އަންދަލުސްގެ ބާޒު – 13

(22 ނޮވެމްބަރ 2025 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ރަބީޢާގެ ހުވަފެނުގެ ތައުބީރު

(1)

ހުކުރު ދުވަހުގެ ބޮޑު ބައެއް ބަދްރު ބިން މުޣީރާއާއި ބަޝީރް ބިން ޙަސަން ހޭދަކުރެއްވީ އަބޫ ދާވޫދާ އެކީގައެވެ. ބަދްރުގެ ވާހަކަފުޅުން އަބޫ ދާވޫދަށް ޔަގީންވީ ގޮތުގައި ބަދްރު އެރޭ ހޭދަކުރައްވާނީ ކިއްލާގައެވެ. އެކަމާ އޭނާ ވަރަށް ބޮޑަށް ހިތްހަމަ ޖެހުނެވެ. އެކަމަކު ކިއްލާގެ ވަރަށް ގިނަ ސިފައިން ކުއްލިއަކަށް ގެއްލުނީމާ އޭނާ ހުރީ ހައިރާން ވެފައެވެ.

ދެ ބޭފުޅުންގެ އަރިހުގައި މެންދުރު ކާން އިނދެފައި އަބޫ ދާވޫދް ބުނެފިއެވެ. [ކިއްލާގައި ތިބޭ ސިފައިންގެ އަދަދު ވަރަށް މަދު ވެއްޖެއެވެ. އަޅުގަނޑަށް ފެންނަ ގޮތުގައި މަނިކުފާނު މިތާގައި އުޅުއްވާއިރު ރައްކާތެރިކަމުގެ ފިޔަވަޅުތައް ހުންނާން ވާނީ ވަރަށް ރަނގަޅަށް އަޅައިފައެވެ.]

ބަދްރު ފަރުވާކުޑަ ރާގަކަށް ވިދާޅުވިއެވެ. [އަޅުގަނޑުގެ ރައްކާތެރިކަމަށްޓަކައި ސިފައިން ބޭނުންވާ ކަމަކަށް އަޅުގަނޑު އެއް އިރަކުވެސް ނުދެކެމެވެ.]

[މަނިކުފާނުގެ ހިތްވަރުފުޅު ގަދަކަމާއި ހިތްޕުޅު ތިރިކަމާމެދު އަޅުގަނޑު ފަހަރެއްގައިވެސް ޝައްކެއް ނުކުރަމެވެ. އެކަމަކު ކިއްލާ ބަލަހައްޓާންވެސް ތަންކޮޅެއް ގިނަ ސިފައިން ބޭނުން ވާނެއެއް ނޫންތޯއެވެ؟ ކްރިސްޓިއަނުންގެ ފަރާތުން އަތުވެދާނޭ ހަމަލައަކަށް އަބަދުވެސް ހުސިޔާރުވެވަޑައިގަންނަވާން ޖެހޭނެއެއް ނޫންތޯއެވެ؟]

ބަދްރު ވިދާޅުވިއެވެ. [ފިކުރުފުޅު ބޮޑު ނުކުރައްވާށެވެ. މުގާބިލާގެ ހާލަތުގައި އަބަދުވެސް މިތާގައި ބޭނުންވާ ވަރަށް ސިފައިން ތިބޭނެއެވެ. މިއީ އަޅުގަނޑު ވަގުތީ ގޮތުން އައިސް ހުންނަ ތަނެކެވެ. މަނިކުފާނު ފުރައިވަޑައިގަތީމާ އަޅުގަނޑު ދިރިއުޅޭ ޖަންގައްޔާއި ފަރުބަދަތަކުގެ ތެރެއަށް ހިނގައިދާނަމެވެ.]

[ދެ ދުވަސް ކުރީން ހުރިހައި ސިފައިން ފޮނުއްވައިލެއްވީ އެހެން ވެގެން ދޮގެއްތޯއެވެ؟]

[އާދޭހެވެ. މިތާގައި އެ މީހުން ތިބުމުގެ ބޭނުމެއް ނެތެވެ.]

އޭގެ ފަހުން އެކި މަވްޟޫއުތަކަށް ވާހަކަ ދެކެވުނެވެ.

މަޣްރިބު ނަމާދު ނިންމައިފައި މީހުން މިސްކިތުން ފައިބަމުން ދަނިކޮށް އަސްވާރަކު ވަރަށް ބާރަށް އައިސް ކިއްލާއަށް ވަދެއްޖެއެވެ. އޭނާ އެ ދިޔަ ގޮތަށް ގޮސް މަޑުކޮށްލީ މިސްކިތުގެ ދޮރުމައްޗަށެވެ. ބަދްރު ބިން މުޣީރާ ފެނުމާއެކު އޭނާ ފައިބައިގެން ބަދްރާ ދިމާއަށް ހިނގައިގެންފިއެވެ.

އޭނާ ވާހަކަ ދައްކާން ފެށުމުގެ ކުރީން ބަދްރު ސުވާލު ކުރައްވައިފިއެވެ. [ކިހިނެއް ވީ ހެއްޔެވެ؟ މާ ބޮޑަށް ހާސްވެފައި ތިޔަހަރީ ކީއްވެގެން ހެއްޔެވެ؟]

އޭނާ ދަންނަވައިފިއެވެ. [ރަސްގެފާނުގެ ކޮއްކޮއާއި ގްރަނާދާގެ ސިފައިންގެ ހައެއްކަ މީހުން މަނިކުފާނުގެ ފައިންޕުޅު ދެކޭން އަތުވެއްޖެއެވެ. މަނިކުފާނުގެ ޖަގަހައިގައި ތިބެގެން އިންތިޒާރު ކުރުމުގެ ބަދަލުގައި އެ މީހުން މިހާރު މި ދިމާއަށް އެބަ އާދެއެވެ.]

[އެ މީހުން ތިބީ ކިހައި ދުރުމިނެއްގައި ހެއްޔެވެ؟]

[މިތަނާ އަށެއް ނުވަތަ ދިހަ ކޯހުގެ ދުރުމިނުގައެވެ. އެމީހުން ބުނީ ރޭގަނޑުގެ ފަރީއްކޮޅުގައި މަނިކުފާނުގެ އަރިހުގައި ބައިވެރިވާނޭ ކަމުގައެވެ.]

ބަދްރު ބަޝީރް ބިން ޙަސަނާ ދިމާއަށް ބައްލަވައިލެއްވިއެވެ. [އެމީހުން މިތާގައި ތިބުމުގެ އިންތިޒާމު ހަމަޖައްސަވާށެވެ. އަޅުގަނޑު އެ މީހުންގެ އިސްތިގުބާލަށް ދާނަމެވެ.]

އޭގެ އިރުކޮޅެއް ފަހުން ފެނުނީ އަސްކޮޅަށް ސަވާރުވެވަޑައިގެން ބަދްރު ބިން މުޣީރާ ކިއްލާއިން ބޭރަށް ނުކުމެވަޑައިގަތް ތަނެވެ. އަބޫ ދާވޫދް ދިގު ފިޔަވަޅުތަކެއް އަޅަމުން އެ ދިޔަ ގޮތަށް ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ. ކުޑަ އިރުކޮޅެއް ވާންދެން ފުން ވިސްނުމެއްގެ ތެރެއަށް ގެއްލިފައި ހުރެގެން ކޮޓަރިތެރޭގައި ކުރުކާލި ކެނޑުމަށް ފަހު އަނެއް ކޮޓަރިއަށް ވަދެވޭ ގޮތަށް ހުރި ދޮރު ހުޅުވައިލުމަށް ފަހު ގޮވައިލިއެވެ. [މާރިޔާއެވެ. ނިކަން އައިސްބަލާށެވެ.]

މާރިޔާ އައިސް ކޮޓަރިއަށް ވަނީމާ އޭނާ އަވަސްއަވަހަށް ކޮޓަރީގެ ދޮރު ލައްޕައި ތަޅު ލައިފިއެވެ.

ރަބީޢާއާއި އެންޖެލާއާ ދެ ކުދިން އެ ކޮޓަރިއާ ދިމާއަށް ބަލަން ފަށައިފިއެވެ. [ކޮއްކޯއެވެ. ބައްޕަ މިއަދު ހެނދުނުއްސުރެ އުޅުއްވަނީ ވަރަށް ކަންބޮޑުވެ ލައްވައިގެންނެވެ.]

އެންޖެލާ، ރަބީޢާއާ ދިމާއަށް މާނައިން ފުރިގެންވީ ގޮތަކަށް ބަލައިލާފައި ބުންޏެވެ. [ކަންބޮޑުވެލައްވަނީ މާދަމާގެ އުނދަގޫ ދަތުރާ ހެދި ކަމަށް ވެދާނެއެވެ. އެކަމަކު އަހަންނަށް ދައްތަ މާ ބޮޑަށް ކަންބޮޑުވެފައި އިން ވައްތަރު ޖަހައެވެ. ކަސްތިއްޔާއިން ގްރަނާދާއަށް ދާ ވާހަކަ ބުނީމާ ދައްތަ އިނީ ވަރަށް ބޮޑަށް އުފާވެފައެވެ. އެކަމަކު މިހާރު ހީވަނީ ގްރަނާދާއަށްވުރެ މާ ބޮޑަށް މި ވީރާނާ ސަރަހައްދާ ގަޔާވެއްޖެ ހެންނެވެ.]

[އަހަރެން ގްރަނާދާ ދެކެ ލޯބިވަމެވެ. އަހަރެން ކަންބޮޑުވަނީ މާދަމާ ގްރަނާދާއަށް ދިއުމުގެ ވިސްނުން ބައްޕަ ބަދަލު ކުރައްވައިފާނެތީއެވެ.]

[ގްރަނާދާއަށް ދިއުމުގެ ވިސްނުން ބައްޕަ ބަދަލު ނުކުރައްވާނެކަން ދައްތައަށް ރަނގަޅަށް އެނގޭނެއެވެ. ސަރަހައްދީ ބާޒު އެ އޮތީ އަހަރެމެން ދަތުރުކުރާނޭ އައު ގާޑިޔަލެއް ގެނެސްފައެވެ. ދައްތަ ތިޔަ ކަންބޮޑު ވަނީ އެހެން ކަމަކާއެވެ. ދައްތަގެ ހިތުގެ ހާލަތު އަހަންނަކަށް ސިއްރެއް ނުކުރެވޭނެއެވެ. ދައްތަ ދެރަވަނީ ގްރަނާދާއާއި ސަރަހައްދީ ބާޒުގެ ޖަގަހަޔާ ދުރުކަމުންނެވެ.]

ރަބީޢާގެ މޫނުމައްޗަށް ލަދުވެތިކަމުގެ ފިޔާތޮށިކުލަ ވެރިވެގެން ދިޔައެވެ. އެންޖެލާއަށް ދޭނޭ ޖަވާބެއް އޭނާއަކަށް ނުވިސްނުނެވެ. އެންޖެލާ އަނެއްކާވެސް ބުންޏެވެ. [ދައްތާއެވެ. އަހަރެމެން ދެ މީހުން މިތިބީ އެއް އޮޑިއެއްގައެވެ. އަހަރެން ބަޝީރް ޙަސަންގެ ނަން ގަނެލިޔަސް ދައްތަ މަލާމާތް ކުރެއެވެ. އެކަމަކު ދައްތަގެ ހާލު ހުރި ގޮތް މިހިރަ ފެންނަނީއެވެ. މިތަނުން ދާން ޖެހެއޭ ހިތަށް އެރީމާވެސް ތިޔަ ހުންނަނީ މިލައި މޯޅިވެފައެވެ. ތެދަށް ބުނާށެވެ. ސަރަހައްދީ ބާޒު ދެކެ ލޯތްބެއް ނުވަން ހެއްޔެވެ؟]

[ކޮއްކޯއެވެ. އޭނާ ދެކެ ރުޅި އާދެއޭ އަހަރެން ބުނާނީ ކިހިނެއް ހެއްޔެވެ؟ އެކަމަކު ދައްތަގެ ދުނިޔެއާއި އޭނާގެ ދުނިޔެއާ މުޅީން ތަފާތެވެ. ބަދްރު ބިން މުޣީރާއަކީ އަންދަލުސްގެ އުޑުގައި އަލިކުރަމުން ގެންދާ ސާދަވިލޭރޭގެ ހަނދެކެވެ. ދައްތައަކީ އެ އަލިކަމުގެ އަސަރު ކުރިކަމުގައި ވިޔަސް ހަނދު އުޑުން ބާލައިގެން ޖިފުޓިއަށް ގެންނާން އުއްމީދުކޮށްގެން ތިބެމެ، އެއީ ކުރެވޭނޭ ކަމެއް ނޫންކަން ދެނަހުރި އެތައް ލައްކަ ބަޔަކުގެ ތެރެއިން އެކަކީމެވެ. ބަޝީރް ބިން ޙަސަނަކީވެސް އަންދަލުސްގެ އުޑުގައި ފިޔަޖަހަމުންދާ އަލިގަދަ ތަރިއެކެވެ. ކޮއްކޮގެ ވިސްނުން ހުރީ އެ ތަރިއާ ދިމާއަށް ބެލުމާ ހަމައިގައި ކަމުގައި ވަނީނަމަ ދައްތަގެ އެއްވެސް މައްސަލައެއް ނެތެވެ. އެކަމަކު އެ ތަރި ބާލައިގެން ގެނެސް އުނގަށް ލާން ޚިޔާލު ކުރާނަމަ ތިޔަ ހުންނަނީ އުޑާއި ބިމާ ދެމެދު ހުރި ދުރުމިނަށް ނުވިސްނައެވެ. އެ ދުރުމިން ކޮއްކޮއަށް ދައްކައި ދިނުމަކީ ދައްތަގެ ވާޖިބެކެވެ.]

އެންޖެލާގެ ރީތި މޫނު މިލައިފިއެވެ. ތުންފަތްމައްޗަށް ވެރިވީ ހިތާމައިގެ ހިނިތުންވުމެކެވެ. [މީގެ ކުރީން އަހަރެން ދައްތަޔާމެދު ކަންތައް ކުރަމުން އައި ގޮތް ކިތަންމެ ނުބައި ވިޔަސް އަހަރެން ހީކޮށްގެން ހުރީ އަހަންނަށް އެންމެ ބޮޑަށް ހެޔޮ އެދޭ މީހަކަށް ހުންނާނީ ދައްތަ ކަމުގައެވެ. އެކަމަކު ހިތް ބުރަ ނުކުރާށެވެ. ދައްތައަކީ ޅެންވެރިއެކެވެ. އަހަރެން އޭނާ މި ދެކެނީ އުޑަކުންނެއް ނޫނެވެ. މި ބިންމަތިންނެވެ. އޭނާ ދެކެ ލޯބިވެޔޭ ބުނާކަށް އަހަރެން އެއްގޮތަކަށްވެސް ލަދެއް ނުގަނެއެވެ. އޭނާ އުނގަށް ނުލެވުނަސް އޭނާޔާ ދިމާއަށް އަތް ދިއްކުރާކަށް އަހަރެން ޖެހިލުމެއް ނުވާނެއެވެ. ދައްތާއެވެ. އޭނާ އެންމެ ފުރަތަމަ ފެނުނު ދުވަހުވެސް އެއީ އަހަރެންގެ މިލްކެކޭ ހިތް ބުނެފިއެވެ. އޭނާގެ އަޑު އިވުނީމާ އިހުސާސް ކުރެވުނީ އަހަރެންގެ ކަންފަތުގައި އެތައް ޒަމާނެއް ވާންދެން ހަރުލައިފައި ހުރި އަޑެއް ކަމުގައެވެ. އަހަރެންގެ ލޮލަށް އޭނާ ފެންނަހައި ހިނދަކު، އަދި އަހަރެންގެ ކަންފަތަށް އޭނާގެ އަޑު އިވޭހައި ހިނދަކު މި ހިތް އަބަދުވެސް ބުނަމުން ދާނީ އެއީ އަހަރެންގެ މީހެކޭއެވެ. އަހަރެންގެ މީހެކޭއެވެ. ދައްތާއެވެ. ތެދަށް ބުނާށެވެ. ބަދްރު ބިން މުޣީރާއާ މެދު މި ކަހަލަ އިހުސާސެއް ދައްތައަކަށް ހަމަ ނުކުރެވޭ ހެއްޔެވެ؟ އެއީ ފިރިހެނެކެވެ. ދައްތައަކީ އަންހެ…]

ރަބީޢާ ފުން ނަޒަރަކުން އެންޖެލާއާ ދިމާއަށް ބަލައިލިއެވެ. [ކޮއްކޯއެވެ. ކޮއްކޮއަކީ ކްރިސްޓިއަނެކެވެ. ބަޝީރް ބިން ޙަސަނަކީ އިސްލާމެކެވެ. އިސްލާމުންނާއި ކްރިސްޓިއަނުންނާ ދެމެދު އެހެރަގެން ދަނީ ހަނގުރާމަ ކުރަމުންނެވެ. އެކަމަކާ ކޮއްކޮ ވިސްނައެއް ނުލަން ހެއްޔެވެ؟]

އެންޖެލާ ބުންޏެވެ. [އެކަމަކާ އަހަރެން ފަރުވާލެއް ނުބަހައްޓަމެވެ. އޭނާ އަހަރެންގެ މައްޗަށް ލަންބައިލެވޭތޯ މަސައްކަތް ކުރާނަމެވެ. ލަންބައިނުލެވިއްޖެއްޔާ އޭނާޔާ ދިމާއަށް އަމިއްލައަށް ލެނބިގަންނާން އަހަރެން މިހިރީ ތައްޔާރަށެވެ. އެއްވެސް ޖެހިލުމަކާ ނުލައި އެކަން ކުރާނަމެވެ.]

