއް ފަހަރަށް ޖިސްމާނީ ބަލިތައް ޖެހެއެވެ. އެ ބަލިބައްޔަށް ބޭސް ކުރެވިދާނެއެވެ. އެކަމަކު ތިޔަބޭފުޅުންގެ ރަސްގެފާނާއި ވެރިން އެ ތިބެނީ ރޫޙާނީ، އަޚްލާގީ ބަލިމަޑުކަމެއްގެ ތެރޭގައެވެ.]

އެންޖެލާ ހިނިތުންވެލައިފައި ބުންޏެވެ. [ބަޝީރް ކްރިސްޓިއަނުންނަށް ނަފުރަތުކުރައްވާ ވާހަކަ ފާޅުކޮށް ވިދާޅުވާންވީ ނޫންތޯއެވެ؟]

[ޑަކްޓަރެއްގެ ހައިސިއްޔަތުން ކޮންމެ އިންސާނަކަށްމެ ބޭސްކުރުމަކީ އަޅުގަނޑުގެ ވާޖިބެކެވެ. އިސްލާމެއްގެ ހައިސިއްޔަތުން އަޅުގަނޑުގެ ފުރަތަމަ ވާޖިބަކީ އަންދަލުސްގައި ޢިއްޒަތާއި މިނިވަންކަމަށްޓަކައި ހަނގުރާމަކުރާ އިސްލާމުންނަށް އެހީތެރިވުމެވެ. އެންޖެލާއަށް އިންސާނިއްޔަތުކަން ފެނިވަޑައިގަންނަވަނީ ކަސްތިއްޔާގައި އިސްލާމުން އަޅުވެތިކުރުމުގެ ހިލިހިލާ ތައްޔާރުކުރެވެމުންދާ ދަރުބާރުތަކުންނެވެ. އަޅުގަނޑަށް އިންސާނިއްޔަތުކަން ފެންނަނީ ކުދި ޖިފުޓިތަކުގައި އުޅުނު ކަމުގައި ވިޔަސް، އެހެން ބައެއްގެ އަޅުވެތިކަމުގައި ދިރިތިބުމަށްވުރެ މިނިވަންވާން ކުރާ މަސައްކަތުގައި މަރުވުންވެސް މާ ރަނގަޅުކަމަށް ދެކޭ މީހުންގެ ތެރެއިންނެވެ.]

އެންޖެލާ ހިތާމަވެރި ރާގަކަށް އަހައިލިއެވެ. [އަޅުގަނޑުމެންގެ ރަސްގެފާނާ މާ ގިނަ ދުވަހު ތިޔަ ގޮތަށް ހަނގުރާމަ ކުރެއްވިދާނޭ ކަމަށް ދެކެވަޑައިގަންނަވަނީތޯއެވެ؟]

[މުގާބިލާ ކުރަނީއަކީ ހުރިހައި ފަހަރަކު ނަސްރު ލިބޭނޭ ކަމުގެ އުއްމީދު އޮވެގެންނެއް ނޫނެވެ. ބައެއް ހާލަތުގައި ހަނގުރާމަ ކުރުމަކީ ނިކަމެތީންގެ ވާޖިބަކަށް ވެދެއެވެ. އަޅުގަނޑުމެންނަށް ޔަގީންވާ އެއް ކަމެއް އެބައޮތެވެ. އެއީ ދިރިތިބިހައި ހިނދަކު އެއްވެސް ބަޔަކަށް އަޅުގަނޑުމެން އަޅުވެތި ނުކުރެވޭނޭ ކަމެވެ… ދެން ހިންގަވާށެވެ. މިހާރު މާ ލަސްވެއްޖެއެވެ.]

އެންޖެލާ ބުންޏެވެ. [ކަސްތިއްޔާގެ ޝާހީ ޑަކްޓަރުގެ ވަޒީފާ ބަޝީރް ގަބޫލުފުޅު ކުރައްވައިފިއްޔާ ރަސްގެފާނުގެ ހިތްޕުޅު ހަމަޖައްސައިދެއްވައި އުފާފުޅުވާނޭ ފަދައަކުން ކަންތައް ކުރައްވައިގެން އިސްލާމުންގެ މިނިވަންކަމަށް އަރައިވަޑައިގަތަ ނުދެއްވައި ހިފެހެއްޓުވިދާނެއެވެ.]