ރަބީޢާ ބުންޏެވެ. [ކޮއްކޯއެވެ. ގްރަނާދާއާއި ކަސްތިއްޔާއާ ދެމެދު ހަނގުރާމަ ފެށިއްޖެއްޔާ ވާނޭ ގޮތަކާ މެދު ވިސްނައިބަލާށެވެ. އެފަދަ ހާލަތެއް މެދުވެރި ވެއްޖެއްޔާ ކޮއްކޮއާއި ބަޝީރް ޙަސަނާ ދެމެދު އޮތް ހުރިހައި މަގެއް ބަންދުވެދާނެއެވެ.]

[އަހަރެމެން ދެމީހުންގެ ދެމެދުގައި ހުރި މަގުތައް ވަގުތީ ގޮތުން ބަންދުވުމަކީ އެކަށީގެންވާ ކަމެކެވެ. އެކަމަކު ހަނގުރާމައިގެ ނަތީޖާއަކަށް ވާނީ މުޅި އަންދަލުހަށް ކްރިސްޓިއަނުން ވެރިވުން ނޫން ކޮން ކަމެއް ހެއްޔެވެ؟ އެހެންވުމާއެކު ހުރިހައި ހުރަހެއް ނެތިގެން ހިނގައިދާނެއެވެ.]

[ކޮއްކޮ ތިޔަ ހީކުރަނީ ހަނގުރާމަ ނިމޭއިރު ބަޝީރް ޙަސަން ކަހަލަ ސިފައިންގެ މީހަކު ކޮއްކޮއާ އެކީ ލޯބީގެ ކުޅިވަރު ކުޅެން ދިރި ހުންނާނޭ ކަމަށް ހެއްޔެވެ؟]

އެންޖެލާގެ މޫނުމައްޗަށް އުދާހުގެ އަސަރު ވެރިވެއްޖެއެވެ. ކުޑަ އިރުކޮޅަކު ހިމޭނުން އިނުމަށް ފަހު ބުންޏެވެ. [ދައްތާއެވެ. އަހަރެން މި ބުނާ ކަހަލަ ކަމެއް ޚިޔާލަށް ގެނެސްބަލާށެވެ. ހާލަތު ނިޔާކުރާ ގޮތަކުން އޭނާއަށް ކަސްތިއްޔާއަށް ދާން މަޖުބޫރުވީ ކަމަށް ބަލާށެވެ. އޭނާގެ ދިރިއުޅުމުގައި ބާކީ އޮތްތަން އެތާގައި ހޭދަކުރާން މަޖުބޫރު ވެއްޖެއްޔާ އަހަރެމެން ދެ މީހުންގެ މެދުގައި އޮތް ހުރަސް ނެތިގެން ނުދާނެ ހެއްޔެވެ؟]

ރަބީޢާ ބުންޏެވެ. [ތިޔަކަން ބިނާވާނީ އޭނާ ކަސްތިއްޔާއަށް ދާން މަޖުބޫރުވާ ސަބަބަށެވެ. ގައިދީއެއްގެ ގޮތުގައި ގޮސް ހުއްޓައި އަންހެންކުއްޖެއްގެ އެދުމުގެ މަތީން މިނިވަން ވެއްޖެއްޔާ އެއީ އޭނާ ބަރުދާސްކުރާނޭ ނިކަމެތިކަމެއް ނޫނެވެ. އެ ނިކަމެތިކަމުގައި ދިރިއުޅުމަކީ އޭނާ ކުރާނޭ ކަމެއް ނޫނެވެ. ފާތިޙެއްގެ ގޮތުގައި ހުރެގެން ކޮއްކޮގެ ލޯބީގެ ހިލިހިލާގައި ބަނދެވުން ފަހަރެއްގައި ގަބޫލުކޮށްފާނެއެވެ. އެކަމަކު އޭނާ ކަސްތިއްޔާއަށް ދާން މަޖުބޫރުވާނޭ ހާލަތަކީ ކޮބައިހެއްޔެވެ؟]

އެންޖެލާ އޭނާގެ ކަންބޮޑުވުމުގެ މައްޗަށް ބާރު ފޯރުވަން މަސައްކަތް ކުރަމުން ބުނެލިއެވެ. [މަލެއްގެ ހަގީގީ ޖަގަހައަކީ ބަގީޗާއެވެ. މި ކަހަލަ ވީރާނާ ތަނެއްގައި މާ ގިނަ ދުވަހު އުޅެން އޭނާ ނުރުހުމަކީވެސް އެކަށީގެންވާ ކަމެކެވެ.]

ރަބީޢާ އެ ވާހަކައަށް ޖަވާބެއް ދޭން އުޅުނެވެ. އެކަމަކު އެ ވަގުތު ކޮޓަރީގެ ދޮރު ހުޅުވައިލާފައި އަބޫ ދާވޫދާއި މާރިޔާ އެތެރެއަށް ވަދެއްޖެއެވެ. އަބޫ ދާވޫދްގެ އަތުގައި އަނދައަނދައި ހުރި ދެ ދަންމަރު އޮތެވެ. އޭނާ އެ ދަންމަރު ގެންގޮސް ކޮޓަރީގެ ކުޑަދޮރުން ބޭރަށް އަލި ފެންނަގޮތަށް ކޮޓަރިތެރޭގައި ބަހައްޓައިފިއެވެ. ރަބީޢާ މައުސޫމު ރާގަކަށް ބުނެލިއެވެ. [ބައްޕާއެވެ. ކޮޓަރީގައި މިއޮތް ފާނޫޒުންވެސް ރަނގަޅަށް އެބަ އަލިވެއެވެ. ތިޔައީ ކީއްކުރައްވަން ގެންނެވި ދަންމަރެއްތޯއެވެ؟]

އަބޫ ދާވޫދް ކުޑަކޮށް ކަންބޮޑުވެފައި އަހައިފިއެވެ. [މާ އަލި ގަދަވީމާ ދަރިފުޅަށް އުނދަގޫ ވަނީ ހެއްޔެވެ؟]

[ވައި ޖެހުނީމާ ތިޔަ ދަންމަރު ނިވިދާނެއެވެ. ކުޑަދޮރު ލައްޕާލަންތޯއެވެ؟]

[ނޫނެކެވެ. ތާޒާ ވައި ވަންނާނީ ކުޑަދޮރު ހުޅުވާފައި ހުރީމައެވެ.] އަބޫ ދާވޫދް މިހެން ބުނެފައި މާރިޔާއާ ދިމާއަށް ބަލައިލިއެވެ. [މި ދަންމަރު ނިވިއްޖެއްޔާ ލަސްނުކޮށް އަލުން ހުޅުދާން ކުރާށެވެ. އަހަރެންގެ ކޮޓަރީގައި އަދި ދަންމަރު އެބަހުއްޓެވެ. ރޯ ނުކުރެވޭ ވަރަށް ހުސް ވެއްޖެއްޔާ އެ ގެންނާށެވެ.]

މިހެން ބުނެފައި އަބޫ ދާވޫދް ކޮޓަރިން ނުކުމެގެން ހިނގައްޖެއެވެ.

(2)

ޢިޝާ ނަމާދުގެ ވަގުތު ވަންތަނާ ބަދްރު ބިން މުޣީރާއާއި ގްރަނާދާގެ ރަސްގެފާނުގެ ކޮއްކޯފުޅު އައްޒަޣަލާއި ސިފައިންގެ ވަރުގަދަ ދެ ކޮމާންޑަރުން ކަމުގައިވާ މޫސާއާއި އައްޒައިޣަރީ ކިއްލާއަށް ވެދެވަޑައިގެންފިއެވެ. އެ ބޭފުޅުންގެ އަރިހުގައި ގްރަނާދާގެ އިސް ފަނަރަ ސިފައިންނާއި ދެވަނަ ދަރަޖައިގެ އޮފްސަރުންގެ ބަޔަކުވެސް ކިއްލާއަށް ވަނެވެ.

އެ ވަގުތު ކިއްލާގެ މިސްކިތުން ބަންގި ގޮވަނީއެވެ. އެހެންވީމާ ހުރިހައި ބޭފުޅުން އެންމެ ފުރަތަމަ ވަޑައިގަތީ މިސްކިތާ ދިމާއަށެވެ. މިސްކިތުގެ ދޮރުމަތީން އެ ބޭފުޅުންނަށް މަރުހަބާ ދެންނެވީ އަބޫ ދާވޫދާއި ބަޝީރް ޙަސަނެވެ. އައްޒަޣަލް ބަޝީރް ޙަސަނާ ޖޯޝާއެކު މުސާފަހާ ކުރެއްވުމަށް ފަހު އަބޫ ދާވޫދާ ދިމާއަށް ބައްލަވައިލެއްވިއެވެ.

ބަދްރު ބިން މުޣީރާ ވިދާޅުވިއެވެ. [މިއީ އަބޫ ދާވޫދެވެ. އައި މަގުމަތީގައި އަޅުގަނޑު މަނިކުފާނަށް ދެންނެވީ މި ބޭފުޅާގެ ވާހަކައެވެ.]

އައްޒަޣަލް އަބޫ ދާވޫދާ މުސާފަހާ ކުރެއްވުމަށް ފަހު ވިދާޅުވިއެވެ. [މަނިކުފާނުގެ ވަރަށް ރަނގަޅު ސިފަފުޅުތަކެއްގެ ވާހަކަ ބަދްރު ވިދާޅުވިއެވެ. އަޅުގަނޑަށް އެންމެ ކަމުދިޔަ ސިފަފުޅަކީ މަނިކުފާނުގެ މައްޗަށް އަޅުގަނޑުމެންގެ ސަރަހައްދީ ބާޒު ކުރައްވާ އިތުބާރާއި ޔަގީންކަމެވެ.]

އަބޫ ދާވޫދް ހިނިތުންވެލައިފައި ބުނެފިއެވެ. [އަޅުގަނޑަށް ލިބިފައިވާ އެންމެ މަތިވެރި ޝަރަފަކީ އަޅުގަނޑަކީ އިންތިހާ ދަރަޖައަށް ހެޔޮފުޅު ޒުވާނެއްގެ މެހުމާނަކަށް ވުމެވެ. އަދި މި އަގެއް ނެތް މެހުމާނުގެ ތާރީފުކުރެއްވުންވެސް މެހުމާންދާރީގެ ތެރެއަށް އިތުރު ކުރެއްވުމެވެ. އެ ހާދިސާއެއްގެ ސަބަބުން އަޅުގަނޑަށް ސަރަހައްދީ ބާޒުގެ ހެޔޮފުޅުކަން ތަޖުރިބާކުރުމުގެ ނަސީބު ލިބުނު ހާދިސާއަކީ އަޅުގަނޑުގެ ދިރިއުޅުމުގައި ދިމާވީ އެންމެ އުފާވެރި ހާދިސާއެވެ. ހަމައެކަނި ދުރުން ދެކިލުމަކީވެސް ލިބޭ ޝަރަފެއް ކަމުގައި އަޅުގަނޑުމެން ދެކޭ ވަރުގަދަ ޝަޚުސިއްޔަތު މިހާރު މި ހުންނެވީ އަޅުގަނޑުގެ ކުރިމަތީގައެވެ. ބިދުޢަކަށް ނުވާނަމަ އަޅުގަނޑު މިހިރީ މޫސާ ބިން ނުޞައިރާއި ޠާރިޤް ބިން ޒިޔާދްގެ ކަނޑިކޮޅު މިހާރު އުފުއްލަވާ އަތްޕުޅުގައި ބޮސްދޭންވެސް ތައްޔާރަށެވެ.]

އައްޒަޣަލަކީ ވަރަށް ޢަމަލީ ބޭފުޅެކެވެ. ޚުޝާމަދަކީ އެ މަނިކުފާނު ކަންބޮޑުވެވަޑައިގަންނަވާ ކަމެކެވެ. އެކަމަކު އަބޫ ދާވޫދްގެ ބަހުރުވައާއި ލަހުޖާގެ ސަބަބުން އެމަނިކުފާނަށް އަސަރުކޮށްފިއެވެ. ލޯފުޅުން ހޫނު ކަރުނަފޮދުގެ އަސަރު ފައުޅުވެއްޖެއެވެ.

މޫސާއާއި އައްޒަޣަރީއަށް ތައާރަފުކުރެވުނީމާވެސް އަބޫ ދާވޫދް ދެއްކީ މި ކަހަލަ ޚުޝާމަދުގެ ވާހަކަތަކެކެވެ. ހުރިހައި ބޭފުޅުން މިސްކިތަށް އަރައިވަޑައިގެންފިއެވެ. އިމާމުވެ ނަމާދުކުރީ އަބޫ ދާވޫދެވެ.

ނަމާދުން އަވަދިވެވަޑައިގެން ހުރިހައި ބޭފުޅުން ވަޑައިގަތީ ޢިމާރާތުގެ މަތީބުރީގައި ތައްޔާރުކޮށްފައި އޮތް ރޭގަނޑުގެ ފަރީއްކޮޅަކަށް އިންސާފުކުރައްވާށެވެ. ކެއުމުގެ ތެރޭގައިވެސް އަބޫ ދާވޫދް ގެންދިޔައީ އެ ބޭފުޅުންނަށް އަސަރުކުރުވާނޭ ގޮތް ހެދުމުގެ ގޮތުން އޭނާގެ ގާބިލުކަމުގެ ބޭނުންކޮށްގެން ފޮނި ވާހަކަ ދައްކަމުންނެވެ. އައްޒަޣަލަކީވެސް އެތައް ދާއިރާއަކުން ކިޔަވައިވިދާޅުވެގެން ހުންނެވި ޢިލްމުވެރިއެކެވެ. ވުމާއެކު އަބޫ ދާވޫދަށް ލިބިފައިވާ މައުލޫމާތާއި ޢިލްމުގެ ފުޅާކަމުގެ ސަބަބުން އެމަނިކުފާނުގެ ހިތްޕުޅުގައިވެސް އަބޫ ދާވޫދުގެ މައްޗަށް ބާވަތެއްގެ ގަދަރެއް އުފެދިއްޖެއެވެ. ނަތީޖާއެއްގެ ގޮތުން އެ ބޭފުޅުން ކުރިއަށް ގެންދަވާ ބައެއް ކަހަލަ ސިއްރުވެރި ޙަރަކާތްތަކުގެ ވާހަކަފުޅުވެސް ދައްކަވައިފިއެވެ. [މަނިކުފާނުގެ މަސައްކަތްޕުޅު ކުރިއަށް ގެންދަވާން ތިޔަ ޚިޔާރު ކުރެއްވި ތަނަކީ މަނިކުފާނުގެ ބޭނުން ނުހަނު ބޮޑަށް ޖެހިފައިވާ ތަނަކަށް ވީ ކަމީ ﷲ އަށް ޝުކުރުވެރި ވާން ޖެހޭ ކަމެކެވެ. ގްރަނާދާގައި މަނިކުފާނަށް ކޮށްދެއްވޭނޭ ވަރަށް ގިނަ ކަންތައް އެބަހުއްޓެވެ. ބަދްރު ބިން މުޣީރާ ދެއްވި މައުލޫމާތުން އަޅުގަނޑަށް އެނގުނު ގޮތުގައި މަނިކުފާނަކީ ޒުވާނުންގެ ސަމާލުކަން ހޯއްދަވަން ވަރަށް ކުޅަދާނަ ބޭފުޅެކެވެ. އަޅުގަނޑު މަނިކުފާނަށް ގްރަނާދާގެ ޒުވާނެއްގެ މައުލޫމާތު އަރުވާނަމެވެ. އެ ޒުވާނާ އަޅުގަނޑުގެ ބަޔަށް ގެނައުމަކީ އަންދަލުސްގައި ގެއްލިފައިވާ ވެރިކަން އަލުން އަނބުރައި ހޯދުމަށްވުރެ ވަކީން ކުޑަ ކަމެއް ނޫނެވެ. އަޅުގަނޑު މި ދަންނަވަނީ އަޅުގަނޑަށް ބޮޑުބޭބެ ކިޔާ ކުއްޖެއްގެ ވާހަކައެވެ. އަންދަލުސްގެ ވަލީ ޢަހްދު ޢަބްދުﷲ ގެ ވާހަކައެވެ. އެއީ އިންތިހާއަށް ވަހުމުގެ ކަންތައް ބޮޑު، ފިނޑި، ޙުޝާމަދަށް ލޯބިކުރާ އަދި ކަންކަމުގައި އަވަސް އަރައިގަނެގެން އުޅޭ ޒުވާނެކެވެ. ބިނާ ކުރުމަށްވުރެ ބޮޑަށް އޭނާ ލޯބިކުރަނީ ސުންނާފަތި ކުރުމަށެވެ. މަނިކުފާނު މަސައްކަތް ކުރައްވައިގެން އޭނާ އިސްލާޙު ކުރެއްވިއްޖެނަމަ އެއީ ގައުމަށްޓަކައި ކުރެއްވޭ މަތިވެރި ޚިދުމަތަކަށް ވާނެއެވެ.]

އަބޫ ދާވޫދް އޭނާގެ އުފާވެރިކަން ފޮރުވާން މަސައްކަތްކުރަމުން ކިޔައިފިއެވެ. [ޒުވާނުން އިސްލާޙު ކުރުމަށްޓަކައި މަނިކުފާނުގެ އެންމެ ބައްލަވައިލެއްވުމެއް ފުދޭނެއެވެ. އެކަމަކުވެސް އަޅުގަނޑާ ޙަވާލުކުރައްވާ ކޮންމެ ޚިދުމަތެއް ފުރިހަމަކަމާއެކު އަދާކުރާނޭކަމުގެ ޔަގީންކަން އަރުވަމެވެ.]

އައްޒަޣަލް ވިދާޅުވިއެވެ. [ޢަބްދުﷲ އަކީ ބަލައިލުމަކަށް ގުޑާނޭ މީހެއް ނޫނެވެ. އޭނާ މައިތިރިކުރެވޭނީ ޗާބޫކުންނެވެ. އެ ޗާބޫކު އޮތީ މަނިކުފާނުގެ އަތްޕުޅުގައެވެ. މަނިކުފާނު ގްރަނާދާއަށް ވަޑައިގަންނަވަނީ ކޮން ދުވަހަކުތޯއެވެ؟]

[މި އުޅެނީ މާދަމާ ފުރާން ކަމަށެވެ.]

[މަނިކުފާނު ވަޑައިގަންނަވާން ވާއިރަށް އަޅުގަނޑުމެންވެސް ދާނަމެވެ. މަނިކުފާނު ކަހަލަ ގާބިލު ބޭފުޅަކު ލައްވައި ދަރިފުޅަށް ކިޔަވައިދެއްވުމަކީ އަޅުގަނޑުގެ ބޭބެ ދެކޮޅު ހައްދަވާނޭ ކަމެއް ނޫނެވެ. އެކަމަކު އޭނާއަށް ކިޔަވައިދެއްވާން ވަޑައިގަތީ އަޅުގަނޑުގެ އެދުމެއްގެ މަތީން ކަމަށް ޢަބްދުﷲ ގާތު ވިދާޅުނުވުން އެދެމެވެ. އަޅުގަނޑު ކުރާ ކޮންމެ ކަމަކަށް އޭނާ ޝައްކު ކުރާނެއެވެ.]

[ތިޔަ ކަމާ އެއްގޮތަކަށްވެސް ފިކުރުފުޅު ނުކުރައްވާށެވެ.]

އޭގެ ފަހުން އައްޒަޣަލާއި މޫސާއާއި އައްޒައިޣަރީއާ ތިން ބޭފުޅުން އަބޫ ދާވޫދާ ސުވާލުކުރައްވަމުން ގެންދެވީ ކަސްތިއްޔާގެ ލަޝްކަރުގެ ތައްޔާރީއާ ބެހޭ ގޮތުންނެވެ. އަބޫ ދާވޫދް އެ ބޭފުޅުންނަށް ތެދު މަޢުލޫމާތެއް ނާރުވައެވެ. ގެންދިޔައީ އެ ބޭފުޅުންގެ ހިތްޕުޅު ހަމަޖެހޭ ކަހަލަ ޖަވާބުތައް އަރުވަމުންނެވެ.

މެންދަން ވާން ކައިރިވީ ފަހުން، މި ބޭފުޅުން ތެދުވެވަޑައިގަންނަވާން އުޅުއްވަނިކޮށް ކިއްލާގެ ބޭރުން ހަޅޭއް ލަވާ އަޑު އިވޭން ފަށައިފިއެވެ. އެ ބޭފުޅުން ހާސްވެވަޑައިގެން އެއް ބޭފުޅަކު އަނެއް ބޭފުޅަކާ ދިމާއަށް ބައްލަވާން ފައްޓަވައިފިއެވެ. ޖަވާބަކަށް އެދިވަޑައިގަންނަވާ ކަހަލަ ގޮތަކަށް އައްޒަޣަލް ބައްލަވައިލެއްވީ ބަދްރު ބިން މުޣީރާއާ ދިމާއަށެވެ. ދެން ތިއްބެވި ބޭފުޅުންވެސް ބައްލަވާން ފެއްޓެވީ އޭނާޔާ ދިމާއަށެވެ.

ބަދްރު ބިން މުޣީރާގެ މޫނުފުޅުމަތީން ޙައިރާންކަމުގެ އަސަރެއްވެސް އަދި ކަންބޮޑުވެވަޑައިގަތުމުގެ އަސަރެއްވެސް ނުފެނެއެވެ. [ބިރުފުޅުނުގަންނާށެވެ.] މަޑުމައިތިރިކަމާއެކު އޭނާ ތެދުވެވަޑައިގެންފިއެވެ. [ވެގެން އުޅޭ ގޮތެއް އަޅުގަނޑު އެބަ ބަލަމެވެ.]

އެޔާއެކު ބަޝީރް ތެދުވެވަޑައިގަތީމާ ބަދްރު ވިދާޅުވިއެވެ. [މެހުމާނުންގެ އަރިހުގައި އިންނަވާށެވެ. އަޅުގަނޑު އެބަ އަންނަމެވެ.]

ބަދްރު ބިން މުޣީރާއަށް ދޮރާ ހަމައަށް ވަޑައިގެންނެވުނުތަނާ ފާރަވެރިއަކު ދުވެފައި އައިސް އެތެރެއަށް ވަދެއްޖެއެވެ. އޭނައަށް ހުރީ މާނޭވާލެވިފައެވެ. [ކްރިސްޓިއަނުން ހަމަލަދީފިއެވެ.]

މި އަޑު އިވިވަޑައިގަތުމާއެކު އެތާގައި ތިއްބެވި ބޭފުޅުން ކަނޑިކޮޅު ދަންމަވައިގެންފައި ތެދުވެވަޑައިގެންފިއެވެ. އެވަގުތު ބަދްރު އަތްޕުޅުގެ އިޝާރާތުން އެކަން މަނާކުރެއްވުމަށް ފަހު ވިދާޅުވިއެވެ. [މި ދިޔަ ވިއްސަކަށް އަހަރުގެ ތެރޭގައި ކްރިސްޓިއަނުން މިރޭ އެ އެޅި ފިޔަވަޅަށްވުރެ މޮޔަ ފިޔަވަޅެއް އަޅައިފައެއް ނެތެވެ. ހިތްޕުޅު ހަމަޖައްސަވައިގެން ތިއްބަވާށެވެ. ރޭގަނޑުގެ ވަގުތު ކިތަންމެ ބޮޑު ލަޝްކަރެއް އަޔަސް މި ކިއްލާއަކާ ކައިރިއެއް ނުވެވޭނެއެވެ. ހީކުރެވިފައި ނެތް ހަމަލައަކަށް އަޅުގަނޑު މީގެ ކުރިން ދުވަހަކުވެސް މިހައި ބޮޑަށް ތައްޔާރެއް ނުވަމެވެ.]

އަބޫ ދާވޫދް ބުންޏެވެ. [އެކަމަކު މި ކިއްލާގައި ވިހި ނުވަތަ ފަންސަވީސް ސިފައިންނަށްވުރެ ގިނައިންނެއް ނެތެއް ނޫންތޯއެވެ.]

[ކިއްލާގެ ރައްކާތެރިކަން ދަމަހައްޓަނީ ކިއްލާގެ ހަތަރު ފާރާ ވަރަށް ދުރުގައެވެ. ނަސީބު ރަނގަޅުކަމުން އަޅުގަނޑުގެ ސިފައިންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުން މި ވަގުތުވެސް ސަމާލުވެގެން އެބަތިއްބެވެ. އަޅުގަނޑު އެބަ އަންނަމެވެ.]

މޫސާ ވިދާޅުވިއެވެ. [އަޅުގަނޑުވެސް ދާނަމެވެ.]

ބަދްރު ބިން މުޣީރާ ވިދާޅުވިއެވެ. [އަޅުގަނޑުގެ ސިފައިންގެ މީހެއްގެ ތީރެއްގެ ޝިކާރައަކަށް މަނިކުފާނު ވެވަޑައިގެންފާނެތީ އަޅުގަނޑު ބިރުގަނެއެވެ. ބޭރުގައި ހަނގުރާމަކުރާ މީހުންނަށް އިރުޝާދުދޭން އަޅުގަނޑަށްވެސް ނުނުކެވުމަކީ އެކަށީގެންވާ ކަމެކެވެ. އަޅުގަނޑު މި ދަނީ ކިއްލާގެ ފާރަވެރިންނަށް ކޮންމެހެން ދޭންވާ އިރުޝާދެއް ދޭށެވެ.]

އައްޒަޣަލް ހިތްޕުޅު ހަމަޖެހުނު ކަހަލަ ރާގަކަށް ސުވާލުކުރެއްވިއެވެ. [މިކަހަލަ ހަމަލައެއް ދީފާނެ ކަމަށް މަނިކުފާނު ހުންނެވީ ލަފާކުރައްވައިގެންތޯއެވެ؟]

މި ސުވާލާ ގުޅިގެން އަބޫ ދާވޫދް ސިހިފައި ބަދްރާ ދިމާއަށް ބަލައިލިއެވެ.

ބަދްރު ވިދާޅުވިއެވެ. [ޤުދުރަތުން އަޅުގަނޑަށް ބާވަތެއްގެ އިޝާރަތެއް ވީއެވެ. އެއީ ވަހުމެއް ކަމުގައި ނުބެލުނު ކަމަށްޓަކައި ﷲ އަށް ޝުކުރު ހުއްޓެވެ.]

ބަދްރުގެ އަރިހުގައި ވަޑައިގަންނަވާން ބަޝީރް ބިން ޙަސަން ވަރަށް މަސައްކަތް ކުރެއްވިއެވެ. އޭނާގެ ބާރުއެޅުއްވުމުގެ ޖަވާބުގައި ބަދްރު ވިދާޅުވިއެވެ. [އަޅުގަނޑުމެންގެ ވަރަށް ގިނަ ތީރުވެރިން ހަނގުރާމައިގެ މައިދާނުގައި ބިރެއް ނެތި އެތިބީ ޒަޚަމްތަކަށް ފަރުވާދެއްވަން ބަޝީރް ހުންނަވާނޭ ކަމުގެ ޔަގީންކަން އޮތީމައެވެ. އެހެންވީމާ މިތާގައި ހުންނަވައިގެން އެމީހުންގެ ޒަޚަމްތަކުގައި އަޅުއްވާނޭ ބޭސް ތައްޔާރުކުރައްވާށެވެ.]

ބަދްރު ބޭރަށް ނުކުމެވަޑައިގެންފައި ގަޑިއެއްހައި އިރު ފަހުން އެނބުރި ވަޑައިގެންފިއެވެ.

[ފިކުރު ނުކުރައްވައި އަވަހާރަފުޅު ލައްޕަވާށެވެ. ކްރިސްޓިއަން ލަޝްކަރާ، މި ކިއްލާޔާ ދެ ކޯހުގެ ދުރުމިނުން އަޅުގަނޑުމެންގެ ފަހުލަވާނުން އިސްތިގުބާލުކުރީމާ މިހާރު މަސައްކަތް ކުރަމުން ދަނީ ފިލައިގެން ދާށެވެ. އޭގެ ތެރެއިން ދިހަވަރަކަށް މީހުންނަށް ފިލައިގެން ދެވުނަސް ވާނީ މުޢުޖިޒާތަކަށެވެ. މި އުފާވެރި ފަތަޙައިގެ ބައިވެރިއަކަށް ތިޔައިން އެއްވެސް ބޭފުޅަކު ވެވަޑައިގަތުމަކަށް އަޅުގަނޑު ހުރަހެއް ނާޅަމެވެ. އެކަމަކު ފަޖުރުލުމުގެ ކުރީން ބޭރަށް ނުކުމެވަޑައިގަތުމަކީ ރަނގަޅު ކަމަކަށް ނުވާނެއެވެ. ބޭނުންފުޅިއްޔާ ފަތިހުގެ އަލީގައި ބޭރަށް ނުކުމެވަޑައިގެން ގައިދީން އެއްކުރުމުގައްޔާއި ފިލައިގެން ދާން އުޅޭ މީހުންނާ ހަމަލަދިނުމުގައި އަޅުގަނޑުގެ ތީރުވެރިންނާ އެހީތެރިވެވަޑައިގެން ދެއްވިދާނެއެވެ.]

މިހެން ވިދާޅުވެފައި ބަދްރު ދެން ބައްލަވައިލެއްވީ އަބޫދާވޫދާ ދިމާއަށެވެ. [މަނިކުފާނު ކޮޓަރިކޮޅަށް ވަޑައިގަންނަވާށެވެ. އަދި ކޮޓަރިކޮޅުގެ ކުޑަދޮރުތައް ލައްޕަވައި ބައްތިތައް ނިއްވައިލައްވާން އަންގަވާށެވެ. އަދި އެއްވެސް ބޭފުޅަކު ކުޑަދޮރު ކައިރީގައި ނުހުންނަވާށޭވެސް ވިދާޅުވާށެވެ. އަޅުގަނޑުގެ ސިފައިންގެ ފަރާތުން އެނގުނު ގޮތުގައި ކާފަރުންގެ ލަޝްކަރުގެ ބައެއް މީހުން ކިއްލާގެ ކައިރިން ވަނީ ފެނިފައެވެ. އެމީހުންގެ ފަރާތުން ކިއްލާއަކަށް އެއްވެސް ނުރައްކަލެއް ކުރިމައްޗެއް ނުވާނެއެވެ. އެކަމަކު އަލި ފެނިފައި އެ ދިމާއަށް ތީރު ޖަހަން ފެށުމަކީ އެކަށީގެންވާ ކަމެކެވެ.]

[އެކަހަލަ މޮޔަ ކަމެއް އެ މީހުން ނުކުރާނެ ކަމަށް އަޅުގަނޑު އުއްމީދު ކުރަމެވެ.] މިހެން ބުނެފައި އަބޫ ދާވޫދް ދުވެފައި ކަހަލަ ގޮތަކަށް ކޮޓަރިއާ ދިމާއަށް ހިނގައްޖެއެވެ.

އައްޒަޣަލް ހިނިފުޅުވަޑުވަމުން ވިދާޅުވިއެވެ. [މޮޅު ޢިލްމުވެރިއަކު ކުޅަދާނަ ސިފައިންގެ މީހަކަށް ވަނީ ވަރަށް މަދު ފަހަރަކުއެވެ.]

(3)

ތަންކޮޅަކަށް ގޮސްފައި އަބޫ ދާވޫދްގެ ހިނގުން މަޑުވެއްޖެއެވެ. އަދި ވިސްނާން ފަށައިފިއެވެ. ބަދްރު ބިން މުޣީރާގެ ވާހަކަފުޅުން އޭނާއަށް ކަށަވަރުވީ ގޮތުގައި މިރޭ ހަމަލަދިން ކްރިސްޓިއަނުންގެ ދުވަސް ދާނެކަމީ ޔަގީންކަމެކެވެ. އެހެންވީމާ ކޮޓަރީގެ ބައްތި ނިއްވާލުމަކުން ކުރާނޭ އެއްވެސް ފައިދާއެއް ނޯންނާނެއެވެ. ދެން އޭނާގެ ހިތަށް ވަނީ އެހެން ބިރުވެރިކަމެކެވެ. ހިތަށް އެރިއެވެ. ހަމަލަދިން މީހުންގެ ތެރޭގައި އަނެއްކާ އަހަރެންގެ ނޯކަރު، ގާޑިޔާ ދުއްވާ މީހާ ނުހުންނާނެ ބާވައެވެ؟ އެއީ ވުން ދުރު ކަމަކަށް ވިޔަސް މުޅިއަކުން މުސްތަހީލު ކަމެއްވެސް ނޫނެވެ. އެ ބިރަށްވުރެ މާ ބޮޑު އެހެން ބިރެއް ބޯމަތިވެފައި އެބައޮތެވެ. އެއީ ކްރިސްޓިއަން ލަޝްކަރުގެ ކޮމާންޑަރަކު ހައްޔަރުވެއްޖެއްޔާ ބަދްރުގެ ކުރިފުޅުމަތީގައި އޭނާ ބޭޒާރުކޮށްލައިފާނޭ ކަމުގެ ބިރެވެ. އޭނާ އަމިއްލަ ހިތަށް ތަސައްލީދެމުން ގެންދިޔައީ މި ޚިޔާލާއެކުގައެވެ. ގަވަރުނަރު ހީކުރާނީ އަހަންނަކީ ފެރްނާންދޯގެ ޚާއްސަ މީހަކު ކަމުގައެވެ. އެހެންވީމާ ކޮމާންޑަރުންނަކަށް އަހަރެންގެ ހަގީގަތެއް ނާންގާނެއެވެ.