[މިނިވަންކަމަކީ ޚުޝާމަދުކޮށްގެން ގަންނަ އެއްޗެއް ނޫނެވެ. އެއީ ލޭ އޮހުރުވައިގެން ގަންނަ އެއްޗެކެވެ.]

އެންޖެލާ ބުންޏެވެ. [ޑަކްޓަރެއްގެ ގޮތުގައި ބަޝީރް ރަސްގެފާނަށް ޚުޝާމަދު ކުރައްވާނީއެއް ނޫނެވެ. އެއީ ހެޔޮކޮށް ހިއްތެވުމެކެވެ.]ަ

ބަޝީރް ތަންކޮޅެއް ހަރުކަށި ރާގަކަށް ވިދާޅުވިއެވެ. [ތިޔަ ބޭފުޅުންގެ ކިބުރުވެރި ރަސްގެފާނަށް ހެޔޮކޮށް ހިތޭން އަޅުގަނޑުމެންނަށް އޮތީ އެންމެ ގޮތެކެވެ. އެއީ އެ ރަސްގެފާނުގެ ޚުދުމުޚްތާރު ކަނޑި ޖަހައިގަތުމުން އަޅުގަނޑުމެންގެ ރަހުމާއި އޯގާތެރިކަމުގެ ދަށަށް އޭނާ އައީމާ އަޅުގަނޑުމެންގެ ކާބަފައިންގެ ރީތި އަޚްލާގަށް އަމަލުކުރުމުގެ ގޮތުން އޭނާގެ ކުށަށް މާފުކުރުމެވެ. އޭނާ އަޅުގަނޑަށް ފަހިކޮށްދޭ ވަގުތީ ދިރިއުޅުމަކަށްވުރެ އަޅުގަނޑަށް ރަނގަޅީ އަޅުގަނޑުގެ ގައުމުގެ ދާއިމީ ދިރިހުރުމަށްޓަކައި ހަނގުރާމަކުރާ އާދައިގެ ސިފައިންގެ މީހެއްގެ ގޮތުގައި ހުރުމެވެ. އެންޖެލާއަކީ އަޅުގަނޑުމެންގެ މެހުމާނެކެވެ. މި ބަހުސު ފެށްޓެވީތީ އަޅުގަނޑު ހިތާމަކުރަމެވެ. އިސްޕޭނާއި ކަސްތިއްޔާއާ އަޅުގަނޑުމެން މުގާބިލާކުރާނީ ދައްކާ ވާހަކައަކުންނެއް ނޫނެވެ. ކަނޑިންނެވެ.]

ބަޝީރް މަޑުމަޑުން ތިރިއަށް ހިންގަވައިގެންފިއެވެ. އެންޖެލާ ތެދުވެގެން ފަހަތްޕުޅުން ހިނގައިގެންފިއެވެ. އޭނާ ހިތާހިތާ ކިޔަމުން ދިޔައެވެ. [މި ވާހަކަ ނުދެއްކުނު ނަމައެވެ.]

އޭގެ ފަހުން ބަޝީރް އެއްވެސް ވާހަކަފުޅެއް ނުދައްކަވައެވެ. އެންޖެލާވެސް ހިމޭނުން ހުރެގެން ފައިބަމުން ދިޔައީއެވެ. އެކަމަކު ތިރިއަށް ފައިބައި ގަސްތަކުގެ ތެރެއިން ހިނގާފައިދާން ޖެހުނީމާ އޭނާ އަވަސް ފިޔަވަޅުތަކެއް އަޅަމުން ގޮސް ބަޝީރާ އަރައި ހަމަކޮށްފިއެވެ. [ބަޝީރް ކޯފާވާނެއެކޭ އަޅުގަނޑުގެ ހިތަކަށް އެއްގޮތަކަށްވެސް ނާރައެވެ. އަޅުގަނޑަކީ ދުޝްމިނެއް ނޫންކަން ކަލާނގެ ދެނެވޮޑިގެންވާނެއެވެ. ބަޝީރް ކޮންމެ ކަމެއް ކުރެއްވިޔަސް އަޅުގަނޑު އަބަދުވެސް ހެޔޮ ދުޢާ ކުރާނަމެވެ. އަޅުގަނޑަށް މާފުކުރައްވާށެވެ.]

ބަޝީރް އެނބުރިވަޑައިގެން ބައްލައިލެއްވިއެވެ. އޭރު އެންޖެލާގެ ލޮލުން ކަރުނަ ފައިބައެވެ.