އޭނާ ކޮންމެ ފިޔަވަޅަކާއެކު ޝައްކެއް އުފަންކުރަމުން، އެ ޝައްކުގެ ހައްލުވެސް އަމިއްލައަށް ވިސްނަމުން ގޮސް ކޮޓަރިއާ އަރައި ހަމަވުމާއެކު އެހެން ބިރެއް ބޮލަށް ވަދެއްޖެއެވެ. އެ ބިރާއެކު އޭނާގެ ގައިން ދިޔައީ ހީބިހި ނަގައިގެންނެވެ. ހިތަށް އެރިއެވެ. [މަޝްހޫރުކަމާއި ގަދަރުވެރިކަމުގެ ދަހިވެތިކަމުގައި ސީދާ ގަވަރުނަރުވެސް ލަޝްކަރާއެކު ނާދޭ ބާވައެވެ؟ އޭނާ ހައްޔަރުވެ، ބަދްރު ބިން މުޣީރާއާއި އައްޒަޚަލްގެ ކުރިފުޅުމައްޗަށް ގެނެވިއްޖެއްޔާ ބުނާނެތާއެވެ. [ކަލޭމެންގެ ކުށްވެރިއަކީ އަހަންނެއް ނޫނެވެ. އަބޫ ދާވޫދެވެ. މި ކިއްލާއަށް ހަމަލަދޭން އަހަންނަށް ދައުވަތު ފޮނުވީ އޭނައެވެ.]

ވަރަށް ބޮޑަށް ހާސްވެ، ކަންބޮޑުވެފައި ހުރެގެން އޭނާ ވިސްނަމުން ގެންދިޔައީ މަޅިއެއްގައި ބެދޭގޮތް ވެއްޖެނަމަ ސަލާމަތް ވާނޭ ގޮތަކާމެދުގައެވެ. އެވަގުތު ކުއްލިއަކަށް ކޮޓަރިތެރެއިން ބަޔަކު ބާރަށް ހެލިފެލިވާ އަޑު އިވިއްޖެއެވެ. އޭނާ އަވަސްއަވަހަށް ދޮރު ހުޅުވައިފައި އެތެރެއަށް ވަދެއްޖެއެވެ. އެޔާއެކު ޖެހިގެން ހުރި ކޮޓަރި ތެރެއިން ހަޅޭކެއްގެ އަޑުވެސް އިވިއްޖެއެވެ. އަދި މީހަކު ވެއްޓުނު އަޑުވެސް އިވުނެވެ. އޭރު އޭނާ އައިސް އެ ކޮޓަރިއަށް ވަންނަނީއެވެ. އެ ވަގުތު އޭނާގެ ލޭ ގަނޑުވީ ކަހަލައެވެ. އެންޖެލާއާއި މާރިޔާއާ ދެމީހުން ތިބީ ހޭ ނެތިގެން ތަޅުންމައްޗަށް ވެއްޓިފައެވެ.

އެންޖެލާގެ މެޔަށް ހެރިފައި އެހެރީ ތީރެކެވެ. ރަބީޢާ ޖެހި ބުދެއްހެން ހަރަކާތް ހުއްޓިފައި އެންޖެލާގެ ކައިރީގައި ހުއްޓެވެ. އަބޫ ދާވޫދް ކަންބޮޑުވެފައި ރަބީޢާއާ ދިމާއަށް ބަލައިލިއެވެ. އަދި ކޮޓަރީގައި ހުރި ދަންމަރުތައް ނިއްވައިލުމަށް ފަހު ގޮސް ކުޑަދޮރު ލައްޕައިފިއެވެ.

'އެންޖެލާ… ދަރިފުޅާ… މާރިޔާ…] އަބޫ ދާވޫދް ފަހަރަކު މީހަކުގެ ކޮނޑުގައި ހިފައި ހަލުވަމުން ގޮވަމުން ދިޔައެވެ.

އެންޖެލާ ކުކުރައިލުމަށް ފަހު ލޯ ހުޅުވައިލިއެވެ. އެކަމަކު މާރިޔާ ހެއެއް ނާރައެވެ.

ރަބީޢާ ބުންޏެވެ. [ބައްޕާއެވެ. ޑަކްޓަރު ގެންނަވާށެވެ. ކޮއްކު އެ އޮތީ ޒަޚަމްވެފައެވެ. ކޮއްކޮ ކުޑަދޮރު ކައިރިން ދަނިކޮށް ކުއްލިއަކަށް ބޭރުން މީހަކު ދޫކޮށްލި ތީރެއް މެއަށް އެރީއެވެ. އަވަސް ކުރައްވާށެވެ. އެހެރެގެން ލޭ ފައިބަނީ ނޫންތޯއެވެ؟]

(4)

ކުޑަ އިރުކޮޅެއް ފަހުން އަބޫ ދާވޫދާއެކު ބަދްރު ބިން މުޣީރާއާއި ބަޝީރް ބިން ޙަސަން ކޮޓަރި ތެރެއަށް ވެދެވަޑައިގެންފިއެވެ. ބަޝީރް ވަޑައިގެން އެންޖެލާއާއި މާރިޔާއާ ދެމީހުން ގެންދަވައި ދެ އެނދުގައި ބާއްވަވައިފިއެވެ. އޭރު ބަޝީރްގެ ބޭސް ދަބަސް ހިފައިގެން ނޯކަރަކު އަތުވެއްޖެއެވެ.

ބަޝީރް ދަބަހުން ނެންގެވި ކުޑަ ފުޅިއެއްގައި ހުރި އެއްޗަކުން ރުމާކޮޅު ތެންމަވައިފައި އަބޫ ދާވޫދްގެ އަތަށް ދެއްވައިފިއެވެ. [މި ރުމާ ގެންދަވައި އަނބިކަނބަލުންނަށް ވަސް ދައްކަވާށެވެ. ހޭފުޅު އަރައިދާނެއެވެ.]

ބަޝީރް ދެން ސަމާލުކަން ދެއްވީ އެންޖެލާއަށެވެ. އެންޖެލާ ދެލޯ ބޮޑުކޮށްގެން ބަޝީރާ ދިމާއަށް ބަލަހައްޓައިގެން އޮތެވެ. ޒަޚަމްވެފައި ހުރިތަން ވަރަށް ރަނގަޅަށް ބެއްލެވުމަށް ފަހު ތީރުގައި މަޑުމަޑުން ހިއްޕަވައިފިއެވެ. އެންޖެލާ އޭނާގެ އަތްޕުޅުގައި ހިފަހައްޓައިގެން އޮވެ ރޯން ފަށައިފިއެވެ.

ބަޝީރް ވިދާޅުވިއެވެ. [ތީރު އުފުރާނުލައި ހޭދަވާ ކޮންމެ މިނިޓަކާއެކު ރިހުން ވާނީ ގަދައެވެ. ބިރުފުޅު ނުގަންނާށެވެ. އަޅުގަނޑުގެ އަތުން ދޫކޮށްލައްވާށެވެ. އެހެން ނޫނީ ޖެހޭނީ ހޭނައްތާ ބޭސް އަރުވާށެވެ.]

ބަޝީރް، ބަދްރު ބިން މުޣީރާއާއި ނޯކަރާ ދިމާއަށް ލޯފުޅުން އިޝާރާތް ކޮށްލެއްވިއެވެ. އެންޖެލާ ވަރަށް ބާރަށް ބުންޏެވެ. [އަޅުގަނޑުގެ ހަތަރެސްފައިގައި ނުހިއްޕަވާށެވެ. އަޅުގަނޑު މަޑުމަޑުން އޮންނާނަމެވެ.]

[އެންޖެލާއަކީ ހިތްވަރުފުޅު ގަދަ ބޭފުޅެއްކަން އަޅުގަނޑަށް ކުރިންވެސް އެނގެއެވެ. ކުޑަކުޑަ އިރުކޮޅަކަށް ލޯފުޅު މަރުއްވައިލައްވާށެވެ. ބިރުފުޅު ނުގަންނާށެވެ.]

އެކަމަކު ލޯ މަރައިލުމުގެ ބަދަލުގައި އެންޖެލާ ލޯތްބާއި ކިޔަމަންތެރިކަމާއެކު ބަޝީރާ ދިމާއަށް ބަލަހައްޓައިގެން އޮތީއެވެ. މި ފަހަރު ބަޝީރް ތީރުގައި ހިފެހެއްޓެވީމާވެސް އޭނާ ދެކޮޅެއް ނުހަދައެވެ. ތުންފަތުގައި ދައިގަނެގެން އޮތީއެވެ. ބަޝީރް ވަރަށް ކުޑަ ހަރަކާތަކާއެކު ކުއްލިއަކަށް ތީރު އުފުރައިލައްވައިފައި ވިދާޅުވިއެވެ. [ޒަޚަމް އެހައި ފުނެއް ނޫނެވެ. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ރަނގަޅު ވެދާނެއެވެ.]

އެ ވަގުތު މާރިޔާ ހޭއަރައިފިއެވެ. ލޯ ހުޅުވާލައިގެން ހިނދުކޮޅަކު އޮވެފައި އަނެއްކާވެސް ލޯ މަރައިލިއެވެ. އެޔާއެކު ކުއްލިއަކަށް ހަޅޭއް ލަވައިގެންފައި އެނދުން ތެދުވެއްޖެއެވެ. [އަހަރެންގެ ދަރިފުޅާއެވެ. އަހަރެންގެ އެންޖެލާއެވެ.] ގޮވަމުން އެންޖެލާގެ އެނދާ ދިމާއަށް ދުއްވައިގެންފިއެވެ. [ދަރިފުޅު ރަނގަޅު ހެއްޔެވެ؟ އަޅުގަނޑުގެ ދަރިފުޅު ސަލާމަތްވާނެތޯއެވެ؟ ﷲ އަށްޓަކައި ވިދާޅުވެބައްލަވާށެވެ.]

ބަޝީރް ޙަސަން ވިދާޅުވިއެވެ. [އަޅުގަނޑަށް ބޭސް އެޅިޔަ ދެއްވާށެވެ. ތިޔަ ހައްދަވާ އެއްޗަކުން ދަރިފުޅުގެ ވޭން ގަދަވުން ނޫން ކަމެއް ނުވާނެއެވެ.]

ބަޝީރް ދޫކޮށްލާފައި މާރިޔާ ދެން އެނބުރުނީ ބަދްރާ ދިމާއަށެވެ. [ﷲއަށްޓަކައި އަޅުގަނޑުގެ ދަރިފުޅުގެ ފުރާނަ ސަލާމަތްކޮށް ދެއްވާށެވެ.]

އަބޫ ދާވޫދް މާރިޔާ ގަދަކަމުން ކަހަލަ ގޮތަކަށް ގެންގޮސް އެނދުގައި ބާއްވައިފިއެވެ. [މާރިޔާއެވެ. މޮޔަނުވާށެވެ. ކެތްތެރިވާށެވެ. އެންޖެލާ ވަރަށް އަވަހަށް ރަނގަޅުވެދާނެއެވެ. ޒަޚަމް އެހައި ފުނެއް ނޫނެވެ.]

މާރިޔާ ހަޅޭއް ލަވައިގަތެވެ. [ކަލޭގެ މޭގައި އޮންނަނީ ހިތެއް ނޫނެވެ. މާރިޔާ ދުނިޔޭގައި ހުއްޓަސް، މަރުވިޔަސް ކަލެއަށް ހެވެވެ. ކަލެއަށް ގްރަނާދާ…]

މާރިޔާ [ގްރަނާދާ]އޭ ކިޔުމަށް ފަހު ވާހަކަ ހުއްޓައިލައިފިއެވެ. އަބޫ ދާވޫދަށް އިހުސާސްކުރެވުނީ މަޅިގަނޑު ކަރަށް މެހި ބާރުވާން އުޅެފައި ދުލެއް އައީ ކަމުގައެވެ. އޭނާ އާދޭހުގެ ނަޒަރަކުން މާރިޔާއާ ދިމާއަށް ބަލައިލިއެވެ. މާރިޔާގެ މޫނުމަތީން ފެނުނު އަސަރަކުން އޭނާއަށް ޔަގީންވީ ދެން އެ ވާހަކަ ނުދައްކާނޭ ކަމެވެ. އެހެންވީމާ އަބޫ ދާވޫދް ބާރަށް ބުނެލިއެވެ. [އާނއެކެވެ. ގްރަނާދާގެ ފިކުރު އަބަދުވެސް އަހަރެން ކުރަމެވެ. އެކަހަލަ ވަހުޝީ ބައެއްގެ އަތްދަށުން އިސްލާމުން ސަލާމަތްކުރެވޭތޯ މަސައްކަތް ކުރުމަކީ ކޮންމެ މީހެއްގެ މައްޗަށް އޮތް ވާޖިބެކެވެ. އެއީ އަންހެންކުދިންގެ ގަޔަށް ތީރު ޖަހަންވެސް ޖެހިލުންވާ ބައެއް ނޫނެވެ. އެންޖެލާ ޒަޚަމްވުމާއި އަހަރެން ގްރަނާދާއަށް ދިއުމަކާ އެއްވެސް ގުޅުމެއް ނެތެވެ. ބޭރުން ހަމަލަދޭއިރު އަލިކޮށްފައި އޮންނަ ކޮޓަރިއެއްގެ ކުޑަދޮރު ހުޅުވައިފައި ބަހައްޓައިގެން ނުވާނެކަން ކަލެއަށް އެނގެންވާނެއެވެ. ކުޑަދޮރު ކައިރީގައި ނުހުންނާށޭ އެންޖެލާ ގާތު ބުނެލާކަށްވެސް ކަލެއަކަށް ނޭނގުނެވެ. ރަބީޢާއެވެ. ދަރިފުޅަކީ ވިސްނުންތެރި ކުއްޖެކެވެ. ކޮއްކޮއަށް އެކަން މަނާނުކުރީ ކީއްވެގެން ހެއްޔެވެ؟]

ރަބީޢާ މިލައިފައިވާ އަޑަކުން ބުނެލިއެވެ. [ބައްޕާއެވެ. ކޮއްކޮ އިނީ އަޅުގަނޑާ ވާހަކަދައްކާށެވެ. ތެދުވެގެން އޭނާގެ އެނދަށް ދިޔަ މަގުމަތީގައި ބޭރުން ހަމަލަދިނީއެވެ.]

އަބޫ ދާވޫދްގެ ހުރިހައި ހީލަތްތެރި ގާބިލިއްޔަތެއް އޭނާގެ ލޮލަށް ޖަމާވެއްޖެއެވެ. އޭނާގެ ލޮލުން ފެންނަ މިފަދަ އަސަރެއްގެ ސަބަބުން މާރިޔާ އަބަދުވެސް ބިރުން ހިމޭންވެދެއެވެ. މިފަހަރު މި ދިމާވީ އާދައިގެ ކަމެއް ނޫނެވެ. މާރިޔާގެ ސިހުން އެކުލެވިފައިވާ ލޮލުން ޝަކުވާ ކުރަނީއެވެ. އަހަރެންގެ ވާހަކަ އަދި ނުނިމެއޭ، މައިދާން ހުސްވީމާ އަދި ވާހަކަދެއްކުން އޮތީއޭ ބުނަމުން ދިޔައެވެ. ބަޝީރް ބިން ޙަސަން އެންޖެލާގެ ޒަޚަމްގައި ބޭސް އަޅުއްވަމުން ގެންދަވާ ވަރަށްވުރެ މާ ބޮޑު ފަރުވާތެރިކަމަކާއެކު އަބޫ ދާވޫދް ގެންދިޔައީ އޭނާގެ އަނބިމީހާޔާ ދިމާއަށް ބަލަމުންނެވެ.

މި ހުރިހައި ކަމެއް ހިނގަމުން ދަނިކޮށް ބަދްރު ބިން މުޣީރާ ދެތިން ފަހަރަކު ރަބީޢާއާ ދިމާއަށް ބައްލަވައިލެއްވިއެވެ. އޭނާ އަދިވެސް ހުރީ އެންޖެލާގެ އެނދު ކައިރީގައި ކޮޅަށެވެ. ސިހުން މުޅީން ފިލައިގެންނެއް ނުދެއެވެ. ދުޝްމިނުން ކުއްލިއަކަށް ހަމަލަދިނީމާ ބަޝީރްގެ މޫނުފުޅުމަތީންވެސް އަދި ބަދްރުގެ މޫނުފުޅުމަތީންވެސް ކަންބޮޑުވުމުގެ ކުޑަވެސް އަސަރެއް ނުފެންނާތީ އޭނާ ހުރީ ހައިރާންވެފައެވެ. އޭނާ ޖެހިލުންވެފައި ހުރެގެން މަޑުމަޑުން ބުނެލިއެވެ. [މި ކިއްލާ ދުޝްމިނުންގެ ބާރުގެ ދަށަށް ދިޔައީކަން ނޭނގެއެވެ.]

ބަދްރުވެސް ހުންނެވީ ރަބީޢާއާ ވާހަކަފުޅުދައްކަވަން ބޭނުންފުޅުވެފައެވެ. ރަބީޢާގެ ކަންބޮޑުވުން ފިލުއްވައިދެއްވާން ބޭނުންފުޅުވުމާއެކު ތަސައްލީގެ ރާގެއްގައި ބަދްރު ވިދާޅުވިއެވެ. [ދުޝްމިނުންގެ މީހަކަށް މަގު އޮޅިގެން ކަހަލަ ގޮތަކަށް އާދެވުނީކަމަށް ވެދާނެއެވެ. ރޭގަނޑުގެ އަނދިރިކަމުގެ ބޭނުން ހިފައިގެން މިހިސާބަށް އައީއެވެ. މި އާދެވުނީ މަރުގެ ތުންފަތްމައްޗަށްކަން ޔަގީންވީމާ ހަމަލައެއް ފޮނުވައިލީއެވެ. އޭނާ މިހާރު މަރުވެދާނެއެވެ. އެހެންނޫނީ ހައްޔަރުވެދާނެއެވެ. މީގެ ކުޑައިރުކޮޅެއް ކުރީން އަޅުގަނޑަށް މައުލޫމާތު ލިބުނު ގޮތުގައި ދުޝްމިނުންގެ ސަވާރީންގެ ބަޔަކު ކިއްލާގެ ކައިރިން ވަނީ ފެނިފައެވެ. ތީރު ޖެހި މީހާއަކީ އޭގެ ތެރެއިން އެކަކު ކަމުގައި ވެދާނެއެވެ. ކޮއްކޯފުޅު ޒަޚަމްވެވަޑައިގަތީމާ އެކަމާ އަޅުގަނޑު ހިތާމަކުރަމެވެ. އަޅުގަނޑަށް ކުޑަކޮށް ފަރުވާ ކުޑަ ކޮށްނުލެވުނު ނަމަ މި ކޮޓަރީގެ ކުޑަދޮރު ލައްޕަވައިލައްވާން ކުރިން ދެންނެވުނީހެވެ. އެހެން ކަންތައް ކުރެވުނު ނަމަ މި ހަމަލައެއް ނައީހެވެ. އިށީނދެވަޑައިގަންނަވާށެވެ. ބިރުފުޅުނުގަންނާށެވެ. ކޮއްކޯފުޅު ވަރަށް އަވަހަށް ފަސޭހަފުޅުވެދާނެއެވެ.]

ރަބީޢާ ހައެއްކަ ފިޔަވަޅެއް ފަހަތަށް ޖެހިލުމަށް ފަހު އޭނާގެ އެނދުގައި އިށީނދެއްޖެއެވެ. ބަދްރު، ބަޝީރާ ދިމާއަށް ބައްލަވައިލައްވައިފައި ވިދާޅުވިއެވެ. [މެހުމާނުންނާ ވާހަކަދައްކައި ހިތްޕުޅު ހަމަޖައްސައިދީފައި އަޅުގަނޑު އެބަ އަންނަމެވެ.]

ބަޝީރް ވިދާޅުވިއެވެ. [އަޅުގަނޑުވެސް ވަރަށް އަވަހަށް ނިމިދާނެއެވެ. ދެން އޮތީ ބޭސް ދިނުމެވެ.]

(5)

ކޮޓަރިން ނުކުމެވަޑައިގަންވަމުން ބަދްރު، ރަބީޢާގެ އެނދު ކައިރިއަށް ވަޑައިގެން ސިއްރުސިއްރުން ވިދާޅުވިއެވެ. [މިއަދުގެ ފަތަޙައަކީ އަބުރުވެރި އަންހެންކުއްޖެއްގެ ހުވަފެނުގެ ތަޢުބީރެވެ. ރަސްގެފާނުގެ ކޮއްކޯފުޅު އަރިހު ކަމަނާގެ ނަންފުޅު ދެންނެވުން އެންމެ ރަނގަޅުތޯއެވެ؟]

ރަބީޢާ ބިރުގެންފައި ފުރަތަމަ ބަލައިލީ ކޮޓަރީގެ އެއް ފަރާތުގައި ތިބި އޭނާގެ މަންމައާއި ބައްޕަޔާ ދިމާއަށެވެ. ދެން ވައްކަޅިން ބަލައިލީ ބަދްރު ބިން މުޣީރާއާ ދިމާއަށެވެ. އެޔަށް ފަހު ރޮވިފައިވާ ކަހަލަގޮތަކަށް ބުނެލިއެވެ. [ނޫނެކެވެ. ﷲ އަށްޓަކައި ވިދާޅުނުވައްޗެވެ.] ދެން އަނެއްކާވެސް ބައްޕަޔާ ދިމާއަށް ބަލަން ފަށައިފިއެވެ. ބައްޕަ އޭރުވެސް ހުރީ ބުޅަލެއް ތެތް މަސްގަނޑަކަށް ބަލާހެން މަންމަޔާ ދިމާއަށް ބަލަހައްޓައިގެންނެވެ. ކޮޓަރިތެރޭގައި ހިނގާ އެހެން އެއްވެސް ކަމެއް ނޭނގޭ ކަހަލައެވެ.

ބަދްރު ވިދާޅުވިއެވެ. [އެހެންވީމާ އަޅުގަނޑަށް މި ޖެހުނީ އައްޒަޚަލްގެ ކުރިފުޅުމަތީގައި ދޮގެއް ދަންނަވަންތާއެވެ. ކުރިން ހިލަމެއްވެސް ވެފައި ނެތް ކުއްލި ހަމަލައަކަށްޓަކައި މިހައި ބޮޑަށް ތައްޔާރުވެވުނު އެހެން ސަބަބެއް ދަންނަވާކަށް އަޅުގަނޑަކަށް ނޭނގެއެވެ.]

ރަބީޢާ ހިތްވަރު ކޮށްފައި އިސް އުފުލައި ބަލައިލިއެވެ. އޭނާއަށް ބޭއިޚްތިޔާރުގައި ބުނެވިއްޖެއެވެ. [އަޅުގަނޑުގެ ހުވަފެނަކީ ހަމައެކަނި މަނިކުފާނެވެ.]

އެންމެ ކުރު ޖުމުލައަކުން ރަބީޢާ އެ ހާމަކުރީ އެތައް ގަރުނެއް ކުރީއްސުރެ  އާދަމުގެ ދަރީން ކަމުގައިވާ އަންހެނުންނާއި ފިރިހެނުން އެކަމަކު އަނެކަކަށް ބަޔާންކޮށްދޭ ކުލަ ހުވަފެނުގެ ވާހަކައެވެ. ބުނެ ނިންމައިލީއިރު އެ ވާހަކައިގެ ފުންކަމެއް އޭނާއަކަށް އިހުސާސެއް ނުކުރެވެއެވެ. އެކަމަކު ހިތުގެ ލޫޅާފަތި އަދި އުފާވެރި ވިންދުން އޭނާއަށް އަންގައިދިނީ ކުއްލިއަކަށް އެ އެޅުނީ ވަރަށް ދިގު ފިޔަވަޅެއް ކަމުގައެވެ. އޭނާ އިސް ދަށަށް ޖަހައިލިއެވެ. މޫނުމައްޗަށް ލަދުވެތިކަމުގެ ކުލަވަރު ފާއްދާލައިފިއެވެ.

ބަދްރު ނުކުމެވަޑައިގެންފިއެވެ. އެކަމަކުވެސް ކައިރީގައި ހުންނަވައިގެން އޭނާޔާ ދިމާއަށް ބައްލަވަމުން ގެންދަވާ ކަމުގައި އޭނާއަށް އިހުސާސްކުރެވުނެވެ. ހަމައެކަނި މިއެއް ނޫނެވެ. އޭނާއަށް އިހުސާސްކުރެވުނު ގޮތުގައި ކޮޓަރީގައި ހުރި ހުރިހައި އެއްޗެއް މިހާރު އޭނާޔާ ދިމާއަށް ބަލަމުން އެބަގެންދެއެވެ. މުޅި ހަށިގަނޑުގައި ފިނީގެ ރާޅެއް ދަތުރުކުރި ކަހަލައެވެ. އޭނާ ކުޑަކޮށް ތުރުތުރުއަޅާ ހާލު ތެދުވެގެން މަޑުމަޑުން ގޮސް އެންޖެލާގެ އެނދު ކައިރީގައި ހުއްޓިއްޖެއެވެ.

ބަޝީރް ބިން ޙަސަން ތަށްޓަކަށް ބޭސް އެޅުއްވީމާ ރަބީޢާ ދަންނަވައިފިއެވެ. [އަޅުގަނޑުގެ އަތަށް ދެއްވާށެވެ. އަޅުގަނޑު ބޯން ދީފާނަމެވެ.]

ބަޝީރް ބިން ޙަސަން ނޯކަރާއެކު ބޭރަށް ނުކުމެވަޑައިގަންނަވާން ހިންގަވައިގަތީމާ އަބޫ ދާވޫދް ދަންނަވައިފިއެވެ. [މަޑުކުރައްވާށެވެ. އަޅުގަނޑުވެސް މަނިކުފާނުގެ އަރިހުގައި ދާނަމެވެ.]

ބަޝީރް ވިދާޅުވިއެވެ. [މަނިކުފާނު އަރާމުކުރައްވާށެވެ.]

[ނޫނެކެވެ. މިހާރު އެ އުޅެނީ އިރުއަރާށެވެ. ބަދްރު ވިދާޅުވި ގޮތުގައި ހެނދުނު ހަމަލަދެއްވާނެއެވެ. އަޅުގަނޑަކީ އަސްކަރީ ތަމްރީނެއް ލިބިފައި ނެތް މީހަކަށް ވިޔަސް، ސަރަޙައްދީ ބާޒުގެ ގިޔާދަތުގެ ދަށުގައި ހަނގުރާމަ ކުރުމަކީ ކޮންމެކޮންމެ ފަހަރަކު ލިބޭނޭ ފުރުސަތެއް ނޫނެވެ. ލޮންސިއާއި ކަނޑިގެ ބޭނުން ކުރަން ނޭނގުނަސް އެންމެ ކުޑަމިނުން، ހައްޔަރުކުރައްވާ މީހުން ގުނުމުގައި އެހީތެރިކަމެއް އެރުވިދާނެއެއް ނޫންތޯއެވެ.]

ބަޝީރް ވިދާޅުވިއެވެ. [އަޅުގަނޑަށް ހީވާ ގޮތުގައި ބަދްރު ވަޑައިގަންނަވާނީ އަދި ތަންކޮޅެއް ފަހުންނެވެ. އެހެންވީމާ އިހަށް ބޭފުޅުންގެ ކަންތައް ބަލަހައްޓަވަން މަޑުކުރައްވާށެވެ. ނުކުންނަ ވަގުތު ޖެހުނީމާ އަޅުގަނޑު ދަންނަވައިލާނަމެވެ.]

[ވަގުތު ޖެހެންދެން އަޅުގަނޑު އައްޒަޣަލްގެ އަރިހުގައި އިނދެދާނަމެވެ. އެފަދަ ބޭފުޅުންގެ އަރިހުގައި ވަގުތު ހޭދަކުރުމަކީވެސް ހާލަކުން ފަހަރަކު ލިބޭ ނަސީބެކެވެ.]

ހަގީގަތުގައި އަބޫ ދާވޫދް އައްޒަޣަލްގެ އަރިހުގައި އިންނަން ބޭނުންވަނީއެއް ނޫނެވެ. އޭނާ އެ އުޅެނީ އަނބިމީހާގެ ރުޅިވެރި މޫނު ނުބަލައި ވޭތޯއެވެ. މާރިޔާ މިހާރު އެ އިނީ ކޮޓަރި ހުސްވާންދެނެވެ. އެޔަށް ފަހު ކަސްތިއްޔާގެ އާއްމު ބަހުރުވައިން، އަމުނައިގަންނަގޮތަށް ހުއްޓައިނުލާނެކަން އަބޫ ދާވޫދަށް އެނގެއެވެ.

އަބޫ ދާވޫދް ތެދުވެގެން ހިނގައިގަތުމާއެކު މާރިޔާ ބުނެފިއެވެ. [ކަލޭ އެންޖެލާޔާ މެދު އެންމެ ފަހަރަކުވެސް ވިސްނައެއްނުލަން ހެއްޔެވެ؟ އޭނާ އެ އޮތީ އަޅާ ވޭނަކުން ކުކުރައިލަކުކުރައިލައެވެ. އެކަމަކު ކަލޭ ތިޔަ އުޅެނީ ބުރުޖަހަން ނުދެވިގެންނެވެ.]

މަންމަގެ އާދަ ހުންނަ ގޮތް އެންޖެލާ ވަރަށް ރަނގަޅަށް ދަނެއެވެ. އެހެންވީމާ އަންނާން އުޅޭ ތޫފާނުގެ ކުލަވަރު އޭނާއަށް ފެނިއްޖެއެވެ. [ބައްޕަ ދުރުވާށެވެ. އަޅުގަނޑު މިހާރު ރަނގަޅެވެ.]

އަބޫ ދާވޫދް ހިތްހަމަޖެހުމުގެ ނޭވައެއް ލައިފައި ބުންޏެވެ. [ރަބީޢާ ދަރިފުޅާއެވެ. ދެ ކޮޓަރީގެ ދޮރުވެސް އެތެރެއިން ތަޅުލާށެވެ.]

ބަޝީރް ބިން ޙަސަން ވިދާޅުވިއެވެ. [ތަޅު ނުލެއްވިޔަސް އެންމެ ރަނގަޅެވެ. ބޭރުގައި ފާރައަށް ސިފައިން އެބަތިއްބެވެ. އަޅުގަނޑު ދާނީ އެ މީހުންނަށް އިރުޝާދު ދީފައެވެ. އެއްވެސް ކަމަކަށް ބޭނުފުޅު ވެއްޖެއްޔާ ސިފައިން ގާތު ވިދާޅުވާށެވެ. އެކަމަކު ކުޑަދޮރު ލައްޕަވައިފައި ބަހައްޓަވާށެވެ. ކަންބޮޑުވެ ވަޑައިނުގަންނަވާށެވެ. ދުޝްމިނުންނަށް މި ހިސާބަކަށް ނާދެވޭނެއެވެ. ކިއްލާޔާ ދުރުން އެމީހުން ވަނީ ހުއްޓުވައިފައެވެ.]

އަބޫ ދާވޫދް ނުކުމެގެން ދިޔައީމާ މާރިޔާ ރުޅި އައިސް ރަތްވެފައި ހުރެގެން ކަޅިއަޅަން ފެށީ ރަބީޢާއާ ދިމާއަށެވެ. ދަނޑިވަޅުގެ ނާޒުކުކަން ވިސްނިގެން އެންޖެލާ ބުނެފިއެވެ. [ދައްތާއެވެ. އަހަރެންގެ ބޮލުގައި އެބަ ރިއްސައެވެ. ނިކަން މޮޑެލައިދީބަލާށެވެ.]

ރަބީޢާ އެންޖެލާގެ ބޯލާކޮޅުގައި އިށީނދެއްޖެއެވެ. މާރިޔާވެސް އައިސް އެންޖެލާގެ އެނދު ކައިރިއަށް ހުއްޓިއްޖެއެވެ. [ދަރިފުޅާއެވެ. ރިއްސަނީ ކޮންތާކު ހެއްޔެވެ؟] އެޔަށް ފަހު ރަބީޢާގެ އަތުގައި ހިފައި ނަގައިފިއެވެ. [ކަލޭ ދާށެވެ.]

އެންޖެލާ ބުންޏެވެ. [މަންމާއެވެ. ނޫނެކެވެ. ރަބީޢާ ބޯ މޮޑެދޭއިރު ކޮންމެވެސް ދުޢާއެއް ކުރެއެވެ. އެހެން ހެދީމާ އަހަރެންގެ ބޮލުގެ ރިހުން ފިލައިދެއެވެ.]

މައިވަންތަ ކުލުނު ކުއްލިއަކަށް ހޭލައިފިއެވެ. މާރިޔާ އާދޭހުގެ ރާގަކަށް ބުނެލިއެވެ. [ދަރިފުޅާ ރަބީޢާއެވެ. ދަރިފުޅުގެ ދުޢާގައި ވަރަށް ބާރު ހުރެއެވެ. ކޮއްކޮގެ ޒަޚަމް އަވަހަށް ރަނގަޅުވޭތޯ ދުޢާކޮށްލަދޭށެވެ. އަހަރެން މުޅި އުމުރުދުވަހަށް އެ އިހުސާންތެރިކަން ހަނދާން ބަހައްޓާނަމެވެ.]