[މިހާރު ކީރިތި ކުރައްވަނީތޯއެވެ؟]

[އަޅުގަނޑަށް މާފު ކުރައްވާށެވެ.] އޭނާ އަނެއްކާވެސް ބުނެފިއެވެ.

[ތިޔަ ކަރުނައިގެ ސަބަބެއް އަޅުގަނޑަކަށް ނުވިސްނެއެވެ. ކްރިސްޓިއަނުންގެ ފަރާތުން ފާތިޙެއްގެ އެކުވެރިކަމުގެ މެސެޖެއް ދެއްވަނީ ކަމުގައި ވަނީނަމަ ވަރަށް ދެރައެވެ. ތިޔަ މަސައްކަތްޕުޅު މުޅީން ބޭކާރުވެއްޖެއެވެ. އަޅުގަނޑުމެންގެ ޖިހާދަކީ ބޭކާރު މަސައްކަތެއް ކަމުގައި ބައްލަވައި ހަމްދަރުދީގެ ޝުޢޫރެއް ފައުޅު ކުރައްވަނީނަމަ އަދި އެ ދަނޑިވަޅެއް ނާދެއެވެ. އަދި މާ އަވަހެވެ. ބަޝީރް ބިން ޙަސަންގެ ފުރާނައަކީ ދިރިހުރުމާއި މަރާ ދެމެދު މި ކުރެވޭ ހަނގުރާމައިގައި އަމިއްލަ ގައުމުގެ މީހުންނާ ބައިވެރިނުވާ ވަރުގެ އަގު ބޮޑު އެއްޗެއް ކަމަށް ހީފުޅު ކުރައްވާނަމަ އެއީވެސް މުޅީން ކުށް ހީފުޅެކެވެ.]

އެންޖެލާ ޖަޒުބާތުގެ ތެރެއަށް ގެނބިގެން ހިނގައްޖެއެވެ. [ކްރިސްޓިއަނުންގެ މައްޗަކަށްވެސް އަދި އިސްލާމުންގެ މައްޗަކަށްވެސް އަޅުގަނޑުގެ ޝައުގުވެރިކަމެއް ނެތެވެ. އަޅުގަނޑު ހެޔޮ އެދެނީ ހަމައެކަނި ބަޝީރަށެވެ. އަޅުގަނޑުގެ ވާހަކައިގެ ސަބަބުން ސަދުމާއެއް ލިބިވަޑައިގަތިއްޔާ ވަރަށް ދެރައެވެ. އަޅުގަނޑު މޮޔައީއެވެ. މި ދެއްކި ވާހަކަޔާ މެދު ނުވިސްނަވާށެވެ.]

[އެންޖެލާ… އެންޖެލާ…] ކުއްލިއަކަށް އިވުނީ ރަބީޢާގެ އަޑެވެ.

އެންޖެލާ އަނގައިން ނުބުނީމާ ބަޝީރް ގޮވައިލެއްވިއެވެ. [ކޮއްކޮ މިތާގައި މި ހުންނެވީއެވެ.] އެޔަށް ފަހު އެންޖެލާއާ މުޚާތަބުކުރައްވައި ވިދާޅުވިއެވެ. [ހިންގަވާށެވެ. ދައްތަ ގޮވައިލައްވަނީ ނޫންތޯއެވެ؟]

އެންޖެލާ ބަޝީރްގެ ކުރީގައި ހުރެގެން ހިނގައިގެންފިއެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން ބަޝީރާއި ރަބީޢާއާއި އެންޖެލާއާ ތިން މީހުން ތިބީ ކިއްލާއާ ދިމާއަށް މިސްރާބުޖަހައިފައެވެ.

ކޯރު ހުރަސް ކުރުމާއެކު ފުރަތަމަވެސް ފެނުނީ އަބޫ ދާވޫދެވެ. އޭނާ ދެ ދަރިންނާ މުޚާތަބުކޮށް ބުނެފިއެވެ. [މިއަދު ތިޔަ އައީ ހާދަހާ ލަހަކުންނެވެ.]

ރަބީޢާ ބުންޏެވެ. [ބައްޕާއެވެ. މިއަދު އަޅުގަނޑުމެން ފަރުބަދަ މައްޗަށް އަރާން އުޅުނީއެވެ. އަޅުގަނޑަކަށް ނޭރުނެވެ. އެންޖެލާ އެ އައީ މައްޗަށް އަރައިފައެވެ.]

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.