އެކަހަލަ ދެތިން ލަފުޒަކާއެކު ރަބީޢާވެސް މުޅީން މަޑުމައިތިރިވެދެއެވެ. [މަންމާއެވެ. ކޮއްކޮއަށްޓަކައި ދުޢާކުރުމަކީވެސް އިހުސާންތެރިކަމެއް ހެއްޔެވެ؟ މިއީ އަހަރެންގެ ކޮއްކޮއެއް ނޫން ހެއްޔެވެ؟]

[ދަރިފުޅާއެވެ. ދަރިފުޅު ތިޔައީ ހަމަ މަލާއިކަތެކެވެ. އަވަހަށް ކޮއްކޮ ގާތު އިށީންނާށެވެ.] މާރިޔާ އެއް ފަރާތަށް ޖެހިލިއެވެ.

އެންޖެލާ ބުންޏެވެ. [މަންމަ ގޮސް އަރާމުކޮށްލާާށެވެ.]

[ދަރިފުޅު މުޅީން ރަނގަޅު ނުވަނީސް މަންމައަށް ކުރެވޭނީ ކޮން އަރާމެއް ހެއްޔެވެ؟]

[ނޫނެކެވެ. މަންމަ ގޮސް އަރާމުކުރާށެވެ. އަހަރެން މިހާރު ރަނގަޅެވެ.]

މާރިޔާ ބުންޏެވެ. [މަންމައަށް އެނގެއެވެ. ތިޔަ އުޅެނީ ދައްތަޔާ އެކީ އަނެއްކާވެސް، ދުވަހަކު ނުނިމޭ ބޮޑު ވާހަކަ ފަށްޓަން ވެގެންނެވެ.]

ރަބީޢާ ބުންޏެވެ. [މަންމަ ދެން ނިދާށެވެ. މިހާރު ކިއްލާއަކަށް އެއްވެސް ނުރައްކަލެއް ނެތޭ އެ ބޭފުޅުން ވިދާޅުވިއެއް ނޫން ހެއްޔެވެ؟]

މާރިޔާ އޭނާގެ އެނދުގައި އިށީންނަމުން ބުނެލިއެވެ. [އެމީހުން އެނބުރި ދާނެ ގޮތް ކަލާނގެ މެދުވެރި ކުރައްވާށިއެވެ. އެހެން ނޫނީ އަހަރެމެންނަށް ޖެހޭނީ އެންޖެލާ މި ހާލުގައި ބާއްވައިގެން ދަތުރުކުރާށެވެ.]

ރަބީޢާ ބުންޏެވެ. [އެމީހުންގެ ތެރެއިން އެކަކުވެސް ފުރާނައާއިގެން ސަލާމަތެއް ނުވާނެއޭ އެބަ ކިޔައެއް ނޫން ހެއްޔެވެ.]

މާރިޔާ މާޔޫސްވެފައި އަހައިފިއެވެ. [އެހެން ބުނީ ކާކުހެއްޔެވެ؟]

[ސަރަޙައްދީ ބާޒު ކޮޓަރިން ނުކުމެވަޑައިގަންނަވަމުން އަހަރެން ގާތު އެހެން ވިދާޅުވިއެވެ. ވިދާޅުވީ މި ވާހަކަ ބުނެގެން މަންމަގެ ހިތްހަމަ ޖައްސައިދޭށޭއެވެ.]

އިރުކޮޅަކަށް ފަހު މާރިޔާ ގޮސް އެނދުގައި އޮށޯތީމާ އެންޖެލާ ވައިއަޑުން އަހައިލިއެވެ. [މި ކިއްލާ ފަތަހަނުވާނެކަން ދައްތައަް ޔަގީން ހެެއްޔެވެ؟]

ރަބީޢާ ބުންޏެވެ. [އާނއެކެވެ. ދައްތައަށް ޔަގީނެވެ.]

[އަހަރެމެން މިތާގައި އަދި ހައެއްކަ ދުވަހު ތިބެން ޖެހިދާނެހެން ވަރަށް ހީވެއެވެ.]

[ކޮއްކޮއަށް ދަތުރުކުރެވޭ ވަރު ވާންދެން އަހަރެމެންނަށް މިތާގައި ތިބުން މަޖުބޫރުވާނެއެވެ.]

މަންމަ ނިދައިފިތޯ ބަލައިލާން ވެގެން އެންޖެލާ ދެތިން ފަހަރަކު މަންމައަށް ގޮވައިލިއެވެ. އެއްވެސް ޖަވާބެއް ނުލިބުނެވެ. މަންމަ ނިދައިފިކަން ޔަގީންވީމާ ރަބީޢާގެ އަތުގައި ހިފައިލައިފައި ބުންޏެވެ. [ބޮލުގައި ރިއްސާކަމަށް އަހަރެން ހެދިގަތީއެވެ.]

ރަބީޢާ ބުންޏެވެ. [އަހަންނަށް އެނގެއެވެ.]

[އެނގުނީ ކިހިނެއް ހެއްޔެވެ؟]

[ކޮއްކޮ އެހެން ބުނީ މަންމަގެ ރުޅިން ދައްތަ ސަލާމަތްކޮށްދޭން ވެގެންނެވެ.]

[ބައްޕަ ބޭރަށް ނުކުތްކަން ރަނގަޅެވެ. އެހެން ނޫންނަމަ މަންމަ އުޑު ބޮލަށް ވެއްޓޭވަރު ކުރީހެވެ.]

ރަބީޢާ އަހައިލިއެވެ. [ކޮއްކޮއަކަށް ތަދެއް ނުވޭ ހެއްޔެވެ؟]

[ބަޝީރް ބޭސް އެޅުއްވި ތަނަކަށް އެއްގޮތަކަށްވެސް މިހާރަކު ތަދެއް ނުވެއެވެ. ދައްތަ ނިކަން ތެދަށް ބުނެބަލާށެވެ. އަހަރެމެންގެ ދަތުރު ހުއްޓުނީތީ ދައްތަ އުފަލެއް ނުވޭ ހެއްޔެވެ؟]

ރަބީޢާ ޖަވާބުދިނެވެ. [ދައްތަ ދެރަ ވަނީ ކޮއްކޮ ޒަޚަމްވީމައެވެ.]

[ދައްތަގެ އެންމެ ބޮޑު އެދުމަކަށް ވެފައި އޮތީ މާދަމާ ފަށަން އޮތް ދަތުރު ހުއްޓުމެއް ނޫން ހެއްޔެވެ؟]

[ތިޔަ ދައްކަނީ ކޮން ކަހަލަ ވިޔާނުދާ ވާހަކައެއް ހެއްޔެވެ؟ ކޮއްކޮ ޒަޚަމް ވުމަކީ އަހަރެން އެދޭ ކަމަކަށް ވާނެ ހެއްޔެވެ؟]

އެންޖެލާ ކުޑަ އިރުކޮޅަކު ވިސްނައިލުމަށް ފަހު ބުންޏެވެ. [ބަޝީރް ދައްތައަށް ބޭސްކުރަން އަންނާން ފެށީމާ ފުރަތަމަ އަހަންނަށް ހީވާން ފެށްޓީ ދައްތަ އަހަރެންގެ ހައްގެއް ނިގުޅައިގަންނަނީ ކަމުގައެވެ. ތެދުތެދަށް ބުނަންޏާ ޒަޚަމް ވުމަކީ އަހަރެން ދެރަވާ ކަމެއް ނޫނެވެ. މިއަދު އޭނާ ހުރީ ވަރަށް ކަންބޮޑުވެފައެވެ. އަހަރެން ބޭނުންވަނީވެސް އޭނާ އަހަންނަށްޓަކައި ކަންބޮޑުވާށެވެ. އެކަމަކު އަހަރެންގެ ޒަޚަމް ރަނގަޅުވާން ފެށުމާއެކު އޭނާގެ ކަންބޮޑުވުންވެސް ނެތިގެން ހިނގައިދާނެތީ އަހަރެން ބިރުގަނެއެވެ.]

[އަހަންނަށް ހީވާގޮތުގައި މަޑުމަޑުން ގޮސް އޭނާގެ ކަންބޮޑުވުން ގަޔާވުމަށް ބަދަލުވެދާނެއެވެ.]

[އެކަމަކު ދައްތަ ބުނާ ގޮތުގައި އޭނާޔާއި އަހަންނާ ދެމީހުންގެ މަގަކީ މުޅީން ތަފާތު ދެ މަގެކެވެ.]

[ދެން އެހެން ނުބުނާނަމެވެ.]

[ދައްތަގެ ބާޒު، ކައިރިއަށް ޖެހިލާފައި ކޮންމެވެސް އެއްޗެކޭ ބުނިތަން އަހަރެން ދުށީމެވެ. އޭރު ލަދުން ދައްތަގެ މޫނު ރަތްވީތަންވެސް ފެނުނެވެ.]

[ތިޔަ ހާލުގައި އޮވެގެންވެސް ކޮއްކޮ ބެލީ ދައްތަޔާ ދިމާއަށް ހެއްޔެވެ؟]

[އާނއެކެވެ. އޭނާ ބުނީ ކީކޭ ހެއްޔެވެ؟]

[އޭނާ މާ ގިނަ ވާހަކައެއް ނުދައްކައެވެ. ކިއްލާ އޮތީ ރައްކާތެރި ހާލެއްގައޭ ބުންޏެވެ.]

[ނޫނެކެވެ. އެހެން ވާހަކައެއްވެސް ބުންޏެވެ. އަހަރެންގެ ކަންފަތް ވަރަށް ތޫނުވާނެއެވެ. ބުނެބަލާށެވެ. އޭނާ ބުނީ ކީކޭ ހެއްޔެވެ؟]

[އޭނާ ބުނީ އެންޖެލާ އަދި ދުވަސްކޮޅަކު މިތާގައި މަޑުކޮށްލަން ޖެހުނީތީ ﷲ އަށް ޝުކުރުވެރިވަމޭއެވެ.]

[ދޮގު… ދޮގު…] އެންޖެލާ ބާރަށް ހީނގަތެވެ.

(6)

އައްޒަޣަލާއި މޫސާއާއި އައްޒައިޣަރީއާ ތިން ބޭފުޅުން ފަތިހުގެ އަލީގައި ބަދްރު ބިން މުޣީރާ ހަނގުރާމަ ރާއްވަވައިފައިވާ ގޮތުގެ ޗާޓު ބައްލަވައިލެއްވިއެވެ. އިންތިޒާމުތައް ރަނގަޅުކަން ފެނިވަޑައިގަތީމާ އެ ބޭފުޅުން ހައިރާންފުޅުވިއެވެ. ހަމަލަދިން މީހުންގެ ތެރެއިން ވަރަށް މަދު މީހަކަށް މެނުވީ ފުރާނައާއިގެން ސަލާމަތެއް ނުވެވުނެވެ. ބަދްރު ބިން މުޣީރާގެ ތީރުވެރިން ވަނީ ވާދީތަކުގެ ތެރޭގައި އެމީހުން ވަށާލައި، ހަމަލަދީފައެވެ.

ކްރިސްޓިއަނުންނަށް، އެއް ވާދީން ނުކުމެގެން އަނެއް ވާދީއަށް ވަދެ ސަލާމަތްވެއްޖެ ކަމަށް ހީކޮށް ހިތްހަމަޖެހުމުގެ ނޭވައެއް ލެވެނީ ހަމަ ކިރިޔާއެވެ. އަނެއްކާވެސް ކުރިމަތިލާން ޖެހެނީ ބަދްރުގެ ތީރުވެރިންނާއެވެ. އިރުގެ އަލިކަން ދުނިޔެމައްޗަށް ފާއްދާލުމާއެކު ބަދްރު ބިން މުޣީރާ، ލަޝްކަރާއެކު ކިއްލާއިން ނުކުމެވަޑައިގެންފިއެވެ. އެޔާއެކު ކިއްލާތެރެއިން ދުންމާރީގެ އަޑު އިވެން ފަށައިފިއެވެ. އެ އަޑު އިވުމާއެކު ކައިރީގައި އޮތް ޖަންގަލީގެ އެކި ދިމަދިމައިން ހަތިޔާރުއެޅި ސަވާރީން ނުކުމެގެން އަންނާން ފަށައފިއެވެ. މާ ގިނަ އިރުތަކެއް ނުވެ ކިއްލާގެ ދޮރުމައްޗަށް ތިން ހާސް ސަވާރީން ޖަމާވެއްޖެއެވެ.

އައްޒަޣަލް ވިދާޅުވިއެވެ. [އަޅުގަނޑަކީ ޖާދޫ ގަބޫލުކުރާ މީހަކު ނަމަ މިއީ ޖާދޫއެކޭ ބުނީމުހެވެ. މިއީ ކޮން ތަނަކުން ނުކުތް ބަޔަކުތޯއެވެ؟]

[މި ސަވާރީން ތިބީ ރޭގަނޑު އައިސް، ރައްކާތެރި ތަންތާގައި ފިލައެވެ. ރޭގަނޑުގެ ހަނގުރާމައިގައި މިބައި މީހުން ބައިވެރިއެއް ނުވެއެވެ. އެމީހުންގެ މަސައްކަތް މި ފެށުނީއެވެ. އަޅުގަނޑުގެ ތީރުވެރިން މިހާރު ތިބީ އެކި ދިމަދިމައިގައި ކްރިސްޓަނުން ހިފަހައްޓައިގެންނެވެ. މި ސަވާރީން އެމީހުން އެއް ތަނަކަށް ޖަމާކުރާނެއެވެ.]

މެންދުރު ވަގުތު ވީއިރު ބަދްރުގެ ލަޝްކަރީން ވަނީ ކްރިސްޓިއަން ލަޝްކަރުގައި ދިރިތިބި އެންމެން އެއް ވާދީއަކަށް ޖަމާކޮށްފައެވެ.

އަބޫ ދާވޫދްވެސް ހަތިޔާރު އަޅައިގެން ނުކުމެ އޭނާގެ ކުޅަދާނަކަމާއި ވަފާތެރިކަން ދެއްކިއެވެ. އޭނާ އެންމެ ބޮޑަށް އުފާވީ ކްރިސްޓިއަން ލަޝްކަރުގެ ކޮމާންޑަރު މަރުވެފައި ވާތީއެވެ. އަދި ސަރަހައްދުގެ ގަވަރުނަރު ހަނގުރާމައިގައި ބައިވެރި ނުވާތީއެވެ. އެކަމަކުވެސް އޭނާގެ ކަންބޮޑުވުން މުޅިއަކުން ފިލައިގެންނެއް ނުދެއެވެ. އެހެންވީމާ ލަޝްކަރުގެ ތެރޭގައި ކޮޅުކޮޅުމައްޗަށް ދުވަމުން ދިޔައެވެ. އެ ދުވުމުގެ ތެރޭގައި ދުޝްމިނުންގެ ތިން މީހަކު މަރައިވެސްލިއެވެ.

ގައިދީންގެ އެންމެން ސަފަކަށް އަތުރައިލީމާ އޭނާ ވަކިވަކީން ހިނގައި ބެއްޔެވެ. މުޅީން ހިތްހަމަ ޖެހުނީމާ އަހަށް ސަވާރުވެގެން ގޮސް ލޮންސިވެރިންގެ ސަފަށް ވަދެއްޖެއެވެ.

ވާދީއެއްގެ ތެރެއިން ދަތުރުކުރަމުން ދަނިކޮށް އޭނާއަށް ފެނުނީ ބަދްރުގެ ލަޝްކަރުގެ ބަޔަކު ގައިދީންތަކެއް ގޮވައިގެން އަންނަ ތަނެވެ. އޭނާ ވަރަށް ހަލުވިކޮށް ގޮސް އެމީހުންނާ އަރައި ހަމަކޮށްފިއެވެ. ގައިދީންގެ އަދަދު ފަނަރަ ނުވަތަ ވިހިވަރު ވާނެއެވެ. އެމީހުންގެ ތެރެއިން ކުއްލިއަކަށް އޭނާގެ ލޮލުގައި މީހަކު އަޅައިގެންފިއެވެ. އޭނާ އެމީހަކުގެ މޫނު ހާމަކޮށް ބަލައިލިއެވެ. އެއީ އޭނާގެ ގާޑިޔާ ދުއްވާމީހާއެވެ. ނޯކަރެވެ. އޭނާ ލަޝްކަރުގެ މީހުންގެ ތެރެއިން ޒުވާނަކާ ސުވާލުކޮށްލިއެވެ. [މި ކަލޭގެ ހައްޔަރުކުރީ ދުޝަމްނުނަގެ ލަޝްކަރުގެ ތެރެއިން ހެއްޔެވެ؟]

ޒުވާނާ ޖަވާބުދިނެވެ. [އާނއެކެވެ. ފިލަންވެގެން މިނާ ގޮސް އަރައި އޮތީ ގަހަކަށެވެ.]

[މިއީ ފައްކާ މަލްޢޫނެކެވެ.] މިހެން ބުނެފައި އަބޫ ދާވޫދް އަހުން ފައިބައިފިއެވެ. ލަގަން ސިފައިންގެ މީހަކަށް ދީފައި ނޯކަރާ ކައިރިއަށް ޖެހިލައިފިއެވެ. އަދި ވަރަށް ބާރަށް ބުނެފިއެވެ. [އަހަރެންގެ ނޯކަރަކު މިހައި ބޮޑު މުނާފިގަކަށް ވާނެ ކަމަކަށް އެއްގޮަތަކަށްވެސް ހިއެއް ނުކުރަމެވެ. މި ކިއްލާއާ ދިމާއަށް ދާނެ މަގު ދައްކައިދިނީ ކަލޭ ދޯއެވެ؟ ކަލޭ ޒަޚަމް ވެފައި އޮއްވައި ގެނެސްގެން ފަރުވާކޮށް ކާންބޯންދީ ހެދީ އެމީހުންނެވެ. އެމީހުންގެ ހެޔޮކަމުގެ ބަދަލުދިން ގޮތަކީ މިއީ ހެއްޔެވެ؟ އެމީހުންގެ ކުރިމައްޗަށް ދާން މިހާރު ކަލެއަށް ކެރޭނެ ހެއްޔެވެ؟ ކަލޭ އަހަރެންވެސް ލަދުގަންނަވާލައިފީމުއެވެ.]

ނޯކަރަށް އޭނާގެ މޫނު ނުފެނުނު ނަމަވެސް އަޑުން އެއީ ކާކުކަން އެނގިއްޖެއެވެ. އެއީ އޭނާގެ ސާހިބުމީހާގެ އަޑެވެ. އެކަމަކު އެ ދައްކާ ވާހަކައަކީ ސާހިބުމީހާގެ ވާހަކައެއް ނޫނެވެ. އެހެންވީމާ މަސްލަހަތު ރަނގަޅު ގޮތެކޭ ހީކޮށްފައި ވާހަކަދެއްކީ ވަރަށް މަޑުމަޑުންނެވެ. [ސާހިބާއެވެ. އަޅުގަނޑުގެ ކުށެއް ނެތްކަން…]

އޭނާގެ ވާހަކަ ނުނިމެނީސް އަބޫ ދާވޫދް ކަނޑި އުރައިން ދަމައިގެންފައި އޭނާގެ ހަށިގަނޑާއި ބޯ ވަކިކޮށް ނިންމައިލައިފިއެވެ.

ޒުވާން ސިފައިންގެމީހާ އޭނާގެ އަތުގައި ހިފައި ދަމައިގެންފައި ބުންޏެވެ. [ތިޔައީ ކާކު ހެއްޔެވެ؟ ގައިދީން މެރުމަކީ އަހަރެމެންގެ އުސޫލާ ޚިލާފު ކަމެކެވެ. ސަރަހައްދީ ބާޒުގެ ކުރިފުޅުމަތީގައި ޖަވާބުދާރީވާން ޖެހޭނެއެވެ.]

އަބޫ ދާވޫދް ހަމަޖެހިލައިފައި ޖަވާބު ދިނެވެ. [އެކަމާ ފިކުރު ނުކުރާށެވެ. އަހަރެން ޖަވާބުދާރީ ވާނަމެވެ.]

މިހެން ބުނެފައި ނިގާބު ނަގައިފިއެވެ. [އަހަރެން މިއީ ކާކުކަން ކަލެއަށް އެނގޭނެ ކަމަށް ހީކުރަމެވެ.]

ޒުވާނާ ބުންޏެވެ. [ތިޔައީ ކޮން ބޭފުޅެއްކަން މިހާރު އެނގިއްޖެއެވެ. ތިޔައީ އަޅުގަނޑުމެންގެ އަމީރުގެ މެހުމާނެއް ނޫންތޯއެވެ؟ އެކަލޭގެ ތިޔަ ގަތުލުކުރެއްވީ ކޮންމެވެސް ކަހަލަ މަގުބޫލު ސަބަބެއް އޮވެގެން ކަމަށް ގަބޫލުވެސް ކޮށްފީމެވެ. އެކަމަކުވެސް އެއީ ގައިދީއެކެވެ.]

އަބޫ ދާވޫދް ބުންޏެވެ. [އަހަރެންގެ ނޯކަރެއްގެ ގޮތުގައި އޭނާ މަސައްކަތްކުރާތާ ވިހި އަހަރު ވެއްޖެއެވެ. އަހަރެން ކަސްތިއްޔާއިން ފިލައިގެން އައީ ވަރަށް ދަތި ހާލުގައެވެ. އެމީހުން އަހަރެންގެ ފަހަތުން އައި ވަގުތު ސަލާމަތްކޮށް ދެއްވީ ސަރަހައްދީ ބާޒެވެ. ހައެއްކަ ދުވަސް ވާންދެން އެ ކަލޭގެވެސް މެހުމާނެއްގެ ގޮތުގައި އަހަރެމެންނާއެކު އުޅުނެވެ. އަހަރެން އޭނާއަށް ރަށަށް ދިއުމުގެ ހުއްދަ ދިނީމާ އެ އައީ ކްރިސްޓިއަނުންގެ ލަޝްކަރެއް ގޮވައިގެން، އެ މީހުންގެ އާރުކާޓީއަކަށް ވެގެންނެވެ. އަހަރެން ހައްޔަރު ކުރުވައިގެން އޭނާއަށް އެންމެ ގިނައިން ލިބުނަސް ލިބޭނީ ހައެއްކަ ދިރުހަމެވެ. އެކަމަކު މިކޮޅުން ތައްޔާރު ނުވެ އޮތް ނަމަ އަންދަލުސްގެ އިސްލާމުންގެ އެންމެ ފަހުގެ އުއްމީދުގެ ފުރާނަފުޅަށް ނުރައްކާ ވެގެން ދިޔައީހެވެ. އެއީ ކްރިސްޓިއަނަކަށް ވީ ނަމަ އަހަރެން އޭނާ ގަތުލެއް ނުކުރީމުހެވެ. އެކަމަކު އެއީ އިސްލާމެކެވެ. އެކަހަލަ މީހަކަށް ދުނިޔޭގެ އެއްވެސް ގާނުނަކުން ރަހުމެއް ނުކުރާނެއެވެ. ކޮށްގެން ނުވާނެއެވެ. އަހަރެންގެ ބަދަލުގައި ކަލެއަށް މިކަން ކުރިމަތިވީނަމަ ކަންތައް ކުރާނޭ ގޮތް ނިކަން ބުނެބަލާށެވެ.]

ބުނާނޭ އެއްޗެއް ނޭނގިގެން ކަހަލަ ގޮތަކަށް ހުރެފައި ޒުވާނާ ބުންޏެވެ. [މާފުކުރައްވާށެވެ. އެއީ އިސްލާމެއް ކަމެއް އަޅުގަނޑު ނުދެނަހުރީމެވެ. އޭނާއަށް ދޭން ޖެހޭ އަދަބަކީ އެއީކަން ޔަގީނެވެ.]

ސިފައިންނަށްވުރެ މާ ކުރިން އަބޫ ދާވޫދް ބަދްރު ބިން މުޣީރާގެ އަރިހަށް ހިނގައްޖެއެވެ. ނޯކަރު މަރައިލީ ގޮތް އޭނާ ކިޔައިދިން ގޮތުން އެ ވާހަކަ ގަބޫލުނުކޮށް އެއްވެސް މީހަކު ކުރާނޭ ކަމެއް ނޯންނާނެއެވެ. ބަދްރުވެސް އެވާހަކަ ގަބޫލުފުޅު ކުރެއްވިއެވެ. އެހެން ނަމަވެސް އަބޫ ދާވޫދް އޭނާގެ ނޯކަރުޔ މަރައިލީ ޚަބަރު ބަޝީރް ބިން ޙަސަނަށް ލިބިވަޑައިވަޑައިގަތީމާ އިރުކޮޅެއް ވާންދެން ފިކުރުފުޅު ކުރައްވާން އިންނެވިއެވެ. އެކަމަކު އަބޫ ދާވޫދް ގޮސް ފޮނިތޮށި ކާފޫރުތޮޅި ލައިގެން އެ ވާހަކަ ދެންނެވީމާ ބަޝީރްގެ ހިތްޕުޅުގައި އުފެދުނު ޝައްކުވެސް ފިލައިފިއެވެ.

(7)

ބަދްރު ބިން މުޣީރާ، ހައްޔަރު ކުރެވުނު ހުރިހައި ގައިދީން އެއް ތަނަކަށް ޖަމާކުރެއްވުމަށް ފަހު އެމީހުން ބަލަހައްޓާން ފާރަވެރީން ލައްވައިފިއެވެ. އެޔަށް ފަހު ސަތޭކަ ސިފައިންނަށް އެންގެވީ ޒަޚަމްވެފައި ތިބި މީހުންގެ އަސްތައް ޖަމާކުރާށެވެ. ބާކީ ތިބި ސިފައިންނަށް އެންގެވީ ހަމަލައަކަށް ތައްޔާރުވާށެވެ.

މެންދުރު ނަމާދަށް ފަހު ބަދްރު، އައްޒަޣަލް އަރިހު ވިދާޅުވިއެވެ. [އަޅުގަނޑު ކޮށްލަން ޖެހޭ ކުޑަ ކަމެއް އެބައޮތެވެ. ތިޔަ ބޭފުޅުން ކިއްލާގައި އަރާމު ކުރައްވާށެވެ. މަސައްކަތް ނިމުނުހައި އަވަހަކަށް ތިޔަ ބޭފުޅުންގެ އަރިހަށް އަންނާނަމެވެ. އަޅުގަނޑު ކުރާން މި އުޅޭ ކަމަކީ މަނިކުފާނުފަދަ ވަރުގަދަ ޝަޚްސިއްޔަތަކު ބައިވެރިވެ ވަޑައެިގަންނަވާ ވަރަށްވުރެ މާ ކުޑަ ކަމެކެވެ. މަނިކުފާނަށް އުނދަގޫ ނުޖެއްސީ އެހެންވެގެންނެވެ. ގްރަނާދާއިން އަދި ރަސްމީކޮށް ކަސްތިއްޔާއާ ހަނގުރާމަކުރާކަށް އިއުލާނެއް ނުކުރެއެވެ. މަނިކުފާނަށް ތައްޔާރުވެވަޑައިގަންނަވާން ގިނަ ވަގުތު ލިބިވަޑައިގަތުމަކީ އަޅުގަނޑު އެދޭ ގޮތެވެ. އަދި އެ މީހުން ހަނގުރާމަ ކުރަނީ އަޅުގަނޑާ އެކަނިކަމަށް ހީވެފައި އޮތުމަކީވެސް އަޅުގަނޑު އެދޭ ގޮތެކެވެ.]

އައްޒަޣަލް ސުވާލުކުރެއްވިއެވެ. [ހަމަލަދެއްވާން ތިޔަ އުޅުއްވަނީ ކޮން ތަނަކަށްތޯއެވެ؟]

ބަދްރު ވިދާޅުވިއެވެ. [ވަކި ޚާއްސަ ތަނެއް އަދި ކަނޑައެއް ނާޅަމެވެ. ދުޝްމިނުން ހީކޮށްގެން ތިބީ އަޅުގަނޑުމެން ތިބީ ޣާފިލުކަންމަތީ ނިދާފައި ކަމަށެވެ. އަޅުގަނޑުމެން ތިބީ ހޭލައިކަން މިހާރު އެ މީހުންނަށް އެނގޭނެއެވެ. މިހާރު މި ފަށާ މަސައްކަތުގައި ހަނގުރާމައަށްވުރެ ބޮޑަށް އޮންނާނީ ދަތުރުކުރުމެވެ.]

އައްޒަޣަލް ފަގުޑިކޮޅު ނަންގަވައި ސިފައިންގެ މީހެއްގެ އަތަށް ދެއްވައިފައި ވިދާޅުވިއެވެ. [އަޅުގަނޑު ބޭނުން ވަނީ ސިފައިންގެ މީހެއްގެ ހެދުމެވެ. އަޅުގަނޑުމެން އެންމެން މަނިކުފާނުގެ އަރިހުގައި ދާނަމެވެ. މިއަދު އަޅުގަނޑުމެންގެ ކޮމާންޑަރަކީ މަނިކުފާނެވެ. ގްރަނާދާގެ ދިދަ މަނިކުފާނު އުފުއްލަވާ މަންޒަރު ވަރަށް އަވަހަށް ފެންނާނެއެވެ. މިއަދު ސަރަހައްދީ ބާޒުގެ ދިދަކޮޅު އުފުލާނީ އަޅުގަނޑެވެ. ބިރުފުޅުނުގަންނާށެވެ. އަޅުގަނޑު ދަންނަނީ ހަމައެކަނި އަމުރުކުރާކަށް ނޫނެވެ. އަމުރަށް ކިޔަމަންވާންވެސް އަޅުގަނޑު ދަންނަމެވެ.]

މޫސާއާއި އައްޒައިޣަރީއާ ދެ ބޭފުޅުން އަދި އެ ދެ ބޭފުޅުންގެ ބައިވެރިންވެސް އެ ވާހަކަފުޅަށް ތާއީދު ކުރައްވައި ބަދުރުގެ ސިފައިންގެ ޔުނިފޯމު އަޅުއްވައިގެން ނުކުމެވަޑައިގަންނަވަން ތައްޔާރުވެ ވަޑައިގެންފިއެވެ.

ހަވީރުވެގެން އައި އިރު ފެރްނާންދޯގެ ވެރިކަމުގެ ސަރަހައްދުގެ އިންމަތީގައި ހުރި އަވަށްތަކާއި ރަށްރަށުގެ ރައްޔިތުން އެބައިމީހުންގެ ލަޝްކަރުން ސަރަހައްދީ ބާޒު ބަލިކޮށްފައި އަންނާނެ ކަމުގެ އިންތިޒާރުގައި މަރުހަބާ ކިޔުމަށްޓަކައި މަލުގެ ހާރުތައް ހިފައިގެން ނުކުމެ ތިއްބައި އެންމެ ފަހުން ޖެހުނީ ސަރަހައްދީ ބާޒުގެ ޠޫފާނީ ހަމަލަޔާ ކުރިމަތިލާށެވެ.

ވިދިގެން އައި ދުވަހުގެ އިރު އެރުމުގެ ކުޑަ އިރުކޮޅެއް ކުރިން ސަރަހައްދުގެ ބޮޑު ބައެއް އަތްދަށަށް ގެނައުމަށް ފަހު ބަދްރުގެ ލަޝްކަރު ބާޒުގެ ޖަގަހައަށް އެނބުރި އަތުވެއްޖެއެވެ. އެ މީހުން އައީ ވަރަށް ގިނަ ޣަނީމާ މުދަލާއެކުގައެވެ. އަސްއަހަށް އަރުވައި ބަރާކޮށްފައިވާ މުދާ ފެނުނީމާ ހީވަނީ ދަތުރުކޮށްފައި އަންނަ ވިޔަފާރި ގާފިލާއެއް ހެންނެވެ.

ބަދްރު ބިން މުޣީރާ ޖަގަހައަށް ވަޑައިގެން އިއުލާނު ކުރެއްވީ ޣަނީމާ މުދަލުގެ ފަސް ބައިކުޅަ އެއްބައި ގްރަނާދާގެ ބައިތުލްމާލަށް ފޮނުވާށެވެ. އެޔަށް ފަހު ގައިގައި ވަރުހުރި ފަސް ސަތޭކަ ސަވާރީންގެ މައްޗަށް ޒުވާން ކޮމާންޑަރަކު އައްޔަންކުރައްވައި ސަރަހައްދީ އިމާ ދިމާއަށް ދާން އަންގަވައިފިއެވެ. އެމީހުންގެ ހަވާލުގައި ހުރިހައި ގައިދީން ބަނދެގެން ގެންގޮސް އެ ބައިމީހުންގެ އިމުގެ ތެރެއަށް ދޫކޮށްލާފައި އަންނާންވެސް އަމުރުކުރެއްވިއެވެ. މިކަން ނިންމެވުމަށް ފަހު ބަޝީރް ބިން ޙަސަނަށް ވިދާޅުވިއެވެ. [ޒަޚަމްވެފައި ތިބި މީހުންގެ ތެރެއިން ދަތުރު ކުރެވޭ ވަރުގެ މީހުންނަށް އަސް ދެއްވާށެވެ. އަޅުގަނޑުމެންގެ ތެރެއިން ބައެއްގެ ބެލުމުގެ ދަށުގައި އެ މީހުން ގެންގޮސް އިމުގެ ތެރެއަށް ދޫކޮށްލައްވަން އަންގަވާށެވެ. ދަތުރު ނުކުރެވޭވަރަށް ބޮޑަށް ޒަޚަމްވެފައިވާ މީހުންނަށް ރަނގަޅަށް ބޭސްފަރުވާ ކުރައްވާށެވެ. އަޅުގަނޑުވެސް މިތާގައި އަދި ދެ ދުވަހަކު ހުންނާނަމެވެ.]

ހުރިހައި އިންތިޒާމެއް ހަމަޖެއްސެވުމަށް ފަހު ބަދްރު ބިން މުޣީރާއާއި އައްޒަޣަލާއި މޫސާއާއި އައްޒައިޣަރީއާ ހަތަރު ބޭފުޅުން ފެއްޓެވީ ގްރަނާދާއާ ގުޅިގެން ކުރިއަށް އަޅުއްވާނޭ ފިޔަވަޅުތަކާ މެދުގައި މަޝްވަރާ ކުރައްވާށެވެ.

އައްޒަޣަލް ވިދާޅުވިއެވެ. [ފެރްނާންދޯ މިހާރު ހަނގުރާމައިގެ ތައްޔާރީތައް ފަށައިފާނެއެވެ. އޭނާގެ އަތްދަށަށް މި ކިއްލާ ހިނގައްޖެނަމަ ރަސްމީ ގޮތުން ހަނގުރާމަ ފެށުނީކަމަށް ވާނެއެވެ. މާ ބޮޑަށް ތައްޔާރުވުމުގެ ފުރުސަތު އޭނާއަށް ދޭކަށް ނުވާނެއެވެ. ބަދްރުގެ މި ވަރުގަދަ ކާމިޔާބީގެ ޚަބަރު ލިބުނީމާ ގްރަނާދާގެ ރައްޔިތުން ތިބޭނީ ވަރަށް އުފަލުންނެވެ. ހިތްވަރު އާލާވެފައެވެ. އަޅުގަނޑު ގަސްތު ކުރަނީ ސީދާ އަޅުގަނޑު ގޮސް ގްރާނާދާގެ އަހުލުވެރިންނަށް މި އުފާވެރި ޚަބަރު ދޭށެވެ. އޭގެ ފަހުން މަނިކުފާނު ގްރަނާދާއަށް ވަޑައިގަންނަވާށެވެ. ގްރަނާދާގެ އަހުލުވެރިން ފާތިޙަކަށް މަރުހަބާ ނުކިޔާތާ އެތައް އަހަރެއް ވެއްޖެއެވެ. އެރަށުގެ ޅެންވެރިން މާޔޫސްވެފައިވާ ވަރުން މިހާރު ކުރާ ކަމަކީ މަރުވެފައިވާ މީހުންގެ ހިތްވަރުގަދަ ކަމުގެ ވާހަކަދެއްކުމެވެ. މަނިކުފާނު ފެނުނީމާ ހާދިސާތަކުގެ މިސްރާބު ބަދަލުކޮށްލާނޭ ފަހުލަވާނަކު ގުދުރަތުން ފޮނުއްވީ ކަމަށް އެމީހުންނަށް ޔަގީންވާނެއެވެ. ރައްޔިތުންގެ އުފާވެރިކަމާއި ޖޯޝް ފެނުނީމާ އަޅުގަނޑުގެ ބޭބެ ވަގުތުން ހަނގުރާމަ އިއުލާނުކުރައްވާނެއެވެ. އޭނާ އެ ހުންނެވީ މިހާރުވެސް ނުކުމެވަޑައިގެން ކާފަރުންނާ ތޮޅިވަޑައިގަންނަވާ ހިތްޕުޅުންނެވެ. ބިރުފުޅުގަންނަނީ ރައްޔިތުން ބައިވެރި ނުވެދާނެތީއެވެ.]

ބަދްރު ބިން މުޣީރާ ވިދާޅުވިއެވެ. [ކުރީގެ ބައްދަލުވުމަށް ފަހު އަޅުގަނޑު މި ހުންނަނީ އަޅުގަނޑަކީވެސް ގްރަނާދާގެ ލަޝްކަރުގެ އާދައިގެ ސިފައެއް ކަމަށް ގަބޫލުކޮށްގެންނެވެ. މިތާގައި އަޅުގަނޑު މިކުރާ މަސައްކަތުގެ މައިގަނޑު ބޭނުމަކީ ގްރަނާދާގެ އަހުލުވެރިން ޣަފްލަތުގެ ނިދީން ހޭލާންދެން ފެރްނާންދޯއަށް ފިޔަވަޅެއް އެޅިޔަނުދީ ހިފެހެއްޓުމުގެ މަސައްކަތެވެ. އޭނާގެ ސަމާލުކަން އަޅުގަނޑުމެންގެ މައްޗަށް ހުއްޓިފައި ހުންނާނޭ ގޮތް ހެދުމުގެ މަސައްކަތެވެ. އެކަމަކު މިހާރު އޭނާގެ ހުރި ހުރިހައި ބާރައެކު ގްރަނާދާއަށް ހަމަލަ ދޭނޭ ދުވަހެއް ފެނުން ދުރެއް ނޫނެވެ. އަރަގޮންގެ ރާނީއާއި ކަސްތިއްޔާގެ ރަސްގެފާނާ ދެމީހުންގެ ކާވެނި ކުރެވުނު ދުވަހު އެތިބީ ގްރަނާދާ ފަތަހަ ނުކުރެވެނީސް ހަމަނޭވައެއް ނުލާނެ ކަމަށް ހުވައި ކޮށްގެންނެވެ. އެ ދުވަހުން ފެށިގެން އެ ގެންދަނީ ތައްޔާރުވަމުންނެވެ. ގްރަނާދާ ސަލާމަތްކުރެވެން އޮތް ހަމައެކަނި ގޮތަކީ އެމީހުންގެ ހިތްވަރު އަބަދަށްޓަކައި މަރައިލުމެވެ.]

އައްޒަޣަލް ވިދާޅުވިއެވެ. [ހަގީގަތުގައި އަޅުގަނޑުމެން މިތިބީ އައްޞަޚްރާ ހިފަން ނިންމައިގެންނެވެ. މިތަނަށް މި އައީ އެ މަސައްކަތުގައި ބައިވެރިކުރުމަށްޓަކައި މަނިކުފާނު ބަލައެވެ.]

ބަދްރު ވިދާޅުވިއެވެ. [އަޅުގަނޑުގެ މުޅި ލަޝްކަރު އޮތީ ތައްޔާރަށެވެ. އަޅުގަނޑު މިހިރީ ހަމަ މި ވަގުތުވެސް ދާން ތައްޔާރަށެވެ.]

އައްޒަޣަލް ވިދާޅުވިއެވެ. [ނޫނެކެވެ. މަނިކުފާނުގެ ލަޝްކަރު މިތާގައި އޮތުން ވަރަށް މުހިއްމެވެ. މަނިކުފާނަށް އިތުބާރު ކުރެއްވޭ ބޭފުޅަކާ ލަޝްކަރު ހަވާލުކުރައްވާފައި ގްރަނާދާއަށް ވަޑައިގަންނަވާށެވެ. މަނިކުފާނު ވަޑައިގަންނަވާތާ ދެ ދުވަހެއްގެ ތެރޭގައި ހަނގުރާމައިގެ މައިދާނަށް ފުންމަވައިލައްވާން އަބުލްޙަސަން ތައްޔާރުވެވަޑައިގަންނަވާނޭ ކަމަށް އަޅުގަނޑަށް ފެނެއެވެ.]

މޫސާ ވިދާޅުވިއެވެ. [އަޅުގަނޑަށް ފެންނަ ގޮތުގައި ގްރަނާދާގެ އަހުލުވެރިންގެ ހިތްވަރު އާލާވާނީ ލަޝްކަރުގެ ކޮންމެވެސް ބަޔަކާއެކު އެ ރަށަށް ވަޑައިގަތީމައެވެ. ގްރަނާދާގެ ޠޫފާނީ ލަޝްކަރުގެ ކޮމާންޑަރުކަން އަރުވަން އަޅުގަނޑު ގަސްތުކުރަނީ ބަދްރަށެވެ. ބަދްރު ހުންނެވުމަކީ އެމީހުންގެ ހިތްވަރު އާދަޔާ ޚިލާފަށް އާލާވެގެން ދާނޭ ކަމެކެވެ. އޭގެ ބަދަލުގައި މި ސަރަހައްދު ބަލަހައްޓާން އަޅުގަނޑުމެންގެ ލަޝްކަރުގެ ބައެއް މީހުން ގެނެސް ބައިތިއްބާނީއެވެ.]

ބަދްރު ވިދާޅުވިއެވެ. [އަޅުގަނޑުމެންގެ މަގުސަދަކީ ހަނގުރާމަ ކާމިޔާބުކުރުމެވެ. އަޅުގަނޑުގެ ބޭނުން ޖެހޭ ކޮންމެ ތަނަކަށް އަޅުގަނޑު އުފަލާއެކު ދާނަމެވެ. އަޅުގަނޑުގެ ލަޝްކަރުން ދެހާހެއްހައި މީހުން ގެންދިޔަޔަސް ލަޝްކަރުގެ ބާރާއި ބަދަހި ކަމަކަށް އެއްވެސް ބަދަލެއް ނާންނާނެއެވެ. އެހެންވީމާ ތިޔަ ވިދާޅުވާ ގޮތަށް އަޅުގަނޑު ތާއީދުކުރަމެވެ. މިތާގައި ތިބި މީހުން މަދު ނުވާނެ ގޮތް ހެއްދެވުމުގައިވެސް އަޅުގަނޑުގެ ތާއީދު އެބައޮތެވެ. މިތަނުން ހާހެއްހައި މީހުން ގެންދަވާނަމަ ގްރަނާދާއިން އެ އަދަދަށް މީހުން މިތަނަށް ގެނެވޭނޭ އިންތިޒާމު ކުރައްވާށެވެ. އެހެން ހެއްދެވީމާ މިތަން ވެގެން ދާނީ އަޅުގަނޑުމެންގެ ދިފާޢީ މަރުކަޒަކަށެވެ. އޭގެ އިތުރަށް ސަރަހައްދީ އިމުގައި ހަރަކާތްތެރިވެގެން، ފެރްނާންދޯއަށް އެއް ދިމާއަށްވުރެ ގިނަ ދިމާއިން ދުއްޕާން ކުރެވޭނެއެވެ.]

އައްޒައިޣަރީ ސުވާލުކުރެއްވިއެވެ. [މި ތާޒާ ފަތަޙައަށް ފަހު ގްރަނާދާއަށް ދިއުމުގެ ކުރިން މިތަން ފަތަހަކުރުމަކީ މުހިއްމު ކަމެއް ކަމަށް ފެރްނާންދޯ ގަބޫކުރާނޭ ކަމަށް ތިޔަ ބޭފުޅުންނަށް ފެނިވަޑައިގަނޭތޯއެވެ؟]

ބަދްރު ބިން މުޣީރާ ވިދާޅުވިއެވެ. [އަޅުގަނޑަށް ކަށަވަރުވާ ގޮތުގައި ލިބުނު ތަޖުރިބާގެ ސަބަބުން އޭނާ މިހާރު ހުންނާނީ ދުރުވިސްނުމަށް އާދަވެފައެވެ. އަންދަލުސްގެ ހުރިހައި ތަނަކަށް އޭނާއަށް ވެރިވެގަނެވުނަސް މިތަން މިނިވަންކޮށް އޮވެއްޖެނަމަ، އެތައް އަހަރެއް ވާންދެން މިތަނާ ތޮޅިތޮޅި ހުންނާން ޖެހޭނެކަން އޭނާއަށް އެނގޭނެއެވެ. ތިޔަ ވިދާޅުވާ ފަދަ ގޮތަކަށް އޭނާ ކަންތައް ކޮށްފިނަމަ އެއީ އިސްލާމުންނަށް ލިބޭ ކުރިއެރުމެކެވެ. އޭނާއަށް އެއްވެސް ފިޔަވަޅެއް އެޅިޔަނުދީ ދިހަވަރަކަށް އަހަރު އަޅުގަނޑުމެންނަށް ހިފެހެއްޓިދާނެއެވެ. ގްރަނާދާގެ އަހުލުވެރިން ތިބީ އަމިއްލައަށް މަރުވާ ކަހަލަ ފިކުރެއްގައި ކަމަށް ނުވާނަމަ އެ މުއްދަތަކީ އެ މީހުން ހޭލައްވައިލާން އެންމެ ރަނގަޅު މުއްދަތަކަށް ވާނެއެވެ.]

އައްޒައިޣަރީ އަނެއްކާވެސް ސުވާލު ކުރެއްވިއެވެ. [މާފުކުރައްވާށެވެ. މަނިކުފާނުގެ ލަޝްކަރުގެ ބޮޑުމިނަކީ ކޮބައިތޯ އަޅުގަނޑަށް ސުވާލު ދެންނެވިދާނެތޯއެވެ؟]

ބަދްރު ބިން މުޣީރާ ވިދާޅުވިއެވެ. [މަނިކުފާނަށް ފެނިވަޑައިގަތް އަދަދާ އެއްވަރުގެ އަދަދެއް އަދި ފެނިވަޑައިނުގެން އެބައޮތެވެ.]

މޫސާ ވިދާޅުވިއެވެ. [މަނިކުފާނު ހީފުޅުކުރައްވާ މުއްދަތަށްވުރެ ދިގު މުއްދަތަކަށް ގްރަނާދާގައި މަޑުކުރައްވަން ޖެހިވަޑައިގެންފިނަމަ ލަޝްކަރު ހުރިހައި ކަމެއް ކާމިޔާބުކަމާއި ހުސިޔާރުކަމާއެކު ހިންގަވައި، މަނިކުފާނު ދެއްކެވިފަދަ ކުޅަދާނަފުޅުކަމަކާއެކު ދުޝްމިނުންނާ ކުރިމަތިލައްވާން ކެރިވަޑައިގަންނަވާނޭ އެހެން ބޭފުޅަކު މިތާގައި އެބަ އުޅުއްވާތޯއެވެ؟ މިދެންނެވުނު ބަހުގެ މުރާދަކީ މަނިކުފާނު ވަޑައިގެން ނެތްތަނެއްގައި އެ ކަމުގެ އިހުސާސު ލަޝްކަރަށް ވިޔަ ނުދެއްވައި ހިފެހެއްޓެވޭނޭ ބޭފުޅަކު އެބަ ހުންނެވިތޯއެވެ؟]

[އަޅުގަނޑުގެ ސިފައިން އަޅުގަނޑު ދެކެ ލޯބިވާ ކަމާމެދަކު އެއްވެސް ޝައްކެއް ނެތެވެ. އެކަމަކު ﷲ ގެ ރަޙުމަތާއެކު އަޅުގަނޑުގެ ޖާގަ ފުރާނޭ ދިހަ ވަރަކަށް މީހުން މިހާރުވެސް އެބަތިއްބެވެ.]

އައްޒަޣަލް ސުވާލުކުރެއްވިއެވެ. [އޭގެ ތެރެއިން އެންމެ ގާބިލު ބޭފުޅަކީ ކޮބައިތޯއެވެ؟]

[އަޅުގަނޑުގެ ނައިބު މަންޞޫރު ބިން އަޙްމަދެވެ.]

[މަނިކުފާނުގެ އަރިހުގައި ކަޅު އަހަކަށް ސަވާރުވެގެން އިން ޒުވާނާއަކީ މަންޞޫރު ބިން އަޙްމަދުތޯއެވެ؟]

[ނޫނެކެވެ. އޭނާ މި ވަގުތުވީ ކޯރްދޮބާގައެވެ.]

[ކޯރްދޮބާގައޭތޯއެވެ؟ އެއީ ކޯރްދޮބާގެ މީހެއްތޯއެވެ؟]

[ނޫނެކެވެ. އެއީ ސެބިއްޔާގެ މީހެކެވެ. ކޯރްދޮބާއަށް ދިޔައީ ޚާއްސަ ދަތުރަކުއެވެ.]

[ޚާއްސަ ދަތުރެކޭތޯއެވެ؟]

[އަޅުގަނޑު އޭނާ ފޮނުވީ އަޅުގަނޑުމެންނާ ބައިވެރިވާނޭ އައު ފަހުލަވާނުން ހޯދުމުގެ މަސައްކަތް ކުރާށެވެ.]

[ސެބިއްޔާއިން މިތަނަށް އޭނާ އައީ ކިހިނެއްތޯއެވެ؟]

[އެހެން މީހުންވެސް އައި ގޮތަށެވެ. އޭނާ ގެންނެވީ ބަޝީރް ބިން ޙަސަނެވެ.]

ހަފުތާއެއްހައި ދުވަހުގެ ތެރޭގައި އެއްހާސް ސިފައިންނާއެކު ގްރަނާދާއަށް ވަޑައިގަންނަވާނޭ ކަމަށް ބަދްރު ބިން މުޣީރާގެ އަރިހުން އަހުދު ކަށަވަރު ހިއްޕެވުމަށް ފަހު ވިދިގެން އައި ދުވަހު އައްޒަޣަލާއި އޭނާގެ ބައިވެރިން ފުރާވަޑައިގެންފިއެވެ.

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.